މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ޗޮކްލެޓް |
|
|
| ދިވެހި - ވާހަކަ | |||
| 31 މެއި 2009، 00:31 އާދީއްތަ | |||
|
ބިންމާ އިބްރާހިމް ވަހީދު 1977 ވަނަ އަހަރުގެ ފަހުކޮޅެވެ. މާލޭގެ މަގުތައް ފަޅެވެ. ކާރެއް ފެންނަނީ މަދު ފަހަރަކު އެވެ. މާލޭގެ މަގުމަތިން ފެންނަ ހުރިހާ ސައިކަލެއްގެ ނަންބަރު، އެންމެންނަށް ހަނދާން ބެހެއްޓޭހާ މަދެވެ. މަޖީދީމަގުގެ މެދުގައި ހުރެފައި ބަލައިލިޔަސް، މެންދުރު ވަގުތު ވެސް، ދެ ކޮޅުން މޫދު ފެންނާނެ އެވެ. މީހުން މަދުކަމުންނެވެ. ދޭތެރެދޭތެރެއިން އިވޭ އަޑަކީ، ބައިސްކަލެއްގެ ރަނގަބީލުގެ އަޑު އެކަންޏެވެ. ޓީވީ މޯލްޑިވްސް، އޭރު ދުނިޔޭގެ އަލިކަމެއް ނުދެކެ އެވެ. އެހެންނަމަވެސް، މިހާރެކޭ އެއްގޮތަށް، އޭރު ވެސް އާންމުވެފައި އޮންނަ އެއް ކުޅިވަރެއް އޮވެ އެވެ. އެއީ، ލޯބީގެ ކުޅިވަރެވެ. ރައްޓެހިވުމާއި ރުޅިވުމެވެ. އިނުމާއި ވަރިކުރުމެވެ. އެންމެ މަޝްހޫރު ކަމަކީ، ލޯބި ކާމިޔާބު ކުރުމަށްޓަކައި ސިހުރު ހެދުމެވެ.އުމުރުން 15 އަހަރުގެ ޢަފީފާ ކިޔަވަމުން ގެންދިޔައީ ވުޑްވިލާ ކްލާހުގަ އެވެ. ނިދުމާއި، ކެއުމާއި، ފެންވެރުމުގެ އިތުރަށް، ޢަފީފާ ކުރަން އޮންނަ ހަމައެކަނި ކަމަކީ، ކާތިބާ ކަމުގެ ސަނަދު ނެގުމަށްޓަކައި ކްލާހަށް ދިޔުމެވެ. ރަށުން މާލެ އަށް އައި ސަބަބަކީ ވެސް އެއީ އެވެ. ކްލާސް ނިންމާފައި ދާނެ އެހެންތަނެއް އޭނަޔަކަށް ނޯވެ އެވެ. ބައެއް ފަހަރު، ރައްޓެހިކުދިންނާ އެކުގައި، ދޮރޯށިދޮށަށް ނުކުމެ ހުރެ އެވެ. އެ ފުރާގެ އެހެން ކުދިން ވެސް ހަދާހެން، ފިރިހެންކުދިންނަށް ބަލާހަދަ އެވެ. ރީތި ކުއްޖަކު ފެނުމުން "ސަލާމް" ބުނުމަށްޓަކާ އެވެ. ހުތުރު ފިރިހެން ކުއްޖަކު ބަލައިލާފިއްޔާ، ތުން އަނބުރާފައި، އަތުކޮޅަށް ދޮރުޖަހާފައި އެތެރެ އަށް ވަދެ އެވެ. އާދަމްމަނިކަކީ އުމުރުން 40 އަހަރުގެ މީހެކެވެ. ފުރަތަމަ ކައިވެންޏަށް ދެ އަހަރު ވީއިރު ވެސް ކުއްޖަކު ނުލިބުމުގެ ސަބަބުން، އަނބިމީހާ ވަރިކޮށްލާފައި ދެން ހުރީ ހުސްހަށިބަޔަށެވެ. އޭނަޔަކީ، ޢަފީފާގެ ގެ ކައިރީގައި ހުންނަ ކުޑަ ފިހާރައެއްގެ ވެރިމީހާ އެވެ. ސޭޓު ވެސްމެ އެވެ. އިސްކޮޅުން ކުރެވެ. ބޮލުގެ އިސްތަށިކޮޅު މަދެވެ. ފަޓްލޫނުގެ އުނަގަނޑުގައި 38 ހުރެއެވެ. ގިނައިން ލައި އުޅެނީ ފިޔާތޮށީގެ އެކި ކުލަތަކުގެ ގަމީހެވެ. ބައެއް ފަހަރު، ކްރީމް ކުލަ އާއި މަޑު ކުލަތަކުގެ ގަމީސް ވެސް ލަ އެވެ. އެހެންނަމަވެސް ކަޅު ކުލަ ނޫން ކުލައެއްގެ ފަޓްލޫނެއް އޭނަ ނުލަ އެވެ. އަބަދު ވެސް ހުންނަނީ ދެ ލޮލުގައި އަނދުން އަޅާފައި، ގަމީސް ދަށަށް ޖަހާފަ އެވެ. ފުޅާ ބެލްޓެއް އަޅާފައި، "އޯކޭ" ސެންޓް ޖަހާފަ އެވެ. ފިހާރަ އަށް އަންނަ އަންހެން ކުދިންނަށް، އާދަމްމަނިކަށް ވުރެ "ދީލަތި" އެހެން ސޭޓެއް ނުފެނެ އެވެ. ޒުވާން ޢަފީފާ އަށް އާދަމްމަނިކުގެ ކަޅި ހުއްޓިފައި ހުންނަތާ ކިތަންމެ ދުވަހެކެވެ. އެހެންނަމަވެސް، ކުޑަމިނުން އާދަމްމަނިކުގެ ސަލާމް ވެސް ޢަފީފާ ގަބޫލުނުކުރާނެކަން އާދަމްމަނިކަށް އެނގެ އެވެ. އަދި، ޢަފީފާ ހާސިލް ކުރުމަށްޓަކައި އާދަމްމަނިކު ޖެހޭނީ އެހެން ގޮތަކަށް ވިސްނަންކަން އާދަމްމަނިކަށް ވެސް އެނގެ އެވެ. ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެގެން، ދަނޑިވަޅެއްގެ އިންތިޒާރުގައި އާދަމްމަނިކު ހުންނަންފެށި އެވެ. ޢަފީފާގެ އެކުވެރި ނާޒިމާ ފިހާރަ އަށް ވަނީ، އާދަމްމަނިކުގެ ކެތްތެރިކަން ކޮޅުންލަމުން ދަނިކޮށެވެ. ނާޒިމާ ވަދެފައި، ހަރުގަނޑުން މަދިރިދުންދަނޑިއެއް ހިފައިގެން ދަމުން އާދަމް މަނިކަށް ދައްކާލި އެވެ. "ސޭޓު! ކިހާ ވަރަކަށް؟" ނާޒިމާ އެހި އެވެ. "ގެންދޭ! ތި އަށް ދެން ކޮންމެހެން 25 ލާރި އަތުލަން މަށަށް ކެރޭނެ؟" އާދަމްމަނިކު ހިނިތުންވެލާފައި ބުންޏެވެ. "އަދި އެބައޮތޭ އެހެން އެއްޗެއް ވެސް." އާދަމްމަނިކު ތެދުވެގެން އައިސް ޗޮކްލެޓެއް ދިއްކޮށްލި އެވެ. އެއީ، ކުޑަކުޑަ "ކެޑްބަރީ" ޗޮކްލެޓެކެވެ. "މީ މިއަދު އަލަށް ގެނައި އެއްޗެއް. މީރިއްޔާ ބުނައްޗޭ!" އާދަމްމަނިކު ބުންޏެވެ. އެ ޒަމާނަކީ، ޗޮކްލެޓް އެހާ އާންމު ޒަމާނެއް ނޫނެވެ. އެހެންކަމުން، ލިބުނު ޗޮކްލެޓާ މެދު ނާޒިމާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އާދަމްމަނިކު ކައުންޓަރ ދޮށަށް ގުދުވެލާފައި ކުޑަކުޑަ ކަރުދާސްކޮޅަކަށް ލާފައި އޮތް އެއްޗެއް ނެގި އެވެ. "މި ޗޮކްލެޓް ގެންގޮސް އަފީފާ އަށް ދީ.. ނާޒިމާ ކާއިރު އޭނަ ވެސް ކާހިތްވާނެއްނު!" އާދަމްމަނިކު ބުންޏެވެ. ނާޒިމާ ދެ ޗޮކްލެޓް ހިފައިގެން ގެ އަށް ދިޔައިރު، ޢަފީފާ ހުރީ ދޮރުމަތީގަ އެވެ. އެހެންކަމުން އެއް ޗޮކްލެޓް ދިއްކޮށްލާފައި ނާޒިމާ ދިޔައީ އެވެ. "ކާކު ދިން އެއްޗެއް؟" ޢަފީފާ އެހި އެވެ. "ސޭޓު! މަށަށް ވެސް ދިން." ނާޒިމާ ބުންޏެވެ. ޢަފީފާ ކަރުދާސްކޮޅު ނޮޅާލިއިރު އޮތީ ޗޮކްލެޓެކެވެ. އެ ތަނުގައި ހުރެފައި ޢަފީފާ އެ ޗޮކްލެޓް ކާލި އެވެ. އެ ރެ އަށް ފަހު، ދޭތެރެދޭތެރެއިން ޢަފީފާ އަށް ފޮނި ކާއެއްޗިހި ސޭޓު ދެ އެވެ. އެކަން އެއީ މާބޮޑު ކަމެއްކަމަކަށް ޢަފީފާ ނުހަދައެވެ. ސޭޓު އެހެން ކުދިންނަށް ވެސް އެ ފަދަ އެއްޗިހި ދޭތީ އެވެ. ޢަފީފާގެ މަންމަ ވެސް، ސޭޓުގެ ހިތްހެޔޮކަމުގެ ވާހަކަ ދައްކާ އަޑު ޢަފީފާ އަށް އިވިފައިވާތީ އެވެ. ދުވަސްކޮޅަކުން ޢަފީފާ އަށް ސޭޓު ވަރަށް ކަމުދާންފެށި އެވެ. ދެކޭހިތް ވާންފެށި އެވެ. ކްލާހުން އަންނަމުން، ކޮންމެ ރެއަކު ވެސް، އެ ފިހާރަ އަށް ވަދެލާފައި ނޫނީ ޢަފީފާއަކަށް ގެއަކަށް ނުދެވެ އެވެ. ދުވާލު ގަޑީގައި ވެސް، ހުސް ވަގުތެއް ލިބިއްޖެއްޔާ ޢަފީފާ ގޮސް އުޅެނީ އެ ފިހާރައިގަ އެވެ. އިސާހިތަކު، ހިސާބުގަނޑު މީހުންނަށް އެކަން ފާހަގަކުރެވެންފެށި އެވެ. އެ ވާހަކަދައްކަންފެށި އެވެ. ޢަފީފާގެ އެކުވެރިން އައިސް ޢަފީފާ ގާތުގައި އެ ވާހަކަ އަހަންފެށި އެވެ. "ދެން އެއީ މައްސަލައެއްތަ؟" ޢަފީފާ ހަމަޖެހިލާފައި އަހަ އެވެ. "އެކަމަކު ޢަފީއާ ސޭޓާ އުމުރުގެ ގޮތުން..." އެކުވެރިންނަކަށް އެ ވާހަކައެއް ނުދެއްކެ އެވެ. "އަހަރެން މި ބުނަނީ އެއީ މައްސަލައެއްހޭ؟" އަނެއްކާ ވެސް ޢަފީފާ އެހި އެވެ. "ކަލޭމެން ވެސް ސޭޓު ދޭ އެއްޗިހީގަ ހިފާ. ސޭޓުގެ ރަނގަޅުކަމުގެ ވާހަކަ ދައްކާ. އެ ތަނަށް ގޮސް އުޅޭ." ރަޖަބު މަހުގެ 15 ވިލޭރެ އެވެ. އާދައިގެމަތިން ޢަފީފާ އައިސް ފިހާރަ އަށް ވަނެވެ. އެ ވަގުތު، ސޭޓު ފިޔަވައި އެހެން އެއްވެސް މީހަކު ނެތެވެ. ޢަފީފާ ވަނުމާއެކު، ކުއްލިއަކަށް ސޭޓު އައިސް ޢަފީފާގެ އަތުގައި ހިފި އެވެ. "މަށާ އިންނަން ކެރިދާނެތަ؟" ސޭޓު އެހި އެވެ. "އާނ!" ވިސްނާލުމެއް ވެސް ނެތި އަފީފާ ބުންޏެވެ. އެ ރެއަކީ، ޢަފީފާ އާއި ސޭޓުގެ ގާތް ގުޅުމުގެ ވާހަކަ، ޢަފީފާގެ މަންމަ ހައްވަ އަށް އިވުނު ރެއެވެ. ޢަފީފާ ގެ އަށް ވަނުމާއެކު، ހައްވަ އައިސް އެ ވާހަކަ އެހި އެވެ. "ތެދެއް ދަރިފުޅު އަބަދު ސޭޓު.." ހައްވަ އަށް ބުނެވުނީ އެ ހިސާބަށެވެ. "އަހަރެން މި އުޅެނީ ސޭޓާ އިންނަންވެގެން މަންމަ ގާތުގަ އަހަން.." ޢަފީފާ ހިނިތުންވެލާފައި ބުންޏެވެ. ބުނާނެ އެއްޗެއް ހައްވައަކަށް ނޭނގުނެވެ. ބަލަހައްޓައިގެން ހުރެވުނީ އެވެ. "ހެޔޮތަ އިނަސް މަންމާ؟" ޢަފީފާ އެހި އެވެ. "އެއްކޮޅުން އަހަރެން ގަބޫލެއް ނޫން.. އަނެއްކޮޅުން ބައްޕަ ކީކޭ ބުނާނީ؟ އެ ސޭޓަކީ ދަރިފުޅުގެ ބައްޕައާ އެއް އުމުރެއްގެ މީހެއްނު؟" ހައްވަ އެހި އެވެ. "30 އަހަރުގެ ތަފާތު އެބަހުރި!" "އެއީ މައްސަލައެއް ނޫނެއްނު!" ޢަފީފާ ބުންޏެވެ. "ދަރިފުޅަށް މައްސަލައަކަށް ނުވިޔަސް މަންމަ އަށް އެއީ މައްސަލައެކޭ.." ހައްވަ ބުންޏެވެ. "އެ ސޭޓަކީ ވެސް ހާދަހާ ޚަސީލަތް ނުބައި މީހެކޭދޯ؟ އަހަރެން ހީކުރީ.." "މަންމައެއްނު ބުނީ ސޭޓަކީ ނުލާހިކު ރަނގަޅު މީހެކޭ.. މިހާރު ކީއްވެ ގޯސްވީ؟ މަންމަމެން ނޫނެކޭ ބުންޏަސް އަހަރެން އިންނާނަން. އަހަރެން ހަމައެކަނި އަހާލީ.. މި ރޭ ރަން ވެސް ކިޔާނަމޭ ސޭޓު ބުނީ.." ޢަފީފާ ހުރީ އެ ގޮތަށް ނިންމައިގެންނެވެ. ޢަަފީފާގެ އާއިލާގެ މީހުންނާއި، އެކުވެރިންނާއި، ހިސާބުގަނޑުގެ މީހުން ވެސް ހައިރާންކޮށްލާފައި ޢަފީފާ ކައިވެނި ކުރީ އެވެ. އެންމެން ނުރުހިފައިތިބިއިރު ވެސް، ޢަފީފާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. މައިންބަފައިންގެ ރުހުމާ ދެކޮޅަށް ކައިވެނި ކުރުމުގެ އިތުރަށް، އެ ގެއިން ވެސް ޢަފީފާ ދިޔައީ އެވެ. ސޭޓު ބުނި ކޮންމެ ގޮތަކަށް ކަންތައްކުރަން ޢަފީފާ ހުރީ ހިތުގެއަޑިން ރުހި ގަބޫލުވެގެންނެވެ. ކައިވެންޏަށް އެއް ހަފްތާ ވީއިރު ވެސް، ޢަފީފާގެ މައިންބަފައިންނަކަށް އެ ކަމެއް ގަބޫލެއްނުކުރެވެ އެވެ. ހުވަފެންތަކާއި، ބާއްޖަވެރި މުސްތަގްބަލެއްގެ ބޭނުމުގައި މާލެ އަށް އައި ޢަފީފާ، އެ ފަދަ ގޮތަކަށް ކަންތައް ކޮށްފާނެ ހެއްޔެވެ؟ އެންމެންގެ ސުވާލަކީ އެއީ އެވެ. އެ ހިސާބުން ޢަފީފާގެ ބައްޕަ، ފާލުބަލާ މީހެއްގެ ކައިރި އަށް ދިޔަ އެވެ. ޙަޤީޤަތް ހާމަވާންފެށީ އެ ހިސާބުންނެވެ. ފާލުބަލާ މީހާ ބުނަނީ، އެކި ފަހަރުމަތިން ޢަފީފާ އަށް، ސިހުރުހަދާފައިވާ ފޮނި ކާއެއްޗެއް ކާންދީފައިވާ ކަމެކެވެ. އެއީ، ބިރުވެރި ޚަބަރުގެ ސުރުހީ އެވެ. އެ މީހާ އިތުރަށް ބުނިގޮތުގައި، ރައްދުގައި އެއްވެސް ސިހުރެއް ހަދައިފިއްޔާ ޢަފީފާ މޮޔަވާނެ އެވެ. އޮތީ އެންމެ ގޮތެކެވެ. ޢަފީފާ ފޫހިވެގެން އަންނަންދެން އިންތިޒާރުކުރުމެވެ. މައިންބަފައިން ނިޔާވީ އެ ދުވަސް ނުފެނި އެވެ. (ނިމުނީ) (މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް!) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ it's me, 2009-05-31 14:00:35
heheh mee varah salhi vaahakaeh...hama rangalhahves mee hageegee vaahakaehtha ??konme gotheh viyas mi vaahaka varah kamudhiya....nimunu iru kanthah vee heeki gothaai mulhin idhikolhah ...
...
ލިޔުނީ ޢަބްދުﷲ އަބްދުއްރަހީމު , 2009-05-31 20:56:50
އަހަންނަކީ ކުރިން ބިންމާގެ ކުރުވާހަކަ ކިޔައި އުޅޭމީހެއް ނޫނެވެ. ބިންމާގެ ވާހަކަތައް އެންމެ ފުރަތަމަ ކިޔެން މި ފެށީ ފަންވަތުންނެވެ. ކޮންމެ ވާހަކައެއް ވެސް ވަރަށް އަސަރުގަދަ އެވެ. މެސެޖު ރަނގަޅެވެ. ވާހަކައިގެ އަދަބީ ފޭރާމަށް ބަލާއިރު، އެކި ވާހަކަ އެކި ފެންވަރުކަމަށް ދަންނަވާލަން ޖެހެ އެވެ. ކުރިން ލިޔުއްވި ''ކަޅު ފިނިފެންމާ'' ލިބިދޭ ވާހަކައަކީ ވަރަށް ރޭވުންގަނޑު މޮޅު ވާހަކައެއްކަމަށް ފެނެ އެވެ. އެ އާ ޚިލާފަށް މި ފަހަރުގެ މި ވާހަކައިގެ ރޭވުންގަނޑު އެހާ ރަނގަޅު ކަމަކަށް ނުފެނުނެވެ. މި ލިޔުން ބޮޑަށް ވައްތަރުވާން އުޅެނީ ކުރުވާހަކަ އަކަށްވުރެ ވާހަކަ މަޒުމޫނަކާ އެވެ. ސަބަބަކީ، ވާހަކައިގައި ހިމެނޭ އޭގެ ހާދިސާއާއި، ކިޔައި ދިނުމުގެ ބަޔާއި، ކުންނު ވަކި ވެތަރުތީބުވެފައި ނެތުމެވެ. ފެށިގެން ނިމެންދެން އެއްވާމެއްގައި އޮތުމެވެ. އިންތިޒާރު ކުރަންވީ ބައެއް، ކުއްލިޔަކަށް އިޙްސާސްތައް ބަދަލު ކޮށް ހޫނު ކޮށްލާބައެއް މި ލިޔުމަކުން ނުފެނުނެވެ. އެހެންކަމުން އަޅުގަނޑަށް ބޮޑަށް ވައްތަރުވަނީ މި ލިޔުން ވާހަކަ މަޒުމޫނަކާ އެވެ.
މިއީ ހަމަ އެކަނި އަދަބީ ގޮތުން ފާޅު ކޮށްލި ޚިޔާލެއް އިނގޭތޯ އެވެ. ބިންމާގެ ލިޔުންެތެރިކަމާއި، މި ހާތަނަށް ކިޔުނު ވާހަކަތައް ވަރަށް ކަމުދޭ އިނގޭތޯ އެވެ. ކުރިޔަށް އޮތްތާނގައިވެސް އިތުރު ވާހަކަތައް ފެންްނާނެ ކަމުގެ އުންމީދާ އިންތިޒާރާއެކު، ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަމުން، އިތުރު ކުރިއެރުމަށް އެދި ހެޔޮ ދުޢާ ކުރަމުން ވަކިވެލަމެވެ.
...
ލިޔުނީ ސަމީޢު, 2009-06-03 08:05:06
އަޅުގަނޑަށް އެގިފައި ވާގޮތުންނަމަ މީހަކުު މީހަކާހިތާކުރުވުމަށް ހަދައިއުޅެނީ އިސްތިރިއެވެ. ދެމަފިރިން ވަރިކުރުމަށް ހަދައިއުޅެނީ ވަރިތޮޅި އެވެ. ނަމަވެސް މިހުރިހާ އެއްޗެއްސަކީވެސް ސިހުރެވެ. އެކަމަކު ސިހުރުގެ ގޮތުގައި މައްސޫރުވެފައި ވަނީ މީހުން މީހުންދެކެ ހަސަދަވެރިވެގެންނާއި ރުޅިއަިސްެގެން މީހުން މަރާލުމަށާއި މީހުންނަށް ގެއްލުން ދިނުމަށް ހަދާ ސިހުރަށެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|