މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މާތް ﷲ ގެ ޙަޟުރަތަށް |
|
|
| ދިވެހި - ވާހަކަ | |||
| 03 ޖުލައި 2010، 02:29 ހޮނިހިރު | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން މުޅި ވާދީގައި ހުރީ، ހަމައެކަނި އެ ގެ އެވެ. އެ ގެ ހުރީ، ތަންކޮޅެއް އުސް ބިންގަނޑެއްގެ މަތީގަ އެވެ. އެ ތާނގައި ތިބޭއިރު، ކައިރީގައިވާ ކޯރާއި ދަނޑުތައް ފެނެ އެވެ. އެ ދަނޑުތަކަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވަނީ، ވާރޭ ވެހުމެވެ.ހެނދުނު އިރު އެރީއްސުރެ، އިރު އުތުރު ފަރާތުގެ އުދަރެހަށް، ލިންޝޫ ބަލަމުން ގެންދިޔައެވެ. އޭނާގެ ދަނޑުތަކުގެ ދިރުމަށް ބޭނުންވާ ކާނާ ލިބިދާނެ ކަމުގެ އުންމީދުގައެވެ. އޭނާއަކީ ތަޖުރިބާކާރު ދަނޑުވެރިއެކެވެ. "އިރުކޮޅަކުން ވާރޭ ވެހޭނެ." ލިންޝޫ އޭނާގެ އަންހެނުންނާ މުޚާޠަބުކޮށް ބުނެލި އެވެ. "ވާރޭ ވެހިއްޖެއްޔާ، އެއީ މާތްﷲގެ ދީލަތި ދެއްވުމެއް." މެންދުރު ކެއުން ތައްޔާރުކުރަމުން ގެންދިޔަ، އޭނާގެ އަންހެނުން، އޭނާއާ ބައިވެރިވެލުމުގެ ގޮތުން ބުނެލި އެވެ. އޭރު، ކައިރީގައި އޮތް ދަނޑުގައި، ބޮޑެތި މީހުންނާއި ބޮޑެތި ކުދިން މަސައްކަތް ކުރަމުން ގެންދަނީ އެވެ. ކުޑަކުދިން ތިބީ، ގޭ ކުރިމަތީގައި ހެދިފައިވާ ގަސްތަކުގެ ދަށުގައި، އެ ކުދިން ކުޅެމުން ގެންދިޔަ ކުޅިވަރުތަކުގެ ތެރެއަށް ގެއްލިފަ އެވެ. "އެންމެން އާދޭ! ކެއުން ތައްޔާރުވެއްޖެ." މާގިނަ އިރުތަކެއް ނުވަނީސް، ލިންޝޫގެ އަންހެނުން ގޮވާލި އެވެ. އެންމެން ކާން ތިއްބާ، ލިންޝޫ ލަފާކުރި ފަދައިން، ވާރޭ ވެހެން ފަށައިފިއެވެ. ފުރަތަމަ ވެސް، ވެހެން ފެށީ ބޮޑުތިކި ވާރެ އެވެ. އޭރު، އިރު އުތުރު ފަރާތުގެ އުދަރެހުގައި، ފަރުބަދަތަކެއް ފަދަ ބިޔަ ވާރޭ ވިލާގަނޑުތައް ރޫޅެމުން ދިޔަ އެވެ. އެއާއެކު، ހިތްފަސޭހަ ވައިރޯޅިތަކެއް ވެސް ޖެހެމުން ދިޔަ އެވެ. ދަނޑުގައި އޮތް ކޮންމެވެސް އެއްޗެއް ބަލާ، ލިންޝޫ ދިޔައެވެ. ފަހަރެއްގައިވެސް، އޭގެ މާބޮޑު މުހުތާދެއް އޮވެގެނެއް ނޫނެވެ. އެކަމަކު، އޭނާގެ ހަށިގަނޑުގައި ވާރޭ ތިކިތައް ޖެހުމުގެ އުފާ ޙާޞިލުކުރުމަށް އެދޭތީ އެވެ. ދަނޑުން އެނބުރި އައިސް، ގޭގައި ތިބި މީހުންނަށް ގޮވާލާފައި ލިންޝޫ ބުންޏެވެ. "މިވެހެނީ، ވާރޭ ތިކިތަކެއް ނޫން. މިވެހެނީ، އާ ވައްތަރެއްގެ ފައިސާ ފޮތިތަކެއް!" ވެހެމުންދިޔަ ވާރޭގެ ބޮޑެތި ތިކިތައް ދިހަ ލާރި ވަރު ވެއެވެ. ކުދި ތިކިތައް ފަސްލާރި ވަރު ވެ އެވެ. އެ "ލާރިތަކުގެ" ތެރެއިން ލާފައި ލިންޝޫގެ ނަޒަރު ދަނޑުގެ ތެރެއަށް ދަތުރުކުރި އެވެ. އޭނާގެ ހިތަށް ފިނިކަން ލިއްބައިދެމުން، ދަނޑުގެ އެތަން މިތަނުގައި އެ ނަޒަރު ބީހެމުން ދިޔަ އެވެ. އުފާވެރިކަމުގެ މަސްތެއްގެ ތެރޭގައި ހުއްޓާ، އޭނާ ސިއްސައިގެން ދިޔައީ، ކުއްލިއަކަށް ވައި ގަދަވުމުންނެވެ. އެ ވަޔާއެކު، ގަނޑުފެން ފައިބަން ފެށި އެވެ. ގަނޑުފެނުގެ ކުދިކުދި އެތިކޮޅުތައް ހީވަނީ، އިތާގެ މުތްތަކެއް ހެންނެވެ. އެހެންކަމުން، އެ "މުތްތައް" ހޮވަންވެގެން ކުޑަކުދިން އަސްކަނީގެ ދަށަށް ނުކުތެވެ. ލިންޝޫގެ އުންމީދުތައް މުޅިން ބީވެގެން ދާނެ ކަމުގެ ނިޝާންތައް އިސާހިތަކު އޭނާއަށް ފެންނަން ފަށައިފި އެވެ. މި އައި ޠޫފާނަށް އަވަސް ނިމުމެއް އައުމަށް އެދެމުން އޭނާގެ ހިތުގައިވާ ޝުޢޫރުތައް ބޭރުކުރަމުން ދިޔަ އެވެ. "މިހާރު މިވަނީ، މުޅިން ކަންތައް ގޯސްވެފައި. ... މި ޠޫފާން ނިމޭނީ ކޮންއިރަކުންބާ؟ ..." ހުއްޓުމެއް ނެތި ގަނޑުފެނާއި ވާރޭ ވެހެމުން ދިޔަ އެވެ. ގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރު، ގޭގެ ފުރާޅާއި ދަނޑާއި އަދި ކައިރީގައިވާ ފަރުބަދަތައް ވަނީ، ގަނޑުފެނުން ފޮރުވިފަ އެވެ. ދަނޑުގައިވާ ގަހަކުން އެއްވެސް ފަތެއް ނުފެނެ އެވެ. ގަނޑުފެނުގެ ދަށުގައިވެ، މުޅި ދަނޑު އެކީގައި އެވަނީ މުޅިން ނިވާވެފަ އެވެ. ޠޫފާނުގެ ކޮޅިގަނޑު މައިތިރިވުމުން، ޢާއިލާގެ ބައެއް މީހުންނާއެކު، ލިންޝޫ ދަނޑަށް ދިޔައެވެ. ދަނޑު ތެރެއަށް ނަޒަރު ހިންގާލުމަށްފަހު، އޭނާއަށް ބުނެވުނެވެ. "ގޮއްފުޅަނގީގެ ޠޫފާނެއް އަޔަސް މިއަށްވުރެ ގެއްލުން ކުޑަވާނެ، ... ... މިއަހަރަކު ދެން މި ދަނޑަކުން އެއްވެސް އެއްޗެއް ނުލިބޭނެ. ..." ރޭގަނޑުގެ އަނދިރިކަން ވެރިވިއިރު، އެންމެންގެ މޫނުމަތިން ފެންނަނީ، ހިތާމައިގެ ކުލަވަރެވެ. ޠޫފާނުގައި ހަލާކުވަމުން ދިޔަ ތަކެތީގެ ތެރެއިން އެއްޗެއް ސަލާމަތްކުރެވޭތޯ ކުރި މަސައްކަތުގައި އެންމެން ވަނީ ވަރުބަލިވެފަ އެވެ. ރޭގަނޑުގެ ނިދާވަގުތު އައިސް ޖެހުނުއިރު، ކޮންމެ މީހަކު ވެސް، އެމީހެއްގެ ޝުޢޫރު ފާޅުކަމުން ގެންދިޔަ އެވެ. "މަސައްކަތްކޮށްކޮށް ވަރުބަލިވެއްޖެ." "އަހަރެމެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނީ ކާކު؟" "ކުރިޔަށް އޮތް އަހަރެއްހާ ދުވަހު އުޅެން ޖެހޭނީ، ބަނޑުހައިހޫނު ކަމުގައި." މިފަދަ ޝުޢޫރުތައް ފާޅުކުރެވެމުން ދިޔައިރު، އެންމެން އިންތިޒާރުކުރި ކަމެއް އޮތެވެ. އެއީ، މާތްﷲގެ ރަޙުމަތްފުޅެވެ. އެކަލާނގެ ތަނަވަސް ރަޙުމަތްފުޅާމެދު، އެކަކުވެސް އުންމީދު ކަނޑައެއް ނުލަ އެވެ. "ކަންބޮޑު ނުވޭ! މި ލިބުނީ، ވަރަށް ބޮޑު ގެއްލުމެއް ކަމުގައި ހީވިޔަސް، ނާއުންމީދުވާނެ ކަމެއް ނެތް." "ބަނޑުހައިހޫނުކަމުގައި ޖެހިގެން މީހަކު މަރެއް ނުވާނެ! ... ބަނޑުހައިހޫނުކަމުގައި ޖެހިގެން މީހަކު މަރެއް ނުވާނެ... މިއީ މީހުން ބުނެއުޅޭ ހަރުބަހެއް." ވިސްނުމާއި ފިކުރުކުރުމުގެ މާކަނޑެއްގައި، ލިންޝޫ ރޭގަނޑުގެ ހަތަރުދަން ހޭދަކުރަމުން ގެންދިޔަ އެވެ. އޭނާގެ ހުރިހައި އުންމީދެއް ގުޅިފައިވަނީ، މާތްﷲގެ މަތިވެރި ޙަޟުރަތާ އެވެ. އެކަލާނގެ ތަނަވަސް ރަޙުމަތްފުޅާއެވެ. އޭނާގެ ޢާއިލާއަށް މިޖެހުނު މުޞީބާތް، އެކަލާނގެ ބައްލަވައިވޮޑިގެންނެވުމުގެ ދާއިރާއިން ބޭރުގައި ނުވާނެ ކަމަށް، ޔަޤީންކަމާއެކު އޭނާގެ ހިތް ބުނެ އެވެ. ލިންޝޫއަކީ، އިންސާނެއްގެ ސިފައިގައިވާ ގެރިއެކޭ ބުނެވިދާނެއެވެ. އަދި ޖަނަވާރެއް ފަދައިން އޭނާ ދަނޑުގައި މަސައްކަތްކުރެ އެވެ. ނަމަވެސް، ކޮންމެވެސް ވަރަކަށް އޭނާއަށް ލިޔަންކިޔަން އެނގެ އެވެ. މިކަމުގެ މައްޗަށް ފަޚުރުވެރިވާން އޮއްވައި، ހެނދުނުގެ އަލިކަން ދުނިޔެއަށް ފާއްދާލުމާއެކު، އަވަހަށް ތެދުވި އެވެ. ދެން ރޭގަނޑުގެ އަނދިރީގައި އޭނާއަށް ކުރެވިފައިވާ ތަޞައްވުރުތަކުގައި ކުލަޖައްސަން ހިންމަތްކުރިއެވެ. ގަނޑަކާއި ގަލަމެއް ނަގައިގެން، ސިޓީއެއް ލިޔަން ފެށި އެވެ. "ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އިނބަރަސްކަލާނގެ މި އަޅާއަށް އެހީތެރިވެ ވޮޑިނުގެންފިނަމަ، މި އަޅާއާއި މި އަޅާގެ ޢާއިލާ މި އަހަރު ބަނޑަށް ޖެހޭނެ އެވެ. މި އަޅާ ވަނީ، ސަތޭކަ ރުފިޔާއަށް ބޭނުންވެފަ އެވެ. އެއީ ދަނޑުގައި އަލުން ގޮވާން ކުރުމަށާއި، ގޮވާމުގެ އޮށްޓަރު ލިބެންދެން ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި، ބޭނުންވާ ފައިސާކޮޅެވެ. މި އަޅާގެ ދަނޑާއި ދަނޑުގައިވާ ގޮވާން ވަނީ، ގަނޑުފެނުގެ ޠޫފާނެއްގައި މުޅިން ހަލާކުވެފަ އެވެ." މިމޭރުމުން ސިޓީ ލިޔެ ނިންމާލުމަށްފަހު، ފަށްޖަހާފައި، ސިޓީއުރައަކަށް ލައި ބަންދުކުރިއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "މާތްﷲގެ ޙަޟުރަތަށް" މިހެން ޖެހުމަށްފަހު، ސިޓީ ހިފައިގެން ޕޯސްޓްއޮފީހަށް ދިޔަ އެވެ. ދެން ސްޓޭމްޕެއް ގަނެގެން، ސިޓީއުރައިގެ ބޭރުގައި އެ ތަތްކުރުމަށްފަހު، ޕޯސްޓް ފޮށްޓަށް ސިޓީ ވައްޓާލި އެވެ. މަންޒަރު ބަލަން ހުރި، ޕޯސްޓް އޮފީހުގެ މުއައްޒަފަކު، ހެނމުން ހެނމުން ގޮސް، މި ވާހަކަ ޕޯސްޓް އޮފީހުގެ ވެރިޔާއަށް ނަންގަތެވެ. ޕޯސްޓްމޭނެއްގެ ގޮތުގައި އޭނާ ހޭދަކޮށްފައިވާ ދިގު މުއްދަތުގެ ތެރޭގައި، ދުވަހަކު ވެސް މީހަކު، މާތްﷲގެ ޙަޟުރަތަށް ސިޓީއެއް ޕޯސްޓްކުރިކަން އޭނާއަށް އެނގިފައެއް ނެތެވެ. އެހެންވެ، މިކަންވީ އޭނާއަށް ވަރަށް ހެއްވާ ކަމަކަށެވެ. ޕޯސްޓް އޮފީހުގެ ވެރިޔާއަށް ވެސް ވީ، މިކަން ހަމަ އެހާމެ ހެއްވާ ކަމަކަށެވެ. ދެން ނުހަނު ޝައުޤުވެރިކަމާއެކު، އެ ހެއްވާ ސިޓީ ބައްލަވާލެއްވުމަށް، ޕޯސްޓް އޮފީހުގެ ވެރިޔާ އަވަސްވެލެއްވި އެވެ. ނަމަވެސް، އެ ސިޓީ އަށް ބައްލަވާލެއްވުމުން، އޭނާއަށް ވަރަށް ބޮޑު ބަދަލެއް އަޔެވެ. އޭނާ އަށް، ބުނެލެއްވުނެވެ. "މިއީ ކޮންފަދަ އީމާންތެރިކަން ވަރުގަދަ މީހެއް ހެއްޔެވެ؟ މި މީހާގެ އީމާންތެރިކަން، ތިމަންގެ ކިބައިގައި ވެސް ވާނެނަމަ އެވެ. މި މީހާ، މާތްﷲގެ ޙަޟުރަތަށް މިކުރާ އިތުބާރު، ތިމަންނައަށް ވެސް ކުރެވޭނެ ނަމަ އެވެ." ސިޓީ ލިއުނު މީހާގެ އީމާންތެރިކަމަށް ގުޑުމެއް ނޭރުއްވުމަށްޓަކައި، ސިޓީއަށް ޖަވާބެއް ދެއްވާނަމޭ، ޕޯސްޓް އޮފީހުގެ ވެރިޔާގެ ހިތަށް އެރި އެވެ. ނަމަވެސް، ލިންޝޫގެ ސިޓީ، ރަނގަޅަށް ކިއުއްވާލެއްވިއިރު، އެއަށް ޖަވާބު ދެއްވުމަކީ، އެހާ ފަސޭހަކަމެއް ނޫންކަން، އޭނާއަށް އެނގިލެއްވި އެވެ. އެ ސިޓީއަށް ޖަވާބު ދިނުމަށްޓަކައި، ތެދު ނިޔަތާއި ކަރުދާހާއި ދެލީގެ އިތުރުން، ފައިސާ އެބަ ބޭނުންވެ އެވެ. އެހެންކަމުން، ޚައިރާތުގެ ގޮތުގައި ފައިސާ ޖަމާކުރުމަށް، އޭނާގެ މުއައްޒަފުންގެ ގާތުން އެދިލެއްވި އެވެ. އަދި އޭނާގެ އެ މަހުގެ މުސާރައިން ބޮޑުބަޔެއް، އެ ޚައިރާތަށް ދެއްވި އެވެ. އޭގެ އިތުރުން، އޭނާގެ ރަޙުމަތްތެރިންގެ އަތުން ވެސް އެކަމަށް ފައިސާ ހޯއްދެވި އެވެ. އެ ދުވަސްވަރު، މީހުންނަށް ލިބޭ މިންވަރާއި ތަނަވަސްކަން ހުރި ގޮތުން، ސަތޭކަ ރުފިޔާ ޖަމާކުރުމަކީ، ފަސޭހަ ކަމެއްކަމުގައި ނުވި އެވެ. ވަރަށް މަސައްކަތުން ޖަމާކުރެވުނު ފައިސާކޮޅު، ފަންސާހުން މައްޗަށް އެރީމާ، އެ ފައިސާކޮޅު އަވަހަށް ދަނޑުވެރިޔާއަށް ފޮނުއްވުމަށް، ޕޯސްޓް އޮފީހުގެ ވެރިޔާ ޤަޞްދުކުރެއްވި އެވެ. ސިޓީއުރައެއްގެ ބޭރުގައި، "ލިންޝޫ އަށް" މިހެން ޖެއްސެވުމަށްފަހު، ފައިސާކޮޅު އޭގެ ތެރެއަށް ލައްވައި ބަންދުކުރެއްވި އެވެ. ސޮޔެއްގެ ގޮތުގައި ލިޔެވިފައިވާ އެންމެ ލަފުޒެއްގެ މައްޗަށް އެކުލެވޭ ސިޓީއަކާ އެކުގައެވެ. އެ ލަފުޒަކީ، ﷲ އެވެ. އެ ނޫން އެހެން އެއްވެސް އެއްޗެއް ސިޓީގައި ނުލިއުއްވަ އެވެ. ޖެހިގެން އައި ދުވަހު، ހެނދުނު ހެނދުނާ ޕޯސްޓްއޮފީހަށް ގޮަސް، ލިންޝޫ، އޭނާއަށް އައިސްފައިވާ ސިޓީއެއް އޮތްތޯ ސުއާލުކުރި އެވެ. އެކި މީސްމީހުނަށް އައިސްފައިވާ ސިޓީތައް ހާވާލުމަށްފަހު، އޭގެތެރެއިން ލިންޝޫ އަށް އޮތް ސިޓީއެއް، މުއައްޒަފަކު އޭނާގެ އަތަށް ދިއްކޮށްލި އެވެ. މަންޒަރު ބައްލަވަން، ތަންކޮޅެއް ދުރުގައި، ޕޯސްޓް އޮފީހުގެ ވެރިޔާ ހުންނެވި އެވެ. ލިންޝޫ، ސިޓީއުރަ ކަނޑާލިއިރު، ދެ ރުފިޔާއާއި ފަސް ރުފިޔާގެ ރުފިޔާ ބޮނޑިއެއް އޭގެތެރޭގައި އޮތެވެ. އެވަރުގެ ރުފިޔާ ބޮނޑިއެއް ފެނުމަކީ، އެ ދުވަސްވަރު އާދަޔާ ޚިލާފު ކަމެއް ކަމުގައި ވިޔަސް، ލިންޝޫގެ ކިބައިން ކުޑަވެސް ޙައިރާންކަމުގެ ޢަލާމާތެއް ފާޅުނުވި އެވެ. ނުވަތަ އުފާވެރިކަމުގެ ނިޝާނެއް ވެސް ނުފެނެ އެވެ. ލިންޝޫ، ލަސްނުކޮށް ފައިސާކޮޅު ގުނާލި އެވެ. އޭނާގެ ޢަމަލުތައް ހުރިގޮތުން، ޙައިރާންވެލެއްވީ ޕޯސްޓް އޮފީހުގެ ވެރިޔާ އެވެ. "މާތް ﷲ އީ ކުށްކުރައްވާނެ ފަރާތެއް ނޫން. ... ލިންޝޫގެ ބޭނުން ފުއްދަވާ ދެއްވުމުގައި، އެކަލާނގެ ފަސްޖެހިވޮޑިގެނެއް ނުވާނެ. ..." މިހެން ކިޔަމުން، ޕޯސްޓް އޮފީހުގެ ކައުންޓަރު ކައިރިއަށް ގޮސް، ގަނޑަކާއި ގަލަމެއް ހޯދި އެވެ. ދެން އެ ހިފައިގެން ގޮސް، ޕޯސްޓް އޮފީހުގެ ބޮޑު މޭޒުދޮށުގައި އިށީނދެ އިނދެ، ސިޓީއެއް ލިޔަން ފެށި އެވެ. އޭނާގެ ހިތުގައި އެނބުރެމުން ދިޔަ، ޝުޢޫރުތައް ތަޢުބީރުކުރުމަށްޓަކައި، ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރި އެވެ. އެކަމުގެ ސަބަބުން، އޭނާގެ ނިތްކުރިއަށް އެރި ރޫތަކުގެ ޢަދަދު ބުނެދޭކަށް ނޭނގެ އެވެ. ވިސްނާ ފިކުރުކުރެވުނު ވަރުގެ ބޮޑުކަމުން، ދެ ބުމަ ވަނީ ގެތިގެންގޮސް އެކަތިވެފަ އެވެ. ސިޓީ ލިއުމަށްފަހު، ސްޓޭމްޕެއް ގަނެގެން، ސިޓީއުރައިގެ ބޭރުގައި ތަތްކުރުމަށްފަހު، އެ ސިޓީ ޕޯސްޓް ފޮށްޓަށް ވައްޓާލި އެވެ. ކުޅި ބައްލަވަން ހުންނެވި ޕޯސްޓް އޮފީހުގެ ވެރިޔާ، ލިންޝޫ ދިއުމުން، ޕޯސްޓް ފޮށި ހުޅުވާލައްވާފައި އެ ސިޓީ ނެންގެވި އެވެ. ދެން ސިޓީއުރަ ކަނޑުއްވާލެއްވުމަށްފަހު، ސިޓީގައި ލިޔެފައިވާ އެއްޗެއް ކިއުއްވާލެއްވި އެވެ. "ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އިނބަރަސްކަލާނގެ ޙަޟުރަތުން މި އަޅާ އެދުނު ފައިސާކޮޅުގެ ތެރެއިން ހަތްދިހަ ރުފިޔާ މެނުވީ ނުލިބެ އެވެ. ބާކީ ވަރަށް އަވަހަށް ފޮނުއްވައި ދެއްވުމަށް އެދި ދަންނަވަމެވެ. އެހެނީ، މި އަޅާ މި ވަނީ، އެ ފައިސާކޮޅަށް އިންތިހާ ދަރަޖައަށް ބޭނުންވެފަ އެވެ. ނަމަވެސް އެ ފައިސާކޮޅު، ޕޯސްޓުން ނުފޮނުއްވެވުމަށް އެދި ދަންނަވަމެވެ. ޕޯސްޓު އޮފީހުގައި މަސައްކަތްކުރަނީ، ވަގުންގެ ޕާޓީއެއް ކަމުގައި މެނުވީ ނުވެއެވެ." މަޞްދަރު: އަލްޢަރަބީ މަޖައްލާ ވާހަކަ: ޖޭ. ލޮޕޭޒް ތަރުޖަމާ: ޒުހައިރު ޝަފީޤު
|
| ހަމަ މި ގަލަމުން |
|---|