މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ވަތްގަނޑުން ފައިސާ ނުނަގާށެވެ! |
|
|
| ދިވެހި - ވާހަކަ | |||
| 06 މެއި 2009، 00:16 ބުދަ | |||
|
މުޙަންމަދު ވަޙީދު މަޑުލު ޢީސަގެ ވިޔަފާރި ކުރިއަރަމުން އަންނަނީ ވަރަށް ހަލުއިކަމާއެކުގަ އެވެ. އޭނާގެ ގެ ދެބުރިޔަށް ހިއްލައިލެވުނީ ވިޔަފާރިން ލިބޭ ދައިދާއިންނެވެ. ޓެކްސީތައް ގިނަވެ އަމިއްލަ ކާރެއް ގަތީ ވެސް ހަމަ ވިޔަފާރިން ލިބުނު ފައިސާއިންނެވެ. ދެ ކުއްޖަކު މިހާރުވަނީ މެލޭޝިޔާއަށް ފޮނުވައިފަ އެވެ. ޢީސަގެ ހިތްހަމަ ޖެހެއެވެ. އޭނާގެ ދިރިއުޅުމުގައި އެއްވެސް ފިކުރެއް ނެތެވެ. އޭނާގެ އަންހެނުން ތުއްތު ކަމަނައަކީ ފައިސާއަށް ބަލާ މީހެކެވެ. ދެއްކުންތެރިކަމެއް ނެތް މީހެކެވެ. ހުރިހާ ގޮތަކުން ވެސް ރަނގަޅު އަނތްބެކެވެ. އެހެންވީމާ ކަންތައްތައް ކުއްލިއަކަށް ގޯސްވާން މި ފެށީ ކީއްވެގެންބާވަ އެވެ؟ ދެ ފިހާރައިން ދުވާލަކަށް ލިބޭވަރު މަޑުމަޑުން ދަށަށް ދާންފެށްޓެވެ. މިއީ ފިހާރަތަކުގެ ސޭޓުންނަށް އަލަށް ލެއްވި މީހުންގެ ސަބަބުން ވާކަމެއް ބާވައެވެ؟ ދުވަސްކޮޅެއް މިގޮތުގައި ފާއިތުވިތަނާ، އެއްޓެކްސީ ވަރަށްބޮޑު އެކްސިޑެންޓެއްވެ މުޅީން ހަލާކުވެއްޖެ އެވެ. އައި ރުޅީގައި އަތުގައި ހުރި ޓެކްސީތައް ނުއަގުގައި ވިއްކައިލީއެވެ. އަގު ދައްކަމުން ދައްކަމުން ގެންދާ ގޮތަށް، ދެކާރު ގެންދިޔަ ދެމީހުން އަގު ނު ދައްކައިގެން ފުލުހުންގެ އޮފީހަށް ދާންޖެހިއްޖެ އެވެ. ފިކުރުބޮޑުވެ ހާސްކަމުގެ ތެރޭގައި އުޅެމުން ދަނިކޮށް އެއްދުވަހަކު ޢީސަގެ އިސްކޫލު ދައުރުގެ ބޮޑު ރައްޓެހި މީހާއާއި ބައްދަލުވެއްޖެ އެވެ. ޚަލީލަށް ޢީސަ ފެނުމުން ވެސް ކަންތައްތައް ރަނގަޅު ނޫންކަން އެނގުނެވެ. ޚަލީލަކީ އަތްބެލުމާއި، ފާލުބެލުމާއި، ނަކަތްތެރިކަމުގެ ފޮތްތައް ކިޔައިގެން މީހުންނަށް ކަންތައްތަކުގައި ލަފާދީ އުޅޭ މީހެކެވެ. ޚަލީލު: ބަލަ ކިހިނެއް ވެގެން ތި އުޅެނީ؟ ޢީސަ: ހުރިހާކަމެއް ސަކަރާތް. ޚަލީލު: ހިނގާ ގެއަށް، ވާހަކަ ދައްކާލީމާ ހިސާބަކަށް ހަމަޖެހިދާނެ. ދެމީހުން އެކުގައި ދިޔައީ ޚަލީލުގެ ގެއަށެވެ. ޚަލީލުގެ ކޮޓަރީގައި ހުރި އަތްގަނޑުލީ ގޮނޑިއެއް ފޮހެލައިފައި ޢީސަ ބޭންދި އެވެ. އަދި ފިނި ފެންތަށްޓެއް ގެނެސްދިނެވެ. ޢީސަ: އަތް ބަލައިލަ ދީބަލަ! ޚަލީލު އެ އަތުގައި ހިފައިފައި ނިއަފަތިތަކާއި ހުދުހަމާއި ބޭރުފުށް ބަލައިލި އެވެ. އަދި ހީނލައިފައި ބުންޏެވެ. ޚަލީލު: ވަރަށް ރީތި. އެއްވެސް ގެއްލުމެއް ލިބިފައެއް ނެތް. ޢީސަ: (ޗެކެއް ޖަހައިފައި) ބަލައިދޭންވީ ނަސީބު ހުރިގޮތެކޭ.. ޚަލީލު: ނަސީބު ހުރިގޮތެއް. އާނ! ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން. ހިތްވަރާއެކު މަސައްކަތްކުރަންވީ. ޢީސަަ: އެ ގޮތަށޭ މި އުޅެނީ އެކަމަކު ހައްތާދަނީ ދަށަށް.. ޚަލީލު: އެއްކަލަ މަޤާމުގައި ހުރިއިރު ރިޝްވަތަށް ލިބުނު ލާރިންދޯ ވިޔަފާރި ފެށީ؟ ޢީސަ: ދެން ސަމާސާ ކުރުން ހުއްޓައިލާ! ޚަލީލު: ހަމަ ތެދެއް މިބުނީ އަވަހަށް ނަމަވެސް ލަހުން ނަމަވެސް އެ އެއްޗެއް ލިބުނު ގޮތަކަށް އެ އެއްޗެއް ދާނީ. ޢީސަ: މަށަށް ހީވަނީ ދެ ފިހާރައިގައި ތިބި ސޭޓުން ވަތްގަނޑުން ފައިސާ ނަގަނީ ހެން. ޚަލީލު: ބަރަކާތް ގެއްލުނީ ދޯ. ބަލަ ވަގަށް ނެގި އެއްޗަކުން އެ މީހުން ވަގަށް ނެގިއަސް އެންމެ ރަނގަޅުވާނެއްނޫންތަ؟ ކަންބޮޑު ނުވޭ. ރިޒުޤުގެ ތެރެއަށް ނިއުކުލިޔަރު އެއްކޮށްފި ނަމަ، އެ ކަން ދުވަހަކު ވެސް، ރަނގަޅެއް ނުވާނެ. ކާއެއްޗެހީގައި ވެސް ނަޖިހުގައި ވެސް ރޭޑިއޭޝަން ހުންނާނެ. ދަރިންގެ ލޭގައި ވެސް ހުންނާނެ. ދެންދާނީ އެހެން. ޢީސަ: ބަލަ! އެ ދުވަހަކީ، އެހެން އޮތް ދުވަހެކޭ. އެންމެންވެސް ނެގީ. އަހަރެން ވެސް ނެގީ. އަހަރެންގެ ދަށުން ތިބި މީހުން ވެސްނެގީ. އެ ދުވަހު އޮތީ ނެގުން. ޚަލީލު: މި އަދު އޮތީ ދިޔުން. އެކަން ގަބޫލު ކޮށްލާ! ދިޔަދީ. ލުކީމިޔާ ޖެހިއްޖެއްޔާ ހަށިގަނޑު ހުރިހާ ލެޔެއް ޖެހޭނީ ބަދަލުކުރަން. ކުރީގެ ލޭގެ އެންމެ ތިއްކެއް ވެސް ހުރެގެން ކަމަކު ނުދާނެ. ޢީސާ: ކާރެއް ފުނޑު ފުނޑުވެއްޖެ. ޚަލީލު: އޭގެ ކުރިން ސަފާރި ފުނޑުފުނޑު ވީ އެއްނޫންދޯ؟ އަހަރެން އަހަމޭ. ބުނަން. ނުބައިކޮށް ކުރެވުނު ކަމެއް ރަނގަޅުކުރަން ދިހަ ނުބައި ކަންތައް ކުރިޔަސް، އެ ނުބައެއް ރަނގަޅެއް ނުވާނެ. އަނެއްކާ ނާޖާއިޒު ފައިދާ ނެގުމުގެ ޖީންސް މިހާރު ހުންނާނީ ދަރިންނަށް ފޯރައިފާ. އެކަން ހަމަ އެކުދިން ވެސް ކުރާނެ. މިއީ ޖީންސް ވާރުތަވާ ގޮތަކީ. ޢީސަ: ކަލެއާ ދިމާވި ކަމުން ފިކުރުގެ މައްޗަށް ފިކުރު. ހިތަށް މާބަރު ވެއްޖެ. ޚަލީލު: ކުރާނެ ކަމެއް ނެތް. އެކަން އޮތީ އެހެން. މިހާރު ތިޔަ ފިކުރުބޮޑުވަނީ މަޑުމަޑުން ދަށަށް ދާތީއޭ. އަރާބާރުގައި ހުރިނަމަ، އެކަކު ދައްކާ ވާހަކައެއް ވެސް ނާހާނެ. ޢީސަ: ދެން ހަދާނީ ކިހިނެއް؟ ޚަލީލު: އެންމެ ލޭ ތިއްކެއް ވެސް ނުހުންނަ ގޮތަށް ލޭބަދަލު ކޮށްލާ! ޢީސަ: އެއީ ނުވާނެ ކަމެއް. ދިރިއުޅުމުގެ ފެންވަރު ބަދަލު ކުރާނީ ކިހިނެއް؟ ކިޔަވަންތިބި ކުދިންނޯ؟ ޢީސަ: ކޮންމެ ވެސް ކަމެއް ކޮށްލަދީ! ފާލެއް ބަލައިދީ. ތަވީދެއް އެއްޗެއްދީ! ޚަލީލު: އެދުވަސް ހިނގައްޖެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ޙުސައިން., 2009-05-06 11:00:42
ވަރަށް ޢިބުރަތްތެރި ވާހަކައެކެވެ.ކައްޗަށް އެޅިބިންގަލެއްގެ މައްޗަށް ކެއްޗާއި ހަމައަށް ނެގިއަސް ހުންނާނީނޭ ކައްޗަށޭ އިހުމީހުން ބެނެތެވެ. އަނެއްކާ ޢީސާގޭގެ ބިންގާއެޅީ ކައްޗަށް ބާވައެވެ.
...
ލިޔުނީ ސާރާ, 2009-05-07 04:38:07
ވަރަށް ޢިބްރަތްތެރި ވާހަކައެއް. ޢީސަގެ ގޭގެ ބިންގާ އެޅުނީ ކައްްޗަކަށް ނޫން. ޢީސަގެ ދިރިއުޅުމަށް ފެށި މަސައްކަތުގެ ބިންގާ އެޅުނީކައްޗަށް. ރިޝްވަތުގެ ގޮތުގައި ހޯދާ ފައިސާއާއި، މުދަލަކުން ހިތްހަމަ ޖެހުމެއް ނުލިބޭނެ . އެއަކު ބަރަކާތެއް ނުހުންނާނެ. ވަގުތީ އުފަލާއި އަރާމަށް ނުވިސްނާ ފަހުން (މިދުނިޔޭގެ ކަމުގައިވިޔަސް އާޚިރަތުގައި ވިޔަސް)ލިބިދާނެ ގެއްލުމަކަށް ވިސްނާނަމަ މިކަހަލަ ކަންތައްކެއް ދިމައެއް ނުވާނެ. ލިބޭ މިންވަރަށް ޝުކުރުކޮށްގެން އަމިއްލަ މަސައްކަތުން ހޯދާ ޙަލާލު ފައިސާގައި މާތްﷲ ބަރަކާތް ލައްވާނެ! ޚިޔާނާތްތެރިންނަށް ވާނީ މިކަހަލަގޮތެއް.ފަންވަތުގެ ކިޔުންތެރިން މިފަދަ ވާހކައިން ޢިބްރަތް ލިބިގަންނާނެކަމަށް އުއްމީދުކުރަން. މި ލިޔުން ލިޔުއްވި މަޑުލު މުޙައްމަދު ވަޙީދަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|