މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދެ މޫނު |
|
|
| ދިވެހި - ވާހަކަ | |||
| 07 ޖޫން 2009، 11:20 އާދީއްތަ | |||
|
ބިންމާ އިބްރާހީމް ވަޙީދު ޒަމާނީ ފެޝަން ދޫކޮށްލުމަށްފަހު ކަޅުހެދުން ލާންފެށިއިރު، ރުވޭދާގެ އުމުރުން އެންމެ ސަތާރަ އަހަރެވެ. އެއީ، ކިޔެވުމުގެ އެންމެ ފަހު އަހަރެވެ. ރުވޭދާ ދެކޭގޮތުގައި، މަތީ ސާނަވީ ނިމުނުއިރު ވެސް، ތައުލީމީގޮތުން އެނގެންޖެހޭ އެއްވެސް އެއްޗެއް ނޭނގެ އެވެ. ހަމައެކަނި ދަސްވީ، ފަރަންޖީންގެ ސަގާފަތާއި، އެ މީހުންގެ ތާރީޚާއި ބަހެވެ. އެއިން އެއްވެސް އެއްޗަކުން، ރުވޭދާ އަށް ފައިދާއެއް ކުރާނެކަމަކަށް ރުވޭދާ ނުދެކެއެވެ. ގިނަ ކަންތައްތަކުގައި، ކަން އޮތް ގޮތާއި، ރުވޭދާ ދެކޭގޮތް ވެސް ތަފާތެވެ. ޓީވީ ބެލުމަކީ ބޭނުންކަމެއް ނޫނެވެ. ލަވަ އަޑުއެހުމަކީ މުހިންމުކަމެއް ނޫނެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނިވެގެން ކުރާ އެއްވެސް ކަމެއް ރުވޭދާއަކަށް ކަމަކުނުދެ އެވެ. ފިރިހެން ކުދިންނާ ވާހަކަ ދެއްކުން އެއީ ރުވޭދާ ކުރަން އެންމެ ފޫހިވާ ކަންތަކެވެ. ރުވޭދާ ކައިވެނި ކުރަން ބޭނުންވަނީ، ހެޔޮލަފާ ފިރިހެނަކާ އެވެ. އެ މީހާގެ ސިފައެއް މުހިންމެއް ނޫނެވެ. އަދި، ކައިވެނި ކުރުމުގެ ކުރިން ދެ މީހުން ވާހަކަދައްކައި ބައްދަލުކޮށް ހަދާކަށް، ރުވޭދާގެ އުސޫލު ތަނެއްނުދެ އެވެ. އެކަން، ރުވޭދާގެ ހުރިހާ އެކުވެރިންނަށް އެނގެ އެވެ. ސަފިއްޔާ އާއި ރުވޭދާ އަކީ، ވަރަށް ކުރީއްސުރެ އެކުގައި އުޅޭ ދެ ކުދިންނެވެ. ހަމައެކަނި ތަފާތަކީ، ދެ ކުދިން ލައި އުޅޭ ހެދުމެވެ. ކަޅުހެދުން ލުމުގެ ކުރިން ރުވޭދާ ލީ މިޑީ އެވެ. އިސްތަށިގަނޑު ހުންނަނީ ގަތާފަ އެވެ. މޭކަޕް ކުރުމަށް ރުވޭދާ ހާއްސަ ސަމާލުކަމެއް ދިނެވެ. ސަފިއްޔާ އަބަދު ވެސް ލަނީ ޖިންސާއި ގަމީހެވެ. ނުވަތަ ބެލް އާއި ޓީޝާރޓެވެ. ބޯ ހުންނަނީ ކުރުކޮށް ކޮށާފަ އެވެ. މޭކަޕަކީ ސަފިއްޔާ ކުރާ އެއްޗެއް ނޫނެވެ. ފެޝަން ދޫކޮށް ކުއްލިއަކަށް ރުވޭދާ ކަޅު ހެދުން ލުމުން، އެކުވެރިންނަކަށް އެކަން އެހާ ކަމަކުނުދިޔަ އެވެ. ސަފިއްޔާ ފިޔަވަ އެވެ. ސަފިއްޔާ ހަމައެކަނި މަރުހަބާ ކިއީކީ ނޫނެވެ. ވަގުތުން ސަފިއްޔާގެ ފެޝަން ވެސް ރުވޭދާއާ އެއްގޮތަށް ބަދަލުކޮށްލި އެވެ. ނަތީޖާއަކަށްވީ، އެހެން ހުރިހާ އެކުވެރިންނާ ކުޑަކޮށް ދުރުވުމަށްފަހު، ސަފިއްޔާ އާއި ރުވޭދާގެ ގުޅުން އިތުރަށް ބަދަހިވުމެވެ. "ރުވޭ ދެން ކޮންއިރަކުން މީހަކާ އިންނާނީ؟" ސަފިއްޔާ އެ ސުވާލު ވަރަށް ގިނައިން ކުރެ އެވެ. ރުވޭދާ އެއްވެސް ޖަވާބެއްނުދެ އެވެ. ހިނިތުންވެލާފައި އެ ވާހަކަ އޮއްބާލަނީ އެވެ. އެ ފަހަރު ވެސް ހެދީ އެހެންނެވެ. "ކޮންމެ ވާހަކައެއް ދެއްކިޔަސް، މި ފަހަރު ޖަވާބެއް ނުލިބެނީހެއް އަހަރެން ހުއްޓައެއް ނުލާނަން.. ބުނޭ!" ސަފިއްޔާ އަހަމުންގެންދިޔަ އެވެ. "ސޮފީ އަށް އަހަރެން ޖަވާބު ދީފާނަން.. އެއީ، އަހަންނަށް އެނގޭ، އެއްވެސް މީހެއް ގާތުގަ ސޮފީ ނުބުނާނެކަން.. އަހަންނަށް ކަމުގޮސްގެން މި އުޅެނީ ކާކުކަން އެނގޭތަ؟" ރަކިވެފައި ރުވޭދާ އެހި އެވެ. ރުވޭދާ ބަލައިލިގޮތުން ސަފިއްޔާ އަށް ޔަގީންވި އެވެ. އެހާ ވަރަށް ރުވޭދާ ދަސްވެފައިވާތީ އެވެ. "ދޮންބެ؟" ސަފިއްޔާ ދެ ލޯ ބޮޑުކޮށްލާފައި ބުންޏެވެ. ރުވޭދާ ހަމައެކަނި ބޯޖަހާލީ އެވެ. ފިރިހެންކުދިންގެ ވާހަކަ ދެއްކުމަކީ ރުވޭދާގެ އުސޫލުތަކާ ޚިލާފުކަމަކަށް ވާތީ އެވެ. "ރުވޭ ތިހެން ބުނީމަ އަހަރެން ވެސް ބުނެފާނަން ވާހަކައެއް.. ދޮންބެ ދޭތެރެއަކުން އަހާނެ ރުވޭ ކޮބައިހޭ.. އަހަންނަށް ހީވަނީ ދޮންބެ ވެސް ވަރަށް ލައިކުވޭހެން ރުވޭދެކެ.." ސަފިއްޔާ ބުންޏެވެ. "ސީރިޔަސްކޮށް ރުވޭ ތިކަން ކުރަން ބޭނުމިއްޔާ، އަހަރެން ދޮންބެ އަށް ކުޑަކޮށް ޕުޝްކޮށްލަންތަ؟" "ދޮންބެ ރުޅިއަތުވެއްޖެއްޔާޔޯ؟" ރުވޭދާ ނުތަނަވަސްވެފައި އެހި އެވެ. "ދުރުދުރުން ހުރިހާ އެއްޗެއް އަހާފަ، ޔަގީންކޮށްފައޭ އަހަރެން ބުނާނީ.. އެކަމަކު ރުވޭ ބޭނުމިއްޔާ.." ސަފިއްޔާ ބުންޏެވެ. ރުވޭދާ އެއްބަސްވި އެވެ. ޖެހިގެން އައި ދުވަހު ރުވޭދާ އަށް މެސެޖެއް އައެވެ. މެސެޖު އައިސްފައިވަނީ ސަފިއްޔާގެ ފޯނުންނެވެ. "އަހަރެން ވަރަށް ލައިކުވޭ!" އިނގެރޭސިބަހުން ލިޔެފައިވެ އެވެ. މެސެޖުގެ ތިރީގައި ޖަހާފައި އޮތީ އިލްހާމް އެވެ. އެއީ، ސަފިއްޔާގެ ދޮންބެގެ ނަމެވެ. ރުވޭދާ ވަރަށް އުފާވި އެވެ. އެހެންނަމަވެސް، ހިތުގައި ސުވާލެއް އުފެދުނެވެ. ސަފިއްޔާގެ ފޯނުން އެ މެސެޖު އައީ ކީއްވެގެން ހެއްޔެވެ؟ އެހެންނަމަވެސް، އެ މެސެޖަށް ރުވޭދާ ޖަވާބުދިނެވެ. ވަގުތުންނެވެ. "އަހަރެން ވެސް ލައިކުވޭ!" ރުވޭދާ ލިޔުނެވެ. ކަންތައް ވީގޮތް އެނގުނީ ސަފިއްޔާއާ ދިމާވީމަ އެވެ. "ދޮންބެގެ ފޯނު އިރުއިރުކޮޅާ ބައްޕަ ގެންދާނެ.. އެހެންވެ އެ ފޯނުން ދޮންބެ މެސެޖު ނުކުރީ.. އަހަރެން ކައިރީގަ ހުއްޓާއޭ އެ މެސެޖު ފޮނުވީ.." ސަފިއްޔާ ހީހީފައި ކިޔައިދިނެވެ. "އަދި ބުނި، ރުވޭ ރިޕްލައިނުކޮށްފިއްޔާ ދޮންބެ ވަރަށް ހުތްވާނޭ.. ނަސީބެއް ރުވޭ ރިޕްލައި ކުރިކަން.." އެ ދުވަހަށްފަހު، ދޭތެރެދޭތެރެއިން އިލްހާމްގެ ލޯބީގެ މެސެޖުތައް، ރުވޭދާގެ ފޯނަށް އާދެ އެވެ. ރުވޭދާ ބަރާބަރަށް ޖަވާބު ފޮނުވަ އެވެ. އެކަމަކު، ރުވޭދާގެ އުސޫލުތައް ތަންނުދޭތީވެ، އިލްހާމްއާ ވާހަކައެއް ނުދައްކަ އެވެ. އެ ގުޅުން އަހަރަކަށް ދެމިގެންދިޔަ އެވެ. އެ މުއްދަތުގެ ތެރޭގައި، ރުވޭދާގެ ވަރަށް "ޕާރސަނަލް" ވާހަކަ ވެސް އިލްހާމަށް ކިޔާދީފައިވެ އެވެ. އެކި މުނާސަބަތުގައި، އިލްހާމްގެ ފަރާތުން ހަދިޔާ ރުވޭދާ އަށް ލިބެ އެވެ. ސަފިއްޔާގެ ހަވާލުގައި ފޮނުވާ ހަދިޔާތައް ބަލައިގެންފައި، ރުވޭދާ ވެސް ހަދިޔާ ފޮނުވަ އެވެ. އަދި ލޯބީގެ ވަރުގަދަ ބިންގަލެއް އެ ދެމެދުގައި ސާބިތުކުރެވުނެވެ. އެއްދުވަހަކު ކުއްލިއަކަށް ރުވޭދާ އަށް ހައިރާންކުރުވަނިވި ޚަބަރެއް ލިބުނެވެ. އެއީ، އިލްހާމް މީހަކާ އިންނަ ޚަބަރެވެ. އެހެން ވާނީ ކިހިނެތް ހެއްޔެވެ؟ އިލްހާމް ލޯބިވަނީ ރުވޭދާ ދެކެ އެވެ. "ދޮންބެ ބޭނުމެއް ނޫން އެ ކުއްޖާއާ މެރީކުރާކަށް.. އެކަމަކު ބައްޕަ ފޯސްކޮށްގެން ދޮންބެ އަށް މަޖުބޫރުވީ.." ސަފިއްޔާ ބުންޏެވެ. ރުވޭދާ އެ ދުވަހު ވަރަށް ރުއެވެ. އެ ރޭ ވެސް ރުވޭދާ އަށް އިލްހާމްގެ މެސެޖެއް ލިބުނެވެ. "ކޮންމެ ގޮތެއް ވިޔަސް އަހަރެން ލޯބިވަނީ ރުވޭ ދެކެ.." އޭގައި ވެ އެވެ. "ރުވޭ ސްޓަޑީކޮށް ނިމުނީމަ، އަހަރެން ރުވޭއާ މެރީ ކުރާނަން.. ރުވޭ ބޭނުމިއްޔާ ދެ އަނތްބަށް.. އެހެންނޫނީ ވައިފް ވަރިކޮށްފަ ވެސް ރުވޭއާ އިންނާނަން.." އިލްހާމް އެހާބޮޑު ޔަގީންކަމެއް ދިނުމުން ރުވޭދާ ވަރަށް އުފާވި އެވެ. އެކަމަކު، ލޮލުން ކަރުނައެއް ނުހިކުނެވެ. އަރުން އެއްޗެއް ނުދިރުނެވެ. ރުވޭދާގެ އެކުވެރިންގެ ހަމްދަރުދީ ކިތަންމެ ވަރަކަށް ވެސް ލިބުނެވެ. އޭގެތެރޭގައި، ދިޔާނާ ވެސް ހިމެނެއެވެ. ދިޔާނާ އަކީ، ރުވޭދާގެ ބޭބެގެ ލޯބިވެރިޔާ އެވެ. ދިޔާނާ ވަރަށް ރުޅިއައެވެ. ދިޔާނާ ދެކޭގޮތުގައި، އިލްހާމް އަކީ ތުއްތު ކުއްޖެއް ނޫނެވެ. އަންހެން ކުއްޖެއް ވެސް ނޫނެވެ. އިލްހާމްގެ ކައިވެނި ކުރެވުނެވެ. އެ ޕާރޓީ އަށް، ރުވޭދާގެ އެއްވެސް އެކުވެރިއެއް ނުދެއެވެ. އެހެންނަމަވެސް، ކައިވެނި ކުރެވުނުތާ ހަފްތާއެއްހާ ދުވަސް ފަހުން، ކޮންމެވެސް ކަމަކު ދިޔާނާ އަށް އެ ގެ އަށް ދެވުނެވެ. އިލްހާމްއާ ދިމާވި އެވެ. ދިޔާނާ އަކީ ކެރޭ ކުއްޖެކެވެ. ރުވޭދާ އަށް އިލްހާމް ކަންތައްކުރި ގޮތުން، ދިޔާނާ އައިސްފައިވާ ރުޅި، އެންމެ ތަންކޮޅެއް ވެސް އޭރު މަޑެއްނުވެ އެވެ. "ތީ ފައްކާ ފިނޑިއެއް!" އިލްހާމް އެކަނިވި ވަގުތެއް ބަލާފައި ދިޔާނާ ބުންޏެވެ. "އޭނ؟" ހައިރާންވެފައި އިލްހާމް އެހި އެވެ. "ކީއްވެގެން ތިހެން ތި ބުނީ؟" "ފޮގެޓްއިޓް! މީ އަހަންނާ ބެހޭކަމެއް ވެސް ނޫން.." ދިޔާނާ އުޅުނީ އެ ހިސާބުން އެ ވާހަކަ ހުއްޓާލާށެވެ. އިލްހާމް ކުރެއްނުކުރި އެވެ. އެހެންކަމުން ދިޔާނާ ހުރިހާ ވާހަކައެއް ދިމާލަށް ގޮވާލި އެވެ. އަލިފުން ޔާއަށެވެ. އިލްހާމް ހުރީ ހައިރާންވެގެން ގޮސް އަންތަރީސްވެފަ އެވެ. ވަރަށް ގިނަ ވާހަކަ ދެއްކުނެވެ. އިލްހާމް ދެއްކި އެއްވެސް ވާހަކައެއް ދިޔާނާ ގަބޫލެއްނުކުރި އެވެ. "ތީ ވަރަށް ހެއްވާކަމެއް.. ތިހެންވިއްޔާ ކެރިދާނެތަ ރުވޭއާ ސޮފީ ބަހައްޓައިގެން ތި ވާހަކަދައްކަން؟" އެންމެފަހުން ދިޔާނާ އެހި އެވެ. "ފުރަތަމަ އަހަންނަށް ރުވޭ ދައްކަބަލަ! އެއްކޮޅުން ތި ރުވޭއެއް އަހަރެން ނުވެސް ދަންނަން.. އަނެއްކޮޅުން، ކީއްކުރަން ސޮފީގެ ފޯނުން އަހަރެން މެސެޖު ފޮނުވަންވީ؟ މި އޮތީ އަހަރެންގެ ފޯނު.." އިލްހާމް ފޯނު ދައްކާލި އެވެ. "އަހަރެންނަށް ކެރިދާނެ ރުވޭއާ މީޓްކޮށްފަ، ސޮފީ ކައިރީގަ ބަހައްޓާފަ ވެސް މިހެން ބުނަން.. އަހަރެން ރުވޭ އަށް އެއްވެސް މެސެޖެއް ނުފޮނުވަމޭ.. އެއްވެސް ގިފްޓެއް ވެސް ނުފޮނުވަން.. ﷲގަންދީ ހުވާ ވެސް ކޮށްފާނަން! އަހަރެން ލޯބިވި ކުއްޖާއާ މި މެރީ ކުރީ.. ކީއްކުރަން ތި ބުނާ ރުވޭއަކަށް އަހަރެން މެސެޖުކުރަންވީ؟" އެ ހިސާބުން އެ ވާހަކަ ހުއްޓާލަން ދިޔާނާ އެދުނު ނަމަވެސް، އިލްހާމް ބޭނުންވީ ކޮޅެއްގައި ޖައްސާފައި ނޫނީ އެ ވާހަކަ ހުއްޓާނުލާށެވެ. އެހެންކަމުން، ރުވޭދާގެ ގޭގައި ސަފިއްޔާ އާއި ދިޔާނާ ތިއްބައި، އެ ތަނަށް އިލްހާމް އައެވެ. އިލްހާމްގެ އަންހެނުން ވެސް ގޮވައިގެންނެވެ. ރުވޭދާގެ އެހެން ދެ އެކުވެރިން ވެސް، އެ ވަގުތު ތިއްބެވެ. ނަސީބަކުން، ރުވޭދާގެ މައިންބަފައިން އެ ވަގުތު ގެއަކު ނެތެވެ. ކުއްލިއަކަށް އިލްހާމް އައުމުން، ސަފިއްޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. "ކޮބާ ރުވޭ އަކީ؟" އިލްހާމް އެހި އެވެ. ރުވޭދާ ދެއްކީ ދިޔާނާ އެވެ. އޭރު ސަފިއްޔާ އަށް ރޮވިއްޖެ އެވެ. ދިފާއުގަ އެއްވެސް އެއްޗެއް ސަފިއްޔާ ނުބުނެ އެވެ. އެކަމަކު، ސަފިއްޔާގެ ފޯނު ބެލިއިރު، އިލްހާމްގެ ނަން ޖަހާފައިވާ، ލޯބީގެ އެތައް ބައިވަރު މެސެޖެއް އޭގައި ވެ އެވެ. އިތުރަށް، ރުވޭދާގެ އެތައް ބައިވަރު ފޮޓޯއެއްވެސް، ސަފިއްޔާގެ ފޯނުގައި ހުއްޓެވެ. ފޯނު ދޫކޮށްލާފައި ސަފިއްޔާ ރޮމުން ނުކުމެގެން ދިޔައީ އެވެ. އަދި ސްކޫލުން ކެނޑުނީ އެވެ. މާލެއިން ފުރައިގެން ދިޔައީ އެވެ. އޭނަ މިހާރު ފަރުވާކުރަމުން ގެންދަނީ، ސިކުނޑިއާ ބެހޭ އިންޑިޔާގެ ހޮސްޕިޓަލެއްގަ އެވެ. "ސަފިއްޔާ އަށް ދޭންވީ ފުރަތަމަ ފަރުވާ އަކީ، އޭނަ އަކީ އަންހެން ކުއްޖެއްކަން އޭނަ އަށް ވިސްނައިދިނުން!" ޑޮކްޓަރު ބުންޏެވެ. (ނިމުނީ) މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް! މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (12)
![]()
...
ލިޔުނީ ސަމީޢު, 2009-06-07 15:46:10
އަޅުގަނޑަކީ ބިންމާ އިބްރާހީމް ވަޙީދު ފަދަ މޮޅު ވާހަކަ ލިޔުންތެރިއެއްގެ ވާހަކައަށް ފާޑުކިޔޭވަރު މީހެއްނޫން ނަމަވެސް މިވާހަކައިގައި ވަރައްހިތްހަމަނުޖެހޭ ކަހަލަ ޢިބާރާތްތަކެއް ވާހަކައިގެ ފެށުމުގައި ހުރީތީ އެވާހަކަ ދަންނަވާލަމެވެ. އެގޮތުން އިސްލާމްދީނުގައި ނަޙިކުރައްވާފައިވާ ކަންކަމަށް ހިއްވަރު ލިބޭފަދަ ޢިބާރާތްތަކެއް ހުރިކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް މިވާހަކައިން ފާހަގަކުރެވެއެވެ. އަދި އެކަންކަން ނަހީކުރައްވާފައި ވަނީ އެއްވެސް ބޭނުމެއްނެތިކަމަށް ކިޔާމީހުންނަށް ހީވާފަދަގޮތެއް ހުރިކަން ހިތާމަޔާއެކު ފާހަކަކުރަމެވެ. އަދި ދެންފަހަރަކުން ވާހަކައެއް ލިޔުއްވާއިރު އިސްލާމީ ޝަރީއަތުގައި ހިމެނޭ ނަހީތަކާއި މީހުންގެ އަޤީދާއާގުޅޭ ކަންކަމުގައި މިއަށްވުރެ ބޮޑަށް ސަމާލުވެހުންނަވައިގެން ލިޔުއްވުމަށް ދަންނަވަމެވެ. މިހެން މިދެންނެވީ އެއްވެސް ބޭފުޅަކު އެބޭފުޅަކުލިޔުއްވާ ލިޔުއްވުމެއްގެ ސަބަބުން އެބޭފުޅަކުދެ އެކިޔާމީހަކު ނަފުރަތުވުމަކަށް ނޭދޭނެތީއެވެ. ވާހަކައާއި މެދު ދެންނެވެން އޮތީވަރައްތަފާތު ރީތިވާހަކައެއްކަމުގައެވެ. ހީނުކުރާކަހަލަ ތަފާތުވާހަކައެއް .
...
ލިޔުނީ ކިންގް, 2009-06-07 15:59:28
ވަރައްރީތިވާހަކައެއް ނަމަވެސް ދަންނަވާލަން އޮތީ ވާހަކައިގެ ފެށޭހިސާބު ރަގަޅެއްނޫނެވެ. ތަންކޮޅެއް ލާދީނީ އުސޭލެއް އަސަރުތަކެއް އެބަހުރި އެއަސްވުރެ ރީތިކޮން އެވާހަކަތަށް ގެނެވިދާނެ އަދި ދަންނަވަމެވެ. މިލިންކަށް ޒިޔާރަތް ކޮއްލެއްވުން އެދެމެވެ.http://www.fanvai.info/dheen/fatuva/265.html
...
ލިޔުނީ ޝަފީގު, 2009-06-07 18:22:57
ފާޑުކިޔުމުގެ ފަންނުގެ ޢިލްމުވެރިން ބުނާ ގޮތުން، އެކަމުގައި ހެވާ ނުބަޔާ މެދު ވިސްނުން މުހިންމެވެ. ޕޮޒިޓިވް، ނެގެޓިވް އޮންނަންޖެހެ އެވެ. ބިނާ ކުރަނިވި ފާޑު ކިޔުމަކީ އެއީ އެވެ.
މި ލިޔުމަށް ދެބޭފުޅަކު ފާޅު ވިދާޅުވެފައި ވެއްޖެ އެވެ. އެބޭފުޅުންގެ ޝުޢޫރާ ޚިޔާލުފުޅަށް އިޙްތިރާމު ކުރަމެވެ. އަދި އެހެންކަމުން އެ ދެބޭފުޅުންގެ ޚިޔާލުފުޅު ތަކުރާކުރުުގެ ބަދަލުގައި އެހެން ނަޒަރަކުން، މި ލިޔުމާމެދު އެއްޗެއް ދަންނަވާލަން ގަސްތުކުރަމެވެ. ފުރަތަމަ ކަމަކީ، ބިންމާ ވިދާޅުވެފައިވާ ގޮތުގައި މި ވާހަކައަކީ، ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކަ އެކެވެ. އެހެންކަމަށްވާނަމަ، މި ވާހަކައިގައި ހިނގައި ދިޔަ ހާދިސާއަކީ، ހަގީގީ ހާދިސާއެކެވެ. ހަގީގަތެކެވެ. ދެން އޮތީ މި ހާދިސާއާ މެދު ވިސްނާލުމެވެ. އެ ފިރިހެން މީހާ މި އަންހެން ކުއްޖާއާ މެދު ކަންތައް ކުރީ ރަނގަޅަށް ހެއްޔެވެ؟ ނުވަތަ ނުރަނގަޅުކޮށް ހެއްޔެވެ؟ އަޅުގަނޑަށް ވިސްނޭ ގޮތުގައި އޭނާ ކަންކުރީ ވަރަށް ވެސް ގޯސްކޮށްނެވެ. ލިޔުންތެރިންގެ ޙަޤީޤީ އަގު ވަޒަންކުރަންވީ މި ހާ ހިސާބުންނެވެ. ބިންމާގެ ގަލަމަކީ ވަރަށް ހިނގާ ގަލަމެކެވެ. އަބުރާ ބެހުމާއި، ފުރައްސާފައިގެ މައިދާންތަކުގައި އެގަލަން ހިނގައިފައި ހުއްޓާ ފެނިފައެއް ނެތެވެ. އެކަމަކު، އިޖުތިމާޢީ ވަރަށް މުހިންމު މައްސަލައެއް މި ވަނީ ތިލަ ކޮށް ދެއްވާފަ އެވެ. އެހެން ޕޮއިންޓެއް ވެސް އެބަ އޮތެވެ. ބިންމާ މި ތިލަ ކޮށްދެއްވީ ހަމަ އެކަނި އިޖުތިމާޢީ މައްސަލައެއް ހެއްޔެވެ؟ އަޅުގަނޑަށް ވިސްނުނު ގޮތުގައި މިއީ ހަމަ އެކަނި އިޖުތިމާޢީ މައްސަލައެއް ނޫނެވެ. އަދި ކީއްތޯ އެވެ؟ މިއީ ދީނީ މައްސަލައެއް ވެސް މެ އެވެ. ދީނުގެ ނަމުގައި މި ފަދަ ރަނގަޅު ނޫން ކަންކަން މީހުން ކުރާނަމަ އެކަމަކީ ދީނަށް ވެސް އޭގެ ހުތުރުކަން ލިބޭ ކަމެކެވެ. ދީނީ ނަޒަރަކުން ބަލާއިރު، މިއީ ވެސް ކުޑަ ކަމެއް ނޫނެވެ. ދީނީ ކަމަކަށް މިކަންވަނީ، ހަމަ އެކަނި ސަފިއްޔާ ކަޅުހެދުންލީ ވާހަކަ އޮތުމަކުން ނޫނެވެ. މައިންބަފައިން ބަހަށް ކަމޭ ހިތުމުގެ ގޮތުން ''ދޮންބެ'' އެހެން ކުއްޖަކާ ކާވަނި ކުރިކަމަށް ބުނުމުންނެވެ. ހަމަ އެހެންމެ، ފިރިހެނަކާ ވާހަކަ ދެއްކުމަކީ، ދީނީ ގޮތުން ޖާއިޒު ނޫންކަމެއް ކަމަށް ސަފިއްޔާ ދެކޭއިރު، ލޯބީގެ އެސް އެމް އެސްތައް ފޮނުވައި ޕްރެޒެންޓުތައް ފޮނުވައި ހެދުމުން މި ކުރެވެނީ ކޮންކަމެއް ބާވައެވެ؟ މި ނުކުތާގައި އަޅުގަނޑު ވެސް ފާހަގަ ކޮށްލާ ކަމެއް އެބަ އޮތެވެ. ރަނގަޅު ނިޔަތުގައި ދީންވެރިވުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އަމާނާތްތެރިވުމަކީ މުހިންމު ކަމެކެވެ. ފިރިހެނުންނާ މަސްހުނިވުމާއި، ރަށްޓެހިވުމުގެ މާނައިގައި ބަދުއަޚުލާޤީ ޙަޔާތެއް ވޭތު ކުރުމަކީ، ވަކިން ގެއްލުން ކުޑަކަމެއް ނޫނެވެ. އެ ފަދަ ކަންކަމުން ވެސް ނަފުސާނީ ބޮޑެތި ގެއްލުންތައް މީހުންނަށް ލިބި ބައެއް އަންހެން ކުދިންނާއި ފިރިހެން ކުދިން މި ރާއްޖޭގައި ދަންޖެހިފައި ވެސް އެބަ ހުއްޓެވެ. ވީމާ، މި ހުށަހެޅުމާއެކު، ބިންމާގެ މި މެސެޖަކީ، އަޅުގަނޑު ހިތުން ދީނަށް ލޯބި ކުރާމީހުން އިތުރަށް ދީނާ މެދު ފަރުވާތެރިވެ، އިޚްލާސްތެރިވުމަށް ބާރު އާޅާ މުހިންމު މެސެޖެއް ކަމަށް އަޅުގަނޑަށް ވިސްނޭތީ އެ ޚިޔާލު ފަންވަތުގެ އަހުލުވެރިންނާ ހިއްސާކޮށްލީމެވެ.
...
ލިޔުނީ عبد المعيد حسن, 2009-06-07 19:44:18
ކިންގ ދެއްވާފައިވާ ލިންކުގައިވާނީ، އަޅުގަނޑުގެ ލިޔުމެކެވެ. ވާހަކައެއް ލިޔާއިރު، ބަލަންވީ ހުރިހައި ކަމެއް އެލިޔުމުގައި ހިމެނިފައި ނުވާނެއެވެ. އޭގައިވާނީ، ޢިލްމުވެރިންގެ އަރިހަށް ހުށަހެޅުނު ދެ ސުއާލަކާއި އޭގެ ޖަވާބެވެ. އަދަބީ އުފެއްދުންތަކާމެދު ބަލަންޖެހޭނީ ހަމައެކަނީ ދީނީ ނަޒަރަކުން ނޫންކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.
ވާހަކައިގެ ފަހަތުގައި، ވަރަށް މުހިންމު މަޢުލޫމާތެއް ދެއްވާފައި އެބައޮތެވެ. އެ މަޢުލޫމާތުން އެނގެނީ، މި ވާހަކައަކީ، ހަމައެކަނި ވާހަކައެއް ނޫންކަމެވެ. ވާހަކައެއްގެ އިތުރުން، ތާރީޚު ވެސް އޭގައި ހިމެނިފައި ވެއެވެ. ވާހަކައިގައިވާ ކޮންމެ ކުލައަކީ، މުޖުތަމަޢުގައިވާ ކުލައެކެވެ. ލާދީނީ ކުލައެއްވާނަމަ، އެއީ، އިޞްލާޙުވުމަށް ގޮވާލާ ވަރުގަދަ ނިދާއެކެވެ. ވަގުތު ފާއިތުވުމުގެ ކުރިން، އަޅުގަނޑުމެން ހޭލަންވީއެވެ. ދީނީ ކުލައެއް ވާނަމަ، އެއީ، އިތުރަށް ދީންވެރިވެ، ހަރުދަނާވުމަށް ދީފައިވާ ދަޢުވަތެކެވެ. ވަގުތުގައި އަސީރުނުވެ، އަޅުގަނޑުމެން އިޖާބަދޭންވީއެވެ.
...
ލިޔުނީ ސިމްބޮލްސް, 2009-06-08 06:08:11
ތިޔަލިޔުއްވީ ހަމަ ރީތި ތަފާތު ވާހަކެއެކެވެ. ކުރިން ކޮމެންޓު ކުރެއްވި ޝަފީޤަށް އަސްލު ވާހަކަ ދޭހައެއްނުވެއެވެ. އެއީ މީގައި ފިރިހެނަކު ގޯހެއްހަދާފައެއްނެތެވެ. ރަނގަޅު ފަޑެއެއް ކިޔޭނީ އެއެއްޗެއް ރަނގަޅަށް ދޭހަވުމައްވަފުގައި ކަމުގައި ދަންނަމެވެ. "ދީނަށް ލޯބިކުރާ މުސްލިމުންނާ" އެނޫން ބަޔަކާ އުޅޭކަށް މީ ކިރިސްޓިޔަނިޓީއެއްނޫނެވެ. (ނޮންޕްރެކްޓިސިން ކޮރިސްޓިޔަނުންނާ ޕްރެކްޓިސިން ކްރިސްޓިޔަނުންނާ އުޅޭގޮތަށެވެ.) މިއީ އެންމެ ދީނެކެވެ. މިއީ އެންމެ ރާއްޖެއެކެވެ. ބަސްމަގުން ނަމަވެސް ތަފާތުކުރުންތަކަށް މަގު ނުކޮށްޓަވާށެވެ.
ބިންމާ އަސް ދަންނަމެވެ: 1. މީގައި ގޯސްހަދައިފައިވަނީ އަންހެކެވެ. އޭނާ އެހެދުންލީ ސަބަބު މިއިން އެނގެން ސާފުކޮށްއެބައޮތެވެ. އެކަން މިއަށް ވުރެވެސް ސާފުކޮށް ފެންނާނެ ހެން ލިޔުއްވިނަމަ "ބައެއްފަރާތްތަކަށް" މި އޮޅުމެއް ނޭރީހެވެ. މި ވާހަކާގައި އިސަލާމީ ޝިޢާރަކާ ކުށަކާ ފައްތަރު ކުރައްވަން އުޅުއްވާފައި ވާތަނެއް ނުފެނެއެވެ. 2. އެހެންކަމުން ކުރިން ދެންނެވުނު ތަންކޮޅު ސާފުވާނެހެން ލިޔުއްވިނަމަ މި ވާހަކައިގެ އަރިމަތިން އިތުރު މާނައެއް ނުނުކުތީސްކަމަށް ދެކެމެވެ. 3. "ބިރުވެރިމީހާ" ފަދަ އަދި މި ވަހަކަ ފަދަ މައުލޫތަކަށް ބިންމާގެ ގަލަން ހިނަގަވާއިފައި ހުއްޓާ ފެނުމުން އިޖްތިމާޢީ މައްސަލަތަކާމެދު ނަޒަރު ހިނަގަވާކަން ދޭހަވެއެވެ. 4. ކުރިން ކޮމެންޓް ކުރެއްވި ބޭފުޅުން އެ ކުށްވެރި ކުރެއްވި ކަންކަން "އޮފެންސިވް" ގޮތަކަށް އައިސްފައި ނުވާތީ އަޅުގަނޑު ހަމަ ލައްކަ ޝުކުރުކުރަމެވެ. "ޑިފެންސިވް" ގޮތަކަށް ގެންނެވުމުގެ ބަދަލުގައި ތަންކޮޅެއް އިތުރަށް ދިރާސާ ކޮށްލެއްވުމަށް ފަހު "ޕޮޒިޓިވް" ގޮތަކަށް ގެންނެވި ނަމަ ރަނގަޅުވާނެކަމަށް ދެކެމެވެ. 5. ތިއީ ވވވ ރީތި މި މުޖަތަމަޢު އާގުޅޭވާހަކައެކެވެ.
...
ލިޔުނީ ތުއްފާށަނާ, 2009-06-09 08:04:04
ބިންމާގެ މިވާހަކަ ވަރަށް ރީއްޗެވެ. އަދި ދެއްވާފައިވާ ކޮމެންޓްތައް ކިތަންމެހާވެސް ރަނގަޅެވެ. ނަމަވެސް އެއްވެސް ބޭފުޅަކު ވާހަކައިގައިވާ މެސެޖަށް ބަހުސްކުރައްވާފައިވާ ތަނެއް ނުފެނެއެވެ. ވާހަކައިގެ މެސެޖު މިވަނީ މިޖުމުލައިގައެވެ. "ސަފިއްޔާ އަށް ދޭންވީ ފުރަތަމަ ފަރުވާ އަކީ، އޭނަ އަކީ އަންހެން ކުއްޖެއްކަން އޭނަ އަށް ވިސްނައިދިނުން!" ފަހަރެއްގައި މިހެންކަންމިވީ ލަދު އަބުއި ވާހަކައެއް ދައްކަންޖެހޭތީ ކަންނޭނގެއެވެ. ނަމަވެސް މިހެން ބިތުފަނގިއަށް މިކަހަލަ މައްސަލަތައް އަޅަނިކޮށް ދެންފެންނަނީ ބިތުފަނގިއަށް ނުހިފެއްޓިގެން ފަޅައިފަޅައިގެންދާތަނެވެ. އޭރުން "ދެންހާވަންޖެހޭ ހަޑި" މާހަޑިވެދާނެއެވެ. މިއީ އަދި "ލީކެކެވެ."
...
ލިޔުނީ ޝަފީޤު , 2009-06-09 13:53:08
ބިންމާގެ މި ވާހަކަޔާ މެދު އަޅުގަނޑަށް ފާޅު ކުރެވުނު ޚިޔާލުގައި ކުށެއްވާނަމަ އެކަމަށް މާފަށް އެދެމެވެ. ސިމްބޮލްސްގެ ނަމުގައި ޚިޔާލުފާޅު ކުރެއްވި ފަރާތަށް އެކަން ފާހަގަ ކުރެއްވިފައިވާނަމަ، އެކަމަށްޓަކައި އެ ފަރާތަށް ޝުކުރު ދަންނަވަމެވެ. މި ވާހަކައިގައި ކުށްކުރީ ސަފިއްޔާތޯ ނުވަތަ '' ދޮންބެ'' ތޯ އެއީ ވާހަކައިން ޖަވާބު ނުލިބޭ ސުވާލެކެވެ.
މި ފަހަރު ޚިޔާލު ގޮޅީގައި އަޅުގަނޑު އެއްޗެއް މި ލިޔެލަނީ އަޅުގަނޑު ފާޅުކުރި ޚިޔާލަކީ، ޒިންމާދާރުކަން ކުޑަ އަދި ރަނގަޅު ނޫން މެސެޖެއް ލިބިދޭ، ޚިޔާލެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރައްވާފައިވާތީ، ނުވަތަ ބައެއް ފަރާތްތަކަށް އެގޮތަށް އެކަން ވިސްނިވަޑައިގެންފައިވާހެން ހީވާތީ، އެ ފަދަ އިހުމާލެއް، އަދި ނުބައި ނިޔަތެއް މި ކަމުގައި އަޅުގަނޑުގެ ނެތް ވާހަކަ ދަންނަވާލުމަށެވެ. ޚާއްޞަކޮށް، ''ދީނަށް ލޯބިކުރާ މުސްލިމުން'' މި ޖުމުލަ ބައެއް ބޭފުޅުންނަށް ދޭހަވެވަޑައިގެންފައިވަނީ ކުށް މަފުހޫމެއްގައި ކަމަށްވާތީ، އެކަން ރަނގަޅު ކޮށްލުމަށެވެ. ފަހަރެއްގައި ވެސް އެއްވެސް ފިކުރެއް ދިފާޢު ކުރާކަށް ނޫނެވެ. އަޅުގަނޑު މި ވާހަކަ ކިޔަމުން ދިޔައިރު، "ދޮންބެ ބޭނުމެއް ނޫން އެ ކުއްޖާއާ މެރީކުރާކަށް.. އެކަމަކު ބައްޕަ ފޯސްކޮށްގެން ދޮންބެ އަށް މަޖުބޫރުވީ.." މި ޖުމުލަ ފެނުނެވެ. މީން އަޅުގަނޑަށް ދޭހަވީ މައިންބަފައިންގެ ނުފޫޒެއް މި ކަމުގައި އުޅޭކަމުގެ ބަހަނާއެއް ދައްކާ ކަމަށެވެ. ދަންނަ ބޭކަލުން ވިދާޅުވާތީ އިވިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނުގައި މާތް ﷲއަށް ޝަރީކު ކުރުން މަނާ ކުރެއްވުމާއެކު، އޭގެ ފަހަތުން މައިންބަފައިންނަށް ކިޔަމަން ވާން އަންގަވާފައި ވާކަމަށެވެ. އެހެން ކަމުން ދީނުގައި މައިންބަފައިންނަށް މިހާ އިސްކަން ދެއްވާފައި އޮތް އޮތުމުން، އޭގެ މާތް މަޤުޞަދު އެއްފަރާތްކޮށް، މި ވާހަކައިގައި އުޅޭ ''ދޮންބެ'' ނުވަތަ ސަފިއްޔާ ނަމަވެސް އެ މާތް ޝަރުޢީ މަޤުޞަދުން އޭނާގެ އަމިއްލަ ނާޖާއިޒު ފައިދާއެއް ނަގަނީ ކަމަށް ވިސްނުނީ އެވެ. ހަމަ އެހެންމެ، "ކޮންމެ ގޮތެއް ވިޔަސް އަހަރެން ލޯބިވަނީ ރުވޭ ދެކެ.." "ރުވޭ ސްޓަޑީކޮށް ނިމުނީމަ، އަހަރެން ރުވޭއާ މެރީ ކުރާނަން.. ރުވޭ ބޭނުމިއްޔާ ދެ އަނތްބަށް.. އެހެންނޫނީ ވައިފް ވަރިކޮށްފަ ވެސް ރުވޭއާ އިންނާނަން.." މިއީ ވެސް މި ވާހަކައިގައި އުޅޭ ''ދޮންބެ'' ދައްކާފައި ހުރިކަމަށް ބެލެވޭ ނުވަތަ ބުނެވޭ ވާހަކަތަކެވެ. އަދި މި ވާހަކަ ތަކަކީ ސަފިއްޔާ ދެއްކި ވާހަކަ ތަކެއް ކަމުގައި ވިޔަސް ވަރިހަމަ އެވެ. މި އިން ވަޢުދާ ޚިލާފުވުމާ އޮޅުވާލުން އެބަ ފެނެ އެވެ. ދަންނަ ބޭކަލުން ވިދާޅުވާތީ އިވިފައިވަނީ، މަކަރު ހެދުމާ އޮޅުވާލުމަކީ ދީނުގައި މަނާ ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެކަމުގެ ދަލީލަކަށް އެ ބޭކަލުން ދައްކަވާ އެއް ޙުއްޖަތަކީ ކީރިތި ރަސޫލާގެ މި ޙަދީޘް ފުޅެވެ. " من غشنا فليس منا " އަހަރެމެން މުސްލިމުންނަށް މަކަރު ހަދައި އޮޅުވާލާ މީހުންނަކީ އަހަރެމެންގެ ތެރޭން ވާބައެއް ނޫނެވެ. އެހެން ކަމުން އަޅުގަނޑަށް ވިސްނުނީ '' ދޮންބެ'' އެހެދި މަކަރުގެ ސަބަބުން ދޮންބެ އަށް ވެސް އެހެދުނީ ގޯހެއް ކަމަށެވެ. ނުވަތަ ސަފިއްޔާ އެ މަކަރު ހެދިޔަސް، އޭނާ އަށް ވެސް އެ ހެދުނީ ގޯހެކެވެ. އަދި އޭން އެނގެނީ އެއީ ކޮންމެ މީހަކު އެކަން ކުރިޔަސް، އެމީހަކީ ދީނަށް ލޯބި ނުކުރާ މީހެއް ކަމަށެވެ. އެކަމަކު، އެ ވަރުން އަދި އޭނާ އަކީ ކާފިރެއްކަމުގައި ނުނިންމޭނެ އެވެ. އެހެންވީމާ އިސްލާމްދީނުގައި މުސްލިމެއްގެ ގޮތުގައި އެ މީހެއްގެ އީމާންކަން އެކި ވަރުގައި އެކި އިރު ހުރެދާނެކަމަށެވެ. ރާބޯ މީހާ ރާބޯ ވަގުތު މުއުމިނެއްގެ ގޮތުގައި ނުހުންނާނެ ކަމަށް އޮންނަ ނަބަވީ ބަސްފުޅަށް ވެސް ރިޢާޔަތް ކުރުމާ އެކުގަ އެވެ. މިއީ ދީނުގެ މުޢުތަބަރު ދަންނަ ބޭކަލުން ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމެކެވެ. އޭގެ ތެރޭގައި ޢައްލާމާ ޢަލީ ޖުމުޢާ، ޢައްލާ ޑރ. ޔޫސުފް ޤަރުޟާވީ ފަދަ ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. މި މައްސަލައާއި، ކްރިސްޓިޔަންދީނުގައި އޮންނަނަ ''ނޮންޕްރެކްޓިސިން ކޮރިސްޓިޔަނުންނާ ޕްރެކްޓިސިން ކްރިސްޓިޔަނުން'' ގެ ފަލްސަފާއާ މިއީ މުޅިން ތަފާތު ދެކަމެކެވެ. އިސްލާމްދީނުގެ ''އުސޫލުލްފިޤުހު'' ގެ ފޮތްތަކުން މި ކަމުގެ އިތުރު ތަފުސީލުތައް ލިބިވަޑައިގަންނަވާނެ އެވެ. ޝައްކެއްނެތެވެ. އީމާންކަމަކީ، އެކި އިރު އެކި މީހުންގައި އެކި ވަރަށް ހުންނަ ސިފަޔަކަށްވާތީ، ދީނަށް ލޯބި ކުރުމަކީ، އީމާންކަމުގެ ބިންގަލުގެ މަތިން އުފެދޭ އަސަރެއްކަމުގައި ވާތީ، ދީނުގެ ލޯބިވެސް އެކި އިރު އެކި މީހުންގައި އެކި ވަރަށް ހުރެދާނެ އެވެ. އެއީ އިސްލާމެއްކަމުގައި ވިޔަސް، ނުވަތަ ނަޞާރާއެއްކަމުގައި ވިޔަސް، އެކަން ހިނގާނެ ގޮތެވެ. މި ބަދަލު އިންސާނާގެ މައްޗަށް ގެންނަނީ ޝައިޠާނާ އެވެ. އަޅުގަނޑުގެ ޚިޔާލު ލިޔެލީ މި އަސާސްތަކުގެ މަތީގަ އެވެ. މި މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށެވެ. ފަހަރެއްގައި ވެސް މާތްވެގެންވާ އިސްލާމްދީނަށް ތަބާވުމުގައި މިންގަނޑުތަކެއް ގިންތިތަކެއް ގެންގުޅެންޖެހޭނެ ކަމުގެ މާނައެއްގައި ނޫނެވެ. ޠަބީޢަތާއި ޙަޤީޤަތް ވަތްކެއް ނުކުރެވޭނެ އެވެ.
...
ލިޔުނީ ބިންމާ, 2009-06-10 08:46:17
އަޅުގަނޑުގެ މި ވާހަކަ އަށް ޚިޔާލުފާޅު ކުރެއްވި ހުރިހާ ކިޔުންތެރިންނަށް، ހިތުގެ އެންމެ ފުންމިނުން، އިޚުލާސްތެރިކަމާއެކު ޝްކުރު ދަންނަވަމެވެ. މި ވާހަކަ ވިދާޅުވުމަށްފަހު، ކަންބޮޑުވުން ހާމަކުރެއްވި ކިޔުންތެރިންގެ އެ ކަންބޮޑުވުމަކީ އަޅުގަނޑަށް ލިބުނު ހިތްވަރެއް ކަމުގައި ދަންނަވަމެވެ. އަޅުގަނޑު ބޭނުންވަނީ ކިޔުންތެރިންގެ ސަމާލުކަމަށް މި ކަންކަން އައިސް، މަގުން ކައްސާލާފައިވާ ޒުވާނުންނަށް މަގު ދެއްކެވުމެވެ. ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ދައުރު މި އަދާކުރީ އެވެ. ވާހަކައިގެ މަގުސަދަކީ އެއީ އެވެ. ހިތާމަ އަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި ކަހަލަ ލާދީނީ ޚިޔާލުތަކާއި، އުސޫލުތައް ބައެއް ދިވެހިން ގެންގުޅޭ ކަމެވެ. ވާހަކައިގައި މި ވަނީ ކަން ހިނގާފައިވާ ގޮތެވެ. ކުޑަކޮށް ނަމަވެސް އަޅުގަނޑު ތާއީދުކުރާ ގޮތެއް ނޫނެވެ. އަޅުގަނޑު މާތްﷲ އަށް އިންތިހާ އަށް ބިރުވެތިވަމެވެ. މާތްﷲ އިރާދަކުރެއްވިއްޔާ، އުމުރުގެ ކޮޅުން ވެސް މި ފަދަ ކަމަކަށް، އެކަކަށް ވެސް ހިތްވަރެއް ނުދޭނަމެވެ. އެކަމަކު، އަދި ވެސް، މީހުންގެ ސަމާލުކަމަށް މި ފަދަ ކަންކަން ގެންނާނަމެވެ. އަދި ދަންނަވަމެވެ. ކިޔުންތެރިއަކަށް ނުބައި މާނައެއް ދޭހަވުމަކީ، ކިޔުންތެރިޔާގެ ކުށެއް ނޫނެވެ. އެއީ ލިޔުންތެރިޔާގެ އިބާރާތުގެ ކޮށިކަމެވެ. އަބަދު ވެސް މަސައްކަތް މި ކުރަނީ، އެއް ވާހަކަ އަށް ވުރެ އަނެއް ވާހަކައިގެ އިބާރާތް ރަނގަޅު ކުރެވޭތޯ އެވެ. މާތްﷲ އެ ކަމަށް މިންވަރުކުރައްވާށި އެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-06-10 22:23:03
ލިޔުމާއި މެދު ޖުމްލަ ނަޒަރަކުން އެއްޗެއް ދަންނަވާނަމަ ދަންނަވަން ޖެހެނީ ލިޔުން ފުރިހަމަ ކަމުގައެވެ.
ލިޔުން ނިންމަވާލައްވަމުން ގެންނަވާފައިވާ ޕޮއިންޓަކާއި މެދު އަޅުގަނޑު އެހޭ ހިތްހަމަ ނުޖެހެއެވެ. ހިތްހަމަ ނުޖެހެނީ އެ ގެންނަވާފައިވާ ގޮތާއި މެދުގައެވެ. އެއީ އަންހެނަކު އަނެއް އަންހެނާއި އަށް ފިރިހެނެއްގެ ނަމުގައި ފިރިހެނާއަށް ނުވެސް އެނގިހުރެ ކޮށްފައިވާ ހަޑިމުޑުދާރު މުޢާމަލާތުގެ (ކޮންވަރޒޭޝަންގެ) ލޯބީގެ ނަމުގައި ބަދަލު ކުރެވުނު ހަދިޔާ ބަދިޔާގެ ވާހަކަ ގެނެވިފައިވާ ގޮތުންނެވެ. ސަބަބަކީ އަންހެނަކާއި އަންހެނަކާއި ދެމެދު ހިނގާފައިވާ މިފަދަ މުޢާމަލާތަކީ ފާޙިޝްކަން ބޮޑުވެގެން ޢަމަލެއްގެ ކޮޅުމައްޗެވެ. މިވާހަކައިގައި ބުނާ ގޮތުން ރުވޭދާގެ މައްޗަކަށް ކުށެއް ނެތެވެ. ނަމަވެސް ސަފިއްޔާގެ ކުށްއެބަ އޮތެވެ. ހަމައެކަނި ކުށެއް ނުން، ފާހިޝް ޢަމަލަކަށް މަގު ފަހި ވެދާފަދަ މުޢާމަލާތެއް ގަޞްދުގައި ހިންގުމުގެ ސަބަބުންނެވެ. އަޅުގަނޑަށް ގޯސްވެގެން މިއުޅެނީ "ސަފިއްޔާއަށް ކުރިމަތިވި ނަފްސާނީ ބަލިމަޑުކަމުގެ ފަރުވާ ހޯދުމަށް ސަފިއްޔާ ދިޔަ ޑޮކްޓަރު، ސަފިއްޔާއަށް ދެއްވާފައިވާ ޖަވާބު ގެންނަވައިފައިވާ ގޮތެވެ. ހަމައެކަނި އެޑޮކްޓަރު ވިދާޅުވި ގޮތަށް :" "ސަފިއްޔާ އަށް ދޭންވީ ފުރަތަމަ ފަރުވާ އަކީ، އޭނަ އަކީ އަންހެން ކުއްޖެއްކަން އޭނަ އަށް ވިސްނައިދިނުން!" ޑޮކްޓަރު ބުންޏެވެ." މިޢިބާރާތް މިހާ ހިސާބުން ކުރުކޮށްލެއްވުމުންނެވެ. ވާހަކަ ނިންމަވައިލައްވަމުން މިނުބައި ޢަމަލް ކޮންމެވެސް ގޮތަކުން މަނާ ކުރެއްވުމެއް، ނުވަތަ ނުރުހުންތެރިކަމާއި އެކު ފައުޅު ކުރެއްވި ނަމަ، ވަރަށް ބޮޑުތަން ވާހަކަ ރަނގަޅުވީސް ކަމުގައި ފެނެއެވެ.
...
ލިޔުނީ އަބްދުﷲ, 2009-06-11 04:30:24
އަޅުގަނޑުދެކޭ ގޮތުގައި ބިންމާގެ ވާހަކަތަކަކީ ވަރަށްގިނަ ބޭފުޅުންނަށް އެވާހަކައަކުން އިބްރަތްތަކެއް ލިބޭ ވާހަކަތަކެކެވެ. މަތީގައި ކޮމެންޓް ކުރައްވާފައިވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ނެގެޓިވް ކޮށް ނުވިސްނުމަށެވެ. މިއީވެސް ވާހަކައެކެވެ. އަދި މިވާހަކައިގެ ފަހަތުގައި ލިޔުއްވާފައި އެވަނީ މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ވާހަކައެއް ކަމަށް.
...
ލިޔުނީ ސަމީޢު, 2009-06-18 20:32:20
ޝަފީޤުއަށް ދަންނަވާލަމެވެ. ''ކުށްކުރީ ސަފިއްޔާތޯ ނުވަތަ '' ދޮންބެ'' ތޯ އެއީ ވާހަކައިން ޖަވާބު ނުލިބޭ ސުވާލެކެވެ.' ސަފީގު މިހެންޖައްސަވާފައި އޮތުމުން އަޅުގަނޑު ހިތަށްއެރިއެވެ. ޝަފީޤު ރަގަޅަށް ވާހަކަ ވިދާޅުވިބާއެވެ. މިހެން މިދެންނެވީ މިވާހަކައިގައި މައިގަނޑު ހުރިހާގޯހެއވެސް ހެދީ ސަފިއްޔާކަން ވަރަށް ރަނގަޅަށް ސާފުވެއެވެ. އަދި ރުވޭއާއި ބޭބެއާއި ދެމެދުގައި ހަގީގަތުގައި އެއްވެސް ގުޅުމެއް ނެއްކަންވެސް ވާހަކަނިމޭއިރު އެގެއެވެ. އަދި އަލްއަޚް މުއީދުއަށް ދަންނަވާލަމެވެ. ދެއްވާފައިވާ ކޮމެންޓްގެ ފަހުބައި ގައި ވިދާޅޫވެފައި އެވަނީ އަޅުގަނޑުވެސް ވިސްނުނުން ހުރިގޮތެވެ. ނަމަވެސް މީހާރު މިމުޖުތަމައުގެ ދީނަށް ލޯބިކުރާމީހުން ހާލަތުހުރިގޮތުންނާއި މީހުންގެ ފިކުރާއި ހިޔާލުހުރިގޮތުން ބިންމާ ވާހަކައިގެ ފެށުނުހިސާބުގައި އިބާރާތް ގެންނަވާފައި ހުރިގޮތުން ބިންމާއާއިމެދު ކިޔުންތެރިން ހިތްހަނުޖެހިދާނެކަމަށް ލަފާކުރެވޭތީ ދެވަނަފަހަރު ވާހަކައެއް ލިޔުއްވާއިރު މިއަށްވުރެ ބޮޑަށް އެފަދަކަންކަމަށް ސަމާލުވުމަށް ދަންނަވާލުމެވެ. އަދި ބިންމާ ދެއްވާފައިވާ ކޮމެންޓް ފެނުމުން ވަރަށް އުފާވިއެވެ. އަދިދަންނަވަމެވެ. ބިންމާއަކީ ވަރަށް ޒިންމާދާރު ލިޔުން ތެރިއެއްކަމަށް އަޅުގަނޑު އަބަދުވެސް ގަބޫލުކުރަމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|