މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (19) |
|
|
| ދިވެހި - ވާހަކަ | |||
| 07 ޑިސެމްބަރ 2011، 10:51 ބުދަ | |||
|
ގައްދޫ މުޙަންމަދު ރަޝީދު [އާނއެކެވެ..........][މިހާރު މިގެންނަނީއެވެ. އަހަރެން މިހުންނަނީ ޖަޔާ ތެދުވުމުގެ އިންތިޒާރުގައެވެ.] މިސިޒް ހެރަލްޑް ކޮޓަރިން ނުކުމެއްޖެއެވެ. ޖަޔާ އޮށޯވެލައިގެން އޮވެ ކޮޓަރި ތެރެއަށް ބަލަމުން ގެންދިޔައެވެ. ދުވާލުގެ އަލިކަން ފަނޑުވެފާވެއެވެ. ފަޟާއަށް މަސްތުކަމެއް ވެރިވެފައިވެއެވެ. ބެޑްރޫމް ޒީނަތްތެރި ކޮށްފައިވާގޮތް ވަރަށް ރީއްޗެވެ. އެހެންކަމުން އޭނާ ފިސާރި ބަލާހިތުން އަދި ހިތްހަމަ ޖެހިލައިގެން އޮވެ ބަލަމުން ގެންދިޔައެވެ. ކޮންމެ އެއްޗަކީ އަޖާބުކުރުވަނިވި ޚިޔާލީ އެއްޗެއް ފަދައެވެ. އެކަމަކު ޙަޤީޤަތެކެވެ. ރިމޯޓްކޮޓްރޯލުން ދެމިފައި ކެހިގެންދާ ފަރުދާ ހަރުކޮށްފައިވާ ކުޑަދޮރުތަކާއި ބޮޑުދޮރުތަކަށް އޭނާ ބެލިއެވެ. އެނދުގެ އަރިމަތީ މޭޒުމަތީގައިހުރި ކުޑަކުޑަ ފޮށްޓެއް އޭނާ ނަގައިފިއެވެ. އެއްބަޓަނަށް އޮބާލިއެވެ. ރާސްލާފައި ކުރިމަތީގައި ހުރި ފާރުގެ ހުރިހާ ފަރުދާއެއް ކެހިގެން ހިނގައްޖެއެވެ. ހިތްހަމަ ޖެހުމާ އުފާވެރިކަމުގެ ރާޅެއް އޭނާގެ އެތެރެހަށީގައި އުފެދުނެވެ. މިއީ އާދައިގެ ކަމެއްނޫނެވެ. އޭނާ އަނެއްކާވެސް ބަޓަނަށް އޮބާލައިފިއެވެ. ފަރުދާ ޙަރަކާތްކުރަން ފަށައިފިއެވެ. މިގޮތަށް އޭނާ އެތައް ފަހަރަކު ބަޓަނަށް އޮބާ ހެދިއެވެ. މިއީ ވަރަށް މަޖާކަމަކަށްވެސް ވެއްޖެއެވެ. ދެން އޭނާ އަނެއް ބަޓަނަށް އޮބާލައިފިއެވެ. ކަނާތް ފަރާތު ބިއްލޫރި ފާރު އެއްފަރާތަކަށް ކެހިއްޖެއެވެ. ބޭރުގެ މަންޒަރުތައް ފެންނަން ފަށައިފިއެވެ. ވަރަށް ރީތި ހިސާބުގަނޑެކެވެ. މިހިސާބުން ފަރުބަދަތަކުގެ ސިލްސިލާ ފެށިފައިވެއެވެ. ދުރަށް ދިޔަވަރަކަށް ފަރުބަދަތައް އުސްވަމުން ގޮސްފައިވެއެވެ. ރަތް މޭވާތަކުން ފުރިފައިވާ ގަސްތައް ބަލާލާއިރު ހީވަނީ ޖަވާހިރު އަޅާ ފުރާފައިވާ ފެހިގަސްތަކެއް ހެންނެވެ. އަނދުން ކުލައިގެ ވިލާތައް ހިޔަނި އެޅުމުގެ ސަބަބުން އޭގެ ރީތިކަން ޑަބަލްވެފައިވެއެވެ. މިރީތި ޤުދްރަތީ މަންޒަރުތައް ޖަޔާގެ ލޮލަށް ވަރަށް ޝައުޤުވެރި ކަމާއެކު ފެތުރެމުން ދިޔައެވެ. މިސިޒް ހެރަލްޑް ސައިހިފައިގެން އަތުވެއްޖެއެވެ. އޭނާ ހިނިތުންވެލިއެވެ. އަދި ސައި އަޅާފައިވާ އަގުބޮޑު ތަށި ޖަޔާއާ ދިމާއަށް ދިއްކޮށްލިއެވެ. [ޝުކުރިއްޔާއެވެ.] ޖަޔާ ތަށީގައި ހިފަމުން ބުންޏެވެ. [ވަރަށް ރީތި ހިސާބުގަނޑެކެވެ.] [ތިޔަ ބުނީ ހަމަރަނގަޅަށެވެ. ޖަޔާގެ ގެ މިހިރީ ވަރަށްރީތި ހިސާބެއްގައެވެ. މިއީ ފެއަރީލޭންޑެވެ.] ދެން ހީނލާފައި ބުންޏެވެ. [ތިޔައީވެސް ރީތިކުއްޖެއް ނޫންހެއްޔެވެ.] ތަޢުރީފުގެ އަޑުއިވުމުން ޖަޔާ ހިނިތުންވެލިއެވެ. [ޖަޔާ ސައި ބޮއިގެން ތައްޔާރުވާށެވެ. އޭގެފަހުގައި ގޭގެހުރިހާތަނެއް ދައްކާލަން ދާނަމެވެ. ހުރިހާ ކަމެއްވެސް ހުންނާނީ ރިމޯޓް ކޮންޓްރޯލުންނެވެ.] ޖަޔާ ޙައިރާންކަމުގެ ނަޒަރަކުން އޭނާއަށް ބަލާލިއެވެ. [ސައިބޯނީ އަދި ފަހުން ދޯއެވެ؟] [އާނއެކެވެ.] [ސައިބޯން ހަދާނީ ކޮންއެޗެއް ހެއްޔެވެ؟] [ލިބުނު ކޮންމެ އެއްޗެކެވެ.] [އެމެރިކަން ބްރެކް ފަރސްޓް ހެއްޔެވެ؟ ނޫނީ ޕާކިސްތާނު ކޮއްތު ހެއްޔެވެ؟] [ޕާކިސްތާނު ގޮތަށް ކައްކަން ދަންނަމުހެއްޔެވެ؟] [އާނއެކެވެ. ޚާއްޞަ ގޮތަކަށް ދަސްކުރީމެވެ. ޖަލާލީއަށް އެންމެ މީރީ ޕާކިސްތާނު ކެއުމެވެ.] ޖަލާލީގެ ނަން އިވުމުން ޖަޔާގެ ހިތް ތެޅިގަތެވެ. އަތް ތުރުތުރު އަޅައިގަތެވެ. ކުއްލިއަކަށް މާޔޫސްވިއެވެ. [އޭނާ ދުރުވީ ކޮންތާކަށް ހެއްޔެވެ؟] ޖަޔާ ހިތްވަރުކޮށްލާފައި މިސިޒް ހެރަލްޑާއި ސުވާލުކުރިއެވެ. [ދުރުވެދާނެއެވެ. ފިކުރު ނުކުރާށެވެ.] އޭނާ ހަމައަވަހަށް ބުންޏެވެ. ދެން ވާހަކަ ބަދަލުކޮށްލަމުން ބުންޏެވެ. [ޖަޔާ ގޮސް ފެންވަރައިގެން ހެދުން ބަދަލު ކޮއްލާށެވެ. ނުކުންނަން ވާއިރަށް ނާސްތާ ތައްޔާރު ކޮށްލާނަމެވެ.] [އެންމެ ރަނގަޅެވެ.] ޖަޔާ ބުންޏެވެ. ދެން އަރާމުގައި އިނދެ ސައިތަށި ބޯންފަށައިފިއެވެ. މިސިޒް ހެރަލްޑް ނުކުމެގެން ހިނގައްޖެއެވެ. ސައިގެ ކޯވަރުތައް އެތެރެކުރަމުން ޖަޔާ ޖަލާލީއާ ގުޅޭގޮތުން ވިސްނަން ފަށައިފިއެވެ. ޝައުޤުވެރިކަމާ އެކުގައެވެ........ ޖެހިލުންވުމާ އެކުގައެވެ.... މާޔޫސްކަމާ އެކުގައެވެ......... އޭނާ ވިސްނުމުގެ ތެރެއަށް ގެނބިއްޖެއެވެ. މިގޮތުގައި އެތައް އިރެއް ވޭތުވެ ހިނގައްޖެއެވެ. ސައިޑްޓޭބަލް މަތީގައި ހުސްތަށި ބަހައްޓާލަމުން އޭނާ ފުން ނޭވާއެއްލިއެވެ. ކުއްލިއަކަށް ޙަޔާތަށް މިކަހަލަ ބޮޑުބަދަލެއް އަންނައިރު ހަމައެކަނި ވާނީ އުފަލެއްނޫނެވެ. ޙައިރާންވެސް ވާނެއެވެ. މިހާ ފަސޭހަކަމާއި އަރާމެއްގެ ހުވަފެނެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. އޭނާގެ މަންމައާ ބައްޕަ މިވަގުތު އޭނާގެ އުފާތައް ދެކޭނެނަމަ ކޮންފަދަ ހެއްޔެވެ. އެއްބަނޑު އެއްބަފާ ކުދިން މިމަންޒަރު ދެކޭނެ ނަމައެވެ. އިންތިހާ ދަރަޖައިގެ ރީތި އެނދެއްގައި ނިދާހެދުން ލައިގެން އޮންނަ މަންޒަރެވެ. އަދި އެމެރިކަން ޚާދިމާއެއް ތާއަބަދު އޭނާގެ ޚިދުމަތުގައި ހުޝިޔާރުވެ ހުންނަ މަންޒަރެވެ. އޭނާ ލޯމަރާލިއެވެ. އަދި ގޭގެ މީހުންނަށް ފޮނުވާނެ ކުދިކުދި ހަދިޔާގެ ތަފްޞީލެއް ލިޔުމަށް އޭނާގެ ހިތަށް އެރިއެވެ. އެމީހުން އުފާވާނެ ވަރު އަންދާޒާ ކޮށްލުމާއެކު އޭނާވެސް އުފާވެއްޖެއެވެ. އެތައް އިރެއް ވަންދެން އޭނާ ކަންނެތްވެފައި އޮތެވެ. މިހާރުގެ ޙާލަތާ މާޟީ ވަޒަންކުރިއެވެ. ބެޑްޓީ ގެނެސް ދިނީ މިސިޒް ހެރަލްޑެވެ. އޭނާއަކީ ހަމައެކަނި ޖަޔާއަށް ޚާއްޞަ ކުރެވިފައިވާ ނޯކަރެކެވެ. ޖަޔާ މަންމަގެ ގޭގައި އުޅޭއިރު ބައެއް ފަހަރު ބެޑްޓީއަކަށް ހިތް އެދެއެވެ. އެކަމަކު ތައްޔާރު ކުރަންޖެހެނީ އަމިއްލަ އަށެވެ. އޭނާއަށް ސައިތަށްޓެއް ލިބޭނީ ތެޔޮ އުނދުން ރޯކޮށްގެން ސައިކުރާ ކައްކައިގެންނެވެ. މިއަދު މިލިބުނީވެސް ބެޑްޓީއެކެވެ. ކިހާ ތަފާތު ހެއްޔެވެ. މިކަމަށްޓަކައި ޝުކުރުވެރިވުމަށް އޭނާ ނުކުޅެދިފައިވެއެވެ. މިއީ މާތްރަސްކަލާނގެ ދެއްވި ޚާއްޞަ ނިޢުމަތެކެވެ. އެކަލާނގެ އޭނާ ބިމުން އަރްޝީއާ ހަމައަށް އުފުއްލެވީއެވެ. އޭނާ ހިތާހިތުން ޝުކުރުކުރަމުން ފެންވަރާ ކޮޓަރިއަށް ހިނގައްޖެއެވެ. ކުޑަ އިރުކޮޅަކަށްފަހު އޭނާ ފެންވަރައިގެން ޑްރެސިންގރޫމަށް އަތުވެއްޖެއެވެ. ޑްރެސިންގރޫމުގައި އެތައްވައްތަރެއްގެ ހެދުން ކޮނޑުތަކުގައި އެލުވާލާފައި ހުއްޓެވެ. މެކްސީތަކާއި ޖީންސްތަކެވެ. ބްލައުޒްތަކާއި ސާޅިއެވެ. އަދިވެސް އެތައްއެތައް ޤައުމެއްގެ ހެދުން އެތާނގައި ހުއްޓެވެ. މިއީ ހައްތާވެސް އޭނާ އައުމުގެ ކުރީގައި ޖަލާލީ ގަނެފައިވާ ތަކެއްޗެވެ. ފައުޒިއްޔާއަށް ފޯނުކޮށް އޭނާ ހުރިހާކަމެއް ހަމަޖައްސާފައިވެއެވެ. ޖަޔާގެ ފޮށްޓާއި ދަބަސްވެސް އަލަމާރީގެ ތިރީބައިގައި ބަހައްޓާފައި ހުއްޓެވެ. އޭނާ ފޮށި ނެރެފިއެވެ. އަދި އެފޮށިން ފެހިކުލައިގެ ވަރަށްރީތި ހެދުމެއް ނަގައިފިއެވެ. އޭގައި ވަރަށް ރީތިކޮށް ޖަރީކޮށްފައިވާ ކުރެހުމެއްވެސް ހުއްޓެވެ. ހެދުން ބަދަލުކޮށްލައިގެން އޭނާ ޑްރެސިންގ ޓޭބަލާ ދިމާއަށް އެނބުރިލިއެވެ. ހުރިހާ ވައްތަރެއްގެ މޭކަޕްސާމާނު އެތާނގައި ހުއްޓެވެ. އޭނާ ނުވެސްދަންނަ ވައްތަރު ވައްތަރުގެ އެއްޗެހިވެސް ހުއްޓެވެ. މިވަގުތު އޭނާ އެހާބޮޑަށް މޭކަޕްކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން އާދައިގެ މޭކަޕެއް ކުރިއެވެ. ފުނާއަޅައިގެން ކުޑަކޮށް ސްޕްރޭ ކޮށްލިއެވެ. ދެން އެނބުރި ބެޑްރޫމަށް އަތުވެއްޖެއެވެ. މިސިޒް ހެރަލްޑް އޭނާގެ އިންތިޒާރުގައި ކޮޅަށް ހުއްޓެވެ. އޭނާ އައުމުން ވަރަށް ލޯބިވެތި ނަޒަރަކުން ބަލާލިއެވެ. [ވަރަށް ރީއްޗެވެ. ވަރަށް ލޯތްބެވެ.] އޭނާ ސާފުބަހުން ބުންޏެވެ. [ޝުކުރިއްޔާއެވެ.] ޖަޔާ ހިނިތުންވެލިއެވެ. [އަންނާށެވެ.] [ކޮންތާކަށް ހެއްޔެވެ؟] [ބަދިގެއަށެވެ. އެމެރިކާ ވައްތަރަށް ނާސްތާ ތައްޔާރުކޮށްފައި ހުންނާނެއެވެ. ޖަޔާއަށް ރަނގަޅުވާނެ ކަމުގައި އުއްމީދު ކުރަމެވެ.] [ހިނގާށެވެ.] މިސިޒް ހެރަލްޑާއެކު އޭނާ ބެޑްރޫމުން ނުކުމެއްޖެއެވެ. ދޫލައަޅާފައިވާ ދެތިން ސިޑިން ފޭބުމަށްފަހު އެހެން ކޮޓަރިއަކަށް އާދެވިއްޖެއެވެ. މިއީވެސް ވަރަށްރީތި ތަނަވަސް ކޮޓަރިއެކެވެ. ދޫލައިގެ ބޯކަމުން ހީވަނީ އިސްޕަންޖް ގަނޑެއް ހެންނެވެ. ފައި އަޅާލާ އިރަށް ގަނބައިގެން ދެއެވެ. މިއީ ލިވިންގރޫމެވެ. މިސިޒް ހެރަލްޑް ކަނާތް ފަރާތުގައި ހުރި ދޮރާ ދިމާއަށް ޖެހިލިއެވެ. ޖަޔާ މިކޮޓަރީގެ ރީތިކަމަށް ބަލަހައްޓައިގެން އެހުރިގޮތަށް ހުރީއެވެ. ފިޔާތޮށި ކުލައާއި މަޑު ނޫކުލައަކީ ވަރަށް ގުޅޭ ދެކުލައެވެ. މަތީގައި އެލުވާފައިވާ ބާސްކެޓް ތަކުގައި މާގަސްތައް އިންދާފައިވެއެވެ. މަލަކީ މަސްނޫޢީ މަލެވެ. އެކަމަކު ހީވަނީ ހަމަ ޙަޤީޤީ މާތަކެއް ހެންނެވެ. ހިލައިން ބިންވަޅުނަގާ ހަދާފައިވާ މޭޒުމަތީ ބައްތިތައްވެސް އެހާމެ ރީއްޗެވެ. އެއީ އިހުޒަމާނުގެ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. މިގޮތުން ކޮންމެ އެއްޗަކީވެސް ސަމާލުކަމެއް ދެވޭ އެއްޗެކެވެ. މިސިޒް ހެރަލްޑް ދޮރުހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ. އަދި.......... ޖަޔާ ކޮޓަރީގެ ރީތިކަމަށް ބަލަންހުރެފައި ހިނގައި ގަންނަން ތައްޔާރު ވެލިއެވެ. ހަމައެވަގުތު ބިއްލޫރި ދޮރާދިމާއަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. ކޮޓަރިތެރެ މާއައްޔެއްނޫނެވެ. ދޮރުފޮތިގަނޑު ދަމާލާފައި ހުއްޓެވެ..... ކޮންމެވެސް މީހަކު ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަނީއެވެ. ހަމަ އޭނައެވެ...... އޭނައެވެ. ރޭގެ މޫނެވެ.... ބިރުވެރި މޫނެވެ. ފުރޭތައެއް ކަހަލަ މޫނެވެ. ހަމަގައިމުވެސް އެއީ ރޭގައި އެފެނުނު ފުރޭތައެވެ. ޖަޔާއަށް ހަޅޭއްލަވައި ގަނެވުނެވެ. އަދި ބިރުންހުރެ މިސިޒް ހެރަލްޑްގެ ފަހަތުން ދުއްވައިގެންފިއެވެ. ހެރަލްޑް އެނބުރި ބަލާލިއެވެ. [އެއީ......... އެއީ..........] ޖަޔާއަށް ވާހަކަވެސް ނުދެއްކުނެވެ. ދެލޯ ބޮޑުވެއްޖެއެވެ. މޫނުމަތީގެ ކުލަ ތަޣައްޔަރު ވެއްޖެއެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. މިސިޒް ހެރަލްޑް އޭނާ ގާތަށް ލަފާލިއެވެ. [ކިހިނެއްވީހެއްޔެވެ..........؟] [އަސްތާއެވެ.........] މިސިޒް ހެރަލްޑް ލޯތްބާއެކު ބުންޏެވެ. [ޖަޔާ ތިހިރީ ހިތްބިރު ގެންފައެވެ. މިތާކު އެއްވެސް ފުރޭތައެއް ނެތެވެ.] [އެބައުޅެއެވެ...... ޚުދް އަހަރެން ދުށީމެވެ......... ކޮންމެވެސް ބިރުވެރި އެއްޗެކެވެ. ފުރޭތައެކެވެ.] އޭނާ ހުއްޓަ ހުއްޓާފައި ވާހަކަ ދައްކަމުން މިސިޒް ހެރަލްޑްގެ ގައިގައި ތަތްވަމުން ދިޔައެވެ. މިސިޒް ހެރަލްޑް ފަރުވާތެރި ކަމާއިއެކު އޭނާގެ ތުރުތުރުއަޅާ ހަށިގަނޑު ގެނެސް ގަޔާލާ ހިފަހައްޓާލިއެވެ. [އެއްވެސް މީހަކު ނެތެވެ. މިވަގުތު މިގޭގައި އަހަރެމެން ދެމީހުން ފިޔަވާ އެހެން އެކަކުވެސް ނެތެވެ. ހިނގާށެވެ. އިށީންނާށެވެ.] އޭނާ ބޮޑުގޮނޑިއެއްގައި ޖަޔާ ބައިންދައިފިއެވެ. އަދި ފެންތައްޓެއް ބަލާ ހިނގައްޖެއެވެ..... ބަދިގެ ދޮރު ހުޅުވާ ނުލެވެނީސް އަނެއްކާވެސް މިފަރާތަށް އެނބުރެން ޖެހުނެވެ. [މިސިޒް ހެރަލްޑްއެވެ.] ޖަޔާ ހަމަ އަވަހަށް ބާރަށް އޭނާގެ ގައިގައި ހިފައިގަތެވެ. [ކީކޭހެއްޔެވެ............] ޖަޔާގެ މިޙަރަކާތާމެދު އޭނާގެ ގާތަށް ހިނި އަތުވެއްޖެއެވެ. [އެއްވެސް ތާކަށް ނުދާށެވެ.] [މިދަނީ ފެންތަށްޓެއް ބަލައެވެ.] [ނޫނެކެވެ.] [ފެންފޮދެއް ބޯލަނިކޮށް ތިޔަ ހުރިހާކަމެއް ރަނގަޅު ވެދާނެއެވެ.] [ނޫނެކެވެ. މިސިޒް ހެރަލްޑްއެވެ. އަހަރެން އެކަނި ނުކުރާށެވެ. އަހަރެން ވަރަށް ބިރުގަނެއެވެ. އެތާނގައި ކޮންމެވެސް މީހަކު ހުރިކަން ގައިމެވެ.] [ތިޔައީ ހަމަވަހުމެވެ. އެހެން އެއްކަމެއްވެސް ނޫނެވެ. ހުރިހާ ދޮރެއް އެހެރީ ލައްޕާފައެވެ.] [އެހަރަ ދޮރު ހުޅުވެނިކޮށް އަހަރެންގެ ލޮލުން ދުށީމެވެ. އަދި ......... އަދި........] [މަޑުކޮށްލާށެވެ. އަހަރެންގޮސް ބަލާލާނަމެވެ. އޭރުން ހިތްހަމަޖެހިދާނެ ނޫންހެއްޔެވެ.] ޖަޔާ ގޮނޑީގައި ލެނގިލައިގެން އިނދެ ފުންކޮށް ނޭވާލާން ފަށައިފިއެވެ. މިސިޒް ހެރަލްޑް ދިއުމުން އަނެއްކާވެސް އޭނާގެ ހިތްތެޅެން ފަށައިފިއެވެ. މިހާރު އޭނާ އެއިނީ ބަދިގެއާ ޖެހިގެންހުރި ކޮޓަރީގައެވެ. ލޯބޮޑުކޮށްގެން އިނދެ އޭނާ ދޮރުތަކަށް ބަލަމުން ގެންދިޔައެވެ. ހީވަނީ ހަމަދެންމެދެންމެ ތެދުވެގެން ދުއްވައިގެންފާނެ ހެންނެވެ. ސިހިފައެވެ. ނުވަތަ ކޮންމެވެސް އެއްޗެއް ފެނިފައެވެ. ---------- (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|