މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފިލާވަޅުގެ ދޭހަ ފަސޭހަވުން |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 30 މެއި 2009، 00:17 ހޮނިހިރު | |||
ޕާރކެއް ނުވަތަ ހިތްފަސޭހަ މާހައުލެއްގައި ހިނގާލުމުންދޭހަކުރުމަށް ފަސޭހަވެއެވެ.އަޙްމަދު ރަޝީދު އެސްޖެހިގެ ލ.ފޮނަދޫ އަތިރިމަތީގެ ދިޔަރެހާއި ހިސާބުގައި ހިނގާލުން، ޕާރކެއް ތެރޭގައި ހަވީރު ފިންޏަށް ހިނގާލުން، ނުވަތަ ރަށުގެ ބޮޑުމަގު މަތީގައި ކަސްރަތަށް ހިނގާލުމުން ތިބާގެ ދަރިފުޅުގެ ފޮތް ކިޔުމުގެ ހުނަރު އިތުރު ވާނެ ހެއްޔެވެ؟ ހައިރާންވެ ނުލައްވާށެވެ. މިކަމަކީ އަޅުގަނޑުމެންނަށް ކުޑަކޮށްވެސް ޝައްކު ކުރެވޭ ކަމެއް ނޫނެވެ. ޤުދުރަތީ މާހައުލުތަކުގައި ކުދިން ވަގުތުތައް ހޭދަކުރުމުން ކުދިންނަށް ކަންކަން ފަހުމްވުން ފަސޭހަވެއެވެ. ދޭހަވާ މިންވަރު އިތުރު ވެއެވެ. ޤުދުރަތީ މާހައުލުތައް ހިމެނޭ ޒާތުގެ ލިޔުންތައް ކުލާސްތެރޭގައި ކިޔަވައިދިނުމުން، ދަރިވަރުން އެފަދަ މާހައުލެއް ތަޖުރިބާ ކޮށްލުމަށް ބޭނުންވާނެއެވެ. އަދި އެފަދަ މާހައުލެއްގައި ފިލާވަޅު ނަގައި ދިނުމުން ދޭހަވުމާއި ދަސްވުން އިތުރު ވާނެއެވެ. މިޘާލަކަށް: ތިމާވެށި ގަޑީގައި 'ވެލި' މިފިލާވަޅުން ވެލީގެ ވައްތަރުތައް އުނގަންނައި ދިނުމުގައި ދަރިވަރުންނަށް އެފަދަ މާހައުލެއް ފެނި، ވެލީގެ ތަފާތު ވައްތަރުތައް އަމިއްލައަށް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބުމަކީ މުހިއްމު ކަމެކެވެ. ކުލާހުން ބޭރުގެ މާހައުލެއްގައި ކުދިންނަށް ފަސޭހައިން ދަސްވަނީ ކިހިނެއް ހެއްޔެވެ؟ ކިޔުމަކީ ހަމައެކަނި ލިޔުންތެރިއަކު ލިޔެފައިވާ ލިޔުމެއް ބާރަށް ކިއުމެއް ނޫނެވެ. ނުވަތަ ހިތުދަސް ކުރުމެއްވެސް ނޫނެވެ. ކިޔުމުގެ ހުނަރަކީ ގުޅި ލާމެހިފައިވާ ކަމެކެވެ. ދަރިވަރުންނަށް ލިބިފައިވާ ތަޖުރިބާއާއި ކުރިން ލިބިފައިވާ މަޢުލޫމާތު ގުޅި ލާމެހެން ޖެހެއެވެ. ހަމަ މިއާއި އެކު ލިޔުންތެރިޔާގެ ލިޔުމުގައި ކިޔުންތެރިންނަށް ފަހުމް ކޮށްދޭން ބޭނުންވާ ކަމެއް ނުވަތަ ޙާލަތާއި ގުޅުވާލަން ޖެހެއެވެ. ލިޔުމެއް ރަނގަޅަށް މޭރުން ކުރުމަށްޓަކައި ލިޔުމެއްގައިވާ މައިގަނޑު ޚިޔާލާތު ލިޔުންތެރިޔާ ސިފަކޮށްދިން މިންވަރަށް ނުވަތަ އެއާއި ގާތްކުރާ މިންވަރަކަށް ކިޔުންތެރިޔާ ދެނެގަންނަން ޖެހެއެވެ. ލިޔުންތެރިޔާގެ ވިސްނުމުގެ ވާފަށް ގެންގޮސްފައިވާ ގޮތް ނުވަތަ އެފަދަ ޙާލަތެއް ކިޔުންތެރިއާއަށްވެސް ތަޖުރިބާ ކުރެވިފައި ހުރެދާނެއެވެ. އެހެން ކަމަށް ވާނަމަ އެ ލިޔުމެއް ދޭހަ ކުރުމުގައި ކިޔުންތެރިޔާއަށް ފަސޭހަވެގެން ދާނެއެވެ. ކިޔުންތެރިޔާ އަށް ލިޔުމެއްގައިވާ މައިގަނޑު ޚިޔާލާތު ދެނެގަނެވޭނީ ކިހިނެއް ހެއްޔެވެ؟ ކުދިންނަށް ނުވަތަ ކިޔުންތެރިއަކަށް ދަސްވަނީ ލިބިފައިވާ ތަޖުރިބާތަކެއްގެ މައްޗަށް ބިނާކޮށް ނުވަތަ ތަޖުރިބާހުރި ފަރާތެއްގެ އެހީގައެވެ. އެފަދަ ފަރާތަކުން އިތުރަށް އޮޅުން ފިލުވައި ދީގެންނެވެ. ނުވަތަ ޚިޔާލު ބަދަލު ކުރެވިގެންނެވެ. ނުވަތަ އެފަދަ މާހައުލެއް އަމިއްލައަށް ތަޖުރިބާ ކުރެވިގެންނެވެ. ކަންކަން ކުދިން ދަސްކުރަނީ އެކުދިންގެ ހިއްސުތައް ބޭނުންކޮށްގެންނެވެ. މިގޮތުން ފެނުމުގެ ހިއްސު، އަޑުއެހުމުގެ ހިއްސު، ބީހުމުގެ ހިއްސު، ރަހަބެލުމުގެ ހިއްސާއިި ވަސްބެލުމުގެ ހިއްސުުގެ ބޭނުން ކުރެއެވެ. މިގޮތުން ކުލާހުން ބޭރުގެ މާހައުލަކުން ކަންކަން ދަސްކުރަން ފަސޭވެއެވެ. މިޘާލަކަށް: • ޕާރކެއް ތެރޭގައި ހިނގާލާ ވަގުތު ކާޅެއް ނުވަތަ ކޮވެއްޔެއް އެސޮރުގެ ހާލި ހެދުމަށްޓަކައި ހުއި ކޮޅުކޮޅާއި ގަސްގަހުގެ ހިކި ގޮފިކޮޅުތައް އެއްކޮށްގެން ހާލިހެދުމުގެ މަސައްކަތް ކުރަނިކޮށް ފެނިދާނެއެވެ. • ކުދިންނަށް ބަރަވައްޔަކާއި ކަކުންޏެއްގެ ހުރި ތަފާތު ވަޒަންކުރަން އެނގިދާނެއެވެ. • ގަސްގަހުގެ ފަތްތަކުގެ ކުލަ ބަދަލުވަމުންދާގޮތް ފެނި ދަސްކުރެވޭނެއެވެ. ފަތުގެ ކުލަ ދޮންވުމަށްފަހު ހިކުމުން ހުންނަ ކުލަޔާއި އަންނަ ބަދަލުތައް ފެނުމުން އެކަންކަން ދެނެގަންނަން ފަސޭހަވާނެއެވެ. • މި ފަދަ ކަންކަމާއި މެދު ވިސްނުމަށް ފުރުޞަތު ލިބުމުން ކަންކަމުގެ މައިގަނޑު އަސްލު އަސާސްތައް ދެނެގަތުމަށް ފަސޭހަ ވާނެއެވެ. ފަލްސަފާވެރި ވިސްނުމަކުން ކަންކަމާއިމެދު ވިސްނާ ހިނދު ކަންކަން ދިރާސާ ކުރުމާއި ތަޙްލީލު ކުރުން ހިމެނެއެވެ. • ޕާރކެއް ނުވަތަ ރަށުތެރޭގައި ތަޖުރިބާ ހޯދުމަށް ހިނގާލާ ވަގުތު މަގުމަތީގައި ހެދިފައި އޮންނަ ފެންގަނޑަކަށް ގައު ކޮޅެއް އެއްލުމުން އުފެދޭ ރާޅުބާންޏާއި މެދު ކުދިންގެ ހިތުގައި ސުވާލުތަކެއް އުފެދޭނެއެވެ. ވަށް ބުރެއްހެން އެ ރާޅުބާނިތައް އުފެދެނީ ކީއްވެގެން ހެއްޔެވެ؟ • ބޯކޮށް ވާރޭވެހޭ ވިއްސާރަ މޫސުމެއްގައި ބޮއް ކަހަލަ ޖަނަވާރު ހީކަރުވާނެހެއްޔެވެ؟ • ވާރޭ ވެހެނީ ކިހިނެތް ހެއްޔެވެ؟ ވެހޭހާ ވާރޭ ފެނަށް ވެގެން ދަނީ ކީއްހެއްޔެވެ؟ • މިފަދަ ސުވާލު ތަކަކީ އާދައިގެ ސުވާލު ތަކެއް ނަމަވެސް ޖަވާބުދޭން އުނދަގޫ ސުވާލު ތަކެކެވެ. ގިނަ މަޢުލޫމާތުތަކެއް ކިޔައިގެން މެނުވީ މިފަދަ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ދޭން އުނދަގޫ ވާނެއެވެ. ޤުދުރަތީ މާހައުލަށް ލޯ ނުހުޅުވޭ ނަމަ މިފަދަ ސުވާލުތައް ކޮށް، މިފަދަ ކަންކަމާއިމެދު ވިސްނާ ފިކުރުކުރުމަށް ދަތިވާނެއެވެ. ގެއިން ނުވަތަ ކުލާހުން ބޭރުގެ މާހައުލަކުން ކުދިން ފޮތްކިޔުމަށް ފުރުޞަތު ދެއްވާށެވެ. ކުދިން ގޮވައިގެން ބޭރަށް ނުކުމެ އަތިރިމަތި ނުވަތަ ގޮޑުދޮށްފަދަ ތަނެއްގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ދޭށެވެ. ނުވަތަ ޕާރކެއް، ހިތްފަސޭހަ ބަގީޗާއެއްވެސް ޚިޔާރުކުރެވިދޭނެއެވެ. މިގޮތަށް ކަންކުރުމުން ކުދިންގެ ސިކުނޑިތައް ހުޅުވި ފޮތްތަކުން ކިޔާފައިވާ ފިލާވަޅު ތަކުގައި ހުންނަ ތަކެތީގެ މަޙްފޫމާއިމެދު އިތުރަށް ވިސްނާ ފިކުރު ކުރުމަށް މަގުފަހިވާނެއެވެ. ތަފާތު ވަޒަން ކޮށްލެއްވުމަށް މުދައްރިސުން ނުވަތަ ބެލެނެވެރިން މިގޮތަށް ޢަމަލުކޮށްލެއްވުމަކީ އެއްފަހަރު ނަމަވެސް ކޮށްލެއްވުން ރަނގަޅު ކަމެކެވެ. ހިތްފަސޭހަ، ސާފު ވައިލިބޭ މާހައުލަކަށް ނެރުމުން ކުދިން ގެ ހިއްސުތައް މަސައްކަތްކުރާ މިންވަރު އިތުރުވެގެން ދާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|