މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބީވެދިޔައީ ދެލޮލުގެ ނޫރު އެކަންޏެއްނޫނެވެ. |
|
|
| ދިވެހި - ވާހަކަ | |||
| 22 އޮގަސްޓް 2011، 00:00 ހޯމަ | |||
|
އިސްލާޢިލް ޢަލީ، ރ.ކަނދޮޅުދޫ މުޙައްމަދުގެކޮންމެ ބަލައިލުމެއްގައިވަނީ ފޮނިކަމާއި އަސަރެވެ. ހިތުގެ ވިންދާ ކުޅެލާފަދަ ޖާޒުބިއްޔަތު އޭނާއަށް ލިބިފައިވެއެވެ. އެ ބެލުމުގައިވާ އަސަރަކީ ދަގަތްފާނީ ބާރެއްކަން ކަށަވަރެވެ.އަހަރެންގެ ހިތް އެމަޢުސޫމު ޒުވާނާ ފަތަޙަ ކުރިއެވެ. ކޮންމެ ނޭވާޔަކާއި އެކު އެނަން ދުލުން ބޭރުކުރެވޭ ވަރަށެވެ. لا إله إلا الله މަތިވެރި ކަލިމަފުޅުން ބަރަކާތް ހާސިލް ކުރުމުގެ ބަދަލުގައި އަހަރެން އަބަދުވެސް މަސައްކަތް ކުރީ އެނަން ކިޔާލެވޭތޯއެވެ. އެނަމުން ހިތްހަމަޖެހުން ހޯދޭތޯއެވެ. ކަނިވެފައިވާ ފުޅިބައްތިއަށް ތެޔޮ އެޅީމާ ދިރުން ލިބޭ ފަދައިން އަހަންނަށް މުހައްމަދު ފެނިލިޔަސް ދިރުން ލިބެއެވެ. އަހަރެންގެ ލޯބީގެ ހުޅުކޮޅު ބޮޑުވަމުންދިޔައީ އެހެން އަލިކަމެއް އެއަށް ނުފޯރާ ވަރަށެވެ. އެހެން އަލިކަމެއް އަހަރެންގެ ޙަޔާތަށް ނުލިބުމުގެ ނަތީޖާއެއްގެ ގޮތުން އަހަރެންގެ ޙަޔާތް އަނދިރިވެގެން ދިޔައެވެ. އެ އަނދިރިކަމުގެ ތެރޭގައި އަހަރެން ބިކަވެ ހިނގަން ޖެހުނެވެ. އެއިރު އަހަރެން އުޅުނީ ނުވަވަނަ ކުލާހުގައެވެ. މަންމަ ބަލިހާލުގައި އުޅެމުންވެސް އަހަރެންނަށް އަންގަމުންދިޔައީ ގަދަވެ އުޅޭކަމުގައެވެ. އަހަރެންގެ ކިޔެވުން ބަރުބާދު ވެދާނެތީ އެވެ. އަހަރެން ކިޔަވަން ނޫޅޭކަމެއް މަންމަ އަކަށް ނޭނގޭނެއެވެ. އަހަރެން ހުންނަ ގޭމީހުންނަކަށް ވެސް އަހަރެން ކިޔަވާން ނޫޅޭކަމެއް ނޭނގޭނެއެވެ. އަހަރެން މަސައްކަތް ކުރަމުން ދިޔައީ މުހައްމަދާ ގުޅުން އުފެއްދޭނެ ގޮތެއް ފެނޭތޯއެވެ. މުހައްމަދުގެ އަޅައިލުމެއް ނުލިބޭ އިރު ވެސް އޭނާގެ ބޯކޮޅު ބަލަމުން ހިނގީމެވެ. އޭނާ ވަދެ އުޅޭ ގޭގެއަށް އަހަރެން ދަމެވެ. އޭނާގެ ތިމާގެ ގޭގެއަށް ގޮސް މަސައްކަތް ކޮށްދީހަދަމެވެ. މުހައްމަދުގެ އެއްޗެހި ދޮވެދީ ހަދަމެވެ. މުހައްމަދުގެ ހިތް ފަތަޙަކުރެވޭތޯ އަހަރެން ނުހަދާ ފަންޑިތައެއް ނުވާނެއެވެ. މީހަކު ލިޔެދީފައިވާ ގޮބޮޅިއެއް މުހައްމަދު ނިދާ ކޮޓަރީގެ އިރުވައި ކަނުގައި ވަޅުލީމެވެ. އުނަގަނޑުގައި ތަވީދު އަޅައިގެން އޭނާ ހުންނަ ހިސާބުގައި މުގޯލި އެޅީމެވެ. އޭނާ އިށީނދެފައި ތެދުވެގެން ދިޔައިމާ ހަމަ އެތަނުގައި އިށީދެގެން ސާޅީސް ފަހަރު ކޮށްމެ ވެސް ކަލިމައެއް ކިޔެވީމެވެ. ލިޔެފައިވާ ކުޑަކުޑަ ގާކޮޅެއް ފައިއެޅޭ ހިސާބަށް އެއްލީމެވެ. އޭނާގެ ފިޔަވަޅުން ވެލި ނަގައިގެން ވެސް ކޮންމެ ވެސް ކަމެއް ކުރީމެވެ. އަދި އަހަރެން ނިދާ އެދުގެ ބާލީސް ދަށުގައި އަބަދު ވެސް ތަވީދެއް ބާއްވަމެވެ. ފަންޑިތަ ހެދުމަށް ނުހަނު ގިނަފައިސާ ޚަރަދު ކުރީމެވެ. މަންމަ އަށް އަންގައިގެން ފައިސާ ހޯދީ ކިޔެވުމާއި ގުޅޭކަމެއް ކަމުގައި ބުނަމުންނެވެ. މަންމަ ދަރަނިވެގެންވެސް އަހަރެންގެ އެދުން ފުރިހަމަ ކުރަމުން ދިޔައެވެ. ފަންޑިތަ ހަދައިދޭ މީހާ އަހަރެންނަށް ވިސްނައިދެމުން ދިޔައީ މިކަން ކާމިޔާބު ވާނޭ ކަމުގައެވެ. ދެން އޮތީ މުޖައްރިބު ފަންޑިތަ ކަމުގައި އޭނާ ބުނެއެވެ. މިކަމަށް ބޮޑު އަގެއް ދޭންޖެހުނުއިރު ވެސް އެމީހާ ބުނަނީ އެއް އެއްޗެއް ބޭނުން ނޫން ކަމުގައެވެ. އޭނާ އެއްޗެއް ބޭނުމެއް ނޫނޭ އެބުނަނީ ކޮން މާނައެއްގައި ބާވައެވެ! އަހަރެންގެ ޒުވާން ކަމަށްވުރެ އަގުބޮޑު އެއްޗެއް އޮވެދާނެ ބާވައެވެ! ކައިވެނީގެ 3 ގަނޑެތި ވެސް އެމީހާއަށް ދޭންޖެހެއެވެ. ލޯމަރާ ތަގުޅި ކޮށްގެން ނަމަވެސް ޢިއްފަތް ވިއްކާލުމަށް އަހަރެން ތައްޔާރު ވީމެވެ. އެންމެ ކަމަކަށްޓަކައެވެ. މުހައްމަދުގެ ލޯބި ޙާޞިލުކުރުމެވެ. އެމީހާ ފިނިފެން މަލެއް ފިނިފެން މަލެއް ޗިސްޗިސް ކޮށްލައިފާކަމެއް އަހަރެންނަކަށް ނުވިސްނުނެވެ. އެ މާ ގެންގޮސް މުހައްމަދަށް ވަސް ދައްކަން ވީއެވެ. މިކަން ކުރަންޖެހޭނީ ހުކުރު ވިލޭރެއެއްގެ މެންދަމު ވަގުތެއްގައެވެ. އެމީހާގަނޑުގެ ވަކިތަކުގެ ދަށުން ސަލާމަތްވުމާއި އެކު އަހަރެން މިސްރާބުޖެހީ، މުހައްމަދުމެންގެ ގެއަށް ދިޔުމަށްޓަކައެވެ. އަހަރެންގެ ހިތް ނެގިނެގިފައި ޖެހޭ ވަރުން ހީވަނީ މޭ ފަޅައިލައިފާ ބޭރަށް ނުކުމެ ދާނެ ހެންނެވެ. ގެންފައިވާ ބިރެއްގެ ބޮޑުކަމުންނާއި ، ހިތްނުތަނަވަސް ވެފައިވާތީ ، ބިންމަތީގައި އަހަރެންގެ ފައި ހަރުނުލައެވެ. ހިނގެނީ ވެސް ނަންނުގަތި ދުވާ ގޮތަށެވެ. ބާރަށް ދުއްވާފައި އައި ސައިކަލަކުން އަހަރެންގެ ގައިގާ ޖެހުނުކަން އެގުނެވެ. ދެންވީގޮތެއް ނޭގުނެވެ. މިއަދު އަހަންނަކީ ނުކުޅެދޭ މީހެކެވެ. އެއްވެސް ތަނެއްނުފެނެއެވެ. މި ހާދިސާގެ ސަބަބުން ގެއްލުނީ ހަމައެކަނި ދެލޮލެއް ނޫނެވެ. އަހަރެންގެ ދިރިއުޅުމުގެ ނޫރު ކަމުގައިވާ ލޮބުވެތި މަންމަ ވެސް މި ހިތާމައަށް ކެތްނުކުރެވިގެން މި އަނދިރި ހަޔާތަށް އަލްވަދާޢު ކީއެވެ. މިހާރު ދިރިއުޅެމުން މިގެންދަނީ ބޮޑުބޭބެގެ ހިޔާވަހި ކަމުގެ ދަށުގައެވެ. އަހަރެންގެ ހިތުގައި އުފެދުނު އިޝްގުގެ އަލިފާންގަނޑުވަނީ ނިވިފައެވެ. ---------------- (ނިމުނީ) މި ވާހަކަ ފޮނުވުން: އަލްފާޟިލް އިސްމާޢީލް ޢަލީ އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|