މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ވިގަނި |
|
|
| ދިވެހި - ވާހަކަ | |||
| 01 ޖުލައި 2010، 10:34 ބުރާސްފަތި | |||
|
ބިންމާ އިބްރާހީމް ވަޙީދު ރަށްފުށާއި މާލެ އަކީ، ވަރަށް ތަފާތު މާޙައުލެއް އޮންނަ ދެ ތަނެކެވެ. ވިސްނުމާއި، ކަންތައްތަކާ މެދު ދެކޭގޮތް ވެސް އެހާމެ ތަފާތުވާނެ އެވެ. އަހަރެން ދިރިއުޅުނު ރަށަކީ، މީހުންގެ ވިސްނުން އެންމެ ތަފާތު ރަށެވެ. އެ ރަށުގައި، ދީނުގެ ނަމުގައި، ކޮންމެ ކަމެއްވެސް ކޮށްފާނެ އެވެ. އަދި، ވަރަށް ފަސޭހައިން އެކަން ހުއްދަކުރާކަމުގެ ދަލީލު ވެސް ދައްކާނެ އެވެ. އަހަންނަކީ އެ ރަށުގެ ބޮޑުކަތީބެވެ. ހުރިހާ ބާރެއް އޮންނަންޖެހޭނެ އެކަކީ އަހަންނެވެ. އެއްވެސް ބާރެއް ނޯންނަ މީހަކީ ވެސް އަހަންނެވެ.ވަރަށް ވިއްސާރަ ރެއެކެވެ. އަހަރެން އޮތީ ނިދާފަ އެވެ. ކުއްލިއަކަށް ފޯނު ރިންގުވި އެވެ. ބަލައިލިއިރު އެއީ ބޫތުގެ ނަންބަރެވެ. އެ ދަންވަރު، ވާރޭގެ ތެރޭގައި ހުރެގެން އަހަންނަށް ގުޅަނީ ކާކުބާއޭ ހިތަށްއެރި އެވެ. އެ ވިސްނުމުގައި، ދެ ޚިޔާލެއްގައި އަހަރެން އޮތީމެވެ. "ދެން ނަގާބަލަ! މީހަކަށް ނިދޭވަރެއް ނޫނޭ!" އަނބިމީހާ ރުޅިއައިސްފައި ބުންޏެވެ. "ހަލޯ!" އަހަރެން ބުނީމެވެ. "ހެޔޮނުވާނެ ތުނޑީކޮޅަށް ގޮސް އޭނަ ގަންނަ ގަނޑެއް ބަލާލަބަލަ!" ފިރިހެނަކު ބުންޏެވެ. އަހަންނަށް އިތުރު އެއްޗެއް ނުބުނެވެނީސް ފޯނު ކަނޑާލި އެވެ. ހިތަށްއެރި އެވެ. އެއީ ސަމާސައެއްބާ އެވެ؟ ނަން ނުބުނެ މީހަކު ހަމަ އެހެން ބުނެލާއިރަށް އަހަރެން ދާންޖެހޭނެ ހެއްޔެވެ؟ އަހަރެން އަނެއްކާ ވެސް ބެލީ ނިދޭތޯ އެވެ. ވާރޭ ހައްތަހާ ބޯކޮށްލި އެވެ. ވިދާގުގުރަންފެށި އެވެ. އެ ގަޑީގައި ތުނޑީކޮޅުގައި މީހަކު ހުންނާނެ ހެއްޔެވެ؟ ދެން ހިތަށްއެރި އެވެ. އަޅެ ބޫތަށް ގުޅާލަންވެއްޖެ އެވެ. އޭރުން، ފަހުން މައްސަލައެއް ދިމާވިޔަސް، އެކަން ޔަގީންކުރަން އަހަރެން މަސައްކަތްކުރިކަން، ފޯނުގެ ރިކޯރޑަށް ބަލައިފިއްޔާ އެނގެން އޮންނާނެ އެވެ. އަހަރެން ފޯނު ހިފައިގެން ބޭރަށް ނުކުތީމެވެ. އަނބިމީހާ އަށް އިވޭ ވަރަށް ވާހަކަދައްކައިގެން އޭނަގެ ނިދި ހަލާކު ނުކުރަންވެގެންނެވެ. އަލުން ބޫތަށް ގުޅުމުން ބޫތުން ފޯނު ނެގި އެވެ. ވާހަކައެއް ނުދައްކަ އެވެ. އެކަމަކު، ފާޑެއްގެ އެއްޗެއް ހޭރޭ އަޑު ކަހަލަ އަޑެއް އިވެމުންދިޔަ އެވެ. ކިތަންމެ ފަހަރަކު އަހަރެން "ހަލޯ" ކިއީމެވެ. އެއްވެސް ޖަވާބެއް ނައެވެ. ފޯނު ކެނޑުނީ އެވެ. ހިތަށްއެރި އެވެ. އެއީ ބަޔަކު ކުރާ ސަމާސައެކެވެ. ދެން ހިތަށްއެރި އެވެ. އަހަންނަކީ ރަށުގެ މީހުންގެ ރުހުން އެހާ ބޮޑަށް ލިބޭ މީހެއް ނޫނެވެ. ދީނީގޮތުން ހައްދުފަހަނައަޅައިފައިވާ އުސޫލުތައް އަހަރެން ނުގެންގުޅޭތީ، ގިނަ މީހުން ދެކެނީ، އަހަންނަކީ ދީނުން ބޭރުވެފައިވާ މީހެއްކަމުގަ އެވެ. އެހެންވިއްޔާ، އަހަންނާ ސަމާސަ ކުރާނީ ކާކުބާ އެވެ؟ ކުދިކިޔަމުން، ޓޯޗެއް ހިފައިގެން، ސޯޓެއް ލައިގެން، ކުޑައެއް ނަގައިގެން އަދި ކޯޓު ވެސް ލައިގެން އަހަރެން ނުކުތީމެވެ. ސަމާސައަކަށް ވެއްޖެ ނަމަ ކުޅިދައްކާލާނަމޭ ހިތަށްއެރި އެވެ. އެކަމަކު، އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. އަނެއްކާ ފޯނު ރިންގްވި އެވެ. "އޭނަ އެބަ މިނިމަސް ފިހޭ.." އެ މީހަކު ބުންޏެވެ. އެއީ ކުރިން ވެސް ވާހަކަދެއްކި މީހާ އެވެ. ވިއްސާރަ ބޯކަމުން އަހަރެންގެ ފޯނު ތެމެންފެށި އެވެ. ކުޑައިން ނިވާވާ ތަނެއް ނެތެވެ. "ކާކުހޭ؟" އަހަރެން އެހީމެވެ. ވާހަކަދައްކަމުން ގެންދިޔައިރު ވެސް، ކޮންމެ ވެސް އެއްޗެއް ހޭރޭއަޑު އަހަންނަށް އިވެއެވެ. "ކަލެއަކަށް ނީވޭތަ އަޑެއް؟" އެ މީހަކު ބުންޏެވެ. "ކުރިން ވެސް ކަލެއަށް އަޑު އިއްވީމެއްނު. އަހަރެން ދުށިން އެ ވިގަނި ކަނޑުން އެރިތަން ވެސް. ތި ކަހަލަ މީހުން އުޅޭތީ ވާ ކަންތައްތައް މި ހުންނަނީ. ދެ ނަމާދު ދޭތެރޭގަ ކޭބަލްޓީވީ ބަލާ، ބާރަށް ލަވަޖަހާ، އުފަންދުވަހު ޕާރޓީ ބާއްވާ، ނުކުރަންވާ ހުރިހާ ކަމެއް ކަލޭ ކުރަންޏާ ދެން ވާނީ މިހެން." އަހަރެން ފޯނު ކަނޑާލީމެވެ. އެއީ އަހަރެން އަލަށް އަޑުއަހާ ވާހަކަތަކެއް ނޫނެވެ. ދެން އިތުރަށް އަޑުއަހަން އޮންނާނީ ކޯޗެއް ހެއްޔެވެ؟ އަނެއްކާ ވެސް ފޯނު ރިންގްވާންފެށި އެވެ. އަހަރެން ނުވެސް ބަލަމެވެ. ބައެއް މަގުތަކުގައި، ކަށިމައްޗަށް ފެންހެދިފައިވެއެވެ. އިރުކޮޅެއްފަހުން، އަހަންނަށް ފޯނުކުރާ ބޫތު ފެންނަންފެށި އެވެ. ފުސްކޮށެވެ. އެ ތަނުގެ އެތެރޭގައި މީހަކު އުޅޭހެން ހީވި އެވެ. ކައިރި އަށް ދެވޭ ވަރަކަށް، މަންޒަރު ސާފުވި އެވެ. އަހަންނަށް ދުރުން ފެނުނީ މީހެއް ނޫންކަމާއި، އެއީ ބޫތުގެ އަލި ހުރިގޮތުން ހީވިގޮތެއްކަން އެނގުނެވެ. އަނެއްކާ ފޯނު ރިންގްވި އެވެ. ބަލައިލިއިރު އަރާފައި އޮތީ އެ ބޫތުގެ ނަންބަރެވެ. އެކަމަކު ބޫތުގައި އެކަކު ވެސް ނެތެވެ. އަހަންނަކަށް ގަބޫލެއްނުކުރެވުނެވެ. ފޯނު ނަގާކަށް ނުކެރުނެވެ. އިރުކޮޅަކުން އަހަރެންގެ ފޯނު ސްޕީކަރަށް ލެވުނެވެ. ޔަގީނުން ވެސް އަހަރެންގެ އަތަކުން ނޫނެވެ. ފޯނުން އިވުނީ އެންމެ އަޑެކެވެ. ހޭރޭ އަޑެވެ. އެ އަޑު ކަނޑާލަން އަހަރެން ނުފިއްތާ އެންމެ ފިތެއް ވެސް ނުހުންނާނެ އެވެ. އަޑެއް ނުކެނޑުނެވެ. އަޑު ކެނޑުނީ އަމިއްލައަށެވެ. ގަތްބިރުން އަހަރެން ގެ އަށް ދުއްވައިގަންނަންވެގެން އެނބުރިލީމެވެ. އެއްވެސް މަގެއް ފެންނާކަށް ނެތެވެ. ވަށައިގެން އޮތީ ވަލެވެ. އެ ދިމާލު ވަލުތެރޭގައި ކުޑަ ގެއެއް ހުރެ އެވެ. އަހަންނަށް ހުރެވުނީ އެ ގެއާ ވަރަށް ކައިރީގަ އެވެ. އެހެންކަމުން ގޭތެރެއަށް ވަނީމެވެ. ފޯނު ނެގީމެވެ. ބިރުން ގޮސް ނަންބަރުތަކަށް ނުވެސް ފިއްތެ އެވެ. އަހަރެން ގުޅީ ކުޑަ ކަތީބަށެވެ. އޭނަ ފޯނެއް ނުނެގި އެވެ. ދެން އަހަރެން ގުޅީ އޮފީހުގެ ސެކެއްޓަރީ ފައުޒީއަށެވެ. އޭނަ އަކީ ޒުވާން ކުއްޖެކެވެ. އޭނަ ހޭލާ އިންނާނެކަން އަހަންނަށް އެނގެ އެވެ. "ހަލޯ! ކަތީބު؟" އޭނަ ބުންޏެވެ. "އަހަރެން ބަލާ ނިކަން އަވަހަށް އައިސްބަލަ!" އަހަރެން ބުނީމެވެ. "މިހާރު؟ ކޮންތާކު ތިހުރީ؟" ފައުޒީ އެހި އެވެ. "އެންމެފަހުން ވިގަނި ވެސް އެރީ!" މީހަކު ބުނި އަޑު އަހަންނަށް އިވުނެވެ. އަހަރެން ބަލައިލިއިރު، އެ ގޭތެރޭގައި، އަލިފާންގަނޑެއްޖަހައިގެން ހާދީ އިށީނދެގެން އިނެވެ. ހާދީ އަކީ، ކުޑަކޮށް ބޯ ހަމަނުޖެހޭ މީހެކެވެ. އުމުރުން ފަސްދޮޅަސް އަހަރު ވެދާނެ އެވެ. އޭނަ ފެނުމުން ލިބުނު ހައިރާންކަމަށް ވުރެ ބޮޑު ހައިރާންކަމެއް އަހަންނަށް ލިބުނީ، އޭނަ އަންދަމުންދާ އެތި ފެނުމުންނެވެ. އެއީ އިންސާނެއްގެ ހަށިގަނޑެވެ. އަހަރެންގެ ގައިން ހީބިހިނަގައިގެންދިޔަ އެވެ. "ކަލޭ ކީއްތިކުރަނީ؟" އަހަރެން އެހީމެވެ. އޭނަ އިސްއުފުލާލި އެވެ. އަދި، ބިރުގެންފައިވާ ބޮޑު ދެ ލޮލުން އަހަންނަށް ބަލައިލި އެވެ. "ވިގަނި އެރީ! ދެން ކޮންމެ ރެއަކު މި ރަށުން މީހަކު މަރުވާނެ!" އޭނަ ލަސްލަހުން ބުންޏެވެ. އަނދަމުންދާ ހަށިގަނޑާ ތަންކޮޅެއް ދުރުގައި، ހެދުމެއްގެ ތަންކޮޅެއް އޮތެވެ. އެހެންކަމުން، އެއީ އަންހެނެއްހެން އަހަންނަށް ހީވި އެވެ. "ވިގަންޏޭ؟" އަހަރެން ބުނީމެވެ. އަހަރެން ބޭނުންވެފައިހުރީ އެ ތަނުން ރައްކާވާށެވެ. އެކަމަކު، ދުއްވައިގަންނާނެ ދިމާލެއް އަހަންނަކަށް ނޭނގުނެވެ. "ކަލޭ ވެސް ގަބޫލެއްނުކުރަން؟ ތިހެން އުޅެންޏާ ވިގަނި އައިސް ކަލޭ ވެސް އަންދާލާނެ. ގަބޫލުނުކުރާ ހުރިހާ އެންމެން އަންދާ އަޅި އަށް ހަދާނަމޭ ވިގަނި ބުނީ.." ހާދީ އެ ތަނުގައި އޮތް ގޮފިކޮޅެއް އަލިފާންގަނޑަށް އެއްލި އެވެ. އޭނަ ދެއްކި އެއްވެސް ވާހަކައެއް އަހަރެން ގަބޫލެއްނުކުރަމެވެ. ކޮން ވިގަންޏެއް ހެއްޔެވެ؟ އެއީ އުޅޭ އެއްޗެއް ނޫނެވެ. "ކަލޭ ވެސް އަންދާލާނޭ؟" އަހަރެން އެހީމެވެ. "ކޮން ވެސް އެއް؟" "އާނ! އަހަރެންގެ އަންހެނުން ވެސް އެ ވާހަކަ ގަބޫލުނުކުރީ.. އެހެންވެ ވިގަނި އައިސް އޭނަ އަންދާލީ." ހާދީ ބުންޏެވެ. "ކަލޭ ތިހިރީ ރަނގަޅަށް މޮޔަވެފަ. އެކަމަކު އަހަރެން މޮޔައެއް ނުހެއްދޭނެ. ވިގަންޏަކީ އުޅޭ އެއްޗެއް ނޫން!" އަހަރެން ބުނީމެވެ. އަހަރެން އުޅުނީ ފޯނު ނަގާފައި، ކޮންމެވެސް މީހަކާ ގުޅޭތޯ ބަލާށެވެ. ކަންދިމާކުރި ގޮތުން، ފައުޒީ އޭރު ވެސް ފޯނެއް ނުބާއްވަ އެވެ. "ކާކާ ތި ވާހަކަދައްކަނީ؟" ފައުޒީ އެހި އެވެ. "މި އުޅޭ މޮޔަ ހާދީއާ.. މީނަ މި އުޅެނީ ކޮންމެވެސް ގަނޑެއްގަނެގެން.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ. "ހާދީއޭ؟ އޭނަ މިހިރީ މި ތަނުގަ. އަހަރުމެން މި ތިބީ ފިލްމެއްބަލަން..." އެ ހިސާބުން ދެން ފައުޒީ ބުނީ ކީކޭކަމެއް ނޭނގެ އެވެ. ހާދީ ފާޑަކަށް އަހަންނަށް ބަލައިލި އެވެ. އޭނަގެ ދެ ލޯ ހީވަނީ ރަތް އަނގުރުކޮޅެއް ހެންނެވެ. ތެދެކެވެ. އެއީ ހާދީއެއް ނޫނެވެ. އަހަރެން އަޑުގެކޮޅަށް ތަކުބީރުގޮވަން ފެށީމެވެ. ވިގަނި ހުރި ގޮތަށް ދިގުވާންފެށި އެވެ. ދިގުވަމުން ގޮސް، އެ ފަން ފުރާޅު ފޫދުއްވާލާފައި ބޭރަށް ބޯ ނެރުނެވެ. އެ ވަގުތު ވިގަނީގެ ކަރުތެރެއިން އަޑެއް ނެރެލި އެވެ. އެއީ، ފޯނުން އަހަންނަށް އިވުނު، ހޭރޭ އަޑެވެ. އަހަރެން ދުއްވައިގަތީމެވެ. ގަސްތަކާ ދިމާލަށެވެ. ކަންދިމާކުރި ގޮތުން އަހަންނަށް ވަދެވުނީ ހައްތަހާ ގަސްތަކުގެ އެތެރެއަށެވެ. ޖީބުގައި އޮތް ޓޯޗު ނަގައި އަލިކޮށްލީމެވެ. އެއް ފަހަރު ދިއްލުނެވެ. އެ ހިސާބުން ޓޯޗުގެ ދުވަސް ދިޔައީ އެވެ. ހުއްޓާނުލައި ތަކުބީރު ގޮވަމުން އަހަރެން ދުވީމެވެ. އެ ގޭތެރެއިން ދިގުވި ވިގަނި ފޭބީ ތުނޑިއަށެވެ. އަދި ހަރުފައެއްހެން ބަނޑިބަނޑި ލައްވާލާފައި މޫދާ ދިމާލަށް ދުއްވައިގަތެވެ. އަހަންނަށް ނުކުމެވުނީ އެ ދިމާލަށެވެ. ބިރުން ގޮސް ތުރުތުރުއެޅި ނަމަވެސް، ގަނޑުވެފައި އަހަރެން ހުރީމެވެ. ވިގަނި ކަނޑަށް ފޭބި ވަގުތު ހީވީ ދޮން ދަގަނޑެއް ފެންއެއްޗަކަށްލިހެންނެވެ. ވިދާލިވިދުވަރާއެކުގައި، ކަނޑުން ދުންއެރިތަނާއި، ލޮނުގަނޑު ކައްކާލިތަން އަހަރެންގެ ދެ ލޮލުން ދުށީމެވެ. އަޑި އަށް ގެނބިގެންދިޔައިރު ވެސް، ވިގަނީގެ މޫނު އޮތީ އިންސާނެއްގެ ސިފައިގަ އެވެ. އަހަރެން ހެއެއްނުނެތެ އެވެ. މޮޔައެއް ވެސް ނުވެއެވެ. ހުރިހާ އެއްޗެއް އަހަރެންގެ ލޮލަށް ފެނުނެވެ. ދުވާލުވުމުން ފުލުހުން އެ ތަނަށް އައެވެ. އެ ގޭތެރޭގައި އޮތީ، އެއްބައި އަނދާފައިވާ އަންހެނެއްގެ ހަށިގަނޑެކެވެ. މެންދުރުވީ އިރު ވެސް، އެއީ ކާކުގެ ހަށިގަނޑެއްކަމެއް ނޭނގެ އެވެ. ރަށުން އެކަކު ވެސް މަދެއް ނޫނެވެ. ފުލުހުން އަހަންނާ ވަރަށް ގިނަ ސުވާލުކުރި އެވެ. އަހަންނަށް ފެނުނު މަންޒަރު އެކަކަށް ވެސް ކިޔައެއްނުދެމެވެ. ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ހަގީގަތަކީ، ކޮންމެވެސް މީހަކު ނުވަތަ ބަޔަކު އަންހެނަކު އަންދާލި ކަމެވެ. ސަބަބު އެނގޭނީ ތަޙުޤީޤު ނިމުމުންނެވެ. ކަން ހިނގި ގޮތް އަހަންނަށް އެނގެ އެވެ. އެ ކަން ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ލޮލަށް ނުފެނުނަސް ގަބޫލުކުރެވޭނީ ބައެއް ކަންތަކެވެ. އަނެއްބައި ކަންތައް އެއީ ކުށްހީ އެވެ. ނުވަތަ ވަހުމެވެ. ފެންނަ މީހާ އަށް ނޫނީ ގަބޫލު ނުކުރެވޭ ބުހުތާނެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (16)
![]()
...
ލިޔުނީ zaheena, 2010-07-01 06:18:25
varah reethi vaahaka eh.thankolheh dhigu kolli nama. keep it .............................
...
ލިޔުނީ muyn, 2010-07-04 15:01:05
nimun ehaa kamaku nudhey......dhigu kohlinama reethi vees........
...
ލިޔުނީ luna, 2010-07-06 13:28:36
varah interesting but nimmun ehaa rangalhennun. continue colla nama.
...
ލިޔުނީ ޝ, 2010-07-09 14:18:22
ވަރަށް ރީތި. ފެށުނީއްސުރެން ނިމެންދެން ވެސް ޝައުޤުވެރިކަމެއް ނުގެއްލޭ. ވާހަކަ ކުރިއަށް ގެންގޮސްފައި ވަނީ ކިޔުންތެރިޔާ ދެން ވާނެ ކަމަށް ހީކުރާ ގޮތް ނޫން އެހެން ގޮތެއް ހަދަމުން. ނިމުން ވެސް އެހެން. އަޅުގަނޑަށް ވަރަށް ރީތި.
...
ލިޔުނީ mohamed maaniu, 2010-07-10 08:26:04
it is kind of intresting but nimun hama ahves gothakah kamakunudhey
...
ލިޔުނީ adamx, 2010-07-26 07:31:42
nt bad ingey..ekam vaahaka adhi ninimey kanneynge dhn oi bai liyun nama v reethi vaane
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|