މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ރަށްފުށުގެ ދިރިއުޅުން (12) |
|
|
| ދިވެހި - ވާހަކަ | |||
| 08 ޖޫން 2009، 00:10 ހޯމަ | |||
ޙަސީނާ މާލެދަނީ ދުރުދުރުން ފެންނަނީ ދުންބުރާފައިވާ ރަށްތަކެވެ. ތަންކޮޅެއް ކައިރީގައިހުރި ރަށްރަށުގެ ވެއްޔާއެކު ގަސްގަހާގެހީގެ ފެހިކަން އުޖާލާކަމާއެކު ދައްކައެވެ. ވަރަށްބާރަށް ވައިޖެހޭ ދުވަހެއްވީމާ ރާޅުތައް ޙަރަކާތްތެރި ވެލައިފައި ފޮނުލައްވަމުން ކަނޑުގެ އެތަންމިތަން ބަނޑި ބަނޑިކުރެއެވެ. ބައްތެލިއޮތީ މަސްލާހަދާފައި ފުރަންތައްޔާރުކޮށް ކަނޑިންމައިން މެދުގައި އެންމެ ނަގިއްޔަކަށް ހަދައިފައެވެ. ދެރިޔާވެސް ރަނގަޅަށް ފަނުން އައްސައިފައި ކުނބުކުރިޔަށް ނަގައި ޖައްސާފައެވެ. ހަސީނާއާއި ރުގިއްޔާއާއި ދެމީހުން ކޮޅުފަސްކޮޅު މަޅުމަތީގައި މަތިކަނުގައި ބަނޑުއަޅައިގެން ބޭރަށް ބޯދީގެން އަޑީގައި ދުވެދުވެ އުޅޭމަސްތައް ބަލާފައި އުޅެތެވެ. ފިލޮޅު، ކަޅުއޮށް އުނިޔަ މަޑުމަޑުން ތިބެގެން އިރުއިރުކޮޅާ ފަސްގަނޑުގައި ތުންޖަހާފައި އަނގައިން ވެލިތައް ދުއްވައިލައެވެ. ބައްތެލީގެ ބަނޑުފިލާދަށުގައިއުޅޭ ރާބުޅާތައް ބަރިބަރިއަށް ތިބެގެން ބައްތެލީގެ ވަށައިގެން ދުވެތެވެ. އޮޔާއި ނިކުމެގެންދާ ކުނިކޮޅުކޮޅާ ދިމާއަށް އެކައްޗަށްވުރެ އަނެކަތި ހަރުކޮށް ދުވަނީ ވާލިތަކެވެ. ބޭރުމަތީގައި މޮއިލައްވާ ހޮނޑަލިތަކަށް ޖަހާފައިވާ އުދުހޭ މާރަނގަތައް ބައްތެއްޔާދިމާ މަތީވެސް ހޯރަކުރެތެވެ. ބައްތެލި ނުފުރާއޮތީ ހަމައެކަނި ދެމީހަކު ލަސްވެގެންނެވެ. މި ދަތުރަކީ އާދައިގެ މާލެ ދަތުރެކެވެ. އެހެންކަމަކު ފަނޑިޔާރުގެއިން އަންގަވައިގެން ހަސީނާއާއި އަހުމަދުފުޅު މި ބައްތެލިން މާލެދެއެވެ. ރުގިއްޔާފުޅުދަނީ މެދުޒިޔާރަތް ދޮށުގައި ޞަލަވާތްފުޅެއް ކިޔަވަން ބުނެފައިއޮތް ނަދުރެއް ފުއްދުމާއެކު ހަސީނާގެ އެކަނިވެރިކަން ފިލުވުމަށެވެ. މިހާރު އެއްގަމުން އަރަންވީ އެންމެންއަރާ ހަމަވެއްޖެއެވެ. ބޮއްކުރ ާވެސް ބައްތެލީ ތެރެއަށް އެހެލައިފިއެވެ. ފުރަތަމައަށް ކޮށައިލީ ބޮޑުރިޔަލެކެވެ. މަޑުމަޑުން ދުވަމުން ފަޅުތެރޭގެ ފެންގަނޑު ކަފަމުން ގޮސް އަނެއް ރިޔާ ވެސް ހުޅުވާލައިފި އެވެ. މިހާރު އިހުގެ ދެބައި ބާރަށް ދުވެއެވެ. ކަނޑިންމައިން ނިކުމެ ރަށުގެ ނިވައިދަށުން ބައްތެލި ނެއްޓުމުން ދެރިޔަލުގައި ހަމަވައި އަޅާފައި ކަނޑުއޮޅީގެ ރާޅުތަކުގެ މަތީގައި ބަޑިބަޑިޖަހައިގެންފިއެވެ. ފުރުވަން ނިކުމެތިބި އަންހެނުންތަކާ ފިރިހެނުންތައް އެއްގަމަށް އަރަމުންދެއެވެ. ރަށް ދުރުވަމުން މީހުން ކުދިވަމުން ކުދިކުދި ކުދިންވަރަށް ފެންނާން ފައްޓައިފިއެވެ. އިރުކޮޅަކުން ތުންމަތިވެސް ނަގައިފިއެވެ. މިހާރުދެފަރާތު ކަންކަށިން ހުދުފޮނު ލައްވަމުން ދެކޮޅުން އަޅަމުން އޮވެދެއެވެ. ފުރިތާ ދެވަނައަށްވީ ދުވަހު މާލެއަތޮޅު ރަށްތައް ބަލަމުންގޮސް މާލޭގެ ކަނޑިންމަޔާ މިސްރާބު ޖަހާފައި އޮތެވެ. ތުންމައްޗާއި ގެމަތީ ރިޔާދޫކޮށް ހަމައެކަނި ބޮޑުރިޔާ ނޫނީނެތެވެ. ދޫނިދޫބޭރުގައި ބަނދަރުޖަހާފައިއޮތް ބޯޓްފަހަރާއި ނާކޮޅުތައް ހަސީނާ ދުށްޓެވެ. މާލޭގެ ކަސްޓަމާ ފިހާރަތައް ދެކެފައި ވަރަށް އުފާވިއެވެ. ތަންކޮޅެއް އެތެރެއިން މުންނާރާއި އަދިވެސް އުސްކޮށް ރާނާފައި ހުންނަ ތަންތަން ފެނެއެވެ. ބައްތެލި ކަނޑިންމައިން ވައްދައިގެން ކަނބަމުން ގެންދިޔައިރު އެއްބުރި މޫދަށް ވާނޭހެން އަޅާފައިހުރި ފިހާރަތަކާއި ދިގު ހަރުވާޅުލައިގެން އުޅޭ ބިދޭސީންތައް ފެނެއެވެ. އަދި އެމީހުންގެ ބަހުން މީހަކަށް އޮޅުންނުފިލާ ކަހަލަ ހަޅޭތައް ލަވައެވެ. ބައެއްފަހަރު ކުޑަކުއްޖަކުވެސް ވާހަކަނުދައްކާހައި ހުތުރުގޮތަކަށް ދިވެހިބަހުން ވާހަކަދައްކާ އަޑުއިވެއެވެ. މާވަހަރުގެ ނުވަތަ ކުކުޅުދޫގެދުވާލުކަމުން ހަސީނާ ބައްތެއްޔަކުން ނުބައިލައެވެ. އެކަމަކު އެހެނިހެންމީހުން އެއްގަމަށް ފައިބައި ރައްޓެހިގޭގެއަށް ގޮސްއުޅެތެވެ. އެދުރުދައިތަ ފޮނުވާފައިހުރި ޑަބިޔަލަކާއި ކުރުނބާ އިހަލަކާއި އަދި ކުކުޅުމުޅިޔަކާއި ސިޓީއެއް ހިފައިގެން އިރު އޮއްސި އޮއްސި އޮއްވައި ނެވިންވެސް ފައިބައްޖެއެވެ. ހަސީނާޔާ ރުގިއްޔާފުޅާ ފަޅުވެރިންގެ ދެތިން މީހުންނޫނީ ބައްތެއްޔަކު ނެތެވެ. އިރުއޮއްސި ބައިގަޑިއެއްހާއިރު ވެދާނެއެވެ. ކުޑަވަރެއްގެ ދޯންޏެއްގައި މާލޭގެ ދެތިންމީހަކު މާވަހަރުގެއިން އަންގައިގެން ހަސީނާއާ ރުގިއްޔާފުޅުބަލާ އަތުވެއްޖެއެވެ. ދެ މީހުންގެ ފޮށްޓާއި ތަންމަތިބޮނޑި ލައިގެން ދޯނި ގެންދިޔައީ ހެންވޭރުކޮޅަށެވެ. ގޮނޑުދޮށަށް ގާތްކޮށްލިއިރު ދެ އަންހެނަކާއި ކުޑަވަރެއްގެ ދެކުދިން ވާޓަރުގާތަކުމަތީގައި ތިބޫއެވެ. ހަސީނާމެން ފޭބުމުން ގޮވައިގެން ހިނގައިގަތީ އެއްގަމަށެވެ. ގާތްގަނޑަކަށް މާލޭގެ ދެބައިކުޅަ އެއްބައިތާ ހިނގައިފިއެވެ. ހަސީނާއަކީ ދުވަހަކު މާލެއައި މީހެއްނޫނެވެ. މިކަހަލަ ހަރުބިމެއްގައި ދުވަހަކުވެސް ނުހިނގާކަމުން ދަށްފަޔަށް ކުޑަކޮށް ތަދުވާގޮތްވި އެވެ. އިރުކޮޅަކުން ފުޅަށް ރާނާފައި ގަސްވަކަރުން ދޮރެއްލާފައިހުރި ގޯއްޗެއްގެ ތެރެއަށް ވައްދައިފިއެވެ. އެތެރޭގައިވަނީވެސް ރާނާފައިވާ ގެއެކެވެ. ހަސީނާމެން ގެންދިޔައީ އެގޭގެ އަނެއްކޮޅުންލާފައި އަންހެނުންއުޅޭ ފަރާތަށެވެ. އެފަރާތު ކޮޓަރިއެއްގައި އެލުވާފައިހުރި ބޮޑު އުނދޯއްޔެއްގައި މުސްކުޅިފުރައިގެ އަންހެނަކާއި ވަރަށް ނަޔަލަށް ހެދިލާފައި އިން ރަންގަނޑެއްކަހަލަ ޒުވާން އަންހެނަކު ވާހަކަދައްކާން ތިއްބެވެ. ދެފަރާތުގައި ބަހައްޓާފައިހުރި ދިގުގޮނޑީގައިވެސް ފޭލިއަނދެ ހުޅިމަތީގައި ރުމާފަޅިބަހައްޓައިގެންތިބި ދެތިންމީހަކު ތިއްބެވެ. މިއިންކޮންމެ މީހެއްގެ އަތުކުރީގަޔާއި ކަރުގައި ބޮޑެތި އުޅާތަކާ ފަށްޓަރުބައިތައް އަޅާފައިވެއެވެ. ހަސީނާއާ ރުގިއްޔާފުޅު ވަނުމާއެކު މުސްކުޅިދައިތަ ކުކުޅުދޫ ކުދިންނަކީ ތިޔައިހޭ؟ އަހައި ކުރިމަތީގައި ތިރިގޮނޑިއެއްގައި އިށީންނަށް ބުނެފިއެވެ. އެބޭފުޅާ: ދައިތާފުޅާ މިއީ ކޮންކުދިންނެއްތޯ؟ ދައިތާފުޅު: ދީދީ ދެނެވަޑައިގަންނަވާނޭ ކަންނޭގެ، މިގެއަށް އާދޭނުންތޯ ކުކުޅުދޫ ގާސިމްމަނިކެއް. ދީދީ: އާދެ! މިގޭގައި ކުކުޅޫ މީހެއް ނުހުންނަ ހަނދާނެއް އަޅުގަނޑުނުހުރޭ. ތިޔަވިދާޅުވަނީ އަޅުގަނޑުމެންނާއެކު ކުޅެކުޅެފައި އުޅޭ މަނިކުބޭ ވާކަތޯ؟ ދައިތާފުޅު: ތިޔަވިދާޅުވީ ތެދުފުޅެއ. މިގޭ މަނިކުފާނު އަވަހާރަނުވާއިރު އަބަދު ކަހަލައިން ގޭފުރައި އުޅޭނީ އެރަށުގެ މީހުން. ކުކުޅުތަކުންވެސް އޮންނާނީ ގޯތިފުރިފައި. މިހާރުވެސް މިތަންގަނޑު ގިނަމީހުން މިގެއަށް ކިޔާއުޅެނީ ކުކުޅުދޫގެ. ދީދީ: މިއީމަނިކުބެގެ ދެކުދިންތޯ؟ ދައިތާފުޅު: ގާސިމްމަނިކުގެ ހުންނަނީ ހުސައިންމަނިކޭ ކިޔާ ފިރިހެންދަރިއެއް އެކަނި. ހުސައިންމަނިކުވެސް ލައްކަދުވަސްވާންދެން މިގޭގައި ފައިބާހުރި އޭރު ދީދީމެން އުޅުއްވަނީ ކޮޅުނބުގައި. އަޅުގަނޑަކަށެއް ވަކިކުރާކަށް ނޭނގެ މިތަނުން އެކަކީ ހުސައިންމަނިކުގެ އަންހެނުން. އަނެކަކަކީވެސް އެރަށު ކުއްޖެއް! ހުސައިންމަނިކު މީގެ ދެމަސްކުރިން ކޮންމެސް ކުށެއްގައި ބެދި މިހާރުވަނީ އަށިގޭގައި. މިއަދު މީނާވެސް މީނީ ޝަރީޢަތަކަށް ގެނުވިފަޔޯ. ތިޔަތަނުން ހަސީނާއަކީ ކޮބާ؟ ހަސީނާ: އަޅުގަނޑު! ދައިތާފުޅު: މީނައަށް ކިޔަނީ ކޮންނަމެއް. ހަސީނާ: ރުގިއްޔާފުޅު ދީދީ: ކަލޭމެންކުދިން މީގެކުރިން މާލެއައޫތަ؟ ރުގިއްޔާފުޅު: އަޅުގަނޑު ތަންކޮޅެއްކުރިން އެއްފަހަރު އައިން. ހަސީނާ އެއައީ ފުރަތަމަ ފަހަރު. ދީދީ: ކަލޭމެން އަހަރެންނާ ރައްޓެހިވާންވާނެ. އަހަރެންނަކީ ރަށްރަށުގެ ތިޔަކަހަލަ ކުދިންނާ ބައްދަލުވެ އުޅެންޖެހޭ މީހެކޭ. ދައިތާފުޅު: ދީދީ ! ތިޔަކުދިންނަކަށް ނޭގޭނެ. އެތައްއަހަރެއްވާންދެން ކޮޅުނބުގައި ކިޔަވާ ވިދާޅުވާން ހުންނަވާފައި ވަޑައިގަތްފަހުން މިވީ ދެމައިހެއްހައި ދުވަސް. މިހާރު އަންހެންކުދިންގެ މަދަރުސާގެ ނާޒިރާއަކީވެސް ތިއީ. ތިޔަކުދިން ރައްޓެހިވާންވާނެ. ދެތިންދުވަހެއްފަހުން އެއުޅުއްވަނީ ވަޒީރުލްމަޢާރިފްގެ އަރިހުގައި ރާއްޖެތެރޭގެ ރަށްރަށުގައި ކިޔަވައިދީ އުޅޭގޮތް ބައްލަވާން ވަޑައިގަންނަވަނން. ދީދީ: އިހަށް އެކުދިންނަށް ނޭގުނަކަސް މިހާރު އެނގިދާނެ. އިރާދަކުރެއްވިއްޔާ އެކުދިންގެ ރަށުން ބައްދަލުވާނެ. ސިހުރެއްނޫން، އިސްތިރިއެއްހަސީނާ ފަނޑިޔާރު ގެއަށް ގެންދެވުނީ މާލެދިޔަތާ ދެދުވަސްދޫކޮށް ތިންވަނައަށްވީ ދުވަހު ހެނދުނުކޮޅުއެވެ. އަހުމަދުފުޅުކުރާ ދަޢުވާއާދޭތެރޭ ހަސީނާގެ ބަހަކީ ކޮބައިތޯ އެއްސެވުމުން އެދުވަހު ދެއްކީޔަކީ ފުށާ ސައިބޯންޏާއި އަތަރަށް ސިހުރުހެދިވާހަކައެއް ނޫނެވެ. އެދުވަހު ހަސީނާ ފަނޑީޔާރުގެއަށް ދެއްކީ އިބްރާހިމްފުޅާ އަހުމަދުފުޅާ ލިޔެދީގެން މަންމަ އަޅައިދިން ތަވީދެވެ. އެތަވީދު މިކަހަލަ ދުވަހެއް އަތުވެދާނޭ ކަމަށް ހަސީނާ ރައްކަކޮށްފައި އޮތީއެވެ. ރަށުގައި ނާއިބުގެއަށް ގެންދިޔަރޭ މިތަވީދުގެ ވާހަކަ ނުދެއްކީ މާލެއަންނާން ވާއިރަށް އެދެމީހުން މަކަރުވެރި ރޭވުމެއް ރާވައި ދޮގުތަކެއް ހަމަޖައްސަފާނެތީއެވެ. މިތަވީދު ދެއްކުމުން އަހުމަދުފުޅުގެ މޫނަށް ގޮތްތަކެއް ވެގެންދިޔައެވެ. އެގޮތަކީ މިތަވީދުގެ ސިއްރު އެމީހުންނަށް އެނގިފައިވާކަން އޭނާ ނުދެނަހުރީއެވެ. އޭނާޔާ އިބްރާހިމްފުޅާ ހީކޮށްގެންތިބީ އެތަވީދަކީ ހުންފަސޭހަވޭތޯ އެޅި ތަވީދެއްކަމަށް އެންމެން ހިތްހަމަޖެހި މީގެކަމެއް އެއްވެސް މީހަކަށް ނޭނގޭކަމަށެވެ. އެހެންކަމުން ކުއްލިއަކަށް ތަވީދުފެނުނީމާ މޫނުމައްޗަށް ގޮތްވީއެވެ. އެކަމަކު ވަރަށް ހަރުދަނާވެލައިފައި އެއީ އޭނާ އަޅައިދިން ތަވީދެއްނޫންކަމަށް އިބްރާހިމްފުޅުވެސް އެކަހަލަ އެއްޗެއް ލިޔުނުކަން ނުދެނަހުރި ކަމަށް ބުނެފިއެވެ. އަހުމަދުފުޅު ދެކޮޅުހެދީމާ ހަސީނާއަށް ޖެހުނީ ރުގިއްޔާފުޅުގެ ވާހަކަ ދަންނަވާށެވެ. ރުގިއްޔާފުޅު ޙާޟިރުކޮށް އެއްސެވުމުން އެތަވީދު އެދެމީހުން ލިޔުނުކަމަށް ހިކިބަސް ދީފިއެވެ. މިހެންކަމުން އިބްރާހިމްފުޅު ގެނެސްގެންނޫނީ ޝަރީޢަތް ނިންމޭކަށެއްނެތެވެ. ސައިބޯންޏާ ފުށާ އަތަރަށް ސިހުރުހަދައިގެން ހަސީނާޔަށް ދިންވާހަކަޔާ ދޭތެރޭ ދެންނެވީ މިތަވީދު ކަންތައް އެޅިފައިއޮތުމާއެކު އެތަކެތިލޯމާ ގޮތްގޮތްވާތީ އެއެއްޗިއްސަށްވެސް ސިހުރުހުރިކަމަށް ހީވާތީ ދެއްކިވާހަކައެއް ކަމުގައެވެ. މާގިނަދުވަހެއްނުވެއެވެ. ފަނޑިޔާރުގޭ ސިޓީދިއުމާއެކު ބީރައްޓެހި ބައްތެއްޔަކަށް އަރައިގެން އިބްރާހިމްފުޅު އަތުވެއްޖެއެވެ. އިބްރާހިމްފުޅުކުރެން އެހީމާވެސް ހަސީނާޔަށް ސިހުރެއް ހެދިކަމާދޭތެރޭ ވަރުގަދަޔަށް އިންކާރުކޮށްފިއެވެ. ފަހުން ރުގިއްޔާފުޅު ވާހަކަދެއްކީމާ އިބްރާހިމްފުޅުވެސް ހުއްޓުމެއް އެރިއެވެ. އޭނާޔަށްވީވެސް އަހުމަދުފުޅަށް ވީހެންނެވެ. އަދި ތަވީދެއް ނުލިޔާކަމަށް ހެދޭކަށް އޭނާއަށް ނެތެވެ. އެގޮތަކީ ރުގިއްޔާފުޅު ވަރިވީ ތަވީދެއްގެ މައްސަލާގައިކަން އެންމެން ދަނެއެވެ. އަނެއްކާ ހަސީނާ ހުންއަންނާތީ ހަސީނާގެ މަންމަ ބުނެގެން ތަވީދެއްގެނެސް އިބްރާހިމްފުޅު ދިންކަން ދަންނާނޭ މީހުންވެސް ތިބޭނެއެވެ. މިހެންވީމާ ތަވީދެއް ލިޔެދިންކަމަށް އިޢުތިރާފްވާން މަޖުބޫރުވެގެން ހަސީނާ މަންމަބުނިމާ އަހުމަދުފުޅާ ދެމީހުން ތަވީދެއް ލިޔުނުކަމަށްބުނެ އެތަވީދަކީ ސިހުރެއްނޫންކަމަށް ކުރެއްވި ވަރެއްވާން ތައްޔާރަށް ހުރިކަމަށް ގަދައަޅައިފިއެވެ. އިބްރާހިމްފުޅު ޔަގީންކުރާ ގޮތުގައި އަހުމަދުފުޅަށްވެސް ސަލާމަތްވެވޭނީ އެރޮނގުން ވާހަކަދައްކައިގެންނެވެ. ތަވީދެއް ނުލިޔާވާހަކަދެއްކުމަކީ ފުރަތަމައިނުންވެސް ދެމީހުން ބެދުމެވެ. ނާއިބުގެ ވިސްނުމުގައި އަހުމަދުފުޅާއި އިބްރާހިމްފުޅު ހެދި ސިހުރެއްކަމުގައި އެހެންފަރާތަކުން ތަވީދެއް ހޯދައިގެން ހަސީނާޔާ ރުގިއްޔާފުޅު އުޅޭކަމަށް ފެނެއެވެ. އަދި އެތަވީދަކީވެސް އިސްތިރިއެއްކަމަކު ސިހުރެއްނޫނެވެ. އެހެންކަމުން ބުރަވެވޭން އަންނަނީ ހަސީނާމެން ދައްކާވާހަކަ ފޫނުބެއްދޭ ކަމަށެވެ. ދެން ރުގިއްޔާފުޅާ ސުވާލުކުރެވުނީ އިބްރަހިމްފުޅާ އަހުމަދުފުޅު އެސިހުރެއް ހެދިކަމުގެ ދަލީލެއް ދެއްކުމަށެވެ. ރުގިއްޔާފުޅު ދެންނެވީ ހުސައިންމަނިކު އަތުގައިވާ ފަންޑިތަ ފޮތުގެ ވާހަކައެވެ. ދެން އެފޮތްހޯދުމަށްޓަކައި ހުސައިންމަނިކު ގެންނަން ޖެހިއްޖެއެވެ. މިކަމާ އެދެމީހުން ވަރަށް އުފާކުރިއެވެ. އެގޮތަކީ އެތައްދުވަހެއްވަންދެން ހުސައިންމަނިކު ނުފެނިހުރެފައި ފެނުމާއި އޭނާޔާ ދޭތެރޭ އެދެމީހުންވާ ގުރުބާނީ އޭނާޔަށްވެސް ފެންނާނެތީއެވެ. ވީ ވިއްސަކަށް މިނެޓެވެ. ވަދެގެން އައި ދޭވާންޏެއްގެ ފަހަތުން މިލަމިލަ ލިބާހެއްލައިގެން ވަރަށް ނިކަމެތި ޙާލުގައިއުޅޭ ކަހަލަ މީހަކު އައެވެ. މީހާގެ ހަށިގަނޑުގައި ފެންދެމި އަނަރޫފަ ވެފައިވާ ކަމުގެ ސަބަބުން ލިބާސްވަނީ ގަޔަށްދޫވެ ކޮނޑުފަތި ވެއްޓިފައެވެ. މޫނުމަތީގެ މަސްތައްވިރި ދެކޯއަޑިވެ ލޯވެސް ވަޅުވަންނަގޮތް ވެފައެވެ. ތުނބުޅި މަތިމަސް ދިގުވެ ފުނާނާޅާ ކަމުގެސަބަބުން ބޮލުގެ އިސްތަށިގަނޑުވެސް ހީވަނީ އިތިފަތް ކުކުޅެއް ހެނެވެ. އެމީހަކު ފެނުމުން އެންމެންގެ މޫނުތައް އެނބުރުނީ އެ ޢަޖާއިބުވާފަދަ ސޫރައިގައިހުރި މީހަކާ ދިމާއަށެވެ. ރުގިއްޔާފުޅާ ހަސީނާވެސް އެދިމާއަށް ބަލައިލިއެވެ. އެވަގުތު ރުގިއްޔާފުޅުގެ ކޮނޑަށް ބިރުވެރިކަމާއެކު މީހަކު އެއްލިއަތެއް ވެއްޓުނެވެ. ކުއްލިއަކަށް ސިހިގެންގޮސް ބަލައިލިއިރު ހަސީނާ ވެއްތެނީއެވެ. ހޭވެރިކަންވަނީ ހަސީނާގެ ހަށިގަނޑު ދޫކޮށްފައެވެ. އަވަސްއަވަހަށް ނާއިބުބޭކަލުންތަކާ ދޭވާނީންތައް އެއްވެ ހަސީނާގެ މޫނަށް ފެންއަޅާ ހަދާފައި އަންހެނުންތިބޭ ކޮޓަރިއަށް ގެންދަވައިފިއެވެ. ހަސީނާ ހެޔެއްނާރައެވެ. ހިތުގެ ވިންދުވަނީ ލަސްވެގެންގޮސް ހުއްޓޭންގާތްވެފައެވެ. ހަސީނާއަށް ވީގޮތަކީ ބޭރުންވަދެގެން އައި ނިކަމެތި ޙާލުގައިހުރި ހުތުރުސިފައިގައިވާ މީހާޔަށް ރަގަޅަށް ބަލައިލެވުމާއެކު އެއީ ހުސައިންމަނިކުކަން އެނގުނީއެވެ. އޭނާ ފެނުމުގެ އިންތިޒާރުގައި ހުއްޓައި މިފެނުނު ހަށިގަނޑަކީ ދުވަހަކުވެސް ހަސީނާގެ ލޯބިވާ ފިރިމީހާ ، އެފަދަ ހަށިގަނޑެއްގައި ހުއްޓައި ހަސީނާ ދެކޭން ނުކެރޭނެ ހަށިގަނޑެކެވެ. ހަސީނާޔަށްކުރި އަސަރެއްގެ ވަރުގަދަކަމުން ހިތްހުއްޓޭން އުޅުނީއެވެ. މިހާރު މިފަރާތުން ވާހަކަދައްކާންހުރީ ރުގިއްޔާފުޅު އެކަންޏެވެ. ހަސީނާ ގެންދިޔަ ނުގެންދިޔަ ތަނެއްވެސް ރުގިއްޔާފުޅަކަށް ނޭނގެއެވެ. ހުސައިންމަނިކު ހުއްޓިހަމަޖެހުމުން އިބްރާހިމްފުޅުގެ ފަންޑިތަފޮތެއް ހުސައިންމަނިކުގެ އަތުގައިވޭތޯއާއި އޭގައިހުރީ ކޮންކޮން ފަންޑިތައެއްތޯ އައްސަވައިފިއެވެ. ހުސައިންމަނިކު އޭގައި އިސްތިރިޔާ ވަރިތޮޅިއާއި އެހެނިހެންވެސް ބާވަތްބާވަތުގެ ފަންޑިތަ ހުރިކަމަށާއި ބޭނުންފުޅިއްޔާ ބަނޑޭރިގޭގައިވާ އޭނާގެ ފޮށިތެރޭގައި ވާނޭކަންވެސް ދަންނަވައިފިއެވެ. ދެން އިބްރާހިމްފުޅުގެ ވާހަކައަކީ އެފޮތުގައި ކޮންމެ އެއްޗެއް ހުއްޓަސް އޭނާހެދީ ހުމުގެ ފަންޑިތައެކެވެ. ދެން ރުގިއްޔާފުޅު ހުށަހެޅީ އޭނާ ވަރިވެފައިހުރި ގޮތުގެ ވާހަކައެވެ. ރުގިއްޔާފުޅު ވަރިވެފައިއޮތީ އިބްރާހިމްފުޅާ އަހުމަދުފުޅު ލިޔުނު ފަންޑިތައެއް ބަލައިގެންކަން އޮތީ ނާއިބްގޭގައި ސާބިތުވެ މަޙުކަމާއަށްވެސް އެނގިވަޑައިގެންފައެވެ. ހުމަށްލިޔާ ތަވީދަކީ އެވަރަކުން މީހަކުބެލިޔަ ނުދޭން އުޅެންވީ އެއްޗެއްނޫނެވެ. އަދި މިވަގުތު އެފޮތްގެނަޔަސް އެއަކަޖަހާފައިއޮތް ފަންޑިތަ އެފޮތުން ފެންނާނެއެވެ. މިވާހަކަތައް ރުގިއްޔާފުޅު ހުށަހެޅުމުން އިބްރާހިމްފުޅު ޖެހިލުންވާން ފަށައިފިއެވެ. މިހާރު ނައިބުކަލޭގެފާނަށްވެސް އިބްރާހިމްފުޅާ ދޭތެރޭ ތުހުމަތު ވެއްޖެއެވެ. އަދި މިފަދަ ދަލީލުތަކާއި ޤަރީނާތަކުން ސާބިތުވަމުންދާ ކަމަކާ ދޭތެރޭ ދޮގުހެދުމުން ފައިދާއެއް ނުކުރާނޭކަމާއި އެންމެފަހުން އިޢުތިރާފްވާން މަޖުބޫރުވާނޭކަމަށް އިންޒާރުކުރައްވައި ދެތިން ސުވާލެއް އެއްފަހަރާ ހުށަހަޅުއްވައިފިއެވެ. ތިންސުވާލަށް ޖަވާބުދޭނެ ދޮގުތައް އެއްފަހަރާ ރާވައިނުލެވިގެން އުޅެނިކޮށް ހަތަރުވަނަ ސުވާޅުހުށަހަޅުއްވައިފިއެވެ. އިބްރާހިމްފުޅު ހާސްވެ ނޭވަޔަށް ދަތިވެއްޖެއެވެ. ދެން އޭނަޔަށް ހެދުނީ ކޮންމެ އިޙްލާސްތެރިކަމެއްނެތް އެދުންވެރިއަކަށް ހެދޭ އެއްޗެވެ. ތިމާ ބެދިގެން ދަމުން އަނެއްމީހާވެސް ގޮވައިގެންދާ ގޮތެވެ. އޭނާ އިޢުތިރާފްވީ އެއީ ސިހުރެއނޫނެވެ. އަހުމަދުފުޅު ބުނެގެން ހަސީނާއަށް ހެދި އިސްތިރިއެކެވެ. އެމީހަކު ކާންދީބަލާ ނޯކަރެއްގެ ގޮތުން ގެންގުޅޭމީހަކު އެމީހަކާ އިދިކޮޅުވީމާ އެހިސާބަށް ކުރާނޭ އަސަރު އެވަގުތު އަހުމަދުފުޅަށް ކޮށްފިއެވެ. މަގާމުވެސް އޭނާއަށް އޮޅުނީއެވެ. ރުޅިއައިސް އިބްރާހިމްފުޅާ ދިމާކޮށްލެވުނީއެވެ. ނާއިބުކަލޭގެފާނު ޤަވާޢިދުން ވާހަކަދައްކަން އަހުމަދުފުޅަށް އިންޒާރުކުރައްވަ ކުރައްވައި އޮއްވާ އޭނާ ދައްކާންވީ ވާހަކަ ކުރުބަހުން ނަމަވެސް ދައްކާ އަވަދިކޮށްފިއެވެ. އެއްޗެއް ލިޔުނު ދުވަހު އަހުމަދުފުޅު އެގެއަށް ދިޔައިރު އިބްރާހިމްފުޅުއިނީ ލިޔަންކަމަށާއި ކޮންކޮން އެއްޗެއްކަން ނޭނގޭކަމާއި އޭނާބުނެގެން ލިޔުނު އެއްޗެއްނޫންކަމަށް އިބްރާހިމްފުޅު ސިހޭނެހައި ބަހުރުވައިން ފާޅުކޮށްފިއެވެ. އެކަމަކު އިބްރާހިމްފުޅަކީ އެގޮތުން ސިހޭނެ މީހެއްނޫނެވެ. އޭނައަކީ އަބަދުވެސް ގަދަބަޔަކަށް ހުންނަމީހެކެވެ. މިއަދު އަހުމަދުފުޅަކީ، ކިތަންމެ ބާރަށް ވާހަކަދެއްކިޔަސް އެއްވެސް މީހަކުނޫންކަން އެންމެންނަށްވެސް އެނގެއެވެ. ނާއިބުކަލޭގެފާނު އަހުމަދުފުޅަށްވެސް ނަސޭޙަތްދެއްވައި ދޮގުހަދާން އުޅެނިވިއްޔާ ހަސީނާގެ މަންމަޔާއި އެހެންވެސް މީހުން ފަނޑިޔާރު ގެއަށް ގެނެވި އެތަވީދުދިނީ ކާކުތޯ ބަލައި ހޯދާއިރު އެންމެެފަހުން އެއީ އަހުމަދުފުޅުކުރި ކަމެއްކަން ސާބިތުވެދާނޭ ކަމަށް އަންގަވައި ނަސޭޙަތްދެއްވައިފިއެވެ. ފަހުން އަހުމަދުފުޅަށްވެސް އެރީ އިބްރާހިމްފުޅަށް އެރިހުއްޓުމެވެ. ހަސީނާޔަށްޓަކައި އޭނާކުރިހައި ޚަރަދެއް އަގެއްނެތިދާތީ ކޮންމެގޮތަކުންވެސް އެތަކެތީގެ ބަދަލު ހޯދާނަމޭ ހީކޮށް އިބްރާހިމްފުޅުގާތު ބުނެގެން ލިޔުއްވި އިސްތިރިއެއްކަމަށް އިޢުތިރާފް ވެއްޖެއެވެ. މިދެމީހުންގެ ކުށް ޝަރީޢަތަށް ސާބިތުވެ މީހަކު 15 އެތިފަހަރުން ތަޢުޒީރުކޮށް ދެއަހަރު ދުވަހަށް އަރުވައިލުމަށް ކަނޑައެޅިއްޖެއެވެ. އެކަމަކު އެދުވަހު ހުސައިންމަނިކާ އެކު އެދެމީހުންވެސް ފޮނުވީ އަށިގެއަށެވެ. ހުސައިންމަނިކު މިނިވަންވުންއަނެއްދުވަހަކީ އަށިގޭ ބަނޑޭރިއަށް ނަންގަނެގެން ހުސައިންމަނިކު ފެންވަރާ ހަދައިލި ދުވަހެކެވެ. އެތާތިބި މީހުން މިއަދުކަލޭ ނެރޭނެހެން ހީވަނީތާއޭ ކިއެތެވެ. އަހުމަދުފުޅާ އިބްރާހިމްފުޅާ ދެމީހުން ގާތްގާތުގައި ދެގަނޑުފަން ފަތުރައިގެން އަބަދުތިބެނީ އޮލަވާހަކައެއްގައެވެ. ނުވަހެއްޖަހާ އެހާކަށްހައިރު ވަރަށްބާރަށް ދޮރުފަތުގެ ތަންޑު ނައްޓައިލާ އަޑު އިވިފައި އެއްދޮރުފަތް ހުޅުއްވައިލުމާއެކު ކުކުޅުދޫ ހުސައިންމަނިކު ނިކުންނާށޭ އަށިގޭ ބަނޑޭރި ގޮވައިލައިފިއެވެ. ހުސައިންމަނިކު ތެދުވެ ދަމާފައިހުރި ރޯނުގައި ބަހައްޓާފައިހުރި ލިބާސްނަގައި ގަޔަށް ވައްޓާލައިގެން ނިކުމެއްޖެއެވެ. ހުސައިންމަނިކު ގެންގޮސް ބެހެއްޓީ ބަނޑޭރިގޭ ދޮރުމަތީގައެވެ. އިރުކޮޅަކު ހުރިފަހުން ދާޚިލިއްޔާގެ ކޮޓަރިން ނިކުމެވަޑައިގެން ވަޒީރުލްމަޢާރިފް ވަޑައިގަންނަވާތަން ފެނުނެވެ. ވަޒީރު ވަދައިގަންނަވަމުން ހުސައިންމަނިކު އެތާހުއްޓައި ވަރަށްދިގު ކަޅިއެއް އޭނާގެ އެއްކޮޅުން އަނެއްކޮޅަށް ހިންގަވައިލެއްވިއެވެ. ވަޒީރުލްމަޢާރިފް ވަޑައިގެންނެވިފަހުން އެހެންބޭފުޅަކު އެކޮޓަރިން ނިކުމެ ވަޑައިގެންފައި ދުރުގާހުއްޓައި ހުސައިންމަނިކަށް ހަނައަޅާ ލައްވައި ކައިރިއަށް ގެންނަވައިފިއެވެ. ހުސައިންމަނިކުގޮސް ހުއްޓުމުން ވަރަށް އޯގާވެރިބަހަކުން އޭނާގެ ކުށްގަބޫލުކުރޭތޯ ހުސައިންމަނިކު ކުރެން އެއްސެވިއެވެ. ކަންފަތުގައި ރާގުޖެހުނުގޮތުން މިނިވަންވާން ކައިރިވީކަމުގައި ހުސައިންމަނިކަށް ވިސްނުނެވެ. އާދޭހޭ! ގަބޫލުކުރަމޭ ވަރަށްނިކަމެތި ގޮތަކަށް ދެންނެވިއެވެ. އޯގާވެރިކަމާއެކު އަޅުގަނޑުގެ ކަންތައް ނިންމައިދެއްވުން އެދިއެދި ހުރީމެވެ. ހެޔޮފުޅުކަމުން މަޢާފް ދެއްވައިފިނަމަ ކޮޅެއްނެތްފަދަ ދަރުމައެވެ. ހުރިހައިކަމަކީވެސް ތިޔަރަށުގެ މުދިމުކަލޭގެއާ އަތޮޅުވެރިންގެ ސަބަބުން އުފެދިގެން އުޅޭކަންތައްތަކެވެ. ދައުލަތުން މިހާރުވަނީ އެކަންހަމަޖައްސަވައި އެދެމީހުން ވެރިކަމުން ދުރުކުރައްވައިފައެވެ. ހުސައިންމަނިކަށް ލިބުނު އަދަބެއްވެސް ކުދައެއްނޫނެވެ. އަށިގޭގައި އިންނަތާ ލައްކަދުވަސްވެއްޖެނޫން ހެއްޔެވެ. މިހާރު ދައުލަތުން ހުސައިންމަނިކަށް މާފުދެއްވައި ދޫކޮށްލައްވަނީއެވެ. ރަށަށްގޮސްތިބި ވެރިބަޔެއްގެ ކިޔަމަނުގައި ރަގަޅަށް އުޅުމަށްދާށެވެ. ހުސައިންމަނިކަކީ ތިޔަރަށުގެ ރަގަޅުމީހެއްގެ ދަރިއެކެވެ. ދެންވެސް ކަލޭގެ ނަމަށް ހުތުރެއް ނާރުވައި އުޅެވޭތޯބަލާށެވެ. ހުސައިންމަނިކު އައިސް ބާޒާރުމައްޗަށް ނިކުތްތަނާ މާލެއައި ބައްތެލީގެ މީހަކާ ބައްދަލުވެއްޖެއެވެ. ދެން ފިހާރަޔަށްވަދެ ބޯކޮށާ ތުނބުޅިބާލާ ހަދައިގެން އެމީހަކު ގޮވައިގެންގޮސް ބަނޑޭރިގޭގައި ބަހައްޓާފައިހުރި ފޮށިގެނެސް ހެދުންބަދަލުކޮށްގެން ހޮޓަލަކުން ރަގަޅަށް ކައިހަދައިގެން ނިކުމެ ހިނގައިގަތީ " މާވަހަރުގެ" އާދިމާއަށެވެ. ގޭ ފުޅަލިޖަހާފައި ހުސައިންމަނިކު ވަތްއިރު ގޯތިތެރޭގައިހުރި ރޯނެއްގައި ފޮތިގަނޑެއް ހިއްކަންއަޅާން ރުގިއްޔާފުޅު ހުއްޓެވެ. މީހަކު ފުޅަލިޖެހިއަޑަށް ރުގިއްޔާފުޅުވެސް އެދިމާލަށް ބަލައިލިއެވެ. ހުސައިންމަނިކުކަން އެނގުނީ އިރުކޮޅަކު ވިސްނިފަހުންނެވެ. އެނގުމާއެކު އެވީ ޢަޖައިބުފަދަ ގޮތެކެވެ. ހުސައިންމަނިކަކީ މިއޮތްހައިދުވަހު އަށިގޭގައި އޮތްމީހެއްކަމެއް ހަނދާނެއްނުވިއެވެ. ރުގިއްޔާފުޅަށް ހަނދާންވީ ހަސީނާގެ ޙާލެވެ. ދެން ފޮތިގަނޑު ރޫވެސްނުފިލުވައި ހަރުކޮށް އައިސް ހުސަިއިންމަނިކު ކައިރިއަށް ހުއްޓިފައި ބިރުވެރި އަޑަކުން ބުނިއެއްޗަކީ ހަސީނާ އަދިވެސް ހެޔެއްނާރައެވެ. ހުސައިންމަނިކު ގެއާދިމާއަށް ހިނގައިގަތުމުން ރުގިއްޔާފުޅު ކުރިންގޮސް ދައިތާފުޅަށް ޚަބަރުދީފިއެވެ. ދައިތާފުޅު އަވަހަށް ވަޑައިގެން ހުސައިންމަނިކާ ސަލާމްކޮށްފައި އެނދުކައިރިއަށް ގެންގޮސްފިއެވެ. ހަސީނާއޮތީ ލިބާސްބާލައިފައި ގައިމަތީ ފޮތިގަނޑެއް އަޅާފައެވެ. މިއަދަށުން އިށީނދެއިން އަންހެނަކު ކުޑަސަމްސަލަކުން ހަސީނާއަށް އެއްޗެއް ޖައްސައެވެ. ކައިރިގއި ބޭސްއަޅާޒާތުގެ ބިއްލޫރިތައްޓެއް ހިފައިގެން އަނެކަކު ކޮޅަށް ހުއްޓެވެ. ހުސައިންމަނިކު ހަސީނާގެ ބޯކައިރިއަށް ހުއްޓިފައި މޫނުގަޔާއި ބޮލުގައި އަތްއުނގުޅާފައި މިއަދަށުން އިށީނދެ އެއްކަލަ ސަމްސާ އަތުލައިގެން ހަސީނާއަށް ޖެއްސޭތޯ އުޅެއެވެ. އިއްތިފާގުން ދިމާކުރިގޮތަކީ ހުސައިންމަނިކު ފުރަތަމަ އަޅައިލި ސަމްސަލާއެކުވެސް ހަސީނާގެ ތުންފަތް ތަޅުވައިލުމެވެ. ދެން ނިތްކުރީގެ މައްޗަށްވާނޭހެން އަތްހިންގައިލައި ލޯހުޅުވޭ ގޮތަށްހަދާފައި ދެތިންފަހަރަކު ގޮވައިވެސް ލާފައި އަނެއް ސަމްސާ އަޅާލައިފިއެވެ. މިފަހަރުވެސް ދޫހަލުވާލައިފައި ދިރުވައިލީއެވެ. މިހާރު އަޅާކޮންމެ ސަމްސަލެއް ހަސީނާ ދިރުވައިލައެވެ. ހޭވެރިކަމެއްނެތެވެ. ބޯހޫރުމާއި އަތްފައިހަލުވާލައި އުޅޭންވެސް ފަށައިފިއެވެ. ގޮވައިލީމާ ކަޅިތަޅުވައިލާ ގޮތުން މީހުންދައްކާ ވާހަކަ އަޑުއިވޭހެން ހީވެއެވެ. ކުކުރައިލުމާއި އެއްޗެއް ބުނެލުންވެސް ފަހަރެއް ފަހަރަކަށްވުރެ ދަނީ ގިނަވަމުންނެވެ. ނާޒިރާގެ ޝަފާޢަތްވަޒީރުލްމަޢާރިފް ރާއްޖެތެރެއަށް ވަޑައިގަންނަވަން އުޅުއްވި ދަތުރުފުޅު ދިމާވި ސަބަބަކުން އަށެއްކަ ދުވަސް ލަސްކުރާން ޖެހިއްޖެއެވެ. އެހެންކަމުން ނާޒިރާ ފުރާވަޑައިގަންނަވާން ދައިތާއަރިހު ވިދާޅުވިދުވަހު ފުރާވަޑައިނުގަނެއެވެ. އަނެއްކާވެސް އެއްރެއަކު ދައިތާފުޅުގެ ގެއަށް ނާޒިރާ ވަޑައިގަތެވެ. އެއީ ހަސީނާ ފަނޑިޔާރު ގެއަށް ގެންދިޔަފަހުން އައިރެއެވެ. ނާޒިރާ ވަޑައިގެން ގޭތެރޭގައި މާގިނައިން މީހުންތަކެއް ބޮނޑިވެގެން އުޅޭތީ ޚަބަރު އެއްސެވިއިރު ހަސީނާ ހޭނާރައިގެން އުޅެނީއެވެ. ދެން ކަންތައްވީގޮތް ކިޔާދެއްވާފައި ވިދާޅުވިއެވެ. މިހާރު އަޅުގަނޑުމެނަށް ކޮންމެކަމަކާވެސް އެހީއެއް ހޯދައިދޭން ހުންނެވި ބޭފުޅަކީ ދީދީއެވެ. ހުސައިންމަނިކާ ދޭތެރޭ ކޮންމެވެސް އެހީއެއްވެދެއްވާތޯ ބައްލަވައި ދެއްވާށެވެ. އޭނާގެ ކިބައިގައި ކުށެއްވާނަމަވެސް މިހާރު އެހައި ދުވަހު އަށިގޭގައި އިނދެފިއެވެ. މިކުއްޖާއާ ދޭތެރޭވެސް ބިރުގަނެއެވެ. އަދު ދިހަޔެއް ޖެހީއްސުރެ އަދިވެސް ހެޔެއްނާރައެވެ. ރޭގައި ކުޑަކޮށް ހުމާއޮވެފައި އަދު ފަނޑިޔާރުގެއަށް ދިޔައީ ބޮއިލީ ސައިފޮދަކާއެކުގައެވެ. ހުސައިންމަނިކުވެސް މީނާޔާ އިންރޭގެ ދުވަހު ފުރައިގެން އައިގޮތަށް އަށިގެއަށްލައި މިހައިދުވަސްވަންދެން އެއިންނަނީ އެތާއެވެ. އަލަށް އިނދެގެންއުޅޭ ދެކުއްޖަކަށް ކިހައިބޮޑު ހިތާމައެއްތޯއެވެ؟ ހަސީނާ ހޭއެރިނަމަވެސް ހުސައިންމަނިކުގެ ޙާލު އޭނަށްވަނި މިއަދުފެނިފައެވެ. ބޮޑުގިލަންވެރިކަމަކަށެއް ނުވެއެއްނުދާނެއެވެ. މިކަމާދޭތެރޭ ކޮންމެވެސްބޭފުޅެއްގެ އަރިހުގައި ދަންނަވައިދެއްވާތޯ އާދޭސް ދަންނަވަނީއެވެ. ދައިތާފުޅު ދެއްކެވި ވާހަކައިން ނާޒިރާގެ އޯގާވެރި ހިތަށް ވަރަށްބޮޑަށް އަސަރުކޮށްފިއެވެ. ދެން ރުގިއްޔާފުޅު ކައިރިން ހުސައިންމަނިކާ ދޭތެރޭ ކަންތައް ހިނގާފައިއޮތްގޮތެއް އެއްސެވިއެވެ. މަހަށްގޮސް އުޅުނު ދެދޯންޏެއްގެ މީހުން ކަނޑުމަތީގައިވި އަރައިރުމެއްގައި ހުސައިންމަނިކު އިންދޯނި މީހުން މުދިމުކަލޭގެ އަތޮޅުވެރިންނަށް ރިޝްވަތުދިނީއޭ ގޮވައިގެން އެއީ ހުސައިންމަނިކުގޮވި އެއްޗެއް ކަމަށް ބަޔަކު ދޮގުހެކި ދިނީއެވެ. މިހާރު އެކަމުގެ ޝަރީޢަތްޖެހި އެހެންގޮވި ބަޔަކު ގޮވީ ތެދުވާހަކައަކަށްވެ އަތޮޅުވެރިން ކިބައިން އަތޮޅުވަކި ކުރައްވައި ރިޝްވަތުދީގެން ހޯދި މުދިމުކަންވެސް ވަނީ ނެގިފައެވެ. ހުސައިންމަނިކު އަށިގޭގައި އެއިންނަނީ އެބޭފުޅުން ހަނދުމަނެތިގެން ތޯއްޗެކެވެ. ރުގިއްޔާފުޅުގެ ބަޔާން އަޑުއައްސަވާފައި ދީދީ ދައިތާފުޅަށް ވަރަށް އިތުބާރުހުރި ވަޢުދެއްވެ ވަޑައިގަތެވެ. ހަމައެރޭ އެގެއިން ނިކުމެވަޑައިގެންނެވި ގޮތަށް ވަޑައިގެންނެވީ ވަޒީރުލްމަޢާރިފްގެ ގަނޑުވަރަށެވެ. އަދި ވަރަށް ތަފްސީލްކޮށް ހުސައިންމަނިކުގެ ވާހަކަ ދަންނަވައި އޭނާ ހައްޔަރުކުރެވިފައިވާ ގޮތާއި ހަސީނާގެ ނިކަމެތި ޙާލު ވަޒީރަށް އަސަރުކުރާނޭހެން ދަންނަވައިފިއެވެ. އަދި އޭނާ ހައްޔަރުވީ އެރަށު ސިޔާސީ ގަނޑުބަޑެއްގައިކަމާއި ހުސައިންމަނިކުމެން ދެއްކިވާހަކަތަކަކީ ތެދުވާހަކަތަކެއްކަމަށް ވެގެން އެއިރު އަތޮޅުވެރިންގެ ކިބައިން ވެރިކަންނެގި އެފިތުނަވެސް ހަމަޖެހިއްޖެވާހަކަ ދަންނަވައިފިއެވެ. މިވާހަކަތަކާއެކު ހުސައިންމަނިކުގެ ނިކަމެތި ޙާލު ދެކެފައި އޭނާގެ އެންމެރެއަކު ނޫނީ ނުދެކޭ ލޯބިވާ އަނބިމީހާއަށް ވީގޮތުން ވަޒީރަށްވެސް ވަރަށްބޮޑަށް އަސަރުކޮށް ހިތްޕުޅު ހަމްދަރުދީން ފުރިއްޖެއެވެ. އަދި ހުސައިންމަނިކު ހައްޔަރުވެފައިވަނީ އެކަހަލަ ގޮތަކުން ކަމަށްވަންޏާ ހުސައިންމަނިކުގެ ދަޢުވާތަކާ އެއްގޮތަށް ޝަރީޢަތް ނިމިފައިވަންޏާ މާދަމާގެ ހެނދުނު ވަޒީރުގެ އެންމެއިސްވާޖިބެއްކަމަށް ހައްދަވާނީ އެނިކަމެތި މިސްކީނު، އަށިގެއިންނެރެ އޭނާގެ ލޯބިވާ އަނބިމީހާއާއި ބައްދަލުކޮށް ދެއްވުންކަން ތެދުވެރި ވަޢުދަކުން ވަޒީރުވަޢުދުވެ ވަޑައިގަތެވެ. ވާހަކަ ނިމެނީހަސީނާ ހޭއަރަމުންދިޔައީ މަޑުމަޑުންނެވެ. ލޮލަށް ފެންނަމުން މީހުން އެގެމުން ދިޔައީވެސް ހަމައެގޮތަށެވެ. އެހެންކަމުން ކުއްލިއަކަށް ހުސައިންމަނިކުގެ ޚިޔާލެއް އޭނާގެ ސިކުނޑިއަށް ވަންނަގޮތެއް ނުވިއެވެ. ކައިރީގައިއުޅޭ މީހުންނާއެކު ހުސައިންމަނިކު ފެނިދެނިވަަމުން ދިޔައިރުވެސް އެއީ ހަސީނާގެ ގެއްލި ހިތާމަލިބިފައިވާ މިސްކީނު ފިރިމީހާ ކަމާއި އޭނާގެ ހަށިގަނޑާއި މޫނުމައްޗަށް ލިބިފައިވާ އަނަރޫފަކަމެއް ލަފާކުރަންވެސް ނޭގުނެވެ. ދަމުން ދަމުންގޮސް އެންމެންގެ މޫނުތައް ވަކިކޮށް ކައިރީގައި ގިނައިރު އެއިންނަ ހިކިހިކި މިހަކީ ހުސައިންމަނިކުކަން އެނގުނުއިރު ސިކުނޑިހުރީ ހަމަޖެހިފައެވެ. އެހެންކަމުން ހިތުގެ ބާރު ގަދަވާންވާއިރަސް އެކަމުން ސިކުނޑިއަށް ލިބޭނެ ގެއްލުނހުރި އަސަރު ބަދަލުވެފައިއޮތީ އެއްވެސް ދަތިކަމެއްނެތި ބަނޑުފުރިފައި ހުންނައިރަށް ހުންނަކަހަލަ އުފާވެރި އަސަރަކަށެވެ. ކައިބޮއި އުޅޭންފެށިފަހުން ހަސީނާދަނީ ވަރުޖެހެމުންނެވެ. ކުޑަކޮށްތެދުވެ ގޭތެރޭގައި ހިގާވެސް އުޅުނެވެ. ދެދުވަހެއްގެ ތެރޭގައި ހަށިގަނޑު އެންމެ ރަގަޅުވެއްޖެއެވެ. ހުސައިންމަނިކުވެސް ކުއްލިއަކަށް ރަގަޅުނުވި ކަމަކު ލިބުނު އުފަލެއްގެ ބޮޑުކަމުން ހިތްހަމަޖެހި މޫނުމައްޗަށް ތާޒާކަން ލިބެމުންދެއެވެ. ޖެހުނުދުވަހަކީ ނާޒިރާ ރާއްޖެތެރެއަށް ފުރާވަޑައިގަންނަވާން އޮތްދުވަހެވެ. އެރޭ ނާޒިރާއަށް ވަދާޢު ދެންނެވުމަށް ވަޑައިގަތީ ދައިތާފުޅެވެ. އަރިހުގައި ހުސައިންމަނިކާ، ހަސީނާއާއި ރުގިއްޔާފުޅުވެސް ގެންދެވިއެވެ. ވަޑައިގަތް މަގުމަތީގައި ހުސައިންމަނިކު ސަލާމަތްވީ ނާޒިރާގެ އޯގާވެރިކަމުންކަން ބަޔާންކޮށްދެއްވިއެވެ. ނާޒިރާގެ ގެއަށް ވަޑައިގަތްއިރު ނާޒިރާވެސް އުޅުއްވަނީ ބޭރުތެރެއަށް ނިކުމެވަޑައިގަންނަވާށެވެ. ވަރަށް ކުރުކުރުކޮށް ދައިތާފުޅާ ވާހަކަކޮޅެއް ދައްކަވާލައްވާފައި ހަސީނާގެ ކޮނޑުގައިވެސް ފިރުމައިލައްވައިފައި ސަލާމްކޮށްލެއްވިއެވެ. އަދި ހުސައިންމަނިކު ސަލާމަތްކޮށްދެއްވި ބޭފުޅަކީ ވަޒީރުލްމަޢާރިފްކަން އެންގެވިއެވެ. ހަސީނާވެސް ވަރަށްއުފާވެރިކަމާއެކު ނާޒިރާގެ ހެޔޮފުޅުކަމަށް ތަޢުރީފްކުރިއެވެ. ހުސައިންމަނިކުވެސް ޝުކުރުވެރިވިއެވެ. ވަޒީރަށްވެސް ގިނަގުނަ ޝުކުރާއި ވެދުން ދެންނެވުމަށް ވިދާޅުވިއެވެ. މާލެތެރެގެއިންނިކުމެވަޑައިގަތީ ދެބޭފުޅުން އެކުގައެވެ. އެކަމަކު ދައިތާފުޅާ ސަލާމްކޮށްފައި ނާޒިރާ ވަޑައިގަތީ އެހެންމަގަކުންނެވެ. ރޭގަނޑަކީ ހަނދުވަރުގެ ދޯދިތަކުން މުޅިމާލެފުރާލައިފައި އޮތް ރޭގަނޑެކެވެ. އެހެންކަމުން ދައިތާފުޅު ވަޑައިގަތީ ހަސީނާއަށް މާލެދައްކާށެވެ. ބޮޑެތި މަގުމަގުން ހިންގަވަމުން ފުރަތަމަ ވަޑައިގަތީ ލޮނުޒިޔާރަތް ކައިރިއަށެވެ. އެތާނގެ ވަރުނުލާ ރާޅުގަނޑަކީ ހަސީނާ ވަރަށްފޫހިފިލުވި އެއްޗަކަށް ވިއެވެ. އެތަނުން އަންނަމުން ހަދި ހަސަންރަސްގެފާނުގެ ގާސަންދޯކޭކިޔާ އެއްކޮޅު ވަޅުޖަހާފައިއޮތް ބޮޑުގަލެއްވެސް ބަލާފައި ދެންއައީ ހުކުރުމިސްކިތާ ދިމާއަށެވެ. މެދުޒިޔާރަތާ ހަމަވިއިރު އެތާނގެ ފައުނުޖެހި ދޮރުއައްޓާ ވަށައިގެން ޖަހާފައިވާ ދިދަތަކާއި ކުރިބޯށިތައް ދެކިފައި ހަސީނާގެ ދީންވެރި ހިތަށް އެވަލީވެރިޔާގެ މާތްހައިބަތުވަދެގެން ދިޔައެވެ. ހުސައިންމަނިކު ހުއްޓި ކުރުކޮށް ފާތިޙާ ދެންނެވިއެވެ. އެތަނުން ހަސީނާދުށް އެންމެ އަޖާއިބު އެއްޗަކީ މުންނާރެވެ. ދެން ވަޑައިގަތީ ބޮޑުގަނޑުވަރަށެވެ. އެތަނަށް ވަދެގެން ދިޔައިރު އަޅަމުން ދިޔަ ގިނަގުނަ ގޯޅިތަކުންނާއި ހަނީ ދޭތެރެ ދޭތެރެއިން ހަސީނާޔާއި ރުގިއްޔާފުޅު ކުޑަކޮށް ބިރުގަންނަގޮތް ވިއެވެ. ކުޑަކިބާޔަށް ވަޑައިގެން ރަދުންގެ ކަމަނާފާނާއި ބައްދަލުކުރައްވައި ހެދުމަށްފަހު ވަޑައިގަތީ އަތިރީ ފަރުމޭޓްގެ ދޮރުމަތިންލާފައި ކޯއްޓޭކޮޅަށެވެ. އެއިރު ފާލަމުގޭގެ މަތީގައި ޖަހާފައިހުރި ބުރަފައްޗެއް ވަރަށް އެއްވަރުގޮތަކަށް ވައިގެ ރާޅުވަރުތަކާއެކު އިރުމަތީފަރާތު ފަޅުގައިވާ ތަންކޮޅެއް ކުދިވަރުގެ ބައްތެއްޔާއި ދޯނިފަހަރުގައި މީހަކުއުޅޭހެންވެސް ނުހީވެ، ހަނދުވަރުގެ އަލީތެރެއިން ފަނޑުފަނޑުކޮށް ދައްކަދައްކައި ހުއްޓެވެ. އެތަނުން އަރުއްވައިގެން ދެންވަޑައިގަތީ މާފަންނުކޮޅަށެވެ. ގަސްދޮށު މިސްކިތު އަށްކަންވެޔޮ ކައިރިއަށް މަޑުޖައްސައިލާފައި ނިކުމެވަޑައިގަތީ ބާޒާރުމަގަށެވެ. އެއިރު ފިހާރަތައް ލައްޕާފައި އެންމެން ނިދައްޖެއެވެ. އެކަމަކު ބައެއްފިހާރައިގެ ދޮރުމަތިގައި ގޮނޑި ގޮނޑި ބަހައްޓައިގެން މަދުމަދުން މީހުންތިބޫއެވެ. ބާޒާރުމައްޗަށް ނުކުތްއިރު މުޅިމަގުމައްޗާއި އަސްކަނިތައްދޮށް ފުރާލާފައި އުކާލެވިފައިވާ އެއްޗެހިތަކެއްހެން ބަކަރިތަކެއް ހީވަނީ ވާއެހެންފަދަ ކަމެއްހެންނެވެ. ދުވާލު އެއްގަމުތެރޭގައި ހިނގާއިރު ފަންލާފައިހުރި ފުޅަފެއްވިއްޔާ އަނގަފޯރާހިސާބުން ފަންތައް ކައި ހުސްދަނޑިތަކަށް ހަދާފައި ހުއްޓާ ފެންނަ ނަމަވެސް މިވަރުގެ ކަމެއް ނުފެނެއެވެ. އެކަމަކު އެންމެ ބިރުގަތީ އަނދިރި ބުރުޒުކައިރީގައި ތިބި ބޮޑެތި ގެރިތަކެއް ދެކެފައެވެ. ދެން ވަޑައިގަތީ ޢަލީރަސްގެފާނު ޒިޔާރަތް ފާލަންމައްޗަށެވެ. އެތަނގައި ރާއެރިބޭގެ ބިސްތާނުވެސް ހުއްޓެވެ. ކައިރީގައި ހުރި ދެތިން ރުށް ދައްކާލާފައި މިއީ ރާއެރިބޭ ވިލިގިލިން އަރައިގެން އަި ކާށިފަތީގެ ކާށީގެ ރުކޭ ދައިތާފުޅު ވިދާޅުވިއެވެ. ޢީދުމިސްކިތު ކައިރިން އަންނަމުން މިއޮތީވެސް ވޭވެއްތާއޭ ރުޤިއްޔާފުޅު ދެންނެވީމާ ދައިތާފުޅު ވިދާޅުވިއެވެ. މިކަހަލަ ކިތައްމެ ވެވެއް އޮންނާނެއެވެ. މިތާ ތަންކޮޅެއް ދުރުގައި މާވެޔޮ ކިޔާ ވެވު އޮންނާނެއެވެ. އެއީ މާލޭގައި އޮންނަ އެންމެބޮޑު ވެވެވެ. މިހާރު ދައުލަތުން ގަސްދުކުރައްވަނީ މިހަޑިވެޔޮތައް ނައްތާލުމަށެވެ. އަދިވެސް ބޮޑުތަކުރުފާނު ޒިޔާރަތާއި މިކަހަލަ މާލޭގެ މަޝްހޫރު ވަރަށްގިނަ ތަންތަން ހަސީނާ އާއި ރުގިއްޔާފުޅަށް ދެއްކެވިއެވެ. ރުގިއްޔާފުޅަކީ މީގެކުރިން އެއްފަހަރު މާލެއައި މީހެއްނަމަވެސް އެތަންތަނެއް ދެކިފައެއްނެތެވެ. އެތަންމިތާ ހިންގަވާފައި ގެއަށް ވަޑައިގެންނެވުނީ ދަންބެރުވެސް ހުއްޓާ މާފަހުންނެވެ. އުފަލުން އުފަލުން ރަށަށްއަނެއްދުވަހަކީ ކުކުޅުދޫ ބައްތެލިވެސް ފުރާދުވަހެވެ. ފަތިހު ފަހެއްޖެހިއިރު ދައިތާފުޅު ފޮނުވިބަޔަކު ހަސީނާއާއި ރުގިއްޔާފުޅު ބައްތެއްޔަށް އެރުވިއެވެ. ހުސައިންމަނިކު އެރީ ހެނދުނު ހަތެއްޖެހިއިރުއެވެ. އޭރު ކަނޑިންމައަށް ނެރެފައި ނާޒިރާޔާއި ވަޒީރުލްމަޢާރިފް ރާއްްޖެތެރެއަށް ވަޑައިގަންނަނަވާ ބައްތެލި އޮތެވެ. ދެބައްތެލި ކަނޑިންމައިންނެރެ ރިއާކޮށްލީ އެއްބައްތެއްޔަށްފަހު އަނެއްބައްތެއްޔެވެ. މަޑުމަޑުންޖެހޭ ރީތި އިރުދަށު ވައެއްގައި ދެރޭދެދުވާލު ވުމަށްފަހު ހަސީނާމެންގެ ބައްތެލި ކުކުޅުދޫ ފަޅުތެރެއަށް ނަގިލި ލައިފިއެވެ. ރަށުގެ މީހުންތައް މެދުމިނަކަށް ނިކުމެއޮތެވެ. ކިޔަވަންއުޅޭ އަންހެންކުދިންތަކަކާއިއެކު އެއްފަރާތެއްގައި އެދުރުދައިތަ ހުއްޓެވެ. އެދައިތައާއި ވާހަކަދައްކަން ހަސީނާގެ މަންމަ މަރިޔަނބުވެސް ހުއްޓެވެ. ބައްތެލި ހައްޔަރުވުމަށްފަހު އެންމެފުރަތަމައިންވެސް ފޭބީ ހުސައިންމަނިކާ ހަސީނާއާއި ރުގިއްޔާފުޅެވެ. އެއްވެތިބި އަންހެނުންނާ ފިރިހެނުންކުރެ ބަޔަކު ގޮނޑުދޮށަށް ފައިބައި އެމީހުންނާ ސަލާމްކޮށް ޚަބަރުއަހައި ހެއްޖެވެ. އަނެއްބަޔަކު މީހުން އަހުމަދުފުޅާ އިބްރާހިމްފުޅުގެ ހިތާމަވެރި ޚަބަރުއަހާފައި ބޯއެލުވާލައިގެން އެނބުރިގަތީ އެއްގަމަށެވެ. އަނެއްބައިމީހުން އެހެންއުޅޭ މީހުންނަށްވާނީ އެހޭ ބުނަމުންނެވެ. އެދުރުދައިތަ އައިސް އެއްއަތުން ހުސައިންމަނިކުގެ އަތުގައި އަނެއްއަތުން ހަސީނާގެ އަތުގައި އޮބަހައްޓައިފިއެވެ. ދޮނާ ރުގިއްޔާފުޅުގެ އަތުގައި ހިފައިގެން ވާހަކަ ޚަބަރު އަހަމުން އެމީހުން އެމީހުންގެ ތަންކޮޅެއް ފަހަތުން ދެއެވެ. އަދި ހުސައިންމަނިކު ސަލާމަތުން އަތުވެއްޖިއްޔާ ހުކުރުމިސްކިތުގައި މައުލޫދެއް ކިޔުއްވާށާއި ޒިޔާރަތް ޒިޔާރަތަށް ދިދަބަހަން އެދުރުދައިތަ ގޮވާފައިހުރި ނަދުރުތަކާއި ހަސީނާއަށް ކަމެއް ނުވެއްޖިއްޔާ ވަލުމަހާނައިގައި 7 ކުކުޅުފަތްޖަހަން ދޮނާބުނެފައިވާ ނަދުރުގެ ވާހަކަވެސް ދައްކަތެވެ ވާހަކަ ނިމެނީ ހުސައިންމަނިކުގެ ބައްޕައަށް އޮތް އެދުރުކަމާއި ކޮންމެ ދޯންޏަކުން މަސްއަރުގައެއް، ހުސައިންމަނިކަށް މުސާރަލިބި މަންމައާއި ހަސީނާއާއެކު އުފާވެރި ދިރިއުޅުމެއްގައި އުޅެނިކޮށެވެ. ދޮނާއާއި ރުގިއްޔާފުޅާއި ދެމީހުންވަނީ އެމީހުންގެ މުނިފޫހިފިލުވައިދޭ އެންމެގާތް ރައްޓެހި ތިމާގެ ދެމީހުންކަމުގައެވެ. ހަސީނާގެ މަންމަގެވެސް ހުރި ލޯބިވާ ދަރިފުޅަކީ އަނެއްކާވެސް ހަސީނާ ކަމުގައި ވެގެންނެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (10)
![]()
...
ލިޔުނީ ނަބީލް, 2009-06-07 20:41:35
މިއީ ވަރަށް ދިގު އިންތިޒާރަކާއެކު ކިޔާލެވުނު ރީތި އަސަރުގަދަ ލޯބީގެ ތާރީޚީ ޚިޔާލީ ވާހަކައެއް، އަނެއްކާ ވާހަކައިގައި ހުރިއްޔާ ހުރި އަސަރެއް މި އޮތީ މިބައިގައި ޚުލާސާވެސް ވެފައި ވަރަށް ރީތި، މި ކަހަލަ ކުރީގެ އަދަބީ ލިޔުންތަކުގެ އިންތިޒާރުގައި ހުރި ވާހަކަ ދަންނަވާލަމުން ފަންވަތުގެ ހިންގުންތެރިންނަށް ޝުކުރު ދަންނަވަން
...
ލިޔުނީ ކިޔުންތެރިއެއް , 2009-06-08 03:35:53
މިވާހަކަ ވަރަށް ރީތި. އަދިވެސް މިކަހަލަ ދިގު ވާހަކަ ތަކަށް އިންތިޒާރު ކުރަން. ފަންވަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
...
ލިޔުނީ އެންމެ ކިޔާހިތުން ކީ ކިޔުންތެރިޔާ, 2009-06-08 12:40:12
މި ސަޓްގައި ޢަބްދުﷲ ފާރޫޤު ޙަސަންގެ ނާހީދު މިވާހަކަ ޖައްސަވާދެއްވާނެނަމަ. މިކަން ކޮށްދެއްވާނޫ އުނތާ!!!
...
ލިޔުނީ '' ފަންވަތް'', 2009-06-09 19:53:55
''އެންމެ ކިޔާހިތުން ކީ ކިޔުންތެރިޔާ'' ގެ ނަމުގައި އެދުމެއް އެދިވަޑައިގަތް ފަރާތަށް، ޖަވާބެއް އެރުވުމުގެ ގޮތުން ދަންނަވަމެވެ. ފަންވަތާމެދު ތިޔަ ބަހައްޓަވާ ހެޔޮ އެދިވަޑައިގަތުމުގެ ރޫޙާ މެދު ޝުކުރު ދަންނަވަމެވެ.
ތިޔަ އެދިވަޑައިގަތުމާ ގުޅިގެން އަލްއަޚު ޢަބްދުﷲ ފާރޫޤު ޙަސަނަށް ތިޔަ ހުށަހެޅުއްވުން ދަންނަވާލެވިއްޖެ އެވެ. ވަރަށް މަރުޙަބާ ވިދާޅުވި އެވެ. އެކަމަކު މި ކަމުގައި ދިމާވާ ދައްޗެއް އެބަ އޮތެވެ. އެހެން ކަމުން އެ ދަތިކަމުގެ ވާހަކަ ތިޔަ ކިޔުންތެރިޔާ އަށާއި، ފަންވަތުގެ އެންމެހާ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ހިއްސާ ކޮށްލާނަމެވެ. މި ޒަމާނަކީ ހުރިހާ ކަމެއްގައި ވެސް ދެ ފުށް ހާމަކޮށް ބަޔާންކުރާ ޒަމާން، އެހެން ނޫންތޯ އެވެ؟ ފަންވަތް ހިންގެނީ އެއްވެސް އާމްދަނީއެއް ލިބޭ ގޮތަކަށް ނޫނެވެ. ލިޔުންތައް ފޮނުއްވާ ލިޔުންތެރިން އެކަން ކޮށްދެއްވަނީ ހެޔޮ ހިތްޕުޅުން ދަރުމަޔަށެވެ. މި ޒަމާނުގެ ބައެއް ލިޔުންތެރިން ފޮނުއްވާ ލިޔުންތައް ވޯރޑުގައި ޓައިޕް ކުރައްވާފައި މެއިލް ކުރެއްވިޔަސް، ނުވަތަ ސީޑީ އެއްގައި ދެއްވިޔަސް، ފަންވަތުގައި ޝާއިޢު ކުރެވޭ ވަރަށް ގިނަ ލިޔުންތަކަކީ، ޢަމަލީ ގޮތުން ފަންވަތުގެ މަސައްކަތް ކުރާ މައިގަނޑު ދެތިން މީހެއްގެ ވަރަށް ގިނަ އިރުގެ މަސައްތަކެވެ. ލިޔުމެއް ޓައިޕު ކުރުމަކީ (އަޅުގަނޑުމެންގެ ނުފަރިތަ ކަމުން ނަމަވެސް) ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ. އެހެންކަމުން ބައެއް ފަހަރަށް ޓައިޕްކުރާ ފަރާތްތަކަށް އަގުދީގެން ވެސް މި މަސައްކަތް އެބަ ކުރެވެ އެވެ. ''އޭ ހަތަރެއް''ގެ ފަތްފުށަކަށް، =/20ރ ގެ މަގުންނެވެ. އަދި ކީރިތި ރަސުލާގެ ޙަދީޘްފުޅުތަކާއި، ކީރިތި ޤުރުއާނުގެ އާޔަތްތައް ހުންނަ ނަމަ، ޞަފުޙާއެއް ޓައިޕު ކޮށްދެނީ =/25 ރ. އަށެވެ. ފާރޫޤު ޙަސަން ވިދާޅުވާ ގޮތުގައި މި ވާހަކަ އަކީ، ވަރަށް ދިގު ވާހަކަ އެކެވެ. މި ވާހަކައިގެ ސޮފްޓު ކޮޕީއެއް އޭނާ އަތްޕުޅަކު، ނެތެވެ. ޖެހޭނީ އަލުން ޓައިޕުކުރާށެވެ. އެހެންކަމުން މިއީ ފަހަރެއްގައި ތިޔަ ކިޔުންތެރިޔާ އެދިވަޑައިގަތް އެދި ވަޑައިގަތުން ފުއްދައިދިނުމުގައި އެކަމުގެ އަވަސް ލަސްމިނަށް އަސަރު ކޮށްފާނެ ސަބަބެކެވެ. އެހެނީ އެހެންކަމަށްވާނަމަ، ޓައިޕު ކުރަންޖެހޭނީ އަޅުގަނޑު މެންނަށެވެ. ކަމަކީ ފަންވަތުން ވަރަށް ބޭނުންވާ ކަމެކެވެ. ނަމަވެސް ދަތިތަކެއް ހުރީމާ އެވާހަކަ ހިއްސާ ކޮށްލީ އެވެ. އެހައި ދިގު ވާހަކައެއް ޓައިޕު ކުރުމަކީ (ބައިބަޔަށް ނަމަވެސް) އަޅުގަނޑުމެން ޢަމަލީ ގޮތުން މި މަސައްކަތްކުރާ ދެތިން މީހުންނަށް ޙަޤީޤަތުގައި ވަރަށް ފަސޭހަ ނޫން ކަމެކެވެ. އަތުން ޚަރަދުކޮށްގެން ކުރިޔަށް ގެންދަން ބަލާއިރު، އެގޮތް ވެސް ލުޔެއް ނޫނެވެ. މާލީ ގޮތުން ބުރައީ އެވެ. ނަމަވެސް، ތިޔަ އެދި ވަޑައިގަތް އެދި ވަޑައިގަތުން ޙާޞިލްކޮށްދެވޭތޯ އަޅުގަނޑުމެން ވަރަށް މަސަައްކަތްކުރާނެ ވާހަކަ ދަންނަވަމެވެ. އެކަމުގެ އުންމީދުގައި ހުންނެވުން އެންމެ ރަނގަޅުކަމުގައި ދަންނަވަމެވެ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަ ކަމުގައި ވަރަށް ހިތްވަރު ކުރާނޫ އެވެ.
...
ލިޔުނީ ކާފު ލާމު, 2009-06-11 10:07:19
ޓައިޕްކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ފަންވަތުގެ އަހުލުވެރިންނަށް ދެހަފުތާގެތެރޭގައި ކޮންމެ ދުވަހަކު ގަޑިއެއްހާއިރު ހޭދަކޮށްލަނިކޮށްވެސް ތިޔަކަން ނުލާހިކު ފަސޭހައިން ފުރިހަމަ ކުރެވިދާނެއެވެ. އޭރުން ކުރިމަގުގައި ފަންވަތަށް އިތުރު ކުރިއެރުން ލިބި މަސައްކަތަށް ހޭދަކުރަންޖެހޭ ވަގުތާއި ހިނގާ ޚަރަދުން ވަރަށް ބޮޑު ބައެއް ސަލާމަތްވާނެކަން ކަށަވަރެވެ. ޓައިޕްކުރުމާބެހޭ ޓެކްނިކަލް މީހެއްގެ އެހީ ހޯއްދަވާށެވެ.
...
ލިޔުނީ عبد المعيد حسن, 2009-06-12 07:54:52
ބުޅަލުގެ ކިބައިން ސަލާމަތްވާނެ ގޮތަކާމެދު މޮޅު ބުއްދިއެއްކުރި މީދަލެއް ބުންޏެވެ. "ބުޅަލުގެ ކަރުގައި ރަނގަބީލެއް އަޅުވާނީއެވެ. އޭރުން ބުޅާ އައުމުގެ މާކުރިން އެސޮރު އެބަ އަންނަކަން އެނގޭނެއެވެ." މި ޚިޔާލަށް ހުރިހައި މީދަލުގެ ސާބަހާއި އައްސަރިބަސް ލިބުނެވެ. ނަމަވެސް މި ޚިޔާލު ތަންފީޒުކުރެވޭނެ ގޮތެއް ނުވިއެވެ.
ފަންވަތުގެ ޢިއްޒަތްތެރި ކިޔުންތެރިންނޭވެ! ފަންވަތަށް ތިޔަ ދެއްވާ މޮޅު ޚިޔާލުތަކަށް ޝުކުރުދަންނަވަމުއެވެ. ތިޔަބޭފުޅުން ދެއްވާ ކޮންމެ މޮޅު ޚިޔާލެއް ތަންފީޒުކުރުމަކީ، ޢަމަލީ ގޮތުން އެހައި ފަސޭހަކަމެއް ނޫނެވެ. އެހެނީ، ފަންވަތް ދެމެހެއްޓުމުގެ މަސައްކަތް، ހިލޭސާބަހަށް ކުރަމުން މިގެންދަނީ ވަރަށް މަދު ބަޔެކެވެ. ވީމާ، މޮޅު ޚިޔާލުތައް ދެއްވާ ބޭފުޅުން، އެބޭފުޅުންގެ ޚިޔާލުތައް ތަންފީޒުކުރުމުގައި ބައިވެރިވެވަޑައިގެން ދެއްވައިފިނަމަ ހާދަހާ ޝުކުރެއް ހުއްޓެވެ. ކާފު ލާމުގެ ޚިޔާލަށް އަޅުގަނޑު ތާއީދުކުރަމެވެ. އަދި އެ ޚިޔާލު ތަންފީޒުކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ދެއްވުމަށް ކާފު ލާމަށް ދަޢުވަތު އަރުވަމެވެ.
...
ލިޔުނީ ޅޮހީ އަބްދުއްރަހީމް, 2009-06-12 16:07:55
ފަންވަތުން އެދި ވަޑައިގެންފިނަމަ އަޅުގަނޑުވެސް ހަމަ ދަރުމަޔަށް ޓައިޕުކޮށްލަދީފާނޫއެވެ.
...
ލިޔުނީ ކާފު ލަމު, 2009-06-12 18:15:03
ފަންވަތުގެ އަހުލުވެރިން ތައްޔާރަށް ތިއްބެވިނަމަ އެޚިޔާލު ތަންފީޒު ކުރުމަށް ތިޔަ ދެއްވި ދަޢްވަތަށް މަރްޙަބާ ކިޔަމެވެ. ތިޔަ ބޭފުޅުން މިހާރު ކުރައްވަމުން ތިޔަ ގެންދަވަނީ ޓައިޕްކުރުމަށްވުރެ މާ އުނދަގޫ ބުރަ މަސައްކަތްތަކެކެވެ. ފަންވަތުގެ އަހުލުވެރިންތައްޔާރަށް ތިއްބެވިނަމަ މިއީ ތަންފީޒު ކުރެވި ނަތީޖާ ފެންނާނެ ޚިޔާލެއްކަން ކަށަވަރެވެ. މި ޚިޔާލު ލިޔުނު މީހާ ދެހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޓައިޕްކުރަން ދަސްކޮށްދިން ދެކުއްޖަކު މިހާރުވެސް އަޒުހަރުގައި ކިޔަވަން ގޮސް ތިބޭނެއެވެ. މަޢްހަދުން ކިޔެވި މި ދެކުދިންނަކީވެސް މިހާރު ނުލާހިކު އަވަހަށް ޓައިޕްކުރާ ދެ ކުދިންނެވެ.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމު, 2009-06-13 11:46:48
މި ޞަފުހާގައި ފަހަކަށް އައިސް މި ބަހުސު ކުރެވޭ މައްސަލަޔާ މެދު، ތިޔަ ބޭފުޅުންގެ އިޒުނަފުޅަށް އެދޭހާލު އެއްޗެއް ދަންނަވާލާނަމެވެ. ފުރަތަމަ ކަމަކަށް، ކާފުލާމަށާއި، ޅޮހީ ޢަބްދުއްރަޙީމަށް ޝުކުރު ދަންނަވާލުމާއެކީގަ އެވެ. ކާފުލާމަކީ، ފަންވަތް ބައްލަވަމުން ގެންދަވާ، ޚިޔާލު ދެއްވާ ފަންވަތުގެ އަހުލުވެރިއެކެވެ. ޅޮހީ ޢަބްދުއްރަޙީމަކީ، މި ކަންކަމުގެ އިތުރަށް ގިނަ ލިޔުންތަކެއް ފަންވަތުގައި ހިމަނުއްވާ ފަންވަތުގެ ލިޔުންތެރިއެކެވެ.
ބަހުސެއް ހިނގަމުންދަނީ، ފަންވަތުގެ ލިޔުންތައް ޓައިޕުކުރުމުގައި އިދާރީ ފަރާތްތަކަށް އެހީތެރިކަން ދެވޭނެ ގޮތެއްގެ މައްޗަށެވެ. އެކަމުގައި ކާފު ލާމު ދެއްވި ޚިޔާލުފުޅާއި، ޅޮހީ ޢަބްދުއްރަޙީމު ދެއްވި އިޖާބަ ޝުކުރުވެރިކަމާއެކު، ފަހަގަ ކުރަމެވެ. ކާފުލާމު ދެއްވި ޚިޔާލުފުޅުގައިވެ އެވެ. ''ޓައިޕްކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ފަންވަތުގެ އަހުލުވެރިންނަށް ދެހަފުތާގެތެރޭގައި ކޮންމެ ދުވަހަކު ގަޑިއެއްހާއިރު ހޭދަކޮށްލަނިކޮށްވެސް ތިޔަކަން ނުލާހިކު ފަސޭހައިން ފުރިހަމަ ކުރެވިދާނެއެވެ.'' މި ޚިޔާލުފުޅުގެ ސަބަބުން ފަންވަތާއެކު، އަޅުގަނޑު މިހާތަނަށް ހޭދަ ކުރަމުން އައި ވަގުތުގެ ތެރެއަށް އިތުރު އެއްގަޑި އިރު ހިމަނައިފީމެވެ. ފަންވަތުގެ އިދާރީ އަނެއް ދެ ބޭފުޅުން ކަންތައް ކުރެއްވި ގޮތެއް ނޭނގެ އެވެ. އެހެނީ، ފަންވަތުގެ ޚިދުމަތް ދޭން ފެށުނީއްސުރެ އަޅުގަނޑު މި އަންނަނީ ކޮންމެ ރެޔަކު، 12.00 ން 3.00 އަށް ފަންވަތުގެ މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކާ ކޮންޕިޔުޓަރު ދޮށުގައި ވަގުތު ހޭދަ ކުރަމުންނެވެ. އޭގެ އިތުރަށް ދުވާލުގެ ވަގުތުތަކުގައި، ލައިބްރަރީތައް ކޮޅުމާއި، ތަދު ލިޔުންތައް ހޯދުމާއި، އިސް ލިޔުންތެރިންނަށް ގުޅައި ޚަބަރު ދަބަރު ބެލުމުގައި ހޭދަ ކުރެވެނީ ކިހާ ވަގުތެއް ކަމެއް ސީދާ ކޮށް ދަންނަވާކަށް ނޭނގެ އެވެ. ކާފުލާމެވެ! ތިޔަ ދެއްވި ޚިޔާފުޅާއެކު، މި ހާރު ރޭގަނޑު 11.00 ގައި ވަރަށް ގިނަރޭރޭ އެބަ މަސައްކަތް ފަށަމު އެވެ. އެހެންކަމުން އެ ވާހަކަ ދަންނަވާލީމެވެ. ދެން އޮތީ ޓައިޕުކުރުމުގެ ވާހަކަ އެވެ. ވެބްސައިޓެއް ހިންގުމުގައި އޮންނަ ހަމަ އެކަނި ކަމަކީ ޓައިޕު ކުރުމެއް ނޫން ދޮގެއް ތޯ އެވެ؟ ޓައިޕު ކުރުމުގެ ވަގުތާއި، ފޮޓޯ ހޯދުމުގެ ވަގުތާއި، ފޮޓޯ މިންކުރުމުގެ (ރީ ސައިޒު ކުރުމުގެ) ވާގުތާއި، ލިޔުންތަކުގެ ކުށްފިލުވުމަށް އެތައް ފަހަރަކު ކިޔުމުގެ ވަގުތާއި، ލޭއައުޓާއި، މި ފަދަ އެތައް ކަމެއް ކޮންމެ މަޒުމޫނަކަށްޓަކައި ކުރަންޖެހެ އެވެ. ވަގުތުތައް ގުނަ ވެގެންދަނީ، މި ފަދަ އެތައް ކަމެއް އެއްވެ ފައްތަރުވުމުންނެވެ. ޓައިޕުކުރަން ކުދިންނަށް ދަސްކޮށްދެއްވި ދާނެ އެވެ. މަޒުމޫނު ލިޔަން އަޅުގަނޑު މަޢުހަދުގައި ދަސްކޮށްދިން ކުދިންވެސް މިހާރު އަޒުހަރުގައި ކިޔަވަމުން އެބަ ދެ އެވެ. އެ ކުދިންގެ ބައެއް މަޒުމޫނާއި ޅެން ފަންވަތުގައި ޝާއިޢު ކުރެވިފައި ވެސް ވެއްޖެ އެވެ. އެ ކަމަކު އަދި މި ދެންނެވި ލިޔުންތަކުގެ ޢަދަދު 10 އަކަށްވެސް ނާރަ އެވެ. ނަމަވެސް ފަންވަތުގައި މިހާރު ހުރި މަޒުމޫނުގެ ޖުމުލަ ޢަދަދު 900 (ނުވަ ސަތޭކަ) އަށްވުރެ ގިނަ ވާނެ އެވެ. މި ވާހަކަ މި ދަންނަވާލީ، ފަހަރެއްގައި ވެސް ކާފު ލާމަށް ވެސް، އަދި އޭނން ކުއްޖަކަށް ވެސް ބަރުބަހެއް ބުނުމުގެ ނިޔަތެއްގައެއް ނޫނެވެ. އެކަމަކު ވިސްނާލެއްވުން އެދެމެވެ. އެކުދިންނަކީ، މަތީތަޢުލީމަށްޓަކާ ޖިހާދު ކުރާ ކުދިންކަމަށްވީތީ، އެކުދިންނަށް ވެސް، ވަގުތު ނުވަނީ އެވެ. އުޖޫރައެއް ދެވެން ނެތި އެދެން ޖެހޭތީ، އަޅުގަނޑަށް ވެސް، އިރު އިރުކޮޅުން ލިޔުމަކަށް އެދި، ބުނެލަން ފަސްޖެހެވެނީ އެވެ. އެހެން ލިޔުންތެރިންނަށް ވެސް ދަންނަވަން ނުކެރެނީ އެވެ. ޓައިޕު ކުރާމީހުން ވެސް ހަމަ މި ގޮޅިއަށް ފެތޭނެ ނޫންތޯ އެވެ؟
... ލިޔުނީ އެޑިޓަރު, 2009-06-13 11:57:34
ކާފުލާމާއި، ޅޮހީ ޢަބްދުއްރަޙީމަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ. ދެއްވި ތަރުޙީބަށްޓަކާ މަރުޙަބާއާއި، ތަހުނިޔާ ދަންނަވަމެވެ. ގުޅޭނެ ނަންބަރެއް އަންގާލަ ދެއްވުން އެދެމެވެ. ފަންވަތުގެ ފަރާތުން ބައްދަލުކޮށްލަން ބޭނުންވާތީ އެވެ. ޚިޔާލު ގޮޅީގައި ނަންބަރު ޖައްސަވައި ފޮނުއްވާލަ ދެއްވުން އެދެމެވެ. އެ ''މެސެޖު'' ޝާއިޢެއް ނުކުރާނަމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|