މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަންމަގެ ލޯބި |
|
|
| ދިވެހި - ވާހަކަ | |||
| 12 ފެބްރުވަރީ 2011، 00:00 ހޮނިހިރު | |||
މުޙަންމަދު ޝާހިދު ޙަލީމް މިއީ، 1985ވަނަ އަހަރުގެ ޤައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ލިޔުނު ވާހަކައެކެވެ. މި ވާހަކަ އެ މުބާރާތުން ދެވަނަ ހޯދިއެވެ.****** ރަންވޭއާ ވަކިވުމުގެ ސަލާން ކޮށްލައިފައި ބޯޓު ޖައްވުގެ ތަނަވަސްކަމުގެ ތެރެއަށް އުދުއްސައިގެންފިއެވެ. ބޯޓުގެ ކުޑަދޮރުން ފެންނަމުން ދިޔަ ޝްރީލަންކާގެ މަންޒަރުތައް ދުރުވަމުން ދުރުވަމުން ގޮސް، ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ލޮލަށް ގެއްލިއްޖެއެވެ. ސަލީމު ގޮނޑީގެ ކަމަރު ދޫކޮށްލައިފައި ކައިރީގައި ހުރި އަތްދަބަހުން މަޖައްލާއެއް ނަގައިފިއެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު މަޖައްލާގެ ގަނޑުތައް އުކަން ފަށައިފިއެވެ. ކިޔާހިތްވާ ކަހަލަ މަޒުމޫނެއް ނެތީ ވެސް ކަން ނޭނގެއެވެ. ދެ ފަހަރަކު ދެކޮޅަށް ގަނޑުތައް އުކައިލުމަށްފަހު މަޖައްލާ އުނގުމަތީގައި ބާއްވައިފައި އަނެއްކާވެސް ކުޑަދޮރުން ބޭރު ބަލަންފަށައިފިއެވެ. ..... ސަލީމަކީ މާލޭގެ އާދައިގެ ފެންވަރެއްގެ އާއިލާއެއްގެ ކުއްޖެކެވެ. އުމުރުން ދިހަ އަހަރުގައި ބައްޕަގެ އެހީތެރިކަމުގެ އަތް ބޯމަތީން ނެގުނީއްސުރެން އޭނާއާއި އޭނާއަށް ވުރެން ފަސް އަހަރު ހަގު އަންހެން ކޮއްކޮ ބަލައި ބޮޑުކުރީ ހަމައެކަނި މަންމައެވެ. އެހެން އެއްވެސް ފަރާތެއްގެ އެހީއެއް ނެތިއެވެ. ބައްޕަ ދުނިޔެ ދޫކުރެއްވި އިރު، ރީތި ތަނަވަސް ގެއެއް، ޒަމާނީ ހިފާގެންގުޅޭ ތަކެއްޗެއް، އަދަދު ގިނަ ބެންކުބާކީއެއް އެ މީހުންނަކަށް ދުލެއްނުކުރައްވައެވެ. ދޫކުރެއްވީ ހަމައެކަނި ބޯދާގެއަކާއި، ދުވަސްވީ މަދު އަދަދެއްގެ ފަރުނީޗަރުކޮޅަކާއި، ބާވެފައިހުރި ގެވެހި ކަންވާރުކޮޅެކެވެ. ނަމަވެސް މަންމަ އެ ކުދީންނަށް ކާންދިނެވެ. އަންނައުނު ހޯދައިދިނެވެ. ބަލިވެއްޖެ ނަމަ ބޭސްކޮށްދިނެވެ. ކިޔަވައިދިނެވެ. މި ހުރިހައި ކަމަކަށް ފައިސާ ހޯދީ މަންމަ މަސައްކަތްކޮށްގެންނެވެ. ފަހައިގެންނެވެ. ހިސާބުގަނޑުގެ މީހުންނަށް ހެޔޮއަގުގައި ކުޑަކުދީންގެ އެއްޗެހި ފަހައިދީގެންނެވެ. ސަލީމުމެންނަށް ހަމަ ކޮންމެ ރެއަކު ވެސް ނިދޭނީ ފަހާފޮށީގެ ނާނާގެ އަޑަށެވެ. ހަމަ އެހެންމެ ކޮންމެ ދުވަހަކު ވެސް ހޭލެވޭނީ ފަހާފޮށީގެ ސޯނާގެ އަޑަށެވެ. ސަލީމާއި ސަލީމާ ކިޔެވީ މަޖީދިއްޔާއިންނާއި އަމީނިއްޔާއިންނެވެ. ލަންޑަން ޖީ.ސީ.އީ. ހެދުމަށްފަހު ސަލީމު ދިޔައީ ސްކޮލަރޝިޕެއްގައި އޮސްޓްރޭލިޔާއަށެވެ. މުދައްރިސުކަން އުނގެނޭށެވެ. އޭނާ އޮސްޓްރޭލިޔާއިން އެނބުރި އައި އިރު ސަލީމާ ވީ ޕާކިސްތާނުގައެވެ. ނަރުސްކަން ދަސްކުރާން ގޮހެވެ. ކިޔެވުން ނިންމައިފައި ސަލީމު މާލެ އައި އިރު އޭނާ ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ދިވެހީންގެ އަންނައުނު، ދިވެހީންގެ ކެއުން ބުއިން، ދިވެހީންގެ ދިރިއުޅުން، ކުރުކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖެއާއި ދިވެހީންގެ އާދަކާދަ އޭނާއަކަށް ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ރަނގަޅީ އެންމެ ދެތިން އަހަރު ހޭދަކޮށްލައިފައި އައި އޮސްޓްރޭލިޔާއާއި އެ ތާނގެ އާދަކާދައެވެ. އޭނާގެ ހިތުގައި އުފެދިފައި ވަނީ ރާއްޖެ ދޫކޮށް އޮސްޓްރޭލިޔާއަށް ދިއުމުގެ އެދުމެވެ. މި ކަމަށް ހުރަސް އެޅޭ އޮތީ ދެ ސަބަބެކެވެ. އެއް ސަބަބަކީ ސަރުކާރަށް ޚިދުމަތްކޮށްދޭން ޖެހޭ ފަސް އަހަރެވެ. އަނެއް ސަބަބަކީ މަންމަގެ ލޯތްބެވެ. ވުމާއެކު ސަލީމު ރާވަމުން ގެންދިޔައީ ސަރުކާރަށް ޚިދުމަތްކޮށްދޭން ޖެހޭ މުއްދަތު ހަމަވީމާ އޭނާ ރާއްޖެ ދޫކޮށް އޮސްޓްރޭލިޔާއަށް ދިއުމަށެވެ. އެއަށްފަހު އެ ތަނުން ވަޒީފާއެއް ހޯދައި، ހުންނާނެ ތަނެއް ލިބުމުން މަންމައާއި ކޮއްކޮ ވެސް ގެންދިއުމަށެވެ. ކޮންމެއަކަސް އޭނާ ކަންތައް ކުރީ އެ ގޮތަށެވެ. ސަރުކާރަށް ޚިދުމަތްކޮށްދޭން ޖެހޭ މުއްދަތު ހަމަވުމާއެކު ވިދިގެން އައި ޗުއްޓީގައި އޭނާ އޮސްޓްރޭލިޔާއަށް ހިނގައްޖެއެވެ. ސަލީމަކީ ވަރަށް ފެންވަރު ރަނގަޅު ކުއްޖަކަށް ވުމާ އެކު އޭނާއަށް ކިޔަވައިދިން ބައެއް މުދައްރިސުންގެ އެހީގައި ވަރަށް ފަސޭހައިން އޭނާއަށް ޓީޗަރެއްގެ ވަޒީފާ ލިބިއްޖެއެވެ. އަދި ހުންނާނެ ތަނެއް ވެސް ލިބިއްޖެއެވެ. .... "އެކްސްކިޔުޒްމީ" ރީތި އަންހެނީ އަޑެއް، ސަލީމު މާޒީގެ ދުނިޔެއިން ހާލުގެ ދުނިޔެއަށް ގެނެސްދީފިއެވެ. އޭނާ މޫނު އަނބުރައިލައިފައި، އަޑު އައި ދިމާއަށް ބަލައިލިއެވެ. އެއީ ބޯޓުގެ އެއަރ ހޮސްޓެހެކެވެ. އޭނާ ސަލީމާ ދިމާއަށް ބަލައިލައިފައި ފަރި ގޮތަކަށް ހީނލިއެވެ. ދެން ސަލީމުގެ ކުރިމަތީގައި ހުރި ސީޓުގެ ފަހަތުގައި ހަރުކޮށްފައި ހުރި ކުޑަ މޭޒު ހުޅުވައިލުމަށްފަހު މޭޒުމަތީގައި ޖޫސްތަށްޓެއް ބަހައްޓައިފައި، އަނެއް ފަރާތު ސީޓުގައި އިން ދަތުރުވެރިޔާއާ ދިމާއަށް އެނބުރިއްޖެއެވެ. ސަލީމު ޖޫސްތަށްޓަށް ބަލައިލިއެވެ. ތަށީގެ ތެރެއިން، އެއަރ ހޮސްޓެހުގެ ހިނިތުންވެފައި ހުރި ރީތި މޫނު އޭނާއަށް ފެނުނު ކަހަލައެވެ. ނޫނެކެވެ. އެއީ އެއަރ ހޮސްޓެހުގެ މޫނެއް ނޫނެވެ. ސޫޒަންގެ ހިނިތުންވެފައި ހުރި މޫނެވެ. ދެވަނަ ފަހަރަށް އޮސްޓްރޭލިޔާއިން ބައްދަލުވީ ހިނދު ފޮޅިގެން ދިޔަ، އޭނާއާ އެކު ކިޔަވާން އުޅުނު ސޫޒަންގެ މޫނެވެ. ސޫޒަންގެ މޫނުމަތީގެ ހިނިތުންވުން މަޑުމަޑުން ގެއްލިއްޖެއެވެ. މިހާރު ސަލީމަށް ފެންނަނީ ސޫޒަންގެ ހިތާމަވެރި މޫނެވެ. އޭނާ ދެވަނަ ފަހަރަށް އޮސްޓްރޭލިޔާ ދޫކޮށް ރާއްޖެ އައުމަށް ފުރި ދުވަހު މިލައިގެން ދިޔަ ސޫޒަންގެ މޫނެވެ. ނޫނެކެވެ. އެއީ ސޫޒަންގެ މޫނެއް ނޫނެވެ. އެއީ ޙަސީނާގެ މޫނެވެ. ސަލީމުގެ އެކުވެރި މުޙަންމަދުގެ ކޮއްކޮ ޙަސީނާގެ ހިތާމަވެރި މޫނެވެ. ސަލީމު ރާއްޖެ ދޫކޮށް އޮސްޓްރޭލިޔާއަށް ފުރި ދުވަހު "ނިވިގެން" ދިޔަ ޙަސީނާގެ މޫނެވެ. ސަލީމު ފުން ނޭވާއެއް ލިއެވެ. ދެން ޖޫސްތަށި ނަގައިފައި އެތިފޮދުފޮދުން ބޯން ފެށިއެވެ. ..... އެއަރ ހޮސްޓެސް ހުސް ތަށި ނެގުމުން ސަލީމު މޭޒު ލައްޕައިލައިފައި ކައިރީގައި ހުރި ދަބަހުން ސިނގިރެޓުފޮށްޓާއި ލައިޓަރު ނެގިއެވެ. ފޮށީން ސިނގިރެޓެއް ނަގައި ތުނބުގައި ޖެހުމަށް ފަހު، ލައިޓަރުން ރޯކޮށްލައިފައި، ސިނގިރެޓުފޮށްޓާއި ލައިޓަރު ދަބަހަށް ލިއެވެ. ސީޓުގައި ރަނގަޅަށް ލެނގިލައިފައި ދެފައި ދަމައިލިއެވެ. ދެން ދެލޯމަރައިލިއެވެ. ..... އިރުކޮޅެއް ވަންދެން ލޯމަރައިލައިގެން ހަމަހިމޭނުން އިނުމަށްފަހު، ލޯހުޅުވައިލައިފިއެވެ. ސީޓުގައި ތެދަށް އިށީނދެލުމަށްފަހު، ޖީބުން ސިޓީއެއް ނަގައިފިއެވެ. އެ ސިޓީއަކީ އޭނާގެ ނިންމުން ބަދަލުކޮށްލުވި ސިޓީއެވެ. އޮސްޓްރޭލިޔާ ދޫކޮށް ރާއްޖެ އައުމަށް އޭނާ އެދުންވެރިކުރުވި ސިޓީއެވެ. އެ ސިޓީ، އޭނާގެ ހިތުގައި ކުރިން ދިއްލިފައި ނެތް ހުޅުކޮޅެއް ދިއްލައިދިނެވެ. ކުރިން އިޙްސާސްކުރެވިފައި ނެތް ތެޅުމެއް އިޙްސާސްކުރުވައިދިނެވެ. އޭނާ ފަރުވާތެރިކަމާއެކު ސިޓީއަށް ބަލައިލިއެވެ. ދެން ސިޓީ ނިއުޅައިލުމަށްފަހު ކިޔާން ފަށައިފިއެވެ. "ލޯބިވާ ދަރިފުޅަށް ވަރަށް ގިނައިން ހެޔޮ ދުޢާ ސަލާމް، ދަރިފުޅު ފޮނުވި ސިޓީ ލިބިއްޖެއެވެ. މަންމަ ވަރަށް އުފާކުރަމެވެ. އެއީ ތިޔަހައި ބޮޑަށް ދަރިފުޅު މަންމަ ދެކެ ލޯބިވާތީއެވެ. މަންމަޔާ ދުރުގައި ނޫޅެވޭ ވަރަށް މަންމަ ދެކެ ލޯބިވާތީއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެހެނީ، ދަރިފުޅުމެން ބަލައި ބޮޑުކޮށްފައި ތިޔަ ތިބީ، މަންމައަކީ ދަރިފުޅުމެންގެ ބައްޕައާއި މަންމައަށް ވެގެންނެވެ. ބައްޕަ ނެތުމުގެ އުނިކަން – ކެއުންބުއިމުގެ ގޮތުން ވިޔަސް، އަންނައުނުގެ ގޮތުން ވިޔަސް، ނުވަތަ ކިޔަވާ ފޮތްފަންސުރުގެ ގޮތުން ވިޔަސް، ފަހަރެއްގައި ވެސް ދަރިފުޅުމެންނަށް އިޙްސާސްވިޔަނުދީއެވެ. ދަރިފުޅުމެން ބަނޑުބޮޑުކުރުވައިފައި ބައިތިއްބީ، ބައެއް ފަހަރަށް މަންމަ ރޯދަހިފައިގެންނެވެ. ދަރިފުޅުމެންނަށް ޔުނިފޯމާއި ރީތި ހެދުން ހޯދައިދިނީ މަންމައަށް އަލަށް ހެދުމެއް ނުހޯދައެވެ. ދަރިފުޅަށް މަންމައާ ވަކިން ނޫޅެވޭނެ ފަދައިން މަންމައަކަށް ވެސް ދަރިފުޅުމެންނާ ވަތްކަކުން ނޫޅެވޭނެއެވެ. ދަރިފުޅުމެން ދެ ކުދީންނަކީ މަންމަގެ ދެ ލޮލުގެ ދެ ނޫރެވެ. އެ ތަނުން އެއް ނޫރު ކެނޑުނަސް މަންމައަކަށް އެ ކަމަކަށް ކެތެއް ނުކުރެވޭނެއެވެ. ދަރިފުޅުމެން ދެ ބޭންނަކީ މަންމަގެ ދެ އަތެވެ. ދެ ފައި މެއެވެ. އެ ތަނުން އެއް އަތް ނެތުނަސް، އެއް ފައި ބޭކާރުވިޔަސް މަންމައަކަށް އެ ކަން ބަރުދާހެއް ނުކުރެވޭނެއެވެ. އެހައި ވަރަށް ތިޔަ ކުދީންދެކެ މަންމަ ލޯބިވަމެވެ. ނަމަވެސް ..... ނަމަވެސް މަންމަ ދަރިފުޅު ގާތަށް ދިއުމަށް ހުރަސްއަޅާ މާ ވަރުގަދަ އެހެން ލޯތްބެއް މަންމަގެ ހިތުގައި އެބަ އޮތެވެ. އެއީ މަންމަގެ ލޯތްބެވެ. މަންމަގެ މަންމަގެ ލޯތްބެވެ. ދަރިފުޅަށް ދަރިފުޅުގެ މަންމައާ ވަކިވެވެން ނެތް ފަދައިން މަންމައަށް ވެސް މަންމަގެ މަންމައާ ވަކިވެވޭކަށް ނެތެވެ! މަންމަގެ މާދަރީ ބިން ދޫކޮށްލެވޭކަށް ނެތެވެ. މަންމަ އުފެދިބޮޑުވި ރާއްޖެ ދޫކޮށްލެވޭކަށް ނެތެވެ. ދިވެހިރާއްޖޭގެ ބިމުގެ ކޮންމެ ވެލިފުކެއް ދެކެ މަންމަ ލޯބިވަމެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ކޮންމެ ލޮނުތިއްކެއް ދެކެ މަންމަ ލޯބިވަމެވެ. ދިވެހިރާއްޖެއަށް ނިސްބަތްވާ ކޮންމެ އެއްޗަކާއި ކޮންމެ ކަމެއް ދެކެ މަންމަ ލޯބިވަމެވެ. މަންމަގެ އުމުރުގެ ކޮންމެ ސިކުންތެއް ވަނީ މި ބިމާ ގުޅިފައެވެ. މަންމަ އުފަންވީ މި ބިމަށެވެ. އުޅެބޮޑުވީ މި ބިމުގައެވެ. މަންމަ މަރުވެގެން ވަޅުލެވެން އެދެނީ ވެސް މި ބިމުގައެވެ. މަންމަގެ މަންމަގެ އުނގުގައެވެ. ދަރިފުޅާއެވެ. މަންމަ ވަރަށް ދެރަވެއްޖައީމެވެ. އެއީ ދަރިފުޅުގެ ހިތުގައި އުފެދިބޮޑުވި ވަޒަނަށް ލޯތްބެއް ނެތީމައެވެ. ކުލުނެއް ނެތީމައެވެ. ދަރިފުޅު ހީކުރަނީ، ފަސް އަހަރު ސަރުކާރަށް ޚިދުމަތްކޮށްދިނީމާ ތިމާގެ ވާޖިބު ފުރިހަމަކުރެވުނީ ކަމަށް ހެއްޔެވެ؟ ތިމާގެ ބޮލުގައި އެޅިފައިވާ ދަރަނި އަދާކުރެވުނީކަމަށް ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނެއް ނޫނެވެ. ދަރިފުޅުގެ ހަޔާތުގެ ކޮންމެ ސިކުންތަކީ ދަރިފުޅުގެ ޤައުމަށްޓަކައި، ޤައުމުގެ ތަރައްޤީއަށްޓަކައި ހޭދަކުރެވެންވާނެ ސިކުންތެކެވެ. ދަރިފުޅު ލާ ކޮންމެ ނޭވާއަކީ ދަރިފުޅުގެ ވަޒަނަށް ޓަކައި، ވަޒަން ދިރިދެމެހެއްޓުމަށް ޓަކައި ލެވެންވާނެ ނޭވާއެކެވެ. ދަރިފުޅު ވިސްނައިލަބަލާށެވެ! މިއަދު ދަރިފުޅުގެ ޤައުމު އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ދަރިފުޅުމެން ކަހަލަ ކިޔަވައިގެން ތިބި ޒުވާނުންނަށެވެ. ޤައުމަށް ބޭނުން މީހުން އުފައްދައިދޭނެ، ޤައުމުގެ ޅަދަރީންނަށް ކިޔަވައިދޭނެ ތިޔަ ކަހަލަ ޒުވާނުންނަށެވެ. ދަރިފުޅުގެ އަމިއްލަ ވަޒަނުގެ ދަރީންނަށް ކިޔަވައިނުދީ، ބޭރު ތަނެއްގެ ކުދީންނަށް ކިޔަވައިދިނުމަކީ، އަމިއްލަ ވަޒަނުގެ ވަރަށް ބޮޑު ޙައްޤެއް ބޭރު ބަޔަކަށް ލިބިދިނުމެވެ. އެއީ ދަރިފުޅު ކިޔަވައިގެން ތިޔަ ހުރީ، އަމިއްލަ ވަޒަނުގެ ދަރީންނަށް ކިޔަވައިދޭނެ މީހަކު، އުނގެނެން ލިބުނު ފުރުޞަތެއްގެ ބޭނުން ހިފައިގެން ކަމަށް ވީތީއެވެ. ދަރިފުޅާއެވެ! މަންމަ މިހެން ބުނާ ހިތެއް ނުވެއެވެ. އެކަމަކު މަންމަޔާ ދުރުގައި ނޫޅެވޭހައި ބޮޑަށް ދަރިފުޅު، މަންމަ ދެކެ ލޯބިވާ ކަމުގައި ގަބޫލުކުރަން މަންމައަށް ވަރަށް ދައްޗެވެ. އެއީ ތިމާއާއި، ތިމާގެ މައިންބަފައިންނާއި، ތިމާގެ ކާބަފައިންގެ މާދަރީ ބިމަށް ދަރިފުޅުގެ ހިތުގައި ކުޑަވެސް ލޯތްބެއް ނެތީތީއެވެ. ..... "އެޓެންޝަން ޕްލީޒް..." ސަލީމުގެ ސަމާލުކަން ކިޔާން އިން ސިޓީން، އަޑުގަދަކުރާއިން އިވެން ފެށި އަޑަށް ބަދަލުވެއްޖެއެވެ. އާދެ، މާ ލަސްތަކެއް ނުވެ، މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ބޯޓު ތިރިކުރަނީއެވެ. ހުރިހައި ދަތުރުވެރީން ވެސް ގޮނޑިގޮނޑީގައި އިށީނދެ ކަމަރުއެޅުމަށް އަންގަނީއެވެ. ..... ސަލީމު ކުޑަދޮރުން ބޭރު ބަލައިލިއެވެ. ކުރިމަތީގައި ފެންނާން އޮތީ ދިވެހިރާއްޖޭގެ ރީތި ފެހި ރަށްތަކެވެ. ތިލަފަޅުތަކާއި ފުން ކަނޑުތަކެވެ. އިއްޔެއާ ހަމައަށް ސަލީމުގެ ހިތުގައި އެއްވެސް ލޯތްބެއް ދެވިފައިނުވާ އެހެންނަމަވެސް މިހާރު އޭނާ ނުހަނު ލޯބިވާ އަމިއްލަ ވަޒަނެވެ. އުފަން ބިމެވެ. އޭނާގެ ވެސް، އޭނާގެ މަންމަގެ ވެސް، އަދި ހުރިހައި ދިވެހީންގެ ވެސް "މަންމަ"އެވެ. ------------------ (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (13)
![]()
...
ލިޔުނީ hamee, 2011-02-12 16:12:20
miliumugai kungina kan faahaga kurevunu ekamaku iburaitheri vaahakaeh
...
ލިޔުނީ ބޭބެ, 2011-02-13 06:25:15
މަތިނަދާބޯއްޓުގައި ސިގިރޭޓްބޮވޭކަމެއް މީގެކުރިޔަކުންނޭގެ، ކިހިނެއްބާ އަތްދަބަހަށް ލައިޓަރެއްލައިގެން މަތިންދާބޯއްޓަށް އެރުނީ!
85 ގަ ކަންހިގަނީ އެހެންތޯއްޗެ. އެކަމަކު މިވާހަކައަށް އެއްވަނަލިބުނީތީ ހައިރާންވަން.
...
ލިޔުނީ ނުސާ, 2011-02-14 01:36:42
ތިޔަވާނީ، މަތިގަނޑު ނުޖަހާ އުޅަދެއްކަމަށް. 63މަރުކާގެ މަތިންދާ ބޯޓެއް ކަންނޭނގޭ...!! އެވްރެޖް ގޮތެއްގައި ވާހަކަ ވަރަށް ސަޅި. އަދި ވަރަށް ބޮޑު ހަގީގަތެއްމެ ފާހަނގަވެސް ކުރެވިއްޖެ. ދިވެހިންގެ ދިވެހިވަންތަކަމުގެ އަސަރު ފޮހިވިގެން ދިޔުން މާލަސްތަކެއްނުވެ ފެންނާނެ.
...
ލިޔުނީ ސިގިރެޓުބޯ, 2011-02-14 02:37:24
އަހަރެން ކުރިން މަތިންދާބޯޓުގަ ދަތުރުކުރާ އިރު ސިގިރެޓު ބޮން. ބޯޑިންފާސް ހޯދާ އިރު ސިނގިރެޓު ބޮވޭ އޭރިޔާއިން ސީޓު ހޯދަނީވެސް.
...
ލިޔުނީ މޝޙ, 2011-02-14 17:00:57
މި ލިޔުމުގައި ގިނަ ކުށްތަކެއް ހުރިކަން ހަމީ އަށް ފާހަގަކުރެއްވުނު ވާހަކަ ވިދާޅުވީތީ ޝުކުރުވެރިވަން. އިޞްލާޙުކޮށްލުމަށް، އެ ކުށްތައް ވިދާޅުވެދެއްވުމަކީ އަޅުގަނޑަށް ލިބޭނެ އުފަލެއް. ޝުކުރިއްޔާ.
"ސިނގިރެޓުބޯ" ވިދާޅުވެފައި ވާ ފަދައިން އެ ކަހަލަ ފްލައިޓުން އަޅުގަނޑު ވެސް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދަތުރުކުރިން. އެކަމަކު ބޯޑިންޕާސް ހޯދި އިރު "ސިނގިރެޓުބޯ"އާ ޚިލާފަށް އަޅުގަނޑު މަސައްކަތްކުރީ ސިނގިރެޓުބުއިން މަނާ އޭރިއާއިން ސީޓު ހޯދަން.
...
ލިޔުނީ ހަސްނު, 2011-02-15 08:35:19
މޝޙ އަށް ބުނަލަން އޮތީ ، ތިޔަފަދަ އެޔާލައިންއެއްގެ ނަން ވިދާޅުވެދެއްވަފާނަންތޯ.. އިންފްލައިޓް ސްމޯކިންގް ނުވަތަ ފްލައިޓްތެރޭ ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ، 1998 ވަނަ އަހަރުގެ އޭޕްރިލް މަހުންފެށިގެން މަނާކުރެފިވައެވެ. ފްލައިޓްގެ އެތެރޭގައި ކޮމްޕްރެސް ކުރެވިފައިވާ އޮކްސިޖެން، ކިލަނބުވާ މިންގަނޑުވެސް ކަނޑައަޅައި ފްލައިޓް ޑިޒައިން ކުރެވިފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަކުރާގޮތަކަށް ނޫނެވެ.
...
ލިޔުނީ sokaaa, 2011-02-15 14:15:32
varah nice varah iburaiytheri vaahaka eh...... varah salhi dhen
...
ލިޔުނީ މޝޙ, 2011-02-24 10:30:24
ޙަސްނު ފޮނުއްވި ބަޔާނަށް ޓަކައި ޝުކުރުދަންނަވަމެވެ. ތިޔަ ބަޔާނުން އިތުރު މަޢުލޫމާތު ލިބިގެން ހިނގައްޖެއެވެ. އަދި މި ވާހަކަ ލިޔެފައިވާ ދުވަސްވަރު ފްލައިޓް ތެރޭ ދުންފަތުގެ އިސްތިޢުމާލު ކުރެވޭކަމަށް އިތުރު ދަލީލު ލިބިއްޖެމެއެވެ. އެހެނީ ފްލައިޓްތެރޭ ދުންފަތުގެ އިސްތިއުމާލުކުރުން 1998 ވަނަ އަހަރުގެ އޭޕްރިލް މަހުންފެށިގެން ވަނީ މަނާކުރެވިފައޭ ވިދާޅުވުމުން އެނގެނީ އެ ތާރީޚުގެ ކުރީގައި ފްލައިޓު ތެރޭ ދުންފަތުގެ އިސްތިޢުމާލު ކުރަން ހުއްދަ އޮންނަ ކަމެވެ. އަޅުގަނޑު މި ވާހަކަ ފެށުމުގެ ކުރީގައި ނޯޓުގައި ލިޔެފައި އެ ވާ ފަދައިން މި ވާހަކައަކީ 1985ވަނަ އަހަރު ލިޔެފައިވާ ވާހަކައެކެވެ.
ފްލައިޓުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނީ ދުނިޔޭގެ ހުރިހައި އެއަރލައިނެއްގައި އެއްފަހަރާއެއް ވެސް ނޫނެވެ. ޙަސްނު ވިދާޅުވެފައި ތިޔަ ވާ ތާރީޚު 1998 އޭޕްރިލްގެ ކުރިން ވެސް ބައެއް އެއަރލައިންތަކުގެ ފްލައިޓްތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ނޫން ކަމެއް ނޭނގެއެވެ. އަދި ޙަސްނު ވިދާޅުވެފައި ތިޔަ ވާ ތާރީޚު 1998 އޭޕްރިލްގެ ފަހުން ވެސް ބައެއް އެއަރލައިންތަކުގެ ފްލައިޓްތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްދަކަން ބައެއް މީހުންގެ ލިޔުންތަކުން އެނގެއެވެ. ޔާހޫ ގައި، ޖެނީ – ބީ ލިޔެފައިވާ ގޮތުގައި މީގެ 7-8 އަހަރު ކުރިން އިޖިޕްޓް އެއަރލައިނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްދަ ކަން އޭނާއަށް އެނގެއެވެ.(1) އަދި ރަޝިޔާގެ އެއަރޯފްލޮޓްގެ ހުރިހައި ފްލައިޓްތަކެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވީ 2002 ވަނަ އަހަރަށް ވުރެން ވެސް ފަހުން ކަން ޖޯން – ޖޭ ލިޔެފައިވާ ބަޔާނުން އެނގެއެވެ.(2) އަދި މި ކަން ގަޒެޓާ އިން ވެސް އެނގެއެވެ.(3) އަދި 2002 ގައި ޤާހިރާއިން ލަންޑަނަށް ދަތުރުކުރި އިޖިޕްޓް އެއަރގެ ފްލައިޓެއްގައި ވެސް ސިނގިރެޓުބުއި ކަމަށް ލޯންލީ ޕްލެނެޓުގައި، އެލިސަރޮމް ލިޔެފައިވެއެވެ.(4) ބައެއް އެހެން އެއަރލައިންތަކުގެ ފްލައިޓްތަކުގައި ސިނގިރެޓް ބުއި ކަމަށް ބައެއް އެހެން މީހުން ވެސް ހަމަ މި ފަތްފުށުގައި ލިޔެފައި އެބަ ހުއްޓެވެ. (1) http://uk.answers.yahoo.com/qu...641AAJXlFq (2) http://uk.answers.yahoo.com/qu...001AAzd3kt (3) http://www.gazeta.ru/2002/04/01/AeroflotBans.shtml (4) http://www.lonelyplanet.com/th...ID=1357458 ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|