މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހަވަނަ މީހާ |
|
|
| ދިވެހި - ވާހަކަ | |||
| 22 އޮކްޓޫބަރ 2009، 01:25 ބުރާސްފަތި | |||
|
މީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް! ބިންމާ އިބްރާހީމް ވަޙީދު ކަނޑުމަޑު، މޫސުން ރީތި ދުވަހަކެވެ. އަހަރުމެންގެ މިސްރާބަކީ، ކުރިމަތިން ފެންނަ ފަޅުރަށެވެ. އެއް މަގްސަދަކީ ވެލާބިސް ނެގުމެވެ. ބިސްއެޅުމަށްޓަކައި، އެ މޫސުމުގައި ވަރަށް ބައިވަރު ވެލާ އެ ރަށަށް އަރާކަން އަހަރުމެންނަށް އެނގެ އެވެ. އެއްބައި ކައިފައި އަނެއްބައި ވިއްކާލަން މާލެ އަށް ފޮނުވާލިއަސް ކޮންމެ ވެސް އެއްޗެއް ލިބޭނެ އެވެ. އަހަރުމެންގެ އެންމެ މުހިންމު މަގްސަދަކީ މަޖާކުރުމެވެ. ދަތުރު ރޭވިފައޮތްގޮތުން، އެންމެ ފުރަތަމަ ގޮސް އަހަރުމެން މަސައްކަތް ކުރާނީ މަސްހިފޭތޯ އެވެ. އިރުއޮއްސުމުން މަސްފިހާނީ އެވެ. ބިސްނަގަން ދާނީ ދަންވަރު އެވެ. އެނބުރި ރަށަށް ދާނީ ފަތިހު އެވެ. ރަށާއި ފަޅުރަށާ އެހާ ކައިރިއެއް ނޫނެވެ. އެހާ ދުރެއް ވެސް ނޫނެވެ. ރަށަށް ޑިންގީ ބީއްސާލުމުގެ ކުރިން އަހަރެން ފުންމާލީމެވެ. އަދި ހަޅޭއްލަވަމުން ރަށުތެރެއަށް އަރައިގެން ދިޔައީމެވެ. ފަސްއެނބުރި ބަލައިލިއިރު އެހެން މީހުން ޑިންގީއިން އެއްޗިހި ބާލަނީ އެވެ. އަހަރެން ގަސްތަކުގެތެރެއަށް ވަނީމެވެ. "އޭތް!" މީހަކު ހަޅޭއްލަވައިގަތް އަޑު އަހަންނަށް އިވުނެވެ. "ކޮން ހަޅޭކެއް؟" ކުއްލިއަކަށް އަހަރެން ހުއްޓުނީމެވެ. އެއީ އަހަންނަށް ހީވިގޮތް ހެއްޔެވެ؟ އެ ފަޅުރަށުގައި އެހެން މީހަކު ނޫޅޭނެ އެވެ. އެއްޗެއް ނުބުނެ ކިތަންމެއިރަކު އަހަރެން ހުރީމެވެ. އެއްވެސް އަޑެއްބަޑެއް ނީވުނެވެ. އެ ހިސާބުން އަހަރެން ނިންމީ އެއީ ހީއެއްކަމަށެވެ. ނުފެންނަ މަޚްލޫގުން އުޅޭކަމާއި، ބައެއްފަހަރު އެ މީހުންނާއި އަހަރުމެންނަށް އެއް މަގަކަށް ނުކުމެވޭކަން އެއީ ހަގީގަތެކެވެ. އެހެންވިޔަސް، އަހަރެން އެކަން ހަނދާންނައްތާލީމެވެ. އަހަންނަށް އެ އިވުނު އަޑަކީ ހީއެއްކަމުގައި ޔަގީންކުރީމެވެ. "މި ކަހަލަ ފަޅު ތަންތަން އަސްލުގަ ހާދަ ނާމާންވާނެއޭދޯ؟" މެންދުރު ކާންތިބެފައި އިސްމާއިލް ބުންޏެވެ. އަހަރުމެން އެންމެނާ ޚިލާފަށް އިސްމާއިލް އަކީ ދީނީ އަގީދާ ވަރުގަދަ މީހެކެވެ. އަހަރުމެންގެ ތެރެއިން ތުނބުޅި ބަހައްޓަނީ ވެސް އޭނަ އެކަންޏެވެ. ނަމާދުކުރުމާއި، އިސްރާފުނުކުރުމާއި، ޤްރުއާން ކިޔެވުމަށް ވެސް އިސްމާއިލް ވަރެއް ނުހުންނާނެ އެވެ. ބައެއް ފަހަރު އަހަރުމެން އޭނަޔާ ބަހުސް ކުރަމެވެ. އުނދަގޫ ސުވާލުތައް އޮއްސަމެވެ. އެހެންނަމަވެސް، އޭނަ އަށް ކުރާ އިތުބާރު ބޮޑުވާނެ އެވެ. އޭނަ ދޮގެއްނުހަދާނެކަމާއި، ދީނީ ކަންކަން ވެސް، އަހަރުމެން އެންމެނަށް ވުރެ ރަނގަޅަށް އެނގޭނެ ކަމުގައި އަހަރުމެން ގަބޫލުކުރަމެވެ. "އެއްކަލަ އިއްސޭ!" އަހަރެން ބުނީމެވެ. "މި ޒަމާނަކު ނޫޅޭނެ ތި ކަހަލަ އެއްވެސް އެއްޗެއް." އަހަރެން އެހެން ބުނީ، އިސްމާއިލް ލައްވައި އެ ވާހަކަ ދެއްކުމަށްޓަކާއެވެ. "އަހަރުމެން ގަބޫލުކުރަންޖެހޭނެ ދުނިޔެ އަށް ފޮނުއްވީ އިންސާނުން އެކަނި ނޫންކަން. އެހެންކަމަށްވަންޏާ އެ މަޚްލޫގުން ވެސް އުޅޭނެ. އަހަރުމެންނަށް ނުފެންނަކަން. މަގޭ ބަހެއް އަހަންޏާ، ހިތުހުރިހާ ތަނަކަށް ކުޑަކަމުގޮސް ނުހަދާތި! ފެންނަހާ ގޮއްޕެއް ނުކަނޑާތި! އެއްޗެއް އެއްލާލިޔަސް، މަޑުން ނަމަވެސް ގައިކޮޅުގައިގާދުރު ކިޔާތި!" އިސްމާއިލް ބުންޏެވެ. ބައެއް މީހުން އެ ވާހަކަ އަޑުއެހި އެވެ. ބައެއް މީހުން މަލާމާތްކުރި އެވެ. "ހަންޑިއާ ޖިންނީގެ ތަފާތަކީ ކޮބާ؟" ޝިފާޒް އެހި އެވެ. އެކަކަށް ވެސް އެ ސުވާލުގެ ޖަވާބެއް ނޭނގުނެވެ. ސަކަރާތްޖަހަން ތިއްބާ އިރުއޮއްސިއްޖެ އެވެ. ބައްތި ކޮބައިތޯ ބެލީ ވެސް ދެނެވެ. ބައްތިތައް އަޅާފައިހުރި ކޮތަޅު ޑިންގީ އަށް އެރުވި ހަނދާނެއް އެކަކު ވެސް ނުވި އެވެ. ދެން އޮތީ މޯބައިލް ފޯނެވެ. ކޮންމެ މީހެއް އަތުގައި ފޯނު އޮތެވެ. އެހެންކަމުން، އަލުން ރަށަށް ގޮސް ބައްތިތައް ގެންނާކަށް އެކަކަށް ވެސް ނުފެނުނެވެ. އަހަރެންގެ ބޮލުގައި ރިއްސާލި އެވެ. ބައްތި ނުގެނެވުން އެއީ އިއްތިފާގެއްބާ އެވެ؟ ކަމެއްގެ ފެށުންބާ އެވެ؟ އަހަންނަށް އިވުނު އަޑު އެއީ، އިންޒާރެއްބާ އެވެ؟ ކުށްހީއެއްބާ އެވެ؟ އިސްމާއިލް ހުރިހާ ނަމާދެއް ބަރާބަރަށް ކުރި އެވެ. އެހެން މީހުން އުޅުނީ މަޖާނެގުމުގަ އެވެ. ރޭގަނޑު، ގާތްގަނޑަކަށް އަށެއްޖަހަން އުޅެނިކޮށް، ފަރުހާދު ދުވަމުން އައެވެ. "އޭ ހިނގާބަލަ އެއްޗެއް ދައްކާލާނަން." ފަރުހާދު މައިނޭވާލަމުން ބުންޏެވެ. "ކޯޗެއް ފެނުނީ؟" އިސްމާއިލް އެހި އެވެ. "ތުނޑީކޮޅުގަ ވަރަށް ބައިވަރު ދޫނި އެބައުޅޭ. ހިނގާބަލަ!" ފަރުހާދާ އެކުގައި އުޅުނު ޝިފާޒް ބުންޏެވެ. އަހަރުމެން އެންމެން އެ ދިމާލަށް ދުއްވައިގަތީމެވެ. ފަރުހާދު އާއި ޝިފާޒު ގޯނިތައް ވެސް ގެންދިޔަ އެވެ. އަހަރެންގެ ހިތް އެ ވަގުތު ބުނަންފެށި އެވެ. ނުދާށެވެ. އެކަމަކު، ފިނޑިއަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ގަސްތަކުގެތެރެއިން ތުނޑީކޮޅަށް ނުކުތްއިރު އެއީ ތެދެކެވެ. ދުވެދުވެފައި އެއްޗިހިތަކެއް އުޅުނެވެ. އެކަމަކު ނުއެއް އުދުހެއެވެ. "އެއީ ދޫންޏެއް ނޫނެއްނު.. އެއީ ކަނބިލި ނޫނީ ކުކުޅުފިއޮއްތަކެއް!" ފައުޒީ ބުންޏެވެ. "އެއީ ހަމަ ދޫންޏެއްނު؟" އަހަރެން ބުނީމެވެ. އަހަރުމެން މަޑުމަޑުން ކައިރިވީމެވެ. ކައިރިވާ ވަރަކަށް ފިއޮއްތައް ގިނަވަމުންދިޔަ އެވެ. އަންނަ ތަނެއް ނުވަތަ ނުކުންނަ ދިމާލެއް ނޭނގެ އެވެ. އަނދިރިކަމުންނެވެ. އެނގޭ އެއްޗަކީ، ފެތުރެމުން ގިނަވަމުންދާ ކަމެވެ. އެއީ ޖިންނިއެއް، ހަންޑިއެއް ނޫނެވެ. ކުކުޅުފިޔޮކެވެ. އެ އެއްޗިހިތައް ގޮވާ އަޑު ވެސް ވަރަށް ރީތިކޮށް އަހަރުމެންނަށް އިވެ އެވެ. އަހަރެން ފޯނުން ފޮޓޯ ވެސް ނެގީމެވެ. "ހިނގާ ހިފަމާ!" ފައުޒީ ބުންޏެވެ. "ކައިރިނުވާތި! އެއީ އަސްލު ފިޔޮކެއް ނޫން. ހިނގާ ފުރަމާ. ދެން ނުވާނެ ތިބޭކަށް." އިސްމާއިލް ބުންޏެވެ. "ދެން ކައިރިނުވޭ!" އިސްމާއިލް ކިޔަވަންފެށި އެވެ. އަހަންނަށް ހީވަނީ އެއީ ކުރުސިހެންނެވެ. އަހަރެން ކުޑަކޮށް ބިރުގަތެވެ. އެހާ ބައިވަރު ފިޔޮއް، އެއް ތަނަކުން އަހަރެން ނުދެކެމެވެ. "އެއީ ހަމަ ފިޔޮކޭ! ހިނގާބަލަ ހިފަމާ! ޔަގީން ހުރިހާ ގޯނިތައް ފުރާލެވޭނެ." ޝިފާޒު ބުންޏެވެ. ވަގުތުން ފަރުހާދު އާއި ޝިފާޒު ދުއްވައިގަތެވެ. އަހަރުމެން ވެސް ދުއްވައިގަތީމެވެ. އިސްމާއިލް ހުރީ އެވެ. އަހަރުމެން ގޮސް ފިއޮއްތަކުގެ ތެރެއަށް ވަނީމެވެ. ގޮތެއްގޮތެއް ނުބަލައި ފިޔޮއްތައް ހިފައި ގޯންޏަށް އަޅަންފެށީމެވެ. ސައިޒާއި ބަރުދަނަށް ބެލިޔަސް އެއީ ހަމަ ފިޔޮކެވެ. ވަކި ހިސާބަކުން އަހަރެންގެ ހިތަށް ވެސް އެރިއެވެ. އެހާ ބައިވަރު ފިޔޮއްތައް ނުކުތީ ކޮންތާކުން ހެއްޔެވެ؟ އެކަމަކު، އެހެން މީހުން ވެސް ހިފާތީ އަހަރެން ވެސް ހިފީ އެވެ. ހަތަރު މީހުންގެ ހަތަރު ގޯނި ފުރުމުން، އެކަކު އަނެކަކުގެ ކޮނޑަށް ގޯނި އަރުވަންފެށީމެވެ. އަނދިރިކަމުން، ގޯނި އެރުވެނީ ކާކުގެ ކޮނޑަށްކަމެއް ނޭނގެ އެވެ. ކޮނޑަށް ގޯނި ލާއިރަށް އެ މީހަކު ދުއްވައިގަންނަނީ ޑިންގީއާ ދިމާލަށެވެ. އަހަންނާޖެހުމުން އަހަރެން ވެސް ގޯނީގެ ތުނބުގައި ގޮށްޖަހާފައި، ކައިރީގައި ހުރި މީހާގެ ކޮނޑަށް ގޯނި އެރުވީމެވެ. ބަލާބެލުމަށް، އޭނަގެ ކޮނޑަށް އަހަންނަށް އަތް ފޯރާނެ އެވެ. އެކަމަކު، ގޯނި ހިއްލާލުމުން ފޯރަނީ ބުރަކައްޓާހަމައަށެވެ. "އޭ ތިރިވެބަލަ!" އަހަރެން ފައިން ޖަހާފައި ބުނީމެވެ. އޭނަ ތިރިއެއްނުވި އެވެ. ވާހަކައެއް ނުދެއްކި އެވެ. ގޯނި ހިފައިގެން ހުރެ، އަނެއްކާ ވެސް އޭނަގެ ފައިގައި އަހަރެން ފައިންޖެހީމެވެ. އެ ހިސާބުން އަހަރެންނަށް ކުޑަކޮށް ޝައްކުވި އެވެ. އެއީ ކާކު ހެއްޔެވެ؟ އަހަރުމެން ފަސް މީހުންނަށް ވުރެ އޭނަ ދިގެވެ. ވާހަކައެއް ނުދައްކައެވެ. ދެން ހަދާނެގޮތެއް އަހަންނަކަށް ނޭނގުނެވެ. ފޯނު ނަގާފައި އެހެން މީހަކަށް ގުޅާކަށް އަހަންނަކަށް ނުކެރުނެވެ. އެހެން ހުއްޓައި މީހަކު އަންނަތަން އަހަންނަށް ފެނުނެވެ. އެއީ ފައުޒީ އެވެ. މަގޭ ނަސީބެވެ. "ހިނގާ ފުރަމާ! އިސްމާއިލް ބުނީ މި ރަށަކު ނުހުންނާނަމޭ!" ފައުޒީ ބުންޏެވެ. "އާނ މި ގޯނި ހިފައިގެންތާ ފުރޭނީ.. ގުދުވެބަލަ!" އަހަރެން ބުނީމެވެ. ފައުޒީ ގުދުވުމުން އޭނަގެ ކޮނޑަށް ގޯނިލަމުން އަހަރެން ސިއްރެއް ބުނީމެވެ. "މީ އިތުރު މީހެއް!" ވައިއަޑުން އަހަރެން ބުނީމެވެ. "މަށަށް ވެސް އެނގެޔޭ! ހިނގާ ހިނގައިގަންނަމާ. ނުދުވާތި، ފަހަތް ނުބަލާތި!" ފައުޒީ ބުންޏެވެ. އޭރު މުޅި ތަނުގައި ފިޔޮއްތައް އުތުރިއަރަނީ އެވެ. އަހަރުމެން ދެ މީހުން މަޑުމަޑުން ހިނގައިގަތީމެވެ. އެ މީހާ ފަހަތުން އަންނަކަން އަހަރުމެން ދެ މީހުންނަށް ވެސް އެނގެ އެވެ. އެކަމަކު އަހަރުމެން ފަހަތެއް ނުބަލަމެވެ. ކޮންމެ މީހަކު ވެސް ބެލީ، އެނގޭ ހެޔޮއެއްޗެއް ކިޔޭތޯ އެވެ. އޭރު އެހެން މީހުން ތިބީ ޑިންގީ އަށް އަރައެވެ. އެކަކު ވެސް ފިއޮއް ގޯނި ޑިންގީއަކަށް ނުލައެވެ. އަހަރުމެން އަންނަން ފެށުމުން، ޑިންގީގައި ތިބި އެންމެން ބަލަންފެށި އެވެ. އެ މީހުން ތިބީ ހައިރާންވެފަ އެވެ. އިސްމާއިލް އަޑުގެކޮޅަށް ޝަހާދަތުގެ ދެ ކަލިމަ ކިޔަންފެށި އެވެ. އެ ހިސާބުން އަހަރެންގެ މުޅި ގައިން ހީބިހިނަގައިގެންދިޔަ އެވެ. ފަހަތުގައި ހުރި މީހާ ހުރީ ކޮން ސިފައަކަށް، ކޮން އިސްކޮޅެއްގައިކަމެއް އަހަންނަކަށް ނޭނގެ އެވެ. "ބިސްމި ކިޔާފަ އެންމެން އަރާ!" އިސްމާއިލް ކުރިއަށްޖެހިލާފައި ބުންޏެވެ. "ތި ގޯނި ބާއްވާ!" ފައުޒީ ހުރި ތަނަށް ގޯނި ވައްޓާލި އެވެ. އަދި ބިސްމި ކިޔާފައި ޑިންގީ އަށް އެރި އެވެ. އަހަރެން ވެސް ބިސްމި ކިޔާފައި ޑިންގީ އަށް އެރީމެވެ. އެރުމަށްފަހު، އެ މީހާ އަށް ބަލައިލީމެވެ. އެ މީހާ ހުރީ އަހަރުމެންގެ އިސްކޮޅުގަ އެވެ. އިންސާނެއްގެ ސިފައިގަ އެވެ. ޑިންގީ އަށް އަރާކަށް އޭނަ ނޫޅެ އެވެ. ދާކަށް ވެސް ނޫޅެ އެވެ. އެ ވަގުތު، ޑިންގީގައި އޮތް ފިއޮއް ގޯންޏެއް އަހަންނަށް ފެނުނެވެ. އަހަރެން އިސްމާއިލަށް އެ ގޯނި ދައްކާލީމެވެ. އިސްމާއިލް އެ ގޯނި އެއްލި އެވެ. އެ މީހާ ހުރިހާ ގޯންޏެއް ހިފައިގެން ދިޔަގޮތަށް ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައީ އެވެ. އަހަރުމެން އައިގޮތަށް އައީ ރަށަށެވެ. އެ އަށްފަހު އަހަރެން އެ ރަށަކަށް ނުދަމެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ އަމް, 2009-10-31 18:05:40
"ހަގީގީ ހާދިސާ އަކަށް ލިޔެފައިވާ ވާހަކައެއް" މިހެން އޮތުމުން ސަކަރާތް. މިހާރު މިވީގޮތުން ހަގީގަތެއް، އިތުރު ކުރެވެނު ބަޔެއް ނޭގުނު. ދެން އެހެން ފަހަރަކުން ނަމަވެސް ހަގީގީ ހާދިސާ މިކަން މި ހިނގައި ދިޔަ ރަށުގެ ނަމާއި އެކު ގެނެސް ދެއްވުން އެދެން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|