މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (14) |
|
|
| ދިވެހި - ވާހަކަ | |||
| 07 ނޮވެމްބަރ 2011، 14:22 ހޯމަ | |||
|
19 ސެޕްޓެމްބަރު (ހޯމަ) އާ ގުޅޭ... ގައްދޫ މުޙަންމަދު ރަޝީދު [މިދަނީއެވެ. ދައްތާއެވެ.............] ޖަޔާ އެނދުން ތެދުވެއްޖެއެވެ. އަނެއްކާވެސް ފޮޓޯގަނޑު ނަގައިފިއެވެ. އިޙްސާންތެރިކަމާއެކު ބަލާލިއެވެ. ދެން އެނދުގެ ބޯލާކޮޅުގައިހުރި އޭނާގެ ފޮއްޓަށް ލައިފިއެވެ. ކާވެނިކުރަން ހަމަޖެހުނީއްސުރެ ޖަޔާ އެކަނި އިނދެގެން މިފޮޓޯއާ ވާހަކަ ދައްކާ ހަދައެވެ. ގޭތެރޭގައި އުފާވެރިކަމުގެ ތުނި ވާރޭވެހެމުން ދިޔަވަރަކަށް ޖަޔާގެ ޖަޒްބާތުތައް ފޮޓޯއިން ފުރިހަމަވަމުން ދިޔައެވެ.
އުފާވެރިކަން އިތުރުވަމުން ދިޔަވަރުން އެފޮޓޯގަނޑާމެދު ގޭގެ އެއްވެސް ފަރުދަކު ސުވާލެއް ނުކުރުއެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. ފޮޓޯއާބެހޭގޮތުން ހަމައެކަނި ފައުޒިއްޔާ ތާނޫއާ ސުވާލުކުރިއެވެ. އެފޮޓޯގަނޑު ޖަހައިގަތީ ރަބޫއާއި ޘާނޫއެވެ. ޖަޔާގެ އަތަށް ދިނީ އެދެކުދިންނެވެ. އެއީ ޖަލާލީގެ ފޮޓޯއެއް ނޫންކަމެއް ޖަޔާއަކަށްވެސް ނޭނގެއެވެ.[ޖަޔާއެވެ. އަވަސް ކުރާށެވެ. ލަސްވެދާނެއެވެ. އަދި ވަރަށް މުހިންމު ކަންތައްތައް ކުރަންވެފާ އެބައޮތެވެ.] ތާނިޔާ ގޭގެ ދޮރުމަތީގައި ހުރެގެން ބުންޏެވެ. [ހަމަ މިހާރު މިދަނީއެވެ.] ޖަޔާ އަވަސްއަވަހަށް އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ. ކުޑަކޮށް މޭކަޕްކޮށްލިއެވެ. ހެދުން ހެޔޮވަރު ކޮށްލިއެވެ. އަދި ދަބަސް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ. މަންމަ ގޯތިތެރޭގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން އިނެވެ. އޭނާ ވަރަށް ލޯތްބާއެކު ޖަޔާއަށް ބަލާލިއެވެ. އޭނާގެ ބެލުމުގައި ކިހާބޮޑު ޔަޤީންކަމެއް އެބަހުރި ހެއްޔެވެ. ޖަޔާ ވަރަށް އުފާވެއްޖެއެވެ. އޭނާ ދުނިޔެއަށް ހޭލައި ގަތީއްސުރެ މަންމަ މިހާވަރަށް އުފާވެފައި އިންތަނެއް ދުވަހަކުވެސް ނުދެކެއެވެ. [ގަހަނާތައް ގެންނާނީ ވަރަށް ބޮޑަށް ފަރުވާތެރި ކަމާއެކު ވިސްނައި ގެންނެވެ.] އޭނާތާނިޔާ ގާތު ބުންޏެވެ. [އަހަރެން ދާނީ ސޯފިޔާގެ ކާރުގައެވެ. އޭނާވެސް ދުރުވާނެއެވެ. މަންމަ ކަންބޮޑު ނުވާށެވެ.] [އެންމެ ރަނގަޅެވެ. އަވަހަށް ދާށެވެ.] ތާނިޔާ ބޮލާއެކު ދޯޕައްޓާ އަޅާލިއެވެ. ޖަޔާ ވަރަށް ރަނގަޅަށް ތާނިޔާއަށް ބަލާލިއެވެ. އޭނާ އެހުންނަނީ ކިހާ އުފާވެފައި ހެއްޔެވެ. ދުވެދުވެފައި މަސައްކަތް ކުރާއިރު ހީވަނީ އޭނާގެ ހިތާމަތައްވެސް ހަނދާން ނެތިފައިވާ ހެންނެވެ. ތާނޫ ދައްތައަށް ވަރަށް ގިނަކަންތައް ކޮށްދިނުމަށް ޖަޔާ ހިތާހިތުން އަޙްދު ވެއްޖެއެވެ. އެންމެ ކުޑަވެގެންވެސް ފައިސާއަށް ދަތިނުވާ ވަރަށް އެހީތެރިވާން އޭނާ ނިންމައިފިއެވެ. ދެބޭން މަންމައަށް ސަލާންކޮށްފައި ބޭރަށް ނުކުމެއްޖެއެވެ. އެމީހުން ސޯފިޔާގެ ގެއަށް ދިޔައިރު ފައުޒިއްޔާ ގަންނަންވާ ތަކެތި ލިސްޓަށް އިތުރުކުރަނީއެވެ. އަދި އެކަންތައް ތަކުން ނިމިގެން ހަތަރު މީހުން ކާރުގައި ބާޒާރާ ދިމާއަށް ދުއްވާލައިފިއެވެ. [ފުރަތަމަ ގަހަނާ ހަދާމީހާ ކައިރައަށް ދިއުން ކިހިނެއް ހެއްޔެވެ؟] ފައުޒިއްޔާ އެހިއެވެ. [ކުރިން ދާނީ ހެދުންތަކުގެ ޚަބަރު ބަލާށެވެ.] ސޯފިޔާ ބުންޏެވެ. ]ވަގުތަށް ތައްޔާރު ވެވޭނެ ބާވައޭ ހިތަށް އަރައެވެ.] [ތައްޔާރު ވެވޭނެއެވެ.] ތާނިޔާ ބުންޏެވެ. [ވަރަށް މޮޅަށް ހެދުން ތައްޔާރުކުރަން ވާނެއެވެ.] ސޯފިޔާ ބުންޏެވެ. [މާތްރަސްކަލާނގެ އެންމެހާ ނުބައި ބެލުންތަކުން ޖަޔާ ސަލާމަތް ކުރައްވާށިއެވެ. ހުރިހާ އެއްޗެއްވެސް އެހާރީއްޗެވެ. ގަހަނާ ސެޓްވެސް ވަރަށް މޮޅެވެ.] [އޭގެ އަގުވެސް އެހާމޮޅެއް ނޫންތޯއެވެ.] ތާނިޔާ ހީނިލިއެވެ. [ކޮއިފުޅާއެވެ. މިއީ އަދި އެކައްޗެއްވެސް ނޫނެވެ. ޖަޔާ އެތަނަށް ދިއުމުން ހުރިހާކަމެއް ފެނިދާނެއެވެ. އިވްނިންގޑްރެސް ދަންނަން ހެއްޔެވެ....... ހަމައެކަނި ......... ބުނެދޭނީ ކިހިނެއް ހެއްޔެވެ...... އިރާދަކުރެއްވިއްޔާ ފައިސާގެ އެއްވެސް ދަތިކަމެއް ނުޖެހޭނެއެވެ. ހިތަށް އެރި އެއްޗެއް ގަނެލެވޭނެއެވެ.] ފައުޒިއްޔާ ބުންޏެވެ. ދެން އިވްނިންގ ޑްރެސްއާ ބެހޭގޮތުން އޭނާއަށް ބުނެދޭން ފަށައިފިއެވެ. [އެމެރިކާއަށް ގޮސްލާންވާނީ ސްކާރޓާއި ފަޓްލޫނު އަދި ޖީންސެވެ.] ސޯފިޔާ ހިނިތުންވަމުން ޖަޔާއަށް ބަލާލިއެވެ. [ދުވަސް ދުވަސްކޮޅުން އަހަރެމެންގެ ކައިރިއަށްވެސް އަންނަންވާނެއެވެ. ދެންވާނީ މެހްމާނަކަށެވެ.] ޖަޔާގެ މޫނަށް ފިނިފެންމާ ކުލަ އަރައިފިއެވެ. ވާހަކަ ދައްކަމުން ހަތަރު މީހުން ފަހާމީހާ ކައިރިއަށް ހިނގައްޖެއެވެ. ބަނާރަސީ ސާޅީގެ ތިންސާޅީ ތައްޔާރު ކޮށްފައި އޮތެވެ........ ބްލައުޒްވެސް ފަހައިފިއެވެ. ޕާއިޖާމާވެސް ތައްޔާރު ވެއްޖެއެވެ. އާދައިގެ ހެދުންކޮޅެއްވެސް ފަހާފައި ހުއްޓެވެ. އެކަމަކު ކާވެނި ހެދުން އަދިވެސް ނުނިމެއެވެ. ނިދާހެދުމާއި ކުރުތާ ނިމިފާވެއެވެ. ދޯޕައްޓާތަކުގެ މަސައްކަތްވެސް ނިމިއްޖެއެވެ. އެމީހުން ނިމިފާހުރި ހެދުންތައް ހިފައިގެން ކާރަށް އަރައިފިއެވެ. އަދި ސީދާ ގަހަނާ ހަދާމީހާއާ ދިމާއަށް ހިގައްޖެއެވެ. އިއްތިފާޤުން ދިމާވި ގޮތެވެ. ނާވީދާއި އޭނާގެ އެއްބަޑު މީހުން އެވަގުތު އެފިހާރައިގައި ތިއްބެވެ. ނާދިރާއަށް ގަހަނާ ސެޓެއް އިންތިހާބު ކުރަނީއެވެ. މެދުފަންތީގެ ސެޓްތައް އޭނާގެ ކުރިމަތީގައި ބަހައްޓާލެވިފައި ހުއްޓެވެ. ނަވީދު ޖަޔާއަށް ބަލާލިއެވެ. ޖަޔާ ހިނިތުން ވެލަމުން ހަލޯއޭ ބުންޏެވެ. ތާނިޔާއާވެސް އެމީހުން ކުޑަކޮށް ވާހަކަ ދެއްކިއެވެ. މިއަދު ނަވީދު ހުންނަނީ ގޮތަކަށް ޖެހިލުންވެފައެވެ. [ހުރިހާ ގަހަނާތަކެއް ނިމިއްޖެ ހެއްޔެވެ؟] ފައުޒިއްޔާ ސުވާލުކުރިއެވެ. [ލައްބައެވެ! ބޭގަމް ސާހިބާއެވެ!] ސޭޓްވަރަށް އަދަބުވެރި ކަމާއެކު ބުންޏެވެ. ސޭލްސްމަނުން ހަސީނާއަށާއި އެހެން މީހުންނަށް ގަހަނާ ދައްކަމުން ދިޔައެވެ. ސޭޓްހުރީ ފައުޒިއްޔާ ކައިރީގައެވެ. ސޭޓު، އެމީހުން އޯޑަރުދިން ސެޓްނަގާ ކައުންޓަރު މަތީގައި ބާއްވައިފިއެވެ. ރީތިކަމުގެ ހައްދެއްނެތް މިސެޓަކީ ވަރަށް އަގުބޮޑު ސެޓެކެވެ. ޙަސީނާއާއި ނަވީދު ކަތިނަޒަރަކުން އެސެޓަށް ބަލާލިއެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދާ އަސަރުތައް ފެނިފައި ޖަޔާ ހިނިތުންވެލިއެވެ. ބޭއިޚްތިޔާރުގައި ނަވީދާ ސުވާލުކޮށްލާނަމޭ އޭނާގެ ހިތަށްއެރިއެވެ. [ސެޓް ކަމުދޭ ހެއްޔެވެ؟] ޖަޔާގެ ކާވަންޏާބެހޭ ޚަބަރުތައް ލިބުނު ދުވަހުން ފެށިގެން ނަވީދު ހުންނަނީ އުފާވެރިކަން ގެއްލިފައެވެ. ޖަޔާއަށް މަލާމާތްކުރުމާ ރުޅިއެރުވުން މުޅިން ހަނދާން ނެތިއްޖެއެވެ. ފައުޒިއްޔާ، ސެޓްގެ އަގު އަދާކޮށްފިއެވެ. އަތުގައި އަޅާ ތަނޑުތައްހުރީ ނިމިފައެވެ. އެކަމަކު އަދި ޕޮލިޝްކުރަން ޖެހެއެވެ. [ރަނުގެ ސެޓްވެސް ދެދުވަހެއްގެ ތެރޭގައި ލިބިދާނެއެވެ.] ސޭޓް ބުންޏެވެ. [ދެން އަދުނޫން މާދަމާއަށް ނަހަދާށެވެ. ސައްބީސްވަނަ ދުވަހަށް ހުރިހާ އެއްޗެއް ލިބެންޖެހޭނެއެވެ. ސެޓްވެސް ތަނޑުސެޓްވެސް އަދި ހާރުވެސް ލިބެން ޖެހޭނެއެވެ.] ހާސްވެނުލައްވާށެވެ. ބޭގަމް ސާހިބާއެވެ. ހުރިހާ އެއްޗެއް ނިމޭނެއެވެ.] [ކާވެނި އޮތީ އަށާވީހުގައި ދޮގެއްތޯއެވެ.] އޭނާ ސުވާލުކުރިއެވެ. ނަވީދު ސިހިފައި ޖަޔާއާ ދިމާއަށް ބަލާލިއެވެ. [ދެދުވަސް ކުރިން ގަހަނާ ހަމަކޮށް ދޭންވާނެއެވެ.] ސޯފިޔާ ބުންޏެވެ. [ހާސްވެ ނުލައްވާށެވެ. މާދަމާ ހަވީރަށްވެސް ހީވާގޮތުން ނިމިދާނެއެވެ.] ފައުޒިއްޔާ ނިމިފައިއޮތް ހާރުސެޓް ނަގައިފިއެވެ. އަދި ބާކީހުރި އެއްޗެހި ނިންމާނެ ވަގުތެއް ހަމަޖެއްސުމަށްފަހު އެންމެން ގޮނޑިން ތެދުވެއްޖެއެވެ. ޙަސީނާއާއި ނަވީދު ކުޑަކޮށް ދެރަވާގޮތް ވެއްޖެހެން ހީވާން ފަށައިފިއެވެ. ޖަޔާއާއި އެހެންމީހުން ދިއުމުން ޙަސީނާ ސޭޓްގެ ބޮލަށް ވަދެގެން އެމީހުން ގަންނަ ގަހަނާގެ ތަފްޞީލް އޮޅުން ފިލުވިއެވެ. ޖަޔާއަށް މިގަންނަނީ ހާދަހާ ގިނަ ގަހަނާއެކެވެ. މިކަމާމެދު އޭނާ ޙައިރާންވެ އަންތަރީސް ވެއްޖެއެވެ. *************************** ކާވެނީގެ ދަޢުވަތުގެ ކަންތައް އިންތިޒާމްކުރީ ފައުޒިއްޔާއެވެ. ހިތަށްއެރި ވަރަކަށް ޚަރަދުކުރުމަށް ޖަލާލީ ހުއްދަ ދީފައިވެއެވެ. އެހެންކަމުން އޭނާއަށް ފެންވަރަކަށް ޚަރަދުކުރީއެވެ. އޭނާ ބޭނުންވަނީ ޖަޔާގެ ޢާއިލީ މީހުންނަށް ފައިސާގެ ޒަރީޢާއާއިން އިޙްސާންތެރިކަން އަދާކުރުމެވެ. މީހާގެ ސިފައާމެދު ވިސްނާނެ ދަނޑިވަޅެއް ނުދިނުމެވެ. ފައިވްސްޓަރ ހޮޓަލެއްގައި ރޭގަނޑުގެ ކެއުމެއް ބޭއްވުމަކީ އާދައިގެ ކަމެއްނޫނެވެ. މެނޫ ތައްޔާރުކުރީ ފައުޒިއްޔާ އަމިއްލައަށެވެ. [ބޭނުން ވަރަކަށް މެހްމާނުން ގެންނަވާށެވެ.] އޭނާ ޖަޔާގެ މަންމައާ ބައްޕަ ގާތުގައި ބުންޏެވެ. ގޭގައި ތައްޔާރުކުރިނަމަ އެމީހުންނަށްވެސް ބޭނުން ވަރަކަށް ރައްޓެހިންނަށް ދަޢުވަތު ނުދެވުނީސް ކަންނޭގެއެވެ. ދަޢުވަތު އޮތީ ހޮޓަލުގައެވެ. އަދި އެއީ ޝަހަރުގައި ހުރި އެންމެ ފެންވަރުމަތީ ހޮޓަލެވެ. އެހެންކަމުން ހޮވައިގެން ދަޢުވަތު ދެވުނީސް ޝަހަރުގެ ބޮޑެތިކުލައިގެ މީހުންނަށެވެ. ޚާއްޞަ ގޮތެއްގައި ޖަޔާގެ ކާވެންޏާމެދު ފާޑުފާޑުގެ ވާހަކަ ހަދަހަދައިގެން ދެއްކި މީހުންނަށް ދަޢުވަތުދެވުނެވެ. އަދި ޙަސީނާގެ ގާތްތިމާގެ މީހުންނަށާއި ނަވީދުގެ ވާންއުޅޭ އަނބިމީހާގެ ގޭގެ އެންމެންނަށް ދަޢުވަތު ދެވުނެވެ. ޖަޔާއަށް ފަހާފައިވާ ހެދުންތަކާ ތައްޔާރުވެފައިވާ ގަހަނާތައް ފެނިފައި ޖަޔާގެ މައިންބަފައިންނަށް ހީވީ މިއުޅެވެނީ މަޢުރަޟެއް ބާއްވަން ކަމުގައެވެ. އެންމެން ގެއަށްގެނެސް ދައްކާ ހެދިއެވެ. ނަވީދަށާ އެގޭގެ އެހެން މީހުންނަށް މިމަންޒަރު ދެއްކުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެމީހުނަށް މިމަންޒަރު ފެނުމުން ޙައިރާންވެ އަންތަރީސް ވިއެވެ. މޫނު މައްޗަށް ދެއްކުމުގެ ހިންތުންވުން ވެރިކުރުވަން ވަރަށް މަސައްކަތް ކުރިއެވެ. [ޖަވާހިރު ސެޓް ޖަލާލީ ތައްޔާރުކުރުވީ އެމެރިކާ އިންނެވެ. އަހަރެން މީގެ އަގު މިތަނުން ބަލާލިއިރު ގާތްގަނޑަކަށް ދެލައްކަ ރުފިޔާވަރު ޖެހެއެވެ. ދެން މިހިރަ ކަންފަތުލާ މުދިސެޓް ފައުޒިއްޔާ މިތަނުންގަތީ އަހަރެންގެ ކުރިމަތީގައެވެ. މިވެޑިންގ ހެދުމަކީވެސް އެހާ އަގުބޮޑު ހެދުމެކެވެ. އެހާމޮޅު ހެދުމެކެވެ. ފައުޒިއްޔާ ބުނާގޮތުގައި އަދި މިއީ ފެންނަ ދަޅައެކެވެ. ޖަޔާއަށް އަސްލު ހެދުމާއި ގަހަނާ ލިބޭނީ އެމެރިކާއަށް ދިއުމަށް ފަހުގައެވެ. ޖަލާލީގެ ގެއާއި ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުންނެވެ. އަހަންނަށް ހީވަނީ އެއީ ޖާދޫގެ ގެއެއް ހެންނެވެ. އެއްތަނަށް ފިތާލުމުން ގެއަށް އެހެން ގޮތެއްވެގެން ދެއެވެ. އަނެއް ތަނަކަށް ފިތާލުމުން ތަފާތު ކޮޓަރިތައް ފެނިގެން ދެއެވެ. އެގޭގައި އެނބުރޭ ކޮޓަރި އެއްވެސް ހުރެއެވެ. ސުއްޗެއް ޖައްސާލުމުން ކޮޓަރި އެނބުރެން ފަށައެވެ. ނިދާ އެނދަކީވެސް ހަމައަޖައިބެކެވެ. ބަޓަނަކަށް އޮބާލުމުން އުނދޯއްޔެއް ފަދައިން ހެއްލެން ފަށައެވެ........... މާތްރަސްކަލާނގެ އެސްފީނާއިން ސަލާމަތް ކުރައްވާށިއެވެ.] ޖަޔާ ދޮރުކައިރީގައި ހުރެގެން އެއްޗައްސަށް ބަލަމުން ދިޔައެވެ. އަންނަ ކޮންމެ މީހަކަށް ތާނިޔާ ތަކެތީގެ ތަފްސީލު ކިޔާދެމުން ގެންދިޔައެވެ. ޚާއްޞަކޮށް ފަހަރިއަށާ އޭނާގެ ބޮޑާ ދަރިންނަށެވެ. އެމީހުންގެ މޫނުތަކުން ފެންދެމިފާވެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އެހުރިހާ އެއްޗެއްވެސް އިންތިހާއަށް ރީތިވެފައި އަގުބޮޑެވެ. [މާތްރަސްކަލާނގެ ޖަޔާ އުފަލުގައި ލަހައްޓަވާށިއެވެ.] އަވަށްޓެރި އަންހެނަކު ބުންޏެވެ. [ޖަޔާއަކީ ހަމަ ޙަޤީޤަތުގައިވެސް ނަސީބު ރަނގަޅު ކުއްޖެކެވެ.] ޙަސީނާއަކީ ހަލަބޮލި މިޒާޖެއްގެ ކުއްޖެކެވެ. އެއްވެސް ކެތްތެރިކަމެއް އޭނާގެ ނުވެއެވެ. ޖަޔާއާ ދިމާއަށް ބަލާލާފައި ވަށައިގެން ތިބި މެހެމާނުންނާ މުޚާޠަބު ކުރިއެވެ. [އަދި ހުރިހާ ކަމެއްވެސް ރަނގަޅެވެ. ކުރިއަށް އޮތްތާނގައި ކަންތައްވާނީ ކިހިނެއް ބާވައޭ ހިތަށް އަރައެވެ.] ޖަޔާގެހިތް ބާރަށް ތެޅިގަތެވެ. އެތަނުން އަންހެނަކު އަވަސް އަވަހަށް ސުވާލުކުރިއެވެ. [ތިޔަބުނީ ކީކޭ ހެއްޔެވެ؟] [މިކުދިންގެ ވާހަކައެވެ.] އޭނާ ޖަޔާއާ ތާނިޔާއާ ދެކުދިންނާ ދިމާއަށް ނަޒަރު ސީދާކޮށްލަމުން މަލާމާތުގެ ރާގުގައި ބުންޏެވެ. [ފިރިމީހާގެ ގޭގައި އުޅުމުގެ އާދަ ހިފިފައިވާ ބައެއް ނޫނެވެ. މީނާވެސް ތާނިޔާ ހެދިގޮތަށް ތަންމަތިބޮނޑި ހިފައިގެން ނާންނާނެ ކަމެއް ނޭގެއެވެ.] [އަސްތާ ކޮއިފުޅާއެވެ. ތިޔަކަހަލަ ބަސް ބުނާކަށް ނުވާނެއެވެ. [ދެތިން އަންހެނަކު އޭނާއަށް ނަސޭޙަތްތެރި ވިއެވެ.............. ޙަސީނާގެ ޖުމްލަ ތާނިޔާއަކަށް ނީވެއެވެ. އެކަމަކު ޖަޔާގެހިތް އަނދައިފިއެވެ. އޭނާގެ ބަސް ހިނގާނަމަ ކޮޓަރިން ޙަސީނާ ކޮއްޕާ ނެރުނީހެވެ. އޭނާއަށް ކެތްނުކުރެވިގެން އެތަނުން ދުރަށް ހިނގައްޖެއެވެ. ރޭގެ ޕާޓީ ވަރަށް ފުރިހަމައެވެ. ހޮޓަލްގެ ހޯލު އަލަތު އަންބެއް ފަދައިން ތައްޔާރު ކުރެވިފައިވެއެވެ. އެއް ފަރާތުގައި މަޚްމަލުގެ ސަނދުވާއެއް ތައްޔާރު ކުރެވިފާވެއެވެ. އޭގެ ހަތަރު ފަރާތުގައި މާތަކުން ފުރިފައިވާ ކުލަކުލައިގެ މާފަތިތަކެއް އެކުލެވިފާވެއެވެ. ޖަޔާ ކާވެނިހެދުން އަޅުވާފައި އިނެވެ. މޭކަޕްކުރުމަށް މީހަކު ގެނައީވެސް ބޮޑުއަގު ދީފައެވެ. ޖަޔާ މޭކަޕްކޮށް ރީތިކޮށްފައި އިންއިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އިސްތަށިގަނޑަށް ގޮތްގޮތް ހަދާފައިވާއިރު ބިމުގެ ކަމެއް ހެނެއް ހިއެއްނުވެއެވެ. ހީވަނީ އުޑުގެ މަޚްލޫޤެއް ހެންނެވެ. ދިހުންއަރާ ހެދުމާއެކު ވިދާބަބުޅާ ގަހަނާތަކުގެ ސަބަބުން އޭނާގެ ރީތިކަން އިތުރުވެގެން ދިޔައެވެ. އޭނާ މަސަންދުގައި ބާލީހުގެ އެހީއާއެކު އިށީނދެލައިގެން އިނެވެ. ލަދުގަންނަންވީ ސަބަބެއްނެތެވެ. ފިރިމީހާ އޭނާގެ ކައިރިއަކު ނެތެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތީގައި ލަދުވެތިކަމުގެ ހިޔަނިތައް ފެންނަން ހުއްޓެވެ. އަދި ބައެއް ފަހަރަށް ކޮންމެވެސް ރައްޓެހި ކުއްޖެއްގެ ލާނެއް ވާހަކަކޮޅަކުން އޭނާ އިސްޖަހާލައެވެ. ފޮޓޮގްރާފަރު ގޮތްގޮތަށް ފޮޓޯ ނަގަމުން ދިޔައެވެ. ތަކްރާރުކޮށް އެކިގޮތްގޮތަށް ފޮޓޯނެގުމަކީ ޒުވާން އަންހެން ކުދިންގެ ވަރަށްބޮޑު އެދުމެކެވެ. ފޮޓޯގްރާފަރު މަސަންދާ ކުރިމަތިލާ ކޮންމެ ފަހަރަކު ޖަޔާގެ ފޮޓޯއެއް ނަގައެވެ. ޖަޔާގެ އެކުވެރި ކުދިން ސަމާސާކުރުމުގައި މަޝްޣޫލުވެގެން ތިއްބެވެ. ޖަގޫ މީހަކާއިނީ މިދިޔަ މަހުގައެވެ. އެހެންކަމުން އޭނާއަށް ލިބިފައިވާ އާ ތަޖްރިބާތަކާ ބެހޭގޮތުން ޖަޔާއަށް ކިޔާދެމުން ގެންދިޔައެވެ. [ތިޔަކަހަލަ ވާހަކަ ނުދައްކާށެވެ.] ޖަގޫ ވާހަކަ އަހާފައި ހާސްވެގެން ޖަޔާ ބުންޏެވެ. [ކޮއިފުޅާއެވެ. އެދައްކަނީ ވަރަށްމުހިންމު ވާހަކަ ތަކެކެވެ.] ދެއަހަރުވީ އަންހެން ދަރިފުޅު އުރުން ބާލަމުން ޖަޔާގެ އެކުވެރި ސާއިރާ ބުންޏެވެ. [އެކަމަކު ތިޔަ ވާހަކަތަކުގެ ފައިދާއަކީ ކޮބައި ހެއްޔެވެ. އޭނާގެ ފިރިމީހާ މިތާކުނެތެވެ.] ސަމްލާ ހީނލާފައި ބުންޏެވެ. [އެންމެ ސައްވީސްގަޑިއިރު ތެރޭގައި ހަނދާން ނެތިދާނެ ހެއްޔެވެ.] ޖަގޫ ބުންޏެވެ. [މާދަމާ ފިރިމީހާގެ ގާތަށް އެދަނީ ވިއްޔާއެވެ.] [މާދަމާ ރޭ ހެއްޔެވެ؟] [އާނއެކެވެ. މިރޭ ފަތިހު ހަތަރެއްގެ ފްލައިޓުންނެވެ.] [އެންމެ ދުވަހެއްގެ ތެރޭގައި ބުނެދެވޭން އޮތް އެއްޗެއް ބުނެދޭނަމެވެ. އަހާށެވެ. ޖަޔާއެވެ. މިބުނާގޮތަށް ކަންތައް ކުރާށެވެ..........] ޖަޔާ އަނެއް ފަރާތަށް މޫނު އަނބުރާ ލައިފިއެވެ. ޖަގޫ އޭނާގެ ކަންފަތް ދޮށުގައި ކޮންމެވެސް ކަހަލަ ހެއްވާ ވާހަކައެއް ބުނަން އުޅޭތީއެވެ. އެކުވެރި ކުދިންގެ ސަކަރާތް ވަރަށްބޮޑެވެ. މެހުމާނުންގެ ބައިގަނޑު ޖަމާވެފައި އޮތެވެ. ފަނޑު އަލީގެ ތެރޭން ކުލަކުލައިގެ ހެދުންތައް ވިދާ ބަބުޅަމުން ދިޔައެވެ. ވޭޓަރުން އެމީހުންގެ މަސައްކަތް ފުރިހަމަ ކުރެވޭތޯ ވަރަށްބޮޑަށް ހިތްވަރު ކުރަމުން ދިޔައެވެ. މީހުންގަނޑު އެއްތަނުން އަނެއްތަނަށް ދަނީއެވެ. ބައެއް މެހްމާނުން ބޭރު ލޯނަށް ހިނގައްޖެއެވެ. ބައެއް އަންހެނުން ކުޑަކުދިން ރުޅި ދައްކަން ފެށުމުން އެކުދިން ގޮވައިގެން ބޭރަށް ނުކުމެއްޖެއެވެ. [ކޮންމެއަކަސް ޙަފްލާ ވަރަށް ފުރިހަމައެވެ. ޒުވާނެވެ. މިކަހަލަ ޒުވާންކަމެއް ޖަޔާގެ ހިތުގައިވެސް އުފެދިފައިވެއެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ހިތާމައާ ލިބެންއުޅޭ އުފާތައް އެކުވެ ލާމެހިފާވެއެވެ. ބައެއް ފަހަރު މައިންބަފައިންނާ އެއްބަނޑު ތިމާގެ މީހުން ދޫކޮށްލާފައި ދާންޖެހޭތީ ހިސާބަކަށް ކަންބޮޑުވެއެވެ. އަދި ޖަލާލީއާ އޭނާގެ ގޭގައި އާދުނިޔެއެއް ފެށުމުގެ ތަސައްވުރުތައް އޭނާގެ ހިތް ސިހުރުވެރި ކުރުވަމުން ދިޔައެވެ. ބައެއް ފަހަރު ނަވީދުވެސް ފުއްޓަތްކަކަށް ވެގެން އޭނާގެ ހިތުގައި ހަލަބޮލިކަން އުފައްދައެވެ. އެކަމަކު ނަފްރަތާ ހާސްކަން އެހަލަބޮލިކަން ވަށާލާފައިވެއެވެ. އޭނާ ޖަޔާގެ ހިތުގައި ޖައްސަމުން ދިޔައީ ކިހާ އިހާނެތި ގޮތަކަށް ހެއްޔެވެ. މިހާރު ޖަޔާއަށް ހީވަނީ ނަވީދުގެ ވިހަ ބަސްތަކުގެ ސަބަބުން ހަށިގަނޑު އަނދަމުންގޮސް އަޅިއަށްވެގެން އެއަޅިން އެހެން ޖަޔާއެއް އުފެދިގެން އުޅޭ ހެންނެވެ. އާދެ، މުޅިން އާ ޖަޔާއެކެވެ. މިވަގުތު އުފާވެފައި މިތާނގައި އިން ޖަޔާއެވެ. ފިރިމީހާ ލޮލުން ނުދެކި އަތްނބަކަށް ވެފައިވާ ޖަޔާއެވެ. ---------------- (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|