މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދެ ދަޅު |
|
|
| ދިވެހި - ވާހަކަ | |||
| 07 އޮކްޓޫބަރ 2009، 00:04 ބުދަ | |||
|
ލިޔުނީ: ޅޮހީ ޢަބްދުއްރަހީމް / މަނަދޫގެ ނޯޓު: މިވާހަކައަކީ 2008 ވަނަ އަހަރު ބޭއްވި ޤައުމީ ކުރުވާހަކަ މުބާރާތުން، މުޅި މުބާރާތުން 21 އަހަރާއި 16 އަހަރާއި ދެމެދުން އެއްވަނަޔަށް އައި ވާހަކައެވެ. " މި ވާހަކަ ކިޔާފައި އަޅުގަނޑުމެން ތިބީ ހަމަ ހީނ ހީނ ހަލާކުވެފައި" ޢަބްދުﷲ ޞާދިޤު އެއީ ހުވަފެނެއްބާ ނުވަތަ ޙަޤީޤަތެއްބާ؟ އަހަރެންނަކަށް މިހާރަކު ޔަޤީނެއް ނޫނެވެ. އަހަރެންގެ ހިތް ނުތަނަވަސް ވާން ފަށައިފިއެވެ. އެހެން ކަހަލަ އިޙުސާސްތަކެއް ކުރެވެން ފަށައިފިއެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ ބޮލުގައި ރިހެމުންދާ އާދަޔާ ޚިލާފު ރިހުމެވެ. ކުއްލިއަކަށް ހޭލެވުމުން އަހަރެންނަށް ލިބިފައިވާ މާޔޫސްކަން ފިލުވާލުމަށްޓަކައި އަހަރެން ގަޑިޔަށް ބަލާލީމެވެ. އޭރު ހުރީ ފަތިހު ފަހެއް ޖަހާފައެވެ. އަހަރެން މަޑުމަޑުން އެނދުން ތެދުވީމެވެ. އޭރުވެސް އަހަރެންގެ ފިރިމީހާ އޮތީ ދެފައި ދަމަދަމާފައި ނިދާށެވެ. ނުހަނު އަރާމުކޮށެވެ. އަހަރެން ހޮޅިބުރި ދިއްލާލުމަށްފަހު ފާޚާނާއަށް ވަނީމެވެ. އޭރުވެސް އަހަރެންގެ ބޮލުގައި ކުރިޔެކޭ އެއްގޮތަކަށް ރިހެމުންދިޔައެވެ. އަހަރެން މޫނު ދޮވެލުމަށްޓަކައި މަޑުމަޑުން މޫނު ދޮންނަ ތަށި ކުރިމައްޗަށް ހުއްޓިފައި ލޯގަނޑުން ބަލައިލީމެވެ. "އާތް" އަހަރެންނަށް ލިބުނު ސިހުމާއެކުގައި ހަޅޭއްލަވައިގަނެވުނެވެ. އަދި އެޔަށްވުރެ ބޮޑަށް ބިރުވެސް ގަތެވެ. އަނެއްކާ ލޯގަނޑުގެ ކުރީމަތީގައި ހުއްޓިލައިގެން މިހުރީ ހަމަ އަހަރެންބާވައެވެ. ނުވަތަ ހުޅުމާލޭ ގެރިކޮށީގެ ގެރިތަކުގެ ތެރެއިން ގެރިޔެއް ނޫންބާވައެވެ! އަހަރެން ލޯގަނޑަށް ބަލަހައްޓައިގެން ހުރިއިރު މި ކަހަލަ ޚިޔާލުތައް ހިތަށް އަރައި ފައިބަމުން ދިޔަ އެވެ. އަޖައިބެއް ފަހެ ނުވާނެހެއްޔެވެ؟ މީގެކުރިން ދުވަހަކުވެސް އިންސާނެއްގެ ގައިގައި ދަޅެއް ފަޅާފައި ހުއްޓައި އަހަރެން ނުދެކެމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ނަމަވެސް މިހާރު އަހަރެންގެ ދެދަޅު ފަޅާފައި އެބަހުއްޓެވެ. މަޑުމަޑުން އަހަރެން އެ ދަޅުގައި އަތްކާތާލީމެވެ. ކުރިޔަށްވުރެ ބޮޑަށް އަހަރެން އަޖައިބުވެއްޖެއެވެ. އެ ދެދަޅު ހަރުކަމުންނެވެ. ހީވަނީ ދަގަނޑު ދެ ދަޅު ހެންނެވެ. އެހާވެސް ހަރެވެ. ދެން އަހަރެން ހަދާނީ ކިހިނެއްބާވައެވެ؟ މިކަން ރަށުގެ އެންމެންނަށް އެނގިއްޖިއްޔާ، އަހަރެން ހާދަ ލަދެއް ގަންނާނެއެވެ. ދުވަހަކުވެސް އަހަރެން މަގުމައްޗަކަށް ނުނިކުންނާނަމެވެ. ލަދުން ބޯ ހަލާކެވެ. އަދި އެޔަށްވުރެ ބޮޑުކަމަކީ، މި ދެދަޅު ފިރިމީހާއަށް ފެނިއްޖިއްޔާ ވާނެ ގޮތެއް ނޭނގޭތީއެވެ. އަނެއްކާ ވަރިވެސް ކޮށްފާނެއެވެ. އަހަރެންނަށް ހަދާނެ ގޮތްތައް ހުސްވެއްޖެ އެވެ. މި މުސީބަތް އަހަރެންނާއި ލައިގަތީ އަނެއްކާ ކީއްވެބާވަ އެވެ؟ އަހަރެންނަށް ރޮވެން ފެށުނެވެ. މި މުސީބާތުން ސަލާމަތް ކޮށްދެއްވާތޯ ހިތާހިތުން ދުޢާ ކުރަމުން ދިޔައީމެވެ. އެވަގުތު އަހަރެންގެ ހިތަށް ވެރިވަމުން ދިޔަ ޝުޢޫރުތައް ކަރުނަތިކިތަކެއްގެ ސިފައިގައި އަހަރެންގެ ކޯތާފަތް މައްޗަށް އޮހެމުން ދިޔައެވެ. އަހަރެން އެންމެބޮޑަށް ހާސްވަނީ އަހަރެންގެ ދެދަޅަށް، ރަސްގެފާނުގެ ދެދަޅަށް ވީކަހަލަ ގޮތަކަށް ވެދާނެތީއެވެ. ރަސްގެފާނު ވެސް ދެދަޅު ފެނިދާނެތީ ނުވަތަ ރަށުގެ ރައްޔިތުންނަށް އެނގިދާނެތީ ޤަތުލުކުރީ ކިތައް ބޯކޮށާ މީހުން ހެއްޔެވެ؟ ނަމަވެސް ނަމަވެސް ހެއްދެވި ފަރާތަށް ޝުކުރު ހުއްޓެވެ. އަހަރެންގެ ބޯ ކޮށާކަށް ނުޖެހޭނެއެވެ. އަދި ދަޅު ފެނިދާނެތީ މީހަކުވެސް މަރެއްނުވާނެއެވެ. އަހަރެންނަކީ ރަސްކަލެއް ނޫންވިއްޔާ އެވެ. ނަމަވެސް އަހަރެންނަށް ޔަޤީންވާ ކަމަކީ ރަސްގެފާނުގެ ދަޅުގެ ޚަބަރު ފެތުރުނު ފަދައިން އަހަރެންގެ ވާހަކަވެސް ފެތުރޭނެކަމެވެ. އެ ވަގުތު އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންނަކީ އެ ރަސްގެފާނުގެ ދުވަސްވަރު އުޅުނު މީހެއްނަމަ ހާދަ ނަސީބު ގަދަވީސްތާ އެވެ. އޭރުން އަހަރެން ވާނީ އެ ޝަހަރުގެ ރާނީއަށްތާއެވެ. ކުއްލިއަކަށް ހިތަށް އަންނަމުން ދިޔަ ވަސްވާސްތަކުގެ ސަބަބުން ހެވޭގޮތްވިއެވެ. ދެން ރުއިމަކުން ކުރާނެ ފައިދާއެއް ވެސް އޮތީއެއްނޫންވިއްޔާއެވެ. މިފަދަ ޚިޔާލުތަކެއްގައި ހުއްޓައި އަހަރެންގެ ފިރިމީހާ ފާޚާނާގެ ދޮރުގައި ޓަކިޖަހާލައިފިއެވެ. އަހަރެންނަށް ވީގޮތް ވެސް ނޭނގުނެވެ. ހީވީ ހިތަށް ފެން އެއްޗެއް އޮއްސާލިހެންނެވެ. އެ ވަގުތު އަހަރެންގެ ދެފައި ބިރުން ރޫރޫ އަޅަން ފަށައިފިއެވެ. ހިތުގެ ހިނގުން އަވަސްވެއްޖެއެވެ. އަހަރެން ހަމަ ދޮރު ހުޅުވަންވީހެއްޔެވެ؟ ނުވަތަ ދޮރު ނުހުޅުވާ ހުންނަންވީ ހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އަހަރެންގެ ދެ ދަޅު އޭނާއަށް ނުފެންނަ ގޮތަކަށް ނޫޅެވޭނެތާ އެވެ. ފިރިމީހާ ދޮރުގައި ތަޅަން ފަށައިފިއެވެ. އޮފީހަށްދާ ގަޑި ޖެހެނީ އޭ ބުނެ ޝަކުވާ ކުރަން ފަށައިފިއެވެ. ތިމަންނައަށް އިނދެވިފައި މިހިރީ ވަރުގަދަ އަންހެނަކާތާއޭ ބުނާއަޑުވެސް އިވުނެވެ. އަހަރެން އަވަސް އަވަހަށް ފާޚާނާގައި ހުރި ތުވާލި ބޮލުގައި އޮޅާލައިގެން ނުކުތީމެވެ. ފިރިމީހާ އަހަރެންގެ މޫނަށް ބަލައިލުމަށްފަހު ޗޮކެއް ކަނޑާލިއެވެ. " މިހާރު މިއުޅޭ އަންހެނުންނަކީވެސް ހުދުފަށަށް ދިގުބަޔެއް. " ފިރިމީހާގެ ކޫސަނި ލެއްވުންތައް އަދިވެސް ނުހުއްޓެއެވެ. ފާޚާނާއަށް ވަދެ ހުރެގެން ވެސް އަނގަތަޅާ އަޑު އިވެމުންދިޔަ އެވެ. އަހަރެން އެންމެބޮޑަށް އަޖައިބުވީ ފިރިމީހާއަށް އަތުވެފައިވާ ބަދަލުގެ ސަބަބުންނެވެ. އެހެންޏާ އެއީ އެހާ އަނގަގަދަ މީހެއް ނޫނެވެ. ނަމަވެސް ދެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެންގެ މުޅި ދިރިއުޅުން ވެސް މިބަދަލު ވީހެއްޔެވެ؟ ކުރިޔަށް އޮތްތާނގައި ވާނެ ގޮތެއް ވެސް ނޭނގެ އެވެ. އަހަރެން ކޮޓަރީގެ ލޯގަނޑުން އަނެއްކާ ވެސް އަހަރެންގެ ދެ ދަޅަށް ބަލައިލީމެވެ. ކަންފަތުގެ ދެ ފަރާތުގައި ފަޅާފައި ހުރި ދެ ދަޅު ހަމަ ކުރިޔެކޭ އެއްގޮތަށް ހުއްޓެވެ. އަހަރެންގެ ފަން އިސްތަށިގަނޑު ތެރޭން އަޅިކުލައިގެ ދަޅެއް ހުންނައިރު އެ ފެންނަނީ ހާދަ އަޖައިބު ކުރަނިވި ގޮތަކަށެވެ. ކުއްލިއަކަށް ކޮޓަރި ދޮރުގައި މީހަކު ޓަކިދޭން ފަށައިފިއެވެ. އަހަރެން ދޮރު ހުޅުވަން ގޮސްފައި ދޮރުގައި ހުންނަ ބޭރުބަލާ ލޯވަޅުން ބޭރު ބަލައިލީމެވެ. ދޮރުމަތީގައި ހުރި މަންމައެވެ. ނަމަވެސް އެންމެ ބޮޑަށް އަހަރެންނަށް ފާހަގަކުރެވުނީ މަންމަގެ ބޮލުގައި ފަޅާފައި ހުރި ދެދަޅެވެ. މީހަކު އަޖައިބެއް ނުވާނެހެއްޔެވެ؟ އަހަރެންގެ މަންމަވެސް ދެދަޅު ފެޅީބާވައެވެ. އަހަރެން ވިސްނާލީމެވެ. ދެދަޅު ފަޅައިގެން މިއުޅެނީ އަހަރެން އެކަންޏެއް ނޫންތާ އެވެ. އޭރުވެސް މަންމަ އަހަރެންނަށް ގޮވަމުން ދިޔައެވެ. " މަންމާ އަހަރެން ހޭލާ މިއުޅެނީ " އަހަރެން ހޭލާ އުޅޭކަން ޔަޤީންކޮށްދިނުމުގެ ގޮތުން ބުނެލީމެވެ. ދެން މަންމަ ހިނގައްޖެއެވެ. އަހަރެން ހިތަށްއެރި އެވެ. ދެން ދަޅު ފޮރުވާކަށް ދެން މަސައްކަތެއް ނުކުރާނަމެވެ. ފޮރުވަން އުޅުނީމަ ލިބޭ ލަނޑު މާ ބޮޑުވާނެއެވެ. ކުޑަކޮށްމަތި ހަދާލައިގެން އަހަރެން ބަދިގެ ފަރާތަށް ދިޔައީމެވެ. މަންމައާއި އަހަރެންގެ ދައްތަ ބަދިގެ ފަރާތުގައި އަވަދިނެތި ހަރަކާތްތެރިވަމުން ދިޔައެވެ. އަހަރެން އެންމެ ފުރަތަމަ ވެސް ބެލީ ދައްތަގެ ދެދަޅު ހުރިތޯ އެވެ. އަހަރެންގެ އަނގައިން ކުޅު ހިކި އަންތަރީސް ވިއެވެ. އަހަރެންގެ ދަޅަށްވުރެ ދެގުނަ ބޮޑު ފަލަ، ދެދަޅު ހުއްޓެވެ. ދައްތަގެ ޒީލަގަދަކަމާ އެއްވަރުގެ ދެ ދަޅެވެ. ގޯހެއް ނޫންތާ އެވެ. އަހަރެން ގެ ހިތް ނުތަނަވަސް ވިއެވެ. އަހަރެންނަށް ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުންނެވެ. އަނެއްކާ މިއީ ޑުރާމާއެއްހެއްޔެވެ؟ ނުވަތަ އަހަރެންނަށް ހީވާ ހީވުމެއް ހެއްޔެވެ؟ އަހަރެން ފިރިމީހާއަށް ސައި ތައްޔާރު ކުރުމާއެކު ފިރިމީހާ އޮފީހަށް ދިޔުމަށް ތައްޔާރުވެގެން އައިސް ސައިބޯން އިށީންދެއްޖެއެވެ. އަހަރެން ލޯބިވާ ފިރިމީހާގެ ބޮލުގައި ދަޅެއް ހުރި ތޯ އަހަރެން ބަލައިލީމެވެ. ނެތެވެ. ދަޅު ފަޅައިގެން މި އުޅެނީ ހަމައެކަނި އަންހެނުންގެ ބޮލުން ހެއްޔެވެ؟ ފިރިމީހާ ސައިބޯން އިން އިރުގައި، އަނގައިން އެއްވެސް ބަހެއް ނުބުނެއެވެ. އެހެން ދުވަސް ދުވަހާ ޚިލާފެވެ. ސައިގައި ފޮނިގަދަ ވާހަކަޔާއި، މީރުކޮށް އެއްޗެއް ތައްޔާރު ކުރަން ނޭނގޭ ވާހަކަ މިއަދަކު ނުދައްކަ އެވެ. އަހަރެން ވިސްނާލީމެވެ. ޔަޤީނެވެ. އަހަރެންގެ ދެ ދަޅު ފެނިފައި ބިރުގަތީއެވެ. އަހަރެންނަށް ހެވޭގޮތް ވެއްޖެއެވެ. ފުރަތަމަ ފަހަރަށް މި ދަޅަކީ ވެސް ބޭކާރު އެއްޗެއް ނޫންކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ދެން މި އުޅޭ ފިރިހެން ވެރިންނަށް އަންހެނުންނަށް ބޭނުންހާ ގޮތެއް ހަދައެއް ނުލެވޭނެތާއެވެ.! މިފަދަ ޚިޔާލުތަކެއްގައި އިންދާ ފިރިމީހާ އޮފީހަށް ގޮސް އަވަދިވެއްޖެ އެވެ. އަހަރެންވެސް އަވަސް އަވަހަށް ސައިބޯލައިގެން ކޮޓަރިޔަށް ގޮސް އޮށޯތީމެވެ. ވިސްނާލުމަށެވެ. ކަންތައްތައް ވަމުންދާ ގޮތްތަކާ ދޭތެރޭގައެވެ. "ދަރިފުޅާ" މަންމަ ގޮވާ އަޑު އިވެން ފަށައިފިއެވެ. ޔަޤީނެވެ. ކޮންމެވެސް ތާކަށް ދާންޖެހެނީއެވެ. މަންމަގެ ގާތަށް ދިޔުމުން މަންމަ އެދުނީ ދައްތަ ބަލިވެ އުޅޭތީ ދައްތަގެ ފިރިހެން ދަރިފުޅު ސުކޫލަށް ގެންގޮސްދިނުމަށެވެ. އެހާ ލަހުން ސުކޫލަށް ދާން ޖެހެނީ ކީއްވެތޯ އެހުމުން ބުނީ މިއަދު ފުރަތަމަ ގަޑިތައް ކެންސަލްވުމުގެ ސަބަބުން ފަހުން ދާންޖެހެނީ ކަމަށެވެ. އަހަރެން ކޮޓަރިއަށް އައުމަށްފަހު ފުނާއަޅާ ތައްޔާރުވާން ފެށީމެވެ. ދަޅު ރީތިކޮށްލަން އުނގުޅާނީ ކޮންއެއްޗެއްބާވައެވެ؟ އެންމެ އަވަހަށް އަހަރެންގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ޒައިތޫނި ތެޔޮފުޅިއެކެވެ. ދަޅުގައި ތެޔޮލާ އޮމާން ކޮށްލީމެވެ. ލޯގަނޑަށް ބަލާލިއިރު ދަޅެކޭ ދިހުން އަރާ ދަގަނޑު ގަޑެކޭ ތަފާތެއް ނެތެވެ. އެހާވެސް ދަޅައަޅައެވެ. ދައްތަގެ ދަރިފުޅު ގޮވައިގެން މަގުމައްޗަށް ނުކުމެގެން ހިނގަންފެށީމެވެ. ސުކޫލުދޮށަށެވެ. އަހަރެން ހުރީ އާޝޯޚުވެފައެވެ. މަގުމަތިން އަހަރެންނަށް ފެންނަމުން ދިޔަ، މަންޒަރުތަކުގެ ސަބަބުންނެވެ. ދުވާރުމަތިން ހިނގަމުން ގޯޅިއަށް ނުކުތްތަނުން، އެމަގުން ނުކުން ފުރާވަރުގެ ލާނެތް ސޮރަކު އަހަރެންގެ ގައިގައި ޖެހިގަނެއްޖެއެވެ. "މިހާރު މިއުޅޭ ކުދިން މަދީ ދަޅަކާއި ނިގުލެއް އެކަންޏޭ" މިހެން އޭނާއަށް ދިމާއަށް ބުނެފާނަމޭ ހިތަށް އެރިއެވެ. ނަމަވެސް ކަލޭ މަދީ ނަގުލެއް އެކަންޏޭ ބުނާކަހަލަ ލާނެތްގޮތަކަށް ހީނލަމުން "ސޮރީ" އޭ ބުނެފައި އޭނާ ހިނގައްޖެއެވެ. އަހަރެންނަށް ހިނގާދިޔަ ކަންތަކާއިމެދު ވިސްނާލުމުން ހެވޭގޮތްވެއްޖެ އެވެ. އަނެއްކާ މާދަމާ ހޭލާއިރު ނަގުލެއް ނޯންނާނެ ކަމެއް ވެސް ޔަޤީނެއްނޫންތާއެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރެގެން މަގުމަތިން ހިނގަމުން ދިޔައިރު ދަޅެއް ފަޅާފައި ނެތް އަންހެނަކާއި ދިމައެއްނުވެއެވެ. އެކި މީހުން ހުންނަނީ އެކި ވަރުވަރުގެ ދަޅެވެ. ވަކި އުމުރެއް ތަފާތެއްނެތެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. "އަނެއްކާ ދަޅުފަޅައިގެން މިއުޅެނީ ދުނިޔޭގެ ހުރިހާ އަންހެންވެރިންގެ ހެއްޔެވެ؟ ފިރިހެނުންގެ ދަޅު ނުފެޅީ ކީއްވެބާވައެވެ؟ އަހަރެމެންނަށްވުރެ ނުބައި ކަންތައްތަކާއި ގޯސް ކަންތައްތައް ގިނައިން ކުރަނީވެސް އެމީހުންނެވެ. ވީމާ ދަޅުފަޅަން އެންމެ ހައްގީ ހަމަ ފިރިހެނުން ނޫންހެއްޔެވެ؟ ނޫނެކެވެ. ދަޅު ފެޅުމަކީ ހަމަ ނަސީބެކެވެ. ދެން ދަޅުގެ ސަބަބުން ދުނިޔޭގައި އަންހެނުންގެ ދަށުވާ ފިރިހެނުންގެ އަދަދު ދާނީ ގިނަވަމުންތާއެވެ" މިކަހަލަ ހިޔާލުތަކެއްގައި ހުއްޓައި ސުކޫލްދޮށަށް ދެވިއްޖެއެވެ. އެތަނަށް ދެވުމުން ތަފާތު ވައްތަރުގެ ތަފާތު ކުލަކުލައިގެ ދަޅު ފެންނަމުން ދިޔައެވެ. ބައެއް އަންހެންވެރިން ދަޅު ހުރީ ތޫނު ކޮށްލާފައެވެ. އަދި ދަޅަށް ސުޕުރޭ ކޮށްލާފައި ހުންނަ ދަޅާއި، ދަވާދު ލާފައި ހުންނަ ދަޅާއި މިފަދަ އެތައް ދަޅުތަކެކެވެ. އަދިވެސް ދަޅު ތޮރުފާލާފައި ބޮޑެތި ބޮޑެތި ރަންބޮޅު ލައްވާފައި ތިބި މީހުންވެސް ސުކޫލު ދޮށުގައި ތިއްބެވެ. އަހަރެންނަށް އެންމެ ރީތިވީ ދަޅުގައި ކަނޑާ ނަގައިގެން ޑިޒައިނެއް ހަދާފައި ހުރި ކުއްޖެއްގެ ދަޅެވެ. ބައެއް އަންހެންވެރިން ދަޅަށް އުރަފަހާފައި ލައްވާފައި ހުއްޓެވެ. އެކި ކުލަކުލައިންނެވެ. އަހަރެން ހުރީ ހަމަ ހައިރާންވެފައެވެ. އަދި ހިލަކަރުދާސް އަޅައިގެން އޮފުކޮށްލާފައި ހުންނަ ދަޅުދަޅު ފެނުމުން އަހަރެންގެ ދެދަޅު މީ އެއްވެސް އެއްޗެއް ނޫންތާއޭ ހިތަށް އެރިއެވެ. މީގެ ތެރެއިންވެސް އަހަރެން އެންމެ އަޖައިބުވީ އެއްދަޅު ބިނދިފައި ތިބޭ ކުދީންނާއި މީހުން ފެނުމުންނެވެ. ފަހަރެއްގައި އެއީ ފިރިމީހާއާއި ޒުވާބުކުރަމުން ތަޅާފޮޅަމުންގޮސް ފިރިމީހާގެ ގަޔަށް ދަޅުހަރަން އުޅެނިކޮށް ފިރިމީހާގެ ހަމަލައެއްގައި ބިނދިފައި ހުރީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ނިދަން އޮވެވުނު ގޮތަކުން ވެއްޓިގެންވެސް ދަޅު ބިނދިފައި ހުރެދާނެއެވެ. ކުޑަކުދިންގެ ދަޅު ބިނދިފައި އެހުރީ ގޭތެރޭގައި ތަޅާފޮޅަން އުޅެނިކޮށް ކަމަށްވެސް ވެދާނެއެވެ. އަދި އަނެއްބައި މީހުންގެ ދަޅުގެ ތޫނުބައި ބުރިކޮށްލާފައި ހުއްޓާވެސް ފެނުނެވެ. "ޔަގީނޭ އެވާނީ ފިރިމީހާގެ ކަމަކަށޭ" އަހަރެން ހިތަށް އަރަމުން ދިޔައެވެ. ދައްތަގެ ދަރިފުޅު ސުކޫލަށް ވެއްދުމަށްފަހު ގެޔަށް އައި މަގުމަތީގައި، ބައެއް އަންހެންވެރިން ދަޅުގައި އަތްދަބަސް އެލުވާލާފައި ހުރެއެވެ. އަނެއްބައި މީހުން ފާޑުފާޑުގެ ކޮތަޅެވެ. އެވަގުތު އަހަރެންގެ ބޮލުގެ ރިހުން ގަދަވާން ފަށައިފިއެވެ. މިއީ ދަޅުގެ ކަމެއް ކަމަށް ހީވުމުން ހިތް ނުތަނަވަސް ވާން ފަށައިފިއެވެ. ހިނގުން ބާރުކޮށްލައިފީމެވެ. ގެޔަށް އައިގޮތަށް އައިސް، ކޮޓަރިއަށްވަދެ ބަންކިޔާފައި ދޮރުޖަހައިފީމެވެ. އެނދުގައި ކިރިޔާ އޮށޯވެވުނީއެވެ. މޫނުމައްޗަށް އަނދިރިވާން ފަށައިފިއެވެ. ގައިގެ ވަރު ދޫވަމުންގޮސް ދެން ވީ ގޮތެއް ނޭނގުނެވެ. މަޑުމަޑުން ލޯ ހުޅުވާލީމެވެ. ބޮލާ ދިމާ މަތީގައި ހުރި ފަންކާ އޭގެބާރު މިނުގައި އެނބުރެމުން ދިޔައެވެ. ކުއްލިއަކަށް އަހަރެން ތެދުވީމެވެ. އަހަރެންގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. އަހަރެންނަށް އާދަޔާ ހިލާފު އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. ލިބުނު ނުތަނަވަސް ކަމާއި އެއްވަރަށް ހޭންވެސް ބޭނުންވިއެވެ. ފެނުނު ހުވަފެނުގެ މަޖާކަމުންނެވެ. ނަމަވެސް އެ ފެނުނީ ހާދަ މާނަހުރި ހުވަފެނެއްތާއެވެ. ގުރޭޑް އެގާރައިގައި ކިޔަވަމުން ދާއިރު މީހަކާއި އިނދެވޭނީ އަދި ކިހިނެއްހެއްޔެވެ؟ އަހަރެން ހާސްވެފައިވާ ގޮތަކަށް މުޅި ކޮޓަރިއަށް ނަޒަރު ހިންގާލީމެވެ. ހުވަފެނުގައި ފެނުނު މީހާ ހުރެދާނެތީއެވެ. އެއްވެސް މީހަކު ނެތެވެ. އޭރު ނިދަން އުޅުނު އިރު ކިޔަން ގެންގުޅުނު ދޭހަ ބިންމަތީގައި އޮތެވެ. އެ ދޭހައަކީ "ފިރިހެނުންގެ ދަޅު ހުންނަނަމަ" ވާނެ ގޮތްތަކާއި ބެހޭގޮތުން ލިޔެފައިވާ ދޭހައެކެވެ. ދެން އަހަރެންނަށް އެހުވަފެން ފެނުމުގެ މާނައަކީ ކޮބައިބާވައެވެ؟ އަހަރެމެންގެ ގޯސްކަންތައްތަކުގެ ސަބަބުން ފެނުނު ހުވަފެނެއްބާވައެވެ.! އަޖައިބެކެވެ. އަހަރެން މަޑުމަޑުން ބޮލުގައި އަތްކާތާލީމެވެ. ދަޅެއް ނެތެވެ. ދަޅު އެފެނުނީ ރަނގަޅު މެސެޖެއްގެ ގޮތުގައި ބާވައެވެ. މުޅިއަކުން ޔަޤީނެއް ނޫނެވެ. ނަމަވެސް އެނގޭކަމަކީ އެއީ ޙަޤީޤަތެއް ނޫންކަމެވެ. ހުވަފެނެއް ކަމެވެ. ނިމުނީ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ތުއްފާށަނާ, 2009-10-07 10:12:04
މުޅި ވާހަކައިގައި ދަޅުގެ ވާހަކައައިއްސަ ފޮޓޯގައި އިން ޖަނަވާރުގައި ދަޅެއް ނެތުމުން ވަރަށް އަޅައިގަތް... ޞޯދުބެ ވިދާޅުވިފަދައިން ހަމަ ހީ ހީ ހަލާކު... ވާހަކަ ނިމުނީ އެދަޅުލީ އަންހެނުންގެ އިތުރު ޙާދިޘާތައް ކިޔަން ބޭނުންވެފާ ހުއްޓާ... ވަރަށް ފުރިހަމަ ކުރުވާހަކައެއް...
...
ލިޔުނީ ތުއްފާށަނާއެވެ! , 2009-10-07 20:06:32
އޭގައި އެވީ މުޅިން އެހެން ގޮތެއް ކަމަށް ފެނެ އެވެ. އެ ވެސް ބަދަލެކެވެ. ޖަނަވާރުންގައި އަންޒަމާނުއްސުރެ ހުރި ދަޅު، އާދަމުގެ ދަރިންގަޔަށް ބަދަލުވީ އެވެ. ނަގޫވެސް ނެތްކަމެއް ނޭނގެ އެއް ނޫންހެއްޔެވެ؟ ފޮޓޯގައި އެ އޮތް ސޮރު އެ ހެނީ އެހެންވެ އެވެ. އެ ސޮރުމެންގެ ބޮލަށް އެތައް ޒަމާނަކުއްސުރެ ބަރުކުރި ދަޅު، އިންސާނުންގެ ބޮލަށް ބަދަލުވީތީ އެވެ. ސުވާލަކީ ޖަނަވާރުންގައިން ނަގުލުވާ ބަދަލަކާއެކު އިންސާނަކަށް އިންސާނެކޭ ކިޔިދާނެތޯ ކުރެވޭ ސުވާލު ދޮގެއްތޯ އެވެ؟
...
ލިޔުނީ ސަމީޢު, 2009-10-08 16:29:13
ތުއްފާށަނާއެވެ! މީހުންވަރަށް ގިނައިން ބުނާތީ އަޑުއިވޭ ޖުމްލައެކެވެ. މިވެނި މީހަކު މަދުވާނީ ނަގުލަކާއި ދަޅެކެވެ. ( އޭނަގެ މަދީ ނަގުލަކާއި ދަޅެކެވެ. ނަގުލަކާއި ދަޅެއް ހުރިނަމަ އޭނާ އެއަށް ވުރެ ރަނގަނޅުވީހެވެ. ނުވަތަ މީހުން އެއީ ޖަނަވާރެކޭ ނުބުނަނީ ނަގުލަކާއި ދަޅެއް ނެތީމައެވެ. އެހެން ނޫންނަމަ ބުނާނީ ޖަނަވާރެކޭ ދެއްތޯ އެހެންވީމައި ނަގުލަކާއި ދަޅެއް
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|