ފަންވަތް ދިވެހި ވާހަކަ މާ ލަސްވެއްޖެ އެވެ.
ބެލި ޢަދަދު: 2161
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މާ ލަސްވެއްޖެ އެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 14
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
09 ފެބްރުވަރީ 2012، 11:26 ބުރާސްފަތި


މަރިޔަމް ސަނާ

އުނަގަނޑާ ހަމައަށް ހެދިފައިވާ ވިނަތަކުތެރޭގައި އުދުހެމުންދިޔަ ކޮކާތަކުގެ ފަހަތުން ކުޑަކުއްޖަކު ފަދައިން އަހަރެން ދުވަމުން ގެންދިޔައިމެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އަހަރެންގެ ކޮންމެ ހަރަކާތެއް ދުރުގައި ހުރެގެން ނާޝިޒް އޭނާގެ ކެމެރާގެ ތެރޭގައި ރައްކާކުރަމުން ގެންދިޔައެވެ. އަހަރެންގެ ހުރިހާ އުފަލަކާއި، ހިތުގެ ހަމަޖެހުން ގުޅިފައިވާ ފަރާތަކީ އެއީއެވެ. އޭނާ އަކީ އަހަރެންގެ ކުޑައިރުގެ ރަހުމަތްތެރިޔާއެވެ. ޒުވާންކަމުގެ ހަރުފަތާއި ހަމައަށް އާދެވުނުއިރު އަލަތު ލޯބިވެރިޔާއެވެ. އަހަރެން އެނާ ދެކެ ލޯބިވީ އޭނާ އަކީ ކާކުކަން ރަނގަޅަށް އެނގިހުރެ އަހަރެންގެ އަމިއްލަ އިހުތިޔާރުގައެވެ. އެނާގެ އާއިލާ އަކީ އަހަރެންގެ އާއިލާ އާއި ދުރުތާ ތިމާގެ ބައެކެވެ. އެހެންކަމުން އޭނާ އަކީ ކޮންކަހަލަ މީހެއްކަން ދަސްކުރަން އަހަންނަށް ވަރަށް ފަސޭހަވިއެވެ.

"ހިތްހަމަޖެހޭ ވަރަށް ފޮޓޯ ނެގުނީތަ؟" ނާޝިޒް ކެމެރާ ޖީބަށްލީ ތަން ފެނުމުން އަހަރެން އެހީމެވެ.

"ކިތަންމެ ގިނަ ފޮޓޯ ނެގުނަސް ހިތެއް ނުފުރޭނެ! . . . ކެމެރާގެ މެމޮރީ ފުލް ވީ!" ނާޝިޒް އައިސް ލޯތްބާއި އެކުގައި އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި މަޑުމަޑުން އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ.

"ވަރަށް ލޯބިވޭ!" އެއީ ނާޝިޒްގެ އާދައެވެ. އޭނާ އަހަރެންދެކެ ވާ ލޯބީގެ މިންވަރު ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަންނަށް ބުނެދެއެވެ. އޭނާގެ ލޯބިވެތި ބަސްތަކުން އަހަރެންގެ ހިތް ފުރައިލަދެއެވެ. އަހަރެމެންނަށް ވަނީ އެކަކުއަނެކަކާ ވަކިން އުޅުމަށް އުނދަގޫވާ މިންވަރަށް ލޯބިވެވިފައެވެ. އެހެންކަމުން އަހަރެން ބޭނުންވީ އަހަރެމެންގެ ތިންއަހަރުވީ ލޯބީގެ ގުޅުން ކާވެނީގެ މާތްގުޅުމަކަށް ބަދަލުކޮށްލާށެވެ. ނަމަވެސް ނާޝިޒަށް މަތީތަޢުލީމު ހާސިލްކުރުމަށް ރާއްޖޭން ބޭރުން ލިބުން ފުރުސަތު ވެގެންދިޔައީ އަހަރެންގެ ހިޔާލު ބަދަލު ކުރުވިކަމަކަށެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ދިރިއުޅުމުގެ ނައު އަމާން މަންޒިލަކަށް ގެންދިޔުމުގައި އެންމެ މުހިއްމުވާނީ ރަނގަޅު، ތަޢުލީމު ލިބިފައިވާ ޒުވާނެކެވެ.

ކިޔެވުމަށް ލިބުނު ރަނުގެފުރުސަތުގެ ބޭނުން ހިފަން ނާޝިޒް އެންމެ ފުރަތަމަ އިންކާރުކުރިއެވެ. ސަބަބަކީ އަހަންނާއި އެތަކެއް ހާސް މޭލު ދުރަށް ދާންޖެހުމެވެ. އެހެނަސް ހަތަރު އަހަރުގެ ދިގު ދަތުރަކީ އަހަރެމެން ދެމީހުންގެ މުސްތަޤުބަލަށްޓަކައި ކުރެވޭ ދަތުރެއްކަން އަހަރެން ނާޝިޒް އަށް ވިސްނައިދިނީމެވެ. އެންމެ ފަހުން ނާޝިޒް އެކަމަށް އެއްބަސްވީ އަހަރެން އެކަމަށް އެދޭވަރުންނެވެ.

ނާޝިޒް ފުރުމުގެ ކުރިން އަހަރެމެން ދެމީހުންގެ ގުޅުން ރަސްމީކޮށް ދެފަރާތުގެ އާއިލާ އަށް އެންގީމެވެ. އާއިލާގެ މީހުންނަށާއި، ރައްޓެހިންނަށް ޚާއްޞަކޮށް ބޭއްވި ވަދާޢީ ޙަފުލާ ވެގެންދިޔައީ އަހަރެމެން ދެމީހުންގެ އެންގޭޖްމެންޓް ޙަފުލާއަށެވެ. އެރޭ އަހަރެންގެ ލޮލުން ކަރުނައައެވެ. ދެ އިޙުސާސެއް އެކުލެވޭ ކަރުނައެކެވެ. ނާޝިޒް ވަކިވެގެންދާތީ ލިބޭ ހިތާމަ އާއި އެއްވަރަށް މުސްތަޤުބަލުގައި އަހަރެން ވާނީ އޭނާގެ އަލަތު އަނބިމީހާއަށް ކަން އޭނާ ޔަގީންކަމާއި އެކުގައި ބުނެދިނީތީ ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ.

ނާޝިޒް ފުރައިގެން ދިޔުމުން އަހަރެންގެ ދިރިއުޅުމަށް ލިބުނީ ފޫނުބެއްދެވަރުގެ ފަޅުކަމެކެވެ. ހީވަނީ ހަށިގަނޑުން އެއްބައި އުނިވެފައި ހުންނަހެންނެވެ. ވަގުތުތައް ވެސް މާދިގުކަމުގައި އިޙުސާސް ކުރެވުނެވެ. ނަމަވެސް މިކުރެވޭ ދިގު އިންތިޒާރުގެ ފޮނި ނިމުމާއި ދޭތެރޭގައި ވިސްނާލުމަށްފަހު ހިތްހަމަޖައްސައިލަމެވެ. އަހަރެން އެނާ އެނބުރި އަންނާނޭ ދުވަހަކަށް އިންތިޒާރުކުރީ އެއްވެސް ފޫހިކަމެއްނެތިއެވެ.

ކޮންމެ ދުވަހަކު ވެސް އަހަރެން ނާޝިޒްގެ ހާލު ބަލަމެވެ. މޮބައިލް ފޯނާއި، އިންޓަރނެޓްގެ އެހީގައި އެތައް މެސެޖެއް ފޮނުވަމެވެ. އަހަރެމެން ދެމީހުން ވެސް  އެކަކު އަނެކަކުގެ އިހުސާސްތައް ހިއްސާކުރަމެވެ. ދިރިއުޅުމާއި ދޭތެރޭގައި އެތައް ފޮނި އުއްމީދު ތަކެއް ކުރީމެވެ. ކުލަ ރީތި ހުވަފެންތަކެއް ދުށީމެވެ. ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތް ހިތުތެރޭގައި ރާވަމުން ގެންދިޔައިމެވެ. ފަރުބަދަތަކުގެ ވާދީގައި އެއްވެސް މީހެއްގެ ހިލަމެއްނުވާ ހިލަމެއްނުވާ ހިސާބުގައި އަހަރެމެން ހިޔާލީ ގަނޑުވަރެއް ބިނާކުރީމެވެ. އެގަނޑުވަރު ބިނާކުރުމުގައި ބޭނުންކުރި ކޮންމެ ހިލަކޮޅެއް ވެސް ބޭއްވީ ނާޝިޒް ބޭނުންވާ ގޮތަށެވެ. މުޅި ހަޔާތުގެ ލަގަން އޭނާގެ އަތްމައްޗަށް އަހަރެން ދޫކޮށްލީމެވެ. ނާޝިޒްގެ ކޮންމެ ނިންމުމަކަށް ވެސް އަހަރެން އިހުތިރާމް ކުރަމެވެ.

ލެވެންޑަރ ގަސްތަކުގެ ބަގީޗާއެއްގައި އަހަރެމެން ދެމީހުން އަހަރެމެންގެ ދަރިފުޅު ގޮވައިގެން ކުޅެންއުޅޭ މަންޒަރު ނާޝިޒް ކޮންމެ ދުވަހަކު އަހަންނަށް ސިފަކޮށްދެއެވެ. އެފަދަ ވަގުތު ތަކުގައި އުފަލުން އަހަންނަށް ރޮވެއެވެ.

"އަހަންނާއި ނާޝިޒް ކައިވެނި ކޮށްގެން އުޅޭއިރު ކިހާ އުފާވެރިވާނެ ހެއްޔެވެ؟"  އަބަދާއި އަބަދު އަހަރެންގެ ހިތަށްއަރާ އެއްޗަކީ އެއީއެވެ. އަހަރެމެންގެ ލޯބި ދިރިއުޅުން ސިފަކުރެވުމުން އެކަނި ހުރެ ވެސް އަހަންނަށް ހިނިތުން ވެވެއެވެ.

ލޯބިވެތި އެއް އަހަރު ފާއިތު ވެގެން ދިޔައިރު ނާޝިޒް އަށް ބަދަލުތަކެއް އަންނަމުން ދިޔަކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އޭނާ އަހަންނާ ވާހަކަ ދައްކާ ވަގުތުތައް މަދުވިއެވެ. އިމްތިހާން ކައިރިވާތީ މާބޮޑަށް ބިޒީ ކަމަށް ބުނެއެވެ. އޭނާ އަހަންނާއި އެހާދުރަށް ގޮސް އެހުރީ ވަކި މަޤުޞަދެއް ހާސިލް ކުރަންކަން އަހަރެން ހަނދާންނެއް ނުނެތެއެވެ. އެހެނަސް އޭނާ އަހަންނަށް ދޭ ވަގުތު މަދުވެގެން އަހަންނަށް ޝަކުވާ ކުރެވެން ފެށުނެވެ. އަހަރެންގެ ޝަކުވާތައް ވެގެންދިޔައީ އޭނާއަށް ކުރިމަތިވި އިތުރު އުނދަގުލަކަށެވެ. ވާހަކަ ދައްކަން ލިބޭ މަދުވަގުތުތަކުގައި ވެސް އަހަރެން އަބަދު ޝަކުވާ ކުރަނީ ކަމަށްބުނެ އޭނާ މަސައްކަތްކުރީ އަހަންނާއި އެއްވެސް ވަރަކަށް ވާހަކަ ނުދައްކާށެވެ.

ހަގީގަތުގައި އަހަރެން ޝަކުވާ ކުރަނީ ނާޝިޒްގެ ސިކުނޑިއަށް ނުތަނަވަސްކަން ގެނުވާކަށް ނޫނެވެ. އަހަރެން އޭނާދެކެ އިންތިހާ އަށް ލޯބިވާތީ އެވެ. އަހަރެންގެ ހިތް އޭނާ އަށް އެދޭތީއެވެ. އޭނާއާ ގިނަ ވަގުތު ވާހަކަ ދައްކަން ބޭނުންވާތީއެވެ. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި އެއްވެސް ވަރަކަށް ދެމީހުންނަށް ބައްދަލު ނުވެވޭއިރު އަހަރެމެންގެ ލޯބި ބަދަލުވުމެއްނެތި އޮންނާނީ ވާހަކަދެކެވިގެންނެވެ. އަހަރެންގެ ހިތުގެ ޝުޢޫރުތަކާއި، ޝަކުވާތައް މެސެޖުތަކެއްގެ ސިފައިގައި ކޮންމެ ދުވަހަކު އަހަރެން ނާޝިޒް އަށް ފޮނުވަމެވެ. ނަމަވެސް އެ މެސެޖުތަކަށް އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ. ނަތީޖާއަކަށްވީ އަހަރެމެން ދެމީހުންގެ ދޭތެރޭގައި ދެބަސްވުންތައް އުފެދި މައްސަލަތައް އިތުރުވުމެވެ. ނާޝިޒް ބުނަމުން ގެންދިޔައީ އަހަރެން އޭނާ އާއި ދޭތެރޭގައި އެއްވެސް ވަރަކަށް ނުވިސްނާކަމަށެވެ. އަހަރެން މަސައްކަތް ކުރަނީ އޭނާގެ ކިޔެވުމަށް ދަތިކުރަން ކަމަށެވެ. އެހެނަސް އޭނާގެ ކިޔެވުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެއްވެސް ކަމެއް ގަސްދުގައި ކުރާނެ ހެއްޔެވެ؟ އޭނާ އަށް ކިޔެވުމަށް ހިތްވަރުދިން މީހަކީ ވެސް އަހަންނެވެ. އަދި އޭނާ ގައުމުގައި ނަން ވިދައިލާ އަގުހުރި ދަރިއަކަށް ވާ ދުވަހުން އެންމެ ފަޚުރުވެރި ވާނީ ވެސް އަހަންނެއް ނޫން ހެއްޔެވެ؟

އެއް ހަފުތާވަންދެން އޭނާ އަށް އެއްވެސް އުނދަގުލެއްނުކޮށް ހުރުމަށްފަހު އަހަރެން އޭނާ އަށް މެއިލް އެއް ކުރީމެވެ. އޭނާގެ ލޯބިވެތި ބަސްތަކާ ނުލައި އަހަރެންގެ ދިރިއުޅުން ވަރަށްފަޅުކަމުގައި ބުނީމެވެ. އަދި މިގޮތުގައި އެކަނިވެރިކަމާއި އެކު ދުވަސްތައް ހޭދަކުރުމަކީ ކެތްކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ބުނީމެވެ. އެ މެއިލް ކުރިތާ ފަނަރަ ވަރަކަށް މިނެޓް ފަހުން އޭނާ އަހަރެންގެ ފޯނަށް ގުޅިއެވެ. ވީއުފަލުން ފޯނު ނަގަން ވެސް ނޭނގިފައި ފުރަތަމަ ބަލަން ހުރެވުނީއެވެ. ފޯނު ނެގުމަށްފަހު ވެސް ފުރަތަމަ ބުނަންވީ ކީކޭ ކަމެއް އަހަންނަކަށް ނޭނގުނެވެ. ބުނާނެ އެއްޗެއް ހިތަށް ނައިސްގެން އުޅެނިކޮށް ނާޝިޒް ވާހަކަ ދެއްކިއެވެ.

"އަހަރެން ހިކުރީ އަހަރެން އެންމެ ލޯބިވާ ފަރާތަކީ އިނާން ކަމަށް! އެކަމަކު މިހާރު އެނގިއްޖެ ހަގީގީ ލޯބި މިވެވެނީ އިނާން ދެކެ ނޫންކަން. އެހެން ކުއްޖަކު ދެކެކަން! އިތުރަށް އަހަރެންގެ އިންތިޒާރުގަ ދުވަސްތައް ބޭކާރުކޮށްނުލައި އިނާން އާ ހަޔާތެއް ފަށާ. އަހަންނަކަށް ނޫޅެވޭނެ ލޯބިނުވާ މީހަކާ އެކު!" ނާޝިޒް ބުނަން ބޭނުން ހުރިހާ އެއްޗެއް ބުނުމަށްފަހު އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯނު ކަނޑައިލައިފި އެވެ.

ކަންފަތުގައި ފޯނު ޖެއްސިގޮތަށް އަހަންނަށް ހުރެވުނީ ބަސްހުއްޓި، ޙަރަކާތް ހުއްޓިފައެވެ. އަހަރެންގެ ޙިއްސުތައް ކުރިއެކޭ އެއްގޮތަށް ޙަރަކާތްކުރަން ފެށީ އެތައްއިރެއް ފަހުންނެވެ. އަހަންނަށް ބާރަށް ރޮއިގަނެވުނެވެ. ދެ ލޮލުން އޮހެމުންދިޔަ ކަރުނަތަކާ އެކުގައި އެތަކެއް ފަހަރަކު ނާޝިޒް އަށް ގުޅީމެވެ. އެތައް މެސެޖެއް ކުރީމެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ކުދިކުދިވެފައިވާ އަހަރެންގެ ހިތަށް ލިބުނީ އިތުރު ވޭނެކެވެ. ރުއިން ނޫން އިތުރުކަމެއް ނުކުރެވުނެވެ.

އޭގެ ދެތިން ދުވަސްފަހުން އަހަރެމެންގެ ގުޅުން ކެނޑުނުކަން ނާޝިޒް އޭނާގެ އާއިލާ އަށް ވެސް އަންގައިފިއެވެ. އަހަރެން ކުރާ ހިތާމަ ފެނިފައި އެމީހުން އަހަރެންގެ ހާލަށް ހަމްދަރުދީވި އެވެ. ނަމަވެސް އަހަރެންގެ ހިތުގެ ޝިފާއަކީ އެމީހުންގެ އޯގާވެރި ކަމެއް ނޫނެވެ. އެމީހުންގެ ހިތްވަރު ދިނުމުގެ ބަސްތަކެއް ވެސް ނޫނެވެ. ނާޝިޒްގެ ލޯތްބެވެ. ނާޝިޒް އެނބުރި އަހަރެންގެ ދިރިއުޅުމަށް އަންނާނެ ކަމަށް އަހަރެން އުއްމީދުކުރީމެވެ. އެހެނަސް އޭނާ ވަކިވީ އެނބުރި އައުމެއް ނުވާ ގޮތަށެވެ. އަބަދުގެ އަބަދަށެވެ. އަހަރެންގެ އިނގިލީގައިވާ އެންގޭޖްމެންޓް ރިންގް އޭނާގެ އާއިލާ އަށް ހަވާލުކުރަން ޖެހުނު ހިސާބުން ފެށިގެން އޭނާ އަލުން އަންނާނެ ކަމަށްކުރެވުނު އުއްމީދު ވެސް ވިއްސިވިހާލިވި އެވެ.

ނާޝިޒްގެ ވަކިވުން އަހަރެން ދިރިއުޅުންމަތިން ފޫހިކުރުވިއެވެ. ދެން ދިރިހުރުމުގެ އެއްވެސް މާނައެއް ނެތްކަމުގައި އިހުސާސް ކުރެވުނެވެ. އެހެނަސް އުއްމީދު ގެއްލުވާނުލާ ކުރީގެ ދިރިއުޅުމަށް އަލުން ރުޖޫއަ ވެވޭތޯ އަހަރެން ބެލީމެވެ. އަހަރެމެން ދެމީހުންގެ ދޭތެރޭގައިވާ ދުރުކަން ކުރީގެ ގާތްގުޅުމަށް ބަދަލުކުރެވޭތޯ އަހަންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރީމެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅެ، ވަކިވެފައިވާ ދެމީހުން އަލުން ގުޅުމަށް ކުރަންޖެހޭނީ ކޮންކަންތައް ތަކެއްއްތޯ ބެލީމެވެ. އެންމެ ފަހުން އަހަރެން ތަޖުރިބާކާރެއްގެ ގާތުން ކައުންސެލިންގ ވެސް ހޯދީމެވެ. ނަމަވެސް ނަތީޖާ ބަދަލެއް ނުކުރެވުނެވެ. ނާޝިޒްގެ ފަރާތުން އެއްބާރުލުން ނުލިބުމުން އަލިމަގެއް ނުފެނުނެވެ. އެއް އަތް ޖެހުމަކުން އަޑެއް ނުކިޔާނޭ ބުނާ އުސޫލުން އެކަކު މައްސަލަ ހައްލުކުރަން ބޭނުންވިޔަސް ހައްލެއް ނުކުރެވޭނެއެވެ. އޭނާ ބޭނުންވަނީ އުމުރަށް ގުޅުން ކަނޑާލާށެވެ. މެދުނުކެނޑި ހަމަސް ވަންދެން މަސައްކަތް ކުރުމަށްފަހު އަހަރެން ބަލިގަބޫލުކުރީމެވެ. އިތުރު އެހެންގޮތެއް ނެތުމުންނެވެ.

އަހަންނަށް ހެޔޮއެދޭ އެންމެން ވެސް ނަސޭހަތްތެރިވަމުން ގެންދިޔައީ ނާޝިޒްގެ އިންތިޒާރުގައި ދިރިއުޅުމުގެ ދުވަސްތައް ބޭކާރުކޮށް ނުލުމަށެވެ. އެއީ ރަނގަޅު ވާހަކައެއްކަން އަހަންނަށް ވެސް ގަބޫލުކުރެވުނެވެ. އަހަރެން ވެސް ޒުވާންކަމުގެ ފޮނި ދުވަސްތަކުގެ ހަގީގީ ފޮނިކަން ލިބިގަންނަން ބޭނުމެވެ. އޯގާވެރި ބައިވެރިޔަކާއި އެކުގައި ދަރިން ހޯދައިގެން ރީތި ދިރިއުޅުމެއް އުޅެން ބޭނުމެވެ.

ޝާހިން އަހަރެންގެ ދިރިއުޅުމަށް އައީ ދެވަނަ ފަރާތެއްގެ ލޯތްބާއި، ހިމާޔަތަށް އަހަރެން އެންމެ ބޭނުންވީ ވަގުތުއެވެ. އިއްތިފާޤުން އޭނާ އަކީ ނާޝިޒްގެ ދެބެންގެދެދަރި ބޭބެއެވެ. ނާޝިޒްގެ ލޯބި ނުލިބުނު ނަމަވެސް ޝާހިން އާއި ކައިވެނިކުރުމުގެ ސަބަބުން އަހަރެން ހީވެސްނުކުރާ މިންވަރަށް ނާޝިޒްގެ އާއިލާގެ ލޯބި އަހަންނަށް ލިބުނެވެ. އެމީހުން އަހަރެން ބަލައިގަތީ ޅީދަރިއެއް ފަދައިންނެވެ. އަހަންނަކީ ކޮންފަދަ ނަސީބު ރަނގަޅު އަންހެނެއް ހެއްޔެވެ؟ ފިރިއެއްގެ ލޯތްބާއި، ބޮޑު އާއިލާއެއްގެ ލޯބިން އަހަރެންގެ ހުރިހާ ހިތާމަތަކެއް ނެތިހިނގައްޖެއެވެ. ޒަހަމް ވެފައިވާ ހިތަށް ޝިފާ ލިބިއްޖެއެވެ.

ނާޝިޒް، ރަށަށް އައީ އަހަރެން ފުރަތަމަ ދަރިފުޅަށް ބަލިވެއިން ފަހުންނެވެ. އަހަރެންގެ އުފާވެރި ދިރިއުޅުން ފެނިފައި އޭނާގެ ދެލޯ ފެންކަޅިވި އެވެ. އަހަރެންގެ ހިތް ރޮއްވައިލުމަށްފަހު، ހޯދަން މަސައްކަތްކުރި ހުރިހާ އުފަލަކުން އޭނާ އަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ އެވެ. އަހަރެން މަސައްކަތްކުރީ އޭނާގެ ކިޔެވުމަށް ދަތިކުރަން ކަމަށް އޭނާއަށް ހީވިހީވުމަކީ ކުށް ހީއެއްކަން މިއަދު އޭނާ ގަބޫލުކުރެއެވެ. އަހަންނާއި ވަކިވީ ފަހުން ކިޔެވުމުގައި އެންމެ ފިޔަވަޅެއް ވެސް އޭނާ އަށް ކުރިއަކަށް ނޭޅުނެވެ. އަހަރެންގެ ތެދުވެރި ލޯތްބަށް ފުރަގަސްދީ ޙަޤީޤީ ލޯބި ހޯދަން އެނާ ކުރި މަސައްކަތުގެ އަސްލަކަށްވީ ޙަޤީޤީ ލޯބި ބީވެގެން ދިޔުންކަން ވެސް އޭނާ ގަބޫލުކުރެއެވެ. މިދުނިޔޭގައިވާ އޭނާދެކެ އެންމެ ލޯބިވީ އަދި އޭނާ އަށް އެންމެ ހެޔޮ އެދުނު އިންސާނަކީ އަހަރެން ކަމަށް މިހާރު އޭނާ އެއްބަސްވެއެވެ. ނަމަވެސް މިހާރު އެކަމުން ވާނެ ފައިދާއެއްނެތެވެ. މާލަސްވެއްޖެއެވެ. ގެއްލިއްޖެ ވަގުތެއް އަނބުރައެއް ނުގެނެވޭނެއެވެ. އާދެ! މިހާރު ދެން "މާ ލަސްވެއްޖެ އެވެ."
-----------------
(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ އަޒް, 2012-02-09 04:40:07
ވަރަށް ރީތި ވާހަކައެއް. ހުށަހަޅާދިނުންވެސް ވަރަށް ފުރިހަމަ. އެކަމަކު ކޮންކަހަލަ ފޮޓޯއެއްތަ އޭނީ؟؟
...
ލިޔުނީ މުޙައްމަދު ޝާހީން (ޝާންޓޭ), 2012-02-09 05:53:53
ސަޅި ވާހަކައެއް އިނގޭ... ތިގޮތުގައި ކުރިއަށް ދިއުން އެދެން.
...
ލިޔުނީ ޝާ, 2012-02-12 03:40:00
ފޮޓޯ ހަމަ ރަގަޅު. ވަރަށް ފުރިހަމަ ވާހަކަ އަދި ހުށަހެޅުންވެސް. ކޮންމެވެސް ވަރަކަށް މަގޭ ހާޔާތާގުޅޭޓީ ކަމަށްވެދާނެ
...
ލިޔުނީ 1828, 2012-02-22 00:33:15
"އޭނާގެ ލޯބިވެތި ބަސްތަކާ ނުލައި އަހަރެންގެ ދިރިއުޅުން ވަރަށްފަޅުކަމުގައި ބުނީމެވެ."
މިއީ ހަމަ ފިރިހެނުން އަންހެނުން ހައްދައްވެގެން ބޭނުންކޮށް އުޅޭ ޓްރިކެއް. އެކަމަކު އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ ލޯބީގެ ބަސްތައް އަންހެނުންނަށް ރައްދު ކުރަންޖެހޭ ކަމަކަށް. އެހެން ވެގެން މިއަދު ހުއްސަރިބައިކޮށް މި ހުންނަން ޖެހުނީ.
އަންހެނުންނަށް ކަމުދަނީ ހެސްކިޔާފައި ތައުރީފްކުރާ ފިރިހެނުން. ތައުރީފް ނުކުރާ ފިރިހެނަކަށް އަންހެނަކު ލިބުމެއްނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ.
އަންހެނުންނަކީ ނަސީބު ގަދަބައެއް.
ހަމަ ގޭގައި ހުއްޓައިވެސް އިންނާނެ ފިރިހެނަކު ވެދާނެ، އެކަމާ އެއްގޮތަކަށް ނޫޅެވެސް. މިވާހަކއިގައި ބޯއީ ފްރެންޑްވެސް ލިބުނީ އެކަމާ ނޫޅޭ އަދި ފިރިކަލެއް ލިބުނީވެސް ނޫޅޭ.
ނަމަވެސް މި ދިވެހި މުޖުތަމައުގައި ފިރިހެނުން ސަލާން ޖަހައި އާދޭސްކޮށްގެން މެނުވީ އިންނާނެ ސެކަންޑް ހޭންޑް އަންހެނަކުވެސް ނުވޭ.
...
ލިޔުނީ fathimath, 2012-04-30 05:08:53
ވަރަށް ރީތި ވާހަކަ

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2161
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone