މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސާދަ ވިލޭރޭ (2) |
|
|
| ދިވެހި - ވާހަކަ | |||
| 04 އޮގަސްޓް 2011، 13:13 ބުރާސްފަތި | |||
|
ބިންމާ އިބްރާހިމް ވަހީދު 30 ޖުލައި 2011 (ހޮނިހިރު) އާ ގުޅޭ. ނާޒިމާ ދާން އުޅެން ފެށުމުން އަނެއްކާވެސް ކުރިބެއްދިއެވެ. ކުއްލިއަކަށް ނާޒިމާގެ ދަތްދޮޅީގެ ތިރީގައި އިނގިލި ގައްސާލާފައި، މޫނު ރަގަޅަށް ބަލައިލުމަށްޓަކައި އިސް އުފުލާލިއެވެ. ނާޒިމާ ބަލަން ހުރެލާފައި، އެ އަތުގައި ޖެހިއެވެ. އަދި އެހެން ދިމާލަކަށް ހިނގައިގަތެވެ. ނާޒިމާ ފަހަތް ބަލައިލިއިރު އެ މީހަ ފެންނާކަށް ނެތެވެ. އެކަމަކު ދެން އެނބުރިލިއިރު އަނެއްކާވެސް ނާޒިމާގެ ކުރިމަތީގައި އެމީހާ ހުއްޓެވެ. ނާޒިމަ ހުއްޓުނެވެ. އައިކޮޅަށް ހިނގައިގަތެވެ. ފަހަތް ބަލައިލިއިރު އަނެއްކާވެސް އެމީހާ ފެންނާކަށް ނެތެވެ.
އެކަމަކު، ކުއްލިއަކަށް، ކުރިމަތިން އެމީހާގެ ގައިގައި ޖެހުނެވެ. ނާޒިމާ އެނބުރިފައި އެ ފަހަރު ދުއްވައިގަތެވެ. ފަސް އެބުރި ބަލައިލި އިރު އެ މީހާ ހުރީ ހުއްޓިގެންނެވެ. ނާޒިމާ ނުހުއްޓި ދުވަމުން ދިޔައީއެވެ. ފަހަތުން ދުވުމުގެ އެއްވެސް ނިޔަތެއް އެމީހާގެ ނެތެވެ.ގެއަށް ވަނުމަށްފަހު، ކޮޓަރީގެ މޭޒު މަތީގައި ލޮނުފުޅި ބަހައްޓާފައި ނާޒިމާ ފާޚާނާ އަށް ވަނެވެ. ލޮނު ފުޅީގައި ހުރި ފެންގަނޑަށް ކުޑަ ތުރުތުރެއް އައެވެ. ނާޒިމާއަކަށް އެ ތަނެއް ނުފެނެއެވެ. ފާޚާނާއިން ނާޒިމާ ނުކުމެފައި ތުވާލިން މޫނު ހިއްކާލިއެވެ. ނިދުމަށްޓަކައި ހެދުން ބަދަލުކޮށްލިއެވެ. ބޮލަށް ހެދުން ކޮއްޕާލި ވަގުތު، ލޮނުފުޅި ތެޅިގަތްތަން ނާޒިމާ އަށް ފެނުނެވެ. އެކަމަކު ފަހުން ބަލަން ހުރެހުރެވެސް އެއްވެސް ކަމެއް ނުވިއެވެ. އެ ފުޅިއަށް ބަލަން ހުއްޓާ ނާޒިމާ ފެންކަޅިވި އެވެ. ނާޒިމާގެ ހުނުމުގެ އަޑު ނާޒިމާގެ ސިކުޑީގައި ގުގުމާލިއެވެ. އިސާހިތަކު އެއަޑު މަޑުމަޑުން ފަނޑުވެގެން ދިޔަވެސް މެއެވެ. ނާޒިމާ މަޑުމަޑުން ގޮސް އެދުގައި އޮށޯވެލި އެވެ. އިސްތަށިގަނޑު ރީތިކޮށްލާފައި، ފަންގިފިލާއަށް ނަޒަރުހިންގާލިއެވެ. ކުއްލިއަކަށް ނާޒިމާއަށް ފެނުނީ ފަންގިފިލާގައި ތަތްވެގެން އޮތް ބޮޑު މީހެކެވެ. އެ މީހާގެ ދެ ލޯ ހީވަނީ ބޮޑު އަނގުރުގަނޑެއްހެންނެވެ. ނާޒިމާ ހަޅޭލަވައިގަތެވެ. އެ އަޑަށް ހޭލެވުނީ، ޖެހިގެން ހުރި ކޮޓަރީގައި އޮތް ނާޒިމާގެ ބައްޕަ އަށެވެ. "ކިހިނެއްވީ ދަރިފުޅާ!" ބައްޕަގެ އަޑު އިވުނެވެ. ބައްޕަ ގޮވާލި ދިމާލަށް ނާޒިމާ ބަލާލާފައި ދެން ބަލައިލި އިރު ފަންގިފިލައަކު އެކައްޗެއްވެސް ނެތެވެ. ނާޒިމާ އޮތީ ބިރުން މައިނޭވާ ލެވިފައެވެ. ހިންދިރުވާލެވުނީވެސް ވަރަށް މަސައްކަތުންނެވެ. ބައްޕަ އައިސް ދޮރުގައި ޖެހުމުން ނާޒިމާ ސިއްސައިގެން ދިޔައެވެ. އަވަހަށް ދޮރު ހުޅުވިއެވެ. "ކިހިނެއްތަވީ ދަރިފުޅާ!" މުނީޒު އެހިއެވެ. ނާޒިމާ ފަންގިފިލާއަށް ބަލައިލިއެވެ. "ފާޑެއްގެ މީހެއް!" މައި ނޭވާލެވިފައި، ބިރުގެންފައި ނާޒިމާ ބުންޏެވެ. މުނީޒު ކޮޓަރިތެރެއަށް ވަނެވެ. އެދުގެ ތަންދޮށާއި ފާޚާނާވެސް ބެލިއެވެ. ފާޚާނާ ހުޅުވާލި ވަގުތު، ކުއަލިއަކަށް މީހަކު ގަޔާދިމާލަށް އައިހެން މުނީޒަށް ހީވިއެވެ. ފަހަތައްވެސް ޖެހިލެވުނެވެ. އެހެންނަމަވެސް އަލުން ބެލިއިރު ފާޚާނާއަކު މީހަކު ނެތެވެ. "ކިހިނެއް މިތަނަށް މީހަކު ވަންނާނީ ދަރިފުޅާ!" މުނީޒު އެހިއެވެ. "އެކަމަކު ބައްޕާ! އަހަރެން ދުށީމޭ." ނާޒިމާ ވަރަށް ޔަގީންކަމާއެކު ބުންޏެވެ. "ތި ވާނީ ވަހުމަކަށް. ޝަހާދެއް ކިޔައިގެން ނިދާ." މުނީޒު އެހެން ބުނެފައި ނުކުމެގެން ދިޔައީ އެވެ. އާޓިފިޝަލް ބީޗުގައި ކުދިން ކުޅެ ސަކަރާތްޖަހަމުން ދިޔައެވެ. ނާޒިމާ އިނީ ކުދިންނަށް ނަޒަރު ހުއްޓާލައިގެންނެވެ. އޮއްސުމަށް ތައްޔާރުވަމުން ދިޔަ އިރުގެ ސަބަބުން، އެކުދިންގެ ހިޔަނި ދިގުވަމުންގޮސް ނާޒިމާ އިށީނދެގެން އިން ގޮޑީގެ ތަންދޮށަށް ވަދެފައި ވެއެވެ. އެ ހިޔަނިތައް ނަށަމުން ގެންދިޔަތަން ބަލަހައްޓައިގެން އިންއިރު، މާޔޫސްކަން ފިޔަވައި އެހެން އެއްވެސް އަސްރެއް ނާޒިމާގެ މޫނުމައްޗަކުން ފެންނާކަށް ނެތެވެ. އަތުގައި އޮތް އަތްދަބަހުގައި ބާރަށް ހިފަހައްޓާލައިގެން ނާޒިމާ އިންތިޒާރު ކުރަމުން ގެންދިޔައީ އިންތިޒާރުކުރަން އެންމެ ބޭނުންނުވާ މީހާއަށެވެ. އިސްމާޢީލްފުޅަށެވެ. އަންނަން ބުނި ގަޑިއަށްވުރެ ބައިގަޑިއެއްހާއިރު ލަހުން އިސްމާއިލްފުޅު އައެވެ. އޭނާއަށް މާދުރުން ނާޒިމާ ފެނުނެވެ. ހަމަ ފެނުމާއެކުގައިވެސް، އިސްމާއިލްފުޅުގެ މަގުސަދު ކިހަ ކާމިޔާބުވެއްޖެކަން އޭނާއަށް އެގުނެވެ. ވަރަށް ހަމަޖެހިލާފައި އިސްމާއިލްފުޅު އައިސް، ނާޒިމާ އިށީނދެގެން އިން ބެންޗުގެ އަނެއްފަރާތުގައި، ދެބުރިކަށިވާގޮތަށް އިށީނދެލިއެވެ. އެއީ އެކަން ކުރަން ނާޒިމާ ބުނެފައިވާ ގޮތެވެ. ދުރުންބަލާ މީހަކަށް، އިސްމާއިލްފުޅު އިނީ ނާޒިމާއާ ވަހަކަދައްކަންހެން ހީވާކަށްވެސް ނާޒިމާ ބޭނުމެއް ނޫނެވެ. "މީ ހާދަ ހިއްގައިމު ތަނެކޭ ދޯ؟" އިސްމާއިލްފުޅު ވާހަކަ ފެއްޓިއެވެ. "އެކަމާ ކީކޭ ބުނާނީ؟" ނާޒިމާ ހިތްހަމުނުޖެހިފައި އެހި އެވެ. "ހިތްގައުމުވީ ކީއްވެހޭތަ ތި އަހަނީ؟" ފަހަތަށް އެބުރިވެސް ނުލައި އިސްމާއިލްފުޅު އެހިއެވެ. "އެއީ މިތަނުގަ މިހާ ގިނަ ކުޑަކުދިން އުޅެފަ...." އިސްމާއިލްފުޅުގެ ވާހަކަތަށް އިތުރަށް އަޑުއަހާކަށް ނާޒިމާ ބޭނުމެއްނުވި އެވެ. "މަ ނުދައްކަމޭ މިތަނުގެ ވާހައެއް. އަހަރެން ފޯނުން ބުނީމެއްނު ފެންފުޅި ނަގަނިކޮށް މީހަކަ ދިމާވިއޭ. އެއީ ކާކުހޭ؟ ކުރިއަށްވުރެ ބޮޑަށް ހިތްހަމަނުޖެހިފައި ނާޒިމާ އެހިއެވެ. "ކިހިނެތް މަށަށް އެނގެނީ؟" އިސްމާއިލްފުޅު އަނެއްކާވެސް ސަމާސާއެއް ކޮށްލިއެވެ. "ތި ކަހަލަ ކުއްޖެއް، އެ ކަހަލަ ގަޑިއެއްގަ ފެނުނީމަ އޭނާގެ ހިތްނިޔަތް ޚަރާބުވީ ތޯއްޗެ." އިސްމާއިލްފުޅު އެ އުޅެނީ ސަމާސާކުރާހިތުންކަން ނާޒިމާއަށް އެނގެއެވެ. ވެގެން ވަންޏާ އެކަހަލަ މީހަކާ ނާޒިމާ ވާހަކައެއް ނުވެސް ދައަކާނެއެވެ. އެހެންނަމަވެސް، އޭނާގެ އެހީއަކަށް އެދެން ނާޒިމާއަށް ވަނީ މަޖުބޫރުވެފައެވެ. ވާހަކަދެއްކުން ނޫން އެހެންގޮތެއް ނާޒިމާއަކަށް ނެތެވެ. "އެކަމަކު އޭނަ އަށް އެނގޭ އަހަރެން ފަންޑިތައެއް ހަދަން އުޅޭކަންވެސް. ތަންކޮޅެއް ސީރިއަސްކޮށް ޖަވާބެއް ދީފާނަންތަ؟" ނާޒިމަ އެދުނެވެ. "އެއްވެސް މީހެއްގެ ގާތުގަ މި ވާހަކަ ބުނިންތަ؟" "މަށެއް ނުބުނަން. އެކަމަކު ސިކުޑީގަ ތެތްކަމެއް ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ އެގަޑީގަ، އެ ކަހަލަ ބޭނުމަކު ނޫނީ ލޮނުފުޅިއެއް ނުހޯދާނެކަން . ކޮބާ ފުޅި؟" އިސްމާއިލްފުޅު ވާހަކަ ބަދަލުކޮށްލިއެވެ. އަތްދަބަހުން ލޮނުފުޅި ނެގުމަށްފަހު ބެންޗު މަތީގައި އެ ފުޅި ބެހެއްޓިއެވެ. ނާޒިމާ ފަހަތް ނުވެސް ބަލައެވެ. އިސްމާއިލްފުޅު އެފުޅި ނަގައި ބަލައިލިއެވެ. "ބަރާބަރު" އިސްމާއިލްފުޅު ބުންޏެވެ. "މަ ބުނީ މިހާ މީހުން ގިނަ ތަނަކަށް ތިއައީ މަދެކެ ބިރުންތަ؟" "އަހަރެން ބޭނުމެއް ނޫން ތި ގެއަށް އަހަރެން މާ ގިނަގިނައިން ވަންނަތަން މީހުންނަށް ފެންނާކަށް. ދެން ބުނޭ" ނާޒިމާ އަނެއްކާވެސް ހަދާންކޮށްދިނެވެ. "ކޯޗެއް؟" ދެނަހުރި ކަމަކަށް އިސްމާއިލްފުޅު ނުހެދި އެވެ. " އަގު! ބުނީމެއްނު ފަހުން ބުނާނަމޭ" ނަޒިމާ ބުންޏެވެ. "ހިލޭ!" އިސްމާއިލްފުޅު ބުންޏެވެ. "އެއީ ކީއްވެ؟ އިސްމާއިލްފުޅަށް އޭގެން ވާނީ ކޮން ފައިދާއެއް؟" ނާޒިމާ އެހިއެވެ. ލާނެތް ގޮތަކަށް އިސްމާއިލްފުޅު ހީނގަތެވެ. އަދި ބުންޏެވެ. "ފައިދާ ނުވާނެ ގޮތަކަށް އަހަރެން ކަމެއް ނުކުރާނެއެއްނު!" "ތީގެ މާނައަކީ؟" ނާޒިމާ ހައިރާން ވެފައި އެހިއެވެ. އެސުވާލަށް އިސްމާއިލްފުޅު އެއްވެސް ޖަވާބެއް ނުދިނެއެވެ. އެނބުރިފައި ނާޒިމާ ބަލައިލި އިރު އިސްމާއިލްފުޅު އެތަނަކު ނުވެސް ނެތެވެ. ތެދުވެގެން ހިނގައްޖެއެވެ. ވަށައިގެން ހޯދައިލުމުން ވެސް މީހުންތަކުގެ ތެރެއިން ނާޒިމާއަކަށް އިސްމާއިލްފުޅެއް ނުފެނުނެވެ. އެކަމާ ވިސްނަން އިންދާ ނާޒިމާއަށް ކޯލެއް އައެވެ. އަރާފައި އޮތީ އިސްމާއިލްފުޅުގެ ނަމެވެ. "ކީކޭ؟" ނާޒިމާ އެހިއެވެ. އިސްމާއިލްފުޅު އިނީ ސައިކަލުގެ މަޑީގެ އަރިމަތީގައި އިށީނދެލައިގެން، އެ ދިމާލުގައި ހިރި ޕާކިން ޒޯންގައެވެ. "މިހާރު އަހަރެން އުޅެނީ ވިލިނގިލީގައި." އިސްމާއިލްފުޅު ބުންޏެވެ. "ނުވެސް ދެނަހުރިން" ނާޒިމާ ބުންޏެވެ. "މިހާރު އެނގިއްޖެއްނު." ފަރުވާކުޑަ ރާގެއްގައި އިސްމާއިލްފުޅު ބުންޏެވެ. "އަހަރެން މިރޭ ތަވީދު ތައްޔާރު ކުރާނަން. އެގާރަ ޖަހާ ކަންހާއިރު ޖެހޭނެ ތަވީދު ގެންދަން." "މަށަކަށް ނުކެރޭނެ އެކަނި ވިލިނގިއްޔަށް ދާކަށް. ދުވާލު މާލެގެނެސް ދިނަސް މައްސަ...." ނާޒިމާ އެހިސާބަށް ބުނިއިރު އިސްމާއިލްފުޅު ފޯނު ކަނޑާލައިފި އެވެ. "ހަލޯ! ހަލޯ!" ނާޒިމާ އަލުން އިސްމާއިލްފުޅަށް ގުޅިއެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު ގުޅި އެވެ. އެހެން ނަމަވެސް އޭނަ ފޯނެއް ނުނެނގި އެވެ. ދެން ހަދާނީ ކިހިނެއް ބާއޭ ނާޒިމާ ހިތަށް އެރިއެވެ. ޓެކުސީގައި ނާޒިމާ އައިސް ވިލިނގިލީ ފެރީ ޓާމިނަލްއަށް ފޭބިއިރު ފުރުމަށްޓަކައި މާގިނަ ބަޔަކު ނެތެވެ. އެ މާހައުލުގައި ވަނީ ފަޅުކަމާއި ހިތުގެ ވިންދު އަވަސްވާ ކަހަލަ ހަމަހިމޭންކަމެކެވެ. ފުރަން ތައްޔާރުވެފައިވާ ފެރީގެ އިންޖީނުގެ އަޑު ނޫން އެހެން އަޑެއް ނީވެ އެވެ. ޓިކެޓު ކައުންޓަރުގައި އިން އަންހެން ކުއްޖާ ކައުންޓަރުގައި އަތުން ޖަހައިލި އެވެ. ނާޒިމާ ބަލައިލިއިރު، ޓިކެޓާއި ބާކީ ލާރި ހުއްޓެވެ. ހުރިހާ އެއްޗެއް ހިފައިގެން ނާޒިމާ ގޮސް ފެރީއަށް އެރިއެވެ. ނާޒިމާ ފިޔަވައި އެ ފެރީގައި ތިބީ އެންމެ ތިން ދަތުރުވެރިންނެވެ. ---------- މި ވާހަކަ:(ނުނިމޭ) ޓައިޕް ކޮށް ފޮނުވުން: ޢަލީ ނިޝާން އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ali, 2011-08-04 10:35:46
ދެން ޖެހިގެން އޮތްބައި ތަންކޮޅެއް އަވަހަށް ޝާއިޢުކޮށްދެއްވުން އެދެން. ދަރުމަވާނެ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
އޯކޭ އަވަހަށް އެނެއް ބައި ޝާއިރު ކޮށްދޭތި