މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޕާޓީ |
|
|
| ދިވެހި - ވާހަކަ | |||
| 15 ޖުލައި 2010، 14:48 ބުރާސްފަތި | |||
|
ބިންމާ އިބްރާހީމް ވަޙީދު ކުޑަކޮށް ގައިގަ ރިއްސާފައި، ހުން ވައްތަރުވެފައި ހުރުމުން، ފެންވަރާ ހިތެއްނުވި އެވެ. އެނދުގައި އޮށޯވެލައިގެން އޮތީ އެވެ. އަހަންނަކީ، ވާރޭ ވެހޭއިރު ވެސް ފަންކާ ފުލްކޮށްގެން ނިދާ މީހެކެވެ. އެ ރޭ، އަހަރެން އޮތީ، ކޮޓަރީގެ ހުރިހާ ދޮރެއް ލައްޕައިގެން، ފަންކާ ނިއްވާލައިގެން އަދި ގައިގަ ރަޖާ ވެސް އަޅައިގެންނެވެ. އެ ވަރުން ވެސް ދަލެއްނުހިއްލި އެވެ.އެހެން އޮވެގެން، އަހަރެންގެ މާޒީއާ މެދު ވިސްނާލީމެވެ. ބައްޕަ ނިޔާވީއްސުރެ، އަހަރެން އުޅެނީ އެކަންޏެވެ. އެއްބަނޑު އެއްބަފާ ބޭބެއެއް ހުރެއެވެ. އޭނަ އަބަދު ވެސް އިންތިޒާރު ކުރަނީ އަހަރެން މަރުވާނެ ވަގުތަކަށެވެ. ގޭގެ ދަހިވެތިކަމުގަ އެވެ. ބައްޕަ ދުނިޔޭގައި ހުރެގެން ގެ ބަހާފައި، އަހަންނަށް ލިބުނު ވަރުގެ ބައެއް އޭނަ އަށް ވެސް ދިނެވެ. އެކަމަކު ވެސް ބޭބެގެ ހިތެއްނުފުރެއެވެ. އަނބިމީހާގެ އާއިލާގެ މީހުން އައިސް ގެ ފުރާލުމުން، އަހަރެންގެ ބައި ވެސް ވެރިކޮށްލުމުގެ ދަހިވެތިކަން ބޭބެގެ ހިތުގައި، އިންތިހާ އަށް ބޮޑުވި އެވެ. އޭނަ އަކީ، އެއްވެސް ގޮތެއް ނެތް، ދަހިވެތި މީހެކެވެ. އެއްވެސް ރަހުމެއް ނެތް، މަކަރުވެރި މީހެއް ވެސް މެއެވެ. ބޭބެގެ އަންހެނުންނަކީ، ފަންޑިތަ ހެދުމަށް މަޝްހޫރު އަތޮޅެއް ކަމުގައިވާ ހުވަދުއަތޮޅު މީހެކެވެ. އެހެންކަމުން، ފަންޑިތައިގެ އެހީ ނުހޯދައި ބޭބެ ނުހުންނާނެކަން އަހަންނަށް އެނގެ އެވެ. ބޭބެ ބަލާ ގޮތާއި، ބައްޕަ ދުނިޔޭގައި ހުރިއިރު، އަހަރެންގެ ގެޔަށް ވަދެގެން އުޅޭގޮތުން، ބޭބެގެ ނިޔަތް އަހަންނަށް އެނގެއެވެ. ހީވަނީ، އެއްޗެއް ވަޅުލަން އިރުވަރު ބަލަމުންދާހެންނެވެ. ބައްޕަ ނިޔާވީމައި އަހަރެން ހީކުރީ، އެ ހިސާބުން ބޭބެ، އަހަރެންގެ ގެ އަށް ވަނުން ހުއްޓޭނެ ކަމަށެވެ. އެކަމަކު، އަހަރެން އޮފީހުގައި އުޅެފައި ގެ އަށް އަންނައިރު ބޭބެ އިންނާނީ ގޭގެ ޖޯލީގަ އެވެ. އަހަރެންގެ ގޭގައި ދޮރާއްޓެއް ނުހުރެއެވެ. އަހަންނަކީ ފަންޑިތަ އާއި ސިހުރުހާހޫރަ ގަބޫލުކުރާ މީހެކެވެ. އެހެންކަމުން، އަހަރެންގެ ގޭގަ ބޭބެ އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނުކުމެގެންދާށޭ ބުނާކަށް ނުކެރެއެވެ. ބުނާ އަޑު އަހަމެވެ. ފަންޑިތައިގެ ބާރުން މީހުން މެރުމަކީ، ދަންނަ މީހަކަށް އުނދަގޫކަމެއް ނޫނެވެ. އެއް ދުވަހު ވަރަށް ހިތްވަރުކޮށްފައި، ގޭގެ ދޮރުކަނީގައި ދޮރެއް ހަރުކުރީމެވެ. ތަޅެއް ހަރުކުރީމެވެ. އެ ހިސާބުން ބޭބެ ގެ އަށް ވަނުން ހުއްޓާލި އެވެ. މީހެއް ގާތުގައި ބުނިކަމަށް އެ މީހާ ބުންޏެވެ. ގެ ފަޅުކޮށްލާނަމެވެ. އޭގެ ފަހުން، ގެއިން އާދަޔާޚިލާފު އަޑެއް އިވެ އެވެ. ހީވާނީ، ދަގަނޑު ހޮޅިއެއްގައި، ކަތިވަޅިއަކުން ޖަހާލާހެންނެވެ. އަޑު އިވޭނީ ކޮން އިރަކުންކަމެއް ނޭނގޭނެ އެވެ. ވަގުތަކީ ދަންވަރު ބާރައިގެ ފަހެވެ. އަދި، އެ އަޑެއް އިވެންފެށީއްސުރެ، އަހަރެން ހުންނަނީ ހުންވައްތަރުވެފަ އެވެ. އެއް ސަބަބަކީ، ބިރެވެ. އަނެއް ސަބަބަކީ، ބޭބެ ހެދި ސިހުރެއްގެ ބާރުގަދަކަމެވެ. "ދަރިފުޅާ!" މަންމަ ގޮވާލި އަޑު އިވުނެވެ. "މިހިރީ މުހަންމަދު އައިސް.." އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. މުހަންމަދު ހިނިއައިސްފައި ހުއްޓެވެ. "އަދި ވެސް ފެންނުވަރަން؟" އޭނަ އެހި އެވެ. "މިހާރު އެހެރަ ގަޑިޖެހެނީ.." "މި ރެއަކު ފެނެއްނުވެރޭނެ.. ވަރަށް ސަކާރަތް މި ރޭ.." އަހަރެން ބުނީމެވެ. "އެކަމަކު އެ ޕާރޓީ މިސްކޮށްލައިގެން ނުވާނެއްނު.. އޭރުން ރިޔާ ކީކޭ ބުނާނީ؟ އަހަރުމެން މީ އޭނަޔާ އެންމެ އެއްކޮށް އުޅޭ މީހުން.. ހިނގާބަލަ! އަހަރެން ގެނެސްދީފާނަން ވަރަށް ފައްކާ ބޭހެއް.." ކަށިން މަދުނެރިގެން އަހަރެން މަތިހަދާލީމެވެ. ގެއިން ނުކުތީ ދެ މީހުން އެކުގަ އެވެ. އަހަންނަށް އެނގުނު އެއްޗަކީ، އެ ރެއަކީ އަހަރެން ގެއިން ނުކުންނަށް ކަމުދާ ރެއެއް ނޫންކަމެވެ. ހިތްބިރުގަންނާތީ އެވެ. އަހަރެން ބޭނުންވަނީ، އަހަރެންގެ ގެ ހަދާފައި، އެ ބައި ކުއްޔަށްދޭށެވެ. އަހަރެން އުޅެން ބޭނުންވަނީ އެހެން ގެއެއްގަ އެވެ. "ކޮބާ ކަލޭގެ ރާނިޔާ؟" އެކުވެރިޔާ އެހި އެވެ. "ހީވަނީ އެހެން މީހަކާ އިނދެފިހެން.." އަހަރެން ބުނީމެވެ. "ނުބަލަން ފަހަކުން.." އަބަދާއަބަދު ބިރުގެންފަ ހުންނަ މީހަކު، އަނބިމީހާ އަށް ދޭނީ ކޮން ލޯތްބެއް ހެއްޔެވެ؟ އަހަރެން މަރުވާނީ ހުސްހަށިބަޔަށް ހުރެއެވެ. އަހަންނާ ވައި ވެސް އެޅޭނެ އަންހެނަކު ނުވާނެ އެވެ. "ހާދަ ސަކަރާތް ރެއެކޭ!" އަހަރެން ބުނީމެވެ. "ތިޔަ ޕާރޓީއަކަށް ވަދެފަ އަވަހަށް ޖެހޭނެ ނުކުންނަން.." ދެ މީހުން އެކުގައި ގޮސް، ޕާޓީ އޮތް ސުކޫލަށް ވަނީމެވެ. ލަވައިގެ އަޑުގަދަކަމުން ދައްކާ ވާހަކައެއް އޮޅުމެއް ނުފިލައެވެ. އެކުވެރިޔާ ބޭނުންވީ މުޅި ތަނުގައި ހިނގާށެވެ. އަހަރެން، މީހުން އެންމެ މަދުހެން ހީވާ ހިސާބުގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ. ޕާޓީ އޮތީ ގޯތީގަ އެވެ. ވަރަށް ބައިވަރު ގޮނޑި އަތުރާފައި ހުއްޓެވެ. އަހަރެން އިށީން ދިމާލުގައި ވަރަށް ބައިވަރު ހުސްގޮނޑި ހުއްޓެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލާފައި އަހަރެން އިސްއުފުލާލިއިރު، ވަރަށް ކައިރީގައި އަންހެން ކުއްޖަކު އިށީނދެލައިގެން އިނެވެ. އަހަންނަށް ކުރިން އޭނަ ނުފެނުނީ ކީއްވެގެން ހެއްޔެވެ؟ "ހާދަ އެކަނި؟" އޭނަ ބުނެލި އެވެ. "ފްރެންޑް ދިޔައީދޯ؟" އަހަރެން އައީ އެހެން މީހަކާ އެކުގައިކަން އޭނަ އަށް އެނގުނީ ކިހިނެތް ހެއްޔެވެ. "ކިހިނެއް އެނގުނީ؟" އަހަރެން އެހީމެވެ. އަހަރެން ކުރި ސުވާލަކަށް އޭނަ ޖަވާބެއް ނުދިނެވެ. "އެއްޗެއް ނުވެސް ކާނަންތަ؟" އޭނަ އެހި އެވެ. "ހުން އައިސްގެން އަނގަ ހިތިވެފަދޯ؟" އަޖައިބެކެވެ. އަހަރެންގެ ހުރިހާ މަޢުލޫމާތެއް އޭނަ އަށް އެނގެނީ ކިހިނެތް ހެއްޔެވެ؟ އޭނަ އެ ވަރަށް އަހަންނާ ވާހަކަދައްކަނީ ކީއްވެގެން ހެއްޔެވެ؟ އެ ކުއްޖާ ވަރަށް ރީއްޗެވެ. އޯގާތެރި އަޑެކެވެ. ތޫނު ކަޅިރަވައެކެވެ. "ކާއެއްޗެއް ގެންނަންވީތަ؟" އަހަރެން އެހީމެވެ. އޭނަ އެއްވެސް ޖަވާބެއްނުދިނެވެ. އަހަރެން ބެލީ އޭގެ މާނަ އަކީ "އާނއެކޭ" ކަމަށެވެ. އެހެން ހީކޮށް، ވަރަށް ހިތްވަރުކޮށްގެން ގޮސް، ތައްޓަށް އެއްޗިހި އަޅައިގެން އައީމެވެ. އޭނައެއް ނެތެވެ. އަހަރެން އިށީނީމެވެ. ދެން ބަލައިލިއިރު އޭނަ އިނީ، ކުރިން ވެސް އިން ގޮނޑީގައި އެވެ. އަހަންނާ ދާދި ކައިރީގަ އެވެ. އަހަރެން ތަށި ދައްކާލީމެވެ. އެއްވެސް ފިކުރެއް ނެތި، އެ ތަށިން އޭނަ ކާންފެށި އެވެ. އޭނަ އިނީ ބަނޑުހައިވެފަ އެވެ. އިސާހިތަކު ތަށި ހުސްވެއްޖެ އެވެ. އޭނަ ވައެއް ލިއެވެ. އަދި ހީގަތެވެ. "އަދި އަޅަން؟" އަހަރެން އެހީމެވެ. އޭނަ އެއްޗެކޭ ނުބުނުމުން އަހަރެން އަނެއްކާ ވެސް ތައްޓަށް ކާއެއްޗިހި އަޅައިގެން އައީމެވެ. އެ ފަހަރު އެނބުރިލެވުނީ، އެކުވެރިޔާގެ ކުރިމައްޗަށެވެ. އޭނަ ހުރީ ވަރުގެކޮޅަށް ދުފާލައިގެންނެވެ. "ދަމާ!" އޭނަ ބުންޏެވެ. "އަދި އިރުކޮޅަކުން.." އަހަރެން ބުނީމެވެ. "ދޭބަލަ ބުރެއްޖަހާލާފަ އަންނަން.." އެކުވެރިޔާ ހައިރާންވި އެވެ. އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. "ޓެން މިނެޓްސް!" އަހަރެން ބުނީމެވެ. އެހާ ވަގުތުކޮޅަކަށް އަހަރެން އެދުނީ، އެ ކުއްޖާގެ ނަން ނުވަތަ ނަންބަރު ނަމަވެސް، ހޯދާލެވިދާނެހެން ހީވާތީ އެވެ. އިށީންނަން އައިއިރު، އޭނަ އިނީ އަހަރެންގެ އިންތިޒާރުގަ އެވެ. ހިނގަން އުޅެނީ، ކޮންފަދަ، އަޖައިބުން ފުރިގެންވާ ކަމެއްކަމެއް އަހަރެން ނުދެނަހުރީމެވެ. ތަށި ހިފައިގެން އައިސް، އެ ކުއްޖާ ކައިރީގައި އިށީނދެފައި، އޭނަ ކާން ފެށުމުން، އަހަރެންގެ ލޯލިތައް ކޮޅަށްޖެހިގެންދިޔަ އެވެ. އެ ކުއްޖާގެ ދުލަކީ، އިންސާނުންގެ ދޫ ކަހަލަ ދުލެއް ނޫނެވެ. ހީވަނީ ހަރުފައެއްގެ ދޫ ހެންނެވެ. ކަޅުވެފައި، ހިމަވެފައި، ދުލުގެ ކޮޅު ހުންނަނީ ދެކަފިވެފަ އެވެ. ވަގުތުން އަހަރެންގެ އަތް ތުރުތުރުއަޅަންފެށި އެވެ. ވަރަށް ގަޔާވެގެން ކަމުންދިޔަ ކުއްޖާގެ ޚަރަކާތްތައް، މަޑުމަޑުން ލަސްވާންފެށި އެވެ. ކުއްލިއަކަށް ކަރަންޓު ދިޔަ އެވެ. އެ ވަގުތު އެ ކުއްޖާ ބަލައިލި އެވެ. އޭނަގެ ދެ ލޯ ހުރީ ރަތް އަނގުރުކޮޅެއް ހެންނެވެ. އަހަރެން އަތުން ތަށި ދޫވި އެވެ. ކުއްލިއަކަށް އެ ކުއްޖާ ގުދުވެފައި، އޭނަގެ ދޫ އެތައް ހިސާބަކަށް ނެރިލި އެވެ. މުޅި ތަނުގައި ހާކާލި އެވެ. ކަރަންޓު ގޮސްފައިއޮތީ، ހަމައެކަނި އެ ސްކޫލުންކަމުން، އެ ހުރިހާ މަންޒަރެއް ފެންނަ ވަރަށް، އެ ތަނަށް އަލި ވަދެފައި ހުއްޓެވެ. އަހަރެންގެ ހެޔަކަށް ކެތެއްނުވި އެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭއެރިއިރު އަހަރެން އޮތީ ހޮސްޕިޓަލުގަ އެވެ. ކައިރީގައި މަންމަ އާއި އެކުވެރިޔާ ތިއްބެވެ. ޑޮކްޓަރުންގެ ބަހުން ނަމަ، އަހަރެންގެ ހުން މައްޗަށް ގޮސްގެން ބުރާންތިވީ އެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި، އަހަރެންގެ ލޯމައްޗަށް ފެނުނީ ވަހުމެއް ނޫނެވެ. އެއީ، ޙަޤީޤަތެކެވެ. އަމިއްލަގޮތުން، އެކި މީސްމީހުނާ ގުޅައިގެން، އޭގެ ސަބަބު ހޯދަން އަހަރެން މަސައްކަތް ކުރީމެވެ. އެންމެން ވެސް ބުނީ އެކައްޗެކެވެ. އާ އެއްޗެއް ނޫނެވެ. ގާތްމީހަކު އަހަރެން މަރާލުމަށްޓަކައި ސިހުރު ހަދަނީ އެވެ. "ކޮން ކަހަލަ މީހެއްކަން ވެސް ބެލިދާނެ ސިހުރު ހަދަނީ.. ބަލަންވީ؟" އޭނަ ބުންޏެވެ. އަހަރެން ބޯޖަހާލީމެވެ. އޭނަ ނަންބަރުތަކެއް ޖަހަޖަހާފައި ބުންޏެވެ. ގާތް މީހެކެވެ. އޭނަ ބޭނުންވަނީ، ބިރުގަންނަވައިގެ، ގެ ދޫކޮށްފައި އަހަރެން ދާނެވަރު ކުރުމެވެ. އަހަރެން ހެދީ ވެސް އެހެންނެވެ. މިހާރު އަހަރެން ދިރިއުޅެނީ ތަނެއް ކުއްޔަށް ހިފައިގެންނެވެ. ބިރުވެރި އެއްވެސް ކަމެއް އަހަންނަކަށް މިހާރަކު ދިމައެއްނުވެއެވެ. އެކަމަކު، އެއްވެސް އުފަލެއްގައި އަހަންނަކަށް ބައިވެރިއެއް ނުވެވެއެވެ. މިޔުޒިކު ކުޅޭ ތަންތަނަށް އަހަރެން ދިޔަސް، ކޮންމެ ވެސް ކަހަލަ މީހަކު، އަހަންނަށް ފާރަލައިގެން، ފަސްފަހަތުން ހިނގާނެ އެވެ. އަހަރެން އަޅައެއްނުލަމެވެ. ޕާޓީއަކަށް ވަންނަން ހިނގައްޖެއްޔާ، ދޮރުމަތިން އޭނަ މަރުޙަބާ ކިޔާނެ އެވެ. އަހަރެން އަނބުރާލާފައި ދަނީ ގެއަށެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (10)
![]()
...
ލިޔުނީ މިސް, 2010-07-19 05:49:33
ވަރަށް ރީތި ވާހަކައެއް. މި ރޮނގުން ބިންމާ އަށް އިތުރު ކުރިއެރުން ތަކަކަށް އެދެން
...
ލިޔުނީ އަހުމަދު ޚާން, 2010-07-22 09:41:14
ވާހަކަ ވަރަށް ރީތީ.................! މިފަދަ އެހެންވާހަކައަކަށް އިންތިޒާރުކުރަން...........!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |