މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އުންމީދުގެ އަލިކަން |
|
|
| ދިވެހި - ވާހަކަ | |||
| 17 ފެބްރުވަރީ 2009، 02:21 އަންގާރަ | |||
|
ބިންމާ އިބްރާހީމް ވަޙީދު
ގަޑިން ފަތިހު ފަހެއްޖަހައިފި އެވެ. ފަތިސް ނަމާދަށް ބަންގި ގޮވަނީ 04:46 ން ނެވެ. މާލޭގައި އަހަރެން އުޅުނުއިރު ފަތިސް ނަމާދު ކުރަނީ މިސްކިތުގައި، ޖަމާޢަތުގަ އެވެ. ވީއިރު، ރަށަކަށް އަޔަސް އެކަން ކުރަން އަހަރެން ބޭނުންވީ އެ ގޮތަށެވެ. ނިދީ ގަޑި ސޯނާކޮށްގެންނެވެ. އެކަމަކު ބޭނުންވި ގަޑިއަކަށް ނުހޭލެވުނެވެ. އެއް ގޮތަކީ ގަޑި ހަލާކުވީ އެވެ. އަނެއް ގޮތަކީ ސޯނާގެ އަޑަށް އަހަންނަށް ހޭނުލެވުމެވެ. އަހަންނަކީ ޓީޗަރެކެވެ. އަހަރެން ކިޔަވައިދެނީ އިނގެރޭސި އެވެ. އަހަރެން ވަޒީފާއަދާކުރަނީ ހިތްގައިމު ރަށެއްގަ އެވެ. މައްސަލަ އަކީ، މުޅި ރާއްޖެ އަށް ކުރިމަތިވެފައިވާ ވަބާ އެވެ. ޑްރަގެވެ. އެއްސީދަލަށް ހިނގާފައިދާތަން ފެންނަކީ މަދު ޒުވާނެކެވެ. ރޯމާ ދުވާލު، އެންމެންގެ ލޮލަށް ފެންނަ ހިސާބުގައި ޑްރަގުގެ ވިޔަފާރި ހިނގަ އެވެ. މީހަކު އަޅައެއްނުލަ އެވެ. ކިތަންމެ ފަހަރަކު ހިތަށްއަރަ އެވެ. ރާއްޖޭގައި ކިޔަވައިދޭންވީ އިނގެރޭސިއެއް ނޫނެވެ. ހަމައެކަނި އިސްލާމް ދީނެވެ. ޚިޔާލުގައި ހުރެގެން، ވުޟޫކޮށްލައިގެން ބޭރަށް ނުކުމެއްޖައީމެވެ. ހިތްގައިމު ފަތިހެކެވެ. މީހެއްގެ ހިލަމެއްނުވެ އެވެ. މިސްކިތް ހުންނަނީ ދާދި ކައިރީގަ އެވެ. އަހަރެން ދޮރު ތަޅުލުމަށްފަހު ހިނގައިގަތީމެވެ. "އައްސަލާމް އަލައިކުމް!" އަންހެންކުއްޖެއްގެ އަޑު އަހަންނަށް އިވުނެވެ. "ވައަލައިކުމް ސަލާމް!" އަހަރެން ބުނީމެވެ. ސަލާމް ގޮވީ ކާކުތޯ އަހަރެން ބަލައިލީ ދެނެވެ. އެއީ، ވަރަށް ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ކުއްޖާގެ ރީތިކަމެއް ނޫނެވެ. އެ ކުއްޖާ ލައިގެންހުރި ހެދުމުގެ ނިކަމެތިކަމެވެ. "ތީ ކޮންކުއްޖެއް؟" އަހަރެން އެހީމެވެ. "ފަރިޔާލް!" އޭނަ ބުންޏެވެ. "އަޅުގަނޑު އެހީއަކަށް އެދެންވެގެން މި ހުންނަނީ.. އެނގޭ ސަރ ފަތިސްނަމާދަށް ދުރުވާނެކަން.. އެކަމަކު މިއަދު ތަންކޮޅެއް ލަސްވެއްޖެ ދެއްތޯ؟" ފަރިޔާލް އެދޭނީ ފައިސާއަށެވެ. އޭނަ އަށް މުހިންމުވާނީ އެ ނޫން ކޯޗެއް ހެއްޔެވެ؟ ބަލާބެލުމަށް، އޭނަ އަކީ ޑްރަގްނަގާ ކުއްޖެއްހެނެއް ހިއެއްނުވެ އެވެ. "ފަރިޔާލްގެ އުމުރުން ކިހާ ވަރެއް؟" އަހަރެން އަހާލީމެވެ. "ނަވާރަ!" އެއްވެސް ޖެހިލުމެއް ނެތި އޭނަ އުމުރު ބުނެލި އެވެ. "މި އަހަރު ވިހި ފުރޭނެ." "ކޮންމެވެސް މަސައްކަތެއް ކުރަންވީނު.. އޭރުން ތިހެން ސަލާމްޖަހާކަށް ނުޖެހޭނެ.. އަހަރެން ވަޒީފާއެއް ހޯދަން އެހީވެދެންތަ؟" އަހަރެން އެހީމެވެ. "މާ ބޮޑު މުސާރައެއް ނުލިބުނަސް، ކޮންމެވެސް އެއްޗެއް ލިބޭނެ." "އަޅުގަނޑު ފައިސާ ބޭނުމެއް ނޫން.. އަޅުގަނޑު ބޭނުމީ އިނގެރޭސި ކިޔަވަން." ފަރިޔާލު ބުންޏެވެ. ފަރިޔާލުގެ ޖެހިލުންކުޑަކަމުން އަހަރެން ހައިރާންވި އެވެ. ފުރަތަމަ ކަމަކީ، އަހަރެންގެ އެހީ އަށް އެދެން އޭނަ އަށް ކެރުމެވެ. ދެ ވަނަ ކަމަކީ، އޭނަގެ ހިތްވަރެވެ. "ސްކޫލަށް ވަންވަންވީނު؟" އަހަރެން ބުނީމެވެ. "އަޅުގަނޑު ބޭނުންވަނީ ސަރ ކައިރިން ކިޔަވައިގެން، އޭ ލެވެލް ހެދޭ ސްކޫލަކަށް ގޮސް، އިމްތިޙާންގަ ބައިވެރިވާން." ފަރިޔާލު ބުންޏެވެ. "އަދި މޮޅަށް ފާސްވާން." އަހަރެން ކުރިން އަޑުއަހަނީ ޢަޤީދާ އާއި ޢަޒުމް ވަރުގަދަ ކުރަންވާނޭ މީހުން ކިޔާ އަޑެވެ. އޭގެ ނަމޫނާ ފެނުނީ ފަރިޔާލުގެ ފަރާތުންނެވެ. ރަށުގައި އެންމެ މައްޗަށް ކިޔެވެނީ ގްރޭޑް ހަތަކާ ހަމައަށެވެ. އެ ފަދަ ރަށެއްގެ، އެ ފަދަ ކުއްޖަކުގެ ކިބައިގައި އެހާ ހިތްވަރު ހުރީތީ އަހަރެން އުފާވި އެވެ. އެ ކަން ކޮށްދޭން ބޭނުންވި އެވެ. ފަރިޔާލަށް އެ ފެންވަރަށް ކިޔެވޭނެ ކަމުގެ އުންމީދު ވަރަށް ކުޑަ އެވެ. އެހެންވިޔަސް، އަންތަރީސްވާ ކަހަލަ ކަންކަން އިންސާނުން ކުރެއެވެ. ފަރިޔާލަށް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން މަގުފުރެދިގެން ދާ ދަނޑިވަޅެއްގައި، ފަރިޔާލު ފަދަ ކުއްޖަކަށް އަހަރެން އެހީނުވާންވީ ކީއްވެގެން ހެއްޔެވެ؟ ޓީޗަރުންގެ ހަތިޔާރަކީ ޢިލްމެވެ. އެއީ ތޫނު އެއްޗެކެވެ. އެއްވެސް އަގަކާ ނުލައި ފަރިޔާލަށް އެހީވާން އަހަރެން އެއްބަސްވީމެވެ. އޭގެ މާނަ އަކީ، އަހަރެން ފަދައިން ފަރިޔާލު ވެސް ދެ ގުނަ އަށް މަސައްކަތް ކުރަންޖެހުމެވެ. ފަރިޔާލަކީ، ޢާއިލާއެއްގެ ހަތްވަނަ ކުއްޖާ އެވެ. ބައްޕަ އަކީ މުދިމެކެވެ. މަންމަ އަކީ، މީސްމީހުންގެ ގޭގެ އަށް ގޮސް ކުދިކުދި މަސައްކަތް ކޮށްލަދީގެން، ކުޑަކުޑަ އާމްދަނީއެއް ހޯދައިގެން އުޅޭ މީހެކެވެ. ކޮންމެ ވެސް ހާލެއްގައި އެ މީހުން ކުދިންނަށް ކިޔަވައިދެ އެވެ. އަދި ކުދިން ބަނޑަށް މަރުވިޔަނުދީ ގެންގުޅެއެވެ. ފަރިޔާލް ފަދަ ބޮޑު އުންމީދެއް ކޮނޑުގައި އަޅައިގެން އުޅޭ ކުއްޖަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް އެ މީހުންނަކަށް ނެތެވެ. އެކަން ދަނެގެން، އެ މީހުންގެ އެހީއަކަށް ފަރިޔާލު ނޭދެ އެވެ. ފަރިޔާލުގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، ހުރިހާ މަސައްކަތެއް ކުރީ ފަރިޔާލު އަމިއްލައަށެވެ. ސާބިތުކަމާއި ޔަގީންކަމާ އެކުގަ އެވެ. އެންމެފަހު ދަންފަޅީގެ ކުދިން ކިޔަވައި ނިމެނީ ހަވީރު ހައެއްޖަހާއިރު އެވެ. އެއީ ފަރުޔާލުގެ ކްލާސް ފެށޭ ގަޑި އެވެ. ނުކުމެދާނެ މައްސަލައަކަށް ބަލާފައި، އަހަރެން ހުންނަ ކޮޓަރީގައި ކިޔަވައިދޭކަށް އަހަރެންގެ ހިތްހަމައެއް ނުޖެހުނެވެ. ކްލާހަށް ފަރިޔާލު އަންނަނީ، ގޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށްފަހުގައި ވަރުބަލިވެގެންނެވެ. އެކަމަކު، ފިލާވަޅަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ. އެންމެ ދުވަހެއް، އެންމެ ހަފްތާއެއް ނުވަތަ އެންމެ މަހެއް ނޫނެވެ. އެތަކެއް މަސްތަކެއް ވަންދެން، ކެމްބްރިޖް ފެންވަރުގެ އިނގެރޭސި ދަސްކުރުމަށްޓަކައި ފަރިޔާލު ހަނގުރާމަކުރި އެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، އަހަރެން ހައިރާންކުރުވާ ފަދަ ހުނަރަކާއި ކުޅަދާނަކަން ފަރިޔާލުގެ ފަރާތުން ފެންނަމުންދިޔަ އެވެ. އަހަރެން ކިޔަވައިދޭ ސްކޫލުގައި، ތަނަވަސްކަން ހުރި ކިތަންމެ ކުދިންނެއް ކިޔަވަ އެވެ. އެ ކުދިންގެ އިނގެރޭސީގެ ފެންވަރު، ފަރިޔާލާ އަޅާބަލާއިރު ހާސްބައި ދަށެވެ. އަހަންނަކީ ޓީޗަރެކެވެ. އަހަރެން ކަރުހިއްކައިގެންފައި ހުންނަނީ ކުދިންނަށް ޢިލްމް އުނގަންނައިދޭށެވެ. ފަރިޔާލަށް ކިޔަވައިދިނުމަކީ، އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ތެދަށް ބުނަންޏާ، އެއީ ފަރިޔާލަށް އަހަރެން ކޮށްދޭ ކަމެއް ނޫނެވެ. އެއީ، ފަރިޔާލު އަހަންނަށް ކޮށްދޭ ހެޔޮކަމެކެވެ. އިމްތިޙާން ކައިރިވަމުން އައި ވަރަކަށް އަހަރެންގެ ހިތް އަވަސްވަމުންދިޔަ އެވެ. ބަސް ދަސްވުމަކީ ވަކި ކަމެކެވެ. އެ ފަދަ ބޮޑު އިމްތިޙާނެއްގައި އިށީނުމަކީ މުޅިން އެހެންކަމެކެވެ. އަހަރެން ހިތްހަމަޖެހޭ ވަރަށް ފަރިޔާލްގެ ފެންވަރު މަތިވި އެވެ. ސުވާލަކީ، ދުނިޔެ ހިތްހަމަޖެހޭނެ ހެއްޔެވެ؟ ފަރިޔާލަކީ ރަށުން ބޭރަށް ދިޔަ ކުއްޖެއް ނޫނެވެ. އެ ފަދަ ޕޭޕަރެއް ދުށް ކުއްޖެއް ނޫނެވެ. ގިނަ ދުވަހުން އެއްޗެއް ދަސްކުރުމުން ލިބޭ ޔަގީންކަމެއް އޮވެ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެއްޗެއް ދަސްކުރުމުން ހިތުގައި އުފެދޭ ޝައްކުތަކެއް ވެސް ހުރެއެވެ. އަދި ހެދޭ ގޯސްތަކެއް ވެސް ހުރެ އެވެ. އެ ފަދަ ކުދިކުދި ގޯސްތައް ފަރިލާޔަށް ހެދެއެވެ. ހެދޭނެ ވެސްމެއެވެ. އޭނަ އަށް ލިބިފައިވާ ހަމައެކަނި ބާރަކީ، އަމިއްލަ ނަފްސަށް އޮތް އިތުބާރާއި ހިތްވަރެވެ. ގައިމު ވެސް، އެ ފަދަ ދެ ވަނަ ކުއްޖަކު އަހަރެންނަށް ފެނިފައެއް ނެތެވެ. އިމްތިޙާންގައި އޭނަ ބައިވެރިވި އެވެ. ވެވެން އޮތް ހުރިހާ އެހީއެއް އަހަރެން ވީމެވެ. ކުރީގެ ބައެއް ޕޭޕަރުތައް ހޯދަން އަހަރެން ކުރި މަސައްކަތުން ލިބުނީ ކުޑަ ކާމިޔާބެކެވެ. އަހަރެން އެކި މީސްމީހުންނާ ގުޅައިގެން، އަހަރެން އަމިއްލަ އަށް ޕޭޕަރު ހެދީ އެވެ. ކޮންޕިއުޓަރުންނެވެ. ފަރިޔާލުގެ ފެންވަރު ބެލުމަށްޓަކައި، ކޮންޕިއުޓަރ ކައިރީގައި ބޭންދުމުން، ފިތާނީ ކޮން ފިތަކަށް ކަމެއް ވެސް އޭނައަކަށް ނޭނގެ އެވެ. އަހަރެން ޖެހުނީ ކޮމްޕިއުޓަރަކީ ކޯޗެއްކަން ވެސް ކިޔަވައިދޭށެވެ. ފަރިޔާލު ހުރީ ދަސްކުރަން ބޭނުންވެފަ އެވެ. ދުވަހަކު ކޮންޕިއުޓަރެއްގައި އަތްނުލާ ކުއްޖަކަށް އެ ކަން ކުރަން ކިހާ އުނދަގޫވާނެކަން އަހަންނަށް އެނގެ އެވެ. ފަރިޔާލް ފުރައިގެން ދިޔައިރު، ކޮންމެވެސް ވަރަކަށް އޭނަ އަށް ކޮންޕިއުޓަރ ޢިލްމް ވެސް އެނގޭނެ އެވެ. އެކަމަކު، އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ގާތްކަމުގެ ގޮތުން އެއްވެސް ގުޅުމެއް ނެތް އެ ޒުވާން އަންހެން ކުއްޖާ، އަހަރެންގެ ލޯބި ހޯދައިފި އެވެ. އެއީ، ތޫނުފިލި ކިޔަވާކުއްޖެއް ދެކެ، އޭނަގެ ޓީޗަރު ވާ ކަހަލަ ސާފު ލޯތްބެކެވެ. އަހަރެންގެ ހިތަށްއެރި އެވެ. އޭނަ ފާސްވާނެ ހެއްޔެވެ؟ ނުވެއްޖެ ނަމަ، އޭނަގެ ނަފްސަށް ދުވަހަކު ވެސް ދެން އޭނަ އިތުބާރެއް ނުކުރާނެ އެވެ. މަގުއޮޅިފައިވާ ކުދިންގެ ތެރެއަށް އަނެއްކާ ވެސް ކުއްޖަކު އިތުރުވާން އުޅެނީބާ އެވެ؟ މިއަދަކީ އޭނަގެ ނަތީޖާ ލިބުނު ދުވަހެވެ. އަހަންނަށް ރޮވުނެވެ. އިނގެރޭސިން ފަރިޔާލު ހޯދީ ބީއެކެވެ. އަހަރެން ދެ ލޯ ބޮޑުކޮށްގެން ފަރިޔާލަށް ބަލަހައްޓައިގެން ހުރީމެވެ. ފަރިޔާލު ހުރީ ހިނިތުންވެލައިގެންނެވެ. ބުނާ ކަހަލަ އެވެ. ތިހާ ހައިރާންވެގެން ނުބަލާށެވެ. އެއީ އެހާވަރުގެ ކަމެއް ހެއްޔެވެ؟ ތެދަށް ބުނާ ނަމަ، އަހަރެންގެ ފަރާތުން ފަރިޔާލަށް ދަސްވި އެއްޗަކަށް ވުރެ ބޮޑު އެއްޗެއް، ފަރިޔާލުގެ ފަރާތުން އަހަންނަށް ދަސްވި އެވެ. ކާމިޔާބަކީ، ފައިސާ އާއި ބުއްދިން އެކަނި ހޯދޭނެ އެއްޗެއް ނޫނެވެ. ކޮންމެ ކާމިޔާބެއްގެ ޙަޤީޤީ ސިއްރަކީ، ތިމާގެ މިންނެތް މަސައްކަތާއި، ޢަޒުމާއި އަދި އަމިއްލަ ނަފްސަށް ކުރެވޭ ވަރުގަދަ އިތުބާރެވެ. ކޮންމެހެން މާ ބޮޑު ފުރުޞަތެއް ތިމާ އަށް ލިބޭނެކަމަށް އިންތިޒާރު ނުކުރާށެވެ. ލޮލުކޮޅަށް އޮބާ ހިސާބަށް މަގު އަލިވަންދެން ހުއްޓި ނުހުންނާށެވެ. ހިނގަން ފަށާށެވެ. ބޭނުންވަނީ އުންމީދެއްގެ ކުޑަކުޑަ އަލިކަމެކެވެ. އެ އަލިކަމުން މުޅި ދިރިއުޅުން އުޖާލާ ކުރެވިދާނެ އެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ ޒޫމް, 2009-02-17 04:19:32
ބިންމާ އިބްރާހިމްގެ ވާހަކަތަކަކީ ކިޔެވި ދުވަސްވަރުވެސް ޓެސްޓް ޕޭޕަރު ތަކުން ފެންނަ ވާހަކަ ތަކެކެވެ. ބިންމާގެ ލިޔުންތަކުގައި ވަރަށް ފާހަގަ ކޮށްލެވޭ ކަމެއްވެއެވެ. ބިންމާގެ ލިޔުންތަކުގައި ޢިބާރާތްތައް ވަރަށް ކުރުވެފައި ސާދާއެވެ. މާނަ ތިލަވެފައި ބުނާ އެއްޗެއް ފަސޭހައިން ދޭހަވެއެވެ. '' އުންމީދުގެ އަލިކަން '' މިވާހަކައިކީ ވެސް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.
...
ލިޔުނީ fanvathuge ahuluveri eh, 2009-05-11 07:55:42
aharenah ves thiya gothah vaahaka liyan egey nama
............................ varah reethi neh tha mihaaruge zuvaanunaai gulhey kahala loabyge vaahaka eh chat room kahala
...
ލިޔުނީ it's me, 2009-05-23 01:30:19
varah salhi vaaha eh ...binmaage hiyaaluthah varah thanavas kamah abdhuves faahanga kurevey...ekamaku ma*sala akee baeh vaahakathakuge ninmun thah genes fai hunnagoi kamu nudhaakan ...ehen noon nama binmaa vareh hama neh....
...
ލިޔުނީ shifooo, 2009-07-22 05:12:28
binmaa aky aharenge favourite story writer aharen abadhuvess binmaage vaahakathakah shauguhurey abadhuvess hithah araa dhen new story eh libeynee kihaa avahakah baaey aharen mee binmaage vaahakathakuge aleega konmeves varakah vaahaka liyaa kuhjakeemeve. thanks binmaa
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|