މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފުރިފައިވާ އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 06 ޑިސެމްބަރ 2009، 00:58 އާދީއްތަ | |||
|
އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ ޚަބަރުފަތުރާ ވަސިލަތްތަކުން އެއްޗެއް މާބޮޑަށް އިޝްތިހާރުކުރާނަމަ އެއީ ރަނގަޅުއެއްޗެއްނޫނެވެ. ރޭލެއް ދަތުރުކޮށްފައި ދާއިރު އޭގެ ބުރިއެއް ތެޅޭނަމަ އެއީ ހުސްބުރިއެއްކަން ކަށަވަރެވެ. މި ބީދައިން ބަލާއިރު ހަރުކަމެއް ނެތް ހުސް އިންސާނާގެ އަޑުގަދަވާނެއެވެ. ހަޅޭއްލެވުން ގިނަވާނެއެވެ. އެކަމަކު، ކެތްތެރިކަމާއެކު، ސާބިތުކަންމަތީ މަސައްކަތްކުރާމީހާ ހަމަހަހިމޭންވާނެއެވެ. ހިތްތިރިވާނެއެވެ. ސަބަބަކީ އޭނާއަކީ ބިނާކުރުމުގައި އަވަދިނެތި އުޅޭމީހެކެވެ. އޭނާއަކީ ކާމިޔާބުގެ އޮނިގަނޑު ފަރުމާކުރުމުގައި މުނިފޫހިކަމެއްނެތި ކުރިއަށްދާން ބޭނުންވާ މީހެކެވެ.އޮށްޓަރުއަރާ ފުރިފައިވާ ގޮދަންކޯޅިއެއް އަތްއަތަކަށް ނުލެބޭނެއެވެ. އެކަމަކު އޮށްޓަރުފުއްތައް މަދު ކޯޅިތައް ވަޔާއެކު އަތްއަތަށް އަބަދުވެސް ހެލިފެލި ވާނެއެވެ. އިންސާނުންގެ ތެރޭގައިވެސް، ކަމެއްނުކޮށް، ދުވާލު ހަތަރުދަމު ވައިއަނގަ ތަޅަންތިބޭމީހުން އުޅެއެވެ. އެމީހުންނަކީ ޙަޔާތުގެ މަދްރަސާއިން ފޭލްވެފައިވާ ސުންތަކެކެވެ. އެމީހުން ވަނީ އުގެނުމުގެ ދާއިރާގައި، އުފެއްދުންތެރިކަމުގެ މައިދާނުގައި، އީޖާދުކުރުމުގެ ވެށީގައި ނާކާމިޔާބު ވެފައެވެ. އެހެންކަމުން އެމީހުންގެ މަސައްކަތަކަށް ހަދާފައިވަނީ އެހެންމީހުންގެ މަސައްކަތްތަކަށް ހުރަސްއެޅުމެވެ. އެހެންމީހުންގެ މަސައްކަތްތަކުގެ ތަޞައްވުރު ހުތުރުކޮށްލުމެވެ. ކުރަހަމުންދާ ރީތި މަންޒަރުތަކަށް ކުލަޖަހާ ހަޑިކޮށްލެވޭތޯއެވެ. އެހެންމީހުންނާ ބެހޭގޮތުން ފުރައްސާރަކޮށް ނެތިމޮށުމެވެ. އެއީ މުޅަމަސްކާ ބަޔެކެވެ. ތާޒާމަސް އެއްފަރާތަކަށް ލައިފައެވެ. މިފަދަމީހުންގެ މަޝްރޫޢުތަކަކީ ހުސްއަނގައެވެ. ޙުއްޖަތްތަކަކީ ހަޅޭއްލެވުމެވެ. ދަލީލުތަކަކީ ބުހްތާނުދޮގުތަކެވެ. އެއުރެންނަކީ އަދީބުންނެއްނޫނެވެ. ލިޔުންތެރިންނެއް ވެސް ނޫނެވެ. ވާހަކަދެއްކުންތެރިންނެއް ވެސް ނޫނެވެ. މޭސްތެރިންނެއް ވެސް ނޫނެވެ. ވިޔަފާރިވެރިންނެއް ވެސް ނޫނެވެ. އެމީހުން، ރަނގަޅު މުވައްޒަފުންގެ ތެރެއަކު ނުހިމެނޭނެއެވެ. ޢިލްމުވެރިންގެ ތެރެއަކު ވެސް ނުހިމެނޭނެއެވެ. ހެޔޮލަފާޞާލިހުންގެ ތެރެއަކު ވެސް ނުހިމެނޭނެއެވެ. ދީލަތީންގެ ފަންތީގައި ވެސް ނުގުނޭނެއެވެ. އެކަމަކު އެއީ ވާތްފަރާތުގައި ޖަހާ ސުންތަކެކެވެ. ދިރިއުޅެމުންދާނީ އަމާޒެއް ނެތިއެވެ. ކުރިއަށްދާނީ ރޭވުމެއްނެތިއެވެ. ހިގަމުންދާނީ ހިއްމަތެއް ނެތިއެވެ. އެއަށް ފާޑުކިޔިދާނެ ބާވަތުގެ ޢަމަލެއް އެމީހުންގެ ފަތަކު ނެތެވެ. އެމީހުންނަށް މަގުއޮޅި ދެވޭނުދެވޭ ދިމާއެއް އެގޭހެނެއް ހިއެއްނުވެއެވެ. މިސްރާބު ރަނގަޅުކުރެވޭނީ އެހެން ނޫންނަމަތާއެވެ. އެއީ ބިންމަތީގައި އިށީނދެ ތިބިބަޔެކެވެ. އެހެންކަމުން އެމީހުން ބިންމައްޗަކަށް ނުވެއްޓޭނެއެވެ. ހެޔޮރަނގަޅުކަމެއް ނެތުމުން ރީތިބަހެއް ބުނެވޭތަނެއް ނުފެންނާނެއެވެ. މީހަކު އެމީހުންނާ ދިމާޔަށް އެއްޗެއްސެއް ވެސް ނުކިޔާނެއެވެ. އެމީހުންގެ ކިބައިން އެކަމަށް ޙަސަދަވެރިވާނެ ޢަމަލެއް ފެންނަން ނެތީތީއެވެ. އަދީބެއްގެ ވާހަކައެއްގައި އައިސްފައިވެއެވެ. ކަންނެތް، ފަރުވާކުޑަ ޒުވާނަކު އޭނާގެ ބައްޕަ ގާތުގައި ބުންޏެވެ. މިވެނިމީހެއް ގޮތަށް އަހަންނާ އެއްވެސް މީހަކު ތާރީފުގެ ބަހެއްވެސް އަދި ބަދުބަހެއްވެސް ނުބުނަނީ ކީއްވެހެއްޔެވެ؟ ބައްޕަ ޖަވާބުގައި ބުންޏެވެ. "ކަލެއަކީ އިންސާނެއްގެ ހަންގަނޑެއް ގެ ތެރޭގައި އޮތް ގެރިއަކަށް ވީތީއެވެ." އެތެރެހުސް ގަބުމީހާއަށް އެހެންމީހުންގެ މަސައްކަތްތައް ފުޑުފުޑުކޮށްލައިގެން ފޮނިކަން ލިބެއެވެ. އެހެންމީހުންގެ ކަރާމަތްތެރިކަމަށް އަރައިގަނެގެން އަރާމު ލިބެއެވެ. އެހެނީ އޭނާއަކީ މިފަދަމީހުން ފަދައިން މިސްރާބެއް އޮވެގެން ދުނިޔޭގައި އުޅޭމީހެއްނޫނެވެ. އެމީހުންނާއެކު ފައިތިލަ ހަމަކޮށްނުލެވުމުން އޭނާގެ ޢަޒްމަކަށް ވާނީ އެމީހުން ހަވާސާ ކޮށްލެވޭތޯބެލުމެވެ. ކޮންމެ ވަސީލަތެއްވެސް އޭނާއަށް ހުއްދަކަމަށް ދަޢުވާކުރެއެވެ. މަސައްކަތްތެރި، ހީވާގި މީހާ، އޭނާގެ ވަގުތުތައް ހޭދަކުރާނީ އޭނާގެ މަސައްކަތް ރަނގަޅަށް ކުރެވޭތޯއެވެ. އޭނާގެ ޢަމަލުތައް ހިމުންކަމާއެކު ކިއްސަރުކުރެވޭތޯއެވެ. މިހެންވެ އޭނާއަށް އެހެންމީހުންގެ ނަފްސުތައް ކަތިލާނެ ވަގުތެއް ނުލިބޭނެއެވެ. އެހެންމީހުންގެ ފަތިފުށްތައް ހާމަކުރާނެ ވަގުތެއް އޭނާއަށް ލިބިގެންނުވެއެވެ. އޭނާ އަވަދިނެތި އުޅޭނީ އޭނާގެ ބިނާ އާރާސްތުކުރެވޭތޯއެވެ. އޭނާގެ ހެޔޮކަން ފެތުރޭތޯއެވެ. މަތިވަރު ރަނގަޅު ރުކުން އަބަދުވެސް އެތްތައް ފޮޅެމުންދާނެއެވެ. ކަދުރު މޫސުމުގައި ރުކަށް އެއްލާ ގަޅިބުރިން ޖެހިފައިވެސް ވެއްޓޭނީ މީރު ފޮނި ކަދުރުކެވެ. ނަމަވެސް ކަށިކުބުރު ވެލަކުން ފައިދާއެއް ނުކުރާނެއެވެ. އަހިވަކާ ޖެހި އަހިވަން ފާވާ ވާހަކަ، ދިވެހި މުޙާވަރާއިން ފެނެއެވެ. ރަނގަޅު ރަޙްމަތްތެރިއަކީ ހުވަނދު ވިއްކާމީހެއްފަދަ މީހެކެވެ. އޭނާއާ އެކު އުޅުމުން ހުވަދުފޮދެއް ނުލިބުނަސް ގާތުން ދުވާވަސް މީރުވާނެއެވެ. އޮތީ މުޅިން ވެސް ލާބައެވެ. އެކަމަކު ގިރުބާދަމާ މީހަކާއެކު އުޅުމުން އުނދުނުން ބުރާ ކަނިތަކުން ތިމާގެ ހެދުން އަނދައިފާނެއެވެ. އޭނާ ގެ ގައިން ވެސް ދުވާނީ ބަބުރުވަހެވެ. އޮތީ މުޅިން ވެސް ގެއްލުމެވެ. ކަނޑި، ކަށިތައް ބުރިކުރަމުން ދަނީ ހަނު އޮވެއެވެ. ނަމަވެސް ބެރު ޖައްވު ގުގުމައިލަނީ އެތެރޭގައި ހޮއި ހަނދައިގެންނެވެ. އަމިއްލަ ނަފްސުތައް އިޞްލާޙުކުރަމާތޯއެވެ؟ އެހެންމީހުން ލަވާ ހަޅޭއްތަކުގެ އަޑުނާހަމާތޯއެވެ؟ ކުރާ ޢަމަލުތައް ރަނގަޅުކޮށް ފައިދާކުރަނިވި ބަޔަކަށް ވަމާތޯއެވެ؟ އެހެންމީހުން ޒިންމާދާރު ނުކުރުވާ އަމިއްލަ ނަފްސު ޒިންމާދާރު ކުރުވާށެވެ! އެހެންމީހުންގެ ހިސާބުކިތާބު ނުބަލައި އަމިއްލަ ނަފްސުގެ ހިސާބުކިތާބު ބަލާށެވެ! މާތްﷲ އެމީހުންގެ ހިސާބު ބައްލަވާނެތެވެ. އަޅުގަނޑުމެންނަކީ ހެޔޮލަފާ ބައެއްކަމުގައި ވާނަމަ އަޅުގަނޑުމެންގެ ވަގުތުގައި އެހެންމީހުންގެ ކަށިތައް ބިންދަން، އެހެންމީހުން ދޮންނަ އެއްޗެހި ހިއްކަން އަޅަން، އެހެންމީހުންގެ ކަފުންތައް ނިއުޅާނެ ހުސްވަގުތެއް ނޯނާނެއެވެ. ހެޔޮލަފާކަމެއް ނެތް މީހަކު މެނުވީ މެއްސެއްހެން މީހުންގެ ފާރުކޮޅުތައް ކޮންނާކަށް ނޫޅޭނެއެވެ. ހެޔޮލަފާމީހުންނަކީ މާމުއިކުޅަދުރުތަކެއްފަދަބަޔެކެވެ. އެ ކުޅަނދުރުތައް އަބަދުވެސް އުޅޭނީ މާމެލާމެލިން ފޮނިބޯށެވެ. އެއިން ޝިފާލިބިދޭ މާމުއި އުފެއްދުމަށްޓަކައެވެ. މުބާރާތްތަކުގައި ވާދަކުރާ އަސްތައް ކުޅިބަލަން ތިބިމީހުން ދޭ ޖޯޝަށާއި ފޯރީގެ އަޑެއް ނާހާނެއެވެ. އޭއްޗެހި އެ އަޑު އަހައިފިނަމަ މުބާރާތުން ލިބޭނީ ނާކާމިޔާބީއެވެ. ގަހަށް ތިރިކުރާ ދޫނި އުދުއްސައިގަންނަމުން ބުނާނެއެވެ. ގަހާއެވެ! ސާބިތުވެ ހުންނާށެވެ! އަހެރެން މި އުދުއްސައިގަންނަނީއެވެ. އެހިނދު އެގަސް ބުނާނެއެވެ. މާތްﷲ ގަންދީ ބުނަމެވެ! އަހަރެން ގައިމައްޗަށް ތިބާ ތިރިކުރިކަން އަހަންނަކަށް ނޭގެއެވެ. ވީމާ، ތިބާ އުދުއްސައިގަންނަ އިރު އެކަން އަހަންނަށް އިޙްސާސްވާނެ ހެއްޔެވެ؟ ބޮޑެތި ލޮރީތައް މައިމަގުތަކުގެ މަތީ ދުއްވާފައިދާއިރު އޭއްޗެއްސާ ކައިރި ނުވުމަށް އިންޒާރު ދޭ ބަސް ލިޔެފައި ހުރެއެވެ. ކާރުތަކާއި ޓެކްސީތަކާއި ސައިކަލްތައް ދުރަށް ޖެހި ފޭވަނީ ނޭގި އޭއްޗެހީގެ ދަށުވެ ޗިސްޗިސްވެދާނެތީއެވެ. ސިންގާ މުޅައެއްޗެއް ނުކާނެއެވެ. މިނިކާވަގު އަންހެނަކަށް ޙަމަލާއެއް ނުދޭނެއެވެ. ނަމަވެސް ފަނިފަކުސާތަކާއި ކުރަފިތަކާއި އުކުނޑިބުކުނޑި އުޅޭނީ ކުނިގޮނޑުތަކުގައެވެ. އޭއްޗެހީގެ ކުޅިސަމާ އޮންނާނީ އެތާނގައެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ކިޔުންތެރިއެއް , 2009-12-05 23:19:29
ވަރަށް ކަމުދޭ ދެއްވާފައިވާ މިސާލުތައްވެސް ވަރަށް ޝަޢުގުވެރި ކިޔާހިތުން އިންދައި ނިމިއްޖެއެވެ.
...
ލިޔުނީ އަޙްމަދު ޙަމީދު , 2009-12-07 07:59:05
މިއީ މި ލިޔުން ކިޔާލެވުނު 3 ވަނަ ފަހަރެވެ. މުޅި ހަޔާތުގައި ވެސް ކިޔުނު އެންމެ އަސަރު ގަދަ ލިޔުމަށް މި ލިޔުން ވެއްޖެ އެވެ. ކިޔާލާ ކޮންމެ ފަހަރަކު އައު އެނގުންތަކެއް އެނގެ އެވެ. އައު ހޭލެވުމަކުން ހޭލެވެ އެވެ. ފަލްސަފާ މޮޅީ އެވެ، މި ސާލުތައް ފުރިހަމައީ އެވެ. އެތުރުން ފަށުއީ އެވެ. ބަސްކޮށާރު މުއްސަނދީ އެވެ.
ހިތަށް އަރަ އެވެ. މިއިން ކޮންމެ ޢިބާރާތެއްގެ ބޭރު ތޮށިގަނޑު ވިސްނޭ ބަޔަކު ވެސް އުޅޭނެ އެވެ. އެކަމަކު އެތެރޭގެ މަދާ ހަމަޔަށް ފިކުރު ހިންގާނީ ކޮންބައެއް ބާވަ އެވެ؟ މި ލިޔުމުގެ އެސެންސް ހިމެނެނީ އެ ހިސާބުގަ އެވެ. އެ ހިސާބު ފުނުގައި އެހެރަ ފަލްސަފާއާއި ޚިޔާލުތައް މި ހާރީތި އުރައެއްލައްވައިގެން އެއްވެސް މީހެއްގެ ޒާތީ ޖަޒުބާތަށް ގޯނާ ނުކޮށް ހުށަހެޅުއްވި ކަމީ ލިޔުންތެރިޔާގެ އާދަޔާ ޚިލާފު ކުޅަދާނަ ކަމެވެ. އާދައިގެ ލިޔެ އުޅޭމީހަކު، މި ވާހަކަތައް އޭނާގެ ފެންވަރުން ލިޔަން އުޅެފި ނަމަ، އެތައް ބައެއްގެ އަބުރާ ޢިއްޒަތް ވެއްޔާ މޮޑެވިގެންދާނެކަން ކަށަވަރެވެ. ނަތީޖާ އަކަށްވާނީ ކިޔާމިހާ މަޒުމޫނު ކިޔާ ނިމޭއިރު އޭނާގެ ހިތުގައި އެ ތައްބަޔަކާމެދު ނަފުރާތުގެ އަލިފާން ރޯވުމެވެ. ހޭދަ ކުރި ވަގުތާއި އުފުލި ބުރައިން އޭނާ އަށް ލިބޭނެ ހަމަ އެކަނި އަގަކީ، ހަސަދައިގެ އަލިފާނެވެ. އެ އާ ޚިލާފަށް މި މަޒުމޫނު މި ހާރު ލިޔުއްވައިފައި އޮތްގޮތުން ލިބިދޭ ފައިދާ އަކީ ދުނިޔެވީ ހަޔާތުގައި ކޮންމެ އިންސާނެއްގެ ފައިތިލަ ސާބިތު ކުރަންވީ މަގު ދައްކައި ދިނުމެވެ. ނިދާފައިވާ ޟަމީރު ހޭލައްވައިލައިފި އެވެ. އަނދިރި އެޅިފައިވާ މަގު ދިއްލައިދީފި އެވެ. އުންމީދު އައު ކޮށްދީފި އެވެ. ޙަޔާތުގެ އަގު ދަސްކޮށްދީފި އެވެ. ދިރި އުޅުމުގެ ވަޒީފާއާއި މަސްއޫލިއްޔަތު ހަނދާންކޮށްދީފި އެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ފަށްފަށުން ޝުކުރިއްޔާ އެވެ. މަނިކުފާނުގެ މި ފަދަ އިތުރު ލިޔުމަކަށް އިންތިޒާރުގައި ހުރީމެވެ. ތިޔަ މަސައްކަތްޕުޅުގައި ބަރަކާތްލައްވައި ހެޔޮ ތައުފީޤު ދެއްވާށި އެވެ!
... ލިޔުނީ އާންފާ, 2010-03-17 05:52:59
ވަރަށް މޮޅު ލިޔުމެއް. މިކަހަލަ ބައިވަރު ލިޔުން މިމުޖްތަމަޢަށް ވަރަށް ބޮޑަށް ބޭނުންވޭ. ލިޔުންލިޔުއްވާފައިވާ އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާއަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. އަދިވެސް މިފަދަ ލިޔުންތައް ފެންނާނެކަމަށް އުއްމީދު ކުރަމެވެ. ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން މިމަޒްމޫންގެ ބޭނުންކޮށްގެން، ރަނގަޅު ދަރިވަރުންނަށް ގޯނާކުރުމާ ޖެއްސުންކޮށް ބިރުދައްކާ ހަޑިހުތުރު ބަހުރުވައިން މުޢާމަލާތުކުރާ ކުދިންނަށް ފިލާވަޅުތަކެއް ދެވޭނަމަ ކޮންމެވެސް ވަރެއްގެ ހެޔޮ އަސަރެއް ކޮށްފާނެކަމަށް ފެނެއެވެ.
ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |