ހުޅުމާލެއިން 3 ކޮޓަރީގެ އެޕާރޓްމަންޓެއް...... 9915519

ފަންވަތް ދިވެހި ވާހަކަ ބާ ޔަށް ގޮސް ރާ ބޯން އިން އިރު...!
ބެލި ޢަދަދު: 12963
ބާ ޔަށް ގޮސް ރާ ބޯން އިން އިރު...! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 90
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
11 ޑިސެމްބަރ 2008، 13:52 ބުރާސްފަތި


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)


އުސްތުނބަށް ހުރި ރާތަށި ފުވާދުގެ އަތަށް ފޯރުކޮށްލެވުނެވެ. ހަލުއި ޙަރަކާތަކާއެކު، އޭނާ އެތަށީގައި ހިފީ ބޮވައިގެންފައި އިންލެއް ބޮޑުކަމުން، އެކަންޏެއް ނޫނެވެ. ބެންކޮކުގެ ވައިގެ ބަނދަރާ ބެހޭ ޚަބަރުތައް އޭނާގެ ސިކުނޑިޔަށް ކުރާ އުނދަގުލުގެ ސަބަބުންވެސް މެއެވެ. އޭނާގެ ފިކުރުތައް ގުޅިފައިވަނީ އެ ވައިގެ ބަނދަރާއެވެ. އެތާނގައި ނުފުރި ބަންދުވެފައި އޭނާގެ ތިން ދަރީން އެބަތިއްބެވެ. ޙަލާލު އަނބި މީހާ، ޝަރުމީލާ ވެސް އެބަ އިނެވެ. ޝަރުމީލާ ބައްޕަގެ ބޭހަށްޓަކައި ޝަރުމީލާ ގޮވައިގެން، އިންޑިޔާއަށް ކުރަންޖެހޭ ދަތުރުވެސް ކުރެވެން އޮތީ، މި ކަމުން މިނިވަން ވެގެންނެވެ. މި ފަދަ އެތައް ކަމަކާހުރެ، އެޚަބަރު ލިބުނީއްސުރެ އޭނާގެ އަރުތެރެއަށް އަދި ކާހިތުން ކާއެއްޗެއް، ބޯހިތުން ބޯއެއްޗެއް އެތެރެ ކުރެވިފައެއް ނުވެއެވެ. އެކުން ބޮޑަށް ހާސްވާގޮތްވީ އެތަން ޙިޞާރު ކޮށްގެން ތިބި މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަން އުޅޭކަމުގެ ޚަބަރު ލިބުމުންނެވެ. އެހެންނަމަވެސް....


މި ރާތަށި އޭނާޔަށް މާ ޚާއްޞަ ބުއިމަކަށް ވަނީ ތޯއްޗެކެވެ. ފުރަތަމަ ކޯވަރު ބޯލުމާއެކު ވެސް، އޭނާގެ ފިކުރުތައް އޭނާ ގޮވައިގެން އުދުހިގެން ދިޔައީ، މީގެ އެތައް އަހަރުތަކެއްގެ ކުރިޔަށެވެ. ޢުމުރުން، ސާދަ ފަނަރަ އަހަރުގެ ތެރެއަށެވެ. ދުނިޔަވީ އެއްވެސް ފިކުރެއް ޚިޔާލެއް ނެތި، އުޅުނު ޅަފުރާއަށެވެ. ބައްޕަގެ އެހީތެރި ހިޔާވަހި ކަމުގައި ވޭތުކުރި ޒަމާނަށެވެ.

ދުވަސްވަރަކީ ރާއްޖޭގައި، ފަނަރަ ސޯޅަ އަހަރުގައި މީހުން މީހުނާ ކާވަނި ކޮށްއުޅުނު ދުވަސްވަރެވެ. ފުއާދުގެ ލޮލުގައި އެންމެ ފުރަތަމަ ޝަރުމީލާ އަޅައިގަތީ އެހާ ވެސް ޅަޢުމުރުގައެވެ. މި ލޯބި އުފަންވެގެން، ތާޒާވެ ފައްކާވަމުން އައީ، އޭރުގެ އާދަކާދައިގެ މަތިން، ފެށުނު އަޅުވާކިޔުމެއްގެ ތެރޭންނެވެ. އެހެންނަމަވެސް ހަރުދަނާ ކަމެއް ނެތް، ތެތް ކިސަޑުގެ ބިންގަލެއްގެ މަތީގައެއް ނޫނެވެ!


ފުއާދުގެ ބައްޕައަކީ، މުޅި މެދު ރާއްޖެތެރެއަށް ނަންހިނގައިފައިވާ، މަޝްހޫރު ކިއްސަރުވަޑި އެކެވެ. ޝަރުމީލާގެ ބައްޕައަކީ، އެހާމެ މަޝްހޫރު ކެޔޮޅެކެވެ. ޝަަރުމީލާމެން ރަށަށް އެފަހަރު، ފުވާދު ދިޔައީ، ފުވާދުގެ ބައްޕައާ އެކީގައެވެ. ޝަރުމީލާގެ ބައްޕަ އަލަށް ބަންނަންފަށާ މަސްދޯންޏެއްގެ ފަށަން ބަހައްޓާށެވެ. ދޯނި ބަނުމުގެ މުޅި މަސައްކަތުގެ މާވަޑިއަކީވެސް ފުވާދުގެ ބައްޕައެވެ.

ދުރު ދެ އަތޮޅެއްގައި އުޅުނަސް، ފުވާދުގެ ބައްޕައާއި، ޝަރުމީލާގެ ބައްޕައަކީ، ހަމަ އެކަތިގަނޑެކެވެ. އެދެމީހުންގެ ގުޅުން ވަރަށް ބަދައްސެވެ. ދޮށްޓާއި ކިރިލި ފަދައެވެ. ފަށަނާއި ވަވަތް ފަދައެވެ.


'' ސިނގިރޭޓެއް އެއްޗެއް ބޭނުންހޯ؟ '' ފުވާދަށް ރާތަށި ގެނެސް ދިން 20 އަހަރުގެ ޒުވާން އަންހެން ކުއްޖާ އައިސް، ލަދުވެތި ގޮތެއްގައި އަހާލިއެވެ. '' ނޫން.. ބޭނުމެއް ނޫން..'' ފުވާދު ކުރު ޖަވާބަކުން ނިންމާލިއެވެ. އޭނާ މިވަގުތު އަތަނެއްގެ ތެރޭގައި މަސްތުވެފައި އިން ޚިޔާލީ ދުނިޔޭން ނިކުންނަހިތެއް ނުވިއެވެ. އެކަމަކު އަތުކުރީ ގަޑިޔަށް ބަލައިލި އިރު، ހަވީރު ހަތަރުގަޑި ބައިވެ ބޮޑު ވެއްޖެއެވެ. ރާތަށިން ކޯވަރެއް ދަމާލުމާއެކު، ކޮޓަރީގެ މޭޒުމަތީ ހުރި ރޭޑިޔޯ ގެނެސް ދިނުމަށް އެދުނެވެ.

ފުވާދަށް ކުޑަ އިރު ކެވުނު އެންމެ މީރު އެއްޗަކީ، ބައްޕަޔާއެކު ވަޑާމު ދަތުރެއްގައި، ހދ. އަށް ކުރި ދަތުރެއްގައި، ކުޅުދުއް ފުށިން ލިބުނު ހާލު ފޮޅިއެވެ. އެންމެ ހިތްގައިމު އުފެއްދުމަކީ، ދ. ހުޅުދައްޔާއި ރިނބުދޫން ފެނުނު މަސައްކަތްތެރިކަމެވެ. އެންމެ މީރު ރިހާކުރަކީ، މ. ދިއްގަރު މަޑުއްވަރީ ރިހާކުރެވެ. ޅަފަތުގައި މަންމަ ނިޔާވެފައިވުމާއެކު، ވަރަށް ކުޑަ އިރުއްސުރެ ބައްޕަ ދާ ކޮންމެ ތާކަށް ދަނީ ފުވާދު ކަފުޖަހައިގެންނެވެ. އެދާ ރަށެއްގައި ކުރާ މަސައްކަތެއް ނިމެންދެން އަބަދުހެން އުޅޭނީ ދެބަފައިން އެކީގައެވެ. ފުވާދު ނުދަންނަ ފަރެއް ގިރިއެއް މެދުރާއްޖެތެރޭގައި އޮންނާނެ ހެނެއް ހީއެއް ނުވެއެވެ. އޭނާ ނުދަންނަ ބަހުރުވައެއް ރާގެއް އެހިސާބުގަނޑު މީހުން ބަސްމޮށެ ވާހަކަ ދައްކައި އުޅުމަށް ބޭނުންކުރާހެނެއް ހީއެއް ނުވެއެވެ.


މިހާރު ފުވާދުގެ އުމުރުން 40 އަހަރުވީއެވެ. މި ހުރިހާ ދުވަހު އޭނާ މާލޭގައި އުޅުނީ، ޅަފުރާގެ މި ފަދަ އެތައް ހަނދާން ތަކަކާ ދުރުގައެވެ. އޭނާގެ އަމިއްލަ ވަޒަނުގެ ރަށްފުށު ދިވެހިވަންތަ ވެށްޓާއި ދިވެހިވަންތަ ދިރިއުޅުމާ ވަރަށް ދުރުގައެވެ. މުޅި ޢާއިލާ ބައްޓަންކުރެވުނީ މާލޭގެ އިނގިރޭސި ދިރިއުޅުމުގެ މައްޗަށެވެ. ބަޓަރާ ޕާނާ ޖޭމުގެ ޙަޔާތެކެވެ.


ފުވާދުމެން ބޮޑުވެގެން އައި ދުވަސްވަރު، ރާއްޖެ ކިތަންމެ ފަގީރު ހާލުގައި އޮތް ކަމުގައި ވިޔަސް، ފުވާދާއި، ޝަރުމީލާގެ އާއިލާގެ ފޯރުންތެރިކަން އޮތެވެ. ދެކުދީންނަށް ކިޔަވަން މާލެ އާދެވުނީ އެހެންވެގެންނެވެ. ކިޔަވައި ނިމިގެން ދެމީހުންނަށް ވެސް ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުޞަތުލިބުނެވެ. އެފުރުޞަތުގެ ބޭނުން ހިފިއެވެ. ދެމީހުން ދިޔައީވެސް އެއްގައުމަކަށެވެ. މި ގާތްކަމުގެ އާޚިރު ނިމުމަކީ، ވެވުނު ކާވަންޏެވެ. ޅަދުވަހުއްސުރެ ފެށިފައިވާ ކަޅިއުކުން ޙަޤީޤީ ބެލުމަކުން، ބެލެހެއްޓުންތެރިކަމަކަށް ބަދަލުވީއެވެ.


'' އަނ! މިހިރީ ރޭޑިޔޯ'' އެއްކަލަ އަންހެން ކުއްޖާ އައިސް ރޭޑިޔޯ ދިއްކޮށްލިއެވެ. '' މޭޒުމަތީ ބަހައްޓާ! ވަރަށްބޮޑަށް ޝުކުރިއްޔާ'' ފުވާދު މި ފަހަރުވެސް ކުރު ޖަވާބަކުން ނިންމާލިއެވެ. އަދި ރޭޑިޔޯ ހުޅުވާލައިފައި ބެހެއްޓިއެވެ. އޭރު ފަހެއް ޖަހަން ސާޅީހަކަށް މިނިޓަށް ވެއްޖެއެވެ.

ރޭޑިޔޯއިން އަންނަމުން ދިޔަ ޕްރޮގްރާމުގައި ދައްކަމުން ދިޔަ ވާހަކަ އަކީ ފުވާދު ވަރަށް ސަމާލުކަން ދޭންޖެހުނު ވާހަކައަކަށް ވެއްޖެއެވެ. ކޮންމެ ފަހަރަކު ޗުއްޓީގައި އޭނާ ކުދިން ގޮވައިގެން ބެންކޮކަށް ނުވަތަ އިންޑިޔާއަށް ނޫނިއްޔާ އެ ނޫނަސް، ރާއްޖޭގެ ރަށްރަށް ފިޔަވައި ބޭރުތާކަށް ދަނީ ކުދީންނަށް ވެފައިވާ ވަޢުދެއް ފުއްދުމަށެވެ. ކުދީންނަށް އެފަދަ ވަޢުދެއްވަނީ އެކުދީންގެ ކިޔެވުމުގެ ފެންވަރު މަތިކުރުމަށެވެ. އިމްތިޙާނު ދުވަސްވަރުގައި ބޮޑަށް މަސައްކަތް ކުރުމުގެ ރޫޙު އިތުރު ކުރުވުމަށެވެ. ނަތީޖާ ލިބޭގޮތް ތަފާތެވެ. ބައެއް މާއްދާއިން އެދެވޭ ރަނގަޅު ނަތީޖާއެވެ. ނަމަވެސް ބައެއް މާއްދާގެ ނަތީޖާ ރަނގަޅެއް ނޫނެވެ. މި ދިޔަ އަހަރަކީ އެންމެ ދޮއްޓަށް ހުރި ސަމާ، ގްރޭޑް 10 ނިންމި އަހަރެވެ. އަންނަ އަހަރު ރަނާ ވެސް، އެސް. އެސް. ސީ. އިމްތިޙާނުގައި އިށިންނާނެއެވެ. އެހެންނަމަވެސް މި ކުދިންގެ ދިވެހި އިސްލާމްގެ ނަތީޖާ އެހެންމީހަކުގާތުގައި ބުނަން ވެސް ލަދުގަންނަ ހާވެއެވެ. މާބޮޑަށް ވެސް ދަށީއެވެ. ޓިއުޝަނަށް މުދައްރިސުން ގެނަޔަސް އެކަމުން ވެސް ވީކަމެއް ނެތެވެ.


ފުވާދު، ރޭޑިޔޯގެ އަޑު ތަންކޮޅެއް ބާރުކޮށްލިއެވެ. ބޯން އިން ރާތަށިން ޖެހިޖެހިގެން ދެތިން ކޯވަރު އެއްފަހަރާ ދަމާލިއެވެ. "އާންމުކޮށް ކުދިން ނަށް ދިމާވާ ގޮތަކީ، ދިވެހި ބަހުން ޢިބާރާތް ކުރަން ނޭނގޭތީ އިސްލާމްގެ ފިލާވަޅުތަކަށް ޖަވާބުދޭން ނޭންގެނީ. މަޢުލޫމާތު ހުއްޓަސް ހުށަހަޅަން އެނގޭވަރަށް ބަސްކޮށާރު މުއްސަނދި ނޫނީ. ދިވެހި މާއްދާގެ ސުވާލުތަކަށް ދީފައި ހުންނަ ޖަވާބު ތަކުންވެސް މި މައްސަލަ ފެނޭ.. ބައެއް އެއްޗިއްސަށާއި ކަންކަމަށް ދިވެހި ބަހުން ކިޔާ ނަންތައް ނޭނގޭތީ އެގޮތް މިގޮތުން ބުނެދޭން އުޅެ އެއްގޮތެއް ވެސް ނުވެފައި ހުންނަތަން ފެންނަނީ'' ބަހުގެ މުޝީރަކު އޮޅުން ފިލުއްވައިދެއްވަމުން ވިދާޅުވިއެވެ.

''އަހަރެމެން ގައިމު ދިވެހި ބަހުން ޓިއުޝަނެއް ނުނަގަމު. އޭރަކު މިހާރު މި ތިބި ކަހަލަ ތަމްރީނު ލިބިފައިވާ ދިވެހި ބަހުގެ މުދައްރިސުންނެއްވެސް ނުތިބޭ. ދިވެހި ޑިގްރީ އެއްވެސް ނޯވޭ. އެކަމަކު އަހަރެމެން ލޯބީގެ ސިޓީތަކަށް ދަންދެން ލިޔެ އުޅުނީ ދިވެހި ބަހުން. ގައިމު އޭގެ އިބާރާތްތަކުގައި އަސަރެއް ހުރީމާތާ އެ ސިޓީ ފޮނުވުނު މީހާޔާ އިނދެގެން ތިން ހަތަރު ކުދިން ލިބިފައި މިތިބީ. ދެން މި ދަރީން މިހާ ބަހަށް ކޮށި ވާންވި ސަބަބަކީ ކޮބައި؟ އޮތް ހަމަ އެކަނި ތަފާތަކީ، އެކުދީން އުޅެ ބޮޑުވި މާހައުލު. އެކުދީންނަކަށް ހާލު ފޮޅިއެއް، ކުރަނޑިއެއް ވަތްކެއް ނުވާނެ. މުލަކެއް ފަށަނެއް ނުދަންނާނެ. އެއީ އެ ކުދީން އުޅެ ބޮޑުވި މާއުލުގައި އުފައްދާ ތަކެއްޗެއް ނޫން. އެކުދީން އުޅެ ބޮޑުވީ ވެރިކަން ކުރާރަށުގާ. އެހެންވީމާ އެކުދީންނަށް އެނގޭނީ ލަޔަން ކިންގ''

ފުވާދު އަމިއްލަޔަށް ވާހަކަ ދައްކަން ފެށި ކަހަލައެވެ. މި ފަދަ އެތައް ސުވާލެއްގެ ތެރޭގައި އިންދާ ރޭޑިޔޯ އިން ފަހެއްގެ ޚަބަރު ފަށައިފިއެވެ. އޭނާ ކަނުލައި އަޑު އަހަން އިނީ ބެންކޮކްގެ އެއާ ޕޯޓުގެ ޚަބަރަށެވެ. '' ހުރިހާ ދިވެހިން މެލޭ ޝިޔާ މަގުން، މިރޭ ރާއްޖެ ގެންނަވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި'' އެނައުންސަރު މިހެން ހަމަ ބުނުމާއެކު، ފުވާދަށް ގަދަ އަޑުން އަލްޙަމްދު ލިﷲ އޭ ބުނެވުނެވެ. އޭނާގެ ސިކުނޑީގައިވާ ވަރަށް ގިނަ ބުރަތައް ފިލައިގެން ދިޔައެވެ.

ޚަބަރު ނިމުމުން ރޭޑިޔޯ ނިވާލާފައި ރާތަށީގައިވާ އެންމެ ފަހު ކޯވަރު ދަމާލުމަށް ފަހު ކުޑަ ކޮށް އިސްޖަހާލިއެވެ. ރާތަށި ގެނެސް ދިން، ޝަރުމީލާގެ ދައްތަގެ ދޮށީ އަންހެން ދަރިފުޅަށް ގޮވާލައިފައި ބުންޏެވެ. ''އަދި ގޮސް މަންމަ ގާތުގައި ބުނޭ! އަލުން އެތަށި ފުރާލަ ދޭށޭ. މި ހީވަނީ ހަވީރުގެ މީރާހެން.'' އޭނާގެ ހިތުގައި މިހާރު ވަނީ އޭނާ އުމުރުން 16 އަހަރުގައި އެންމެ ފުރަތަމަ މިރަށަށް އައިދުވަހު ޝަރުމީލާގެ އަތުން ދިއްކޮށްލި ރާތަށީގެ ހަނދާނެވެ. އެދުވަހު އޭނާ ރާ ނުބޯން ވެގެން އުޅުނެވެ. ލަދުންނެވެ. އޭގެ ކުރިން ރަހަ ބެލިފައިވާ އެއްޗަކަށް ވެސް ނުވާތީއެވެ. '' މަންމަ ބުނީ ކާފަ އެބަ ގޮވަޔޯ'' 20 އަހަރުގެ އެކުއްޖާ ހުސް ތަށި ހިފައިގެން ގޭތެރެއަށް ހިނގައިގަންނަމުން ބުންޏެވެ. '' މި ދަނީ'' ފުވާދު މިހެން ބުނެފައި އިށީނދެ އިން ޖޯލިފަތިން ތެދުވެ މެދުގޭތެރެޔަށް މިސްރާބު ޖެހިއެވެ. ހިތާ ހިތުން މިހެން ކިޔަމުންނެވެ. ޝަރުމީލާގެ ބައްޕަ ބަލިވެގެން އޭނާ ބަލައި ނަމަވެސް ބެންކޮކުގައި ހުރެފައި މި ފަހަރު ދަރަވަންދުއަށް އާދެވުނީ ތީ މި އޮޅުން ފިލީ ކިހާ މުހިންމު ކަމެއް ހެއްޔެވެ؟ ކުރިޔަށް އޮތްތާނގައި ދަރީންކޮޅު ގޮވައިގެން ޗުއްޓީގައި މުޅީންވެސް ދާނީ ރާއްޖެތެރެއަށެވެ. ދިވެހި ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށެވެ. ހދ. އަށާއި، ދ. އަށެވެ. މ. އަށާއި ބ. އަށެވެ. ދިވެހި ހާލު ފޮޅިއާއި ދިވެހި ރިހާކުރާއި، ދިވެހި ރާ ގެ ފައިދާ އެކުދީންނަށް ލިއްބައިދިނުމަށެވެ.

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (28)Add Comment
...
ލިޔުނީ މޯޑް , 2008-12-11 16:11:28
މީގެ ކުރިން ދުވަހަކު ވެސް ރާ ބޮއިގެން މީހަކަށް ހެޔޮ ވިސްނުނު ވާހަކައެއް އަޑެއް ނާހަން. އެކަމަކު ފުވާދަށް ތިޔޮތީ ހެޔޮ ވިސްނިފައިތާ! ހެހެހެހެހެހެ.
...
ލިޔުނީ ބަނދި, 2008-12-11 18:07:19
މޯޑަށް
ރާބޮއިގެން އަބަދުވެސް ހެޔޮ ވިސްނޭނެއެވެ. ރާ އާއި ބަނގުރާ، މިއީ ދޭއްޗަށް ކިޔާދެނަމެވެ.
...
ލިޔުނީ ޖިމީ, 2008-12-12 08:55:23
ބާޔަށް ނުދިޔަޔަސް ރާ ބޮވި ދާނެއްނު. ބާޔަށް ދިޔައީ އެހެން ކަމެއް ކުރަންކަން ޔަގީން. އެކަމަކު ޝަރުމީލާއާ ބައްދަލުވާނީ ބާޔަށް ގޮސްގެން. އެއީ ތިކުރި ކަމަކީދޯ!
...
ލިޔުނީ ފާއިޒު, 2008-12-12 14:40:47
އެހެންވީ އިރު ޝަރުމީލާގެ ކާފަ އަދި ހާދަވަރަކަށް ރާބޯނެޔޭ ދޯ!
...
ލިޔުނީ ދޫދު, 2008-12-14 12:29:09
ބާޔަށް ނުދިޔަޔަސް މިކަންވެދާނެ ދޯ!
...
ލިޔުނީ މަލާ, 2008-12-15 08:50:16
ޝަރުމީލާމެން އެންމެން ބޮޑެތިވީ ރާބޮއިބޮއި ތިއްބާ. ކާފަޔާ މާމަޔާ ޝަރުމީލާއާ އެންމެން ވެސް ރާބުއި. އެކަމަކު ބަނގު ރަލެއް ނޫން. ރުކުރާ.
...
ލިޔުނީ ކިއުންތެރިއެއް, 2008-12-15 08:55:55
މިހާރު މިމަޒުމޫނު 8 ފަހަރު ކިޔައިފީމެވެ. ކިޔާ ކޮންމެ ފަހަރަކު އާއެއްޗެއް ވިސްނެއެވެ. އެންމެ ފަހުން ނަގައިގަނެވުނީ ދިވެހިންގެ ދިރިއުޅުމުގައި ހުރި ހަމަހިމޭންކަމާއި ބަނިޔާދަންކަމާއި ލަދުވެތިކަމެވެ.
...
ލިޔުނީ ހައިރާން, 2008-12-15 09:15:59
ދިވެހިންނަކީ ކުދިންނަށް ވަރަށް ފާޑުފާޑުގެ ނަން ކިޔާ ބަޔެކެވެ. އަހަރެންގެ އައްޑޫ ފްރެންޑެއްގެ ދަރިފުޅަށް ކީނަމަކީ މިތުނާކުއެވެ. އެނަމުގެ މާނަ އަރަބި ދަންނަ މީހަކު ގާތުން އެހީމާ ބުނީ ވަރަށް ނުބައި މާނައެކެވެ. އެއްވެސް މީހަކު ދަރިންނަށް މާނަ ނޭގޭ ނަންތައް ނުކިޔާތިއެވެ. ޙާއްސަކޮށް މިތުނާކު ނުކިޔާތިއެވެ.
...
ލިޔުނީ ރާޝިދާ, 2008-12-15 09:43:51
އަޅުގަނޑު ހީކުރީ މިމަޒްމޫން ލިއުއްވި ބޭފުޅާ ބަރއަކަށް ގޮސް ރާބޯން އިންނަވަނިކޮށް ދިމާވި ކަމެއްގެ ވާހަކަ ކަމަށް މީގައި އޮންނާނީ.... މިހެންހީކޮށް ކިޔާލިއިރު މިމަޒްމޫންގައިއޮތީ މުޅިންއެހެން ބަޔެއްގެ ވާހަކަ.
...
ލިޔުނީ GURLY GIRL, 2009-02-07 09:45:38
MASHKAH NEYNGUN VAA NU VAA EH :s
...
ލިޔުނީ ނަޖީބު, 2009-02-08 09:26:07
ޚިޔާލަކީ ތަފާތު އެއްޗެކެވެ. ނަޞީރުގެ މި ލިއުމަކީ މޮޅު ލިއުމެއް ކަމަށް ދެކެމެވެ. އަޅުގަނޑުގެ ހިތަށް މިލިއުން ތަސައްވުރުވީ ތަފާތު ގޮތަކަށެވެ. ހުރިހާ ފަރާތެއް ފެންނަ ފޮޓޯއެއްގެ ގޮތުގައެވެ. ފޮޓޯއެއް ފެންނާނީ އެނަގާފައިވާ ފަރާތުން ނެވެ. މިމަޒުމޫނަކީ ފޮޓޯއެއް ކަމުގައިވީނަމަ މިފޮޓޯ ހުރިހާ ފަރާތަކުން ފެނުނީހެވެ. ނަސީރަކީ މިޒަމާނުގައި ދިވެހި ބިމުން އުފެދުނު މޮޅު ލިއުންތެރިއެކެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-02-16 15:39:51
މުޅި ލިޔުން އެއްކޮށް ކިޔާލުމުން ކޮންމެވެސް ވަރަކަށް މިލިޔުމުގައި ބުނާ އެއްޗެއް ވިސްނައިގަނެވޭ... އެކަމަކު ދަންނަވަންތޯ ވިސްނުމުގެ ގޮތުން ކޮށި ބޭފުޅަަކަށް މިފަދަ ލިޔުމެއް ވިދާޅުވާންވެއްޖެ ނަމަ، އެބޭފުޅަކަށް މިލިޔުމުގެ އަސްލު އެނގިވަޑައިގަތުމުގެ ބަދަލުގައި، އެބޭފުޅާގެ ވިސްނުން ކިލަނބުކޮށްލުމުގެ ފުރުޞަތު ބޮޑުކަމަށް ފެނޭ..
މިފަދަ ލިޔުމެއް ލިޔުއްވާއިރު، މިލިޔުން ކިޔާނެކަމަށް ލަފާކުރާ ކިޔުންތެރިންގެ ވިސްނުމުގެ ތަފާތާއި، ދޭހަކުރުމުގައި ހުރެދާނެ ތަފާތާއި، މިލިޔުމުން ނޭދެވޭ ގޮތަކަށް ދޭހަވުމުގެ ސަބަބުން، އެބޭފުޅަކަށް ލިޔުން ވިދާޅުމުން ލިބިފައިވާ މަޢުލޫމާތު ޙިއްސާކުރުމުން، އެމަޢުލޫމާތު ޙިއްސާކުރެވޭފަރާތަށް ލިޔުން ދޭހަވެދާނޭ ގޮތަކާއި މެދު ވިސްނާވަޑައިގަތުން ބުއްދިވެރިކަމުގައި ދެކެން.
...
ލިޔުނީ އަބޫ އިބްރާހިމް, 2009-02-19 07:03:36
މަޡްމޫނުން ދޭހަކުރެވުނު އެއްކަމަކީ އަހަރުމެންގެ ޅަދަރިންނަށް ދިވެހި ބަސް އުނގަނައިދިނުމަށް ކުރަންޖެހިފައިވާ ބުރަ މަސައްކަތް އަދި އެއީ އަކީ ހަމަ އެކަނި މުދައްރިސުންނަށް ސްކޫލުގައި ކޮށްދެވޭނެ ކަމެއްނޫންކަން މިކަމުގައި އަހަރުމެން މައިން ބަފައިންގެވެސް އިސް ރޯލެއް ކުޅެންޖެހިފައި އެބަ އޮތްކަން.
...
ލިޔުނީ އިބްރާހީމް , 2009-03-16 17:09:59
ނަސީރުގެ މިލިޔުން ވ. މޮޅު!!!!
...
ލިޔުނީ ސިރާޖު, 2009-03-17 12:33:23
ވަރަށް ފުރިހަމަ. "ބާޔަށް ގޮސް ރާބޯން އިން ވަގުތު...." މިއީ ހަމަ ވަރަށް ފުރިހަމަ ސަމާސާ މަޒުމޫނެއް.
ނަސީރުގެ ހުންނަ ސަމާސާ ގޮތް ލިޔުމުގައި ވެސް އެބަހުރި.
...
ލިޔުނީ ޠާލިބު, 2009-03-24 18:41:16
ވ.ފުރިހަމ ލިއުމެއް. ބުނަން ބޭނުން ހުރިހާ ވާހަކައެއް ލިއުމުގެ އެކި ދިމަ ދިމާއިން އެބަ ފެނޭ....... ދަރިން ތަރުބިއްޔަތު ކުރުމުގައި ވިސްނަން ވީކަންތައް............ ބޭރުން ކިޔަވާގެން އަންނައިރު ތިމާ މީހާ ގައިގަ އަށަގެންފަ ހުންނަ ނޭއްގާނީ ކަންތަށް. ލާދީނީ ކަންތައް..... ތަނަވަސް ވުމުން ފާޙިޝް ކަންތަކަށް ދިމާލަށް ދުއްވައިގަތުން............ ތަނަވަސް ކަމަކީ ހުރިހާކަމެއްގެ އުފަލެއް ނޫންކަން............. މިހެން ލިޔެވިދާނެ ކިތަންމެ ވާހަކައެއްވެސް. 2006 ވަނަ އަހަރު އުސްތާޛް ނަޞީރު މައުޙަދުގެ ޘާލިޘް ޘާނަވީ އަށް ދެއްވި ފިލާވަޅެއްގެ މަތިން ހަދާން ކޮށްލަދޭވެސްމެ............. ބުނަން ބޭނުންވާ އެއްޗެއް ޚައްޞަކޮށް ޕަބްލިކަށް ދޭ މިކަހަލަ މެސެޖްތައް ދޭއިރު މި މެސެޖް ރައްދުވާ ފަރާތް އަޑު އަހާނެކަހަލަ ގޮތަކަށް މަޒްމޫން ބައްޓަންކުރުން............. ރާނުބޯށޭ ކުދިން ރައްވެހިކޮށް ރައްފުށުގެ ކަންތައްވެސް ދަސްކޮށްދޭށޭ ބުނުމަށްވުރެ މި މަޒުމޫނުގައި ގެނެސްފައިވާގޮތަށް ''ވާޤީޢީ'' ކޮށް ގެނެސް ދިނުމުން ކިޔާ މީހުންނަށް އެ ޤަބޫލުކުރަން ފަސޭހަވޭ... ބަލައިގަނެވޭ
...
ލިޔުނީ މަދޫ, 2009-03-27 21:11:24
މިލިއުމުގެ ސުރުހީ ބަދަލުކުރެއް ވުން އެދެން. ސުރުހީ މުޖުތަމައު އަކާނުގުޅެ.
...
ލިޔުނީ aliަ, 2009-04-05 04:29:39
މި ސައިޓުގެ ފޮނޓު އެދަނގޫ
...
ލިޔުނީ ފަންވަތް, 2009-04-05 05:10:45
ޢަލީއަށް! ފަންވަތަށް ޒިޔާރަތް ކުރައްވައި، ދިމާވި މައްސަލަ ހިއްސާ ކޮށްލެއްވީތީ ޝުކުރު އަދާ ކޮށްލަމެވެ. ފޮންޓާ މެދު ކުޑަ އޮޅުމެއް އަރާވަޑައިގަތީ ކަމަށް ފެނެ އެވެ. މި ސައިޓުގެ ފޮންޓަކީ، ފަރުމާ އެވެ. މި ފޮންޓު ސައިޓުގެ މަތީ ބަންދުގައިވާ ގޮޅިތަކުގެ ތެރޭން، މަތީބަންދުގައިވާ ފަނާ ޖެހިގެން އޮތް ގޮޅިން ޑައުންލޯޑް ކުރެއްވޭނެ އެވެ. ޝުކުރިއްޔާ!
...
ލިޔުނީ e losi, 2009-04-15 11:13:54
naseer vara molhu ok
...
ލިޔުނީ jil, 2009-04-23 08:00:19
ި މިކަހަލަ އިތުރު ލިޔުން ތަކަކަށް އިންތިޒާރުކުރަން. . .ރަނގަޅު ލިޔުމެއް. . ފުރަތަމަ ކިޔާލުމަކުން އަދި ވީނުވީ އެއް ނުވިސްނުނު. .އެކަމަކު ދެވަނަ ފަހަރަށް ބަލާލީމަ އެނގިއްޖެ.
...
ލިޔުނީ ޝަރު, 2009-05-14 09:39:32
ވަރަށް ފުރިހަމަ ލިޔުމެއް! މިކަހަލަ އެހެން ލިޔުން ތަކަކަށް އިންތިޒާރުކުރަން! އަޅުގަނޑުވެސް ވަރަށް ވާހަކަ ލިޔާހިއްވޭ! މިސައިޓަށް ވާހަކައެއް ފޮނުވަން ބޭނުންނަމަ ކިހިނެއް ހަދަންޖެހެނީ؟
...
ލިޔުނީ ޢަބުދުﷲ, 2009-05-28 00:29:40
ތާނައިން ލިޔާއިރު އަތޮޅުތަކަށް ނިސްބަތްވާ އަކުރުތަކުގައި ފިލިޖަހަހެއް ނޫޅެއެވެ. ވީމާ ސުރުޚީގައި އެވާ 'ބ' ގައި ފިލި ޖެހިގެންނުވާނެއެވެ . ބާ ދަރަވަންދޫ. ކާފު މާލެ، ސީނުހިތަދޫ މިހެން ލިޔެއެއް ނޫޅެއެވެ. ލިޔެއުޅެނީ ބ.ދަރަވަންދޫ، ކ.މާލެ، ސ. ހިތަދޫ މިގޮތަށެވެ.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2009-05-28 22:02:26
ޢަބްދުﷲ ފާޅު ކުރެއްވި ޚިޔާލަށް އިޙްތިރާމު ކުރުމާ އެކު އަޅުގަނޑުގެ ބަހެއް ވެސް ދަންނަވާލާ ހިތް ވެއްޖެ އެވެ. ތިޔަ ވިދާޅުވި ފަދައިން، ''ތާނައިން ލިޔާއިރު، އަތޮޅުތަކަށް ނިސްބަތްވާ އަކުރުތަކުގައި ފިލިޖަހައެއް ނޫޅެ އެވެ.'' މިއީ ވަރަށް ބޮޑު ތެދުފުޅެކެވެ. އެކަމަކު އެ ޖުމުލައާ ގުޅިގެން ''ވީމާ ސުރުޚީގައި އެވާ ''ބ''ގައި ފިލި ޖެހިގެން ނުވާނެ އެވެ.'' މި ހުށަހެޅުއްވުމާ މެދު އަދަބީ ނަޒަރަކުން އެއްޗެއް ދަންނަވާލާ ހިތްވީ އެވެ. ތިޔަ ވިދާޅުވި ފަދައިން، އަތޮޅެއްގެ ނަންލިޔުމުގެ ގަސްތުގައި އެ ޖުމުލަ ލިޔާނަމަ، ރަނގަޅު ގޮތަކީ ''ބ''ގައި ފިލި ނުޖެހުމެވެ. އެއީ އެ ޙާލަތުގައި އެކަން އޮތް ގޮތެވެ. އެ ނޫން ޙާލަތެއްގައި އެ ނޫން ސަބަބެއް އޮވެގެން އެ ފަދަ އަކުރެއްގައި ފިލި ނުޖެހޭނެއެކޭ ދެންނެވޭނެ ޢިލްމީ ހެއްކެއް އަޅުގަނޑަކަށް ލިބިފައެއް ނެތެވެ. އަދި ކިޔެއްތަ އަދަބީ ޢިލްމާއި، އަދީބުންގެ އަދަބީ އުފެއްދުންތަކުގެ މައްޗަށް ބަލާއިރު އެކަން އަޅުގަނޑަށް އަދި މި އަދާ ހަމަޔަށް ފެންނަން އޮތީ އޭގެ ދިމާ އިދި ކޮޅަށެވެ. ޙާލަތާއި ސަބަބު ބަދަލުވެއްޖެ ނަމަ އެފަދަ ބަދަލުތައް އައިސްފައިވަނީ މަދެއްކޮށެއް ނޫނެވެ. އެކަން ހިމެނިގެން ވަނީވެސް އަދަބީ އީޖާދުގެ ތެރޭންނެވެ. އަދަބީ ފިކުރުގެ އުފެއްދުންތެރިކަމުގެ ތެރޭންނެވެ.

މި ސާލު، އަލްއުސްތާޛުލް މަރުޙޫމު މުޙަންމަދު ޖަމީލުގެ ''ދިރިއުޅުމަކީ ހަނގުރާމަ އެކެވެ.'' މި ރޭޑިޔޯ ތަމްސީލުންވެސް ފެނިވަޑައިގަންނަވާނެ އެވެ. އޭގައި އުޅޭ އަބުލްޚައިރާއި، އުންމުލްޚައިރުގެ ޑައިލޮގްތައް ވިދާޅުވެލެއްވުން ރަނގަޅެވެ.

އަޅުގަނޑުގެ ޝުޢޫރު އެހެން ޢިބާރާތަކުން ވެސް ދަންނަވާލާނަމެވެ. އަލްއަޚު ޢަބްދުﷲ ފާޅު ކުރައްވާފައިވާ ޚިޔާލުގެ އަސްލަށް ބަލާއިރު، ތިޔަ ވިދާޅުވާ ވާހަކަ އަކީ، މުޅިން ބަރާބަރު ވާހަކަ އެކެވެ. އެހެނީ އަތޮޅެއްގެ ނަން ލިޔުމުގެ ގަސްތުގައި ލިޔާ ނަމަ އެ ޖުމުލަ ލިޔަން ޖެހޭނީ ޢަބްދުﷲ ދެއްވި އިރުޝާދާއި އެއްގޮތަށެވެ. އެކަމަށް އަޅުގަނޑު މުޅިން އެއްބަހެވެ. އެކަމަކު، ވިސްނާލައްވާށެވެ! އަޅުގަނޑުގެ ލިޔުމުގައި އޮތީ އެ މަޤުޞަދެއް ނޫނެވެ. ޙާލަތާއި މަޤުޞަދު ވަރަށް ތަފާތެވެ. އަޅުގަނޑުގެ ޖުމުލަ އަކީ، މަޖާޒީ ބުނުމެކެވެ. މީހެއްގެ ހިތުގެ ޝުޢޫރުން ރަމްޒުވާ އަސަރުތަކެއްގެ މައްޗަށް އެކުލަވައިލެވުނު ޢިބާރާތެކެވެ. އެހެންކަމުން އެ އަކުރުގައި ފިލި ޖެހީ އެވެ. ހަމަ ގަސްތުގަ އެވެ. ނަމަވެސް މަޒުމޫނުގެ ނިންމުމުގައި އެ އޮތީ ޙާލަތު ބަދަލުވެފައެވެ. ސަބަބު ބަދަލު ވެފަ އެވެ. އެއީ ޢަބްދުﷲ ތިޔަ ވިދާޅުވާ ޙާލަތެވެ. އެ މަޤާމެވެ. އެތާނގައި އެ ވަނީ އަތޮޅުގެ ނަންލިޔުމުގެ މާނައިގައި އަތޮޅުތަކެއްގެ ނަންތައް ހިމަނާފަ އެވެ. ބ. ގައިވެސް، މ. ގައިވެސް، ހއ. ގައިވެސް، ހދ. ގައިވެސް ފިލި ނުޖަހައެވެ.

މަޝްހޫރު އަދީބު، އަދި ޅެންވެރިޔާ މުޚުތާރު ފަހުމީ އޭނާގެ ދަރިކަލުންނަށް ހައްދަވައިދެއްވި ''ޖަރީ ރައިވަރު'' ލިޔުއްވާފައިވާ ގޮތާމެދުވެސް ވިސްނާލެއްވުން ރަނގަޅު ކަމަށް ފެނެ އެވެ.

ބާކިޔަސް ބާލިޔާތި
ބާރަށް ނިކަން ހިތުދަސްކުރާތި
ބާޔަކަށް ނަމަ ނަމަ ނުދާތި
ބާވަތާ ހަމަޔާ ބަލާތި
ބާރުލައި މޮޅަށް ކިޔަވާށޭ!
ބާ ކިޔަވައި މޮޅުވާށޭ!
...
ލިޔުނީ عبد المعيد حسن, 2009-06-05 16:23:49
ބައެއް މީހުން ކަންކަމާމެދު ވިސްނައި ފިކުރުކުރަނީ، އެންމެ ހަނި ދާއިރާގައެވެ. މިންތަކުގެ ތެރޭގައި އޮތީ އެންމެ ދެ މިނެއް ނޫނެވެ. ފުންމިނާއި ފުޅާމިނާއި އުސްމިނުގެ އިތުރުން އެހެން މިންތައް ވެސް ވެއެވެ. އެއްޗެއްގެ އެއްފަރާތުގައި ހުރެގެން އެއާދިމާއަށް ބަލާލީމާ ފެންނަ މަންޒަރު، އޭގެ ވަށައިގެން ހިނގާލީމާ ފެންނަ މަންޒަރާ ތަފާތުވާނެއެވެ. އަދި އޭގެ ތެރެއަށް ވަދެލީމާ ފެންނަ މަންޒަރު، ބޭރުން ފެނުނު މަންޒަރުތަކާ މުޅިން ތަފާތުވާނެއެވެ.

އަޅުގަނޑު ކިޔަވަން އުޅުނު ދުވަސްވަރު، ހިނގި ކަމެއްގެ ވާހަކަ ދަންނަވަންތޯއެވެ. ޅެންވެރިން ޅެމުގައި ކިޔާއެއްޗެއް، ބައެއް މީހުންގެ ނަޒަރުގައި ދީނާ އަރާރުންވާތީ، އެބައިމީހުން ކަންބޮޑުވެގެން އުޅުނެވެ. އެމައްސަލައަށް ފަރުވާއެއް ލިބުނީ، ފަޟީލަތުއްޝައިޚު ޝަޢުރާޥީ (ރަޙިމަހުﷲ) ގެ ފަތުވާއަކުންނެވެ. އެ ފަތުވާގައިވަނީ، ޅެންވެރިންގެ ޅެންތަކާމެދު ހަމައެކަނި ދީނީ ނަޒަރަކުން ބަލައިގެން ނުވާނެ ކަމަށެވެ.

ރައިވަރާއި ޅެމާއި މަޒުމޫނާއި ވާހަކަ ފަދަ އަދަބީ އުފެއްދުންތައް ދޭހަވާނީ އޭގެ ޙިއްސު ހުރި ބަޔަކަށެވެ. ރަހަލިބުމުގެ ޙިއްސު ލިބިފައި ނެތް މީހަކަށް، ކާބޯތަކެތީގެ މީރު ރަހަ އިޙުސްކުރެވޭނީ ކިހިނަކުންތޯއެވެ؟ ކާބޯތަކެތީގެ ރަހަތައް މީހަކަށް އިޙުސާސް ނުކުރެވޭތީ، މީރު ކާނާ އުފެއްދުން ހުއްޓައެއް ނުލާނެއެވެ. މިއީ ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ.

މަތީގައިވާ ލިޔުމުން އަޅުގަނޑަށް ދޭހަވީ، ތަސްވީރު ކުރެހުމުގައި ޕިކާސޯގެ ފިހި ހިނގާ ފަދައިން، އަދަބިއްޔާތުގައި އާދަމް ނަޞީރު އިބްރާހީމްގެ ޤަލަން ހިނގާކަމެވެ. މި ނުކުތާގައި ނަޖީބުގެ ޚިޔާލާ، އަޅުގަނޑުގެ ޚިޔާލު އެބަ ބައްދަލުވެއެވެ.
...
ލިޔުނީ Lucilla, 2009-06-19 11:08:15
vara salhi kureebai. ekamaku fahaka ais veegoi neygunuokey  
...
ލިޔުނީ މ.ޒ.އ, 2009-12-25 15:18:34
އަޅުގަނޑުގެ ނަޒަރުގައި ހއ.އަތޮޅުގައި ކުޅުދުއްފުށްޓެއް ނޮއޮންނާނެއެވެ. ވީމާ މަޒުމޫނު އެ ޖުމްލައިގެ ރަނގަޅު ގޮތަކީ ހދ.ކުޅުދުށްފުށިކަމުގައި ދަންނަވަމެވެ. އަދި މި މަޒުމޫނަކީ އުސްތާޛު ނަޞީރު ( ޝާޢިރުލް މަޤްޠޫލް ) ލިޔުއްވި ވަރަށް ފުރިހަމަ ލިޔުއްވުމެއް ކަމަށް ދަންނަވަމެވެ. އިބާރާތްކުރުން ވަރަށް ފުރިހަމައެވެ. އަދި ހަމަ ލިޔުމުން މިޔަދުގެ ޒުވާން ޖީލަށް އެތަކެއް އިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.
...
ލިޔުނީ sabnam, 2010-01-05 15:32:41
mi liyumuga haa alif kulhudhuffuttekey ney dho

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 65 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު


''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.''
- މުޙަންމަދު އަމީން-

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 750416
ބެލި ޢަދަދު: 12963