މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ރޭލުގެ ދަތުރުވެރިންނާއި ހައިބަތުހުރި މުސްކުޅިޔާގެ ވާހަކަ |
|
|
| ދިވެހި - ވާހަކަ | |||
| 21 ސެޕްޓެމްބަރ 2009، 22:14 ހޯމަ | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ރޭލުގައި ދަތުރުކުރި ދަތުރުވެރިންނާއި ހައިބަތުހުރި މުސްކުޅިޔާގެ ވާހަކަ އަޑުއެއްސެވީމުތޯއެވެ؟މިވާހަކަ ކުރިން އަޑުއައްސަވާފައި ނުވާނަމަ، ކުރިޔަށް ގެންދަވާށެވެ! މިއީ، ވަރަށް ރީތި، ވާހަކައެކެވެ. އަދި އެހައިމެ، ޝައުޤުވެރި ކުރުވަނިވި ވާހަކައެކެވެ. މިއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު ވާހަކައެކެވެ. މިއީ، ދަތުރުކުރަމުން ދިޔަ ރޭލެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކެއްގެ ތެރެއިން އުފެދިގެން އައި ވަރަށް ޢިބްރަތްތެރި ވާހަކައެވެ. ފުރަން ތައްޔާރުވެއްޖެކަން އެންގުމަށްޓަކައި ހަރުއަޑުން ރޭލުގެ ބަރުގޮނު އަޅަން ފަށައިފިއެވެ. އެއަޑު އިވުމާއެކު، އެންމެހައި ދަތުރުވެރިން އަވަސް އަވަހަށް ރޭލަށް އެރިއެވެ. އެމީހުންނާއެކު ރޭލަށް ނޭރުނު މުސްކުޅި ދަތުރުވެރިޔަކު ވިއެވެ. އެމީހުންނާއެކު، އޭނާއަށް ރޭލަށް ނޭރުނީ، އޭނާއަށް އާދެވުނުލެއް ތަންކޮޅެއް ފަސްވީމައެވެ. ނަސީބު ރަނގަޅު ކަމުން، ރޭލު ފުރުމުގެ ކުރިން އެއަށް އެރުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ. ނަމަވެސް އޭރު ރޭލުގެ ހުރިހައި ބައިތަކެއް ވަނީ، ފުރިފައެވެ. އެހެންކަމުން، އޭގެ ތެރެއިން އިށީންނާނެ ތަނެއް ލިބޭތޯ އޭނާ މަސައްކަތްކުރިއެވެ. ރޭލުގެ ފުރަތަމަ ބަޔަށް ވަދެ، ހުސް ގޮނޑިއެއް ފެނޭތޯ އޭނާ ނަޒަރު ހިންގާލިއެވެ. އެ ބައިން، އޭނާއަށް ފެނުނީ، ކުޅިވަރު ކުޅެން ތިބި ކުޑަކުދީންތަކެކެވެ. ދެން އެކުދީންނަށް ސަލާމް ގޮވާލިއެވެ. ހައިބަތުހުރި މުސްކުޅިޔާ ފެނުމުން އެކުދީން، އޭނާއަށް ކުރުނީސްކޮށް އަދަބު ތަޢުޡީމު އަދާކުރިއެވެ. އޭނާގެ މޫނުގައިވާ އުޖާލާކަމާއި ނޫރާނީ ސާފުކަމެއްގެ ސަބަބުން، އެކުދީންގެ ހިތްތަކުގައި އޭނާއަށް ވަރަށް މަތިވެރި މަޤާމެއް ދެވުނެވެ. އެކުދީން އޭނާއަށް މަރްޙަބާ ކިޔައި އިސްތިޤުބާލުކުރިއެވެ. ދެން އެކުދީންނާއެކު ރޭލުގެ ފުރަތަމަ ބައިގައި އިށީނަސް އެންމެ ރަނގަޅުތޯ މުސްކުޅިޔާ އެހުމުން، އެކުދީން ޖަވާބުދިނެވެ. ތިޔަފަދަ ބޭކަލަކަށް ވަރަށް މަތިވެރި ލޯތްބާއި ޤަދަރު، އަޅުގަނޑުމެންގެ ހިތްތަކުގައި ދެވިފައި ވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނީ، ކުޑަ ކުދީންތަކަކީމުއެވެ. އަޅުގަނޑުމެންގެ މި ޢުމުރަކީ، އެންމެ ބޮޑަށް ސަކަރާތްޖަހައި، ކުޅިވަރު ކުޅޭހިތްވާ ޢުމުރެވެ. އެހެންވީމާ، އަޅުގަނޑުމެންނާއެކު، ކަލޭގެފާނު މިތަނުގައި އިށީނދެވަޑައިގެންފިނަމަ، އަޅުގަނޑުމެންގެ ފަރާތުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި ކަލޭގެފާނު މިތަނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، ކުޅިވަރުކުޅެ ސަކަރާތްޖެހުމަކީ، ހިތުހުރި ގޮތަކަށް އަޅުގަނޑުމެންނަށް ކުރެވޭނެ ނޫނެވެ. ވީމާ، މި ރޭލުގެ ދެވަނަ ބަޔަށް ވަޑައިގެންނެވުން ކީއްތޯއެވެ؟ އެބައިގައި ތިބި ބޮޑެތި ކުދިން ކަލޭގެފާނަށް ޖާގަ ދޭ ހިތް ވާނެއެވެ. ދެން އެ ހައިބަތު ހުރި މުސްކުޅިޔާ، ރޭލުގެ ދެވަނަ ބަޔަށް ދިޔައެވެ. އެބައިގައި ތިބީ ސާނަވީ މަރުޙަލާގައި ކިޔަވާވަރުގެ ބޮޑެތި ކުދީންނެވެ. އެކުދީންގެ އަތުގައި ކަލްކިއުލޭޓަރތަކާއި ތިނެސްކަން ފަތިކޮޅުތައް ވިއެވެ. އެކުދީން މަޝްޣޫލުވެގެން ތިބީ، ހިސާބު ހެދުމާއި ފިޒިކްސްގެ ނަޒަރިއްޔާތަކާ ބެހޭގޮތުން ވާހަކަދެއްކުމުގައެވެ. ހައިބަތުހުރި މުސްކުޅިޔާ އެކުދިންނަށް ސަލާމްގޮވާލުމުން، އެކުދީން އޭނާގެ މޫނަށް ބަލާލިއެވެ. އެހިނދު އެކުދީންގެ ހިތްތަކަށް ވެރިވި އުފަލާއި ހިތްހަމަޖެހުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އަދަބު ތަޢުޡީމު އަދާކޮށް އެކުދީން އެ އޭނާއަށް މަރްޙަބާކިޔައި އިސްތިޤުބާލުކުރި އެވެ. ހައިބަތުހުރި ޢިއްޒަތްތެރި ސާހިބާއެވެ! އިޚުލާޞްތެރިކަމާއެކު ކަލޭގެފާނަށް އަޅުގަނޑުމެން މަރްޙަބާ ދަންނަވަމުއެވެ. ދެން އެކުދީންނާއެކު، ރޭލުގެ އެބައިގައި އޭނާ އިށީނަސް އެންމެ ރަނގަޅުތޯ، އޭނާ އެހުމުން އެކުދީން ޖަވާބުދިނެވެ. އަޅުގަނޑުމެންނާއެކު، ކަލޭގެފާނު މިބައިގައި އިށީންނެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. ނަމަވެސް އަޅުގަނޑުމެން މިތިބީ، ސައިން އާއި ކޮސައިންގެ ހިސާބުތަކެއް ހެދުމުގައި މަޝްޣޫލުވެގެންނެވެ. އަޅުގަނޑުމެން ތިނެސްކަނުގެ ހިސާބުތައް ހަދައި، ފިޒިކްސްގެ މައްސަލަތަކާ ބެހޭގޮތުން ޑިސްކަސްކުރަމުން ދާއިރު، ބައެއް ފަހަރު އެކި ކުދިންގެ ޚިޔާލު ތަފާތުވެއެވެ. ދެން ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ފެންނަގޮތް ދިފާޢުކުރަންވެގެން ވާހަކަ ދައްކާއިރު، އަޑުގަދަވާތަން އާދެއެވެ. ކަންމިހެން ހުރުމާއެކު، އަޅުގަނޑުމެންގެ ފަރާތުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި ކަލޭގެފާނު އަޅުގަނޑުމެންނާއެކު އިށީނދެވަޑައިގެންފިނަމަ، އަޅުގަނޑުމެން ކުރަމުން މިގެންދާ މުނާޤަޝާތައް ކުރަން ދަތިވެދާނެތީ ވެސް ޖެހިލުންވަމުއެވެ. އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ، ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނަކަށެވެ. ވީމާ، ރޭލުގެ މިބަޔާ ޖެހިގެން އޮތް ބަޔަށް ވަޑައިގެން ބައްލަވާށެވެ! ކަލޭގެފާނުގެ އުޖާލާ މޫނުފުޅު ދެކޭ ކޮންމެ މީހަކުމެ، ކަލޭގެފާނާއެކު އެއްތަނެއްގައި އިށީނުމުގެ ޝަރަފު ލިބިގަތުމަށް ޝައުޤުވެރިވާނެއެވެ. ދެން އެ ހައިބަތު ހުރި މުސްކުޅިޔާ، ރޭލުގެ ދެން އޮތް ބަޔަށް ދިޔައެވެ. މިބައިން ހުސް ގޮނޑިއެއް ފެނުނީ، ޒުވާން ފިރިހެނަކާއި އަންހެނެއްގެ ކައިރިންނެވެ. އެއީ އަލަތު ކާވަނީގައި، ހަނީމޫނަށްދާ ދެމަފިރީން ކަހަލައެވެ. ހުނުމާއި ރޮމޭންޓިކް ބަސްތަކާއި ލޯބީގެ ޙަރަކާތްތައް އެ ދެ ޒުވާނުންގެ ކިބައިން އުތުރު އަރަމުން ދިޔައެވެ. މުސްކުޅިޔާ، އެ ދެ ޒުވާނުންނަށް ސަލާމް ގޮވާލިއެވެ. އެހިނދު އެ ދެ ޒުވާނުން މުސްކުޅިޔާއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެވެ. ދެން އެ ތަނުގައި އިށީނަސް އެންމެ ރަނގަޅުތޯ މުސްކުޅިޔާ އެހުމުން، އެ ދެ ޒުވާނުން ޖަވާބުދިނެވެ. އަޅުގަނޑުމެންނީ، އަލަތު ކާވަނީގައި ހަނީމޫނަށް ދާ ދެމަފިރިޔަކީމުއެވެ. އަޅުގަނޑުމެން މިތިބީ ވަރަށް ރޮމޭންޓިކް ޖައްވެއްގައެވެ. ޒުވާންކަމުގެ ރޫޙެއްގައި އަދި ސަމާސާ ވިސްނުމެއްގައެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި އިށީނދެވަޑައިގެންފިނަމަ، އަޅުގަނޑުމެންގެ ފަރާތުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި ކަލޭގެފާނު މިތަނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، އަޅުގަނޑުމެން ދައްކަމުން މިގެންދާ ރޮމޭންޓިކް ވާހަކަތަކާއި، ކުރަމުން މިގެންދާ ލޯބީގެ ޙަރަކާތްތައް ކުރަން ލަދުވެތިވަމުއެވެ. މި ރޭލުގައިވާ ކޮންމެ މީހަކުވެސް ކަލޭގެފާނާއެކު އެއްތަނެއްގައި އިށީނުމުގެ ޝަރަފު ލިބިގަތުމަށް ޝައުޤުވެރިވާނެއެވެ. ޒުވާން ދެމަފިރިން މިހެން ބުނުމުން، އެހެން ތަނަކުން ޖާގައެއް ލިބޭތޯ ބެލުމަށްޓަކައި، ދެން ޖެހިގެން އޮތް ބަޔަށް ހައިބަތުހުރި މުސްކުޅިޔާ ދިޔައެވެ. އެބައިން ހުސްޖާގައެއް ފެނުނީ، ޢުމުރުން ތިރީހުގެ އަހަރުތަކުގެ ފަހުކޮޅުގައިވާ ދެ މީހެއްގެ ކައިރިންނެވެ. އެ ދެމީހުންގެ އަތުގައި، ބިންތަކުގެ ޗާޓުތަކަކާއި މަޝްރޫޢުތަކާ ބެހޭ ލިޔުންތައް ވިއެވެ. ނުހަނު ފޯރިޔާއެކު، އެ ދެ މީހުން ދައްކަމުން ގެންދިޔައީ، އެ ދެ މީހުންގެ ވިޔަފާރި ފުޅާކުރުމާ ބެހޭ ވާހަކަތަކެވެ. އެ ދެ މީހުން ތިބީ، އެކަމަށްޓަކައި ރާވާފައިވާ މުސްތަޤުބަލުގެ ޕްލޭންތަކާ ބެހޭ ވަރުގަދަ ޑިސްކަޝަނެއްގެ ތެރެއަށް ގެއްލިފައެވެ. މުސްކުޅިޔާ، އެ ދެ މީހުންނަށް ސަލާމް ގޮވާލިއެވެ. އެހިނދު އެ ދެ މީހުންނަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނަސް، އެދެމީހުން އޭނާގެ ސަލާމް ބަލައިގަތެވެ. އަދި ނުހަނު އިޙުތިރާމާއެކު އޭނާއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެވެ. ދެން އެ ދެ މީހުންގެ ކައިރީގައި އިށީނަސް އެންމެ ރަނގަޅުތޯ އޭނާ އެހުމުން އެ ދެ މީހުން ޖަވާބުދިނެވެ. ކަލޭގެފާނާއެކު އެއްތަނުގައި އިށީނުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް މަތިވެރި ޝަރަފެކެވެ. ކީއްތޯއެވެ. ކަލޭގެފާނުގެ ސާފު މޫނުފުޅު ފެނުމަކީ ވެސް އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. ނަމަވެސް، ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން މަޝްޣޫލުވެގެން މިތިބީ، މުދަލާއި ވިޔަފާރީގެ ކަންކަމާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަޅުގަނޑުމެން ރާވަމުން ގެންދާ މަޝްރޫޢުތައް ކާމިޔާބުކުރާނެ ގޮތަކާމެދު މުނާޤަޝާ ކުރުމަށެވެ. މިކަންތައްތަކުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި އަޅުގަނޑުމެންނާއެކު، ކަލޭގެފާނު އިށީނދެވަޑައިގެންފިނަމަ، ކަލޭގެފާނަށް އަރާމު ނުކުރެއްވިދާނެތީ ވެސް ބިރުވެތިވަމުއެވެ. ... ރޭލުގައި އަޅުގަނޑުމެން މިތިބި ބަޔާ ޖެހިގެން އޮތްބަޔަށް ވަޑައިގެން ބައްލަވާށެވެ! އެބައިގައި ތިބި މީހުން، އެމީހުންގެ ތެރޭގައި ކަލޭގެފާނު އިށީންނެވުމަށް ނުހަނު ޝައުޤުވެރިވާނެއެވެ. ދެން އެބަޔަށް ދިއުމަށްޓަކައި ހައިބަތުހުރި މުސްކުޅިޔާ ހިނގައިގަތެވެ. އެއީ ރޭލުގެ އެންމެ ފަހު ބަޔެވެ. އޭނާ އެބަޔަށް ދިޔައިރު އެބައިގައި ތިބީ ޢާއިލާތަކެވެ. ހުރިހައި ގޮނޑިތަކެއް ވަނީ ފުރިފައެވެ. އިށީންނާނެ އެއްވެސް ތަނެއް ނެތެވެ. އެހެންނަމަވެސް، އޭނާ އެބައިގައި ތިބި މީހުންނަށް ސަލާމްގޮވާލިއެވެ. އެހިނދު، އެތަނުގައި ތިބި ޢާއިލާއެއްގެ ބަޔަކު، ސަލާމް ބަލައިގަނެ އޭނާއަށް މަރްޙަބާ ކިޔައި، ވަރަށް ބޮޑަށް ކަމޭހިތިއެވެ. އޭނާ އެމީހުންނާއެކު އިށީނަސް އެންމެރަނގަޅުތޯ އެހުމުގެ ކުރިން، އެ ޢާއިލާއިން އޭނާއަށް ޖާގަ ދިނެވެ. އެ ޢާއިލާގައި ތިބީ، ދެމަފިރިންގެ އިތުރުން ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އެކުދިންގެ މަންމައާއި ބައްޕަގެ އިޝާރަތަކަށް، ފިރިހެން ދެކުދިން އެއް ގޮނޑިއަކަށް ދިޔައެވެ. އަދި އަންހެން ދެކުދިން އަނެއް ގޮނޑިއަކަށް ދިޔައެވެ. މިގޮތުގެ މަތިން، ހައިބަތުހުރި މުސްކުޅިޔާ އިށީނުމަށް ވަރަށް ބޮޑު ޖާގައެއް އެ ޢާއިލާއިން އޭނާއަށް ތައްޔާރުކޮށް، އެތަނުގައި އިށީނުމަށް އޭނާގެ ގާތުން އެދުނެވެ. ދެން، މާތް ﷲ އަށް ޙަމްދުކުރުމަށްފަހު އޭނާ، އެތަނުގައި އިށީނދެއްޖެއެވެ. އޭރު އޭނާވަނީ، ރޭލުގެ ތެރޭގައި އިށީންނާނެ ތަނެއް ހޯދުމަށްޓަކައި ހިނގައި ހިނގައި ވަރުބަލިވެފައެވެ. އާދަކާދައިގެ މަތިން، ރޭލު ދަތުރުކޮށްފައި ދާއިރު، ހުއްޓަން ޖެހޭ ތަންތަނަށް ހުއްޓައި، ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދެއެވެ. އެގޮތުގެ މަތިން، ފުރަތަމަ ރޭލު ހުއްޓި ތަނުން، ކާބޯތަކެތި ވިއްކާ ބަޔަކު އެޔަށް އެރިއެވެ. މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ މީރު ކާބޯތަކެތި، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާއެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ. އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި ތަނުން، އެއަށް އެރީ ހެދުން ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ ރީތި، އެންމެ މޮޅު ހެދުންތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާ އެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ. އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި ތަނުން، އެޔަށް އެރީ މީރުވަސްދުވާ ތަކެތި ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ މީރުވަސްދުވާ ސެންޓާއި އެންމެ މޮޅު އަތަރުތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާ އެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ. އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި ތަނުން، އެއަށް އެރީ މާމެލާމެލި ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ ރީތި ކުލަކުލައިގެ މާތަކާއި، އެންމެ މީރުވަސް ދުވާ މާތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާ އެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ. އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި ތަނުން، އެޔަށް އެރީ ފޮތް ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ ރަނގަޅު، އެންމެ ޢިލްމީ ފޮތްތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. އެ ފޮތްތަކުގެ ތެރޭގައި "އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ." މިނަން ކިޔުނު ފޮތާއި، "އިސްލާމްދީނަކީ، ރަޙުމަތުގެ ދީނެވެ." މިނަން ކިޔުނު ފޮތް ހިމެނެއެވެ. އޭގެ އިތުރުން އެބައިގައި ތިބި ކުޑަކުދިންނާއި ޒުވާނުންނަށް، އެތައް ފޮތްތަކަކާއި، އެތައް ނޫސް މަޖައްލާތަކެއް އޭނާ ގަނެދިނެވެ. ޒުވާން އަންހެން ކުދިން ނެގީ، އެންމެ ފަހުގެ އިސްލާމީ ފެޝަންތަކާ ބެހޭ މަޖައްލާތަކާއި، އިސްލާމީ އުންމަތުގައި އަންހެނުންގެ ދައުރަކީ ކޮބައިކަން ބުނެދޭ ފޮތްތަކެވެ. ޒުވާން ފިރިހެން ކުދިން ނެގީ، އެންމެ ފަހުގެ ޓެކްނޯލޮޖީއާ ބެހޭ މަޖައްލާތަކާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ފޮތްތަކެވެ. އިސްލާމީ އުންމަތް ބައިބައިކޮށް ހަލާކުރަމުންދާ ހަރުކަށި ޚިޔާލުތަކާ ދެކޮޅަށް ލިޔެފައިވާ ފޮތްތައް ނެގި މީހުން ވެސް މަދެއް ނޫނެވެ. އަދި ޖިހާދު ކުރުމަކީ ހަތިޔާރު އަޅައިގެން މީސްތަކުންނާ ހަނގުރާމަ ކުރުން ނޫންކަމާއި، ދިރިއުޅުމަށްޓަކައި ގަދައަޅައި ކުރާ ކޮންމެ މަސައްކަތެއް ހެޔޮގޮތުގައި ކުރުމަކީ، ޖިހާދުކުރުންކަން ބުނެދޭ ފޮތްތައް ނެގި މީހުން ވެސް މަދެއް ނޫނެވެ. ކޮންމެއަކަސް އެހުރިހައި އެއްޗެއްގެ އަގު ދެއްކީ، އެ ހައިބަތުހުރި މުސްކުޅިޔާއެވެ. އެތަކެތީގެ އަގަށްވާ ހުރިހައި ފައިސާއެއް ދިނީ އޭނާގެ އަމިއްލަ ޖީބުންނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާއެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ. ދިގު ދަތުރަކަށްފަހު، ރޭލު ދާންވީ ރަށަށް ވާޞިލުވެއްޖެއެވެ. އެހިނދު ރޭލުގައި ތިބި އެންމެން ޙައިރާންވިއެވެ. މުޅި ރަށް ޒީނަތްތެރި ކޮށްފައިވާލެއް ރީތިކަމުންނެވެ. އަދި މުޅި ރަށުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާލެއް ވެސް ފުރިހަމަ ކަމުންނެވެ. ރޭލު މަޑުކޮށްލުމުން، ފުލުހުންގެ މަތީ ދަރަޖައިގެ ބޭކަލަކު، ރޭލަށް އަރައި އެމީހަކު އިން ތަނެއްގައި މަޑުމަޑުން އިނުމަށް އެންގެވިއެވެ. އަދި ދަތުރުވެރިންނަށް ރޭލުން ފޭބުމުގެ ހުއްދަ ދެވޭނީ، ރަސްގެފާނުގެ ޚާއްޞަ މެހުމާނު ފައިބައިވަޑައިގެންނެވުމުން ކަން ވެސް އެންގެވިއެވެ. ރަސްގެފާނުގެ ޚާއްޞަ މެހުމާނަކީ، އެއްކަލަ ހައިބަތުހުރި މުސްކުޅިޔާ ކަމުގައި މެނުވީ ނުވެއެވެ. ރަސްމީ ޢިއްޒަތުގައި، ރަސްގެފާނުގެ ފަރާތްޕުޅުން އޭނާ ބަލާ އަޔެވެ. އެހިނދު، އޭނާ ފައިބާނީ، އޭނާއަށް މަރުޙަބާ ކިޔައި، އޭނާއަށް ޖާގަ ދިން ޢާއިލާގެ އަފުރާދުންނާ އެކުގައި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަށް ދޭ ޢިއްޒަތާއި ޤަދަރު، އެ ޢާއިލާގެ އެންމެނަށް ދިނުމަށް ވެސް އޭނާ އެދުނެވެ. ދެން ރަސްގެފާނު އެގޮތް ޤަބޫލުފުޅުކުރައްވައި، ހައިބަތު ހުރި މުސްކުޅިޔާއާ އެކުގައި، އެޢާއިލާގެ އަފުރާދުން، ރަސްމީ ޢިއްޒަތުގައި، ރޭލުން ރަސްގެފާނުގެ ގަނޑުވަރަށް ގެންދެވިއެވެ. އެ ޢާއިލާގެ އަފުރާދުން ރަސްގެފާނުގެ ގަނޑުވަރަށް ދިއުމުން، ގިނަގުނަ ހަދިޔާއާއި އަގުބޮޑު ތަކެތި އެމީހުންނަށް ދެއްވިއެވެ. އަދި ގަނޑުވަރުގެ އަގުމާތްވެގެންވީ އެތައް ކޮޓަރިއެއް އެމީހުންނަށް ދެއްވައި، އެތަންތަނުގައި އެބައިމީހުން ތިބޭނެހައި ދުވަހަކު ތިބުމަށް އެންގެވިއެވެ. އެ ގަނޑުވަރުގައިވާ ރީތި ބަގީޗާތަކާއި ފެންއާރުތަކާއި ހިތްފަސޭހަ ތަންތަނަށް ގޮސްއުޅުން ވެސް، އެބައިމީހުންނަށް ހުއްދަކުރެއްވިއެވެ. ހައިބަތުހުރި މުސްކުޅިޔާއަށް ޖާގަދީ، އޭނާއަށް ކަމޭހިތި ޢާއިލާގެ އަފުރާދުންނަށް، ރަސްގެފާނުގެ ގަނޑުވަރުން ލިބުނު އަގުބޮޑު ހަދިޔާތަކާއި ނިޢުމަތްތަކުގެ ޚަބަރު ލިބުމުން، ރޭލުގައި ދަތުރުކުރި އެހެން މީހުން، ކުރިޔަށްވުރެ މާބޮޑަށް ދެރަވެ، ރޮއި ހިތާމަކުރިއެވެ. އެއީ، އެބައިމީހުންގެ ޙަޔާތުގައި ކުރި އެންމެ ބޮޑު ހިތާމަ ކަމަށްވިއެވެ. ނަމަވެސް، އޭރު ވަނީ ވަގުތު ފާއިތުވެގެން ގޮސްފައެވެ. ފުރުޞަތު މުޅީން ގެއްލިފައެވެ. އެއީ ހިތާމައަކުން އެއްވެސް ފައިދާއެއް ކުރާނެ ވަގުތެއް ކަމުގައި ނުވިއެވެ. <><><> ވާހަކަ މިހިސާބަށް ނިމުނީއެވެ. ނަމަވެސް، މި ރީތި ވާހަކަ ކިޔުމަށްފަހު، އަޅުގަނޑުމެން ކޮށްލަންޖެހޭ ސުއާލެއް އެބައޮތެވެ. މިވާހަކައިގައި ނަންގަނެވުނު ހައިބަތުހުރި މުސްކުޅިޔާއަކީ ކާކުތޯއެވެ؟ މިވާހަކަ ފެށިއިރު، މިއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު ވާހަކައެއް ކަމުގައި ދެންނެވީ، އެކަން އެހެން ވާންޖެހޭ ސަބަބުތަކެއް ވާތީއެވެ. މިވާހަކައިގެ މަފުހޫމާއި މަޤުޞަދު ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފި ކަމަށް އުންމީދުކުރަމެވެ. ހައިބަތުހުރި މުސްކުޅިޔާއަކީ، ދީން ކަމުގައި މެނުވީ ނުވެއެވެ. އަބަދުވެސް އިބްލީސް މަސައްކަތްކުރަމުން ގެންދަނީ، އަޅުގަނޑުމެން މަގުފުރެއްދުމަށްޓަކައެވެ. އަޅުގަނޑުމެން ދީނާ ދުރުކުރުމަށްޓަކައެވެ. ދީނުގެ އެއްވެސް ފައިދާއެއް ނެތްކަމަށް، އިބްލީސް އަޅުގަނޑުމެންނަށް ވަސްވާސް ދީފިނަމަ، އެވަސްވާހަށް އަޅުގަނޑުމެންނަކު ނުހެއްލޭނެއެވެ. އެހެންވެ، އިބްލީސް މަސައްކަތްކުރަނީ، ކޮންމެވެސް އެހެން ކަމެއްގައި އަޅުގަނޑުމެން މަޝްޣޫލުކުރުވައިގެން، އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ބަހަނާއެއް އުފައްދައިގެން، ދީނާ ދުރަށް ގެންދިއުމަށެވެ. ކުޅެން ތިބި ކުޑަކުދީންނެވެ. އެކުދީން ދީންދެކެ ލޯބިވެއެވެ. ނަމަވެސް އެކުދީންނަށް ދީނުގެ ކަންތައްތައް އޮޅުން ފިލާނީ، ތަންކޮޅެއް ބޮޑުވެ ތަޞައްރަފު ފުދުނީމައިތާއެވެ. މިހާރު އެކުދިންނަށް ދީން އޮޅުންފިލުވާ ނުދިނަސް އެންމެ ރަނގަޅުވާނެއެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ. ސާނަވީ މަރްޙަލާގައި ކިޔަވަމުންދާ ދަރިވަރުންނެވެ. އެކުދީން ދީންދެކެ ލޯބިވެއެވެ. ނަމަވެސް މިހާރު އެކުދީން އެއުޅެނީ އިމްތިޙާނުތަކަށް ފިލާވަޅު ދަސްކުރުމުގައި މަޝްޣޫލުވެގެންތާއެވެ. މަދުރަސީ ދައުރު ނިމުމަށްފަހު އެކުދީން ދީންވެރިވާނެއެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ. ޒަވާޖީ ޙަޔާތް ފަށާ ދެމަފިރިންނެވެ. އެ ދެމަފިރިން ދީންދެކެ ލޯބިވެއެވެ. ނަމަވެސް އެދެމަފިރިންގެ ހިތަށް އަރައެވެ. މިއީ އަހަރެމެންގެ ޒުވާން ޢުމުރުތާއެވެ. ޢުމުރުގައި އަދި ލައްކަ ދުވަސް އެބައޮތެވެ. އެހެންވީމާ، ދީންވެރިވާނީ އަދި ތަންކޮޅެއް ފަހުންނެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ. ޢުމުރުން ދެބައިވަމުންދާ މީހުންނެވެ. އެމީހުން މިހާރު އެއުޅެނީ އެކިއެކި މަޝްރޫޢުތައް ފަށައިގެންނެވެ. ކާމިޔާބު ދިރިއުޅުމެއް ހޯދުމުގެ އުންމީދުގައެވެ. އެމީހުންނަކީ، ދީންދެކެ ލޯބިވާ، އަދި ދީންވެރިވުމަށް ޝައުޤުވެރިވާ ބަޔެކެވެ. ނަމަވެސް އެމީހުންގެ ހިތަށް އަރައެވެ. މިހާރު މިއުޅެނީ ވަރަށް އަވަދިނެތިއެވެ. މިކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއްނެރެ، މުއްސަނދި ވެވޭތޯއެވެ. މި އުންމީދު ޙާޞިލުވުމުން ދީނާމެދު ވަރަށް ބޮޑަށް ފަރުވާތެރިވާނަމުއެވެ. ޙަޔާތުގެ ބާކީ އޮތް ބައި، ދީންވެރި ކަމާއެކު ހޭދަކުރާނަމުއެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ. ނަންގަނެވިދިޔަ ވިސްނުންތަކުގައި، ޙަޔާތުގެ ދުވަސްތައް ހޭދަކުރަމުންދާއިރު، މާދަމާ އަންނާނެ ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ނުވަތަ މާދަމާ އަންނައިރު، ތިމާ ވާނީ ކަށްވަޅުގައި ނޫންކަމެއް ވެސް ނޭނގެއެވެ. ބަހަނާ ދެއްކުމަކީ، ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އަޅުގަނޑުމެންނަށް ޖެހިފައިވާ ބައްޔެކެވެ. "މިއަދު ކުރަންވީ ކަންތައްތައް މާދަމައަށް ފަސްނުކުރާށޭ" ބުނާ ހަރުބަސް އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. އަޅުގަނޑުމެން ހިތުގެ އަޑިން އެ ޙިކުމަތްތެރި ބަސް ޤަބޫލުކުރިނަމަވެސް، ޢަމަލީ ގޮތުން އެ ޙިކުމަތް ތަންފީޒެއް ނުކުރަމުއެވެ. މުސްތަޤުބަލް ބިނާކުރުމުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހެނީ މިކަމުގެ ސަބުންނެވެ. އަދި އާޚިރަތުގެ ކާމިޔާބާއި ނަސީބު ލިބުމުން މަޙުރޫމުވަނީ ވެސް މިކަމުގެ ސަބުންނެވެ. ޢުމުރުގެ ދުވަސްތައް މާޒީވަމުންދާއިރު، އަޅުގަނޑުމެން ބުނަމުން މިގެންދަނީ، ކުރާނަމެވެ. މާދަމާ ކުރާނަމެވެ. ނުވަތަ މިވެނި ކަމެއް ކޮށް ނިމުނީމާ، އެވެނި ކަމެއް ކުރާނަމެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ. <><><> މި ވާހަކަތަކަށްފަހު، އައްތަކާޘުރު ސޫރަތަށް ނަޒަރު ހިންގާލުން ހުއްޓެވެ. އެ ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ أَلْهَاكُمُ التَّكَاثُرُ (މުދަލާއި ދަރިން) ގިނަކަމަށް، އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނެއްތައި) މަޝްޣޫލުކޮށްފިއެވެ. حَتَّى زُرْتُمُ الْمَقَابِرَ ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާންދެނެވެ.) كَلاَّ سَوْفَ تَعْلَمُونَ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. ثُمَّ كَلاَّ سَوْفَ تَعْلَمُونَ ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. كَلاَّ لَوْ تَعْلَمُونَ عِلْمَ الْيَقِينِ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމަކުން ތިޔަބައިމީހުންނަށް އެނގޭނެ ނަމައެވެ. لَتَرَوُنَّ الْجَحِيمَ ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ. ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ ދެން ހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ. ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތާމެދު ތިޔަބައިމީހުންނާ ސުއާލުކުރައްވާނެކަން ކަށަވަރެވެ. <><><> ވާހަކައިގެ ނަން: قصة الشيخ الوقور وركاب القطار އަޞްލު ލިޔުއްވީ: - މަޞްދަރު: موسوعة الإعجاز العلمي في القرآن والسنة (ޤުރުއާނާއި ސުންނަތުގައިވާ ސައިންޓިފިކް އިޢުޖާޒުގެ އެކުމާފާނު) ނޯޓް: މިވާހަކަ ތަރުޖަމާކޮށްފައިވަނީ، އަކުރުން އަކުރަކަށް ނޫނެވެ. އެކަމަކު، މިވާހަކަ ތަރުޖަމާކޮށްފައިވަނީ، ޖުމްލަ މާނައާއި ދޭހައަށް އިސްކަންދީގެންނެވެ. <><><> މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ސަމީޢު, 2009-09-21 17:52:17
ވާދަ ފުރިހަމަވާހަކައެކެވެ. ސާދާގަރުގެ 4 އަނބިން ވާހަކައާއި މިވާހަކަ ހުށައަޅައިދީފައިމިވަނީ އެއްމޭރުމަކުން މިގޮތް ވަރަށް ކަމުދޭ މެސެޖު ވަރަށް ސާފު
ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.'' - މުޙަންމަދު އަމީން- |