މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު |
|
|
| ދިވެހި - ތިމާވެށި | |||
| 30 ޖުލައި 2009، 00:09 ބުރާސްފަތި | |||
|
މުޙައްމަދު ވަޙީދު މަޑުލު (2007) ގޮނޑުދޮށްތަކަށް ފަތުރުވެރީން އައުމަށް ދަޢުވަތުދޭ ގޮނޑުދޮށްތައް މަޑުމަޑުން ފެނުގެ އަޑިއަށް ދަނީއެވެ. ދުވަސްކޮޅަކުން ސުނޯގައި ސުކީކުރާ ރިޒޯޓުތައް ނެތިގެން ހިނގައިދާނެއެވެ. އެއީ ސުނޯ ނެތުމުންނެވެ. މިދިޔަ މަހު، ދެވަނަ ދުވަހު، މޫސުމާބެހޭ، ދުނިޔޭގެ އެންމެ ބޮޑެތި ސައިންސުވެރިން ނެރުނު ދުނިޔޭގެ މޫސުމާއި ބެހޭ ރިޕޯޓަކީ ލަފާކުރުންތައް ޙަޤީޤަތަކަށް ވާން ފަށައިފިކަން އަންގައިދޭ ރިޕޯޓެކެވެ. އެރިޕޯޓުގައިވަނީ،ދުނިޔެ ހޫނުވުން ނުހުއްޓި ކުރިޔަށްދަނީ އިންސާނުންގެ ސަބަބުން ކަމަށެވެ. ޖައްވަށް ދޫކުރާ ދުމުގެ ސަބަބުންކަމަށެވެ. އެލަސްކާގެ އުތުރުގައި ދިރިއުޅޭ 200 އެއްހާ އަވަށުގެ މީހުން ދިރިތިބުމަށް ހަނގުރާމަކުރަމުން ދަނީއެވެ. ކުރިޔަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި އެތަންތަން ފެންއަރައި ފޮރުވިގެން ހިނގައިދާނެއެވެ. ދުނިޔޭގެ ޖައްވު ހޫނުވުމުގެ ސަބަބުން ކަނޑުތައްވެސް މަޑުމަޑުން ހޫނުވަނީއެވެ. ގަނޑުފެން ވިރެމުން ދަނީއެވެ. ނަތީޖާއަކީ ހޫނުވެގެން ކަނޑުތައް އުފުލުމުގެ އިތުރުން ވިރިގެންދާ ގަނޑުފެނުގެ ސަބަބުންވެސް ކަނޑުގެ ލޮނުގަނޑު އުފުލުމެވެ. އެލަސްކާގެ ގޮނޑުދޮށްތައް އަހަރަކު 2.4 މީޓަރަށް ފެންއަރައި ފޮރުވެމުންދަނީއެވެ. ނަތީޖާއެއްގެ ގޮތުން ފާއިތުވީ އަހަރުގެ ތެރޭގައި އެތައްމިލިޔަން އޭކަރެއްގެ ޖަންގަލި ނެތިގެން ހިނގައްޖެއެވެ. އަދި ޖައްވު ހޫނުވުމުން ފަނިފަކުސާތައް އިތުރުވެގެން ދިއުމުގެ ސަބަބުންވެސް މެއެވެ. ފާއިތުވީ ދިހަވަރަކަށް އަހަރުގެ ތެރޭގައި މޫސުން އަހަރަކު 1ޑިގުރީ މައްޗަށް ޖެހެމުން އައިސްފައިވެއެވެ. ސުވިޒަރލޭންޑުގެ ފަރުބަދަމަތީގެ ގަނޑުފެންތައް ވިރެމުންދަނީއެވެ. ސުކީ ރިޒޯޓުތައް ނެތިގެން ދާނީ ކިހާ އަވަހަކަށް ކަމެއް ނޭނގެއެވެ. 2016ވަނަ އަހަރު އަންނަ އިރު ގިނަ ރިޒޯޓުތަކުގައި ސުނޯ ނުހުންނާނެކަމަށް ބެލެވެއެވެ. ކަނޑުލޮނުގަނޑު އުފުލުމުން ތައްޔާރުވުން އޭޝިޔާގައި އެންމެކުޑައީ ބަނގުލަދޭޝްއެވެ. އެޤައުމުގެ ސެންޓު މާރޓިން ޖަޒީރާދަނީ ކުޑަވުމުންނެވެ. ތޫފާނުތައް ވަރުގަދަވެފައި އަންނަލެއް ގިނައެވެ. ސެންޓުމާރޓިން ޖަޒީރާއަކީ ބޭ އޮފް ބެންގުލޯގައި އުފެދިފައިވާ މުރަކާއި ދޮންވެލީގެ ޖަޒީރާއެކެވެ. ވިއްސަކަށްއަހަރު ކުރިން 12 އަކަމޭލު ހައިބޮޑެވެ. މިހާރު އެރަށްވަނީ 8 އަކަމޭލަށް ކުޑަވެފައެވެ. ރަށްގިރަމުން ދެއެވެ. މުރަކަތައްމަރުވެ، މަސްވެރިކަމަށް ބަދަލުތަކެއް އަންނަންފަށައިފިއެވެ. އެރަށުގެ ރަށުކޮމިޓީގެ ރައީސް މައުލަވީ ފީރޯޒު އަޙުމަދު ބުނުއްވަނީ، ދިރިއުޅުމަށް ކުރާ މަސްވެރިކަން ނެތި ހިނގައިދާނެ ކަމަށެވެ. ދުނިޔޭގެ އަނެއްފަރާތުގައިވާ އަކިރީގެ ޖަޒީރާ ޤައުމެއްކަމަށްވާ ކިރިބާޝްގެ 33 ރަށަށްވެސް މޫސުމުގެ ނޭދެވޭ އަސަރުކުރަމުން ދަނީއެވެ. މިރަށްތަށްވަނީ ޕެސިފިކް ކަނޑުގައި އީކްވޭޓަރާ ހަމައިގައެވެ. އެރަށްތަކުގެ ރައީސް އެނޯޓު ޓޯނަގް ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ބޮޑެވެ. ބައެއް ގެދޮރުވެސް ޣަރަޤުވެއްޖެއެވެ. އެންމެބޮޑު ބިރެއް އޮތީ އެރަށްތަކުގައި ދިރިއުޅޭ އެއްލައްކަ ފަސްހާސްމީހުންނަށް ކަމަށް އޭނާވިދާޅުވިއެވެ. ކިރިބާޝްގެ މީހުންގެ މަިއގަނޑު ކެއުމަކީ އޮޅުއަލައެވެ. ކަނޑުގެ ލޮނުގަނޑު ބޮޑުވަމުންދާތީ އޮޅުތަކަށް ލޮނުގެ އަސަރުކޮށް އަލަދަނޑުތައް މަރުވަމުންދަނީއެވެ. ގޮނޑުދޮށާއި ފޭއަށް ޖެހެންބަލަން ބަލާއިރު ރަށްރަށުގެ ސައިޒު އެހާ ބޮޑެއްޗެއްނޫނެވެ. އެހެންކަމުން ފަންސާހަކަށް އަހަރުތެރޭގައި އާބާދީ އެހެންތަނަކަށް ހިޖުރަކުރުން ނޫން ގޮތެއް ނެތްކަމަށް ކިރިބާޝްގެ ރައީސް ވިދާޅުވިއެވެ. އިންޑިއާއަކީ، ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން އެންމެބޮޑު ނޭދެވޭ އަސަރެއް ކުރާނެއެއް ޤައުމެވެ. އެޤައުމުގައި ދިރިއުޅޭ އާބާދީއަކީ ދުނިޔޭގެ ހަބައި ކުޅަ އެއްބައެވެ. ތަޖުރިބާކާރުން ބުނަނީ ހިމާލަޔާ ފަރުބަދަތަކުގެ ގަނޑުފެންތައް ވިރެން ފެށުމުން އިންޑިއާއަށް އޮތް ނުރައްކާތެރިކަން ވަރަށްބޮޑު ކަމަށެވެ. ގެންޖީޒްކޯރަށް ފެންލިބޭ އައިސް ފަރުބަދައަކީ ގެންގޯޓްރީއެވެ. އެފަރުބަދައިގެ އައިސް ވިރޭވަރު ޑަބަލް އިތުރުވެއްޖެއެވެ. 1971 ގައި ވިރޭކަމަށްވަނީ 19 މީޓަރުގެ ގަނޑުފެނެވެ. މިހާރު އެޢަދަދު 34 މީޓަރަށް މައްޗަށް ޖެހިއްޖެއެވެ. މިއަދު ތަޖުރިބާކާރުން ބުނަނީ، ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން ރެފިއުޖީންނަށް ވާންޖެހޭ މީހުންގެ އަދަދު އެތައް މިލިޔަނަކަށް އަރައިފިކަމުގައެވެ. ރެފިއުޖީންގެ ޢަދަދު މިޤަރުނު ނިމޭއިރު 200 މިލިޔަނަށް އަރާނެކަމަށްވެސް ބުނެއެވެ. 2 ފެބުރުއަރީ 2007 ގައި ދުނިޔޭގެ މޫސުމާއި ބެހޭ ސައިންސުވެރިން ނެރުއްވި ރިޕޯޓުގެ މުހިންމު މަޢުލޫމާތުތައް : - 1906 ން 2005 އަށް ދުނިޔޭގެ ހޫނުމިން 0.74 ޑިގުރީ ސެލްސިއަސްއަށް މައްޗަށްޖެހިއްޖެއެވެ. 2001 ވަނަ އަހަރު އިންޓަރގަވަރމެންޓަލް ފެނަލް އޮން ކުލައިމެޓު ޗޭންޖުގެ ރިޕޯޓުގައި ބުނެފައިވަނީ، 1901 ން 2000 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ހޫނުމިން 0.6 ޑިގުރީ ސެލްސިއަސް އަށް އަރައިފިކަމަށެވެ. - ދުނިޔޭގެ މޫސުމަށް މިއަންނަ ބަދަލުތަކަކީ ވަރަށް ބޮޑަށް ލަފާކުރެވޭގޮތުގައި އިންސާނުން ކުރާ އަމަލުތަކުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން 3000 މީޓަރުގެ އަޑިޔަށް ފޯރައިފިއެވެ. ކަނޑަށްހޫނުކަން ލިބެނީ ވައިގެ ސަބަބުންނެވެ. ދުނިޔޭގެ ދެކޮޅުގައިވާ އައިސްތައްދަނީ ވިރެމުންނެވެ. 1961 ން 2003 އާ ދެމެދު ކަނޑޫގެ ލޮނުގަނޑު 1.8 މީޓަރު އުފުލިއްޖެކަމަށް ޤަބޫލުކުރެވެއެވެ. މިރޭޓުވަނީ 1993 ން 2003 އާ ދެމެދު އަހަރަކު 3.1މިލިމީޓަރަށް މައްޗަށް ޖެހިފައެވެ. - 1970 ގެ އަހަރުތަކުން ފެށިގެން ފެންނުލިބި ހަނަފަސްވާ ބިންތައް އިތުރުވެ ވާރޭނުވެހިދާ މުއްދަތު ދިގުވެފައިވެއެވެ. އެހެންނަމަވެސް - 1900 ވަނަ އަހަރުން 2005 ވަނައަހަރާދެމެދު ދުނިޔެއަށް ވެހުނު ވާރޭ އިތުރުވެފައިވެއެވެ. - 2100 ވަނަ އަންނަންވާއިރަށް ދުނިޔޭގެ ހޫނުމިން 1.1 ޑިގުރީ ސެލްސިއަސް އަށް އާއި 6.4 ޑިގުރީ ސެލްސިއަސްއާއި ދެމެދުގެ ޢަދަދަކަށް މައްޗަށް ހިނގައިދާނެއެވެ. އެއީ 1980 ން 1999 ގެ ނިސްބަތާ އަޅާބަލާއިރުއެވެ. މިޢަދަދުތަކަކީ ކޮމްޕިއުޓަރގެ އަންދާޒާއެވެ. ކޮމްޕިއުޓަރުން މިޢަދަދުތައް ދެނީ ޖައްވުން ބޭރުވާ ކާރބަންޑައި އޮކްސައިޑު ( ސީ. އޯ. 2 ) ގޭހަށްބަލައިފައެވެ. މިއީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ ސަބަބެކެވެ. - ކަނޑުގެ ލޮނުގަނޑު 18 ސެންޓިމީޓަރއާއި 58 ސެންޓިމީޓަރާ ދެމެދުގެ ޢަދަދަކަށް އުފުލޭނެއެވެ. މިއީވެސް ޖައްވަށްދޫކުރާ ދުމުގެ ނިސްބަތަށް ބަލައިގެން ކޮމްޕިއުޓަރުން އަންދާޒާކުރާ މިންވަރެވެ. 2001 ވަނައަހަރު ލަފާކުރީ 9 ސެންޓިމީޓަރާއި 88 ސެންޓިމީޓަރު ކަމަށެވެ. - ތޫފާނުތަކާއި ކޮޅިގަނޑުތަކުގެ މާބާރު ގަދަވާނެކަމަށް ލަފާކުރެވެއެވެ. ނިމުނީ މަޞްދަރު: ޖަމާޢަތުގެ ޚަބަރު
|
| ހަމަ މި ގަލަމުން |
|---|