މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުދައްރިސުންނަކީ.... |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 04 އެޕރީލް 2009، 08:00 ހޮނިހިރު | |||
މުޙަންމަދު ވަޙީދު- މަޑުލު އެއްވެސް ޝައްކެއްނެތެވެ. މުދައްރިސަކީ ވަރަށްބޮޑު މަސްއޫލިއްޔަތަކާ ޙަވާލުވެފައިވާ މީހެކެވެ. ވަރަށް މުޙިންމު ޒިންމާއެއް އުފުލާ މީހެކެވެ. އެއީ ޖީލެއް ތަޢުލީމީ ބައެއްގެ ގޮތުގައި ނެރޭ މީހާއެވެ. އެކުއްޖެއްގެ އުޅުމާއި އަޚްލާޤާއި ބަސްމަގު ވަރަށް ގިނަފަހަރަށް ކުދިން ކޮޕީކުރާ ނަމޫނާއެވެ. މިކަންކަން ވިސްނައި މުދައްރިސެއްނަމަ، އެމީހެއްގައި އަށަގަންނުވަންޖެހޭ ޚާއްސަ ސިފަތަކެއް އެބަހުއްޓެވެ. ގަޑިއަށް ސަމާލުވުމެވެ. ދާންޖެހޭ ތަންތަނަށް ގަޑިނުޖެހި ދިއުމެވެ. ދަރިވަރުންނަށް ގަޑިއަށް ސަމާލުވާން ފަރުވާތެރިކަން ބަހައްޓާ ސަބަބަކަށް އެކަން ވެއެވެ. އަނެއްކަމަކީ މަޑުމައިތިރި އޯގާތެރެި މީހަކަށް ވުމެވެ. ދިވެހި މުޖުތަމަޢަކީ ވަރަށް ހަމަހިމޭން ބަޔަކު ދިރިއުޅެމުން އައި ތަނެކެވެ. މަޑުމަޑުން އަނިޔާވެރިކަން ފެތުރެމުން މިދަނީ އިސްކޫލުން ލިބޭ ތަރުބިއްޔަތަކުންތޯ ނުވަތަ ގޭތެރެއިން ލިބޭ ތަރުބިއްޔަތަކުންތޯ ނުވަތަ މުޖުތަމަޢުގެ ތެރެއިން ތަޖުރިބާ ކުރެވޭ ކަންތައްތަކަކުންތޯ މުދައްރިސުން ވިސްނައިލުމަކީ ނެތްކަމެއްނޫނެވެ. ހަމަގައިމުވެސް ރުޅިވެރި ބަސްތަކަކުން މުޙާތަބު ކުރެވޭ އެހެންކުދިންގެ ކުރިމަތީގައި އަދަބުލިބޭ އަދި ނޭދެވޭ ބަހުރުވަ ބޭނުންކުރެވޭ ވެއްޓެއްގެ ތެރެއިން ކުދިންނަށް ދަސްވާނީ އެކަންކަމެވެ. ކަށީގައި ހިފައި ކޮޕީކުރެވޭނީ އެކަންކަމެވެ. އެހެންވީމާ ކުލާހުގައި ރުޅިއަންނަންޖެހޭ ކަންތައްތަކުގައިވެސް ރުޅި ކޮންޓްރޯލްކުރުމަކީ ކުދީންނަށް ދެވޭ ފިލާވަޅެކެވެ. އަނިޔާވެރިގޮތްތަކުން އެއްކިބާވެ ކޮންޓްރޯލް ކުރެވިގެން މުޢާމަލާތު ކުރުމަކީ މުޙިންމު ކަމެކެވެ. ގޯސްކުއްޖަކާ މުޚާތަބުކުރާ އިރުވެސްއެހެންކުދީންވެސް އަޑުއަހަން ތިބިކަން ދަނެގެން ނަޞޭޙަތްދޭންވާނީ ވިސްނުންތެރިކަމާއެކުގައެވެ. ކުލާހުގައިމިތިބެނީ އެކިކަހަލަ ޢާއިލާތަކުން އައިސްތިބޭ ކުދިންނެވެ. އޭގެތެރޭގައި ލޯބި ނުލިބުމާއި ފަޤީރުކަމާއި ދަރިންނަށް އަނިޔާކުރުމާއި މުއްސަނދިކަމާއި ޖިންސީ ގޯނާގެ ވޭނުގައި އުޅުމާއި ޑްރަގްގެ މައްސަލަތަކާއި މިހުރިހާ ކަމެއް ހިމެނިފައިވުމަކީ ދުރުކަމެއް ނޫނެވެ. އެހެންވީމާ ކުދީންނާ އޯގާވެރި ގުޅުމެއް ބާއްވައި އެކުދީންގެ ޢާއިލާގެ ފަސްމަންޒަރު ހޯދައި ބަލައިގެން ކިޔަވައިދިނުމަކީ ކިޔަވައިދިނުން ފަސޭހަވާނެކަމެކެވެ. އެހެނީ އެފަދަ ޓީޗަރަކަށް ކޮންމެ ކުއްޖަކީ ކޮންކުއްޖެއްކަން އެގޭނެތީއެވެ. ޓީޗަރަކަށްވީތީ ފިލާވަޅު ނަގައިދިނުމަށް ތައްޔާރުނުވެ ކުލާހަށް އައުމަކީ ކުލާސް ކޮންޓްރޯލް ކުރަންވެސް ކުދިންގެ އިޙްތިރާމާއި ލޯބި ލިބެންވެސް ހުރަސްއަޅާނެ ކަމެކެވެ. ހަމަ އެގޮތަށް ބަލައި ފާހަގަލާ ފޮތްފޮތް ފަރުވާ ކުޑަކުރެވިގެން ބަލަންވާ ވަރަށް ނުބަލައި މާކްކުރުމަކީވެސް ކުދީންގެ ކުރިމަތީގައިވެސް އަދި ބެލެނިވެރިންގެ ކުރިމަތީގައިވެސް ޓީޗަރުގެ އަގު ވެއްޓިދާނެކަމެކެވެ. މިފަދަ ކަމެއް ކުރެވޭ އެންމެ މުދައްރިސެއްގެ ސަބަބުބްއެކަމުގެ ހުތުރު ނަން ހުރިހައި މުދައްރިސުންނަށް ރައްދުވުމަކީ އެކަށީގެންވާ ކަމެކެވެ. ޓީޗަރެއްގައި ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާ އަނެއްސިފައަކީ އިންސާފަށް ލޯބިކުރުމެވެ. އެކި ކުދީންނަށް އެކި ގޮތަށް ކަންތައް ނުކުރުމެވެ. ވަކި ބަޔެއްގެ ދަރީންނަށް ވަކިން ޚާއްސަ ސަމާލުކަމެއް ދެވޭނަމަ އެކަން ކުދީން އަމިއްލައަށް ފާހަގަކުރާނެއެވެ. މިއީ ރުޅިވެރިކަމާއި އިދިކީލިކަން އުފެދެން މެދުވެރިވާ ސަބަބަކަށް ވެދާނެއެވެ. ޓީޗަރުންނަކީ ސާފުތާހިރުކޮށްތިބޭ ކައިރިވެލީމާ ގައިން މީރުވަސްދުވާ ބައެއްކަމުގައިވާނަމަ، އެކަންވެސް ކުދިން ފާހަގަކޮށް ކޮޕީކުރާނެއެވެ. އާދޭހެވެ. މިއީ ބުރަކަމެކެވެ. ބޮޑު މަސްއޫލިއްޔަތެކެވެ. އުދަގޫ މަސައްކަތެކެވެ. އެކަމަކު ތިމާގެ މަސައްކަތުން ރަގަޅު ދަރިންތަކެއް މުޖުތަމަޢަށް ނިކުތުމަކީ ކޮންފަދަ އުފަލަކާ ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަން އިހްސާސް ކުރެވޭނީ އެކަން ތަޖުރިބާ ކުރެވިފައިވާ މުދައްރިސުންނަށެވެ. ވިސްނާލާށެވެ. ގޭގައި އަނިޔާ ލިބެމުންދާ ކުއްޖާގެ އަތުގައި ބަސްނާހައިގެން މުދައްރިސަށް ފަތިގަޑުން ޖެހުމަކީވެސް އެކަމުގެ ޝަކުވާއާއިގެން އެކުއްޖެއްގެ މައިންބަފައިން ތަންތަނަށް ހިގާނެކަމެކެވެ. ކިޔަވާ ފޮތްތައް ދުވަހަކު ބަލައިނުލިކަމުގައިވިޔަސް ކުއްޖާގެ ފޮތެއްގާ މުދައްރިސަށް ނުބައިކޮށް ފާހަގަ ލެވިފައިވާ ކަމަށް އެނގިއްޖިއްޔާ އެކަންވާނީ ވަރަށްބޮޑު ކަމަކަށެވެ. މިޙަޤީޤަތްތަކުގެ އަލީގައި މުދައްރިސުން ވާންޖެހޭނީ ފަރުވާތެރި ކަމަށް ކަމޭހިތައިގެން ކަންތައްކުރާ، އަދި ތިމާގެ ދަރިއަކަށް މިގޮތަށް އެހެން މުދައްރިސަކު ކަންތައްތައް ކުރުމަކީ ތިމާވެސް ހިތްހަމަނުޖެހޭނެ ކަމެއްކަމަށް ބަލައިގެން މަސައްކަތްކުރާ ބަޔަކަށެވެ. ދިވެހި މުޖުތަމަޢަކީ އިސްލާމީ މުޖުތަމަޢެކެވެ. ހެދުން އެޅުމާއި ދީނީ ކަންކަމަށް ތަރުޙީބު ދިނުމުގައި ސާބިތުވެ ތިބެންޖެހޭނެއެވެ. ކިޔަވައިދޭން ސްކޫލަށްދާއިރު ގަހަނާއިން ޖަރީވެގެން މޭކަޕް ކުލަތަކުން ކަޅިވެގެން ދިއުމަކީ ދެއްކުންތެރިކަމެއް ކަމުގައި ނޫނީ ނުވާނެއެވެ. މިއީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑު އެއްޗެއް ބުނަންޖެހުމުން އައި ޚިޔާލުތަކާއި ފާޅުކުރި ޝުޢޫރުތަކެވެ. އަޅުގަނޑު އެދެނީ މުދައްރިސުންނަށް ހުރިހައި ގޮތަކުންވެސް ކުރިއެރުމާއި ހަމަޖެހުމާއި ފާގަތިކަމެވެ.
|
| ހަމަ މި ގަލަމުން |
|---|