ފަންވަތް ދިވެހި ތަޢުލީމާއި ތަރުބިއްޔަތު ތަޢުލީމުގެ ރޫޙު މުރާޖަޢާ ކުރުން
ބެލި ޢަދަދު: 982
ތަޢުލީމުގެ ރޫޙު މުރާޖަޢާ ކުރުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ތަޢުލީމާއި ތަރުބިޔަތު
09 ޖޫން 2009، 00:09 އަންގާރަ


މުޙަންމަދު ޢަބްދުއްޞަމަދު –
 
ދިވެހި ރާއްޖޭގެ ތަޢުލީމުގެ ރޫޙުވަނީ މުރާޖަޢާ ކުރަންޖެހިފަ އެވެ. ބަދަލުކުރަންޖެހިފަ އެވެ.  ތަޢުލީމީ ނިޒާމެއްގެ ބޭނުމަކީ މުޖުތަމަޢަށް ފައިދާ ހުރި، މަސްއޫލިއްޔަތު އުފުލާނެ ރައްޔިތުންނާއި ވެރިން ތަރުބިއްޔަތު ކުރުމެވެ. އިސްލާމީ މުޖުތަމަޢެއްނަމަ، މިފަދަ މުޖުތަމަޢަކާ ގުޅޭ  ރައްޔިތުންނާއި ވެރިން އުފެއްދުމެވެ. އެއީ އަޅުގަނޑުމެން ދިރި އުޅޭ މުޖުތަމައަކީ ޞުލްޙަވެރި ޞާލިޙު ފަރުދުންތަކެއް އުޅޭތަނަކަށް ހެދުމަށެވެ.

ޤައުމުގެ ކުރިމަގު ބައްޓަންކޮށް، ގައުމީ ނަވުގެ މިސްރާބު ހިފާނީ ތައުލީމީ ނިޒާމުންނެވެ. ތައުލީމީ ނިޒާމުގެ މަޤުޞަދު ފުހިހަމަ ވެފައި ވަރަށް ސާދާ އެވެ.

" އިސްލާމީ ދިވެހި މުޖުތަމަޢުގައި ބައިވެރިއެއްގެ ގޮތުންނާއޮ އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަށާއި ތިމާގެ އާއިލާ އަށާއި ތިމާގެ ރަށަށާއި ތިމާގެ ގައުމަށް ފައިދާ ކުރުވަނިވި ހަރުދަނާ މީހަކަށް ވުމުގެ ގާބިލިއްޔަތު ލިބި ދިނުމަށްޓަކައި ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫޙީބައި ތަރައްގީކޮށް ހާނައި ތަރުބިއްޔަތު ކޮށްދިނުމާއި އަދި ބޭނުންވާ ހުނަރުތައް ލިބި ލިބިދިނުމެވެ."

ދެން މި މަޤު ޞަދުތައް ހާޞިލް ކުރެވެނީ ކިހާވަރަކަށް ތޯ ވަޒަން ކޮށްލަމާ ތޯ އެވެ! މަދަރުސާ ނިންމާފައި ނިކުންނަ ކުދިންގެ ކިބައިގައި މިސިފަތައް އަށަގެންފައިވޭ ތޯ އެވެ! ދީނީ ކަންތައްތަކަށް ސަމާލުކަން ދޭ ތޯ އެވެ. މުދައްރިސުންނާއި ވެރިންނާއި މައިންބަފައިންނަށް އިޙްތިރާމް ކުރޭތޯއެވެ! އިޖުތިމާއީ މަސައްކަތްތަކުގައި ބައިވެރިވޭ ތޯ އެވެ! ރީތި ބަހުން ވާހަކަ ދައްކަން އެނގޭތޯ އެވެ!

ތަޢުލީމީ ނިޒާމުގެ ދުޅަހެޔޮކަމާއި ބަލިކަން ދައްކައިދެނީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ ސުލޫކާއި ޢަމަލުންނެވެ. ތަޢުލީމީ ނިޒާމުގެ ޞިއްޙަތު ރަނގަޅުނަމަ، މިނިޒާމުން ޚިދުމަތް ލިބިގަންނަ ބަޔަކު ހުރިހާ ގޮތަކުންވެސް ދުޅަހެޔޮވާނެ އެވެ. ނޫން ނަމަ މުޖުތަމަޢު އޮންނާނީ ބޮއްސުންލައިފައެވެ. މި ނިޒާމުގެ ނަތީޖާ އޮތީ ފެންނާށެވެ. އެއްވެސް އަޚްލާޤެއްނެތް ކުދިންތަކެއް ވަނީ މުޖުތަމަޢަށް ގިނަ ވެފައެވެ. މަސްތުވާ ތަކެއްޗާއި މާރާމާރީ ހިންގުންވަނީ އިތުރު ވެފައެވެ.

ނަހަމަ ގޮތުގައި ހިންގާ ޖިންސީ ޢަމަލުތައް ވަނީ އާއްމު ވެފައެވެ. ފޭރުމާއި ވައްކަން ކުރުންވަނީ ގިނަވެފައެވެ. ކުޑަކުދިންނަށް އޯގާވެރިނުވާތާނގާއި އެ ކުދިންވަނީ ޖިންސީ ޝިކާރައަކަށް ވެފައެވެ. މުޖުތަމަޢުގެ ޒުވާނުންވަނީ ދިރިއުޅުމުގެ މަޤުޞަދު އޮޅިފައިވާ އާވާރާ ބަޔަކަށް ވެފައެވެ. ހެދުން އަޅާފައިވާ ގޮތަށް ވިސްނާށެވެ. އަވަގުރާނައާއި މަސްތުވާތަކެތީގެ އިސްތިހާރު ޖެހި ޓީޝާޓް ތަކެވެ. ކަންފަތާއި ނޭފަތާއި ބަނޑާއި އެހެނިހެން ތަންތަން ތޮރުފާފައި އަޅާފައި ހުންނަ ބޮޅުފަތިތަކެވެ. ބޮލުގެ ތަފާތު ތަންތާނގައި ކުލަޖައްސާފައި ރުއްގަސްހެން ބޯހަދާފައި ހުންނަގޮތެވެ.

މިކަންކަމާމެދު އަޅުގަނޑުމެން ފިކުރުކޮށްލައިފިނަމަ ގިނަ މައްސަލަތަކަކީ އިންސާނާ އަމިއްލައަށް އުފައްދާފައިވާ މައްސަލަތަކެވެ. މިކަހަލަ މައްސަލަތަކާއެކު މުޖުތަމަޢުގައި އުޅެނީ ނުސިދާކޮށްނަމަވެސް އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުން އުފައްދާފައިވާ މީހުންނެވެ. މިހެންވާން ޖެހެނީ އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަކީ މާއްދީ ބޭނުންތަކަށް އިސްކަންދީގެން ހިންގޭ " ސެކިއުލަރ" ނުވަތަ އިލްމާނީ ނިޒާމަކަށް ވާތީ އެވެ.

އަޚްލާޤީ  ރީތި ސިފަތަކުން އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތުކޮށް އުޅެނީ މަދުންނެވެ. މި ދެވޭ ތަޢުލީމާއެކު އަޚްލާޤީ ނަމޫނާއެއް ނުދެއްކެއެވެ. ކުދިންނަށް ނަމޫނާއެއް ނުއެއް ފެނެއެވެ. މުޖުތަމަޢަށް ފެތުރިފައިވާ އިޖުތިމާޢީ ބަލިތައް ފެތުރިފައިވަނީ ތަޢުލީމީ ނިޒާމު ބަލިކަށި ކަމުންކަން ގަބޫލުކުރަން ޖެހެއެވެ. މިހެންވާންޖެހުނު ސަބަބަކީ ކޮބައިތޯއެވެ؟ ޒަމާނަށް ބަދަލުތަކެއް އަންނަކަން އެނގޭއިރު ޣާފިލްކަންމަތީ ތިބެވުނީ އެވެ. ޓެކްނޮލޮޖީއާއި ސިނާއަތްތަކުގެ ކުރިއެރުމުގެ ސަބަބުން ކަންތައްތައް އަވަސްވެ ކަންކަމުގެ އިންތައް ނެތެމުން ދިޔައިރު ފަހަތު ފަޔަށް ބަރުވެފައި ތިބެވުނީ އެވެ.

"ރާސްތާމަރުވެ" "ވަގުތު މަރުވާ" ދުވަސް ކުރިމަތިވި އިރު ލޯމަރާލެވުނީ އެވެ. މިމައްސަލައަކީ ތަޢުލީމާއި ތަރުބިއްޔަތުގެ މީހުންނަށް ފިސާރި ބޮޑު ކަމެކެވެ.
ރާސްތާ މަރުވެ ވަގުތު ފަނާވެ އިންތައް އުވުމުން ވާންވީ ގޮތް ވީ އެވެ. އެއްވެސް ގައުމެއްގެ އިޤުތިޞާދެއް، ޘަގާފަތެއް، ޤައުމިއްޔަތެއް، އަދި އަމިއްލަ ފަރުދެއްގެ ދާފަރާއެއްވެސް ނެތުނީ އެވެ. އެކަހެރިކަން މުޅިން ނެތުނީއެވެ. މި މާހައުލު އަޅުގަނޑުމެންނާ ބައްދަލުކުރި އިރު މުޅިދުނިޔެއަށްވަނީ ޑިމޮކްރަސީގެ ނަމުގައި މިނިވަން ކަމުގެ އިމާއި މިން، ހަމައާއި ލަމަ ގަބޫލުނުކުރުމުގެ ދުސްތޫރެއް ފެތުރިފައެވެ. ގަންނާނެ ކޮންމެ އެއްޗަކީ ވިއްކަންވީ އެއްޗެކެވެ. ހޯދަން އުޅޭ ކޮންމެ އެއްޗަކީ އުފައްދަންވީ އަދި ލިބެންވީ އެއްޗެކެވެ. ބަލާނެ ކޮންމެ އެއްޗަކީ ދައްކަންވީ އެއްޗެކެވެ. އަހާނެ ކޮންމެ އެއްޗަކީ އިއްވަންވީ އެއްޗެކެވެ. މިފަދަ ވެއްޓެއްގެ ތެރެއިން "ސްމާރޓްޖީލެއް" އުފެއްދުންވަނީ ދަތި އުނދަގޫ ކަމަކަށް ވެފައެވެ. މުދައްރިސުންނާއި މައިން ބަފައިންނަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތި ވެފައެވެ.

މިއީ ތަޢުލީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ކުރީ ޒަމާނުގައި އުސްތާޛު ނުވަތަ އެދުރު މީހާއަކީ ހަމައެކަނި ފަންނީ މަޢުލޫމާތުދޭ މުދައްރިސެއް ނޫނެވެ. އޭނާ އަކީ ހަރުދަނާ އަޚްލާޤެއްގެ މައްޗަށް އޭނާގެ ދަރިވަރުން ތަރުބިއްޔަތު ކުރާ މުރުޝިދެކެވެ. އަދި ދަރިވަރުންގެ އިތުބާރުލިބޭ އެޑްވައިޒަރުވެސް މެއެވެ. މިހާރު އުގަންނާދޭ އިރު ވަރަށް ބޮޑަށް ބުރަވެފައި އޮންނަނީ މާއްދާ ކިޔަވާ ދިނުމަށެވެ. ދަރިވަރުންގެ ސުލޫކަށް ތަރުބިއްޔަށް ނުބަލައެވެ. ބޭއަދަބީ ބަހެއް ދަރިވަރަކު ބުންޏަސް ފިނި ގޮތަކަށް ދޫކޮށްލަނީ އެވެ. ހެވެއް ނުބައެއް ދަރިވަރުންނަކަށް ނޭނގެއެވެ. މުޤައްރަރުގައި ތަރުބިއްޔަތަށް އެކަށީގެންވާ އަހަމިއްޔަތެއް ނުދެވެއެވެ.

ޔޫރަޕާއި އެމެރިކާގައި ސްކޫލްތައް ފަށާފައިވަނީ ޗަރޗުންނެވެ. އެއަށް ފަހު ކެޕިޓަލިޒަމުގެ ނުފޫޒު ގަދަވުމުން އެމީހުން ބޭނުންވީ އިގްތިޞާދީ ފުދުންތެރިކަން ހޯދުމަށްޓަކައި އެކަމަށް ބޭނުންވާ އެއްޗެހި އުފެއްދޭނެ ކަހަލަ ޤާބިލް މީހުންތަކެއް ތަޢުލީމީ މަރުކަޒުތަކުން އުފެއްދުމަށެވެ. އެހެންވެ ތަޢުލީމު ދިނުމުގެ އަމާޒަކަށް ވެފައިވަނީ ފައިސާ ހޯދުމެވެ. ވަޒީފާ ހޯދުމެވެ. އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގައި ވެސް ކުދިންގެ ރޫހީ ބަޔަށް ދެވޭ ސަމާލުކަން ވަރަށް ކުޑައެވެ. ބެލެނިވެރިން ވެސް ދަރިންނަށް ތަޢުލީމު ދިނުމުގެ ރޫޙަކަށް ވަނީ ޢިއްޒަތްތެރި މަގާމުތައް ހޯދުމެވެ. މުސާރަބޮޑު ވަޒީފާ ތައް ހޯދުމެވެ. މިކަމުގެ ސަބަބުން ތަޢުލީމު އުނގެނުމުގެ އަސްލު  މަޤުޞަދު ގެއްލި މުޖުތަމަޢު ބަލިކަށިވެގެން ދެއެވެ. އިޖުތިމާޢީ ތަފާތު ބަލިތައް ފެތުރެއެވެ. މުޖުތަމަޢު އިޞްލާޙު ކުރުމުގެ ނަމުގައި ބައިބައި ވުމާއި ދެކޮޅު ވެރިވުމާއި ފިތުނަ ފަސާދަ ޢާއްމުވެއެވެ. ދީނެއް އުޞޫލެއް ނެތި ދިރިއުޅެއެވެ. ދިރިއުޅުމުގެ މުޅި މަޤްޞަދަކަށްވަނީ ދުނިޔެ ހޯދުމެވެ.

ހަލާލު ދިރިއުޅުމެއް ހޯދުމާއި ޤައުމަށް އިޤުތިޞާދީ ފުދުންތެރިކަން ގެނައުމަށް މަސައްކަތް ކުރުމަކީ މުހިންމު ދީނީ މަޤުޞަދަކަށް ވިޔަސް ތަޢުލީމުގެ ރޫޙަކަށް ތަރުބިއްޔަތު ހެދުން މުހިންމެވެ. ތަޢުލީމާއި ތަރުބިއްޔަތަކީ ވަކި ނުކުރެވޭނެ ދޭއް ޗެވެ. ގުޅިލާމެހި ފައިވާ ދެކަމެވެ. ތަރުބިއްޔަތު ވާންޖެހޭނީ ތަޢުލީމުގެ ރޫޙުކަމުގައެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ އަބޫ އިބްރާހިމް, 2009-06-09 04:55:41
ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށް އަޅުގަނޑުދެކެމެވެ. އަދި ހަމަ އެއާއި އެކު އެހެންކަމެއްވެސް އެބަ ހާމަކޮށްލަން ޖެހޭކަމުގައި ޤަބޫލުކުރަމެވެ. އެކަމަކީ މަޒްމޫނުގައި ހާމަކޮށްފައިވާ ފަދައިން ދިރިއުޅުމުގެ ކަންކަމަށް އައި ބަދަލުތައް އައީ ވަރަށް ހަރު ކޮށެވެ. ނަމަވެސް އެއާއި އެއްވަރަށް އަޅުގަނޑުމެންގެ އެހެނިހެންކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިފައެއް ނުވެއެވެ. މަޒްމޫނުގައި ހާމަކޮށްފައިވާ އިޖްތިމާޢީ ދުޅަހެޔޮކަށް އައި ހީނަރުކަން އިތުރަށް ހީނަރުވާން ދިމާވި އަނެއް ސަބަބުކަމަށް އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަށް ބޭނުންވި އިންސާނީ ވަޞީލަތް ބޭނުންވި މިންވަރަށް ފައިހަމަކޮށް އަޅުގަނޑުމެންގެ ތެރެއިން ލިބެންނެތިގެން ދިއުމެވެ. މިފަދަ ކަންތައްތަކެއްގެ ސަބަބުން ގިނަ ޢަދަދަކަށް ބޭރުމީހުންތަކެއްގެ އެހީތެރިކަން އެއްގޮތައްވުރެ ގިނަ ގޮތްގޮތަށް ތަޢުލީމީ ނިޒާމުގެ ތެރެއަށް ވައްދަންޖެހުން ވެގެންދިޔައީ ހާމަކޮށްފައިވާ ފަދައިން އަޅުގަނޑުމެންގެ ދިވެހި ޘަޤާފަތުގެ ކަންކަން ކުދިންނަށް އުނގަންނައި ދޭންވީ މިންވަރަށް އުނގަނައިދީ އެކަމަށް ދޭންވީ މިންވަރަށް އިސްކަންދީ ކުދިންގެ ކިބައިގައި އަށަގެންނުމާއި އަހުލުވެރިކުރުވުން ކުޑަވެގެން ދިއުންކަމުގައިވެސް ދެކެމެވެ.
މިކަންމިއީ އިތުރު މަސައްކަތްތަކެއް ކޮށްގެން އައުފެށުމަކުން ފަށައިގެން ނަމަވެސް ޙައްލުކުރުމަށް ބޮޑު އަދި ބުރަމެ މަސައްކަތްތަކެއް ކުރަންވެއްޖެކަމެއް ކަމުގައިވެސް ދެކޭ ޙާލު މުޙައްމަދު ޢަބްދުއްޞަމަދު މިކައަމާޒަށް އަޅުގަނޑުމެންގެ ލޯހުޅުވައިދިނުމަށް ކުރެއްވި ތިޔަމަސައްކަތަށް ޝުކުރު އަދާކުރަމުން މިޚިޔާލުކުރުކޮށްލަމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 982
extra avandia and congestive heart failure