1- ފެށުން

ޞިނާއީ އިންޤިލާބަށްފަހު އިންސާނުން މިއަދު މި އަންނަނީ އެބައިމީހުންގެ ވިސްނުމާއި ފިކުރުގެ ބޭނުންކޮށް އަރުތަވެރިކަމުގެ އިސް ސަފުގައި ފައިތިލަ ސާބިތުކުރަމުންނެވެ. ތަފާތު ހޯދުންތައް ހޯދައި އައު އީޖާދުތައް ކޮށް ޓެކްނޮލޮޖީގެ އާ އުސްމިންތަކެއް ގިރާކުރަމުންނެވެ. ވާދަވެރި ރޫޙެއްގައި މި ގޮތަށް އުފައްދާ ތަކެއްޗަކީ އިންސާނީ ދަރިފަސްކޮޅުގެ ހަލާކު ކަމުގައިވެފައި ވާއިރު ވެސް އެކަމާ ފަރުވާލެއްނެތެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔެއަށް މި ވަނީ ތިމާވެށީގެ ތަފާތު މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. ދުނިޔެ ހޫނުވެ ދުނިޔޭގެ ފިނި ހިސާބުތަކުގައި ވާ ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު ބޮޑުވެ މޫސުން ގޯސްވެ މޫސުމީ ތޫފާނުތަކާ ދުނިޔެ މިވަނީ ކުރިމަތިލާން ޖެހިފައެވެ. ރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވާ މިފަދަ މައްސަލަތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ޤައުމެވެ.
މިހާރު ރާއްޖޭގެ ޙާލަތު މި ވަނީ ހިތާމަކުރުން އެކަށިގެންވާ މިންވަރަށް ނާޒުކުވެފައެވެ. ދުނިޔޭގެ ސަލާމަތީ ފަށަލަ ކަމުގައިވާ އޯޒޯން ފަށަލަޔަށް ގެއްލުން ލިބި، ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު ބޮޑުވެ، ރާއްޖޭގެ ވައި ފެން ތަޣައްޔަރުވެ، ފަރުތަކާއި ބިންގަޑު ހަލާކުވުމުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް މި ދަނީ ވިޔަ ނުކުރެވޭވަރުގެ ގެއްލުންތައް ލިބެމުންނެވެ. މި ކަމަކީ މިހެން ދެ އަތް އުރައިލައިގެން ތިބެވޭ ވަރަށް ވުރެ މާ ނާޒުކު މައްސަލައެކެވެ. ކަން މިހެން ހުރުމާއެކު މި މަޒުމޫނުގައި ބަލައިލައިފައި ވާނީ ސައެންސްގެ އުފެއްދުންތަކާ ގުޅިގެން ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ.
2- ދުނިޔެ ހޫނުވުން
ދުނިޔޭގައިވާ ކޮންމެ ދިރުމަކަށް ވެސް ބޭނުން ވަނީ ވަކި ވަރެއްގެ ފިނިހޫނުމިނެކެވެ. މި ފިނިހޫނުމިން ހިފަހައްޓަނީ ދުނިޔެއަށް ފޯރާ، އިރުގެ ހަކަތައިން ބައެއް ޖައްވުގެ ގޭސްތަކުގައި ހިފެހެއްޓިފައި ހުންނާތީ އެވެ. މި ގޮތަށް ހަކަތަ ނުހިފެހެއްޓޭ ނަމަ ދުނިޔެ ވާނީ ދިރޭ ތަކެއްޗަށް ދިރިނޫޅެވޭ ފަދަ ފިނި ވެއްޓަކަށެވެ. މި އުޞޫލުން ހަކަތަ ހިފަހައްޓައިދޭ މުހިއްމު ދެ ގޭހަކީ ކާބަންޑައިއޮކްސައިޑާއި ފެނުގެ އާތްވެވެ. އަދި އޯޒޯނާއިއި، މީތޭނާއި، ޑިނައިޓްރިޖަން އޮކްސައިޑުގެ ސަބަބުންވެސް ހަކަތަ ހިފަހައްޓައިދޭކަމުގައި ޙަސަން ޝަކީލު (1998) ހާމަކުރައްވައެވެ. މި ދެންނެވި ހަކަތަ ހިފަހައްޓައިދޭ ގުދުރަތީ ނިޒާމަށް މިހާރު ވަނީ ސައެންސާއި، ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ އަސަރުފޯރައިފައެވެ. އެގޮތުން ސައެންސްގެ އުފެއްދުންތަކަށްޓަކައި ކާރުޚާނާތަކުގައި، ތެލާއި ބޯޓު ދެއްޔާއި ޤުދުރަތީ ގޭސްތައް އެންދުމާއި، މިފަދަ ބޭނުންތަކަށްޓަކައި ޖަންގަލިތަކުން ގަސްތައް ކެޑުމުގެ ސަބަބުން ހޫނު ހިފަހައްޓައިދޭ ކާބަންޑައިއޮކްސައިޑުގެ މިންވަރު އިތުރުވެ، ޖައްވު ތެރޭގައި ހޫނު ހިފަހަށްޓައިދޭ ގޭސްތައް އިތުރުވެއެވެ. ނަތިޖާއެއްގެ ގޮތުން އިރުގެ ގިނަ ހަކަތަތަކެއް ހިފެހެއްޓި ޖައްވާއި ބިމުގެ މަތީފަށަލަ އިތުރަށް ހޫނުވާކަމުގައި ޙަސަން ޝަކީލު (1998) ހާމަކުރައްވައެވެ.
3- އޯޒޯން ފަށަލަ ތުނިވުން
ސައެންސާއި ޓެކްނޮލޮޖީގެ އުފެއްދުންތަކުން އޯޒޯން ފަށަލައަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. މިގޮތުން ޙަސަން ޝަކީލު (1998) ކަށަވަރުކޮށްދެއްވާ ގޮތުގައި އިރުގެ ހަކަތައިގެ ތެރޭގައި ހިމެނޭ، ލޮލަށް ނުފެންނަ އެއް ބައި ކަމުގައިވާ އަލްޓްރާވައިލެޓް (ޔޫވީ) ރޭޑިއޭޝަން، ޚާއްޞަކޮށް ޔޫވީބީރޭޑިއޭޝަންގެ ސަބަބުން ދިރޭ ތަކެއްޗަށް ގެއްލުންލިބެއެވެ. ދުނިޔެއާއި ދިމާއަށް ދަތުރުކޮށްފައި އަންނަ ޔޫވީ ރޭޑިއޭޝަން ފުރާނައިލުމަށް ފަހު އޯޒޯންފަށަލައިގެ ސަބަބުން ދިރޭ ތަކެއްޗާއި، އިންސާނުންނަށް ގެއްލުން ނުވާވަރަށް ދައްކޮށްދިނުމަށްފަހު މި ފަށަލައިގެ އެހީގައި ބިމަށް ފޮނުވައެވެ. އެހެނަސް އިންސާނުންގެ އަމިއްލަ ބޭނުންތަކަށްޓަކައި އުފައްދައިފައިވާ ކާރުޚާނާތަކުންނާއި ދުއްވާ ތަކެތިން ޖައްވުގެ ތެރެއަށް އެޅޭ ކްލޯރޯފްލޯރޯ ކާބަން (ސީއެފްސީ)ގެ ސަބަބުން މި މުހިއްމު އޯޒޯންފަށަލަ ދުވަހުން ދުވަހަށް ދަނީ ތުނިވެ ކަފާސްވަމުންނެވެ.
ދިވެހިރާއްޖޭގައި ބޭނުންކުރާ ސީއެފްސީ ގިނަ ޢަދަދަކަށް ހިމެނޭ އުފެއްދުންތަކުގެ ތެރޭގައި އައިސް އަލަމާރިއާއި، އެއާރކަންޑިޝަންއާއި، މަތިންދާބޯޓުފަހަރު ހިމެނެއެވެ. މީގެ އިތުރުން އަހަރެމެން ބޭނުންކުރާ އެކި ބާވަތްބާވަތުގެ ސްޕްރޭތަކުން ވެސް ގިނަ ޢަދަދަކަށް ސީއެފްސީ ބޭރުވެގެންދެއެވެ. މިކަން ހާމަކުރައްވައި، ފާރޫޤު އަޙުމަދު (1990) ވިދާޅުވާގޮތުގައި މަތިންދާބޯޓުގެ އެގްޒޯސްޓަރުތަކުން ނިކުންނަ ނައިޓްރަސް އޮކްސައިޑާއި އެއަރކަންޑިޝަންތަކާއި، އައިސްއަލަމާރިތަކާއި، ފާޑުފާޑުގެ ސްޕްރޭތަކުގެ ޒަރީޢާއިން ބޭރުވާ ކްލޯރޯފްލޯރޯކާބަންއަކީ އޯޒޯންފަށަލަ ހަލާކުކޮށްލާ ވިހަ މާއްދާތަކެވެ. އޯޒޯންފަށަލަޔަށް ލިބޭ ކޮންމެ ގެއްލުމަކީ ވެއްޓަށްލިބޭ ގެއްލުމެކެވެ. އެހެންކަމުން މިފަދަ މާއްދާތައް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ ވެށިހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތެއްކަމުގައި ނޫނީ ނުވާނެ އެވެ.
4- ކަނޑުގެ ލޮނުގަނޑު ބޮޑުވުން
އިންސާނީ ބޭނުންތަކަށްޓަކައި ކާރުޚާނާތަކުގައި ތަކެތިއުފައްދަން ބޭނުންކުރާ ހަކަތަޔާއި، އެފަދަ އުފެއްދުންތައް ބޭނުންކުރުމުގެ ތެރޭގައި ބޭރުވާ ހަކަތައިގެ މިންވަރު އިތުރުވެ، އޯޒޯން ފަށަލަ ތުނިވެ ދުނިޔެ ހޫނުވެއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު ބޮޑުވެއެވެ. މި ކަމާ ގުޅިގެން ރާއްޖެފަދަ ތިރި ޖަޒީރާ ޤައުމުތައް ކަނޑުގެ އަޑިޔަށް ގެނބިގެން ހިނގައިދާނެކަމުގެ އިންޒާރު މިހާރު ވެސް ސައެންސުވެރިން ދަނީ ދެމުންނެވެ. މިކަން ހާމަކުރައްވައި ޝަމްރަތު އަޙުމަދު (2008) ވިދާޅުވަނީ ފާއިތުވި ޤަރުނުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު 6 އިންޗިއާއި 8 އިންޗިއާއި ދެމެދަށް ބޮޑުވެފައިވާކަމަށާއި، އަދި ކުރިޔަށް އޮތް ސަތޭކަ އަހަރުގެ ތެރޭގައި 33 އިންޗިއަށް ކަނޑުގެ ލޮނުގަނޑު ބޮޑުވާނެ ކަމަށް ދިރާސާތަކުން ދައްކާކަމުގައެވެ. ހަމަ އެއާއެކު މި ޤަރުނު ނިމޭއިރު ދިވެހިރާއްޖެއޭ މިކިޔާ ދުނިޔެމަތީގެ ސުވަރުގެ އޮންނާނީ ކަނޑުގެ އަޑިޔަށް ގެނބި ފޮރުވިފައި ކަމުގައި ("ގެނބެމުންދާ ސުވަރުގޭގެ އާދޭސް"، 2008) ހާމަކުރެއެވެ.
ކަނޑުގެ ލޮނުގަނޑު ބޮޑުވުމުން ދިމާވާނެ ދެވަނަ ކަމަކީ ކަނޑުގެ އޮއިވަރަށް ބަދަލުއައުމެވެ. ތޫފާންތައް އައުމާއި ކާރިސާތައް މެދުވެރިވުމެވެ. އެ ގޮތުން ސައެންސުގެ އުފެއްދުންތަކާއި ކަނޑުގެ ލޮނުގަނޑު ބޮޑުވުމާއި ތޫފާންތައް އައުމާ ހުރިގުޅުން ހާމަކުރައްވައި ޢަބުދުއްރަޝީދު ޙުސައިން (1990) ވިދާޅުވަނީ ދުނިޔެހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު ބޮޑުވުމާއި، ތޫފާނުތައް އައުންފަދަ ކަންތައްތަކަކީ ގުދުރަތީ ކަންތައްތައް ކަމުގައިވިޔަސް މިފަދަ މައްސަލަތަކުގެ 90 އިންސައްތަ މައްސަލަތަކަކީ ކުރިއަރައިފައިވާ ޤައުމުތަކުގެ ޢަމަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައްކަމުގައެވެ. އެހެނަސް މިކަމުގެ ނުރައްކަލާ އެންމެ ފުރަތަމަ ކުރިމަތިލާން ޖެހޭނީ ދިވެހިރާއްޖެ ފަދަ ބިންތިރި ޖަޒީރާތަކުގެ މައްޗަށް އެކުލެވޭ ޤައުމުތަކަށެވެ. ވީއިރު ކޮންމެ ފަރުދަކު ވެސް އަމިއްލަ ރައްކާތެރިކަމާއި ދިފާޢަށްޓަކައި މިފަދަ ކަންކަމާމެދު ވިސްނައި ހޭއަރަން ވެއްޖެއެވެ.
5- ވައި ނުސާފުވުން
ސައެންސާއި ޓެކްނޮލަޖީގެ އުފެއްދުންތަކުގެ ސަބަބުން ރާއްޖޭގެ ވެށީގެ ވައި ނުސާފުވުން މި ވަނީ އިންތިހާއަށް ގޮސްފައެވެ. މި ގޮތަށް ވައިނުސާފުވުމަށް މެދުވެރިވާ އެންމެ މުހިއްމު މަސްދަރަކީ ދުއްވާ ތަކެއްޗެވެ. އެ ތަކެތިން ނުކުންނަ ވިހަދުންތަކެވެ. އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ދުއްވާ އުޅަނދުތަކަކީ އެތައް ބައިވަރު ވިހަ ކެމިކަލްތަކެއް އޭގެ ޒަރީޢާއިން ޖައްވަށް ބޭރުކުރުވާ ވަސީލަތްތަކެކެވެ. މި ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ވިހަގޭސް ޖައްވަށް ބޭރުވަނީ ދުއްވާ ތަކެތިން ކަމާމެދަކު ޝައްކެއްނެތެވެ. މިކަން ހާމަކުރައްވައި އަޙުމަދު ޢަބުދުﷲ ސަޢީދު (2008) ވިދާޅުވަނީ "ދުނިޔޭގެ ނިސްބަތަށް ބަލާއިރު، ޖައްވުގެ ތެރެއަށް ވިހަގޭސްތައް ދޫކުރާ މައިގަނޑު މަސްދަރަކީ އިންޖީނުލީ އުޅަނދުތަކެވެ. ޖައްވުގެތެރެއަށް ދޫކުރާ ކާބަންޑައި އޮކްސައިޑްގެ 40 ޕަސެންޓް ޙިއްސާކުރަނީ ދަތުރުފަތުރުގެ ވަސީލަތްތަކުންނެވެ." ވީމާ ރާއްޖޭގައި ވެސް ޖައްވުގެ ތެރެއަށް އެންމެ ގިނައިން ވިހަގޭސް ބޭރުވަނީ ދުއްވާތަކެތިންކަން ގަބޫލުކުރަން ޖެހެއެވެ.
ވައި ނުސާފުވުމުން ލިބޭ ގެއްލުންތައް ހާމަކުރައްވައި ވޯލްޑްބޭންކުގެ 2003 ވަނައަހަރުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ވައި ނުސާފުވުމުގެ ސަބަބުން މުޅި ދުނިޔެއިން އަހަރަކު ގާތްގަނޑަކަށް 500،000 އާއި އެއްމިލިޔަނާއި ދެމެދުގެ ޢަދަދަކަށް މީހުން މަރުވާކަމުގައި އަޙުމަދު ޢަބުދުﷲ ސަޢީދު (2008) ހާމަކުރައްވައެވެ. މީގެއިތުރުން ދުއްވާތަކެތިން ބޭރުވާ ވިހަ ކެމިކަލްތަކާއި ދުމާއި ހިރަފުހުގެ ސަބަބުން އިންސާނާގެ ނޭވާލުމުގެ ނިޒާމަށް ބަލިތައް ޖެހޭކަމުގައި ޙަސަން ޝަކީލު (1998) ހާމަކުރައްވައެވެ. މިގޮތަށް ބޭރުވާ ވިހަ މާއްދާތަކާއި ގެނދަބުޅީގެ ސަބަބުން ޖައްވާއި ވެށީގެ ވައި ތަޣައްޔަރުވެ، އިންސާނުންނަށް ސިއްޙީ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.
6- ފެންފަށަލަޔަށް ލިބޭގެއްލުން
ސައެންސުގެ އުފެއްދުންތަކާ ގުޅިގެން ރާއްޖޭގެ ފެންފަށަލަޔަށް ލިބޭ ގެއްލުންތައް މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ފެން ލޮނުވުމާއި، ފެން ތަޣައްޔަރުވުން ހިމެނެއެވެ. ފެން ތަޣައްޔަރުވުމަށް މެދުވެރިވާ ތަފާތު ސަބަބުތަކެއް ވެއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ފާޚާނާގެ ނިޒާމެވެ. ފާޚާނާ ނިޒާމުގެ ސަބަބުން ޖަންކްޝަންތަކުގެ ފެންގަނޑު ބިމަށްހިނދި ފެންގަނޑު ނަޖިސްވަނީ އެވެ. "ބޮޑުކަމުދާ ނަޖިހުގައިހުންނަ ކޮލިފޯމް ބެކްޓީރިޔާއާއި، ޕެތޯޖެނިކު އޯގެނިޒަމްސްއާއި، ކޮލިފޯމް ބެކްޓީރިޔާ ޖަންކްޝަންތަކުގެ ފެން ހިންދާތަކުގެ ޒަރީޢާއިން ބިމުގެއަޑިޔަށް ފޭދިގެން ގޮސް ފެންފަށަލަޔާ އެކުވުމުން ފެން ތަޣައްޔަރުވެއެވެ." ފެންތަޣައްޔަރުވާގޮތް (2008). މީގެއިތުރުން ފާޚާނާއާއި ނަރުދަމާތަކުން ދާ ކުނީގައި ބެކްޓީރިޔާ އާލާވެއެވެ. ބެކްޓީރިޔާތައް ނޭވާލުމަށް ބޭނުންކުރާ އޮކްސިޖަންގެ މިންވަރު ގިނަވުމުން ފެނުގެ އެހެންދިރުމަށް އޮކުސިޖަން ނުލިބުމުން ވެސް ފެން ތަޣައްޔަރުވާކަމުގައި ޙަސަން ޝަކީލު (1998) ހާމަކުރައްވައެވެ.
ހަމައެއާއެކު ދަނޑުތަކަށް ފެންދިނުމުގައި ޚާއްޞާކޮށް ބޭސްޖެހުމުގައި ދަނޑުވެރިންގެ ޢަމަލުތައް ބަހައްޓާގޮތުން ވެސް ފެން ތަޣައްޔަރުވެއެވެ. އއ. ތޮއްޑޫގެ ދަނޑުވެރިން ފެންވަޅުތަކަށް ބޭސް އަޅައިލުމަށްފަހު ޕެޓްރޯލް ޕަންޕުގެ އެހީގައި ދަނޑުތަކަށް ބޭސްޖަހައިލަނީ އެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެރަށުގެ މީރު ފެންފަށަލަ ވަނީ ހަލާކުވެފައިކަން (އިބުރާހީމް ނަޢީމް، ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، މާރޗް 25، 2008) ހާމަވެއެވެ. މިއީ ތޮއްޑޫގެ ޙާލަތުހުރިގޮތެވެ. އެހެން ރަށްރަށުގެ ޙާލު ހުރިނެތް ގޮތް އެނގޭނީ އެ ރަށްރަށުގައި ވެސް މިފަދަ ތަޙުލީލެއް ކޮށްލުމުންނެވެ.
ފެން ލޮނުވުމަކީ ވެސް ފެންތަޣައްޔަރުވުމެވެ. އެ ގޮތުން ފެން ލޮނުވަނީ މި ރަށްތަކުގެ ފެންފަށަލަ ތުނިވެފައި ބޭނުންކުރާ ފެންފޮދު ބިމަށްހިންދުމުގެ ބަދަލުގައި ސީދާ ކަނޑަށް ނުވަތަ މޫދަށް ބޭރުވާ ގޮތަށް ހެދުމުންނެވެ. މި ގޮތަށް ދިމާވަނީ ފާޚާނާތަކުގެ ހޮޅިތައް ސީދާ މޫދަށް ގުޅުމުންނާއި ބާރު ޕްރެޝަރގައި މޯޓަރުތަކުން ފެންތައް ނަގަންފެށުމުންނެވެ. އެހެންކަމުން މިފަސްގަނޑުގައި ދިރިއުޅޭ ދިވެހިންގެ ދުޅަހެޔޮކަމާއި ސިއްޙަތަށްޓަކައި ތަރަށްޤީއާއި ތަހުޒީބަށް ކުރެވޭ މިފަދަ ޢަމަލުތަކާމެދު ވިސްނައިލާންޖެހެއެވެ.
7- އިންސާނުންގެ ސިއްޙަތަށްލިބޭ ގެއްލުން
ސައެންސުގެ އުފެއްދުންތަކާ ގުޅިގެން އިންސާނުންގެ ސިއްޙަތަށް އަންނަމުންދާ ބަދަލުތައް މި ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އޭގެ ތެރޭގައި ކޮމްޕިޔުޓަރާއި، ޓީވީއާއި، ރޭޑިޔޯއާއި، ލަވަޖަހާ ސެޓާއި، ފޯނާއި، އައިޕެޑާއި، އައިޕޮޑާއި މިހެން ގޮސް ދިރިއުޅުމުގައި ބޭނުންކުރާ އެކިއެކި އިލެކްޓޯނިކްސް ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަކީ ވެސް ވަކިން ކުޑަ މައްސަލަތަކެއް ނޫނެވެ. އޭގެ ތެރޭގައި ލޮލާއި، ކަންފަތުގެ މައްސަލަތަކަކީ ވަރަށް ޢާއްމު މައްސަލަތަކެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ކޮމްޕިޔުޓަރ އާގޮނޮމިކްސްއާ ޚިލާފަށް ކޮމްޕިޔުޓަރ ބޭނުންކުރުމުގެ ސަބަބުން އުނަގަނޑާއި، ބުރަކައްޓާއި، ކަނދުރާގެ މައްސަލަތައް ޖެހުމާއި، ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވާކަމުގައި މުޙައްމަދު އާމިރު (2006) ހާމަކުރައްވައެވެ. ހަމައެއާއެކު ބާރުގަދަ އަޑުތަކުން ވެސް އިންސާނުންގެ ސިއްޙަތަށް ގެއްލުންވެއެވެ. ޑޮކްޓަރ މުޙައްމަދު ވަޙީދު (1990) ހާމަކުރައްވާ ގޮތުގައި 85 ޑެސިބެލްއަށް ވުރެ ގަދައަޑު ދާއިމީ ގޮތެއްގައި ގިނައިން އިވިއިވި ހުންނަ ތަނެއްގައި އުޅޭމީހުންގެ ކަންފަތް އެއަޑުގެ ސަބަބުން ބީރުވާނެއެވެ. އިންސާނުންނަށް ގެއްލުންލިބިދާނެ ގަދައަޑުތަކުގެ ތެރޭގައި ދުއްވާތަކެތީގެ އިންޖީނުތަކާއި، ބަރުގޮނުތަކުން ނިކުންނަ ގަދައަޑުތަކާއި، ބާރަށް ލަވަޖެހުން ފަދަ އަޑުތައް ހިމެނެއެވެ. މިފަދަ ކަންތައްތަކަކީ އިންސާނުންގެ ސިއްޙަތަށް ގެއްލުންވާ ކަންތައްތަކަށް ވާއިރު އެހެނިހެން ސައެންސުގެ އުފެއްދުންތަކުގެ ސަބަބުންވާ ގެއްލުންތަކާމެދު ވެސް ވިސްނައިލާންޖެހެއެވެ.
ސައެންސްގެ އެހީގައި އުފައްދައިފައިވާ ފާޑުފާޑުގެ ބޭސްތައް ބޭނުންކޮށްގެން ތައްޔާރުކުރާ އުފެއްދުންތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ވަކި ކުޑަވެފައި މަދެއްނޫނެވެ. ދަނޑުވެރިކަމުގައި ބޭނުންކުރާ ތަފާތު ބޭސްތަކާއި ޖަނަވާރަށް ދެވޭ ތަފާތު ވައްތަރުގެ ބޭސްތަކަކީ މިއަދު ދުނިޔެ އެކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިފާ ބޮޑެތި މައްސަލަތަކެވެ. ގަސްގަހާގެހި އަވަހަށް ހެދިބޮޑުކުރުމަށް ޖަހާ ބޭސްތަކާއި ޖަނަވާރު އަވަސް އަވަހަށް ދަރިމައިކުރުމަށް ދެވޭ ބޭސްތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ކުރަނީ އެތަކެތި ބޭނުންކުރާ އިންސާނުންނަށްކަން (އިބުރާހީމް ނަޢީމް، ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، މާރޗް 25، 2008) ހާމަވެއެވެ. ދުނިޔޭގެ ސިއްޙަތަށް މިހާރުވެސް ކުރިމަތި ވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަކީ ސައެންސުގެ އުފެއްދުންތަކަށްޓަކައި ކުރެވޭ ތަހުލީލުތަކާއި އެފަދަ އުފެއްދުންތައް ބޭނުންކުރުމުގެ ސަބަބުން މޫސުމަށް އަންނަބަދަލުތަކާ ގުޅިގެން އިތުރުވާ މައްސަލަތަކެވެ. ތިރީގައި މިވަނީ އެފަދަބައެއް މައްސަލަތަކާއި ގުޅިގެން މީހުންމަރުވާ ޢަދަދު ދައްކުވައިދޭ ތާވަލެކެވެ.