މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ކާމިޔާބު ފިލާވަޅު |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 02 ޖޫން 2009، 00:17 އަންގާރަ | |||
ރަނގަޅަށް ރާވާލެވިފައިވާ ފިލާވަޅެއްގައި ހިމެނޭނެ މައިގަނޑު 8 ނުކުތާއަޙްމަދު ރަޝީދު އެސްޖެހިގެ ލ.ފޮނަދޫ އުނގަންނައިދިނުމުގެ މަރުޙަލާގައި ފިލާވަޅު ރާވައި ތައްޔާރު ކުރުމަކީ ކޮންމެ މުދައްެރިސަކުވެސް ކުރަން ޖެހޭ މަސައްކަތެކެވެ. ކުރަމުން އަންނަ މަސައްކަތެކެވެ. މުދައްރިސުން ފިލާވަޅު ރޭއްވެވުމުގައި ތަފާތު ގޮތްތައް ބޭނުންކޮށް އުޅެއެވެ. މިގޮތުން ރާވާ ފިލާވަޅު ތަކުގައި ތަފާތު ޚާއްޞަ ސިފަތަކެއް ހުންނަން ޖެހެއެވެ. ތަފާތު ބައިތަކެއް ހިމަނަން ޖެހެއެވެ. ރަނގަޅަށް ރާވާލެވިފައިވާ ފިލާވަޅެއްގައި ހުންނަންޖެހޭ މައިގަނޑު ބައިތަކެއް ހުރެއެވެ. މިކަންތައްތަކުގައި ކުދިންގެ ފެންވަރު ވަޒަންކުރަމުން ކިޔަވައިދިނުން ކުރިއަށް ގެންދެވޭ ފަދަ ސިފަތަކެއް ހިމަނަން ޖެހެއެވެ. ތިރީގައި ބަޔާން ކުރެވިފައި އެވަނީ ރަނގަޅަށް ރާވާލެވިފައިވާ ފިލާވަޅެއްގައި ހިމެނޭނެ މައިގަނޑު 8 ބައެވެ. 1- މަޤުޞަދު ނުވަތަ ލަނޑުދަނޑިފިލާވަޅުގެ މަޤުޞަދު ކަނޑައަޅަންޖެހެނީ ޤައުމީ މަންޙަޖްގައި ކަނޑައަޅާފައި މަޤުޞަދު ޙާޞިލް ކުރެވޭނެ ގޮތަށް ފިލާވަޅާއި ގުޅުވައިލައިގެންނެވެ. ފިލާވަޅުގެ މަޤުޞަދު ނުވަތަ ޙާޞިލްކޮށްދޭން ބޭނުންވާ ލަނޑުދަނޑި ލިޔުމަށްފަހު ދެން ހިމަނަންޖެހޭ ބަޔަކީ ތަޢާރަފް ކުރުމުގެ ބައެވެ. މިބަޔަކީ ގިނަ ކަންތަތައްތަކެއް ހިމެނިދާނެ ބައެކެވެ. މަޤުޞަދު ކަނޑައެޅުމުގައި ޙާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނާއިރު އެކަންކަމަކީ ފިލާވަޅު ނިމޭއިރު ދަރިވަރުންނަށް ޙާޞިލް ކުރެވޭނެ ކަންތައްތަކެއް ކަމުގައި ވާންޖެހެއެވެ. މަޤުޞަދުތައް ކަނޑައަޅާއިރު ޚާއްޞަކުރެވޭ މަޤުޞަދުތަކެއް ކަނޑައަޅަންޖެހެއެވެ. މިކަންކަން ލިޔާނީ ނަމްބަރުތަކެއް ނުވަތަ ޕޮއިންޓްތަކެއްގެ ގޮތުގައެވެ. މަޤުޞަދު ކަނޑައެޅުމުގައި ތިރީގައި މިވާ ކަންކަމާމެދު ފިކުރު ހިންގަންޖެހެއެވެ. • ދަރިވަރުންނަށް މި ފިލާވަޅުން ޙާޞިލް ކުރެވޭނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ • ފިލާވަޅުގެ މަޤުޞަދު ޙާޞިލް ކުރުމުގައި ކިތަކެއް އިންސައްތަ ކުދިން މިވެނިވަރަކަށް ޢަމަލު ކުރާނެ ހެއްޔެވެ؟ (މިޘާލަކަށް ކުލާހުގެ %75 ނުވަތަ 4/3 ކުދިން ............. ކުރާނެއެވެ.) • ދަރިވަރަށް ޙާޞިލްކުރެވުނު މިންވަރެއް ހާމަކުރާނީ ކިހިނެއް ހެއްޔެވެ؟ މިކަން ކުރުމަށް މަސައްކަތު ކަރުދާހެއް ހެއްދުން، ގްރޫޕް މަސައްކަތެއް ކުރުވުން، ތަމްރީނުހެއްދުން ފަދަ ކަމަކުން މިނާ ވަޒަން ކުރެވޭނެހެއްޔެވެ؟ މިކަންކަމުގެ އިތުރުން، ފިލާވަޅުގެ މަޤުޞަދު ކަނޑައެޅުމުގައި ޤައުމީ މަންޙަޖާއި މުޤައްރަރަށް ބަލަން ޖެހެއެވެ. ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއިއެކު ފިލާވަޅުގެ މަޤުޞަދު ކަނޑައެޅިއްޖެ ނަމަ ރަނގަޅަށް ރާވައިލެވި ހެޔޮގޮތުގައި ފިލާވަޅުތައް އުނގަންނައި ދެވޭނެއެވެ. މިޘާލަކަށް: 'ޖަންގަލީގެ ދިރިއުޅުން' މި ސުރުޚީގެ މައްޗަށް ބިނާވެފައިވާ ފިލާވަޅެއްގައިވާ ލިޔުން ކިޔުމަށްފަހު، ދަރިވަރުންގެ މެދުގައި ޚިޔާލު ބަދަލުކޮށް ނިމޭއިރު، ޖަންގަލީގައި ދިރިއުޅޭ ޢާއްމު ޖަނަވާރުތައް އެނގުމާއި އެސޮރުމެންގެ ދިރިއުޅުން ބައްޓަންކުރެވިފައިވާ ގޮތް ކުލާހުގެ %75 ދަރިވަރުންނަށް ބަޔާންކުރަން އެނގުން. މިގޮތަށް މަޤުޞަދެއް ކަނޑައެޅިދާނެއެވެ. 2- ތަޢާރުފުކުރުންފިލާވަޅު ކުރިއަށް ގެންދިޔުމަށް އިރުޝާދުތަކެއް ލިޔުމުގެ ކުރިން، ދަރިވަރުންނަށް ކުރިން ލިބިފައިވާ މަޢުލޫމާތު ނުވަތަ އެނގިފައިވާ މިންވަރެއް ވަޒަންކޮށްލަން ޖެހެއެވެ. މިބައިގައި ހިމަނާނީ ފިލާވަޅުގެ މައިގަނޑުބައިތަކަށް ދިއުމުގެ ކުރިން ގެންދެވިދާނެ ޙަރަކާތްތަކެކެވެ. ނުވަތަ ޙަރަކާތެކެވެ. މިކަންވެސް އޮންނަންޖެހޭނީ ފިލާވަޅުގެ އަސްލު މަޤުޞަދާއި ގުޅުވާލެވިފައެވެ. ތަޢާރުފު ނުވަތަ ފިލާވަޅު ފެށުމުގެ ކުރިން ކުދިންގެ ފެންވަރު ވަޒަންކުރުން – މީގެ އަމާޒަކީ: • ކުރީގެ ފިލާވަޅާއި ގުޅުވައިލުން (ކުރިން ދެވިފައިވާ ފިލާވަޅާއި ގުޅުންހުރި ފިލާވަޅެއް ނަމަ) • ނުސީދާގޮތަކަށް ދަރިވަރުންނަށް ކުރިން އެނގިފައިވާ ބައިތައް ތާޒާ ކުރުން. • ކުރިއަށްގެންދަންއުޅޭ ފިލާވަޅުގެ ކުރު ޚުލާޞާ މަޤުޞަދެއް ބުނެދިނުން. • ފިލާވަޅާއި ގުޅޭ އިރުޝާދު ދިނުމަށް އެހީއެއްގެ ގޮތުން ނަގައިދެވޭ ފިލާވަޅެއްގެ ފަސްމަންޒަރު އެނގިފައިވާ މިންވަރު މިނުން. • ފިލާވަޅާއި ކުރިމަތިލާއިރު ދަރިވަރުންނަށް ލިބިފައިވާ މަޢުލޫމާތެއްގެ ބޭނުން ހިފުމަށް ބާރުއެޅުން. • ނަގައިދޭން އުޅޭ ފިލާވަޅަށް ދަރިވަރުން ހިތްޖައްސުވާ ހުޝިޔާރު ކުރުވުން. • ޖުމްލަ ގޮތެއްގައި ދަރިވަރުންނަށް ފިލާވަޅުން ޙާޞިލްވާންޖެހޭ މިންވަރާއި ހަމައަށް ދިއުމުގެ ފުރުޞަތު ހުޅުވާލަދިނުން ތަޢާރަފު ނުވަތަ ފިލާވަޅު ފެށުމުގެ ކުރިން ކުދިންގެ ފެންވަރު ވަޒަންކުރުމުގެ ބައި ލިޔުމުގައި ވިސްނަންވީ ބައެއް ނުކުތާ ތަކަކީ: • ޝައުޤުވެރިކަން ނުގެއްލޭފަދަ ގޮތެއްގައި ވީހާވެސް ގިނަކުދިން ފިލާވަޅުގެންދިއުމުގައި ޝާމިލް ކުރާނީ ކިހިނެއް ހެއްޔެވެ؟ • ދަރިވަރުންނާއި ރަޙްމަތްތެރި ގޮތެއްގައި ފިލާވަޅުގެ މަޤުޞަދާއި ފިލާވަޅުގައި ހިމެނޭ ބައިތައް ދަރިވަރުންނަށް އަންގައިދިނުމަށް ފަސޭހަވާނީ ކޮންގޮތެއް ހެއްޔެވެ؟ • ފިލާވަޅުގެ ތެރެއަށް ދަރިވަރުން ފުންކޮށް ފީނައިގަތުމުގެ ކުރިން ދަރިވަރުންނަށް އަންގައިދޭން ޖެހެނީ ކޮން އެއްޗެއްސެއް ހެއްޔެވެ؟ ތަޢާރަފު ނުވަތަ ފިލާވަޅު ފެށުމުގެ ކުރިން ކުދިންގެ ފެންވަރު ވަޒަންކުރުމުގެބަޔަށް ޙަރަކާތްތަކެއް ލިޔާއިރު ފިލާވަޅުގެ ފަސްމަންޒަރާއި ގުޅުންހުރި ސުވާލާއި ޖަވާބު ބުރެއް ކުރިއަށް ގެންދިއުންފަދަ ފަސޭހަ އަދި އާދައިގެ ކަމެއް ހިނެނިދާނެއެވެ. މިޘާލު:• ކުރިން އުޅުނު ގްރޭޑް ތަކުގައި ޖަނަވާރާއި ދިރޭތަކެއްޗާއި ބެހޭގޮތުން ކިޔަވާފައިވާ ފިލާވަޅުތަކުން ސުވާލުކޮށް ހަނދާން އައުކުރުމެއް ގެނުވިދާނެއެވެ. • ދިރޭތަކެތީގައި ހިމެނޭ ޚާއްޞަ ސިފަތައް ލިސްޓްކުރުމުގެ ޙަރަކާތެއް ބޭއްވުން. • ޖަނަވާރުންނާއި ގަސްގަހާގެއްސާއި ބެހޭ މަޢުލޫމާތު އުނގެނުމުގެ ބޭނުން އޮޅުން ފިލުވައިދޭށެވެ. 3- އިރުޝާދު ދިނުން.މިބަޔަކީ ފިޅާވަޅު ރޭވުމުގައި ފިލާވަޅު ކުރިއަށް ގެންދާނެގޮތް ހަރުފަތަކަށްފަހު ހަރުފަތެއް ގޮތަށް ހުށައަޅާ ބައެވެ. މިގޮތުން އެފިލާވަޅަކާއި ގުޅޭގޮތުން ޙަރަކާތްތަކެއް އަތުރާލެވިދާނެއެވެ. ފޮތެއް ނުވަތަ ޕެރެގްރާފެއް ކިޔުއްވުން، ކުރެހުމެއް ހުށައަޅާ އެއާމެދު މަޝްވަރާކުރުން، ދިރިއުޅުމުގެ ތެރެއިން ނެގެން ހުރި މިޘާލުނެގުން، ތަފާތު ސާމާނު ބޭނުން ކުރުން، ފިލްމެއް ނުވަތަ ޑްރާމާކޮޅެއް ބެލުން، އަޑުއެހުމުގެ ދޭހައެއް ގެންދިޔުން ފަދަ ކަންކަން ހިމެނިދާނެއެވެ. އިރުޝާދު ދިނުމުގައި ތިރީގައިމިވާ ކަންކަމާއިމެދު ވިސްނުން ބެހެއްޓިދާނެއެވެ. • ގިނަދަރިވަރުން ޝައުޤުވެރިވާ ފަދަ ގޮތަކަށް ފިލާވަޅު ކުރިއަށް ގެންދާނީ ކިހިނެއްހެއްޔެވެ؟ • މިފިލާވަޅު ހުށައެޅުމަށް އެހީގެ ގޮތުގައިބޭނުން ކުރެވެންހުރީ ކޮންކޮން ވަޞީލަތްތަކެއް ހެއްޔެވެ؟ • ފިލާވަޅާއި ގުޅޭގޮތުން ދަރިވަރުންނަށް ހުށައަޅަން ޖެހޭ ބަސްކޮށާރުގައި ހިމެނެނީ ކޮންކޮން ބަސްތަކެއްހެއްޔެވެ؟ • ފިލާވަޅުގެ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ދަރިވަރުންނަށް އެނގެންޖެހޭ ކަންކަމަކީ ކޮބާހެއްޔެވެ؟ • ކުދިންގެ ބައިވެރިވުމާއި ޚިޔާލުބަދަލުކުރުމުގެ ރޫޙެއް އުފައްދާނީ ކިހިނެއް ހެއްޔެވެ؟ މުދައްރިސުންގެ ފޮތުގައި ދެވިފައިވާ އިރުޝާދުތަކުގެ އިތުރުން 'ގާދޫކޮލުން ބޭރަށް ވިސްނުމުގެ ވާފަށް' ގެންދެވޭތޯ ބަލާށެވެ. މިގޮތުން އަމިއްލަ ޚިޔާލާއި ބޯގޭނުން ބޭނުންކޮށްގެން މުޤައްރަރާއި ފިލާވަޅުގެ މަޤުޞަދާއި ފުށުނާރާ ފަދަ އިރުޝާދުތަކެއް ހިމެނުމަށް މަސައްކަތް ކުރާށެވެ. ފިލާވަޅު ހުށައެޅުމުގައި ހަމައެކަނި ކުދިންގެ ކުރިމަތީގައި ޗޯކާއި ބޯޑު ބޭނުންކޮށްގެން ހުރެ ފިލާވަޅު ނިންމާލުމުގެ އުޞޫލު ގެންގުޅުމާއި ދުރުހެލިވާށެވެ. އުފެންދުންތެރި، ދަރިވަރުން ޝައުޤުވެރިކުރުވާފަދަ އުކުޅުތަކެއް ގެންގުޅެވޭތޯ ބަލާށެވެ. ވަޒަންކުރުމުގެ ބަޔަށް ނުވަތަ ތަމްރީނުހެއްދުމުގެ ބަޔަށް ދިޔުމުގެ ކުރީގައި ކުދިންނަށް ފިލާވަޅު މޭރުންވި މިންވަރު ވަޒަންކުރާށެވެ. މިޘާލު:• މިވެނި ލިޔުންތެރިއަކު ލިޔެފައިވާ ' ޖަންގަލީގެ ދިރިއުޅުން ' މި ލިޔުން ކިޔުއްވައި ޚިޔާލު ބަދަލުކުރުން.• ލިޔުމުގައި ދެވިފައިވާ މަޢުލޫމާތުގައި ހިމެނިފައިވާ ދިރޭތަކެތީގައި ހުންނަ ޚާއްޞަ ސިފަތަކާއިމެދު މަޝްވަރާކުރުން. • އަސްލު ޖަނަވާރެއްގެ ދިރިއުޅުން ބަލާލުމުގެ ފުރުޞަތު ދިނުން. (ޙަޤީޤީ މާހައުލަކުން ނުވަތަ ވީޑިއޯގެ ޒަރީޢާއިން)، މިޖަނަވާރުގެ ހަށިގަނޑުގައި ހިމެނޭބައިތަކާއި މެދު ވާހަކަދެއްކުވުން، އެސޮރު ހެދިބޮޑުވާ ގޮތާއިމެދު ޚިޔާލު ބަދަލުކުރުވުން، އެސޮރު ކައިބޮއެ އުޅޭގޮތާއިމެދު ވާހަކަ ދެއްކުމާއި އެހެނިހެން ސިފަތަކާއި މެދު ވާހަކަދައްކުވާ މަޝްވަރާ ކުރުވުން. 4- ވަޒަން ކުރުމަށް ތަމްރީނު ހެއްދުން.މުދައްރިސުގެ އިރުޝާދާއި އެހީގެ ދަށުން ފިލާވަޅުން އުނގެނުނު ބައިތައް ފަރިތަކޮށް އެކުދިންގެ ހުނަރު ބޭނުންކުރުމުގެ ފުރުޞަތު މިބައިގައި ހިމަނަން ޖެހެއެވެ. 5- ނިންމުންފިލާވަޅު ނިންމާލުމުގައި ފިލާވަޅުގެ ކުރު ޚުލާޞާއެއް ހިމަނަން ޖެހެއެވެ. މިގޮތުން ފިލާވަޅުގެ މަޤުޞަދުތައް ދަރިވަރުންނަށް ޙާޞިލްކުރެވުނީ ކިހާވަރަކަށްތޯ ބަލައި ޗެކްކޮށްލަންވާނެއެވެ. ފިލާވަޅުގެ ޚުލާޞާއެއް މުދައްރިސު ހުށައެޅުމުގެ ބަދަލުގައި ދަރިވަރުންލައްވާ މިކަން ކުރުވާ ކަހަލަ ގޮތަކަށް ފިލާވަޅުގެ ނިންމުން ރޭވިދާނެއެވެ. ދަރިވަރުންނަށް އޮޅުންއަރާ ބައިތަކަކާއި ރަނގަޅަށް އޮޅުންފިލާފައިވާ ބައިތައް މިހިސާބުން މުދައްރިސު ފާހަގަ ކުރަންޖެހެއެވެ. ' ތިކުދިންނަށް އޮޅުންނުފިލާ ތަނެއް އެބައޮތްހެއްޔެވެ؟ ނުވަތަ އެއްވެސް ސުވާލެއް އެބައޮތް ހެއްޔެވެ؟ ' ހަމައެކަނި މިހެން ބުނެލުމުން މުދައްރިސްގެ ވާޖިބު އަދާވިކަމަކަށް ނުބެލެވެއެވެ. މިޘާލު:• ފިލާވަޅުން ކުދިންނަށް އަލަށް ދަސްވި ކަންކަމާއިމެދު މަޝްވަރާ ކުރުވުވާށެވެ.• ގަސްގަހާގެއްސާއި ޖަނަވާރުގެ ހުންނަ ޚާއްޞަ ސިފަތާކާއި މެދު މަޝްވަރާ ކުރުވާށެވެ. މިގޮތުން އެ ތަކެތީގެ އެއްގޮތް ސިފަތަކާއި ކަންކަމުގެ މައްޗަށް ނުވަތަ ހުރި ތަފާތުތަކުގެ މައްޗަށް ވާހަކަ ދައްކުވާށެވެ. 6- އަމިއްލައަށް ކުރުމަށް ހަވާލުކުރެވޭ މަސައްކަތްގޭގައި ހަދަން ޙަވާލުކުރެވޭ އެސައިންމެންޓް، މަސައްކަތު ކަރުދާސް ފަދަ ކަންކަމުން ފިލާވަޅުގެ ލަނޑުދަނޑިތައް ދަރިވަރުންނަށް ޙާޞިލް ކުރެވުނު މިންވަރު އެކުދިން އަމިއްލައަށް މިނުމުގެ ފުރުޞަތު މިކަމުން ލިބިގެން ދާނެއެވެ. ހަމަ އެފަދައިން ބެލެނެވެރިންނާއި މުދައްރިސުންނަށްވެސް މިކަމުގައި ފުރުޞަތެއް ލިބިގެން ދެއެވެ. މިފަދަ މަސައްކަތްތަކުން މުދައްރިސެއްގެ އެހީތެރިކަމާއި ނުލައި ފިލާވަޅުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އަމިއްލައަށް މަސައްކަތްކޮށް ކުދިންގެ ހުނަރު އިތުރު ކުރެވޭނެއެވެ. މިބައި ރާވާލުމުގައި ވިސްނުން ބެހެއްޓިދާނެ ބައެއް ކަންކަމަކީ: • ދަރިވަރުންނަށް އިރުޝާދު ދީގެން ކުލާހުގައި ހިންގި މަސައްކަތުގެ އިތުރުން ދަރިވަރުން އަމިއްލައަށް ޙައްލުކުރެވޭނީ ކޮން ފެންވަރެއްގެ ކޮންކަހަލަ މަސައްކަތެއް ޙަވާކުރެވިގެން ހެއްޔެވެ؟ • އައު ހުނަރުތަކެއް އެކުދިންގެ އަމިއްލަ މަސައްކަތުން ހޯދިދާނެ ގޮތްތަކަކީ ކޮބާހެއްޔެވެ؟ • ކުރިމަގުގައި ގެންދަން ހުރި ފިލާވަޅުތަކަށް ބާރުލިބޭފަދަ ގޮތަކަށް މިފިލާވަޅު ގުޅުވާލާނީ ކިހިނެއް ހެއްޔެވެ؟ ދަރިވަރުން އަމިއްލައަށް ކޮށްފައިވާ މަސައްކަތް ޗެކްކުރުމަށް ލިބުމުން، އެކުދިން ކޮށްފައިވާ މަސައްކަތް ރަނގަޅަށް ބަަލައި އިތުރަށް އޮޅުންފިލުވައިދޭން ޖެހެނީ ކޮންބައެއް ނުވަތަ ކޮންފިލާވަޅެއްކަން މުދައްރިސަށް އެނގިގެން ދާނެއެވެ. 7- އެހީ (ފިލާވަޅު ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ތަކެއްޗާއި ވަސީލަތްތައް)ކަނޑައަޅަފައިވާ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ފިލާވަޅު ކުރިއަށް ގެންދިއުމަށް ބޭނުންވާނީ ކޮންކަހަލަ ވަޞީލަތްތަކެއްކަމާއި ބޭނުންވާނެ ސާމާނު ނުވަތަ ތަކެތި މިބައިގައި ހިމަނަން ޖެހެއެވެ. މިގޮތުން ތަކެއްޗާއި ވަޞީލަތްތައް ކަނޑައަޅާއިރު އަންނަނިނިވި ނުކުތާތަކާއިމެދު ވިސްނުން ބެހެއްޓިދާނެއެވެ. • ފިލާވަޅުގައި ކަނޑައެޅިފައިވާ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ފިލާވަޅު ކުރިއަށް ގެންދާއިރު މުދައްރިސާއި ދަރިވަރުންނަށް ބޭނުންވާނީ ކޮން އެއްޗެއްސެއް ހެއްޔެވެ؟ • އުފެއްދުންތެރި ގޮތެއްގައި އެތަކެތީގެ ބޭނުން ހިފާނީ ކިހިނެއްހެއްޔެވެ؟ އެހެން މުދައްރިސުންގެ އަތުން ނުވަތަ އެހެން މީހެއްގެ އަތުން ނަމަވެސް ބޭނުންކޮށްލުމަށް ހޯދޭނީ ކޮން އެއްޗެއްސެއް ހެއްޔެވެ؟ މިޘާލަކަށް: • ޖަނަވާރާއިމެދު ލިޔެފައިވާ މަޝްހޫރު ފޮތެއް • ގަހެއް • ޖަނަވާރެއް • ކަރުދާސް، ކުލަ، ތެޔޮ ޗޯކް • ކުލޭ 8- އިމްތިޙާނުކުރުމާއި މުޠާލިޢާކުރުންކުލާހުގައި ހަދަން ޙަވާލުކުރެވޭ މަސައްކަތެއް ހަދާ ނިމުން އެއީކީ އެ ފިލާވަޅު ނަގައިދީ ނިމޭ ހިސާބެއްނޫނެވެ. ކުރިއަށް އޮތްތަނުގައި ދެވޭނެ އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުކުރުވައި ނަގައިދެވޭ ފިލާވަޅުތައް ހަނދާނުގައި ބެހެއްޓުމަށް ބާރުއަޅާނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހެއެވެ. މިގޮތުން: • ކުއިޒް ބޭއްވުން • ޓެސްޓްދިނުން • ފިލާވަޅާއިގުޅޭ ތަޙްލީލްތައް ކުރުން • މަސައްކަތު ކަރުދާސް ހެއްދުން އަދިވެސް... ދަންނަވާލެވުނު ކަންކަމަކީ ފޮތްފޮތުގައި ލިޔެވިފައި ހުރި ބައެއްކަންތައް ތަކެވެ. ހުނަރުވެރި ކޮންމެ މުދައްރިސެއްގެ ހިތްޕުޅުގައި މިއަށްވުރެ ރަނގަޅު ޕްލޭންތައް ހުންނާނެއެވެ. އެހެން ނަމަވެސް މި ލިޔުމުގެ ސަބަބުން މުދައްރިސަކަށް ނުވަތަ ކިޔަވައިދޭ މީހަކަށް އިތުރު ކަމެއް އޮޅުން ފިލުމަކީ މި ލިޔުން ހުށައަޅާލުމުގެ މައިގަނޑު މަޤުޞަދެވެ. މުދައްރިސުންނާއި ދަރިވަރުންނަށް އަދި ތަޢުލީމީ ދާއިރާއަށް ހެޔޮއެދޭ ފަރުދެއްގެ ހައިޞިއްޔަތުން، މި މަޒުމޫނު ލިޔެ ނިންމާލުމުގެ ތަޢުފީޤް ދެއްވިކަމަށްޓަކައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި މިލިޔުން އަމާޒުވާ އެންމެހައި ފަރާތްތަކަށް އަބަދުވެސް ކާމިޔާބާއި ރަޙްމަތަށް އެދެމެވެ. މަޢުލޫމާތު: 'ސެކަންޑަރީ ސްކޫލް އެޑްމިނިސްޓްރޭޝަން' – އެސް.ކޭ ކޮއްޗާރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ އަޙްމަދު ރަޝީދު, 2009-06-03 14:57:37
އަޅުގަނޑުގެ ލިޔުންތައް ކިޔުއްވާ ޚިޔާލު ހުށައަޅުއްވާ އެންމެހައި ބޭފުޅުންނަށް އަބަދުވެސް ޝުކުރުވެރި ވާނަމުއެވެ. މިލިޔުމަށް ތިޔަ ހުށައެޅުއްވި ޚިޔާލަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އަދި ޚިޔާލު ފޮނުއްވި ފަރާތުން ތިޔަ އިޝާރާތް ކުރެއްވިގޮތުގެ މަތީގައި މާތްﷲގެ އިރާދަފުޅާއިއެކު ދެމިހުންނާނަމެވެ. ފަންވަތުގައި އަޅުގަނޑުގެ ލިޔުންތައް ޝާއިޢްކުރެވެން ފެށުމުގެ މާކުރިއްސުރެން ފެށިގެން އަޅުގަނޑު މިގެންދަނީ ލިޔަމުންނެވެ. ވެބްސައިޓެއް ނުވަތަ ނޫހެއްގައި ޝާއިޢްނުކުރެވުނަސް އަޅުގަނޑުގެންގުޅޭ ފޮތްތަކުގައި އަދި މިހާރު ލެޕްޓޮޕާއި އެކްސްޓާރނަލް ހާޑްގައި އެތައް ބައިވަރު ލިޔުންތަކެއް ލިޔެ ރައްކައު ކުރަމުން އަންނަތާ އެތަކެއް ޒަމާނެއް ވެއްޖެއެވެ. އޭގެ ދުވަސްތަކެއް ފަހުން އެއިގެތެރެއިން އެއް ލިޔުން ފަންވަތަށް ފޮނުވައި ފަންވަތުގެ އިސްބޭފުޅުން އެ ލިޔުމާއިމެދު ދެއްވި ހިތްވަރަށްފަހު ލިޔުމުގެ މަސައްކަތް އައު ޖޯޝަކާއި އެކު ކުރިއަށް މިގެންދަނީއެވެ.
އަޅުގަނޑު ލިޔަންފެށީ ލިޔާހިތުންނެވެ. ކިޔާނެ މީހުންނާއި ލިޔުންތަކާއިމެދު ޚިޔާލު ފާޅުކުރާނެ މީހުން ނުވާތީ ހިތްމަރުވިޔަސް ލިޔުމުން ލިބޭ ހިތްހަމޖެހުން އޮންނާނެ ދޮގެއްތޯއެވެ. ލިޔުމުގެ ހިތް ހަމަޖެހުން ހޯދުމަށް އަޅުގަނޑުގެ ބްލޮގެއް ހިންގަންވެސް ފެށީ އެސަބަބަށްޓަކައެވެ. www.ahmedmudharriss.wordpress.com އިންވެސް އަޅުގަނޑުގެ ލިޔުންތައް ކިޔޭނެއެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ކަން މިހެން އޮތްނަމަވެސް މި ފަދަ ލިޔުންތަކަކީ ވަރަށް ބޭނުންތެރި ލިޔުންތަކެވެ. އާންމުކޮށް އެންމެންނަށެވެ. ޚާއްޞަކޮށް މުދައްރިސުންނަށެވެ. މި ފަދަ ލިޔުންތަކުގެ ޙަޤީޤީ އަގު ވަޒަން ކުރެވޭނީ މި ފަދަ ލިޔުމަކަށް ބޭނުންވެފައިވާ މުދައްރިސަކަށް ނުވަތަ ދަސްކުރާ މުދައްރިސަކަށް މި ލިޔުން ފެންނަ ވަގުތުގަ އެވެ.
ފަންވަތުގައި ޝާއިޢު ކުރާ ލިޔުންތަކަށް ބަލާއިރު، ހެއްވާ ލިޔުންތައް ކިޔާފައިވާ މީހުންގެ ޢަދަދު ގިނަކަން ފާހަގަ ކުރެވެ އެވެ. ތާރީޚީ ޢިލްމީ ލިޔުންތަކަށް އެހާ މަތީ ޢަދަދެއް ލިބިފައިވާތަނެއް ނުފެނެ އެވެ. ވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރަޝީދުވެސް އަދި އެނޫނަސް މި ފަދަ ލިޔުއްވުން ލިޔުއްވާ ބޭފުޅުންވެސް މި ކަން މިހެން އޮތަތީ މާޔޫސްވެވަޑައި ނުގަންނަވާށެވެ. ގިނަ ދުވަހުން މިތަކެތި ރަނަށްވާނެ އެވެ. ޢިލްމީ ތަރިކައިގެ އަގު އުފުލޭނީ ޢިލްމުގެ އަގު އުފުލުނު މިންވަރަކުންނެވެ.