މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ބަސްދީގަތުން |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 14 ޖުލައި 2009، 00:12 އަންގާރަ | |||
|
މުޙައްމަދު ވަޙީދު މަޑުލު ބަސްދީގަތުމަކީ މީހަކާއި ސުވާލުކޮށްގެން މަޢުލޫމާތު ހޯދުމެވެ. މިކަން ކުރެވޭނީ މިކަމަށް ތައްޔާރުވެގެންނެވެ. ބަސްދީގަތުމަކަށް ތައްޔާރުވުމުގައި ކުރަންޖެހޭނެ ކަންތައްތަކަކީ: ބަސްދީގަތުމަކަށް ތައްޔާރުވުން؛ 1. ޖަވާބު ހޯދަން ބޭނުންވާ ސުވާލުތައް ތައްޔާރުކުރުން ބަސްދީގަތުމަށް ދާން ތައްޔާރުވުމުގެ ގޮތުން ހޯދަން ބޭނުންވާ މަޢުލޫމާތު ލިބޭނެ ސުވާލުތަކެއް ލިޔެލައިގެން ދިޔުމަކީ މުހިއްމުކަމެކެވެ. އެހެންނަމަވެސް އެހުރިހާ ސުވާލެއް ކުރަން ނުޖެހިވެސް ހިނގައިދާނެއެވެ. އަދި ޖަވާބު ދޭމީހާ ޖަވާބު ދޭ ގޮތުން އިތުރު ސުވާލުތައް ކުރަންވެސް ޖެހިދާނެއެވެ. ސުވާލުކުރަން ފަށައިގަންނާންވީ ވަކިތަރުތީބެއް ނެތެވެ. އެހެންނަމަވެސް ޖަވާބުދޭ މީހާއާ ބައްދަލުވަނީ ފުރަތަމަ ފަހަރަށް ކަމަށްވާނަމަ ސުވާލުތައް ފެށުމުގެ ކުރިން ތަޢާރަފުވެލުން ރަނގަޅުވާނެއެވެ. ސުވާލުތަކަށް ފެށުމުގެ ކުރިން ޖަވާބުދޭ މީހާގެ ހާސްކަން ވެސް އަދި ސުވާލުކުރަން ދާމީހާގެ ހާސްކަން ކުޑަކޮށްލުން ރަނގަޅުވާނެއެވެ. 2. ބަސްދީގަތުމަކަށް ތައްޔާރުވާއިރު ރެކޯޑުކުރަން ބޭނުންނަމަ ރަނގަޅަށް މަސައްކަތްކުރާ ރެކޯޑަރެއް ހޯދުން މުހިންމެވެ. ރެކޯޑުކުރަމުންދިޔަ ނަމަވސް ސަތޭކައިން ސަތޭކަ އިތުބާރު އޭގެ މައްޗަށް ދޫކޮށްލުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ސަބަބަކީ ދިމާވާ މައްސަލައަކުން ރެކޯޑުނުކުރެވި ހުރެއްޖެނަމަ ހުރިހާ މަސައްކަތެއް ބޭކާރުވެގެން ހިނގައިދާނެތީއެވެ. އެހެންނަމަވެސް ޖަވާބުދޭމީހާ ދޭ ޖަވާބުތައް ނޯޓުކުރަންވެގެން ދޭ ސަމާލުކަން ބޮޑުކަމުން ޖަވާބުދޭ މީހާއާއި އަޅާނުލެވޭ ގޮތް ވެގެން ނުވާނެއެވެ. 3. ގެންދާ ގަލަމަކީ ރަނގަޅަށް ދެލި ހިނގާ ޤަލަމެއްކަން އަދި ދެލި ހުސްވާން ކައިރިވެފައިވާ ގަލަމެއް ނޫންކަން ޔަޤީންކުރަންވާނެއެވެ. 4. ހެދުން އަޅަން ވާނީ މެދު މިންވަރަކަށެވެ. މާ ކަންތައް ބޮޑު ހެދުމެއް އެޅުން ރަނގަޅެއް ނޫނެވެ. ކުލަގަދަ، ރޮނގުތައް ފުޅާ، މާތައް ބޮޑެތި، ފޭރާންލުން ރަނގަޅެއް ނޫނެވެ. އެމީހެއްގެ ފަސްމަންޒަރު އޮޅުން ފިލުވުން ބަސްދީގަތުން ދޭނީ ކާކުކަން ރަނގަޅަށް އެނގިއްޖެއްޔާ ސުވާލުކުރަން ފަސޭހަވާނެއެވެ. ސުވާލުކުރަން އައިސް މިއިން މީހަކީ އޭނާގެ ކަންތައް އެނގޭ މީހެއްކަމަށް ޖަވާބުދޭ މީހާއަށް އެނގުމުން ދެފަރާތުގެ މެދުގައި އެކުވެރިކަމެއް އުފެދިގެންދާނެއެވެ. އަދި ޖަވާބުދިނުމުގައި ކޮންމެ ކޮންމެ ގޮތަކަށް ޖަވާބުދިނުމަކަށް ހިތްހަމައެއް ނުޖެހޭނެއެވެ. ސުވާލުކުރަން މިދަނީ ކިހާ ތަޖުރިބާއެއްހުރި ކިހާ ޢިލްމީ މީހަކާކަން އެނގުމަކީވެސް ބޭނުންތެރިކަމެކެވެ. ހަމަ އެހެންމެ އޭނާގެ މިޖާޒާއި ޠަބީޢަތު އެނގިގެން ދިއުމުން ވާނެ ފައިދާތަކެއްވެސް ހުންނާނެއެވެ. ތަނަކާ ނުވަތަ އެއްޗަކާ ނުވަތަ ކަމަކާ ބެހޭގޮތުންވެސް ފަސްމަންޒަރު އޮޅުންފިލުވުން މީހެއްގެ ގާތަށް މިދަނީ ކަމަކާ ނުވަތަ ތަނަކާ ނުވަތަ އެއްޗަކާ ބެހެގޮތުން މަޢުލޫމާތު އޮޅުން ފިލުވަންކަމަށް ވީނަމަވެސް އެކަމާ ނުވަތަ އެތަނަކާ ނުވަތަ އެއެއްޗަކާ ބެހޭގޮތުން ކޮންމެސް ވަރަކަށް މަޢުލޫމާތު ލިބިފައި ހުރުމަކީ މުހިއްމުކަމެކެވެ. އެއްވެސް އެއްޗެއް ނޭންގެ ބަސްދީގަތުން ހޯދަން ދިޔުމުން ކުރިބެދޭގޮތްވެދޭނެއެވެ. އެހެންވީމާ އަބަދުވެސް ބަސްދީގަތުމަކަށް ދާންވާނީ އެބަސްދީގަތުން ހޯދަންދާ ކަމަކާބެހޭ ގޮތުން ވީހާވެސް ގިނަ މަޢުލޫމާތު ހޯދައިގެން ނުވަތަ އެނގިގެންނެވެ. ބަސްދީގަތުމެއްގައި ނުކުރަންވީ ކަންތައްތައް 1. އެއްވެސް ސުވާލެއް "އާނއެކެވެ" ނުވަތަ "ނޫނެކެވެ" ބުނެ ޖަވާބުދެވޭ ގޮތަށް ތައްޔާރުކޮށްގެން ނުވާނެއެވެ. ބޭނުންވަނީ ޖަވާބުދޭމީހާ ލައްވައި ވާހަކަދައްކުވާށެވެ. އެހެންވީމާ ކުރު ޖަވާބެއް ދެވޭގޮތަށް ސުވާލުކުރުމަކީ ނުވަތަ ސުވާލުތައްޔާރުކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މިސާލަކަށް އެކަން އެނގޭވަރު އޮޅުން ފިލުވުމުގެ ގޮތުން: އެކަންކުރިގޮތް އޮތީ އެނގިވަޑައިގެންފައިތޯ؟ މިހެން އެހުމަށްވުރެ އެކަންކުރިން އެނގިވަޑައިގެންފައި އޮތީ ކިހާވަރަކަށްތޯ؟ ސުވާލުކުރުން ރަނގަޅުވާނެއެވެ. 2. އެއްވެސް ހާލެއްގައި އެއްސުވާލެއްގެ ތެރޭގައި އެތައްސުވާލެއްނުކުރާށެވެ. ސުވާލަކުން ސުވާލަކުން ކުރަމުން ގެންދާށެވެ. އެއްސުވާލެއްގެ ތެރޭގައި ގިނަ ސުވާލުކުރުމުން ޖަވާބުދޭމީހާ ހިތުގައި ސުވާލުތައް ބަހައްޓަން އުނދަގޫވާނެއެވެ. ގިނަ ފަހަރަށް އެންމެ ސުވާލަކަށް ޖަވާބުދީފައި ނިންމާލާ ގޮތްވެސް ވެދާނެއެވެ. 3. އެއްވެސް ހާލެއްގައި އިޙުތިރާމު ކުޑަވާ ކަހަލަ ނުވަތަ ލަދު ގަންނަވާލުމުގެ މަޤުޞަދުގައި ސުވާލުކުރުން ރަނގަޅެއް ނޫނެވެ. އެހެންނަމަވެސް ކަމުގެ ބާވަތުން އޮޅުންފިލުވަންޖެހޭ ކަންތައްތައް އޮޅުން ފިލުވުމަށްޓަކައި ޖަވާބުދޭ މީހާ ހިތްނުރުހޭ ކަހަލަ ސުވާލުވެސް ކުރަންޖެހިދާނެއެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާވާ ގޮތެއް ނޫނެވެ. އެހެންވީމާ ވިސްނަންވާނީ މި މަޢުލޫމާތު ހޯދަނީ މިވެނި ބޭނުމެއްގައި ކަމަށްވާތީ އެ ބޭނުން ފުއްދޭނެ ގޮތަކަށް މަޢުލޫމާތުހޯދުމަށެވެ. 4. ފަހަރެއްގައިވެސް ޖަވާބުދޭމީހާ އަތަށް މައިކުރޯފޯން ދޫކޮށްނުލާށެވެ. ބައެއް މީހުންނަކީ ވާހަކަދައްކަން ފަށައިފިނަމަ ހުއްޓާނުލެވޭ ކަހަލަ މީހުންނެވެ. އެހެންވީމާ ވާހަކަ ދީގެން ނުވާނެއެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|