މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުޙައްމަދު ބިން ޤާސިމް (1 ވަނަ ބައި): ނާހީދު (3) |
|
|
| ދިވެހި - ވާހަކަ | |||
| 15 އޮގަސްޓް 2011، 00:00 ހޯމަ | |||
|
ޢަބްދުﷲ ފާރޫޤު ޙަސަން (3 އޮގަސްޓް 2011 (ބުދަ) އާ ގުޅޭ...) އަބުލްޙަސަނުގެ އެކުވެރީން ޝަބުނަމުން ތެމިފައިވާ ވިނަގަނޑުމަތީގައި ޗާދަރުތައް ފަތުރައިގެން އޭނާގެ ފަހަތުގައި ސަފަކަށް ކޮޅަށް ތިއްބެވެ. އަބުލްޙަސަން ނުހަނު ރީތި އަޑަކުން ސޫރަތުލްފާތިޙާ ކިޔެވުމަށް ފަހު އަނެއްކާވެސް ދެތިން އާޔަތެއް ކިޔަވައިފި އެވެ. ކީރިތި ޤުރުއާނުގެ މޫރިތި ލަފުޒުތައް ޢަބްދުއްޝަމްސްގެ ހިތުގައި ޚިޔާލުގެ ރާޅުބާނީތަކެއް އުފައްދައިލި އެވެ. އޭނާގެ އަވަށްޓެރީން ކަމުގައި ހިމެނޭ ޢަރަބީންގެ އެހެން މީހުންތައްވެސް އައިސް އޭނޭގެ ކައިރިއަށް އެއްވެއްޖެ އެވެ. އެބައިމީހުން އެބައިމީހުންގެ ޤައުމުގެ ޒުވާނުން އަޅުކަންކުރާ އައު ގޮތް ޝައުޤުވެރިކަމާއެކު ބަލަނީއެވެ. ރުކޫޢާއި ސުޖޫދަށް ފަހު ދެވަނަ ރަކުޢަތަށް ފެށުނު އިރު ޢަބްދުއްޝަމްސް އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުވެއްޖެ އެވެ. އޭނާ މަޑުމަޑުން ފިޔަވަޅު އަޅަމުން، ނަމާދުކުރާން ތިބި މީހުންގެ ގާތަށް ހިނގައްޖެ އެވެ. ޖެހިލުންވެފައި އިރުކޮޅަކު ހުރުމަށްފަހު ޖަޒުބާތެއްގެ އޮއިވަރުގައި ދުވެފައި ގޮސް ސަފުގައި ހުއްޓިއްޖެ އެވެ.
އޭނާގެ އެކުވެރީން ވެސް އޭނާއާ ތަބާވި އެވެ. ނަމާދުކޮށް ނިމުމަށްފަހު އަބުލްޙަސަން ތެދުވެ ޢަބްދުއްޝަމްސާ ކަރާއި ކަރުޖައްސައި ސަލާމްކުރިއެވެ. ޢަބްދުއްޝަމްސްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ވިދަވިދައި ހުއްޓެވެ. ޢަބުލްޙަސަނާއި އޭނާގެ އެކުވެރީން ޢަބްދުއްޝަމްސަށް މުބާރިކުބާރު އަދާކުރިއެވެ. ޢަބްދުއްޝަމްސް ބުންޏެވެ. "ކަލާގެ ދުލުގައި ވަނީ ސިޙުރެކެވެ. ކަލާ ތިޔަ ވިދާޅުވި އާޔަތްތައް އަދިވެސް އަޅުގަނޑަށް އިއްވަވައިދެއްވާށެވެ!"އަބުލްޙަސަން ޖަވާބު ދިނެވެ. "މިއީ އަޅުގަނޑުގެ އަޑެއް ނޫނެވެ. ﷲ ގެ ކަލާމްފުޅެވެ." ޢަބްދުއްޝަމްސް ބުންޏެވެ. " އެއްވެސް ޝައްކެއް ނެތެވެ. މިއީ އިންސާނެއްގެ ވާޙަކައަކަށް ނުވާނެ އެވެ. އަޅުގަނޑަށް އިތުރަށް އިއްވަވައިދެއްވާށެވެ!" އަބުލްޙަސަން އޭނާގެ އެކުވެރިއެއް ކަމުގައިވާ ޠަލްޙާއަށް އިޝާރާތް ކޮށްލިއެވެ. އޭނާ އަކީ ކީރިތި ޤްރުއާނުގެ ޙާފިޡެކެވެ. ޢަރަބީން އޭނާގެ ވަށައިގެން އިށީނދެއްޖެއެވެ. ޠަލްޙާ ޔާސީން ސޫރަތް ކިޔަވާން ފަށައިފިއެވެ. ކީރިތި ޤުރުއާނުގެ މުޤައްދަސް ލަފްޡުތައް ޠަލްޙާގެ ރީތި އަޑުން އިވެމުން ދިޔައިރު އަބުދުއްޝާމްސާއި އޭނާގެ އެކުވެރީންގެ މައްޗަށް ވެރިވެފައިއޮތީ ހަމަހިމޭންކަމެވެ. މަޑުމޮޅިކަމެވެ. ޤުރުއާން ކިޔަވައި ނިމުމުން އަބުލްޙަސަން, ރަސޫލުﷲ ސަލްލަﷲ އަލައިހި ވަސައްލަމުގެ ޙަޔާތްޕުޅާއި ،އިސްލާމްދީނުގެ މައްޗަށް ވަރަށް ފުރިހަމަކޮށް އަލިއަޅުވައިލުމަށްފަހު އެބައިމީހުންނަށް އިސްލާމްދީނަށް ގޮވައިލިއެވެ އަބުދުއްޝަމްސާއި އޭނާގެ އެކުވެރީންނަށް އެތައް ދުވަހަކުއްސުރެ އަރަބީންގެ މަތިވެރި ކާމިޔާބީތަކުގެ ވާހަކަ އިވިއިވި އެމީހުންގެ ހިތްތައްވަނީ ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ގެ މަތިވެރިކަން އިއުތިރާފްވެފައެވެ. އަބުލްޙަސަނުގެ ގޮވައިލުމަށް އެބައިމީހުން ތެދުވެރިކަމާއެކު އީމާންވެއްޖެއެވެ. ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު ޢަބުދުއްޝާމްސު އޭނާގެ ނަމަކަށް ޚޔާރުކުރީ އަބުދުﷲއެވެ. ސަލްމާ ރުކެއްގައި ލެނގިލައިގެން ހުރެ މިހުރިހައި މަންޒަރެއް ބަލަމުން ގެންދިޔައެވެ. އޭނާ ވަރަށްބޮޑަށް ޖެހިލުންވެހުރެ އެމީހުންގެ ގާތަށް އައިސް އޭނާގެ ބައްޕައާ ދިމާއަށް ބުންޏެވެ. "ލޯބިވާ ބައްޕާއެވެ. އަންހެނުންނަށްވެސް އިސްލާމްވެވިދާނެތޯ އެވެ؟" އަބުދުﷲ ހީނލާފައި އަބުލްޙާސަނާ ދިމާއަށް ބަލައިލުމަށްފަހު ބުންޏެވެ. "ކަލާނގެ ރަޙުމަތްފުޅު އަންހެނުންނާއި ފިރިހެނުންގެ މައްޗަށްވަނީ ހަމަހަމަ ވެގެންނެވެ." ސަލްމާ ބުންޏެވެ. "އެހެންވީއިރު އަޅުގަނޑުގެ ނަންވެސް ބަދަލުކޮށްދެއްވާށެވެ. އަޅުގަނޑުވެސް އިސްލާމްވާންބޭނުމެވެ." އަބުލްޙަސަން ބުންޏެވެ. " ކަލޭގެ ނަން ބަދަލު ނުކުރިޔަސް އެންމެ ރަނގަޅެވެ. ކަލޭ ހަމައެކަނި ޝާހާދަތް ކިޔަނިކޮށް ފުދޭނެއެވެ. " ސަލްމާ ޝާހާދަތް ކިޔައިފިއެވެ. ހުރިހައި އެންމެން ދެއަތް މައްޗަށް ނަގައި އޭނައަށް ހެޔޮދުޢާ ކުރިއެވެ. އުޑުމަތީގައި ވިލާ ބޯވަމުންދެއެވެ. މާ ގިނައިރެއްނުވެ ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ. އެންމެން ތެދުވެގެން ގޭގެ ކޮޓާރިއަކަށް ވަދެއްޖެއެވެ. އިރުކޮޅެއްގެފަހުން ވާރޭ ތުނިކޮށްލިތަނާ ދިލިޕްސިންގް ދުރުވެ އަބުލްޙަސަން ގާތު ބުނުއްވިއެވެ. "ރަސްގެފާނު ކަލާއަށް އެބަ އިނތިޒާރު ކުރައްވައެވެ." އަބުލްޙަސަން އޭނާގެ އެކުވެރިންނާ ވަކިވެގެން ދިލިޕްސިންގާއެކު ރަސްގެފާނުގެ ދަރުބާރަށް ހިންގައްޖެއެވެ. + + + + + މެންދުރެއްހައިއިރު އަބުލްޙަސަން އެނބުރި އަތުވެއްޖެއެވެ. އެނާ އައިސް އެނާގެ އެކުވެރީން ގާތު ބުންޏެވެ. "ރަސްގެފާނާއި، ބައެއް ސައުދާގަރުން ޢަރަބިއަސް ބައްލަވައިގަންނަވަން ބޭނުންފުޅުވާކަން ހާމަކުރައްވައިފި އެވެ. އެހެންކަމުން ތިންހަތަރު ދުވަހެއްގެ ތެރޭގައި އަހަރެމެންގެ ނައު ފުރާގޮތަށް ހަމަޖައްސައިފީމެވެ." އަބުދުﷲ (ޢަބުދުއްޝަމްސު) އެބައިމީހުން އަދި ކުޑަ ދުވަސްކޮޅަކު މަޑުކޮށްލާން އެދުނެވެ. ނަމަވެސް އަބުލްޙަސަން ވަރަށް އަވަހަށް އެނބުރި އަންނާނެކަމަށް ވަޢުދުވެގެން އޭނާގެ ހުއްދަ އަތުލައިފިއެވެ. އަބުދުﷲ ބުންޏެވެ." އަދި އަޅުގަނޑުމެން އިސްލާމްދީނާ ބޭހޭގޮތުން އޮޅުންފިލުވާން ބޭނުން ވަރަށްގިނަ ކަންތައްތައް އެބަހުއްޓެވެ. ކަލާ ވަޑާއިގަންނަވާއިރު ޠަލްހާ މިތާނގައި ބަހައްޓަވައިފިނަމަ ވަރަށް ރަނަގަޅުވާނެ އެވެ." އަބުލްޙަސަން ޠަލްޙާއާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. "ޠަލްޙާ ޤަބޫލުކުރައްވަންޏާ އަޅުގަނޑު މިހިރީ އުފަލުން އޭނާ މިތާނގައި ބަހައްޓާން ތައްޔާރަށެވެ." ޠަލްޙާ މިވައުދު ޤަބޫލުކުރީ އުފަލާއެކުގައެވެ. އޭގެ އަނެއްދުވަހު އަބުލްޙަސަނުގެ އެކުވެރީން ނަވުގެ ރިޔާތައް މަރާމާތްކޮށް، ކޮއްތާއި ދަރާއި ބޯފެންލައި، ދަތުރަށް ބޭނުންވާ ތަކެތި ގަނެ ދަތުރުގެ ތައްޔާރު ކުރަން ހިނގައްޖެއެވެ. އަބުލްޙަސަން ދިލިޕްސިންގާއި އަބުދުﷲ އާ މަޝްވަރާ ކުރުމަށްފަހު އޭނާގެ ހުރިހައި މުދަލަކަށް 8 އެތާއި ކާށިގަނެ ނައު ބަރުކޮށްލިއެވެ. އެދުވަހުގެ ހަވީރު އަބުލްޙަސަން، އަބުދުﷲ ގެ ގޭގެ ކުޑަކުޑަ ބަގީޗާގެ ތެރޭގައި ހިނގައިލަ ހިނގައިލަ ހުއްޓެވެ. އޭނާގެ ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވިއްޖެއެވެ. އޭނާ އެނބުރި ބަލައިލިއިރު އޭނާގެ ފުރަގަހުގައި ހުރީ ސަލްމާއެވެ. މީގެ ދެ ދުވަހެއްގެ ކުރީން އުފަލުން ފޮޅިފައިހުރި މޫނު މިހާރުވަނީ ހިތާމައާއި މޮޅިވެރިކަމުގެ ތަސްވީރަކަށްވެފައެވެ. އަނދިރި ރޭގަނޑެއްގައި ފިޔަޖަހާ ތަރިޔަކަށްވުރެ ވެސް އަލިގަދަ ރީތި ހިތްދަމައިގަންނަ ފަދަ ދެލޯ މިހާރު ވަނީ ފެންކަޅިވެފައެވެ. އަބުލްޙަސަން ތަންކޮޅެއް ފަރުވާކުޑަ ގޮތަކަށް ސުވާލުކޮށްލިއެވެ. "ސަލްމާއެވެ! ކަލޭ މިތާގައި ތިޔަ ކުރަނީ ކީއްހެއްޔެވެ؟" އަބުލްޙަސަނުގެ ރުންކުރުކަން ފެނުމުން ހިފެހެއްޓޭތޯ މަސައްކަތް ކޮށްކޮށް ހުއްޓައިވެސް ސަލަމާގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. އޭނާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ތުރު އަޅައަޅައިހުރި ދެތުންފަތުގެ ދެމެދުން ހިތާމައާއި ވޭނުން ފުރިފައިވާ އަޑެއް ނިކުތެވެ. "ކަލާ މާދަމާ ފުރުއްވަނީތޯއެވެ؟" "އާނއެކެވެ. އެކަމަކު ސަލްމާއަށް ތިޔަވީ ކީއްހެއްޔެވެ؟ ސަލްމާ ރޮނީ ކީއްވެގެން ހެއްޔެވެ؟ "ކަމެއްނުވެއެވެ! އެއްވެސް ކަމެއްނުވެއެވެ!" ސަލްމާގެ ކަރުނައިން ފޯވެފައިވާ ހިނިތުންވުމުން އަބުލްޙާސަނުގެ ހިތަށް ވެސް އަސަރުނުކޮށެއް ނުދިޔައެވެ. އޭނާ ބުންޏެވެ. "ސަލްމާއެވެ! ތިޔައީ އަދިވެސް ހަމަ ކުރީގެ ސަލްމާއެވެ. އިސްލާދީން ޤަބޫލުކުރުމަކުން ވެސް ސަލްމާއަށް އައި އެއްވެސް ބަދަލެއް އަހަންނަކަށް ނުފެނުނެވެ. ސަލްމާ މިހާރު ހިލޭ ފިރިހެނުންގެ ކުރިމައްޗަށް އައުމުން އެއްކިބާވާން ޖެހޭނެއެވެ. މުސްލިމު އަންހެންކުއްޖެއްގެ އެންމެ ފުރިހަމަ ގަހަނާ އަކީ ލަދުވެތިކަމެވެ." "ކަލާ އަދިވެސް ތިޔަ ހުންނެވީ އަޅުގަނޑުދެކެ ނުޤަބޫލުވެލައްވައިފައެވެ. ކަލާ ބުނުއްވީތީ އަޅުގަނޑު ހެދުން ބަދަލުކޮށްފީމެވެ. އިއްޔެއްސުރެ އަޅުގަނޑު ގެއިން ބޭރަށް ފިޔަވަޅެއް ވެސް ނާޅަމެވެ. އަޅުގަނޑު މުސްލިމެއްގެ ކުރިމައްޗަށްވެސް ނައިސް ހުރުމަކީ ބޭނުންކަމެއްތޯއެވެ؟" "އާނއެކެވެ! އެއީވެސް ބޭނުންކަމެކެވެ. އަހަރެން މިދަނީ ޠަލްޙާ މިތާނަގައި ބަހައްޓައިފައެވެ. އޭނާ ސަލްމާއަށް މުސްލިމް އަންހެންކުއްޖެއްގެ ވާޖިބުތައް އޮޅުންފިލުވައިދޭނެއެވެ. އިސްލާމްދީން ފުރިހަމަޔަށް އުނގަންނައިދޭނެއެވެ." ސަލްމާ ޖަވާބު ދިނެވެ. "އަޅުގަނޑަށް އެހެން މީހަކު ކިޔައިދޭކަށް ބޭނުމެއް ނޫނެވެ. ކަލާ ކުރައްވާ ކޮންމެ އަމުރެއް އަޅުގަނޑު ގަބޫލުކުރާނަމެވެ. އަޅުގަނޑު މިހިރީ ކަލާގެ އިޝާރާތަކަށް ފަރުބަދައަކުން ފުންމައިލަން ވެސް ތައްޔާރަށެވެ. ކަލާ އަމުރުކުރައްވައިފި ނަމަ ހަތަރެސްފައި ބަނދެގެން ކަނޑަށް ފުންމައިލާކަށް ވެސް އަޅުގަނޑު ޖެހިލުމެއް ނުވާނަމެވެ. އަބުލްޙަސަން ބުންޏެވެ. "ސަލްމާ އެވެ! އަހަރެންގެ ރުހުމަކީ ސަލްމާގެ ކުރިމަތީގައި ތިޔަހައި އަގުހުރި އެއްޗަކަށް ވާނަމަ ރަނގަޅަށް އަޑުއަހާށެވެ! ސަލްމާ ބޮލުން ފެށިގެން ފަޔާ ހަމަޔަށް އިސްލާމީ ތައްގަނޑަށް ފެތުން ނޫން އެއްވެސް ކަމެއް އަހަރެން ނޭދެމެވެ. ތެދުވެރި މުސްލިމެއްގެ ކޮންމެ ނިޔަތަކާއި ކޮންމެ ޢަމަލަކުން އެދެން ވާނީ ކަލާންގެ ރުހިވޮޑިގަތުމެވެ. އެހެން އިންސާނެއްގެ ރުހުން ހޯދުމެއް ނޫނެވެ. ސަލްމާ ޝަހާދަތް ކިޔުމަށްފަހު ފިޔަވަޅުއަޅަން ތިޔަ ފަށައިފައިވާ ދުނިޔެ އަކީ ނިމުމެއްނެތް މަސައްކަތެއްގެ ދުނިޔެއެކެވެ. މި މައިދާނަށް ވަންނަ މީހުންގެ ހިތުގައި ކަރުނަޔާއި އާހުތަކަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ އެވެ. މުސްލިމުންގެ ކުރިމަތީގައި ދިރިއުޅުމަކީ ވަރަށް ބޮޑު އިމްތިޙާނެކެވެ. މުސްލިމެއްގެ މޭގައި އޮންނަން ވާނީ ތިމާގެ ޙަޔާތުގެ އެންމެ ބޮޑެތި އެދުންތައް ވެސް އެ ކަލާންގެ މަގުގައި ޤުރުބާންކޮށްލަން ޖެހިލުން ނުވާ ހިތެކެވެ. ------------- (ނުނިމޭ) މި ވާހަކައިގެ މި ބައި: ޓައިޕްކުރުން: ޢާއިޝަތު ރުޝްދީ/ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން) ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|