މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ތިމާވެއްޓަށް ގެއްލުން ލިބޭ ގޭސް ބޭރުކުރުމުގައި ރާއްޖޭގެ ހިއްސާ ! |
|
|
| ދިވެހި - ތިމާވެށި | |||||||||||||||||||||||||
| 20 ނޮވެމްބަރ 2008، 09:02 ބުރާސްފަތި | |||||||||||||||||||||||||
މިސައިޓުގައި ' މުޙިންމީ ... ސިއްހަތް ނުވަތަ ވެހިކަލް؟ ' މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގައި އަޅުގަނޑު ފާހަގަ ކޮށްލާފައިވާނީ ވެހިކަލްތަކުން ނުކުންނަ ދުމުގައި އެކުލެވޭ މައިގަނޑު ގޭސްތަކާއި އެއިން އިންސާނުންނަށް ހުރި ނުރައްކަލުގެ ވާހަކައެވެ. ނަމަވެސް މިފަދަ ގޭސްތައް ބޭރުކުރަނީ ހަމައެކަނި ވެހިކަލްތަކުންނެއް ނޫނެވެ. ތެޔޮ އަންދައިގެން ހިންގާ ކޮންމެ އެއްޗަކުންވެސް މިފަދަ ގޭސްތައް ޖައްވަށް ބޭރުކުރެއެވެ. އަޅުގަނޑުމެން ރާއްޖޭގައި މައިގަނޑުގޮތެއްގައި ކަރަންޓު އުފައްދަނީ ޑީސަލް ޖަނަރޭޓަރުގެ އެހީގައެވެ. މިއީވެސް މިފަދަ ގޭސް ބޭރުކުރާ އެއްޗެކެވެ.![]() "ރާއްޖެއަކީ ކުޑަ ޤައުމަކަށް ވާއިރު ދުނިޔޭގެ ނިސްބަތުން އަޅުގަނޑުމެން ޖައްވަށް ބޭރުކުރާ ގޭސް ވަރަށް މަދުވާނެއެވެ." މިއީ އަޅުގަނޑުމެން އެންމެންވެސް ހިތުގައި އޮންނާނެވާހަކައެއްކަން ޔަޤީނެވެ. މިކަމާ ބެހޭގޮތުން އަޅުގަނޑު ކުޑަކޮށް އަލިއަޅުވާލާނަމެވެ. 2004 ވަނަ އަހަރުގެ ދުނިޔޭގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު، އިންސާނުންގެ އަމަލުތަކުން ޖައްވަށް ކާބަން ޑައިއޮކްސައިޑް ބޭރުކުރާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ އަންނަނީ 162 ވަނައިގައެވެ. އެއިރު އެއްވަނާގައި އުޅެނީ USA އެވެ. (މިހާރު އެއްވަނާގައި އުޅެނީ ޗައިނާއެވެ.) އަދި އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާ 4 ވަނައިގަ، ޕާކިސްތާން 33 ވަނައިގަ އަދި ސްރީލަންކާ އަންނަނީ 88 ވަނައިގައެވެ. މިހާވަރުން ހިތްހަމަޖައްސާލައިގެން ތިބެވިދާނެތޯއެވެ. އިތުރު ތަފާސްހިސާބުތަކަށް ބަލާލަމާ ހިންގަވާށެވެ.
ހުށަހަޅާފައިވާ ޓޭބަލުން ދައްކުވައިދޭ މައުލޫމާތައް ބައްލަވާލުމުން، ޤައުމުތަކުގެ ސައިޒައްބަލާފައި، ކާބަންޑައި އޮކްސައިޑް އެންމެ ގިނައިން ބޭރުކުރާ އެއްޤައުމަކީ އަޅުގަނޑުމެންކަން ފާހަގަކުރެވޭނެއެވެ. މާނައަކީ އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ޤައުމެއްކަމުގައި ވެފާ، ޖައްވަށް ގޭސްބޭރުކުރާ އަދަދަށްބަލާއިރު މަދު އަދަދެއް ބޭރުކުރިކަމުގައި ވީނަމަވެސް، ޤައުމުތަކުގެ ސައިޒުގެ ނިސްބަތުން އަޅުގަނޑުމެން ވަރަށް ގިނަ އަދަދަކަށް މިގޭސް އެބަ ބޭރުކުރަމެވެ. އެހެންކަމުން އަޅުގަނޑުމެންނަކީ ވަރަށް ކުޑަކޮށް ހިއްސާވާ ބަޔެކޭ ބުނެވޭކަށް މުޅިއަކުންނެތެވެ. މީގެ އިތުރުން ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުސްވަމުންދިއުމުން އެކަމުން އެންމެ ބޮޑު އަސަރު ކުރާނެ އެއް ޤައުމަކީ އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެ ކަމުގައިވާއިރު، މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ހޭލުންތެރިވެ މިކަމަށް އަމަލީ ގޮތުން ފިޔަވަޅު އަޅަންޖެހިއްޖެއެވެ. ތެޔޮ އަންދައިގެން ކިހާ ވަރަކަށް ކާބަންޑައި އޮކްސައިޑް ބޭރުވޭތޯ ބަލާލަމާ ހިންގަވާށެވެ. • ޕެޓްރޯލް ލީޓަރަކުން 2.331 ކިލޯގްރާމް • ޑީސަލް ލީޓަރަކުން 2.772 ކިލޯގްރާމް އަޅުގަނޑުމެން އެންމެ ގިނައިން ތެޔޮ އަންދާ އެއްކަމަކީ ކަރަންޓު އުފެއްދުމަށެވެ. މިސާލަކަށް، 40 ކިލޯގެ ޖަނަރޭޓަރެއް ހިންގުމުން ކިހާ ގެއްލުމެއް އަޅުގަނޑުމެންނަށް ދެވިދާނެތޯ؟ މިސައިޒުގެ ޖަނަރޭޓަރެއް ފުލްލޯޑުގައި ހިންގާނަމަ ގާތްގަޑަކަށް 15 ލީޓަރުގެ ޑީސަލް ގަޑިއަކަށް ޚަރަދުވާނެއެވެ. ވީމާ، ގަޑިއަކަށް އެއިން 41.58 ކިލޯގްރާމްގެ ކާބަން ޑައިއޮކްސައިޑް ބޭރުކުރާނެއެވެ. އެހެންކަމަށްވާނަމަ، 24 ގަޑިއިރުގެ ތެރޭގައި ހަމައެކަނި 40 ކިލޯގެ ޖަނަރޭޓަރެއް ފުލް ލޯޑުގައި ހިންގައިގެންވެސް 997.92 ކިލޯގްރާމްގެ ކާބަން ޑައިއޮކްސައިޑް އަޅުގަނޑުމެންނަށް ޖައްވަށް ބޭރުކުރެވޭނެއެވެ. މިއީ ވަރަށް ބޮޑު އަދަދެއްކަން ޔަޤީނެވެ. މިނޫންގޮތެއް ނެތީތޯއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މިހާރު އެންމެބޮޑަށް މަސައްކަތް ކުރަމުންދާ އެއްކަމަކީ ކަރަންޓު އުފެއްދުމަށްޓަކައި އިޔާދަކުރަނިވި ހަކަތަ (ރިނިއުއަބަލް އެނާރޖީ) ބޭނުންކުރެވެންހުރި ގޮތްތައް ހޯދާ، ކަރަންޓު އުފެއްދުމަށްޓަކައި ތެޔޮ ޚަރަދު ކުރާ މިންގަޑު މަދުކުރުމެވެ. އަޅުގަނޑުމެން ދިވެހިރާއްޖޭގައިވެސް މިހާރު ވަނީ މިމަސައްކަތް ކޮންމެވެސް ވަރަކަށް ފައްޓަވާފައެވެ. ނަމަވެސް އެކަން ކާމިޔާބުކުރުމަށްޓަކައި ހުރިހާ ދިވެހިންގެ އެއްބާރުލުން ބޭނުންވާނެއެވެ. ވީމާ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ސަލާމަތް ކުރުމަށްޓަކައި އެންމެންވެސް އެއްބާރުލަމާ ހިންގަވާށެވެ.
|
| ހަމަ މި ގަލަމުން |
|---|