މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (17) |
|
|
| ދިވެހި - ވާހަކަ | |||
| 23 ނޮވެމްބަރ 2011، 14:52 ބުދަ | |||
|
19 ނޮވެމްބަރު (ހޮނިހިރު) އާ ގުޅޭ.. ގައްދޫ މުޙަންމަދު ރަޝީދު ހުރިހާ ހިތްވަރެއްގައި ފިނި ހިފާފައިވެއެވެ. އެއްބަނޑު ތިމާގެ މީހުން ދޫކޮށްލާފައި އެތައް މޭލެއް ކަޑައްތުކޮށްފައި އޭނާ މިހިސާބަށް މިއައީ ޖަލާލީ އަށްޓަކައެވެ. އޭނާ މިތާގައި ނެތުމުން ޖަޔާގެ ހިތުގައި ކޮންމެވެސް ވަރަކަށް ކޫރުން އެޅިއްޖެއެވެ.ވާހަކަ ދެކެވެމުން ދިޔައެވެ. ޖަޔާހުރީ ހަމަހިމޭނުންނެވެ. މިސިޒް ރަފީޤު އޭނާގެ ކައިރިއަށް އައިސް ބުންޏެވެ. [ނާޖިޔާއެވެ. ކަންބޮޑުނުވާށެވެ. ވިޔަފާރީގެ ކަންތައްތަކުގައި ޖަލާލީ އަބަދުވެސް އުޅެނީ އެކަހަލަ ގޮތަކަށެވެ. މިއަދު މާމުހިންމު މަސައްކަތަކާ ކުރިމަތިވީއެވެ. ތާބުޝް އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދީފިއެވެ. ކަންބޮޑު ނުވާށެވެ. އެއީ އެއްވެސް ކަމެއް ނޫނެވެ. އަހަރެމެން މިތިބީ ނޫން ހެއްޔެވެ.] ޖަޔާ ބިރުވެރި ނަޒަރަކުން އޭނާއާ ދިމާއަށް ބަލާލިއެވެ. ޕްރާނާއި ރަފީޤު އެއްޗެހި ގެންދަނީއެވެ. ޖަޔާ ގެނައީ ދަބަހަކާއި ސޫޓްކޭހެކެވެ. ކުޑަކުޑަ ދެފޮއްޓަކީ މިސިޒް ރަފީޤުގެ ދެފޮއްޓެވެ. [ހުރި އެއްޗަކީ މިއީ ދޯއެވެ.] ޕްރާން ފައުޒިއްޔާއާއި ސުވާލުކުރިއެވެ. [އާނއެކެވެ.] އޭނާ ބުންޏެވެ. [އެހެންވިއްޔާ ގެއަށްދަމާ ބަހީއެވެ. މިތަން ދޫކޮށްލާފައި ދަމާ ހިނގާށެވެ.] [ހިނގާށެވެ.] ޝަވާލީ ހިނިތުންވަމުން ޖަޔާގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. އަދި އޭނާއަށް އެހީތެރިވަމުން ބުންޏެވެ. [އަވަހަށް ހިނގާށެވެ. ކުޑައިރުކޮޅަކަށް އަހަންނަކީ ޖަލާލީކަމުގައި ހީކޮށްލާށެވެ.] ޖަޔާ ލަދުގެންފިއެވެ. ހުނުމާ މަޖާކުރަމުން އެންމެން ކާރުތަކާ ދިމާއަށް އަތުވެއްޖެއެވެ. ޖަލާލީގެ ކާރަށް ޖަޔާ އަރުވާފައި ޖަގޫއާއި ޝަވާލީވެސް އަރައިފިއެވެ. ޑްރައިވިންގ ސީޓްގައި މަންސޫރު އިށީނދެއްޖެއެވެ. ރަފީޤު އަނެއް ފަރާތުގައި އިށީނދެއްޖެއެވެ. [ރަފީޤު ފައުޒިއްޔާގެ ކާރަށް އަރަންވީ ނޫން ހެއްޔެވެެ. އޭނާ އެއައީ ތިންމަސް ކޮށްލާފައި ވިއްޔާއެވެ.] މަންސޫރު ސަމާސާ ކޮށްލިއެވެ. [އޭނާ އަހަންނާމެދު ފިކުރެއް ނުކުރެއެވެ. އަހަންނަކަށް ލިފްޓެއް ނުދިނެވެ. ކުދިންނޫން އެހެންމީހެއް އޭނާއަކަށް ނުފެނުނެވެ.] [އެކަމަކު ތިޔައައީވެސް ވަރަށްބޮޑަށް ތައްޔާރުވެގެން ނޫން ހެއްޔެވެ.] [ކީއްކުރާނީ ހެއްޔެވެ. ތައްޔާރުވުމުގައި ފުރިހަމަ އެއްގަޑިއިރު ދިޔައެވެ. އެހެންނަމަވެސް ބޭގަމް ސާހިބާ ރުހޭގޮތެއް ނުވިއެވެ.] އެންމެން ހޭންފަށައިފިއެވެ. ޖަޔާގެ ތުންފަތުގައިވެސް ހިނިތުންވުމެއް ކުޅެލައިފިއެވެ. ހެމުން މަޖާކުރަމުން އެންމެން ގެއަށް ހިނގައްޖެއެވެ......... ޝަވާލީއާ ޖަގޫ ޖަޔާއަށް އެހީތެރިވަމުން ކާރުން ފައިބައިފިއެވެ. ގެއަށް ވަންނަން ތައްޔާރުވީ ވަގުތު ޖަޔާ ކުޑަކޮށް ޖެހިލުންވިއެވެ. [އަސްތާއެވެ. ޖެހިލުންވާނެ ކަމެއްނެތެވެ. މިގޭގައި އެއްވެސް މީހަކު ނުޅޭއެވެ.] މިސިޒް ތާބުޝް ބުންޏެވެ. [އޭނާ ޖެހިލުންވަނީ ގެއަށް ވަނުމާއެކު ޖަލާލީ އޭނާ ޖަހައިގަނެގެން ހިނގައިދާނެ ކަމުގައި ހީކޮށްފައެވެ.] ޖަގޫ ހީނލާފައި ބުންޏެވެ. [މިއަދު ނޫނީ މަދާމާ........ ތިޔައީ ހަމަގައިމުވެސް ވާންއޮތް ކަމެކެވެ. ޖަޔާ ޖަހައި ގަންނާނެއެވެ.] ޝަވާލީ ޖަޔާގެ ކަންފަތް ދޮށުގައި ސިއްރުން ބުންޏެވެ. ޖަޔާގެ މޫނު ރަތްވެއްޖެއެވެ. ފުރިހަމަ އެއްގަޑިއިރު ވަންދެން ކެއުމާ މަޖާނެގުމުގައި ސިލްސިލާ ހިނގަމުން ދިޔައެވެ. ޖަޔާގެ ސިހުން ކުޑަކޮށް ދުރުވެއްޖެއެވެ........ އަދި މިމަޖާ އެކުވެރިންގެ ވާހަކަތަކާމެދު ކޮންމެވެސް ވަރަކަށް ހިނިތުންވާން ފަށައިފިއެވެ. [ޖަޔާ މިހާރު ވަރުބަލިވެދާނެ ކަންނޭގެއެވެ.] މިސިޒް ތާބުޝް ބުންޏެވެ. [ފުދޭވަރެއްގެ ދިގުދަތުރެއް ވިއްޔާއެވެ.] [ފެންވަރައިގެން ހެދުން ބަދަލުކޮށްލާށެވެ. އަދި އަރާމުގައި ނިދާލާށެވެ.] މިސިޒް ހެރަލްޑް އޭނާގެ ކައިރިއަށް އައިސް ބުންޏެވެ. [އެބުނީ ރަނގަޅު ވާހަކައެކެވެ.] މަންސޫރު ބުންޏެވެ. [މިހާރު ދެން އަހަރެމެންވެސް ދާންވީއެވެ.] [އާއެކެވެ. ކުދިވެރިން ދޫކޮށްލާފައި މިހެން ތިބޭތާ ކިހާއިރެއް ހެއްޔެވެ.] މިސްޓަރ ތާބުޝް ތެދުވަމުން ބުންޏެވެ. އެކަކަށްފަހު އަނެކަކު ތެދުވަން ފަށައިފިއެވެ. ޖަޔާ ހާސްވެފައި އެންމެނަށް ބަލާލިއެވެ. [އެންމެންވެސް ދުރުވަނީ ތޯއެވެ؟] [ދެން ކީއްކުރާނީ ހެއްޔެވެ؟.........] ޕްރާން ބުންޏެވެ. [އަޅުގަނޑު......... އަޅުގަނޑު ހުންނާނީ ކޮންތާކުތޯއެވެ.......] ޖަޔާ ސުވާލުކުރިއެވެ. [ކޮއިފުޅާއެވެ. މިއީ ކަލޭގެ ގެއެވެ.] ފައުޒިއްޔާ ބުންޏެވެ. [މިސިޒް ހެރަލްޑް ޖަޔާ ކައިރީގައި އުޅޭނެއެވެ. ދެން އޭނާ ކުޑަކޮށް ފަޚުރުވެލާފައި ބުންޏެވެ. [މިއީ ޖަޔާގެ ޚާދިމާއެވެ.......... ހުރިހާ ކަމެއްގައިވެސް ޖަޔާއާ އެހީވެދޭނެއެވެ.] [ފައުޒިއްޔާ ދައްތާއެވެ. އަޅުގަނޑު ބިރުގަނެއެވެ.] ޖަޔާ ބިރުންހުރެ ބުންޏެވެ. [މިތާނގައި ބިރުގަންނަންވީ އެއްވެސްކަމެއް ނެތެވެ.] މަންސޫރު ބުންޏެވެ. [މިސިޒް ހެރަލްޑް ފަހަރީގެ ކައިރީގައި ނެތަސް ބިރުގަންނާނެ އެއްވެސްކަމެއް ނޯންނާނެއެވެ.] ޖަޔާ އެއްޗެކޭ ބުނަން އުޅުނެވެ. އެވަގުތު މިސިޒް ހެރަލްޑް އޭނާގެ ކައިރިއަށް ޖެހިލާފައި ނުހަނު ލޯތްބާއެކު ބުންޏެވެ. [މިސިޒް ޖަލާލީއެވެ. ފިކުރު ނުކުރާށެވެ. މިއީ ހަމަ އަމިއްލަ ގެއެވެ.] އެންމެން ޖަޔާއަށް ހިތްވަރުދެމުން ދިޔައެވެ. މިސިޒް ހެރަލްޑާ ބެހޭގޮތުން ފައުޒިއްޔާ އާއި މިސިޒް ތާބުޝް ހުރިހާ ވާހަކައެއް ސާފުކޮށް ކިޔާދިނެވެ. އޭނާއަކީ ކުޅަދާނަ ވިސްނުންތޫނު އަންހެނެކެވެ..... ހުރިހާ ގޮތަކުން ޖަޔާއާމެދު ޚިޔާލު ބެހެއްޓުމަކީ އޭނާގެ ފަރްޟެކެވެ. އެކަކަށްފަހު އަނެކަކުގޮސް ނިމިއްޖެއެވެ. ގޭގައި މިހާރު ތިބީ ހަމައެކަނި ޖަޔާއާއި މިސިޒް ހެރަލްޑެވެ. ޖަޔާގެ ހިތުގައި ވަސްވާސްތައް އެނބުރެން ފަށައިފިއެވެ. ބިރުވެސް ގަނެއެވެ. އެކަމަކު މިސިޒް ހެރަލްޑަކީ ވާހަކައިގެ މާބޮޑު މީހެކެވެ. އުފާވެރި މިޒާޖެއްގެ އަންހެނެކެވެ. ހުޝިޔާރުވެސް އަންހެނެކެވެ. ޖަޔާގެ އަސަރުތައް އޭނާއަށް ފޮރުވިފައެއް ނެތެވެ. އެހެންކަމުން އޭނާ ވަރަށް ވިސްނައިގެން ރައްކާތެރި ކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ. [ޖަޔާގެ ގެ ބަލާލަން ދާންވީ ނޫންހެއްޔެވެ.] އޭނާ ޖަޔާއާ ސުވާލުކުރިއެވެ. ޖަޔާވެސް ބޭނުންވަނީ ވަގުތު ހޭދަކޮށްލުމެވެ. ފުދޭވަރަކަށް ވަރުބަލިކަންވެސް ހަށިގަނޑަށް ވެރިވެފާވެއެވެ. އެހެން ނަމަވެސް ނިދީގެ ކުޑަކޮށްވެސް އަސަރެއް އޭނާގެ ލޮލަކުނެތެވެ. [އެންމެ ފުރަތަމަ ފެންވަރައިގެން ހެދުން ބަދަލު ކޮއްލާށެވެ. އޭގެ ފަހުގައި ޖަޔާގެ މިރީތި ގެ ދައްކާލަން ދާނަމެވެ.] ޖަޔާ އިންތިހާދަރަޖައިގެ ރީތި ސިޓިންގރޫމަށް ބަލާލަމުން މިސިޒް ހެރަލްޑާއެކު އަނެއްކޮޓަރިއަށް އަތުވެއްޖެއެވެ. ރިމޯޓް ކޮންޓްރޯލުން ހުޅުވޭ ދޮރާ އަދި ކެހިގެންދިޔަ ފަރުދާއަކީ ޖަޔާ ޙައިރާން ކުރުވި އެއްޗަކަށްވިއެވެ. އެންމެ ފުރަތަމަ އޭނާ ހީކުރީ އެއީ ޖާދޫގެ ކަމެއް ކަމުގައެވެ. ކުޑަކޮށް ބިރުވެސްގަތެވެ. ލޮލުގައި ބިރުވެރިކަމުގެ ވިދުވަރު އުފެދުނެވެ. އޭނާގެ ކާވެންޏާއި އަދި މިގެއަކީ މަކަރުވެރި ދަލެއްކަމުގައި ހީކުރެވެން ފަށައިފިއެވެ. ވަސްވާސްތަކުން ހިތްފުރުނެވެ. ހިތްބާރަށް ތެޅެން ފަށައިފިއެވެ. އެކަމަކު.......... މިސިޒް ހެރަލްޑް އިޚްލާޞްތެރި ކަމާއެކު ލޯތްބާއެކު ހުރިހާކަމެއް ވިސްނާދެމުން ގެންދިޔައެވެ. ބުނެދެމުން ދިޔައެވެ. ޖަޔާގެ ހިތްވަރު އާކޮށްދިނެވެ. ވަރަށް ޞަރީޙަކޮށް ގޭގައި ކޮމްޕިއުޓަރ ސިސްޓަމް ހަރުކުރެވިފައިވާ ވާހަކަ ކިޔައިދިނެވެ. ކޮޓަރިތައް ހުންނަނީ ބޭރަށް އަޑުނީވޭ ގޮތަށެވެ. ލިވިނގްރޫމާ ބެހޭގޮތުންވެސް އޭނާ ޖަޔާއަށް އޮޅުން ފިލުވައިދިނެވެ. [މާދަމާ ހެނދުނު ހުރިހާ އެއްޗެއް ރަނގަޅަށް ފެނިދާނެއެވެ. ހަމަގައިމުވެސް މިރީތިގެއާއި އަދި ގޭގެ ވަށައިގެންވާ މަންޒަރުތައް ޖަޔާއަށް ރީތިވާނެއެވެ.] މިސިޒް ހެރަލްޑް އޭނާ ގޮވައިގެން ނިދާކޮޓަރިއަށް އަތުވެއްޖެއެވެ. ޖަޔާ ސިހުނެވެ. މިހާރީތި ނިދާ ކޮޓަރިއެއް ދުވަހަކުވެސް ފެނިދާނެ ކަމުގައި އޭނާއަށް ހީކުރެވިފައެއް ނެތެވެ. އަދި ތަޞައްވުރުވެސް ނުކުރެވޭމެއެވެ. އޭނާހުރީ ޙައިރާން ވެފައެވެ. މިސިޒް ހެރަލްޑް ފެންވަރާ ކޮޓަރިއާ ދިމާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. [ފެންވަރައިގެން ހެދުން ބަދަލުކޮއްލާށެވެ.] ޖަޔާ އެތެރެއަށް އަތުވެއްޖެއެވެ. އޭނާގެ ޙިއްސުތައް ހަމައަށް ހުރިކަމުގައި ހީނުކުރެވޭ ކަހަލައެވެ. އޭނާއަށް ހީވަނީ ހުވަފެނުގެ ވާދީއަކަށް ގެއްލިފައިވާ ހެންނެވެ. އެކަމަކު........... އޭނާގެ ހުވެފެނުގެ ވާދީވެސް މިހާ ރީއްޗެއް ނުވާނެއެވެ. ޖަޔާ ފެންވެރިއެވެ. ޑްރެސިންގ ރޫމްގައި ތައްޔާރު ކުރެވިފައިވާ ނިދާހެދުން ލިއެވެ. ލޯގަނޑުން އަމިއްލަ ހިޔަނި ބެލިއެވެ. އެހެން ނަމަވެސް މިފެންނަ ހިޔަންޏަކީ އޭނާގެ ހިޔަނިކަމުގައި ޔަޤީނެއް ނުކުރެވެއެވެ..... މިހުރިހާ އުފާތަކާ ޙައިރާން ކުރުވަނިވި ކަންތައްތަކުގެ އިތުރުން ކޮންމެވެސް ވަރެއްގެ ހާސްކަމެއްވެސް ޖަޔާގެ ހިތަށްވެރި ވެފައިވެއެވެ. ކިތަންމެ މުހިންމު މަސައްކަތެއް އޮތްކަމުގައި ވިޔަސް މިއަދު ޖަލާލީ އެކަމެއް ފަސްކޮށްލަން ޖެހޭނެއެވެ. މިފަހަރު އޭނާގެ ހިތްބިރުން ތުރުތުރު އަޅައިގަތެވެ. އަނެއްކާ މިއީ މަކަރުވެރިކަމެއް ނޫންބާވައެވެ. އޭނާ މިގެންގުޅެނީ ކެހިވެރިކަމުގެ ދަލެއްގައި ޖައްސައިގެން ނޫން ބާވައެވެ.] އޭނާ އެނދުގައި އޮށޯތުމުން މިސިޒް ހެރަލްޑް ސްވިޗް އޮން ކޮށްލިއެވެ. [އެނދު މަޑުމަޑުން ހެލުވޭނެއެވެ. މިއުޒިކްގެ އަޑު އިވޭނެއެވެ. އޭރުން ވަރަށް އަވަހަށް ނިދިދާނެއެވެ.] މިސިޒް ހެރަލްޑް ހިނިތުވެލަމުން ލޯތްބާއެކު ބުންޏެވެ. ޖަޔާއަށް ވަރަށް މަޖާވެއްޖެއެވެ. އޭނާއަށް ހީވީ ޕަރީންތަކެއް އައިސް އޭނާ ނަގާ އުނގައްލައިގެން ލަވަކިޔަނީ ކަމުގައެވެ. ކޮޓަރީގެ ފަޟާ ރީތިއަލިތަކުން ޒީނަތްތެރި ކުރެވިފައިވެއެވެ. އޮފްއަރާ އެނދެކެވެ. މަޑުމަޑުން ޙަރަކާތް ކުރަމުންދާ މަޑު ތަންމައްޗެކެވެ. ދޫނިފަތުގެ ހޫނު އަދި މަޑު ރަޖާއެކެވެ. އޭނާ އެނދަށް ފެތިފާއޮތެވެ. އަގުބޮޑު ފަށުއި ނިދާ ހެދުމުގައި އޭނާ ފެންނަނީ ވިދާބަބުޅާ ތަރިއެއްގެ ގޮތުގައެވެ. ފާރުގައި ހުރި ލޯގަނޑުން އޭނާ ބަލާލިއެވެ. އެތައްއިރަކު މިގޮތަށް ބަލަން އޮތެވެ. ޔަޤީން ނުކުރެވޭ ކަހަލަ ގޮތަކަށް ދެތިން ފަހަރަކު ހަތަރުކަޅި ހަމަކުރިއެވެ. ޔަޤީންކަމުގެ މަންޒިލާ ހަމައަށް ދެވިދެވި ހުއްޓާ އެތައް ފަހަރަކު ވަހުމުތައް އައިސް އޭނާ ހާސްކުރުވިއެވެ. [މިސިޒް ހެރަލްޑެވެ.] [ކީކޭ.....؟] [ހެރަލްޑް ނިދަނީ ކޮންތާކުހެއްޔެވެ؟] [އަހަރެންގެ ކޮޓަރީގައެވެ.] [އަހަރެންގެ ކައިރީގައި ހުންނަނީ ކާކުހެއްޔެވެ؟] [މިއަދު އެއްވެސް މީހަކުނެތެވެ. އެކަމަކު ހަމަގައިމުވެސް މާދަމާ ޖަލާލީ ސާހަބް ހުންނަވާނެއެވެ.] މިސިޓް ހެރަލްޑްގެ މޫނުމަތީގައި ހުރީ ދެއްކުމުގެ ހިނިތުންވުމެކެވެ. ސަމާސާ ގޮތެއްވެސް ހުއްޓެވެ. އަދި އުފާވެރި ގޮތެއްވެސް ހުއްޓެވެ. [ފިކުރު ނުކުރާށެވެ. އަވަހަށް ނިދާލާށެވެ.] އެތައް ފަހަރަކު ހިތްހަމަޖައްސާ ދިނުމަށްފަހު އޭނާ އަނެއްކާވެސް ބުންޏެވެ. ދެން އޭނާ ތަފާތު ބަޓަންތައް ދައްކަމުން އެބަޓަނެއްގެ ބޭނުން ކިޔާދޭން ފަށައިފިއެވެ. [މި ކޯލް ބެލް ޖެހެނީ އަހަރެންގެ ކޮޓަރިންނެވެ. ބޭނުމެއް ޖެހިއްޖެއްޔާ މިބަޓަނަށް އޮބާލާށެވެ. އަހަރެން ދެމިނެޓްއިރު ތެރޭގައި އަންނާނަމެވެ. ނާޖިޔާ ބުނެފިއްޔާ ޖެހިގެންހުރި ކޮޓަރީގެ ސޯފާގައި މިރޭ އޮވެދާނަމެވެ.] [ތިޔައީ ވަރަށް ރަނގަޅު ގޮތެކެވެ. މިސިޒް ހެރަލްޑެވެ. މިއީ މުޅިން އާތަނެކެވެ. އަހަރެން ބިރުގަނެއެވެ. މިއަދާ ހަމައަށް ދުވަހަކުވެސް އަހަރެން އެކަނި ކޮޓަރިއަކު ނުނިދަމެވެ. އަހަރެންގެ އަންހެން ދެކޮއްކޮ އަބަދުވެސް ކޮޓަރީގައި ނިދައެވެ.] [ވަރަށް ރަނގަޅެވެ.] މިސިޒް ހެރަލްޑް ބުންޏެވެ. [އަހަރެން ބަދިގޭގެ ކަންތައްތަކުން ނިމިގެން ޖެހިގެންހުރި ކޮޓަރިއަށް އަތުވެދާނަމެވެ. ބޭނުމެއް ޖެހިއްޖެއްޔާ މިބަޓަނަށް އޮބާލާށެވެ.] ޖަޔާ ހިތްހަމަ ޖައްސާލައިގެން ބާލީހުގައި ބޯއަޅާލިއެވެ. ހެރަލްޑް އިރުކޮޅަކު އިނެވެ. ދެން ސަލާންކޮށްފައި ކޮޓަރިން ނުކުމެއްޖެއެވެ. ޖަޔާގެ ސިކުނޑީގައި ޚިޔާލުތައް އެނބުރެން ފަށައިފިއެވެ. ބައެއް ފަހަރު އޭނާގެ ނަސީބާމެދު ފަޚުރުވެރިވެއެވެ. މިހުރިހާކަމަކީ އޭނާ ހުވަފެނެއްގައިވެސް ދެކެފައިވާ ކަމެއްނޫނެވެ. އަދި ޚިޔާލުވެސް ކުރެވިފައިވާ ކަމެއްނޫނެވެ. އެކަމަކު މި ފެންނަނީ ހަމަ ޙަޤީޤަތެވެ. މިއީ ފަޚުރުވެރިވާންވީ ކަމެކެވެ. އެކަމަކު........ ސިކުނޑީގެ ބައެއް މަޤާމުތަކުގައި ވަސްވާސްތަކުގެ ހަރުފަވެސް އެބަދުވެއެވެ. އަޑުއިވެމުންދާ ވާހަކަތަކުގެ ހަނދާންތައް ސިކުނޑައަށް ވަންނަން ފަށައިފިއެވެ. ބޭރު ޤައުމުތަކުގެ ކާވެންޏާއި ކެހިވެރިކަމުގެ ވާހަކަތައް އޭނާ އަޑުއަހާފައި ވެއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެން ފަށައިފިއެވެ. އެއާއެކު ބާރަށް ލޯމަރާލައިފިއެވެ. ބާރަށް ހަޅޭއްލަވައި ގަންނަން އޭނާގެ ހިތަށް އެރިއެވެ. ކަރުނަތައް ހުސްވަންދެން ރޯން ހިތަށް އެރިއެވެ. އޭނާގެ ލޮލުގެ ބޮނޑިވެސް ތެމިއްޖެއެވެ. ތުންފަތް ތުރުތުރު އަޅަން ފަށައިފިއެވެ. [މަންމާއެވެ.] އޭނާ ބާލީހުގައި މޫނު ފޮރުވައިފިއެވެ. ދެން މައިންބަފައިންނާ ތިމާގެ މީހުން އޭނާއަށް ހަނދާންވާން ފަށައިފިއެވެ. އެމީހުންނާ ވަކިވެވުނުކަމުގެ މައްޗަށް ހިތާމަކުރަން ފަށައިފިއެވެ. ދެން............ އޭނާގެ ލޯމެރުނީ ކިހާއިރަކު ކަމެއް ނޭގެއެވެ. *********************** އެއްވެސް އަޑެއް ނީވެއެވެ. އޭނާގެ ލޯހުޅުވުނީ ކިހިމެއްކަމެއް ނޭގުނެވެ. އޭނާއަށް މިއޮއެޅުނީ ކޮންތަނެއްގައިކަން ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. މަސްތުވެފައިވާ ބެލުމަކުން ވަށައިގެން ހޯދާބަލާލިއެވެ. ބާލީސް ރަނގަޅު ކޮށްލާފައި ބޯ އަޅާލަމުން އަނެއްކާވެސް ލޯ މެރެން އުޅުނެވެ. އެވަގުތު ކުރިމަތީގައި ހުރި ފަރުދާ ކުޑަކޮށް ހެލިލައިފިއެވެ.......... އަދި ދިގު ހަޅޭކެއްގެ އަޑު ކަރުބުޑުގައި ތާށިވެއްޖެއެވެ. އަދި........... އޭނާ ހަޅޭއްލަވައި ގަތުމުގެ ކުރީގައި ފަރުދާ އެހުރިގޮތަށް އޭގެ މަގާމަށް އަތުވެއްޖެއެވެ. އަދި ފަރުދާ ކެހިގެން ދިޔަ ވަގުތު ފެންނަން އުޅުނު ބިރުވެރި ފުރޭތައިގެ މޫނު ލޯމަތިން ގެއްލިއްޖެއެވެ. އޭނާ ނޭވާ ހިފަހައްޓާ ލައިގެން އޮތެވެ. ދެލޯ ބޮޑުކޮށްގެން އޮވެ ފަރުދާއަށް ބަލަމުން ގެންދިޔައެވެ. މިގޮތުގައި އެތައް އިރެއް ވޭތުވެ ހިނގައްޖެއެވެ. އޭގެ ފަހަކުން ފަރުދާއެއް ނުހެލުނެވެ. ތެދުވެގެންގޮސް ފަރުދާ ހިއްލާފައި ބަލާލުމަށް އޭނާގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް ހިތްވަރެއް ނުލިބުނެވެ. މިހާރު އޭނާއޮތީ ރަނގަޅަށް ހޭލެވިފައެވެ. ހުރިހާ ހިއްސުތައް ޖަމާކޮށްގެން ވިސްނަމުން ދަނީއެވެ. އަނެއްކާ ފަރުދާގެ ނިވަލުގައި މީހަކު ހުރީ ނޫންބާވައެވެ. އޭނާ ބޯހޫރާލިއެވެ....... ގޭގައި އޭނާއާއި މިސިޒް ހެރަލްޑް ފިޔަވާ ތިންވަނަ މީހަކު ނޫޅެއެވެ. ޖިންނި......... ފުރޭތަ............؟! މިބިރުވެރިކަން ނިދުމުގެ ކުރީގައިވެސް އޭނާގެ ސިކުނޑިއަށް ވެރިވެފައިވެއެވެ. މިއީ ހައްތާވެސް އޭނާގެ ވަހުމެވެ. ޒާތްޒާތުގެ ޙަރަކާތްތައް އެކުރަނީ ހަމަ އެބިރުވެރިކަމެވެ. މިތާނގައި އުޅެންވީ ކޮންފުރޭތައެއް ހެއްޔެވެ. ------------ (ނުނިމޭ) މި ލިޔުން: ފޮނުވުން: އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުން ބެލުމާއި ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ޔާޒް, 2011-11-28 18:46:41
ވާހަކަ ވަރަށް ރީތި އިނގޭތޯއެވެ. އަޅުގަނޑަކީ މަގުމަތިން ގަނޑުކޮޅެއް ފެނުނަސް ނަގައިގެން ކިޔާމީހަކީމެވެ. ނަމަވެސް އަދި ދުވަހަކުވެސް މިހާ ރީތި ވާހަކައެއް ނުކިޔަމެވެ. މިހާ ރީތި ވާހަކައެއް ގެނެސް ދެއްވާތީ ޝުކުރު ކުރަމެވެ. މިއީ އަޅުގަނޑުގެ ފުރަތަމަ ކޮމެންޓެވެ. ވާހަކައިގެ ފުރަތަމަ ބައި ކިޔާލުމާއެކު ވާހަކަ ނިމެންދެން ކިޔާލެވިއްޖެއެވެ. އެހެންވެ ވާކަހަ ރީތިކަމުން އެއްޗެއް ބުނެލެވުނީއެވެ. އަދިވެސް ޝުކުރު ހުއްޓެވެ. ވާހަކަ ނިމެންދެން ތިގޮތަށް ކުރިޔަށް ގެންދަވާށެވެ.
...
ލިޔުނީ ހައްވަ, 2011-12-01 23:46:59
މި ވާހަކަ ޝާއިޢު ކުރަނީ ކޮން ދުވަހަކުންތޯ ވަރަށް ގިނައިން ފަންވަތް ބެލޭ. ތަންކޮޅެއް ގާތްގާތުގައި އަވަސް އަވަހަށް ގެނެސްދެއްވުން ވަރަށް ބޮޑަށް އެދެން. ކިޔާ ހިތުން ހުރެވެނީއެއް ނޫން!!
...
ލިޔުނީ މާ ކުންނަ, 2011-12-03 15:10:25
މިއީ ވަރަށް ރީތި ވާހަކައެއް. މި ކަހަލަ ވާހަކަ ކީމާ ހަމަ ހިތްހަމަ ޖެހުން ލިބޭ. މި ލޯބި މަޖުބޫރު ވިޔަސް ފަހުން ހީވަނީ ޖަލާލީގެ މާތް ކަމުގެ ސަބަބުން ޖާޔާ ގެ ލޯބި އޭނަޔަށް ނޭނގި މުޅި ފުރާނަޔާ ހިތް ޖަލާލީ އަށް ދެވޭނީ ހެން. ވަރަށް އަސަރުގަދަ ވާނެހެން ހީވޭ. މި ވާހަކަ ހަމަ ހަބޭސް!!
... ލިޔުނީ އައްސޭރި, 2011-12-04 06:34:47
މިއީ އަޅުގަނޑަށްވެސް ވަރަށް ރީތި އަސަރު ގަދަ ވާހަކަ އެއް.......... އަޅުގަނޑު މި ވާހަކަ އާ މެދު ބުނާނީ ލޯބި ވާކަށް ކޮންމެހެން މަޖުބޫރު ވާކަށް ނުޖެހޭނެ އޭ......ލޯތްބާ އޯގާތެރިކަމާ ، ހަމްދަރްދީގެ ކުރިމަތީގައި އަޅުވެތިވެ އިސްޖަހާ ނުލާނެ އެއްވެސް އަންހެނަކު ނުވާނެކަން ޔަޤީން ކަމާ އެކު ދަންނަވަން ............ ޖަޔާ ނޫނަސް އަޅުގަނޑުވެސް މި އިންތިޒާރު ކުރަނީ ދެންވާނެ ގޮތަކާ މެދު .......... މި ވާހަކައިގެ ކުރިއަށް އޮތް ބަޔަށް ކެތްތެރި ކަމެށްނެތި އިންތިޒާރު ކުރަން.......!!!!!!!!!!!!!!!!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|