މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކަނީރު – ރީތި ވިހަގަހެއް |
|
|
| ދިވެހި - ތިމާވެށި | |||
| 29 ޑިސެމްބަރ 2009، 00:58 އަންގާރަ | |||
|
=މުޙައްމަދު ވިދާން ޝާކިރު= ކަނީރު ގަހަކީ، ވަރަށް ރީތި މަލެއް އަޅާ ގަހެކެވެ. އަޅުގަނޑުމެން ގޭގައިވެސް ބޮޑު ކަނީރުގަހެއް ހުރެއެވެ. ތަފާތު މުނާސަބާތަކަށް އެގަހުން މާހޯދުމަށްޓަކައި ދޭތެރެދޭތެރެއިން މީހުން އާދެއެވެ. އެގަހުން މާބޮޑިތައް ބިނދެގެން ގޭތެރޭގައިވެސް ބަހައްޓާ އުޅެމެވެ.ނަމަވެސް އޭރު ކަނީރުގަހާބެހޭ ގޮތުން މާގިނަ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އެއްރެއަކު އަޅުގަނޑުގެ ބައްޕަ ދުރުވެ ކަނީރުގަހަކީ ވިހަގަހެއް ކަމުގެ މަޢުލޫމާތު ލިބިލައްވައިފިކަމަށް ބުނުއްވިއެވެ. ބައްޕައަށް މިމަޢުލޫމާތު ދެއްވީ އަޅުގަނޑުމެންގޭ ދޮރުމަތީން ދިމާވެގެން އަލްފާޟިލް އޮގަރު އިބްރާހީމް ވަޙީދުކަމަށާއި އަދި އެގަހުގެ ސައިންޓިފިކް ނަމާއި އެނޫންވެސް ބައެއް މަޢުލޫމާތު ވަޙީދު ވިދާޅުވެދެއްވިކަމަށް ބައްޕަ ބުނުއްވިއެވެ. މިކަން އެނގުމާއެކު ކަނީރު ގަހާބެހޭ މަޢުލޫމާހޯދުމަށްޓަކައި އަޅުގަނޑު މަސައްކަތްކުރީމެވެ. ތިރީގައި މިހިއްސާކޮށްލަނީ އެމަޢުލޫމާތުގެ އަލީގައި އެކުލަވައިލާފައިވާ ލިޔުމެކެވެ. ކަނީރު، އިނގިރޭސިން ކިޔާގޮތުންނަމަ 'އޮލިއެންޑަރ' (Oleander) ނުވަތަ ސައިންޓިފިކް ނަމުންނަމަ 'ނީރިއަމް އޮލިއެންޑަރ' (Nerium oleander) ގަހަކީ، އޮމާން ފިޔަ ތަކެއް ލާފައި ހުންނަ ރީތިމަލެއް އަޅާ ގަހެކެވެ. ފިޔާތޮށި، ރީނދޫ، ހުދު އަދި މިނޫންވެސް އެކި ކުލައިގެ މައު އަޅާ މިގަހަކީ 4 އިންޗިއާއި 10 އިންޗިއާއި ދެމެދުގެ ހިމަ ފަތްތަކެއްލާފައި ހުންނަ ގަހެކެވެ. ބަލާލަން ކިތަންމެ ރީތި ކަމުގައި ވިޔަސް މިއީ އެންމެ ވިހަގަދަ ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެކެވެ. މިގަހުގެ މަލާއި، ފަތާއި ލަކުނޑީގައި ވިހަ މާއްދާ ތަކެއް ކަމުގައިވާ ޑިޖިޓޮކްސިޖެނިން، ނެރީން، އޮލިއޮންޑްރޮސައިޑް އަދި އޮލިއެންޑްރިން ހިމެނެއެވެ. މިގަހުގައި އެކުލެވޭ ވިހަ މާއްދާތަކަކީ ފުރާނައަށް ނުރައްކާވާފަދަ ވިހަތަކެކެވެ. މިވިހައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނަށެވެ. މިގަސް ނުވަތަ މިގަހުގެ ބައެއް އެންދުމުން ބޭރުވާ ދުން ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް އެތެރެވުމުންވެސް ހަށިގަނޑަށް ގެއްލުންވެއެވެ. އަދި މިގަހުގެ މައު ބަހައްޓާފައިވާ ތައްޓެއް ރަނގަޅަށް ނުދޮވެ ހުއްޓާ ފެންއަޅައިގެން ބުއިމުގެ ސަބަބުންވެސް ވިހަވެދާނެއެވެ. ހަމައެހެންމެ މިގަހުގެ މަލުން ފޮނި ބޮއިފައިވާ މާމުއި ކުޅަނދުރު އުފައްދާފައިވާ މާމުއި ބުއިމުންވެސް ވިހަވެދާނެއެވެ. ވިހަވުމުގެ ސަބަބުން ހިތުގެ ވިންދު ލަސްވުން ނުވަތަ އަވަސްވުން އަދި ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ މިންވަރު އިތުރުވުން ހިމެނެއެވެ. މިކަންކަމުގެ އިތުރުންވެސް ދިމާވެދާނެ ވަރަށްގިނަ ކަންތަކެއް ވެއެވެ. އޭގެތެރޭގައި:- - ބޯއެނބުރުން - ބޮލުގައި ރިއްސުން - ބަނޑުގައި ރިއްސުން - ނޭވާ ހިއްލުން - ހޮޑުލުން - ލޯ ފުސްވުން - ބޮޑުކަމުދާއިރު ލޭފޭބުން ހިމެނެއެވެ. މިކަމަކީ ދިމާނުވާނެކަމެއް ކަމަށް ބައެއް ފަރާތްތަކަށް ހީވެދާނެއެވެ. ނަމަވެސް މިގަހުގެ ފަތްކެއުމުގެ ސަބަބުން 2000ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސްގައި 2 އަހަރުގެ ކުއްޖަކާއި 3 އަހަރުގެ ކުއްޖަކު މަރުވެފައިވެއެވެ. މިކުދިން މަރުވުމުގެ ދުވަސްކޮޅެއްކުރިން އެކުދިން ކަނީރު ގަހުގެ ފަތް ކަނިކޮށް އެކުދިންގެ މަންމައަށް ފެނިފައިވެއެވެ. އަދި ފަހުން އެނގިފައިވާ ގޮތުގައި އެކުދިން މަރުވި ދުވަހުގެ ރޭވެސް އެކުދިންވަނީ މިގަހުގެ ފަތްކައިފައެވެ. އެކުދިން މަރުވީ ނިދާފައި ތިއްބައެވެ. އެހެންކަމުން މިކަމަކީ ދިމާނުވެދާނެ ކަމަކަށް ބަލައިގެން ނުވާނެއެވެ. މާލޭގައި ކުޑަކުދިން ގޮސްއުޅޭ ބައެއް ޕާކުތަކުގައި ކަނީރުގަސް ހައްދާފައި ހުއްޓާ ފެނެއެވެ. އެހެންކަމުން ފަހަރެއްގައި ކުޑަކުއްޖަކު އެއިން ގަހަކުން ފަތެއް ކައިގެން ވިހަވުމަކީ، އެކަށީގެންވާ ކަމެކެވެ. ވީމާ، މިކަމަށް ސަމާލުކަންދިނުން މުހިންމެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ އިދުރީސް, 2009-12-29 05:21:07
ލިޔުންތެރިޔާގެ ގޭގައި ކަނީރުގަހެއް ހުންނަވާހަކަ ލިޔުއްވާފައިވާއިރު، މިފަދަ ވިހަގަދަ ގަހަކުން ލިޔުންތެރިޔާއަށް ނުވަތަ ލިޔުންތެރިޔާގެ ޢާއިލާއަށް ކުރެއްވުނު ތަޖުރިބާއެއް ހިއްސާކޮށްލާފައި ނެތުމުން، މިގަހުގެ ވިހަގަދަކަމާބެހޭގޮތުން ތިޔަ ލިޔުއްވި ވާހަކަކޮޅުތަކާމެދު ސުވާލުއުފެދުމުގެ ފުރުޞަތު އެބައޮތެވެ. މިރާއްޖޭގައި ވަރަށްގިނަ ގޭގޭގައިވެސް ޕާކުތަކުގައިވެސް ކަނީރުގަސް ހައްދާފައި ހުރެއެވެ. އަޅުގަނޑަކީވެސް ކަނީރުގަސްގަހާ ވަރަށް ކައިރީގައި އުޅެވޭ މީހަކީމެވެ. އަދި ކަނީރުމާ ބިނދެހަދައި އެއާކުޅެހަދާ މީހަކީމެވެ. ތިޔަވިދާޅުވާފަދަ ނުރައްކަލެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.
...
ލިޔުނީ salim, 2009-12-29 12:44:30
އިތުރު މައުލޫމާތު މި ލިންކުން (http://www.sedona.biz/oleander1.htm)
...
ލިޔުނީ އސދ, 2009-12-29 13:59:21
އިދުރީސް އަޅެ ޓެސްޓު ކޮށްލަންވީނުންތޯ ޔަޤީން ނުވާކަމަށް ވަންޏާ. މީދަލަކަށް ކާންދީގެން ނަމަވެސް. އޭރުން މިލިޔުމުގެ ޙަޤީޤަތް ބޮޑަށް އަޅުގަނޑުމެންނަށްވެސް އިނގިގެން ދާނެ.
އަދި ބުނެލަން ބޭނުން އިދުރީސް މި ލިޔުމުގެ ފަހުބައި ނުކިޔުށް ވަންތޯ؟؟ އެބައިގާ އެބައޮތް ޙާދިސާއެއް އަޅުގަނޑަށް މިކަން ޤަބޫލު ކުރެވޭ
...
ލިޔުނީ ޢަލީ, 2010-01-07 11:30:35
އަޅުގަޑަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހަކީމެވެ. މުޙައްމަދު ވިދާން ޝާކިރު ލިޔުއްވާފައިވަނީ ޞައްޙަ މަޢުލޫމާތު ކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ. އަދި އެފަދަ މުހިއްމު މައުލޫމާތުކޮޅެއް ގެނެސްދެއްވާފައިވާތީ އޭނާއަށް ޝުކުރު ދަންނަވަމެވެ. އިދުރީސް އަށް ގަބޫލު ނުކުރެއްވޭނަމަ، ތިރީގައިވާ ލިންކް ބައްލަވާ ލައްވާށެވެ.
http://www.nlm.nih.gov/medlineplus/ency/imagepages/3079.htm އަދި އެ ލިންކްގައިވާ "މި ގަހަކީ އާދަޔާއި ޚިލާފަށް ވިހަގަދަ، އެންމެ ފަތަކުން ބޮޑުމީހަކު މަރުވެދާފަދަ ގަހެއް" ކަމަށް ލިޔެފައިވާ ޖުމުލަ ވިދާޅުވާށެވެ. އޭރުން ޔަގީން ވެދާނެކަންނޭގެއެވެ. ޝުކުރިއްޔާ.
...
ލިޔުނީ އަބަންބަދީ, 2010-01-08 14:22:41
ކަނީރު ގަހެއް ރޯކުރުމަށްޓަކައި އިންދައިގެން އުޅެނިކޮށް މި މަޒުމޫނު މި ފެނުނީ. އޭގެ އިތުރުން މި ގަހާ ބެހޭ މަޢުލޫމާތާއި ރީތި ގޮތަކަށް މި ގަސް ތަރުތީބުކޮށް އިންދާނެ މޮޅު ޚިޔާލެއް ހޯދާލުމުގެ ގޮތުން ގޫގަލް އަށް ވަދެ ފޮޓޯއާއި މަޢުލޫމާތު ހޯދުމުގެ ނިޔަތުގައި ގަހަށް ކިޔާ އިނގިރޭސި ނަން ނޭނގިފައި އިންދާ މި ފެނުނީ. ވަރަށް ބޮޑަށް ޝުކުރުވެރިވަން ތިޔަ މަޢުލޫމާތުކޮޅު ޙިއްސާކޮށްލެއްވީތީ. އެހެންނަމަވެސް ރޯކުރުމަށްޓަކައި އިންދި ގޮފިކޮޅު އެއްލައިލުމުގެ ނިޔަތެއް ނެތް، މި މަޢުލޫމާތުކޮޅުގެ އަލީގައި ގަހާ މެދު ސަމާލުވެގެން އުޅެވިދާނެކަމުގެ ޔަގީންކަން އެބަ އޮތް އިރާދަކުރެއްވިއްޔާ. ކުރީގައި ނަމަ މި ފަތުން ދޭ ރަހައެއް ބަލައިލުމުގެ ނިޔަތުގައި ހަފައިލައި ރަހަ ބަލައިލެވުން ވެސް އެކަށީގެން ވޭ، އެއީ އަޅުގަނޑު ތަޖުރިބާއެއްގެ ގޮތުން ވަރަށް ކުރާ ކަމެއް. އެކަމަކު ހުރި މޮޔަކަމާއެވެ. މީގެ ފަހުން ގޮތް ނޭނގޭ އެއްޗަކުން ރަހައެއް ވާ ނުބަލާނަން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|