މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (20) |
|
|
| ދިވެހި - ވާހަކަ | |||
| 15 ޑިސެމްބަރ 2011، 00:06 ބުރާސްފަތި | |||
|
ގައްދޫ މުޙަންމަދު ރަޝީދު [މިސިޒް ޖަލާލީއެވެ. ތިޔައީ ހަމަ ޙަޤީޤަތުގައިވެސް ވަރަށްފިނޑި ކުއްޖެކެވެ. އަހަރެން މުޅިގެ ބަލައިފީމެވެ. އެއްވެސް މީހަކު ނެތެވެ. އަހަންނަށް ހީވަނީ ތިހިރީ ހިތްބިރު ގެންފައި ހެންނެވެ.]ޖަޔާ ގޮނޑިން ތެދުވެއްޖެއެވެ. އޭނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. [ޚުދް އަހަރެންގެ ލޮލުންދުށީމެވެ.] [މީހެއްހެއްޔެވެ.] [ހީވަނީ މީހެއް ހެންނެވެ.] މިސިޒް ހެރަލްޑް ހީލިއެވެ. އަދި ޖަޔާގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. [ކަނޑައެޅިގެން ވަކި އެއްޗެއް ނޭނގޭއިރު ބިރުގަތުމަކީ މާނައެއްނެތް ކަމެކެވެ.] [ކޮޓަރި މާކަ އައްޔެއް ނޫނެވެ. ފަރުދާހުރީ ވައްޓާލާފައެވެ. އެހެންކަމުން ވަކި އެއްޗެއް ނޭގުނީއެވެ.] ޖަޔާއަށް ދިރުމެއް އަތުވެއްޖެއެވެ. މިހާރު އޭނާގެ ހިތުގައި އެއްވެސް ބިރެއްނެތެވެ. [ހިނގާށެވެ.] މިސިޒް ހެރަލްޑް ލޯތްބާއެކު އޭނާގެ އަތުގައި ހިފައިފިއެވެ. [އަހަރެން މިހެން ހުއްޓާ ބިރުގަތުމުގެ އެއްވެސް ބޭނުމެއްނެތެވެ. ހިނގާށެވެ. ބަދިގެ ދައްކާލާނަމެވެ..... ނާސްތާ ކުރާނީ ބަދިގޭގައެވެ. ވަރަށްމީރު އެއްޗެއް ތައްޔާރު ކޮށްފައި ހުންނާނެއެވެ.] ޖަޔާ އޭނާއާއެކު ބަދިގެއަށް އަތުވެއްޖެއެވެ. ހެނދުނުގެ ނާސްތާއަށް ހުރީ އޭނާ ނުވެސް ދަންނަ އެއްޗެކެވެ. ގެއާއި އެއްފަދައިން ބަދިގެވެސް ވަރަށް ރީތިވެފައި ފުރިހަމައެވެ. ތަނުގެ ކުލައަކީ މަޑު ރީނދޫ ކުލައެވެ. އަދި ހުރިހާ އެއްޗެއްގެ ކުލައަކީވެސް މަޑު އަދި ގަދަ ރީނދޫ ކުލައެވެ. ފުރިޖާއި ސިންކް އަދިވެސް މިފަދަ ހުރިހާ އެއްޗެއްގައިވެސް ހުރީ މަޑު ރީނދޫކުލައެވެ. ބަދިގެ ފުދޭވަރަކަށް ތަނަވަހެވެ. އެއްކުޑަދޮރު ފަރުބަދައިގެ ސިލްސިލާއަކާ ދިމާއަށް ހުޅުވިފައި ހުއްޓެވެ. މަލުން ފުރިފައިވާ ގަސްތައް ލޮލުކޮޅަށް ފެންނަ ހިސާބަށް ދެމިފައިވެއެވެ. ވަރަށް ހިތްފަސޭހަ މަންޒަރެކެވެ. ކުޑަދޮރާއި ދިމާއަށް މޭޒު ބަހައްޓާފައި ހުއްޓެވެ. އަދި އެމޭޒުމަތީގައި ގޮޅިޖެހި ބޮޑުރުމާލެއް އަޅާފައި އޮތެވެ. އިސްޕަންޖް ޖެހި ހަތަރުގޮނޑި މޭޒުގެ ހަތަރު ފަރާތުގައި ބަހައްޓާލާފައި ހުއްޓެވެ. މިސިޒް ހެރަލްޑް ބަދިގޭގައި މަލުގެ ގުލްދަސްތާ އެއްވެސް ބަހައްޓާލާފައި ހުއްޓެވެ. [އިށީންނާށެވެ..........] އޭނާ ޖަޔާ ގާތުގައި ބުންޏެވެ. އަދި ޚުދް އޭނާ ތަށިތައް ބަހައްޓާފައިހުރި އަލަމާރިއާ ދިމާއަށް އެނބުރިލިއެވެ. ޖަޔާ ދުވާލުގެ ރަން އަލިކަމުގެ ތެރޭގައި ބަދިގޭގެ ހުރިހާ އެއްޗަކަށް ވަކިވަކިން ބަލަން ފަށައިފިއެވެ. މިސިޒް ހެރަލްޑް ނާސްތާ ތައްޔާރުކުރަން ފަށައިފިއެވެ. ޖަޔާ އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. މިސިޒް ހެރަލްޑް އަވަނުން ތަށިނެރެފިއެވެ. ތަށިހުރީ ހިހޫވެފައެވެ. އެކަމަކު އަޅާފައިއޮތް ޗީޒް އޮމްލެޓް އަދިވެސް ހޫނެވެ. ޖަޔާ ޙައިރާން ކަމާއެކު ބަލާލިއެވެ. [ތަށި ހޫނެއް ނޫން ހެއްޔެވެ؟] ޖަޔާ ތަށީގައި އަތްޖައްސާލިއެވެ. ދެން ބިސްގަނޑުގައި އިނގިލި ޖައްސާލިއެވެ. މިސިޒް ހެރަލްޑް ހިނިތުންވެލާފައި ބުންޏެވެ. [މިއީ މައިކްރޯވޭވް އަވަނެކެވެ. ކިރުތަށްޓެއް ބެހެއްޓިއަސް ތަށީގައި އެއްވެސް ހޫނުކަމެއް ނުހުންނާނެއެވެ. ބޮކިޖަހާ ކެކޭނީ ކިރެވެ.] [ހަމަ ރަނގަޅަށް ހެއްޔެވެ؟] [އާއެކެވެ.] [ތިޔައީ އަދި އަހަންނަށް ހަމަ އާކަމެކެވެ.] [ޖަޔާއަށް ވަރަށް އާކަންތައްތައް ހުންނާނެއެވެ. ޚާއްޞަކޮށް ރިމޯޓްކޮންޓްރޯލް އެއްޗިއްސަކީ ޖަޔާ ވަރަށް ޙައިރާން ކުރުވާނެ އެއްޗިއްސެވެ.] ޖަޔާ ޙައިރާންކަމާއި ޝައުގުވެރި ކަމާއެކު އޭނާގެ ވާހަކަތައް އަޑުއަހަން ފަށައިފިއެވެ. އޭނާ ބަދިގޭގައިވާ ކޮންމެ އެއްޗަކާ ބެހޭގޮތުން ތަފްޞީލްކޮށް ކިޔާދިނެވެ. [މިއީ ގޭސް އަވަނެވެ. ކަރަންޓުންވެސް ބޭނުން ކުރެވޭނެއެވެ. މީގައި މިހިރަ ފިތްތަކަކީ ތަފާތު ކަންކަމަށް ހުރި ފިތް ތަކެކެވެ. މިއީ އޮޓަމެޓިކަށް ބަދަލުކޮށްލާ ބައެވެ.] މިސިޒް ހެރަލްޑް ޖަޔާއަށް ބުނެދެމުން ގެންދިޔައެވެ. ޖަޔާ ފޯރިއާއެކު އެއްޗެތީގައި އަތްޖައްސާ ބަލަމުން ގެންދިޔައެވެ. [މިއީ ތަށިދޮންނަ މެށިނެވެ. މިއަށް ތަށިތައް އަޅާލާފައި ކުޑަ ދޮންނަ ޕައުޑަރކޮޅެއް އަޅާލާފައި އޯން ކޮށްލުމުން ދޮވެވިގެން އަމިއްލައަށް ފެން ހިއްކާލައެވެ.] [މިއީ މިކްސްޗަރއެވެ.] [މިއީ ޓޯސްޓަރއެވެ.] އޭނާ އެކި އެއްޗެހި ވަކިވަކިން ތަފްޞީލްކޮށް ނަމާއެކު ބުނެދެމުން ގެންދިޔައެވެ. [ބައެއް އެއްޗެހި ހީވަނީ ޖާދޫގެ އެއްޗެހި ހެންނެވެ. މިހިރަ މައިކްރޯ އަވަނަކީވެސް ހަމައަޖައިބެއް ކަހަލަ އެއްޗެކެވެ.] ޖަޔާ ގޮނޑީގައި އިށީންނަމުން ބުންޏެވެ. [ނާސްތާއަށްފަހު ޖަޔާއަށް މުޅިގެ ދައްކާލާނަމެވެ.] [ރަނގަޅެވެ.] މިސިޒް ހެރަލްޑް ނާސްތާ ތައްޔާރު ކޮށްފިއެވެ. އޭނާކިހާ އަޖައިބު ވާނެތޯއެވެ. ބޭރު ޤައުމެއްގެ އަންހެނަކު އޭނާގެ ކުރިމަތީގައި އަދަބާއެކު މަސައްކަތް ކުރަނީއެވެ. އޭނާގެ ޚާދިމާގެ ގޮތުންނެވެ. އެމެރިކަން އަންހެނެކެވެ. ޕާކިސްތާނުން އެމެރިކާގެ އަންހެނުން ފެނުމުން ތިމާގެ ނިކަމެތިކަން ޖަޔާއަށް އިޙްސާސް ކުރެވެއެވެ. މިމީހުންނަކީ އޭނާގެ ނަޒަރުގައި ވަރަށް މަތިވެރި ބައެކެވެ. އެކަމަކު............ މިހާރު............ އެމީހުން އެތިބީ އޭނާގެ ޚިދްމަތުގައެވެ. ޖަޔާއަށް މިހާރު ލިބިފައި އެވަނީ ޢިއްޒަތްތެރިކަން ހެއްޔެވެ. އޭނާ ނަސީބުގެ މައްޗަށް ފަޚުރުވެރިވާން ފަށައިފިއެވެ. އޭނާއަށް މިކަހަލަ ނިޢުމަތްތަކެއް ލިބިދާނެކަމަށް ޚުދް އޭނާ ނުވަތަ އޭނާގެ ޤަބީލާގެ މީހުން ފަހަރެއްގައިވެސް ވިސްނާފައެއް ނުވެއެވެ. މިހާރު މިއޮތީ ދަރަޖަ މަތިވެރިވެފައެވެ. މިހުރިހާކަމެއް މިއޮތީ އޭނާގެ އިޚްތިޔާރުގެ ދަށުގައެވެ. އެމީހުންގެ އެއްވެސް އެހީއަކާއި ނުލައި ބޭރު ޤައުމެއްގައެވެ. [ޖަލާލީ...........] ޖަޔާ މަޑުމަޑުން ބުނެލިއެވެ. މިހާރު އޭނާގެ ސިހުން ވަރަށް ކުޑަވެއްޖެއެވެ. އަދި ވަރަށް ހިތްވަރު ކޮށްލާފައި ސުވާލުކުރިއެވެ. [ޖަލާލީ ދުރުވާނީ ކޮންއިރަކުން ހެއްޔެވެ؟] އޭނާގެ ލޮލުގައި ޝައުގުވެރިކަމާއި އުއްމީދުގެ ބައްތިތައް ދިއްލިގެން ދިޔައެވެ. މޫނުމަތީގައި ވަރަށްރީތި ލަދުވެތި ހިނިތުންވުމެއް އެކުލެވިފައިވެއެވެ. މިސިޒް ހެރަލްޑްގެ ހިތް ޑަންޑަންލާފައި ތެޅިގަތެވެ........ އޭނާ ކުޑަކޮށް ހާސްވާގޮތް ވެއްޖެއެވެ. އެކަމަކު ހީނލާފައި ބުންޏެވެ. [ހީވަނީ މިއަދު ދުރުވާނެ ހެންނެވެ.] ޖަލާލީއާއި ބެހޭގޮތުން އެތައް ބައިވަރު ސުވާލުތަކެއް ކޮށްލުމަށް ޖަޔާގެ ހިތަށް އެރިއެވެ. އެކަމަކު ލަދުވެތިކަން އެކަން މަނާ ކޮށްލިއެވެ. މިސިޒް ހެރަލްޑް އޭނާގެ ހިތުގައިވާ އެއްޗެއް ދެނެގަތީ ކަންނޭގެއެވެ. އެހެންކަމުން އޭނާގެ ޚިޔާލު އެހެން ދިމާއަކަށް އަނބުރާލުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ދެކެފިއެވެ. އޭނާ އަވަސް އަވަހަށް ބުންޏެވެ. [ހަދާނީ ކޮންކަހަލަ ސައެއް ހެއްޔެވެ.] [އަހަންނަކީ ހޫނުސައި ބުއިމަށް އާދަވެފައިވާ މީހެކެވެ......] ޖަޔާ ބުންޏެވެ. އެއާއިއެކު އަމިއްލަ ގޭގެ ބަދިގޭގެ މަތިން ހަނދާން ވެއްޖެއެވެ. ފަތިހު ފަތިހާ މަންމަ ނުވަތަ ތާނޫ ދައްތަ ތެޔޮ އުނދުން މައްޗަށް ސައިކުރާ އުދައެވެ. އެމީހުން ކައްކަނީ ސައިފަތާއި ކިރާއި ހުރިހާ އެއްޗެއް އަޅައިގެންނެވެ. އެންމެ ފުރަތަމަ މީހާއިން ފެށިގެން އެންމެ ފަހުމީހާއާއި ހަމައަށްވެސް ކުރާ ހުންނަނީ އުނދުން މަތީގައި ކެކިކެކިއެވެ. އެހެންކަމުން ސައިގެ ކުލައާއި ރަހައަށްވެސް ބަދަލު އައިސްފާވެއެވެ. ޖަޔާ ނާސްތާކުރަން ފަށައިފިއެވެ. ވަޅިއާއި އުލުން ކާން އޭނާއަށް އެނގޭނީ ކިހިނެއްތޯއެވެ. އެކަމަކު ބިރުންއިނދެ އެއްޗެތިން ބޭނުންކުރަން ފަށައިފިއެވެ. އަނެއްކޮޅުން މިސިޒޒް ހެރަލްޑް ވަރަށް ލޯތްބާއެކު ދަސްކޮށްދެމުންވެސް ދިޔައެވެ. ނާސްތާއަށްފަހު މިސިޒް ހެރަލްޑް ޖަޔާ ގޮވައިގެން ލިވިންގރޫމަށް އަތުވެއްޖެއެވެ. ޖަޔާ ޝައުޤުވެރި ކަމާއެކު ކޮންމެ އެއްޗަކަށްވެސް ބަލަމުން ގެންދިޔައެވެ. ދެ އަޑުފޮށިލީ ރީތި ސްޓީރިއޯސެޓް އޭނާއަށް ވަރަށް ކަމުދިޔައެވެ. މިފާޑަކަށްދާ ސެޓެއް ސޯފިޔާގެ ގޭގައިވެސް ހުރެއެވެ. އެއީ އޭނާގެ ފިރިމީހާ ޑުބާއީއިން ގެނައި އެއްޗެކެވެ. ރިކޯޑް ޕްލޭއަރ، ރޭޑިއޯއާއި ކެސްޓް ޕްލެއަރގެ އިތުރުން އޭގައި ގަޑިއެއްވެސް ހުރެއެވެ. ތަފާތު ވައްތަރު ވައްތަރުގެ ލަވައިގެ ރެކޯޑިންގ، ހަރެއްގައި ބަހައްޓާފައި ހުއްޓެވެ. ކެސެޓް ޓޭޕްވެސް ފުދޭވަރަކަށް ހުއްޓެވެ. މިސްޓޭންޑަކީ ވަށްކޮށް ހަދާފައިވާ އެއްޗެކެވެ. ފަސޭހަކަމާއިއެކު އެ ސްޓޭންޑް ބޭނުން ދިމާއަކަށް އަނބުރާލެވެއެވެ. މިތަން ފެނުމުންވެސް ޖަޔާ ޙައިރާންވެގެންގޮސް ތުނބަށް އިނގިލި ހަރައިފިއެވެ. އެކަމަކު އޭނާ ފިސާރި ރީތިގޮތަކަށް އެކަން ފޮރުވިއެވެ. މިސިޒް ހެރަލްޑްގެ ކުރިމަތީގައި ޙައިރާންކަން ފާޅުކުރުމަކީ އޭނާއަށް މާކަރަނގަޅު ކަމެއްނޫނެވެ. އެކަމަކު.......... ޙައިރާންވުމަކީ ޤުދުރަތީ ކަމެކެވެ. ހިތްވަރުކޮށްގެން ހުއްޓާވެސް ދެލޯ ބޮޑުވެއްޖެއެވެ. އަނގައިން ޙައިރާންކަމުގެ އަޑެއް ނުކުތެވެ. އަދި އެއަޑު ތުންފަތަށް ފެތުރިއްޖެއެވެ...... އޭނާ ހެރަލްޑާއެކު ދަމުން ސުވާލުކުރަން ޖެހުނެވެ. [މިވީ ކިހިނެއްހެއްޔެވެ.] މިސިޒް ހެރަލްޑް ހިނިތުން ވެލަމުން ބުންޏެވެ. [މިފަހަރަކު އެއްވެސް ބަޓަނަކަށް ނުފިތަމުއެވެ. އެކަމަކު ކުރިމަތީގައި ހުރިދޮރު އަމިއްލައަށް އެތެރެއަށް ވަނީއެވެ. ކުރިމަތިން ޑައިނިންގ ހޯލް ފެންނަން ފެށީއެވެ.] ޖަޔާގެ ހައިރާންކަމުގެ މައްޗަށް ހިނިތުންވަމުން ފަޚުރުވެރި ރާގަކަށް ހެރަލްޑް ބުންޏެވެ. [މިފަރާތަށް އަންނާށެވެ.] އޭނާއާއެކު ޖަޔާ ތަންކޮޅަކަށް ހިނގާފައި އަތުވެއްޖެއެވެ. ޖަޔާ ހަމަ އަޖައިބު ވެއްޖެއެވެ. ބިއްލޫރި ބޮޑު ފާރު ކެހިގެންގޮސް ރާނާފައިހުރި ބިތްގަނޑުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. މިހުރިހާކަމެއް މިވަނީ އަމިއްލައަށެވެ. ޖަޔާ އެނބުރިލާފައި މިސިޒް ހެރަލްޑާ ދިމާއަށް ބަލާލިއެވެ. އޭނާ އަތަކު އެކައްޗެއްވެސް ނެތެވެ. [މިއީ ކޮންކަމެއްހެއްވެ.........؟] ޖަޔާ ސުވާލުކުރިއެވެ. [ދެން މައްޗަށް ހިނގާށެވެ.] މިސިޒް ހެރަލްޑް އޭނާގެ އަތުގައި ހިފައިގެން ކުޑަކުޑަ ސިޑިއަކުން މައްޗަށް އަރައިފިއެވެ. އެސިޑީގައިވެސް ހުރީ ބޯ ދޫލަ އަޅާފައެވެ. މިއީ ވަށްކޮށްހުރި ކޮޓަރިއެކެވެ. ގާތްގަނޑަކަށް ހުރިހާ ފާރެއްވެސް ހުރީ ބިއްލޫރިންނެވެ........ ތަފާތު ވައްތަރު ވައްތަރުގެ އެއްޗެހިތައް ހުރުމުން މިކޮޓަރި ނާޖިޔާއަށް ވަރަށް ކަމުދިޔައެވެ. އޭނާ ވަރަށް ފޯރިއާއެކު ކޮންމެ އެއްޗަކަށް ވަކިވަކިން ބަލަން ފަށައިފިއެވެ. މިސިޒް ހެރަލްޑް ހުރިހާ ފަރުދާއެއް ކަހާލައިފިއެވެ. ކުއްލިއަކަށް ކޮޓަރި އެނބުރެން ފަށައިފިއެވެ. ޖަޔާއަށް ހީވީ ޒަލްޒަލާއެއް އައީ ކަމުގައެވެ. އޭނާ ހަޅޭލަވައި ގެންފައި ހެރަލްޑްގެ ގައިގައި ހިފާ އޮޅުލައި ގެންފިއެވެ. އެވަގުތު އޭނާހުރީ ފަޚުރުވެރި ކަމާއެކު ހީނލަ ހީނލައެވެ. [މިސިޒް ޖަލާލީއެވެ. މިއީ ލިވިނގްރޫމެވެ.] ހެމުން ޖަޔާ ގާތުގައި އޭނާ ބުންޏެވެ. [މިތާނގައި އިށީންނާށެވެ.] އޭނާ ވަރަށް ތިރިކޮށްހުރި އަރާމު ގޮނޑިއަކާ ދިމާއަށް އިޝާރާތްކުރަމުން ބުންޏެވެ. [ބޭރުގެ މަންޒަރުތަކަށް ބަލާލަބަލާށެވެ. ބޭނުން މަންޒަރަކާ ދިމާއަށް ކޮޓަރި ހުއްޓާވެސް ލެވިދާނެއެވެ.] [މިސިޒް ހެރަލްޑެވެ. އަހަރެން މޮޔަވެދާނެއެވެ.] ޖަޔާ ހެމުން ބުންޏެވެ. [ހީވަނީ މިއީ ޖާދޫގެ ގަނޑުވަރެއް ހެންނެވެ.] [އާނއެކެވެ.......... ތިޔަ ބުނީ ތެދެކެވެ..... ޖާދޫގެ ގަނޑުވަރެއްގައިވާ ހުރިހާ އެއްޗެއް މިގަނޑުވަރުގައި އެބަހުއްޓެވެ.] މިސިޒް ހެރަލްޑް މިހެން ބުނުމާއެކު މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ކުރިމަތިވަމުން އަންނަ މަންޒަރުތައް ދެކެފައި ޖަޔާ މަޖާވެފައި އިނެވެ. ހަމައެއާއެކު އޭނާގެ ގޭގެމަތިންވެސް ހަނދާންވާން ފަށައިފިއެވެ. ހަލާކުވެ ވީރާނާވެފައިވާ ގެއެކެވެ. އޭނާއަށް އާދެވިފައި މިވަނީ މިދުނިޔޭގެ ސުވަރުގެއަށް ބާވައެވެ؟ އޭނާ ޔަޤީންކަން ކުޑަގޮތަކަށް ވިސްނާލިއެވެ. އޭނާއަށް ލިބިފައިވާ ނަސީބާއިމެދު ޔަޤީން ނުކުރެވޭ ކަހަލައެވެ. އަނެއްކާވެސް މިސިޒް ހެރަލްޑް ޖަޔާގޮވައިގެންގޮސް ތަފާތު ތަންތަން ދައްކަން ފަށައިފިއެވެ. ހުރިހާ ތަނެއްވެސް ޖަޔާއަށް ވަރަށް ރީއްޗެވެ. ހިތްގައިމު ނޫން އެކައްޗެއްވެސްނެތެވެ. ކޮންމެ އެއްޗަކީވެސް ޙައިރާންކަމުން ފުރިފައިވާ އެއްޗެކެވެ. ޖަޔާ ކުދިކުދި ސުވާލުވެސް ކުރަމުން ދިޔައެވެ........ ބީރައްޓެހިކަން ފޮހެލުމަށްޓަކައި މަޢުލޫމާތަކީވެސް ބޭނުން އެއްޗެކެވެ. [ބަޓަނަށް އޮބާލުމުން މަސައްކަތް ކުރާގޮތް މިހާރު ވިސްނިއްޖެއެވެ. އެކަމަކު ޑްރޯއިންގރޫމް ކުރިމައްޗަށް އައުމާއިއެކު އެއްފަރާތަކަށް ފާރުކެހިގެން ދިއުމާ އަދި ކޮޓަރި އެނބުރެން ފެށުމަކީ ކިހިނެންވާ ކަމެއްހެއްޔެވެ.] މިސިޒް ހެރަލްޑް އަނެއްކާވެސް އޭނާ ގޮވައިގެން ސިޓިންގރޫމަށް އަތުވެއްޖެއެވެ. [ކުރިމަތީގައި އެހަރަ ކުޑަދެބޮކި ފެނޭނޫންހެއްޔެވެ.] އޭނާ ދޮރުގެ މަތީ އޮޅިއާ ދިމާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. [އާނއެކެވެ.] [ހުރިހާ ސިއްރަކީ އެއީއެވެ.] [އެއީ ކިހިނެއްވާ ކަމެއްހެއްޔެވެ؟] [އަހަރެމެން އެބޮކީގެ ހިޔަންޏަށް އެރުމުން ދޮރުހުޅުވެން ފަށައެވެ. ހަމައެގޮތަށް ބިއްލޫރި ބިއްގަނޑުގެ މަތީގައިވެސް ކުޑަކުޑަ ދެބޮކި ހަރުކޮށްފައި ހުންނާނެއެވެ. [އަޖައިބެއް ކަހަލަ ކަމެކެވެ.] [މިއީ ހައްތާވެސް ރިމޯޓްކޮންޓްރޯލެވެ. އިލެކްޓްރޯނިކްސްގެ ރޮނގުގައި އަހަރެމެންގެ ސައިންސްވެރިން ވަރަށް ފުރިހަމަ ވަނައެއް ހޯދައިފިއެވެ.] [އާނއެކެވެ.] އެމީހުން ވާހަކަ ދައްކަމުން ލިވިންގރޫމަށް އަތުވެއްޖެއެވެ. ފޯނުގެ ރަނގަބީލު ވެއްޖެއެވެ. މިސިޒް ހެރަލްޑް ކުރިއަށް ޖެހިލާފައި ފޯނު ނަގައިފިއެވެ. ވާހަކަތަކެއް ދެއްކުމަށްފަހު އޭނާ ޖަޔާ ގާތުގައި ބުންޏެވެ. [މިސިޒް ރަފީޤެވެ. ޖަޔާއާ ވާހަކަ ދައްކާލަން ބޭނުންވަނީއެވެ.] ޖަޔާ ޖެހިލުންވެހުރެ ފޯނު އަތްގަނޑުގައި ހިފައިފިއެވެ. އޭގައިވެސް ޙައިރާން ކުރުވާފަދަ ފިތެއް ހުރެދާނެ ކަމުގައި ހީކޮށްފައެވެ. ފައުޒިއްޔާ ވާހަކަ ދައްކަމުން ދިޔައެވެ. އެއްނޭވާގެ ތެރޭގައި އޭނާ އެތައް ވާހަކައެއް ދައްކައިފިއެވެ. އެތައް ސުވާލެއް ކޮށްފިއެވެ. [ރޭގައި އަހަރެން ސޯފިޔާއަށް ގުޅީމެވެ. ޖަޔާމެންގެ ގެއަށް ޚަބަރުދާނެ ކަންނޭގެއެވެ.] ފައުޒިއްޔާ ބުންޏެވެ. [ވަރަށް ރަނގަޅެވެ. އަޅުގަނޑުވެސް ތިޔަކަމާމެދު ވިސްނީމެވެ.] ޖަޔާ ބުންޏެވެ. ]ވަރަށް ގިނައިރު ވަންދެން ނިދުނުދޯއެވެ. އަހަރެން ކުރިންވެސް އެއްފަހަރު ފޯނުކުރީމެވެ.] [ރޭގައި މާރަނގަޅަކަށް ނުނިދުނެވެ.] [ގެ ބަދަލުވީމާ ދޯއެވެ.] [އެކަހަލަ ގޮތެއްވީ ނޫންކަމެއްވެސް ނޭނގެއެވެ.] [މިހާރު ގެ ބަލާލައިފިން ހެއްޔެވެ؟] [ލައްބައެވެ.] [ކަމުދިޔަ ހެއްޔެވެ؟] [ރަނގަޅެވެ. ފައުޒިއްޔާ ދައްތާއެވެ. މިއީ ހައްތާވެސް އަޅުގަނޑުގެ އެއްޗެހި ކަމަކަށް ޔަޤީނެއް ނުކުރެވެއެވެ.] ------------ (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|