މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| "ފުލުސް އޮފިސަރު"ގެ އާދޭސް |
|
|
| ދިވެހި - ތިމާވެށި | |||
| 06 މާރޗް 2011، 02:41 އާދީއްތަ | |||
|
ޢަލީ މުނީޒު، – މަގުސީދާގެ – ނޮޅިވަރަމު އަހުރެންގެ އުފެދުމާގުޅޭ ތަފުޞީލުތައް ވަނީ ފަސޭހަ ރަޙުމަތެއްގައި ތިލަކުރެވޭ ވަރަށްވުރެ ފުނަށް ފުންމިން އެނގުމެއް ނުވާ ތާރީޚުގެ ބިޔަ ކަނޑަށް އޮބައިފައެވެ. މި ބިމުގެ ވާރިސުންކަމުގައިވާ އެންމެ ބުއްދިވެރި މަޚުލޫޤުންގެ ކިބައިގައި ވެސް ތުއްތުގެ އިރުގެ ހަނދާންތައް އާކުރުމުގެ ބާރު ލައްވައިފައިނުވާ އިރު އަހުރެން ފަދަ އެއްޗަކަށް މި ރޮނގުގައި ފަތިގަނޑުވެސް ފިރުކައިނުލެވޭނެ ނޫންހެއްޔެވެ؟ އާނއެކެވެ! އަހުރެންގެ އެންމެ ދުރު ހަނދާނަކީ ޢަމަލީ މައިދާނަށް ނުކުމެ ޙަރަކާތްތެރިވާން ފެށުނު ހިސާބެވެ.
މިއަދު ޖެހިފައިވާ ބިކަހާލު އަހުރެން ލާމަހައި ކަސްތޮޅުކޮށް ޤައިދުކުރުމުގެ ކުރިން އުޅުނު މިނިވަން ހަނދާންތަކުގެ ފެށުން އައި ހިސާބެވެ. މި ގިލަންވެރިކަމުގެ ކިއްލާ އަހަރެންގެ ގޯތިގެދޮރަށް ވެނިމެންޖެހުނު ތާރީޚީ ދަތުރުގެ ކުރީގެ ހަނދާންތަކެވެ.ހީވާގޮތުން އެދުވަސް ވަރަށް ހޫނުގަދައެވެ. އެހެނަސް މިބުނުން ޔަގީންކޮށްދޭން އިތުރަށް ވާހަކަދައްކާކަށް ނުކެރޭނެއެވެ. އަހަރެން އޮތީވަރަށް ބޮޑަށް ދޮންވެފައެވެ. އިރުގެ ގަދަ ހޫނުންނެވެ. އެހެން އޮއްވައި ބޮލުގައި ވާގަނޑެއް ޖަހައިފިއެވެ. ނުވިތާކަށް ފައިގައި ބޮޑު ޗޭނުގަނޑެއް ވެސް ޖަހަފިއެވެ. ކުރިމަތިވާން މި އުޅެނީ ކޮންފަދަ ކަމެއްބާއޭ ހިތައި އޮއްވައި ގިނަ އިރުތަކެއް ނުވެ ފާޑެއްގެ ދަނޑިއެއް ކަހަލަ އެއްޗެއް މެދުވެރިކޮށް އަހަރެން އުފުއްލައިލިއެވެ. ކަނދުރާގެ ނާރުތައް ފުއްޕައިލައިފިއެވެ. ދެލޯ ބޮޑުވެއްޖެއެވެ. ތެޅިގަނެފީމެވެ. ވާހ ވާހ އެވެ. އެ ލިބުނު އަރާމެއްގެ ބޮޑުކަމާއެވެ. ޝުކުރުވެރިކަމާއެކު އެ ދަނޑިއަށް ބަލައިލައި ހަރުއަޑުން ޝުކުރިއްޔާއޭ ބުނެލައިފީމެވެ. ބަލާކަށް ނުހުންނަމެވެ. ބަންޑާރަ ޙަސަނަށް މޫދު ހިތަކަށް ލިބުނީމަ އުޅޭ ބީދައިން މޫދުތެރޭގައި އެނބުރިގަނެފީމެވެ. އެތެރެ ހަށީގައިވާ ވައިގެ ސަބަބުން އަޑިއަށް ނުދެވުނަސް ފިސާރި ގޮތްގޮތަށް އެނބުރިލީމެވެ. ބަކަތަޅައިލީމެވެ. އަލަށް މޫދަށް އެރެވުނު ދުވަސްވިއްޔާއެވެ. ހިތާހިތާ ކިޔައިލެވުނެވެ. ދާއިމަށް މިތާ އަހުރެން ބާއްވާނެނަމަ އެވެ. އިންސީންނަށްޓަކައި ޚާއްޞަ ޖާގައެއް ފުރަތަމަ ފަހަރަށް މަގޭ ހިތުގައި ކަނޑައިނެގީ އެދުވަހެވެ. އެއީ ހާދަ ހިތް ހެޔޮ ބަޔެކެވެ. އަހުރެންގެ ހިތުގެ ތެޅުން ވެސް އެމީހުންނަށް އެނގޭކަހަލައެވެ. ބައިގަޑިއެއްހާއިރު ފަހުން އެވެރިން އެނބުރި ދިޔައީ އަހުރެން އެތާ ބާއްވައިފައެވެ. އެކަމަކު އޭގެ ކުރިން އަހުރެންގެ ފައިގައިވާ ދިގު ހިލިހިލާގަނޑުގައި ގޮތްގޮތަށް އަތްހާކައި އެމީހުންގެ ބޯޓަށް ނަގައި އައްސައި ހެދިއެވެ. ޖެހިގެން އައި ތިން ދުވަހަކީ ވަރަށް އުފާވެރި ތިންދުވަހެވެ. އެތިން ދުވަސް ފާއިތުވެ ދިޔައީ ޙައްދެއް ނެތް އަރާމާއި އުފާވެރިކަމުގައެވެ. މޫދުގެ ފޮނިމީރުކަން ހޯދުމުގައެވެ. ހަވީރުވެގެން އައިއިރު ބޮޑު ރަށެއް އަހަރެންނާ ދިމާއަށް އަންނަ ތަން ފެނުނެވެ. ފަހުން އެނގުނީ އެއީ ބޮޑު އާގުބޯޓެއްކަމެވެ. ވަރަށް ބިރުގަތެވެ. އަހަރެންގެ ގައިގާ ޖައްސައި މަރައިލައިފާނެތީ އެވެ. އެކަމަކު ވަރަށް ގާތަށް އައިސްފައި އެބަ މަޑުކުރި އެވެ. އަދި ޒާތަކަށް އުޅެލައިފައި މަގޭ ކަރުގައި ޖަހައިފައި އޮތް ޗޭނުގަނޑު ނަގައި އެ ބޯޓުގައި އައްސައިފިއެވެ. އާޝޯޚުވެފައި އޮތީމެވެ. އިރުކޮޅެއް ނުވެއެވެ. ފަޔަށް ބާރުވާންފަށައިފިއެވެ. ކަރަށްވެސް ބާރުވާން ފަށައިފިއެވެ. މީހާ ހަރު ދަނޑިގަނޑަކަށް ވެއްޖެއެވެ. ކަރާއި ފައި ހަށިގަނޑާ އަލްވަދާޢުކިޔަން އުޅޭކަހަލައެވެ. ހަށިގަނޑުގެ އެތަންމިތަން ފުއްޕައި ބަނޑިލައި ގޮނބިލައި ކުރުސްކުރުސް އަޑު ގޮވަންފަށައިފި އެވެ. ހީވަނީ ފަޅަފަޅައިގެން ދާންއުޅޭހެނެވެ. ހަޅޭއްލަވަން ފަށައިފީމެވެ. މަރުވަނިއްޔޭ ތިޔަހެން ނަހަދާށޭ ހެޔޮނުވާނޭ ދޫކޮށްލައިދޭށޭ ކިޔައިފައެވެ. ދެތިން ފަހަރަކު އެހެން ގޮވައިލުވުނެވެ. ދެން ވީނުވީއެއް ނޭނގުނެވެ. ހޭވެރިކަންވެއްޖެއެވެ. ވާނުވާ އެނގެންފަށައިފިއެވެ. މިހާރަކު ކުރިންހުރި ވާންކަމެއް ނެތެވެ. ކުރިން ލިބުނު ވޭނުގެ ލިސާނެއްވެސް ނެތެވެ. ނަސީބެކެވެ. ރަނގަޅަށް ވިސްނައި ބަލައިލައިފީމެވެ. ފައިގައި އައްސައިފައި އޮތް ޗޭނުގަނޑެއް ނެތެވެ. އެހެންމެ އަރައިގެންހުރި ބޫޓެއް ވެސް ނެތެވެ. އެކަމަކު ކަރުގައި އައްސައިފައިވާ ވައުގަނޑު އޮތެވެ. އަދި އެ ވައުގަނޑު އެއްސި ބޯޓު ވެސް ހަމަކައިރީގައި އޮތެވެ. ވަށައިގެން އެނބުރިލައިފީމެވެ. މިއީ ކުރިން އަހަރެން އޮތް ތަނެއް ނޫނެވެ. ފިކުރު ބޮޑުވެ މޭ ތެޅެންފަށައިފިއެވެ. އިރުކޮޅަކުން ބޯޓުން ތަންކޮޅެއް ބޮޑަށް އަލިކުރަންފަށައިފި އެވެ. މީހުންތައް ހޭލަމޭލަވާން ފަށައިފި އެވެ. ޔަގީނެވެ. ވާނުވާ އެނގުނީއެވެ. ގިނަ އިރުތަކެއް ނުވެ އަހަރެންގެ ކަރުގައިވާ ވައުގަނޑު ވެސް މޮހައި އެއްލައިލައިފި އެވެ. އެޔާއެކު އޮއިވަރުގެ ބާރު މަގޭ މައްޗަށް ގަދަވެ ދަމާކޫއްތައިފައި އެސޮރު އަހުރެން ގެންދަންފަށައިފި އެވެ. އޮއިވަރާ ދެކޮޅު ހެދުމުގެ ބާރެއް ވެސް މުހުތާދެއް ވެސް އަހުރެންގެ ނުވީތީވެ ޖެހިގެން އައި ދުވަސްތައް ފާއިތުކުރީ އޮއިވަރާއެކުގައެވެ. ދުވަސްތަކެއްގެ ފަހެވެ. ރޭގަނޑެކެވެ. އިންޖީނެއްގެއަޑު އިވެން ފަށައިފިއެވެ. ކުއްލިއަކަށް ދިލަ ތަދެއް އިޙުސާސްކުރެވިއްޖެ އެވެ. އަނބުރައިގަންނަގޮތް ވެއްޖެ އެވެ. ވަށައިގެން ފެންނަ މަންޒަރުތައް އެކުވެ، އެ މަންޒަރުތަކުން ކުލަ ވަކިކުރަން ނޭނގޭ ކުދި ކޮކާތަކެއް އުދުހެން ފަށައިފިއެވެ. ޚަބަރު ހުސްވީއެވެ. ދަނގަޑު ޓަގެއް އަހުރެންނާ މުޑިއެރީ އެވެ. ލިބުނު ބޮޑު އަނިޔާއަށް ފަހު ތަންދޮރު ވަކިވަން ފެށި އިރު އަހުރެންގެ ހަށިގަނޑުގައި ބަޔަކު އަތްކާއްތާހެން ހީވެއެވެ. ހީކުރީ ހަސްފަތާލެއްގައި އޮވެވުނީކަމަށެވެ. ލޯބޮޑުކޮށް ބަލައިއިރު ވަށައިގެން ދެތިން ދޮޅަހަކަށް މީހުން ތިއްބެވެ. އޮތީ ހިކިފަސްގަނޑެއްގައެވެ. ދެފަރާތުގައި ރުއްގަސް ފެންނަން އޮތް ސަރާސަރު މަގެއްގައެވެ. އެމީހުންކަމަކީ އަހަރެން އެނބުރުމެވެ. އެ ގެންދަނީ ކޮންމެވެސްތާކަށެވެ. އަޖައިބުވެ ދެމިޔަކަނުން ސޮނި އޮހިއްޖެއެވެ. މި ތަނެއް ނޭނގުމުގެ އިތުރަށް މިތަނުގެ ވެށީގެ ހިތްގައިމުކަމުންނެވެ. ނަލަކަމާއި ފަރިކަމުންނެވެ. އަހަރެންނާ ތަންކޮޅެއް ދުރުގައި އަންހެންވެރިން ކުދިވެރިން ކިހިލިޖަހައިގެންނާއި އަތުކުރީލައިގެން ތިއްބެވެ. ހަމަ އަންތަރީސްވެ އާޝޯޚު ވެފައެވެ. ދަބަރާއި ފެހި ޖަހާފައިވާ އަހަރެންގެ ވަށް ހަށިގަނޑު ފެނިފައެވެ. ފުރޮޅަމުން ކަހުވަމުން އަހުރެން ގެންދަންފަށައިފި އެވެ. އިރުކޮޅަކުން ޤަބުރުސްތާނަކާ އަރައި ހަމަވެއްޖެ އެވެ. މަހާނަ ގާތަށް އެ ތަނުން ފެންނަންހުއްޓެވެ. އަނެއްކާ ދިރިހުއްޓައި ވަޅުލަން އުޅެނީބާވަ އެވެ؟ އެވެރިން އަހުރެން ގިންތިކުރަނީ ކަނޑުން އެރި ފުރޭތައެއްގެ ގޮތުގައި ބާއެވެ؟ ބިރުވެރިކަން ހުއްޓެވެ. ވަކީލުކޮށްލީމެވެ. ނަސީބަކުން ވަޅުލުމުގެ ފިކުރެއް އެވެރިން ނުކުރިއެވެ. ނިންމުން އައީ "އޮފީހޭ" ކިޔާތާކަށް އަހުރެން ގެންދިއުމަށެވެ. ވާނުވާ ބަލަން އޮތީމެވެ. އެ ބުނާ އޮފީހަކަށް ގެންގޮސްފިއެވެ. އެއާއެކު ރަށުގެ ފައި އިނދޭ ފުރައިން މީހުން އޮފީސްދޮށަށް ޖަމާވާންފަށައިފި އެވެ. ޖަމާވި އެންމެންގެ އަޑުތައް އެކުވެ ހިމުންވެގެން އައި ލަވަތަކުން މި އޮވެވުނީ " ނޮޅިވަރަމޭ" ކިޔާ ރަށެއްކަން ވެސް މޭރުންވިއެވެ. އެ އެންމެން ވެސް އައީ އަހަރެންގެ ސިފަ ދެކިލުމަށޯލައެވެ. ނަމެއް ވެސް ދީފިއެވެ. އަހުރެންނަކީ " ބޮއެ" ކޯލައެވެ. "އޮފީސް ބޮޔާއި" "ބޮޑުބޮޔަކީ"ވެސް މަށަށް ކިޔާ ނަންތަކޯލައެވެ. ކޮންމެ ނަމެއްކިޔަސް ވަރިހަމަތާއެވެ. ގާތްވެ އަނިޔާކޮށެއް ނޫޅެތެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގައި އޮންނަން އަހަރެންނަށް ޖައްސުވައިފިއެވެ. ކާ އެތިކޮޅެއް ދިނުމެއް ނެތެވެ. ފެންވެރުމެއް ތެޔޮފޮދެއްގައި ޖެހިލުމެއް ޙަރާމްކުރީ ތޯއްޗެކެވެ. ނަތީޖާ ވަރަށް ހިއްޗެވެ. ގިނަ ދުވަސްތަކަކު ލޮނުގައި އޮތީތީވެ އިސާހިތަކު ހަންގަނޑު ކުރަކިވެ ތޮށިފޮޅެންފަށައިފިއެވެ. މުޅިހަށިގަނޑުގައި ކުދި ވަޅުގަނޑުތައް އުފައްދައި ހަށިގަނޑު ފާރުކޮށް ފާކޮށްފިއެވެ. މިހާލުގައި ގުނަމުންދާ ދުވަސްތަކުގެ އަނެއްފަރާތުގައި އެހެންކަމެއްވެސް ހިނގައެވެ. މިރަށަށް އައިފަހުން ކުދިވެރިން ރަމަތަކުރުމުގެ އެންމެ އިސްވާޖިބު އެޅިފައިވަނީ އަހުރެންގެ ބޮލުގައެވެ. އުނގެނުމަށް ހާކާ ބޮޑާތަކާއި ބަސްއެހުމުން އެއްކިބާވެ ހަރުކަށިކަން ދައްކާ ކުދިންގެ އިސް މައިތިރިއަކީ އަހަރެންނެވެ. އަހަރެންނަކީ ދަގަނޑުން ތައްޔާރުކޮށް ވަށާ ބައްދާފައި އޮތް އެއްޗެއް ނަމަވެސް " ބޮޔަށް ލާނަމޭ" ބުނުމުން މަތަ ނުވާ ހަމަ އެންމެ ކުއްޖަކު ވެސް ރަށުގައި ނޫޅޭކަހަލަ އެވެ. އޮފީހާއި ސްކޫލާ ދުރުނޫންކަމުން ކުލާސް ކޮންޓްރޯލްކުރުމުގައިވެސް އެންމެ ހުޝިޔާރީ އަހަރެންނެވެ. ކުރުކޮށް ބުނާނަމަ އަހަރެންނަކީ މި ރަށުގެ"ފުލުސް އޮފިސަރެވެ." ހަށިގަނޑަށް ލިބެމުން ދިޔަ އަނިޔާތައް މަތިން ހަނދުމަނެތިއްޖެ އެވެ. މާވަރުގަދަ ބާރެއް ދިނީތީ އެވެ. ޝަރަފުވެރި، ބާރުވެރި މަޤާމެއް އެރުވީތީ އެވެ. މި ރަށުގެ އިންސާނީ ތަރައްޤީގައި އައިތަވެރި ދައުރެއް އަދާކުރުމުގެ ފުރުޞަތު ލިބުނީތީ އެވެ. އެހެންޏާ ފަހެ އަހުރެން މިއީ ކާކުހެއްޔެވެ؟ ދަރިކޮޅެއް، އުފެދުމެއް، ނަސްލެއް، އަޞްލެއް އެނގުން ނުވާ ދަގަނޑު ބޯޅައަކަށް މިވަރުގެ ބާރެއް ލިބުމުން ދެން ވިސްނަންވީ ކޮންކަމަކާހެއްޔެވެ؟ ކޮންމެއަކަސް މަށަށްކުރި ޤަދަރު އެކީ ނޮޅާލައިފިއެވެ. ހުނަރުވެރި އަތަކުން ނޮޅައި ކުކުޅެއްފަދައިންނެވެ. ސައިޒަށް ކަނޑައި ކުރުކޮށް ގުޅަކޮށްފިއެވެ. އެއްއިރެއްގައި ބިރުވެރި އެއްޗަކަށް ވިއެއްކަމަކު މިއަދު އަހަރެން ފެނުމުން ކުދިވެރިންވެސް ކުރަނީ މަލާމާތެވެ. ކުރަނީ ފުރައްސާރައެވެ. ޖިސްމާނީ އަނިޔާވެސް ދެއެވެ. އަހުރެންގެ "އަމުރަށް" ބޯލެނބި އެންމެންނަކީ މޮޔައިންނަށް ހަދައިފިއެވެ. މަގުތައް ޚަރާބުކޮށް އިޖުތިމާޢީ ހަމަޖެހުމަށް ލޮޅުން ގެނުވައިފިއެވެ. ގެތައް ގަޑުބަޑުކޮށް ކިލާސްތައް "އުމަގު" ކޮށްފިއެވެ. ޕޮލިސް އޮފިސަރެއް ގެ ސޫރަ ވަދެފައިވާ މަގޭ ހިތް ފަޅައި ކުދިކޮށް އެ ހިތް، ބާ ދަނގަޑާއި ދަބަރު އެކުވުމުން އުފެދޭ ނުތަވަނަސްކަމުން ފުރައި ބާރުކޮށް ނުފުދިގެން ތުން ވެސް އައްސައިފިއެވެ. މިހާލު ޖެހުނުއިރު ވަށައިގެންވާ މާހައުލުވެސް ވަނީ ބަދަލުވެފައެވެ. އެންމެންގެ މައްޗަށް އަމުރު ކުރި އޮފީހުގެ ބަދަލުގައި އަހަރެންނާއެކުވަނީ އެންމެންގެ މައްޗަށް ބޭސްފަރުވާކުރުމުގެ ޒިންމާ ނަގާ މީހުންނެވެ. ނަތީޖާއަކީ ބަލިމަޑުކަން އެކުވެރިޔަކަށްވެ ލިބުނު ހިތްދަތިކަމާއެކު ލެއްވިހާ ބަލިމަޑުކަމެއް މަގޭކިބައިގައި އަށަގަތުމެވެ. މިހާރު އަހަރެންދެކެ ބިރުނުގަތަކަސް ފަރުވާލެއްނެތެވެ. އައި ތަރިދަ ކަމެއް ނުބެހެއްޓި ނަމަވެސް ފެންކައްކާ ބޮލީގެ އިއްޒަތަށް އަހަރެން ހުށަނާޅާށެވެ. މި ބަލިމަޑުކަމުގެ ކިއްލާއިން ނެރެދީ ތާޒާވައިފެން ލިބޭތަނެއްގައި އަހުރެން ބާއްވައިދޭށެވެ. އެންމެ ފަހަރަކު ނަމަވެސް ފެންވަރުވައިލަދޭށެވެ. މީހުންނާ ބައްދަލުކޮށްލައި ފެނިދެނިވެ އުޅުމުގެ ފުރުޞަތުދޭށެވެ. ރަށަށް އަރާ މީސްތަކުންނަށް އަހަރެންނަކީ ކާކުކަން އެނގޭނޭ ގޮތެއް ހަދައިދޭށެވެ. ހަމަޔަގީނުން ވެސް "ނާގޯށި ހުޅުވުމުން ކުޅިއާ ގަޔާވެގެން އަންނަ ބަޔަކު" އަހަރެންގެ ގަޔަކު ވެސް ކޮޅުފަޔަކުން ނުޖަހާނޫއެވެ. މި ވަރުނުވާ ނަމަ ފަނާވެ ގިރިގެން ނުދަނީސް ޞިއްޙީމަރުކަޒުގެ ކަނުންނެރެ އުތުރުކަރަޔަށް ބާދަގަނޑުގެ ގޮތުގައި އަހަރެން ވިއްކައިލާށެވެ. އޭރުން އަހަންނަށް އާދުނިޔެއެއް އާސިފައެއް ލިބުނީއެވެ. އަލުން މި ފަސްގަނޑަށް އެހެން ސިފައެއްގައި އައުމުގެ ފުރުޞަތު ވެސް ލިބިދާނެތޯއްޗެކެވެ. އަނެއްކޮޅުން ތިޔަބައިމީހުންނަށް ގެއްލުމެއްވެސް ނެތްތާއެވެ! ------------------------- (ނިމުނީ) މި ލިޔުން: ފޮނުވުން: އަލްފާޟިލް ޢަލީ މުނީޒު (ނޮޅިވަރަމު) އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ ޕޮލިސް ލ.ކޯޕްރަލް އެއް, 2012-01-10 04:48:44
މި ލިޔުމުން ދޭހަވީ "ފުލުހުން" ނަކީ ކުޑަކުދިން ބިރު ދައްކާ، ކުޑަކުދިން ތަރުބިއްޔަތު ކުރާ ބަޔެއްކަން. ނަމަވެސް ފުލުހުންނަކީ އެއްވެސް އިރެއްގައި ކުޑަކުދިން ބިރު ގަންނަވާ، ކުޑަކުދިން ތަރުބިއްޔަތު ކުރަން ތިބޭ ބައެއް ނޫކަން. ފުލުހުން ވާންވާނީ ކުޑަކުދިންނާ ރައްޓެހި، ރަޚްމަތްތެރި އެކުދިންގެ އެކުވެރިންނަށް.
އަހަރެންނަކީ ވެސް ފުލުހަކަށް ވީތީ، ވަރަށް ގިނައިން ދިމާވާ ކަމެއް ކިޔުން ތެރިންނާ ޚިއްސާކޮށްލާނަން. އަހަރެންވެސް ޔުނީފޯރމްގައި މަގުމަތީގައި އުޅޭ އިރުގައި ވަރަށް ގިނަ މައިން، ދައްތަ އިން އެކުދިން ގޮވައިގެން މަގުމަތީގައި ތިބޭއިރު އަހަރެމެން އެހެން ލާފައި ދާއިރު "މިކުއްޖާ ގެންދާށޭ ބަހެއް ނާހައޭ"، "މިކުއްޖާ ނުވެއްކަޔޭ، ގެންދާށޭ" ބުނެހަދާ. މައިންވެސް އަދި ދައްތައިންނަށްވެސް ފުލުހުން ސިފަވެފައި އޮތީ، ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އަނިޔާދޭ / އަނިޔާ ކުރާ ބަޔެއްގެ ގޮތުގައި. ކުޑަކުދިން ފުލުހުންނާ މެދު ރުޅިވެރިކަން އުފެއްދުން ނޫ އެހެން ކަމެއްނުކުރޭ. އެބަހުރި ކުޑަކުދިން ރުޅި އައީމައި އެކުއްޖާގެ ރުޅި މައިތިރި ކުރުމަށް ފުލުހުން އެ ގޭ ދޮށައް އައުމަށް ޕޮލިސް ސްޓޭޝަނަށް ފޯނަށް ގުޅާފައި. ނަމަވެސް ފުލުހުންނަކީ ރައްޔިތުންނާ / ކުޑަކުދިންނާ ވަރަށް ރަޚްމަތެރި ބަޔަކަށް ވާން ޖެހޭ ބަޔެއް. ނަމަވެސް ގިނަ މީހުން ދެކެނީ ފުލުހުންނަކީ އަނިޔާ ދީ، ބިރުދައްކާ ބަޔެއްގެ ގޮތުގައި. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|