ފަންވަތް ދިވެހި ވާހަކަ ނޫހުގައި ނުލިޔުނަސް....
ބެލި ޢަދަދު: 1698
ނޫހުގައި ނުލިޔުނަސް.... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
25 ޖޫން 2010، 23:20 ހުކުރު

އިބްރާހީމް ނަޢީމު

ނޫސްވެރިކަމަކީ އަހަރެން ދިރިއުޅުމަށް ކުރާ މަސައްކަތެވެ. ނަމަވެސް ހިތަށްއަރާ ހުރިހާއެއްޗެއް ނޫހުގައި ލިޔެވޭކަށް ނޯވެއެވެ.  ތިޔައިގެތެރެއިން ގިނަބޭފުޅުންނެކޭ އެއްގޮތަށް އަހަރެންވެސް އަންހެނުން ގޮވައިގެން މަދުންނަމަވެސް ދުއްވާލަން ދަމެވެ. އެގޮތަށް ދުއްވާލަން ދިޔަރެއަކު ބެންކު ކައިރިންދަމުން ލާރިކޮޅެއްނަގަން މަޑުކޮށްލީމެވެ. އެތާހުރި ދެތިންމިނެޓުތެރޭ ލައްކަގިނަ މަންޒަރުތައް ފެނުނެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ،  ރުފިޔާ ނަގާ މެޝިނުކައިރީގައި ހުންނަ ޑަސްބިން ހުންނަނީ ވަރަށް ފޫހިވެފައިކަމެވެ. ރުޅިވެސް ގަދަވެފައެވެ.

 އެސޮރަކީ އެހެން މީހަކުގެ އެހީއާނުލައި ހުރިތަނުން ހިރުވާވެސް ލެވޭ ސޮރެއް ނޫނެވެ. އަނގައިން ބަހެއް ބުނެވޭ މީހެއްނޫނެވެ. ހާންތިވެގެން ތައްމިނަށް އަނގަ ހުޅުވައިގެން އަބަދު ހުންނައިރުވެސް އެސޮރުގެ ކާނާ ކަމުގައިވާ "ބެލެންސްބަލާ ކަރުދާސްކޮޅު" އެސޮގެ އަނގަޔަށް ވައްޓާލަނީ ވަރަށް މަދުމީހެކެވެ. އަހަރެންގެ އަންހެނުންވެސް ކަންތައްކުރީ ހަމަ އެހެންނެވެ.  އެސޮރު އަނގަ ހުޅުވައިގެން ބަލަބަލައި ހުއްޓާ އެސޮރުގެ ފައިބުޑަށް ކަރުދާސްކޮޅު ވައްޓާލާފައި މާފަރިގޮތަކަށް ހިނގާލާފައި އައިސް ސައިކަލު ފަހަތަށް އެރީއެވެ.

އަހަރެމެން އިންސާނުންނަކީވެސް ވަރަށް ގޮތެއްނެތް ބައެކެވެ. އަހަރެމެން ބޭނުންނެތިގެން އެއްލާލާ އެތިކޮޅުވެސް އެހެން މީހަކު ބޭނުންކުރާނަމަ ވަރަށް ކަންބޮޑުވާނެއެވެ. އެކަން ވިޔަނުދެން ކުރެވެން ހުރިހުރިހާ މަސައްކަތެއްކުރާނެއެވެ. އެ ކަރުދާސްކޮޅު އެސޮރުގެ އަނގަޔަށް ވައްޓާލީމައި އަހަރެމެންނަށް ބައިވަރުތަކެއް މަދުވަނީހެއްޔެވެ. މިވާހަކަ އަންހެނުންނަށް ކިޔައިދިނުމުން މޫނުހަދަލާފައި ބުނެފިއެވެ. "ދެން ކަލޭ ތިވާހަކަ ނޫހުގައި ލިޔަންވީނޫންހެއްޔެވެ." ލިޔަން ވީއެވެ. ލިޔެގެން ވެސް މިކަން އިސްލާހުވާނެނަމަ ހަމަ ލިޔަންވީއެވެ.

މީގެ ދުވަސްކޮޅެއްކުރިން ދިވެހިރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން މުޅިދުނިޔެއަށް އެންގުމަށްޓަކައި ވަރަށް ވަރުގަދަ ހަރަކާތްތަކެއް ހިންގުނެވެ. އޭގެ ހެޔޮނަތީޖާވެސް ދަނީފެންނަމުންނެވެ. އެހަރަކާތުގެ މަތިން ހުރިހާދިވެހިންވެސް އަދި ހަނދާން ހުންނާނެއެވެ. ނަމަވެސް މި ލިޔުން ކިޔާލުމަށްފަހު، މާލޭގެ މީހުން މޫދަށްއެރިއުޅޭ ދިމަދިމާލަށް ބުރެއް ޖަހާލަ ބަލާށެވެ. ފަޅުއޮޑިފަހަރުތައް ކައިރިންވެސް ހިނގާލާށެވެ. ޕާކުތަކާއި މައިޒާންތައް ހުންނަ ސަރަހައްދުތަކަށް ނިކަން ލެފިލަބަލާށެވެ. އެންމެގިނައިން ފެންނާނެ އެއްބާވަތަކީ ޕްލާސްޓިކު ކޮތަޅުތަކެވެ. އެކިކުލަކުލައިގެ ހުސް ދަޅުތަކާ ފުޅިތަކެވެ. އަޑީތެޔޮ ހުސްކުރި ޓައްޕުތަކެވެ.  ބާ ގޯނިތަކާ ޓަޔަރުތަކެވެ. ކުޑަކުދިން ބޭނުންކޮށްފައި ހުންނަ ނެޕީވެސް މަދުނޫން އަދަދަކަށް ފެންނާނެއެވެ. އަހަރުމެން އިންސާނުންނަށް މީއީ ކަމެކޭ ހީނުވިޔަސް އެއްކަލަ ޑަސްބިނަށް މިތަންތަން ފެނިއްޖެނަމަ އެސޮރު ލޮލުން ކަރުނައަޅާނެކަން ޔަގީނެވެ. އެސޮރުގެ އަމިއްލާ ހާލައިގެން ހިރުވާނުލެވޭކަންވެސް އެއީ ނަސީބެކެވެ. މިއިން ޑަސްބިނަކަށް މިތަން ފެނިއްޖެނަމަ ހިތައްއަރާނެއެވެ. އެންމެ ފުރަތަ ތިމާވެށީގެ ނާޒުކުކަން ދެނެގަންނަންވީ މިއުޅޭ ދިވެހިން ނޫންބާވައެވެ. މިރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ދިވެހި ފަރުދުންނަށް އޮޅުން ނުފިލާހާ ހިނދަކު އެހެން ބަޔަކަށް އެކަން އަންގައިދެވިދާނެ ހެއްޔެވެ. 

ހަމަ ޔަގީނުންވެސް މިވާހަކަ ނޫސްތަކުގައި އެތައްފަހަރަކު ލިޔެފިއެވެ. ރޭޑިޔޯ ޓީވީތަކުންވެސް ގޮވައިފިއެވެ. ނަތީޖާ ހަމަ ސުމެކެވެ.

ދެން ކިޔޫނަންބަރު ނަގައިގެން ޚިދުމަތްލިބޭ ތަންތަނަށް ވަދެބަލާށެވެ. ކޮންމެ މީހަކު އަތުގައިވެސް ނަންބަރެއްޖަހާފައިވާ ކުޑަކަރުދާސްކޮޅެއް އޮންނާނެއެވެ. އެއީ އެމީހާގެ ކިޔޫ ނަންބަރެވެ. އަވަސް އަވަހަށް އެޔަށް ބަލަންވެސް ބަލާނެއެވެ. ނަމަވެސް ޚިދުމަތްހޯދާފައި ދަމުން އެކަރުދާސްކޮޅު ލާން އޮންނަތަނަކަށް އެކަކުވެސް ނުލާނެއެވެ. އަނގަ ހުޅުވާފައިހުރި ޑަސްބިނެއްހުއްޓަސް އަނގަ ލައްޕާފައި ހުރި ޑަސްބިނެއް ހުއްޓަސް ވާނީ ހަމަ އެއްވަރެކެވެ. އަދި މަދުމީހަކު ފިޔަވާ ޚިދުމަތް ދޭންހުންނަ ކުދިންގެ އަތަށްވެސް އެކަރުދާސްކޮޅު ދިއްކޮށެއްނުލާނެއެވެ. މިކަން އެންމެ ރަގަޅަށް ފާހަގަވާނީ މަސްނިމިގެން ބިލުދައްކަން ޖެހޭ ތަންތަނަށް ވަދެލީމައެވެ.

ދެން ގޭތެރެ ނިކަން ބަލާލަބަލާށެވެ. ސުޕާރީ ހުސްކުރި ކިތައްކަރުދާސްގަނޑު އެބައޮތް ހެއްޔެވެ. ކިތައް މެޓާ ކަރުދާސް ގަނޑުހެއްޔެވެ. މަގުމައްޗަށް ނުކުމެބަލާށެވެ. އެކިވައްތަރުގެ ކިތައް ހުސްފުޅިއާއި ދަޅު ފެނޭހެއްޔެވެ. ވަޔާ ވިހުރެމުން އުދުހެމުން ގޮސް ބިއްޖެހިފަވާ ކިތައް ކޮތަޅުހެއްޔެވެ. ކިތައް ކިއްލިކަރުދާސްގަނޑުހެއްޔެވެ. ހައްތާވެސް ކުނިބުންޏެވެ. އަސަރުކުރަނީ ތިމާވެއްޓަށެވެ. ގެއްލުންވަނީ އަޅުގަނޑުމެންގެ ދިވެހި ޤައުމަށެވެ. ނުރައްކަލަށް ހުށަހެޅިގެންދަނީ މިފަސްގަނޑެވެ. މޫދާ ފަރުތަކެވެ. ފުން ކަނޑުތަކެވެ. އެތަންތާގައި އުޅޭ އެންމެހާ ދިރުންތަކެވެ. މިކަހަލަ މަންޒަރުތައް ހަމަފެންނަ ކޮންމެފަހަރަކު ހިތަށްއަރައެވެ. މިރާއްޖެއަކުން ޑަސްބިނަކަށް ޖާގައެއް ނެތެވެ. އެންމެ އަވަހަށް ފުރާބޯޓަކުން ހުރިހާ ޑަސްބިންތައް ފުރުވާލަން ވީއެވެ. އަދި މިވާހަކަ ނޫހުގައިވެސް ލިޔަންވީއެވެ. އެއްފަހަރަކު އަޅުގަނޑުގެ އަމިއްލަ ގޭގައި ހުރި މިކަހަލަ ދެތިންކަމެއް ނޫހުގައި ލިޔުނީމެވެ. އެދުވަހު ހަވީރު އޮފީސްނިމޭގަޑިއަށް އަންހެނުން ބަލާގޮސް އެތާހުރެ ހުރެ ހަބަރެއް ނުވުމުން ގުޅާލައިފީމެވެ. އަންހެނުން ބުނީ ކީކޭކަމަށް ތޯއެވެ. "ކަލޭ ތިޔަ ހުރީ އަހަރެންގެ ވާހަކަ ނޫހުގައި ލިޔެގެން ނޫންހެއްޔެވެ. އަހަރެން މިހުރީ ޓެކްސީއެއްގައި ގެއަށް އައިސް ގޭގައެވެ."  ހަމަ ކޮންމެކަމެއް ފެންނައިރަށް ނޫހުގައިޖެހޭކަށްވެސް ނޯންނާނެކަން ތިބޭފުޅުންވެސް ގަބޫލުފުޅު ކުރައްވާނެއެވެ.

ކޮންމެކަމެއް އިސްލާހުކުރަންޖެހެނީ ނޫސްތަކުގައި އެވާހަކަ ލިޔެ އާއްމުވީމައެއް ނޫނެވެ. ނޫސްތަކުގައި ނުލިޔާ އެތައްކަމަކާ މެދުގައިވެސް ނޫސްވެރިންވެސް ހިތްހަމަ ނުޖެހުން ފާޅުކުރާނެއެވެ. އެހުރިހާ ވާހަކައެއް ނޫހަކު ނުލިޔާނެއެވެ. ނަމަވެސް ގޯސްކޮށް ކަމެއްހިނގާނަމަ އެކަމެއްގެ އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ. އަހަރެމެންގެ ޚިދުމަތުގައި މާލޭގެ އެކި ސަރަހައްދުގައި އެހެރަ ޑަސްބިންތައް އެއްވެ އެއްރޫހެއްގައި މުޒާހަރާއަކަށް ނުނިކުންނަނީސް އަހަރެމެންގެ ވާޖިބު އަދާކުރަންވީއެވެ. އެސޮރުމެން އެހުންނަ ތަންތަނުގައި ހަމަ ގުޑާވެސްނުލާ އެހުންނަނީ އެސޮރުމެންގެ ކާނާ އަހަރުމެން ދޭނެކަމުގެ އަހުދު ކަޝަވަރު ހިފައިގެންނެވެ. އަހަރެމެންވެސް ބޭރުފުށުން ނަމަވެސް މިތިބެނީ އެއަށް އެއްބަސްވެގެންނެވެ. އެސޮރުމެން އަހަރެމެންނާ ޒުވާބެއް ނުދިންކަމަކު އަހަރެމެންގެ ވާޖިބު އަހަރެމެން އަދާކުރަންވާނެއެވެ.

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ •ޕަރީ, 2010-06-25 18:28:40
ވަރައް ފުރިހަމަ .. ވަރައް މަޖާ ލިޔުމެއް ... އަދި ވަރަށް ބޮޑު ޙަޤީގަތެއްވެސްމެ...ހިހިހިހި...
...
ލިޔުނީ it's me, 2010-06-26 03:53:59
dhen mifaharu anhenun ehves rulhi eh naadhey tha ?? . . heheh . . .
ekamaku mee hama varah bodu haqeeqatheh . . mi raahje yaku neh thi kankamaa medhu visnaa laa ekakuves. .
...
ލިޔުނީ ނަދީމް, 2010-06-26 17:56:06
މީ އަސްލު ވަރަށް ރަގަޅު ވާހަކަ އެއް. އެކަމަކު ދެރަތަންކޮޅަކީ ނޫސް ވެރިން ވެސް އަދި ރާއްޖޭގެ ވެރިކަމުގަ ތިބި މީހުންވެސް ތިމާވެށީގެ ނާޒުކުކަން ނަގަނީ ހަމަ އެކަނި ރާއްޖެ އިޝްރިހާރު ކުރަން. އަބަދުވެސް މެސެޖް ދޭން ބޭނުންވަނީ ރާއްޖެއިން ބޭރު ފަރާތްތަކަށް. އޭގެކުރިން ދިވެހިންނަށް ދިވެހިންގެ ތިމާވެށީގެ ނާޒުކުކަން ބުނެދިނުން މުހިއްމު.
...
ލިޔުނީ aishath naxdha, 2010-06-27 08:35:47
dhn v v v ragalhu vahaka eh liyefa thi othy huriha noos verin ves thigothan kanthah kuranama

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1698
extra avandia and congestive heart failure