މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
|
| އަޑުއެހުން |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 28 ޖުލައި 2009، 00:03 އަންގާރަ | |||
|
މުޙަންމަދު ވަޙީދު މަޑުލު (2009) އަޑުއެހުމަކީ، އަނެކުންނާ މުޢާމަލާތުކުރުމުގެ އެއްބައެވެ. އެއީ މާތް އަޚުލާޤީ ސިފައެއް ވެސް މެއެވެ. އެހެން މީހުން ދެނެގަނެވޭނީ އެހެން މީހުން ދައްކާ ވާހަކަ އަޑު އަހައިގެންނެވެ. ތިމާއާމެދު އަބަދު ނުވިސްނައި އެހެންމީހުންނާމެދު ވިސްނުމުގެ ފުރުޞަތު އޮންނާނީ ވެސް އެހެން މީހުން ދައްކާ ވާހަކަ އަޑު އަހައިގެންނެވެ. މާރކޭސް ސަރވީނޭ ވިދާޅުވެފައިވަނީ، ''އިންސާނުން އުފަންވަނީ ދެ ލޮލާއި، ދެ ކަންފަތާ އެކުގަ އެވެ. އެކަމަކކު އިންސާނާގައި ވަނީ، އެންމެ ދުލެކެވެ. އެހެންކަމުން އަމިއްލަޔަށް އެނގެންވީ ކަމަކީ، ވާހަކަ ދައްކާ ވަރަށްވުރެ ދެ ގުނަ އިތުރަށް އަޑު އަހައި ބަލަންވާނެ ކަމެވެ.'' އެއީ ވިސްނައިލުން ރަނގަޅު ވާހަކަފުޅެކެވެ. ދިވެހިންގެ ހަރުބަހެއްގައި ވެސް ބުނަނީ، ''ބަސްމަދުކުރާށެވެ! ޢަމަލު ގިނަ ކުރާށެވެ!'' މިހެންނެވެ. މި ބަހުގެ މަޤުޞަދަކީ، ހުސް އަނގަ ނުތަޅުވައި، ކުރަންހުރި ކަންތައްތައް ނިންމަން އުޅުމުގެ ވާހަކަ ކަމަށް ބެލެވިދާނެ އެވެ. ވާހަކަ ދެކެވެމުން ދަނީ ކަމަކާމެދު ޚިޔާލު ބަދަލުކުރަން ކަމަށްވާނަމަ، އަޑު އެހުމަށް ކެތްތެރިވެ އަޑު އެހުމަށް ސަމާލުކަން ދޭންވާނެ އެވެ. އެހެންނަމަވެސް، ބޮޑަށް މަސައްކަތް ކުރެވޭތަން ފެންނަނީ، ތިމާގެ އަމިއްލަ އަޑު އެހެން މީހުންނަށް އިއްވުމަށެވެ. އަޑު އެހުމަށް އެހައި ބޮޑަށް ސަމާލުކަމެއް ނުދެވެ އެވެ. އަޑު އެހުމުގެ ސަބަބުން ބުނަން ބޭނުންވާ އެއްޗެއް ބުނުމަށް ތައްޔާރުވެވޭލެއް ބޮޑެވެ. އަޑު އަހަމުންދާއިރު، ޖަވާބު ދޭނެ ގޮތެއް ސިކުނޑީގައި ރޭވެމުން ދެ އެވެ. އެ ރޭވޭ ރޭވުމަށް ވަގުތު ނުދީ އަވަސް އަރައި ގަނެވިއްޖެ ނަމަ، އެކަށީގެންވާ ގޮތަކަށް ޖަވާބެއް ނުދެވޭނެ އެވެ. އަޑު އެހުމަކީ، މުވާޞަލާތު ކުރުމުގެ އެއްބައެވެ. އެ ބައި ފުރިހަމަ ނުކޮށް ފުރިހަމަ ގޮތަކަށް މުވާޞަލާތެއް ނުކުރެވޭނެ އެވެ. މެސެޖެއް ލިބިގެން ނޫނީ މެސެޖަކަށް ޖަވާބެއް ނުދެވޭނެ އެވެ. އެ މެސެޖު ދޭމިހާ ދޭ މެސެޖަށް ސަމާލުކަން ނުދީ މެސެޖަށް ޖަވާބު ދެވޭނީ ކިހިނަކުންތޯ އެވެ؟ ބައެއް ފަހަރަށް ވާގޮތަކީ، މޮޅު ޚިޔާލެއް އަތުވެއްޖެކަމަށް ހީވުމުން ވާހަކަ ދައްކާ މީހާ މެދުކަނޑައިލައިފައި ވެސް އެ ޚިޔާލު ފާޅު ކޮށްލުމެވެ. އޭނާ ދޭންވެގެން އެ އުޅެނީ ވެސް އެ ޚިޔާލު ނޫންކަން އެނގެނީ ކިހިނެއްހެއްޔެވެ؟ ރަނގަޅަށް އަޑު އަހާކަމުގެ ޢަލާމާތްތަކެއް، ތަޖުރިބާކާރުން ފާހަގަ ކުރައްވަ އެވެ. އެއީ؛ އަނެކާ ވާހަކަ ދައްކާއިރު އެ ވާހަކައަށް ސަމާލުކަން ދިނުމެވެ. އަލަށް ބައްދަލުވާ މިހަކާ މެދު ޝައުޤުވެރިވުމެވެ. އަދި އޭނާއާ ތިމާއާ ގުޅޭ ދާއިރާއަކީ ކޮބައިތޯ ބެލުމެވެ. ކޮންމެ މީހެއްގެ ފުށުން ވެސް ތިމާއަށް ލިބިދާނެ، އަގުހުރި ދަރުސެއް ނުވަތަ ވިސްނުމެއް އޮވެދާނެ ކަމަށް ގަބޫލު ކުރުމެވެ. ވާހަކަ ދައްކާ މީހާގެ ޝަޚުޞިއްޔަތާއި/ އަޑަށް ނުވިސްނައި އެ ދައްކާ ވާހަކައެއް ކަނުލައި އަޑު އެހުމެވެ. މީހުންނާއި އެއްޗިއްސާއި، ކަންކަމަށް ޝައުޤުވެރިވުމެވެ. ބޯޖަހައިލުން ފަދަ އިޝާރާތުން ވާހަކަ ދައްކާ މީހާގެ ވާހަކަ ކުރިޔަށް ގެންދިޔުމަށް ބާރު އެޅުމެވެ. ތިމާ ގަބޫލުކުރާގޮތާއި، ބުރަވާގޮތް ބާއްވާފައި، އަނެކާ ދައްކާ ވާހަކައަށް ސަމާލުކަން ދިނުމުގެ ކެތްތެރިކަން ހުރުމެވެ. ބުނަން ބޭނުންވާ އެއްޗެއް މާ ރަނގަޅަށް ބުނެނުދެވިގެން އުޅޭ މީހުންނާ މެދުވެސް ކެތްތެރިވުމެވެ. އަމިއްލަ ނަފުސުން އަޑު އަހާށޭ ބުނާ ފަދަ އިންޒާރެއް ނުލިބޭ މީހަކަށްވުމެވެ. އެހެން މީހުންގެ ޚިޔާލާއި ފިކުރުތަކާއި ދެކޭގޮތް އަޑު އެހުމުގެ ކެތްތެރިކަން ހުރުމެވެ. ވާހަކަ ދެއްކުމަށް ވަރަށް ކުޅަދާނަ އެހެންނަމަ ވެސް، އަޑު އެހުމުގެ ކުޅަދާނަކަން ނެތް މީހުންނާ އަޅުގަނޑުމެންނަށް ދިމާވެ އެވެ. ހަމަ އެހެންމެ މާ ރަނގަޅަށް ވާހަކަ ނުދެއްކޭ އެހެންނަމަވެސް، އަޑު އެހުމުގެ ޝައުޤުވެރިކަން ހުންނަ މީހުންނާ ވެސް ދިމާވެ އެވެ. އަދި މަޝްވަރާ ގުރޫޕު ބައްދަލުވުންތަކުގައި ދިމާވާ އަނެއް ވައްތަރަކީ، ކުރިން ބަހައިފައިވާ ކަރުދާސްތައް ނުކިޔައި ދިރާސާ ނުކޮށް އައިސް ވާހަކަ ދައްކައި އުޅޭ މީހުންނެވެ. މިއިން ކޮންމެ ޒާތެއްގެ މީހެއް ނަމަވެސް އެމީހަކު ދައްކާ ވާހަކައެއް އަޑު އެހުމުން، އެއީ ކޮން ފެންވަރެއްގެ ކިހައި މަޢުލޫމާތެއް ހުރި، ކިހައިވަރަކަށް ވިސްނައިފައި، ނޫނީ ބަލައިފައި ނޫނީ ވާހަކަ ދައްކާ މީހެއްކަން އަޅުގަނޑުމެންނަށް އެނގިގެންދެ އެވެ. ބުއްދިވެރިން ބުނަނީ ބަޔެއްގެ ތެރޭގައި ދެކެވޭ ވާހަކަ އަކީ، ތިމާޔަށް އެކަމެއްގެ މަޢުލޫމާތު ނޭނގޭކަމެއް ނަމަ، ނޭނގޭކަން އިޝްތިހާރު ކުރުމަށް އެއްޗެއް ބުނުމަށްވުރެ އަނގަ ބަންދުކޮށްގެން އިނުން މާ ރަނގަޅު ކަމަށެވެ. އަޑު އެހުމުގެ ވާހަކަ ދައްކަމުން ދާއިރު، ވާހަކަ ދެއްކުމުގެ ބައިގެ ތެރެއިން މި ވަދެވޭ ސަބަބަކީ، އަޑު އެހުމުގެ ކެތްތެރިކަން ނެތިގެން ކުރެވޭ ކަންތައްތަކުން ދުރުހެލިވުމަށް ބާރު އެޅުވުމަށްޓަކަ އެވެ. އެއްވެސް ޝައްކެއް ނެތެވެ. އަޑު އެހުމަކީ ރީތި ސިފަ އެކެވެ. އެހެން މީހުންނަށް އިޙްތިރާމު ކުރަން ދަންނަ މީހުންގައި ހުންނަ ސިފަ އެކެވެ. އެ ސިފަ އަށަގަނުވައި، އަޑު އަހަން ކެތްތެރިވެ ހުންނަ މީހަކަށްވުން ވަރަށް މުހިންމެވެ. މީހަކު ދައްކާ ވާހަކައެއް ނުނިމެނީސް، މެދުކަނޑައިލައިފައި، ވާހަކައަށް ހުރަސް އެޅުމުން، އެ ވާހަކަ ދެއްކި މީހާ އަލުން ވާހަކަ ދައްކަން ބޭނުން ނުވާވަރަށް މާޔޫސް ވެގެން ވެސް ހިނގައިދާނެ އެވެ. ވާހަކައިން އޭނަގެ ހިއްސާ އެހާ ހިސާބުން ނުލިބި ދިޔުން ދުރެއް ނޫނެވެ. މި ހުރިހައި ނުކުތާތަކަށް ވިސްނައިލުމުން އެނގެނީ މުއާޞަލާތު ކުރުމުގެ ހުނަރު ޤުދުރަތީގޮތުން ލިބިފައި ނުވަތަ އަމިއްލަޔަށް އެ ހުނަރު އަށަގަނުވައިފައިވާ މީހަކީ، އަޑު އެހުމުގެ ކެތްތެރިކަން ހުރި މީހާކަމެވެ. ބުނަން ބޭނުންވާ އެއްޗެއް ބުނަން ފުރުޞަތު ނުދީ، ވާހަކަ ދިގު ދަންމަމުންދާ މީހުންނާ ވެސް ދިމާވެ އެވެ. އެ ފަދަ މީހަކާ ވާހަކަ ދައްކާނަމަ، ވާހަކަ ދިގުކަމުން ފޫހި ނުވެ ހުރުން އެއީ ބޭނުންތެރި ކަމެކެވެ. އެކަން ބޭނުންތެރިވަނީ، އެމީހަކީ އެހެންމީހަކަށް އެއްޗެއް ބުނާނެ ފުރުޞަތު ނުދޭ މީހަކަށް ވީ ފަދައިން، އެހެން މީހުން ދައްކާވާހަކަ އަޑު އެހުމުގެ ކެތްތެރިކަން ނެތް މީހަކަށް ތިމާ ނުވުމަށްޓަކަ އެވެ. ވިސްނައިލަންވީ ނުކުތާއަކީ، އިންސާނުންގެ ތެރޭގައި އެކި މިޒާޖުގެ އެކި ފެންވަރުގެ، އެކި ޠަބީޢަތުގެ މީހުން އުޅޭކަމެވެ. އެންމެންނަކީ، އެހެން މީހުންގެ ޖަޒުބާތުތަކާމެދު މާބޮޑު ފިކުރެއް ގެންގުޅޭ މީހުނެއް ނޫންކަމެވެ. އަދި ތިމާ ވެސް އެ ފަދަ ޖަޒުބާތެއް ނެތް މީހަކަށް ވުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމެވެ. މުޙަންމަދު ވަޙީދު މަޑުލު (2009). ޖަމާޢަތުގެ ޚަބަރު (364). ސެންޓަރ ފޮރ ކޮންޓިނިޔުއިންގ އެޑިޔުކޭޝަން، މާލެ.
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |