މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ޖަވާބު |
|
|
| ދިވެހި - ވާހަކަ | |||
| 24 މެއި 2010، 18:18 ހޯމަ | |||
|
ޙަޤީޤީ ހާދިސާ އާދަމް ނަޞީރު އިބްރާހީމް (2010) ދިވެއްސަކަށްވީތީ އަހަންނަށް ލިބުނީ ކޮން އެއްޗެއް ކަމެއް އަހަންނަކަށް ނޭނގެ އެވެ. އަހަންނަށް އޮތް ފައިދާ އަކީ ކޮބައިކަމެއް ވެސް ނޭނގެ އެވެ. ލިބުނު އުފަލަކީ ހިތްހަމަ ޖެހުމަކީ ކޮބައިކަމެއް ވެސް ނޭނގެ އެވެ. ގުރޭޑް ބާރަ ނިންމައި، ޓީވީ އިސްޓޭޝަނެއްގެ ތަމްރީނުވާ ޕްރޮޑިޔުސަރެއްގެ މަގާމަށް އަހަރެން ވަނީ އެ ހާލުގައި ހުރެގެންނެވެ. ވަޒީފާ ލިބުނުތާ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި އަހަންނަށް ކޯހެއްލިބުނެވެ. މަސް ދުވަހުގެ ކޯހެކެވެ. ތަފާތު ގިނަ ގައުމުތަކެއްގެ ތަފާތު ނަސްލުތަކެއްގެ މީހުން ހިމެނޭ ކޯހެކެވެ. އެކި އެކި ތަންތަނުން އައި އެކި ކުލައިގެ އެކި އިސްކޮޅުގެ މީހުންނެވެ. ސާޅީހަކަށް މީހުންތިއްބެވެ. އަހަރެން ދިޔަ ގައުމުގެ މީހުން ދިވެހި ރާއްޖެ ދަނެ އެވެ. އަދި ކޯހަށް އައި ގިނަ މީހުން ވެސް ދަނެ އެވެ. ރާޅު އަރާތީ އެވެ. ބިންތިރި ވީމަ އެވެ. މި ސަރަހައްދުގެ އެންމެ ކުޑަ ގައުމު ކަމަށްވާތީ އެވެ. އާބާދީިގައި ހަތަރު ލައްކަ ވެސް ހަމަ ނުވެ އެވެ. ފަރުބަދައެއް ނުހުރެ އެވެ. ފެންކޯރެއް ނޯވެ އެވެ. ގުރައެއް މިނިކާވަގެއް ކީއްކުރަންހެއްޔެވެ؟ ގެއެއްގައި ދޮރުފާރަވެރި ކުއްތާއެއްހައި ހިސާބުވެސް ނެތް ގައުމެކެވެ. ދެތިން ދުވަހަކު ޗުއްޓީ ހެދަ ކޮށްލަން އޮތް ހިމުން ދޮންވެލިކޮޅެކެވެ. ފުރަތަމަ ދުވަހެވެ. ފަރިތަވެލުމުގެ ވަގުތު ކޮޅެވެ. ކޮންމެ މީހަކަށް ވެސް ޖެހުނީ ބޯޑުގައި އެ މީހާގެ އަމިއްލަ ނަން ލިޔާށެވެ. އަދި ހާލު އަހުވާލު އޮޅުން ފިލުވައިލުމަށް ބުނެލާ ބުނުން އެ މީހެއްގެ ގައުމުގެ އާދަ ކާދަޔާ ގުޅޭގޮތުން އަމިއްލަ ބަހުން ލިޔާށެވެ. އެކި މީހުން އެކި ބަހުން ލިޔެ އެވެ. ބައެއް މީހުންގެ ބަސްތަފާތެވެ. އަކުރު އެއްގޮތެވެ. ދެ ތިން ގައުމަކަށް ނިސްބަތްވާ ދެތިން މީހަކު ހަމަ އެއް ބަހަކުން އެއް ޖުމުލަ އެއް ލިޔެފި އެވެ. އެކަމަކު އެ މީހުން ނިސްބަތްވަނީ މިލިޔަން މިލިޔަނުގެ އާބާދީ ތަކަށެވެ. އަހަރެންގެ ފުރުޞަތެވެ. އަހަރެން ހިނގައިގެންފީ މެވެ. ބޯޑުކައިރިޔަށް ހުއްޓި ތާނަ އަކުރުން، އަމިއްލަ ނަން ލިޔެލައިފީމެވެ. ''ހާލު ކިހިނެއް؟'' އަމިއްލަ ދިވެހި ބަހުން މި ހެން ވެސް ޖަހާލައިފި ފީމެވެ. ''ވާއޮ! ކަލޭމެންގެ އަމިއްލަ ބަހެއް އޮވޭތަ؟ އަމިއްލަ އަކުރެއް ވެސް'' އަހަރެންނަށް ވަރަށް ބާރަށް ‘’yes’’ މި ހެން ބުނެލެވުނެވެ. ''ވާއޮ!'' އަނެއްކާ ވެސް ކުރިން ސުވާލު ކުރި މީހާ އިއްވާލީ އެ އަޑެވެ. އެންމެން ކަހަލަ ގޮތަކަށް އަތްތިލަބަޑި ތަޅައިގެންފި އެވެ. ލެކްޗަރަރ އަހަރެންގައިގައި ބައްދާލި އެވެ. ވީ ގޮތެއް ނޭނގުނެވެ. އެ ތެރެހަށިން ފުރިގެން ބޭރަށް ބަންޑުންވި ޖަޒުބާތަކީ ދުވަހަކު ވެސް އަހަރެން އިޙްސާސްކުރި ކަމެއް ނޫނެވެ. އަހަރެންގައި ހީބިހި ނަގައިގަތެވެ. ފެންކަޅިވެއްޖެ އެވެ. ދެ ލޮލުން ކަރުނަ ތިކި ފޫދިއްޖެ އެވެ. ރޮވިއްޖެ އެވެ. ކީއްވެގެންހެއްޔެވެ؟ އުފަލުންނެވެ. އުފާވީ ކޮންކަމަކާ ހެއްޔެވެ؟ ރޮވުނީ ކޮންކަމަކާ ހެއްޔެވެ؟ ހިތަށް ލިބުނު ހިތްހަމަޖެހުމާއި ހިތްވަރު ފިޔަވައި އެހެން އެއްވެސް ސަބަބެއް ނެތެވެ. ހިތަށް އެރި އެވެ. ދިވެހި ބަހަކީ ބޭނުން އެއްޗެއްތޯ އެއް ދުވަހެއްގައި މުދައްރިސަކު ކިލާހުގައި ސުވާލު ކުރެއްވި އެވެ. އެ ދުވަހަކު އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެކަމަކު މި އަދު އަރެންގެ ހަށިގަނޑުގައި މި ހިރަ އިޙްސާސަކީ އޭގެ ޖަވާބެވެ. މި އޮހޭ ތަހުނިޔާގެ ބަސްތަކާ ހޫނު އަތްތިލަ ބަޑީގެ ތަރުޙީބަކީ އޭގެ ޖަވާބެވެ. އާބާދީ ކިތަންމެ ބޮޑަސް، މި ކަމުގައި ''ފަގީރުކަން'' އިޙްސާސް ކުރަން މި ތާނގައި ލަދުން އެ ތިބަ ދެ ތިން ދޮން މީހުންގެ ވަޅޯވެފައިވާ މޫނަކީ ވެސް އެ ސުވާލުގެ ޖަވާބެވެ. ދެ ލޮލުގައި ވިދަމުން މިދާ އުފާވެރިކަމުގެ ކަރުނަޔާއި، ގައިގައި މިވާ ހީބިއްސަކީ ވެސް އެ ސުވާލުގެ ޖަވާބެވެ. ވަކި ގައުމަކަށް ނިސްބަތްވާ ވަކި ޝަރަފެއްގެ މީހެއްގެ ގޮތުގައި މި އެންމެން އަހަރެން ބަލައިގަތްކަން އެއީ އަދި އެ ސުވާލުގެ އެންމެ ތަފުސީލު ޖަވާބެވެ. (ނިމުނީ) ނޯޓު: މިއީ ޓީވީ އެމް ގެ ޕްރެޒެންޓަރުންގެ ކުދީންކޮޅަކަށް ދިވެހި ބަހުގެ ހަމަތަކާ ބެހޭ ގޮތުން ނަގައި ދެވުނު ކިލާހެއްގައި، ކިލާސް އިންތިޒާމު ކުރުމުގައި އުޅުއްވި ޕްރޮޑިޔުސަރަކު އަޅުގަނޑަށް ކިޔައިދެއްވި އޭނާގެ އަމިއްލަ ތަޖުރިބާ އެކެވެ. އަޅުގަނޑުގެ ގަލަން މަސައްކަތް ކޮށްފައި އެ ވަނީ، ވާހަކައިގެ ''ޢަރަޤުކޮޅު'' ތިޔަ ބޭފުޅުންނާ ހަމަޔަށް ވާސިލުކޮށްދެވޭތޯ އެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (11)
![]()
...
ލިޔުނީ ޒ, 2010-05-24 13:38:25
އަޅުގަނޑުވެސް މިވަގުތު މިހުރީ އަޅުގަނޑުގެ ލޮބުވެތިވަޒަނާއި އެތައްމޭލު ދުރުގައެވެ.މިތަނުގައިވެސް އަޅުގަނޑުމެންނާއި އެކުގައި ތަފާތުނަސްލުތަކުގެ ތަފާތު ކުލަކުލައިގެ މީހުން އުޅެއެވެ. މިތަނުގައި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ނޫޅެނީ މިވެނި ގައުމެއްގެ މީހުންނޭ ބުނެފައި ނަމެއް ކިޔެން އޮންނާނެހެނެއް ހީއެއް ނުވެއެވެ. އަޅުގަނޑާއި ދިމާވާ ގިނަ މީހުންނަކަށް ދިވެހިރާއްޖެ އެއް ނޭނގެއެވެ. އެނގެނީ އިންޑިއާ ، ސްރީލަންކާއެވެ. ގައުމާއި ބެހޭ ގިނަ ވާހަކަތައް ކިޔައިދިނީމާ ސުވާލުކުރަނީ ވާހަކަ ދައްކަނީ ހިންދީ ބަހުންތޯ އެވެ. އަޅުގަނޑަށް ފަޚުރާއި އެކު ބުނެވެނީ ނޫނެކޭ އަހަރެމެންގެ އަމިއްލަ ބަހުންނޭ އެވެ. ޖަވާބު އިވުމުން ގިނަމީހުންގެ މޫނުމަތީން ފެނިގެންދަނީ ހައިރާންކަމުގެ އަސަރެވެ. ސުވާލަކަށް ވަނީ ގައުމުގައި އެންމެ 3 ލައްކަ މީހުން ދިރިއުޅޭ އިރުވެސް އަމިއްލަ ބަހެއް އޮވޭ ހެއްޔޭ އެވެ. ޖަވާބަކީ ކޮބާ ހެއްޔެވެ؟ މިއަދު އަދި އަޅުގަނޑޫމެންގެ އަމިއްލަ ވަންތަ އަމިއްލަ ދިވެހި ބަހެއް އެބައޮތެވެ. އަޅުގަނޑުމެންގެ ގައުމު ކުޑަޔަސް މީސްކޮޅުމަދަސް ބާރު ގަދަ ނޫނަސް ހަގީގަތަކީ މިއީއެވެ. އަދި މިއަށްވުރެ އަޅުގަނޑު އުފާ ކުރުވަނީ ބަހާއި މެދު އެމީހުން ފާޅުކުރާ ޝުޢޫރެވެ. އަޅުގަނޑުގެ ވަރަށް ގިނަ އެކުވެރިން ބުނާގޮތުންނަމަ ދިވެހި ބަހަކީ އެބަހަކުން ވާހަކަ ދައްކާއިރު އަޑުއަހަން އެންމެ ފަސޭހަ އެއްބަހެވެ. "ވަރަށް ލުއި ބަހެކެވެ" މިއީ އެމީހުން ބުނާގޮތެވެ. އެހެންވީއިރު ދިވެހި ބަހާއިމެދު އަޅުގަނޑުމެން ފަޚުރުވެރި ނުވާންވީ ކީއްވެތޯއެވެ؟ އުފާ ނުކުރަންވީ ސަބަބަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެންގެ ބަހާއި ފެއަށް އަޅުގަނޑުމެން ޖެހެންވީ ސަބަބެއް އެބައޮތްތޯއެވެ؟ ޖަވާބަކީ އަޅުގަނޑުމެންނަށް ބަހުގެ އަގު އެނގޭނަމަ އެފަދަ އެއްވެސް ސަބަބެއް ނެތެވެ! އަޅުގަނޑުމެންނަށް ކޮންމެ އެއްޗެއްގެވެސް އަގު ވަޒަން ކުރެވޭނީ އެ އެއްޗެއް ބީވުމުންނެވެ! އެކަން އަބަދުވެސް ހަނދުމަފުޅު ކުރެއްވުން އެދެމެވެ! އަޅުގަނޑުގެ އިލްތިމާސަކީ މިއީއެވެ.
...
ލިޔުނީ Cardinal, 2010-05-24 13:39:57
Kalaange ekalhunah minvaru kurahvany eki niumai. dhivehinge midhennevi niumaithakuge theregai amilla bahe vakin haasakoh amilla akureh libifaivun himeney.
amillabahehge ithutun e liyaane vaki akurehge ithueurun liyuntherikamuge nizaamuthah kandaelhey iru latin akuraa arabiakura ehhama ehgai fai hama kollevey akureh kamugai thaana vuvves himeney. Mi hagygathuge bodu foto ballava levvumah mi link ballavalavva.. :D:) http://upload.wikimedia.org/wikipedia/commons/6/60/WritingSystemsoftheWorld4.png
...
ލިޔުނީ އަޙްމަދު ( ހަތަރުމަތިފުށްދިވެއްސެއް ), 2010-05-25 03:06:04
ރަގަޅު ވާހަކައެކެވެ. އަމިއްލަ ބަހެކެވެ. އަމިއްލަ އަކުރެކެވެ. އެކަމަކު ތިޔަވިދާޅުވާ ތާރީފްގެ ބަސްތަކާއި، ކުރެވޭ ފޮނި އިޙްސާސްތައް ފިޔަވާ ދިވެހިބަހުން ދިވެއްސަކަށް ލިބުނީ ކޮން ފައިދާއެއްތޯއެވެ. އެހެނެއްކަމަކު ފަސޭހަކަމާއި، އެކު އިގިރޭސި ބަހުން މުއާމާލާތުކޮށް ލިޔެކިޔަން ދަސްވެއްޖެނަމަ ދުނިޔޭގެ ދިރިއުޅުމުގެ 99 ޕަސަންޓް ޙާސިލް ކުރެވުނީއެވެ. ބާކީ އިން 1 ޕަސަންޓްވެސް ދިވެހިބަހުން ލިބިދާނެތޯއެވެ. ނޫނެކެވެ. ފައިދާއެއެނެތެވެ. ދިވެއްސަކާ މުޚާތަބުކޮށް ވާހަކަ ދައްކާލުން ފިޔަވާ ކުރެވޭނެ މާބޮޑު ބޭނުމެއްއޮތްކަމަކަށް އަޅުގަނޑު ނުދެކެމެމެ. ވަރަށް ބޮޑަށް މާޢާފަށް ވެސް އެދެމެވެ. އެހެނަސް މިއީ އަޅުގަނޑަށް ވިސްނޭ ގޮތެވެ. މިއީ ފަހަރެއްގައި އެންމެ ރަގަޅުގޮތް ކަމަށްވެސް ނުވެދާނެއެވެ.
...
ލިޔުނީ ޒިޔާ, 2010-05-25 03:43:42
ނަސީރު އެވެ. ތެދެއް ދަންނަވަންތޯއެވެ؟ މިވާހަކަ ކިޔުމުން އަޅުގަނޑަށް ވަރަށް އަސަރުކޮށްފިއެވެ. ހިތުގައި އުފެދިފައިވާ ސުވާލެއްގެ ޖަވާބު މި ވާހަކައިން ލިބިއްޖެ އެވެ. އަޅުގަނޑުމެން ދިވެހިން ފިޔަވައި މި ބަހުގެ ވާހަކަ އަހާލާނެ މީހަކު މިދުނިޔޭގައި އުޅޭނެތޯ ހިތުގައި އުފެދުނު ސުވާލަށް މިވާހަކަ ކިޔުމުން ޖަވާބު ލިބިއްޖެ އެވެ. ލޮލުން ކަރުނަ ފާއްދާލައިފި. ސިފަވެގެން ދިޔައީ ބޯޑުކައިރީގައި ޚުދް އަޅުގަނޑު ދިވެހި ބަހުން ލިޔަން ހުރެވުނުހެން. ދިވެހިބަސް ދަސްކޮށް ކުރިއަރުވަން ތި ކުރައްވާ މަސައްކަތައް ސާބަސް ރައްދުކުރަން. އަޅުގަނޑަކީ ކުއްލިއްޔާގައި ނޫނަސް، ސްކޫލް ދައުރުގައި ނަސީރުގެ ދަރިވަރެއްގެ ގޮތުގައި އެއް އަހަރު ދިވެހިބަސް ދަސްކުރުމަށް މަސައްކަތް ކުރި ދަރިވަރެއް. އަދި ހަމަ ވަރަށް ބޮޑުކުރިއެރުމެއް އަޅުގަނޑަށް ދިވެހި ބަހުގެ ހަމަތަކުން ލިބުނު. މި ހާދިސާ ތަޖުރިބާ ކުރެއްވި ފަރާތަށް ޝުކުރު އަދާކުރަނީ އެ ފަދަ ތަޖުރިބާ އެއް ހިއްސާ ކުރެއްވީމަ އެވެ. މި ފަދަ ދުވަސްވަރެއްގައި ދިވެހިބަށް އިޚްތިޔާރި މާއްދާ އަކަށް ހެދުމަށް ހުށައަޅާފައި ވާ ހުށަ އެޅުން އެނގުމުން ވަރަށް ދެރަވެ އެވެ. އަލުގަނޑުމެން ދިވެހި ބަހަށް ނުކުރި ގަދަރެއް ކުރާނީ ކާކުތޯ އެވެ؟
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-05-25 05:29:14
މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މިލިޔުން ކިޔާލުމުން އަޅުގަނޑަށް ރޮވިއްޖެއެވެ. ދިވެހިންނަށް ލިބިފައި މިވާ އަމިއްލަ ބަހާއި އެ ބަސް ބަޔާންކޮށް ދިނުމަށް ހަމަ މި ދިވެހިންނަށް ދެއްވައިފައިވާ ދިވެހި އަކުރުގެ ނިޢުމަތަށްޓަކައި މަތިވެރި ﷲގެ ޙަޟްރަތަށް ފަށްފަށުން ޝުކުރު ތަކުރާރު ކުރަމެވެ.
...
ލިޔުނީ އަޙްމަދަށް ހެޔޮ އެދޭ ދިވެއްސެއް, 2010-05-25 06:31:01 ''ބާކީ އިން 1 ޕަސަންޓްވެސް ދިވެހިބަހުން ލިބިދާނެތޯއެވެ. ނޫނެކެވެ. ފައިދާއެއެނެތެވެ. ދިވެއްސަކާ މުޚާތަބުކޮށް ވާހަކަ ދައްކާލުން ފިޔަވާ ކުރެވޭނެ މާބޮޑު ބޭނުމެއްއޮތްކަމަކަށް އަޅުގަނޑު ނުދެކެމެމެ.'' މަތީގައި އެވަނީ އަޙުމަދުގެ ފިކުރުން ނަކަލު ކޮށްލައިފައިވާ ޖުމުލަ އެކެވެ. އަޙުމަދުގެ ފިކުރާ މެދު އަޅުގަނޑު އެއްޗެއް ދަންނަވާލަން ގަސްތުކުރީ ހަމަ އެކަނި އެ ޖުމުލަ އަށްޓަކަ އެވެ. ކީއްވެތޯ އެވެ؟ އަޙްމަދު ވިދާޅުވެފައިވަނީ ބަހުގެ ފައިދާއެއް ނެތެކޭ ނޫނެވެ. ފައިދާ އެއް ބޭނުމެއް އޮތްކަމަށް އަޙްމަދަށް ވިސްނިވަޑައި ނުގަންނަވާ ވާހަކަ އެވެ. އެހެން ކަމަށް ވާނަމަ އަޙްމަދު އިތުރަށް މި ކަމުގައި ވިސްނަވަން ބޭނުންފުޅު ވާކަމުގެ އުންމީދެއް ލިބޭތީ އެވެ. އަޅުގަނޑުގެ ހިތުގައި އަޙްމަދާ މެދު ވަނީ ހެޔޮ އެދުމެވެ. އަޙްމަދެވެ. އައިސް ކުރީމަކީ ވަރަށް ގިނަ މީހުންނަށް މީރު އެއްޗެކެވެ. އޭގައި ހިތި ރަހައެއް ނުލަ އެވެ. އެކަމަކު ވަރަށް ހިތިރަހަ ގަދަ ބޭހެއް ޑަކްޓަރަކު ދީފާނެ އެވެ. އޭގެ މަންފާ ބަލި މީހާ އަށް ނޭނގިދާނެ އެވެ. އެކަމަކު، އަައިސްކުރީމުގެ ގެއްލުން އެނގޭ ޑަކްޓަރަށް، މި ބޭހުގެ ފައިދާ ވެސް އެނގޭނެ އެވެ. ބުނެލަން މި އުޅެނީ ކަންކަމުގެ ބޭރުފުށުން ބެލީމާ ފެންނަ ގޮތާއި، އެތެރެ ނުވަތަ ޢިލްްމީ ނަޒަރުން ބެލީމާ ފެންނަ ގޮތް ތަފާތު ވާހަކަ އެވެ. މީގެ ހަ މަސް ކުރިން ފަރަންސޭސި ނޫސްވެރިޔަކާ އަޅުގަނޑަށް މި ރާއްޖޭން ދިމާވި އެވެ. އޭނާ އިނގިރޭސި ބަހެއް ނުދަނެ އެވެ. އަޅުގަނޑުމެން ދެ މީހުން ވާހަކަ ދެއްކީ ފަރަންސޭސި ބަހުންނެވެ. ހަމަ އެ ބައްދަލުވުމުގައި އެމެރިކާ ރައްޔިތަކު އިނެވެ. އޭނާ ދިވެހި ބަހުން ލިޔެކިޔަން ދަނެ އެވެ. ފަރަންސޭސި މީހާ އިނގިރޭސި ބަހަށް ނަފުރަތު ކުރެ އެވެ. އެމެރިކާ މީހާ ފަރަންސޭސި ބަހަށް ޝައުޤެއް ނެތެވެ. އެކަމަކު މީން އެކަކު ވެސް އެ މީހެއްގެ އަމިއްލަ ބަހަށް ނުރުހުމެއް ނެތެވެ. އޮތީ ލޯތްބެވެ. އަޙްމަދު ސުވާލު ކުރައްވާފާނެ އެވެ؟ ކީއްވެހެއްޔެވެ؟ މި ސުވާލުގެ ޢިލްމީ ޖަވާބެއް ހޯއްދަވަން ކްރިޓިކަލް ތިންކިންގ ގެ ރޮނގުން އިނގިރޭސި ބަހުން މަތީތަޢުލީމު ޙާޞިލް ކުރައްވާފައިވާ ޑރ. ޙަސަން ޙަމީދާ ހަމަޔަށް ދަމާތޯ އެވެ؟ ފަންވަތުގައި އޭނާ ޝާއިޢު ކުރައްވާފައިވާ މި ދެ މަޒުމޫނު ވިދާޅުވެލައްވައި ފިކުރު ކޮށްލެއްވުން އެދެމެވެ. ވަރަށް ސަލާމެވެ. http://www.fanvai.info/dhivehi/ijuthimaaee/364-2009-02-01-11-33-22.html http://www.fanvai.info/dhivehi/maadhareebas/434-2009-02-18-21-46-45.html
...
ލިޔުނީ ޒިޔާ, 2010-05-25 09:25:42
ސަހަރޯ ހީވެއެވެ. އަމިއްލަ މާދަރީ ބަސް ދޫކޮށް އެހެން ބަހަކަށް އަހުލުވެރިވެ ތިމާގެ މާދަރީބަހުގައި އެއްވެސް ބޭނުމެއް ނެތޭ ބުނުމުން އަދި ކުރިއެރުމެއް ލިބުނީ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. ކޮންމެ ބަހެއްގެ ބަޔަކު ވެސް ނުވަތަ ބަހުގެ ޢިލްމުވެރިން އެކިބަސްތަކަށް ކުރާ އިހްތިރާމާއި ޤަދަރު އަހްމަދަށް އެނގިވަޑައިގަންނަވާ ނަމަ އަހްމަދުގެ ތިޔަ ޚިޔާލާއި އިދިކީލި ގޮތެއް އަޅުގަނޑު ނޫނަސް އަހްމަދަށް ވެސް އިހްސާސް ކުރެއްވޭނެ އެވެ. ތިރީގައި މިވާ ލިންކް ގައިވާ ލިޔުން ވެސް ވިދާޅުވުން އެދެމެވެ. އަހުމަދަށް ބޭނުންފުޅު މަޢުލޫމާތު ކޮޅެއް ލިބި ހިތަށް ތަސައްލީއެއް ލިބިވަޑައިގަންނަވާނެ ކަމަށް ޤަބޫލު ކުރަމެވެ...
http://www.fanvai.info/dheen/86-islamic-hostory/1409-2010-05-01-18-37-22.html
...
ލިޔުނީ ޝާކިރުގެ ×ޝުޢޫރު, 2010-05-26 06:00:32
ވަރަށް ވަރަށް އަސަރުގަދަ ލިޔުއްވުމެކެވެ! ލޮލުން ކަރުނަ ފާއްދާލައިފިއެވެ. ހަމައެއާއެކު، ޙަޤީޤީ ބައެއް ދިވެހިންގެ ފުން އިޙްސާސްތައް ފެނިފައި އުންމީދު އާވެއްޖެއެވެ. މާތްﷲ، ޚާއިނުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށިއެވެ. ދިވެހިން، ދިވެހިންގެ ދީނާއި ބަހާއެކު ލަހައްޓަވާށިއެވެ. އާމީން = ޝާކިރު
...
ލިޔުނީ ޝާކް, 2010-05-26 07:46:34
ލިޔުންތެރިޔާ އަށް އައްސަރިބަހާ ސާބަސް ރައްދު ކުރަން. މި ލިޔުން ކިޔާ ލުމަށް ފަހުގާ އަޅުގަނޑުގެ ހިތުގާ އުފެދުނީ ވަރަށް ވަރުގަދަ ޢަޒުމެއް.އަޅުގަނޑުމެން ޒުޥާނުން މި ރާއްޖެއަށް ނޭވާލާ ހިނދަކު އަޅުގަނޑުމެންގެ މި ފަޚުރުވެރި ބަސް ދިރުވާ އާލާ ކޮށް އަންނަން އޮތް ޖީލުތަކުގެ ފަޚުރަކަށް ދިވެހި ބަސް ހެދުމުގެ މަތިވެރި ޢަޒުމު. ޝުކުރިއްޔާ އާދަމް ނަޞީރު އިބްރާޙީމް.
...
ލިޔުނީ ފަޔާޒު, 2010-05-27 05:37:19
ފައިދާ ފައިދާ ފައިދާ.. އަބަދު ވެސް ފައިދާޔާ މަންފާ. އަޅުގަނޑުމެންނަށް މާއްދީގޮތުން ލިބުނީ ކޮން ފައިދާއެއްތޯއެވެ؟ މިއީ ވަރަށް އަޖައިބުކުރަނިވި، އެހާމެ މާއްދީ ވިސްނުމެއްގެ ސުވާލެކެވެ. އަދި ތިމާގެ އަމިއްލަ ވަންތަކަމާ ގުޅިގެން މި ސުވާލުކުރާ ނަމަ މިއީ އެހާ ފިނޑި އެހާ ރަނޑާލި އަދި އެހާމެ އަމިއްލަ ނަފްސަށް އިޙްތިރާމް ނުކުރާ ކަމުގެ ދަލީލެކެވެ. އަޅުގަނޑު ވެސް ދެތިން ސުވާލުކޮށްލަފާނަމެވެ.
ކަލާގެ މަންމަގެ ބަނޑުން އުފަންވެގެން ލިބުނީ ކޮން ފައިދާއެއްތޯއެވެ؟ ހަމަ އެކަނި ދުނިޔޭގައި ގަނަތެޅުން ނޫން ފައިދާއެއް ލިބއްޖެތޯއެވެ؟ އިނގިރޭސި ރާނީގެ ބަނޑުފުޅުން ކަލާ އުފަންވި ނަމަ، ނުވަދިހަ ނުވަ އިންސައްތަ ކަލާ ހުންނާނީ ވަރަށް ނިޢުމަތުގައެވެ. ކަލާގެ ބައްޕަގެ ނަސްލުން އައިކަމުން ވީ ކޮން ފައިދާއެއްތޯއެވެ؟ ކަލާގެ އޮޅަލި ހަންގަނޑާއި ކަޅު އިސްތަށިގަނޑާއި ކަޅިރަވައިން ކުރީ ކޮން ފައިދާއެއްތޯއެވެ؟ ރަތް އިސްތަށިގަނޑަކާއި ނޫ ކަޅިރަވަޔަކާއި ދޮން ހަންގަނޑެއް ލިބުނު ނަމަ ކަލާގެ ނުވަދިހަ ނުވަ އިންސައްތަ ދުނިޔޭގައި އުޅުނީހީ މީހުންގެ އިޙްތިރާމް ލިބިގެންނެވެ. އެކަމަކު އަޅުގަނޑުމެން އަޅުގަނޑުމެންގެ މައިންބަފައިންނާ މެދު ފަޚްރުވެރިވަމެވެ. އެމީހުން ދިން ލޯތްބާއި، އަދި އަޅުގަނޑުމެން ދުނިޔެއަށް އައުމަށް ސަބަބަކަށް މެދުވެރިވިކަމުގެ އަގު އަދައެއް ނުކުރެވޭނެއެވެ. އަދި އެހެން ނޫނަސް، އެއީ އަޅުގަނޑު އެއެއްޗަކުުން އުފެދުނު އަޅުގަނޑުގެ އަސްލެވެ. އެޔާ މެދު ފަޚްރުވެރި ނުވެވި އެހެން މީހެއްގެ މަންމަޔާ މެދު ހިތް އެދޭ ނަމަ އެމީހަކަށް އެހެރީ ނުރައްކާތެރި ނަފްސާނީ ބައްޔެއް ޖެހިފައެވެ. އަމިއްލަ ނަފްސާ މެދު އިޙްތިރާމް ނުކުރެވުނީއެވެ. އަމިއްލަ ނަފްސަށް އިޙްތިރާމް ނުކުރާ މީހަކަށް އެހެން މީހަކު އިޙްތިރާމެއް ނުކުރާނެއެވެ. އަމިއްލަ މަސައްކަތުން ކުރި ނުހޯދި ބަޔަކު ކުރިއެއް ނާރާނެއެވެ. ދިވެހި ބަހަކީ އަޅުގަނޑުމެން, ދިވެހިންނީ ދިވެހިންކަން ކަނޑައަޅައި ކަށަވަރުކޮށް ދިނުމުގެ ބަހާތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބައެވެ. އަޅުގަނޑުމެން މަސައްކަތް ކޮށްގެން މި ބަހަށް ޢިލްމު ވައްދަންވީއެވެ. ނުވަތަ ހިހޫތަނުން ކައިލާ އުސޫލުން އެހެން ބަހެއް ދަސްކޮށްލައިގެން އުޅެންވީއެވެ. އަޅުގަނޑުމެން އަމިއްލަ ބަހެއް އޮއްވައި ވެސް، އެހެން ބަޔަކު އެތައް މަސައްކަތަކުން ތަރައްޤީކޮށްފައިވާ ބަހަކާ މެދު ތަޢުރީފުކޮށް ސަނާ ކިޔަކިޔައި، އަޅުގަނޑުމެންގެ އަމިއްލަ ބަހުގެ ނިކަމެތިވާހަކަ ދައްކަމުން، އަމިއްލަ ނަފްސާ މެދު އެހެން މީހުންގެ އިޙްތިރާމް ގެއްލުވައިލެވިދާނެއެވެ. ހުޅަނގު މީހުންގެ ޙަޤީޤީ ތަހްޒީބަކީ އިނގިރޭސި ދަސްކޮށް، ނިކަން ތަޖްވީދުން އިނގިރޭސި ބަހުން އަނގަތެޅުމެއް ނޫނެވެ. އެމީހުންގެ ތެރޭގައި އޮންނަ ފަދައިން ޢިލްމީ ސިކުނޑިއަކުން ވިސްނުމެވެ. ބުރަ މަސައްކަތުގެ އަގުވަޒަންކުރުމެވެ. ހިތްފަސޭހައިގައި ދުނިޔޭގެ ހަތަރު އުދަރެހުގައި އެހެން މީހެއްގެ ވަރަ ޖަހައިގެން އުދުހުމެއް ނޫނެވެ. ހުޅަނގުގެ ފަތުރުވެރީން މީހުންގެ އަމިއްލަ އަތުން ހަދާފައި ހުންނަ އެއްޗެހި އަގުބޮޑުކޮށް ގަންނަނީ ކީއްވެތޯއެވެ؟ ކާރުޚާނާއަކުން މާ ރީތިކޮށް މާ އަގުހެއުކޮށް ހަދާފައި ހުންނަ އެއްޗަކަށް ޝައުޤު ނުހުންނަނީ ކީއްވެތޯއެވެ؟ އެއީ އެމީހުންނާ މެދު އަޅުގަނޑުމެން މި ތުހުމަތުކުރާ ގޮތާ ޚިލާފަށް އެމީހުންނަކީ އެހާ މާއްދީ ބަޔަކަށް ނުވާތީއެވެ. އަތުން ހަދާފައި އޮތް އެތީގެ އަގު، އެ ކުރެވުނު މަސައްކަތަށްޓަކައި އެމީހުން ގާތުގައި މާތްވާތީއެވެ. އަދި އެ އެތި އޭގެ ގޮތުގައި ފަރުދީވާތީއެވެ. ދުނިޔޭގައި އޮންނާނީ އެބާވަތުގެ އޭތި އެކަނިކަމުގައި ވާތީއެވެ. ނުވަތަ ކަލާ މާ ތެދުވެރިކަމާ އެކު ވަޒީފާއެއްގައި މާ ބުރަ މަސައްކަތްކޮށް، ދާ އޮހުރުވައިގެން ލިބުނީ ކޮން ފައިދާއެއްތޯއެވެ؟ ވަތްގަނޑުގައި ހުރި ފައިސާތައް ޖީބަށް ކަހައިލައްވާށެވެ. ނުވަދިހަ ނުވަ އިންސައްތަ ކަލާ އުޅުއްވާނީ ބެވަރުލީ ހިލްސްގެ ވިއްލާއެއްގައެވެ. ވިސްނުން ބަދަލުކުރައްވާށެވެ. ކޮންމެ އެއްޗަކީ ފައިދާއާ މަންފާއެއް ނޫނެވެ. މާއްދާއެއް ނޫނެވެ. އިންސާނާއަކީ ހަމަ އެކަނި މާއްދާއެއް ނޫނެވެ. މާނަވިއްޔަތަކީ އިންސާނާގެ އެންމެ މުހިއްމު އަނެއް ބަޔެވެ. އޭނާގެ ދެމިގެންވާ ބަޔަކީ ވެސް އެއީއެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|