މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހަންޑި ގެންދިޔަ ޢަލީ |
|
|
| ދިވެހި - ވާހަކަ | |||
| 27 ޑިސެމްބަރ 2010، 14:12 ހޯމަ | |||
"ދެނަކާ ދެނެއް ކިޔާފައި މީހުންގަނޑު ޢަލީ ހޯދުމަށް ދުއްވައިގެންފި"މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ ޢަލީއަކީ ޢުމުރުން ދިހަބާރަ އަހަރު ވެފައިވާ ކުއްޖެކެވެ. ޢަލީއާއި އޭނާއާ އެކު އުޅޭ ޙަސަނުގެ މަސައްކަތަކީ ވަލުތެރޭގައި ވާންޖެހުމެވެ. އިރުއޮއްސި އަނދިރިވާއިރު ވެސް ވަލުން ނުނިކުންނަ ކިތައްމެ ދުވަހެކެވެ. ޙަސަނުގެ ގޯތީގައި ދެމީހުން ބަޔަށް ގެންގުޅޭ ދޫނިކޮށްޓެއް ވެސް ހުރެ އެވެ. ދެ ކުދިންނަށް ސްކޫލަށް ދެވެނީ ވެސް ވަރަށް މަދު ދުވަހަކު އެވެ. ސްކޫލަށްދާ ދުވަހަކު ވެސް ސްކޫލުން އަންނަގޮތަށް ފޮތް ދަބަސް އެއްލައިލާފައި، ހުރިއެއްޗެއް ހުރިތަނަކުން ނަގައި ކައިގެން
ވަކަބޮނޑި ހިފައިގެން ވާންޖަހަން ހިނގައިދެ އެވެ. ބައެއްފަހަރު ޢަލީ ހޯދަން ޙަސަނު ޢަލީ ގޭދޮށަށް އާދެ އެވެ. އަނެއްބައިފަހަރު ޙަސަނު ހޯދަން ޢަލީ ވެސް ޙަސަނުގެ ގޭދޮށަށް ދެ އެވެ. މިކަން ހުއްޓޭތޯ ޢަލީގެ މަންމަ ފާތުމާ އަބަދު ވެސް ނަސޭހަތްދެމުން ދެ އެވެ. ޢަލީގެ މަންމަ ބުނެ އެވެ. އަހަރެންގެ ކާފަ އަހަރެން ކުޑައިރު ބުނިހަނދާން އެބަހުއްޓެވެ. އިރު އޮއްސޭއިރު ވަލުތެރޭ ކައިރި ތަންތަނާއި، ގޮނޑުދޮށާއި، ހުސްބިންތަކުގައި، ކުޑަކުދިން ކުޅެން އުޅޭކަށް ނުވާނެ އެވެ. އިރުއޮއްސުމުން ދުވާލުގެ ލަސްކަރުތައް އޭގެ ހާލިތަކަށް ވަދެ ރައްކައުތެރިވާނެ އެވެ. މިހެން ދުވާލުގެ ލަސްކަރުތައް އިރުއޮއްސުމާއެކު ރައްކައުތެރިވަނީ ރޭގަނޑުގެ ލަސްކަރުތަކަށް ތަން ދިނުމަށެވެ. އެއީ ޤުދުރަތުން ހަމަޖެހިފައިވާ އުޞޫލެވެ. އެކަމަކު އިންސާނުންގެ ތެރެއިން ގިނަ ބަޔަކު އެކަން ނުދަންނަނީ އެވެ. އެކަމަކު މީހުން ވެސް ރޭގަނޑުގެ އަނދިކަން ގަދަވީވަރަކަށް ވައްތަރަކު ހިތްބިރުގަތުމެއް ވާކަން ވަރަށް ގިނަ ބަޔަކު ދަންނާނެ އެވެ. އިރު އޮއްސުމާއެކު ރޭގަނޑުގެ ލަސްކަރުތަކަށް ވަގުތު ލިބުނީ އެވެ. އިރު އޮއްސި އަނދިގަންނަ ވަގުތަކީ ބިރުހުރި ނުބައި ވަގުތެކެވެ. އިރު އޮއްސިގަންނަ ރޭއަނދިއާއި އެކު ޖިންނި ޝައިޠާނުންތައް ބިމުގައި ފެތުރިގަންނާނެ އެވެ. އެ ވަގުތު މީހުންނަށް ޖެހިފައިހުރި ބަލާއާފާތްތައް ވަރަށް ގިނަ އެވެ. މިހަރަ މިހަރަ ކަންތައްތަކާމެދު އެންމެ ރަނގަޅު ގޮތަކީ އިރު އޮއްސުމާއެކު މަޣުރިބު ނަމާދަށް ދިއުމެވެ. ނަމަވެސް ޢަލީ ކުޑަކޮށް ވެސް މިވާހަކައެއް ނާހަ އެވެ. އޭނާ އެ އުޅޭގޮތައް އުޅެމުން ދެ އެވެ. އެއްދުވަހަކު އިރު އޮއްސުނުތާ ކުޑައިރުކޮޅެއް ފަހުން، ތަންކޮޅެއް ދުރުގައި ހުރެފައި ޙަސަނު އަތުން ހަނާއަޅާލައިފައި، އަންނަން އިޝާރާތް ކޮށްލި އެވެ. ޢަލީ ދެކޮޅު ހޯދައި ބަލައިލާފައި ޙަސަނާ ގާތަށް ދާން ހިނގައިގެންފި އެވެ. ޢަލީ ހިނގިއެއްކަމަކު ޙަސަނަކާ އަރާ ހަމައެއް ނުވެ އެވެ. ޙަސަނު ވެސް ދަނީ ކުރިއަށެވެ. ވަގުތާއެކު ހިނދަކަށްވުރެ ހިނދެއް އަނދިވަމުން އާދެ އެވެ. ޙަސަނުގެ ފަހަތުން ޢަލީ ވެސް ދެ އެވެ. ދަމުން ދަމުން ގޮސް އެ ދެކުދިން ވާންޖަހާފައިވާ ތިރި ކަނޑޫފަލު ކައިރިއަށް ގޮސް ކުޑަ ބުރެވި ވަލުތެރޭގައި ޖަހާފައިވާ ވާނެއްގައި ޖެހިފައިވާކަމަށް ހީކުރެވޭ ކުޅީކުކުޅެއް ތެޅިގެން ހަލޭލަވައިގެންފި އެވެ. ޙަސަނު ވެސް އެ ދިމާއަށް ދުއްވައިގެނފި އެވެ. ޢަލީ ވެސް ޙަސަނުގެ ފަހަތުން އެ ދިމާއަށް ދުއްވައިގެންފި އެވެ. ކުޑަބުރެވިކޮޅު ތެރެއަށް ވަނުމާއެކު ޙަސަނު ގެއްލިއްޖެ އެވެ. ޢަލީގެ ބޮލަށް ވައްތަރެއްގެ އެނބުރުމެއް އެރިހެން ހީވި އެވެ. ދެންވީގޮތެއް ނޭނގުނެވެ. ލޮލަށް ފެންނަނީ ޚިޔާލަށް ސިފަކުރަން އުނދަގޫ މަންޒަރު ތަކެކެވެ. ދިއްލައި އަލިކޮށްފައިވާ ބޮޑުބަގީޗާއެއްގެ ތެރޭގައި ހުރި ޒީނަތްތެރި ގަނޑުވަރެކެވެ. އެ ގަނޑުވަރުކޮޅުގައި ކޮޅުކޮޅުމަށްޗަށް ހަރަކާތްތެރިވާ ޕަރީޒާދުން ތަކެވެ. ކުލަކުލައިގެ އަލި ދިއްލުން ތަކުން ޒީނަތްތެރިކުރާ ބިއްލޫރި ބަނޑިޔާތަކެވެ. ކުއްލިއަކަށް ފެނުނީ ޕަރީޒާރުން ތަކެއް ލަވަކިޔަމުން ނަށަމުން އޮނު ފުމެމުން ޢަލީގެ ކައިރިއަށް އަންނަތަނެވެ. އެތަނުން ދެ ޕަރީޒާދުން އައިސް ޢަލީގެ ދެއަތުގައި ހިފައިފި އެވެ. ޢަލީގެ ގައިގައި ޖަރީގެ ރީތި ހެދުމެއް އަޅުވައިފި އެވެ. ތުއްރަވާސްޖެހި ރަނާއި ޖަވާހިރުގެ ތާޖެއް ބޮލުގައި ބަހަށްޓައިފި އެވެ. ހަތަރު ޕަރީޒާރުން އައިސް ޢަލީ ރީތި ތަޚްތެއްގައި ''ވަޑުވައިފި'' އެވެ. ތަޚްތުގެ މަޑުކަމާއި ފިނިކަމުން ހީވީ ހަށިގަނޑުގެ ތިރީބުރި ތަޚްތުގެ ތެރެއަށް ގެނބިގެން ދިޔަހެންނެވެ. ޢަލީ އިން ތަޚްތުގެ ދެ ފަރާތުން ދެ ޕަރީޒާދުން އައިސް ސާމަރާކުރަން ފަށައިފި އެވެ. ދެން ފެށުނީ ޕަރީޒާދުންގެ މުޖުރާގެ ކުޅިވަރެވެ. މަޣުރިބު ނަމާދުން ފޭބި ފަހުން ޢަލީގެ މަންމަ (ފާތުމާ) ޢަލީ ނުފެނިގެން އުޅެނިކޮށް ކޮންމެވެސް މީހަކު ޢަލީ އިރުއޮއްސި އަނދިރިވީ ވަގުތު އެކަނިމާއެކަނި ވަލުތެރެއާއި ދިމާއަށް ދިޔަކަމަށާއި އަދި ޢަލީ ދިޔައީ ކާސިންބޭ ރުއްދަނޑު މަގުން ތިރި ކަނޑޫފަލާދިމާއަށް ކަމަށް ބުނެގެން، ދެނަކާ ދެނެއް ކިޔާފައި މީހުންގަނޑު ޢަލީ ހޯދުމަށް ދުއްވައިގެންފި އެވެ. ބައެއް މީހުން ޔޯ ގޮވައިފާ ހަޅޭލަވަމުން އެތަން މިތަން ހޯދަމުން ދެ އެވެ. އަނެއް ބަޔަކު ގޮވަނީ އޯނ ޔޯނ ކަލޯ އައްޔޯ ގޮވަމުން ހޯދާއިރު އަނެއް ބަޔަކު ސަންގުފުމެމުން ވަލުތެރެއަށް އަލިކުރަމުން ޢަލީ ހޯދަނީ އެވެ. އެއްބަޔަކު ބޮޑު ތަކުބީރު ގޮވަމުން އަނެއް ބަޔަކު އަމާން ބަންގި ގޮވަމުން ތަންތަން ހޯދަނީ އެވެ. މިއަޑު ޢަލީގެ ކަންފަތުގައި ޖެހުމާއެކު ކަންވެރިން އެބުނާ ޖިންނިވަރާވެރި ކަމުގެ ކަންތަށް ގަނޑު އޭނާގެ ލޯމަތިން ފިލައިގެން ހިނގައްޖެ އެވެ. ޢަލީ ރޮއިގަތް އަޑު އިވިގެން އެދިމާއަށް ބަޔަކު ހަޅޭލަވަމުން އަލިކުރަމުން ދުއްވަގެންފި އެވެ. ޢަލީ އިނީ އެތެރޭގައި ބާހެދި ގިރިފައިވާ ފީ ރުއްބުޑެއްގެ ތެރެއަށް ގަނބައިގެންފަ އެވެ. ބުރިކަށްޓާއި އެތަން މިތަން މެށި ލޭ އާދެ އެވެ. ޢަލީ ރުއްބުޑުން ނަގައިގެން ގެނެސް ފެންވަރުވައި ތާހިރުކޮށް ފިއެވެ. މީގެފަހުން މީނާ އަށް މީހުން ކިޔަނީ ހަންޑި ގެންދިޔަ ޢަލީ އެވެ. މި ހާދިސާއަށްފަހު ޢަލީ ކޮންމެ ދުވަހަކު ވެސް އިރު އޮއްސި ބަންގި ގޮވުމުގެ ކުރީގައި ވުޟޫކޮށްގެން، މިސްކިތަށް ދިއުން އާދަކޮށްފި އެވެ. މަޣުރިބު ނަމާދު ކޮށްގެން ކޮންމެ ރެއަކު يس سورة އާއި تبارك سورة ކިޔަވަ އެވެ. ބައެއް ރޭރެއަށް ވަގުތު އޮތިއްޔާ ސްކޫލު ފިލާވަޅުތައް ވެސް ދަސްކުރެ އެވެ. (ނިމުނީ) ފޮޓޯ: އަޙްމަދު އަޒުލީމު http://www.flickr.com/photos/azaphotography/page6 މި ލިޔުން؛ ފޮނުވުން: އަލްފާޟިލް މުޚްތާރު ޢަބްދުއްރަޙްމާނު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) ޓައިޕުކުރުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ) އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) ޝާއިޢުކުރުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|