މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަންމައެއްގެ ތަރުބިއްޔަތު |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |
| 06 ފެބްރުވަރީ 2012، 00:00 ހޯމަ | |
|
މުޚްތާރު އަބްދުއްރަޙްމާން، ނޫރާނީގެ ށ. މިލަންދޫ ދުނިޔޭގެ ވަރަށް މަޝްހޫރު ކޮލެޖެއްގައި ވަރަށް ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ތަފާތު އެކި ދަރަޖަދަރަޖައިގެ ކުދިންނެވެ. ދުނިޔޭގެ އެކިއެކި ގައުމުތަކުން އައިސް އުޅޭ ކުދިންތަކެވެ. މުއްސަނދިކަމުގެ އަހުލުވެރިންނާއި ފަޤީރުކަމުގެ އަހުލުވެރިންނެވެ. މިހެންވުން އެކި ކުދިންގެ އެދުންތަށް ނިޔާކުރާގޮތުން، އެކި ކުދިންގެ އަޚުލާޤާއި ސުލޫކު ވެސް ތަފާތެވެ. މި ހުރިހާ ކުދިންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ކުއްޖަކު އުޅެއެވެ. އޭނާގެ މަންމަ އަކީ ރަނގަޅު ތަޢުލީމާއި، ތަރުބިއްޔަތުން މަޙްރޫމުވެފައިވާ އަޚުލާޤެއް ނެތް މީހެކެވެ. އޭނާއަށް އެއްޗެއްސަކީ ލޮލަށް ފެންނަ އެއްޗެއްސެވެ. އެ އެއްޗެއް ދުނިޔޭގެ ދިރިއުޅުމަށް ބޭނުންހިފޭ ކޮންމެ އެއްޗެކެވެ. ނުވަތަ ކޮންމެ ގޮތަކުން ނަމަވެސް ފައިސާ ލިބިއްޖެނަމަ ދުނިޔޭގެ ހާޞިލު މުރާދު ހަމަވީ އެވެ. އެހެންކަމުން އޭނާގެ ދަރިފުޅު ގައިގައި ވެސް ހަރުލައިފައި ވަނީ އޭނާގެ މަންމަގެ ކިބައިިން ދަސްވި އަޚްލާޤީ ފިލާވަޅުތަކެވެ. މަންމައަކީ ކޮންމެ ކުއްޖެއްގެމެ އެންމެ ފުރަތަމަ އުސްތާޛެވެ. ކޮންމެ އިމާރާތެއް ވެސް ބިނާވެ ހަރުދަނާވެގެންދަނީ އެ އިމާރާތެއްގެ ބިންގާ ހަރުދަނާވެގެންނެވެ. ގުޑާ ބިންގަލެއްގެ މައްޗަށް ކިތަންމެ ވަރުގަދަ ބިނާއެއް ކުރިއަސް ފުނޑުފުނޑުވެގެން ހިނގައިދާނެ އެވެ. ހަމައެހެންމެ އުސްތާޛުގެ ފިލާވަޅުތައް ބިނާކުރެވޭނީ މަންމަ ދީފައިވާ ތަޢުލީމަކާއި ތަރުބިޔަތެއްގެ މައްޗަށެވެ. މަންމަގެ ތަރުބިތުތަކާއި ފިލާވަޅުތަކުން، ކުއްޖާގެ ސުލޫކު ގެއްލިފައިވާ ކުއްޖަކަށް ތަޢުލީމުން ފައިދާއެއް ކުރުމަކީ ހުދުކާޅެއް ފެނުންފަދަ ނާދިރު ކަމެކެވެ. އެފަދަ ކުއްޖަކު ބޮޑުވިބޮޑުވިހެން ދާނީ ނުބައި ނުބަޔަށް ބަދަލުވަމުންނެވެ. ކުއްޖާ ހުންނާނީ ނަސޭހަތަކުން މަންފާއެއް ނުކުރާ، އިންޒާރަކަށް ބިރުނުގަންނަ ކުއްޖަކަށް ވެފައެވެ. އަމިއްލަ ފުރެދުންތެރިކަމުގެ ބުއްދިވެރިއަކަށް ވެފައެވެ. އެއްކަންކަށީގައި ޖަހާއިރަށް އަނެއް ކަންކަށި ދައްކާ، ލަދުޙަޔާތުގެ އަގު ވަޒަންނުކުރެވޭ ކުއްޖަކަށް ވެފައެވެ. ވޮށިމަސްމިޔަރުގެ ހިތްވަރު ހުންނަ ކުއްޖަކަށް ވެފައެވެ. އޭނާއަށް ދޫދީފިނަމަ، ހައްސަ އުޑުބޮމައިގެ ނަނުބައެއް ކޮޅަށްދިޔައަސް ބަލިވެގެން މަޑުނުވާކަހަލަ ޙައިވާނަކަށް ވެފައެވެ. ހިފަހައްޓައިފި ނަމަ މަތިކަނު ދާރަޖެނުތަނުން ނަނުބައި ކަނޑައިލާނެ އެވެ. ނޫންނަމަ އޮޑި ފައްތައިލާނެ އެވެ. އޭނާއަށް ހެޔޮކޮށް ހިތައިފި ނަމަ މަކަރުވެރިވާނެ އެވެ. އޭނާއަށް ކާންދީފި ނަމަ އަތުގައި ދަތްއަޅާ ފާޑު ޖައްބާރަކަށްވެ ރަނގަޅު އެއްގޮތެއް ވެސް އޮތުން މުސްތަޙީލު ވެދާނެ އެވެ. ދެންފަހެ އިސްވެ ދެންނެވުނު ކުއްޖާއަށް ކޮލެޖުގައި އުޅޭ ފޯރުންތެރި ބައެއް ކުދިންގެ ބައެއް އެހީ ވެސް ލިބެއެވެ. ނަމަވެސް އެކުއްޖާގެ ޠަބީއަތް ހޭނިފައިވާ ކަމީނާ އަޚުލާޤު ނިޔާކުރާގޮތުން އެކުއްޖާ ކޮންމެވެސް ކުއްޖެއްގެ ދަބަހުން ފަންސުރުބުރިއެއް ނަަގައިގެން، އެ ފޮރުވައިގެން ގެނެސް މަންމައަށް ދައްކައިފި އެވެ. އަދި ބުންޏެވެ. މިއީ އަހަރެން ކައިރީގައި އިން މިވެނި ކުއްޖެއްގެ ދަބަހުން ނެގި ފަންސުރު ބުރިއެކެވެ. މަންމަ ބުންޏެވެ. އަހަރުމެންކަހަލަ ފަޤީރުންނަށް އެއްޗެއް ލިބޭނީ ތިޔަކަހަލަ ގޮތަކުންނެވެ. ކޮންމެ ގޮތަކުން ވެސް ލިބިއްޖެ އެއްޗެއް ވިއްޔާ ގެންނަންވާނެ އެވެ. ކޮލެޖުގެ ކުދިން ލާރި ޖަމާކުރާ ފޮއްޓެއް ހުރެއެވެ. ކޮންމެ ކުއްޖަކުވެސް އެ ފޮއްޓަށް އަޅާ ފައިސާ އެކުއްޖެއްގެ އެކައުންޓްގައި ޖަމާކުރެވިފައި ހުންނާނެ އެވެ. އެ އެކައުންޓް ބަލަހައްޓާ ކަރާރީން ތިބޭނެ އެވެ. އެ ކުއްޖާ ކޮންމެވެސް ގޮތަކުން އެ ފޮށީގެ ތަޅުދަނޑިފަތި ބާއްވާތަން ދެނެގެންފި އެވެ. ދަނޑިވަޅެއް ވަލައިފައި އެ ފޮށިން ފައިސާތަކެއް ނަގައިގެން މަންމައަށް ގެނެސްދީފި އެވެ. މަންމަ އުފަލުން ވަރެއްނެތެވެ. ދަރިފުޅުގެ ބުރަކަށީގައި ފިރުމާލައިފައި ސާބަސްދީފައި ބުންޏެވެ. ދުނިޔޭގައި އެންމެން ވެސް އަރާމުގައި ދިރިއުޅުމައްޓަކައި ހޯދަނީ ފައިސާއެވެ. ކޮންމެ ގޮތަކުންވެސް ފައިސާ ލިބެންޏާ ވާނީ ހޯދާށެވެ. މިކޮލެޖުގައި ރަށުންބޭރު ގައުމުތަކުގެ ކުދިންނަށް ދަނާލުތަށް ހަދައިފައި ހުރެ އެވެ. އެ ކުދިންނާއެކު ކޮޓަރިތަކަށް މިކުއްޖާ ވެސް އަދި އެހެން ކުދިން ވެސް ގޮސްއުޅުމަކީ އެއް ތަނެއްގައި އުޅޭ ބައެއްގެ އާންމު އެކުވެރިކަމުގެ ތެރެއިން ހިނގާކަމެކެވެ. މީގެތެރޭގައި ވަރަށްބޮޑެތި ފައިސާވެރިންގެ ދަރިން ވެސް އުޅެއެވެ. އެ ކުއްޖާ ކޮންމެވެސް ކުއްޖެއްގެ ކޮޓަރިން ވަރަށްގިނަ އަދަދެއްގެ ފައިސާގެ ނޫޓުތަކެއް އަތުލައިގެން މަންމައަށް ގެނެސްދީފި އެވެ. މިދުވަހު މަންމަ މާބޮޑަށް އުފާވެފައި ބުންޏެވެ. ދަރިފުޅު ދެން ކޮންމެ ހެން މާބޮޑަށް ކިޔަވާން އުޅޭނެކަމެއް ނެތެވެ. ފައިސާ ހޯދަން ތިހުރީ ދަސްވެފަ އެވެ. ބޮޑަށް މަސައްކަތް ކުރަންވާނީ ފައިސާ ހޯދާށެވެ. އެކުއްޖާ މިއުޅުމެއް އުޅެންފެށުމުން ބޭޒާރުވެ ކޮލެޖުގެ އޮފީހަށް ގެންދެވި އެތައް ފަހަރަކު ނަސޭހަތް ދެވިއްޖެ އެވެ. ނަމަވެސް އެކުއްޖާގެ މަސައްކަތުގައި އެކުއްޖާ ދަނީ ކުރިއަށެވެ. އެންމެފަހުން އެކުއްޖާއަށް ކޮލެޖުގެފަރާތުން ދެވެންހުރި ކުދިބޮޑު ހުރިހާ އަދަބެއް ވެސް ދެވިއްޖެ އެވެ. ނަމަވެސް އެކުއްޖާއަށް "ތަށަށްކިޔަނީ މަރިޔަނބޭވެސް" ހިޔެއް ނުވެ އެވެ. އެންމެ ފަހުން އެކުއްޖާގެ ވައްކަމާއި ކުށުގެ ރެކޯޑްތައް ގިނަވެ ކޮލެޖުން ވަކިކޮށްފި އެވެ. އެދުވަހު ގެއަށް ދިޔައީމާ މަންމަ ބުނީ ދަރިފުޅު ކޮލެޖުން ވަކިކުރި ނަމަވެސް އެކަމާ އެއްގޮތަކަށްވެސް ދެރަވާނެކަމެއް ނެތެވެ. ދަރިފުޅަށް ތިހުރީ ލާރިހޯދާނޭ ގޮތް ދަސްވެފަ އެވެ. ދެން އޮންނާނީ ކޮން ކޮލެޖެއް ބޮލެޖެއް ހެއްޔެވެ؟ ދެން ލާރި ހޯދަން ދަރިފުޅަށް މާފަސޭހަ ވާނެ އެވެ. ދެން އެކުއްޖާ ވައްކަން ކުރުމާއި ނުބައި ޖަރީމާތައް ހިންގުމުގައި ޖެހިލުންނުވާ މުޖުރިމަކަށް ވެއްޖެ އެވެ. ވައްކަން ކުރަނިކޮށް އެކެއް ދެމީހަކަށް ފެނުނު ނަމަވެސް ވަޅިއާއި ހަންޖަރުގެ ބޭނުންކޮއްލައިގެން ސަލާމަތްވެދެ އެވެ. މިހާރު އެކުއްޖާ ވެސް ބޮޑު ގަދަފަދަ ބާރުހުރި ޒުވާނަކަށް ވެއްޖެ އެވެ. އަދަދެއް ނުވާހައި ގިނަ ވައްކަން ކޮށްގެން ސުމާރެއް ނުވާހައި ގިނަ ފައިސާ މަންމައަށް ގެނެސްދީފި އެވެ. ވަޅިއަޅައި ކަފައިލެވުން މީހުންނާއި ޚަންޖަރުންޖަހައި މަރައިލި މީހުންގެ އަދަދު ވެސް ގިނަވަމުން ދެއެވެ. ރަށުގައި މި ޖަރީމާތައް ހިންގާ މީހަކު ނުވަތަ ބަޔަކު އަތުލެވޭތޯ ކޮތުވާލުންނާ، ރަށުތެރެ ބަލަހައްޓާ ފުލުހުން މަސައްކަތް ކުރަމުން ގެންދެއެވެ. އެއްރެޔަކު މެންދަމުން އަލިވެ ދެގަޑި ބައިވީ ތަނާ އެ ކުއްޖާ ސާދާގަރެއްގެ ގެއަށް ވަދެ އަލަމާރިއެއް ފަޅައިލައިގެން އުޅެނިކޮށް ސައުދާގަރަށް އެތަން ފެނިގެން ހަޅޭލަވައިގެންފި އެވެ. އެ އަޑަށް ގޭތެރޭ އެންމެން އެދިމާއަށް ދުއްވައިގެންފި އެވެ. މި ދަނޑިވަޅުގައި ވަގުކަލޭގެ ސައުދާގަރުގެ މެއަށް ހަންޖަރު ހަރައިފައި ދެތިން މީހަކު ޒަހަމްކޮއްލުމަށްފަހު ކުޑަދޮރުން ފުންމާލައި ބަގީޗާ ތެރޭއަށް ދުއްވައިގެންފި އެވެ. މި ވަގުތު މި ގޭތެރޭގައި ލަވާ ހަޅޭފަޅޭކުގެ އަޑު ފުލުހުންނަށް އިވި ގޯތިތެރެއާއި ބަގީޗާތެރެއަށް ވަދެގެންފި އެވެ. ވަގުކަލޭގެ ގެންފައި ހުރި ބިރާއެކު ބަގީޗާ ތެރެއިން ދުއްވައިގަތް ތަނާ ބިމުން މައްޗަށް ހިއްލިފައިވާ މުލެއްގައި އަޅައިގަނެ އަނގަވަތަށް ވެއްޓިއްޖެ އެވެ. ވެއްޓުނީ ފުލުހުންގެ ކުރިމައްޗަށެވެ. ފަޔަށް ވީ ތަދުން ނުވެސް ތެދުވެވުނެވެ. އެވަގުތު ހުޝިޔާރު ފުލުހުންނާއި ކޮތުވާލުން ވަގުކަލޭގެ ބަނދެލައިފި އެވެ. ވަގުކަލޭގެ ހިމާރުގަނޑަކަށް ލައިގެން ފުލުހުންގެ އޮފީހަށް ގެންދެވި ތަޙުޤީޤަށް ފެށިއްޖެ އެވެ. ތަޙުޤީޤަށް ދީފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި، އޭނާވަނީ ވައްކަންކުރުމުގެ އިތުރަށް އެތައް ބަޔަކު ޤަތުލުވެސް ކޮށްފައެވެ. އޭނާގެ މައްސަލަ ޝަރީއަތަށް ހުށައެޅި ޙުކުމް ކަނޑައެޅި ޢުޤޫބާތުގެ ނިޔާ އިއްވިއްޖެ އެވެ. ވަގުކަލޭގެ ދަންޖައްސާ ދުވަހާއި ވަގުތު ކަނޑައެޅި އިޢުލާން ކުރެވިއްޖެ އެވެ. އޭނާގެ މައްޗަށް ކަނޑައެޅުނު ޙުކުމް ތަންފީޒު ކުރުމުގެ ވަގުތު ޖެހިއްޖެ އެވެ. އެފަދަ ކޮންމެ މުޖުރިމެއްގެ ޙުކުމް ތަންފީޒު ކުރުމުގެ ކުރީގައި އެމީހެއްގެ އެންމެ ފަހުގެ އެދުމެއް ނުވަތަ ވަސިއްޔަތެއް ބަޔާނެއް އޮތްތޯ ސުވާލު ކުރެވެއެވެ. ވަގުކަލޭގެއާ މި ސުވާލު ކުރެވުމުން އޭނާ ބުނީ އަޅުގަނޑުގެ އެންމެ އެދުމެއް އެބައޮތެވެ. އެއީ އަޅުގަނޑު މިހުރިތާ ހުއްޓާ އަޅުގަނޑުގެ މަންމައާ ބައްދަލުވެ މަންމަ ގައިގައި ބޮސްދިނުމެވެ. އެއްވެފައިވާ މީހުންގެ ތެރެއިން އޭނާގެ މަންމަ އޭނާގެ ކައިރިއަށް ގެންދެވި އޭނާ އެދުނު ފަދައިން މަންމަގެ ގައިގައި ބޮސްދިނުމަށް އެންގިއްޖެ އެވެ. އެ ވަގުކަލޭގެ ބުންޏެވެ. ތިމަން ބޮސްދޭނީ ތިމަންގެ މަންމަގެ ދުލުގައެވެ. ދެން މަންމަގެ ދޫ އަނގައިން ބޭރަށް ނެރެވޭނެ އެންމެ ބޭރަށް ނެރެ އޭނާގެ ދަރިފުޅުގެ އެންމެ ފަހުގެ އެދުން ޙާޞިލުކުރުމަށް އެންގިއްޖެ އެވެ. އެވަގުތު މަންމަގެ ދުލުގައި ބާރަށް ދަތްއަޅައި މަންމަގެ ދޫ ބުރިކޮށްލައިފި އެވެ. މަންމަ ވަގުތުން ހޭނެތިގެން ވެއްޓިއްޖެ އެވެ. އަދި އޭނާގެ މަންމައަށް އޭނާގެ ދަރިފުޅު ދަންޖައްސާ މަންޒަރެއް ނުފެނުނެވެ. ދެން ވަގުކަލޭގެ އެ ކުރިކަންތަކުން އޭނާއާއި އިތުރު ސުވާލުތައް ކުރިމަތިވި އެވެ. ވަގުކަލޭގެ ބުނީ ތިމަން މި ކަންތައް މި ގޮތަށް މި ކުރީ ތިމަންގެ އެންމެ ފަހުވަގުތު ކުރެވެން އޮތް އެންމެބޮޑު ހެޔޮކަންތައް ކަމަށްވާތީ އެވެ. އެއީ އަހަރެން މި ނުބައި މަގާމަށް ގެނެސްދިން އެއްޗަކީ އެ މަންމަގެ ދުލެވެ. އެ މަންމަގެ ދުލުން ދިން ތަރުބިޔަތުގެ ފިލާވަޅުތަކެވެ. ތިމަން ދުނިޔެއިން މި ނުކުންނަނީ އެ ދުލުން އެހެންމީހަކަށް އެ ފިލާވަޅުތައް ނުދެވޭ ގޮތަށް ހަދައިފައެވެ. ------------ (ނިމުނީ) މި ލިޔުން: ފޮނުވުން: އަލްފާޟިލް އަޙުމަދު ސަމީޢު އަލުންބަލައި ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ނާދު, 2012-02-06 04:47:32
"މެންދަމުން އަނބުރައި" ގެ ބަދަލުގައި މެންދަމުން އަލިވެ، އެހެން އޮތްނަމަ ރަނގަޅުވީސް..
... ލިޔުނީ ފަންވަތް, 2012-02-06 11:49:16
"މެންދަމުން އަނބުރައި" ގެ ބަދަލުގައި މެންދަމުން އަލިވެ، އެހެން އިން ނަމަ ރަނގަޅުވީސް..
މި ކޮމެންޓަށް ޝުކުރުހުރި. އެހެން "އިންނަމަ" ގެ ބަދަލުގައި އެހެން "އޮތް ނަމަ" އަށް ކޮމެންޓްވެސް ބަދަލުކޮށލާނަން އިނގޭތޯ؟ ބިނާ ކުރަނިވި ފާދު ކިޔުންތަކަށް އަބަދުވެސް މަރުޙަބާ! އެއީ ލިޔުންތެރިޔާ ގެ އަތްދަށުންނާއި އެޑިޓޯރިއަލް މެންބަރުންގެ އަތްދަށުންވެސް ގޮސްފައިވާ ތަންކޮޅެއް. އަދިވެސް ޝުކުރިއްޔާ އެވެ! ވަރަށް ގިނަ ބޭފުޅުން ލެޓިން އަކުރުން ކޮމެންޓް ކުރައްވާތީ ދަންނަވަމެވެ. ތާނަ އަކުރުން ހުންނަ ކޮމެންޓް ނޫނީ ޝާއިޢު ނުކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|