މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދަރިންނާއި މެދު ވިސްނުން |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 08 އެޕރީލް 2009، 01:30 ބުދަ | |||
|
މުޙަންމަދު ވަޙީދު- މަޑުލު ދަރިންނާއިމެދު ވިސްނުން.... މިއީ ބުނެދޭންޖެހޭ ވާހަކައެއް ކަމަށް މަދުމީހަކުނޫނީ ޤަބޫލެއްނުކުރާނެއެވެ. ސަބަބަކީ އެކުއްޖެއްގެ މައިންބަފައިންނަށް ވުރެބޮޑަށް އެކުއްޖަކާމެދު ވިސްނާނެ އެހެން ފަރާތެއް ނުހުންނާނެތީއެވެ. ކަންއޮތީ މިހެންކަމަށް ވީނަމަވެސް އިންސާނުންގެ ކަންތައްތައް ހުންނަގޮތްބަލައި ޢިލްމެއްގެ ގޮތުގައި އެގޮތްތައް ރަގަނޅުކުރުމަށް ކަންތައްތައް ކުރާނެގޮތް ބަޔާންކުރާ ޢިލްމުވެރީންގެ ވާހަކަ ކިޔައި އަޑުއަހައި މީހާރަށްވުރެ ރަގަނޅަށް ދަރިންނާމެދު ކަންތައްތައް ކުރެވޭތޯބެލުމަކީ ނެތްކަމެއް ނޫނެވެ.މިމަޒުމޫނުގައި މިފާހަގަކޮށްލަނީ އެފަދަ ޢިލްމުވެރިންދޭ ނަޞޭހަތްތަކާއި އިރުޝާދުތަކުން ބައެއް ކަންތައްތަކެވެ. ލިބެންއުޅޭ ދަރިފުޅަށްޓަކައި ލިބިފައިހުރި ދަރިފުޅު ނުވަތަ ލިބިފައިތިބި ދަރީން ތައްޔާރު ކުރުވުން އެއީ ކުރަންޖެހޭ ކަމެކެވެ. ހައްޔަރުގައި އިންކަން އެގުމާއެކު މާލަސްނުކޮށް ހުރި ދަރިފުޅަށް ނުވަތަ ތިބި ކުދީންނަށް ކޮއްކޮއެއް ލިބެންއުޅޭ ކަމުގެ ޚަބަރު ދީފައި ބޭއްވުމަކީ ރަގަނޅުކަމެކެވެ. އަލަށްލިބޭ ކޮއްކޮ އަކީ އެކޮއްކޮއަށް ހުރިހައިކުދިން އަޅައިލައިދީ އެހީތެރިވެދޭންޖެހޭ ކޮއްކޮއެއް ކަމަށް ވިސްނައިދޭށެވެ. ހަދިޔާ ހޯދާއިރު ހަދިޔާ ހޯދާނީ އެންމެ ތުއްތު ކުއްޖާއަށް އެކަންޏެއް ނޫނެވެ. އެވަރުގެ ތަނަވަސްކަމެއް ނެތްނަމަ، ތަނަވަސްކަން ހުރިވަރަކުން ހޯދައިދެވެން ހުރި އެއްޗެހި ހުރިހާ ކުދިންނަށް ހޯދައިދޭށެވެ. ކޮއްކޮއެއް އިތުރުވުމަކީ މަންމައަށް މަސައްކަތް އިތުރުވެގެންދާނެ ކަމެއްކަން ވިސްނައިދޭށެވެ. އެހެން ކުދިންނަށް އަޅައިލާންވާވަރަށް އަޅައިނުލެވޭކަމާއި އެހެންކުދީންނާއެކު ވަގުތުހޭދަކުރަންޖެހޭ ވަރަށް ވަގުތުހޭދަނުކުރެވޭނަމަ، މަންމައުޅޭ ބުރަކަމުގެ ވާހަކަ ހަނދާންކޮށްދޭން ވާނެއެވެ. އަދި މަންމައަށް ކޮންމެހެން ބޭނުންވާނަމަ އެވާހަކަ ބުނެފައި ބާއްވާށެވެ. ބުރަވުމަކީ އެހެންކުދިންދެކެ ލޯބިވާކަން އެކުދީންނަށް އިޙްސާސްވުމަށް ވަގުތުނުދީ ފަރުޖެހޭނެ ކަމެއް ކަމަށް ނުބަލާށެވެ. އަލަށް ލިބުނު ކޮއްކޮއާއިމެދު އެހެން ކުދިން ދުރުގޮތެއް ބެހެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބަލާށެވެ. އަދި ޅަވެގެން ތުއްތުވެގެން އުޅޭގޮތްވެދާނެއެވެ. އެކަމާ ފާޑުކިޔާ އެއްޗެހިބުނެ ހެދުން އެއީ ރަގަނޅު ކަމެއް ނޫނެވެ. އެކުދީންގެ އަޑުއަހާށެވެ. އަދި އެދޭގޮތަށް ކަންތައްތައް ކޮށްދެވޭތޯބަލާށެވެ. އެކުދިންދެކެ ލޯބިވާކަން ޔަގީންކޮށްދޭށެވެ. ކޮންމެ ކުއްޖަކީވެސް ޙަޤީޤަތުގައި އަމިއްލަ ވަކި ގޮތްތަކެއް ހުންނާނެ ކުއްޖެކެވެ. އެފަދަ ގޮތްތައް ގެންގުޅޭނެ ކުއްޖެކެވެ. އެހެންވީމާ އެކަން ޤަބޫލުކުރަންޖެހޭނެއެވެ. އެއްކުއްޖަކާއެކު އިތުރުކަމެއް ކޮށްދީ އިތުރު ވަގުތުކޮޅެއް ހޭދަކޮށްލަން ޖެހިދާނެއެވެ. އެއްކުއްޖަކާ ދިމާލަށް ދެވަނަ ފަހަރަށްވެސް ހާދަރަގަނޅު ކުއްޖެކޭ ބުނަން ޖެހިދާނެއެވެ. ޝުކުރުއަދާކޮށް ތާރީފްގެ ބަސްބަސް ބުނާނީ އެފަދަކަމެއް ޙައްޤުވެއްޖެނަމައެވެ. އެފަދަ ހިތްވަރު އާވާކަހަލަ ބަސްބަސް ބުނެލަން ކުދިންނަށް ބޭނުންވާނެއެވެ. ކުރި ރަގަނޅު ކަމަކާއި ގުޅިގެން އެއްޗެއް ދެވިދާނެއެވެ. އެ އެއްޗެއްގެ ބޭނުން އޭނާ ހިފާނީ ރަގަނޅަށްކަން އެނގޭނެއެވެ. ދަތުރަކުން އެނބުރި އަންނައިރު ހުރިހައި ކުދިންނަށް އެއްކަހަލަ ހަދިޔާ ގެނެސްދިނުން ރަގަޅެއް ނޫނެވެ. ކޮންމެ ކުއްޖެއްގެވެސް ޝައުގުވެރިކަން ހުންނަ ކަމަކާގުޅޭ ހަދިޔާއެއް ކޮންމެ ކުއްޖަކަށްވެސް ދޭށެވެ. ނިދާއިރު ވާހަކަ ކިޔައިދޭނަމަ، ހުރިހާ ކުދިންނަށް އެއްވާހަކަ ކަމުނުދާގޮތް ވެދާނެއެވެ. އެހެންވަންޏާ އެކުއްޖަކަށް ރަގަނޅުވާކަހަލަ ވާހަކައެއް އެކުއްޖަކަށް ކިޔައިދޭށެވެ. ދޮށީކުދިން ފަހުން ނިދުން އެކަށީގެންވެއެވެ. އެހެންއެވަނީ އެންމެ ކުޑަކުދީންނަށް ނިދި ބޭނުންވާ ވަރަށް ބޮޑެތިވުމުން ނިދި ބޭނުން ނުވާތީއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެ ކުއްޖަކާއެކުވެސް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ސަމާލުކަންދޭށެވެ. ތިޔަފަރާތުގެ ސަމާލުކަން އެންމެ ބޮޑަށްދޭ ކުއްޖަކީ އެކުއްޖާކަމަށް ކޮންމެކުއްޖަކަށްވެސް ހީވާންވާނެއެވެ. އެއީ ކޮންމެހެން އޮޅުވާލައިގެނެއް ނޫނެވެ. އެކުއްޖާގެ ޚާއްޞަ ރަޙުމަތްތެރިޔާ ކަމަށް ވުމަށް ވަގުތުކޮޅެއް ހޯދައިލާށެވެ. މިގޮތަށް ހޭދަކުރާ ވަގުތުގައި އެހެން ކުދީންގެ ވާހަކަ ދެއްކުން ބުއްދިވެރިއެއް ނޫނެވެ. އެވަގުތުކޮޅުގައި އެކުއްޖަކީ ތިޔަފަރާތުގެ ކުއްޖެއްކަމުގައި އޭނާއަށް ހީވާންވާނެއެވެ. އެވަގުތުކޮޅަކީ އެޑުއެހުމާއި، ފިރުމައިލުމާއި، ލޯބިކޮށްލުމާއި ދެމީހުން އުފަލުގައި ހޭދަކޮށްލާ ވަގުތުކޮޅަކަށް އެވަގުތުކޮޅު ހަދާށެވެ. ހަނދާން ބަހައްޓަންވީ ޚާއްޞަކޮށް މެދަށްތިބޭ ކުދިންނާމެދު މައިންބަފައިން އަޅައިލުން ކުޑަވާކަމެވެ. ކުދިންނާއެކު ގިނައިން ވަގުތު ހޭދަކުރިވަރަކަށް އެކުދީން މައިންބަފައިންގެ ސަމާލުކަން ހޯދުމަށް ވާދަކުރުން ކުޑަވާނެއެވެ. ކުދިންގެ މެދުގައި ވާދަވެރިކަމާއި ޙަސަދަވެރިކަން ނުއުފެދެނީ ހުރިހާ ކުދިންނާވެސް މައިންބަފައިން ހަމަހަމަކަން އެކުދީންނަށް އިޙްސާސް ކުރެވިގެންނެވެ. އެހެންވީމާ ޒުވާބެއް ފެށިއްޖެނަމަ އެޒުވާބުކުރާ ދެކުދިންގެ ވާހަކަވެސް އަހަންޖެހޭނެއެވެ. އަދި އެކުދިންނާއި މަޝްވަރާކުރަންވާނެއެވެ. އެޒުވާބެއް ފެށެން މެދުވެރިވި ސަބަބާމެދު ވިސްނުން މުޙިންމެވެ. މިފަދަ ކަމެއް ދެންވެސް ހިނގައިފާނެކަމަށް އެކުދީންނަށް ވިސްނައިދޭންވާނެއެވެ. އެއްކުއްޖަކު އަނެއްކުއްޖަކާ އަޅާ ނުކިޔާށެވެ. މިސާލަކަށް ކަލޭގެ ކޮއްކޮ ލިޔާހާ ރީއްޗަށް ކަލެއަށް ލިޔަން ނޭގެނީ ކީއްވެތޯ ސުވާލުނުކުރާށެވެ. ވިސްނާލައިގެން ކުދީންނާމެދު ކަންތައްތައް ކުރުމަށް ހަނދާން ބަހައްޓާނަމަ، ކުދީންގެ މެދުގައިޖެހޭ މައްސަލަތައް މަދުވާނެއެވެ. ކޮންމެ މަންމައަކަށާއި ކޮންމެ ބައްޕައަކަށް އެމީހެއްގެ ކުދީންގެ މިޒާޖާއި ޠަބީޢަތު އެނގޭނެއެވެ. ކުޑައިރުއްސުރެ ހަމަހަމަ ކަމާއި އިންސާފަށް ލޯބިކުރާނަމަ، އެކުދީން ބޮޑުވެގެންވެސް އިންސާފަށާއި ހަމައަށް ލޯބިކުރާނެއެވެ. ބޭނުންވަނީ އެންމެ ކަމެކެވެ. ހަމަ އެންމެ ކަމެކެވެ. އެއީ ދަރީންނާމެދު ވިސްނުމެވެ. ވިސްނުން ބެހެއްޓުމެވެ. ވިސްނައިގެން ކަންތައް ކުރުމެވެ.
|
| ހަމަ މި ގަލަމުން |
|---|