މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފުރާނައިގެ އެއްބައި ހިލޭ ދިނަސް.... |
|
|
| ދިވެހި - ވާހަކަ | |||
| 10 ޖޫން 2009، 00:16 ބުދަ | |||
ފުރާނައިގެ އެއްބައި ހިލޭ ދިނަސް ނުބައި އަންހެނަކު ލަފަޔެއް ނުވާނެ އެވެ.ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން ސައްޔިދުނާ ޢިސާ ޢަލައިހިއްސަލާމު، ސަލާމު ލެއްވި ޢީސާގެފާނުން، އެއްދުވަހަކު ވަލުތެރޭގައި ސިޔާޙަތު ކުރައްވަމުން ވަޑައިގަންނަވަނިކޮށް ދާދި ދުވަސް މަދު ޤަބުރެއްގެ ކައިރީގައި ރޮއި ރޮއި އިން ޒުވާނަކާ ބައްދަލުވެ ވަޑައިގެންފި އެވެ. ޚަބަރު އެއްސެވީމާ ދަންނަވައިފިޔޭ. މި މީހަކީ އަޅުގަނޑުގެ އަނބި މީހާ އެވެ. ދަތުރެއް ކޮށްފައި އަންނަނިކޮށް މިހައިތަނުން ވަރުވީ އެވެ. ޢީސާގެފާނު ވިދާޅުވިޔޭ ތިޔަ ކަމަކީ އެންމެނަށް ވެސް ވާން އޮތް ކަންތަކޭ. ދެން ކެތްކޮށްގެން ރަށް ދާން އުޅޭށެވެ. މި މީހާ ރޮއި ހޭރިގެން ދަންނަވައިފިޔޭ. ޔާ ރޫޙުﷲ އޭ އަދި އެއްފަހަރު ދައްކަވަތްތޯ ދުޢާފުޅެއް ކޮށްދެއްވާށޭ. ޢީސާގެފާނުން ވިދާޅުވިޔޭ ތިބާއީ ވެވިދާނެ ކަމެކެވެ. ކަލޭގެ އުމުރުން ދެން ހުރިތަނެއްގެ ދެބައިކުޅަ އެއްބައި ހަމަޔަށް އެކަނބުލޭގެޔަށް ހިގައިން ދޭށެވެ. މި ކަލޭގެ ބުނެފިޔޭ ދީފީމޭ. ދީފީމޭ. ކިހައި ރަނގަތޯޔޭ. ދެން ދެމީހުން މަރުވާނީ އެއްފަހަރާއެވެ. ދެން ޢީސާގެފާނު '' ޤޫމީ، ބި އިޛްނިﷲ '' އޭ ވިދާޅުވުމުން އެކަނބުލޭގެ ގަބުރު ފަޅައިގެން ގޮސްފައި ބޮލުން ވެލިފޮޅަމުން ތެދުވެއްޖެ އެވެ. ޢީސާގެފާނުން ވިދާޅުވިޔޭ. އޭ ކަނބުލޭގެޔާއޭ. މި މީހަކީ، ކާކުހެއްޔެވެ. އެ ކަނބުލޭގެ ދެންނެވިޔޭ. ތިބާއީ އަޅުގަނޑުގެ ފިރިކަލޭގެ އެވެ. ޢީސާގެފާނު ވިދާޅުވިޔޭ އަހުރެންނަކީ ކާކުހެއްޔެވެ؟ އެ ކަނބުލޭގެ ދެންެނެވިޔޭ. ތިބާއީ މާތް ރަސްކަލާނގެ ރޫޙެވެ. އެ ކަލާނގެ ރަސޫލާ އެވެ. ވިދާޅުވިޔޭ. އާ އެންމެ ރަނގަޅޭ ކަނބުލޭގެ ފިރިކަލޭގެ އުމުރުން ދެންހުރި ތަނެއްގެ ދެބައިކުޅަ އެއްބައި ކަނބުލޭގެ އަށް ދިނީ އެވެ. ދެމީހުން އުފަލުގައި މާތް ރަސްކަލާނގެ އަށް ކިޔަމަންކަމުގައި ރަނގަޅަށް އުޅޭން ދާށެވެ. ދެން މި ދެމަފިރީން ދަތުރު ކޮށްފައި ގޮސް، ރަށުގެ ކައިރިޔަށް ދެވުމުން، ފިރިމީހާ ބުނެފިޔޭ. ރަށަށް އަރާނީ އަހަރެން އިރުކޮޅަކު ނިދާލާފައި ތެދުވެގެންނެވެ. މިހެން ބުނެފައި މިތާގައި ހުރި ގަހެއް ދޮށުގައި އިށީނދެ އޮށޯވެއްޖެ އެވެ. އިރުކޮޅެއްވީ ތަނާ، ވަރަށް ރީތި މާތް ހެދުމެއްގައި ހުރި ޒުވާނަކު އައިސް މި ކަމަނާޔާ ވާހަކަ ދައްކައިލައި މި ކަމަނާ މި މީހަކާއި އެއްބައިވެ ދެމީހުން ފިލާން ދާން ހިނގައިގަތްތަނާ ފިރިކަލޭގެ ހެއި އަރާއްޖެ އެވެ. ފަހުން މި އައި ފިރިހެނަކީ، އެ ރަށު ރާޖާގެ ދަރިކަލުންނެވެ. ފިރިމީހާ ފުންމައިގެން ތެދުވެ ގޮވައިލައިފިޔޭ. އޭއް. އޭއް. ޑަކައިތު ކަލޭގެޔާއޭ. ތިޔައީ މަގޭ އަނބި ކަމަނާޔޭ. ތިޔަ ގެންދާން އުޅެނީ ކޮންތާކަށްހޭ. އަޖާއިބުވެޔޭ. އެ ކަމަނާ ގޮވައިލިޔޭ. އަޖާއިބަކީ ތިޔައީތާޔޭ. އަހަރެން މީ މި މަނިކުފާނުންގެ ޖާރިޔާއެއް ވިއްޔާއޭ. އެ މަނިކުފާނު އަރިހުގައި ސަވާރީޔަށް ނިކުމެގެން އުޅެނިކޮށް ފެނުނުހައި އިރުން، އަނބިކަމަނާ، އަނބިކަމަނާޔޭ. ކިޔައި ހަޅޭ ލަނީޔޭ. މަނިކުފާނޫވޭ އަވަހަށް މި ޑަކައިތު ކަލޭގެ ޤަތުލުކޮށްލައްވާށޭ. އަޅުގަނޑު ސަލާމަތް ކުރައްވައިގެން ވަޑައިގަންނަވާށޭ.. ފިރިކަލޭގެ ގޮވައިލިޔޭ އަޖާއިބަކީ ތިޔައީތާޔޭ. އަހަރެންގެ އުމުރުން ދެ ބައިކުޅަ އެއްބައި ހިބައިން ދީ ދިރުވައިގެން ގެންނަ އަނބި މީހާ ވިއްޔާއޭ. އެ ކަމަނާ ގޮވައިލިޔޭ. މި ހާރު އަދި މާ އަޖާއިބު ބޮޑު ވެއްޖެޔޭ. ތިޔަހަރީ ކާކު ތެދުކުރާ ވާހަކައެއް ބާވަޔޭ. މި ދެމީހުންގެ އަރައިރުން ފެށިގަތުމުން މި މަނިކުފާނު ހައިރާންފުޅު ވެގެން، އެއްވެސް އެއްޗެއް ވިދާޅު ނުވެ އެބަ ހުންނެވި އެވެ. މި ދެމީހުން އިރުކޮޅަކު އަރައިރުން ވީތަނާ ޢީސާގެފާނުން ވަޑައިގެން މި ތަނަށް ނުކުމެ ވަޑައިގެންފި އެވެ. މި ކަލޭގެ ބުނެފިޔޭ. ތެދެއް ނުންތޯޔޭ. މިއީ އަޅުގަނޑުގެ އަނބި ކަމަނާ ނޫންތޯޔޭ. ޢީސާގެފާނު؛ ތިޔަހެން ކަލޭގެ ބުނަމު އެވެ. އެ ކަމަނާ؛ އެއީ ރޯ ދޮގެކެވެ. އަޅުގަނޑަކީ، މި މަނިކުފާނުގެ ޖާރިޔާއަކީމޭ. ޢީސާގެފާނު؛ ކަނބުލޭގެ އަހުރެން ދަންނަމުތަ؟ އެ ކަމަނާ؛ ތަންތާ ތިބޭހައި ޕަރުދޭސީން އެނގޭނީ ކިހިނަކުންހޭ؟ އަހަރެމެންނަކީ ޝާހީ މަޙައްލުގައި އުޅޭ މީހުން ވިއްޔާ އެވެ. އެ ކަލޭގެ؛ އޭ މާތް ރަސްކަލާނގެ ރަސޫލާ އެވެ. އަޅުގަނޑު ދެނެއް މި ކަނބުލޭގެއެއް ބޭނުމެއް ނޫނޭ. އަޅުގަނޑުގެ އުމުރުން އެ ކަނބުލޭގެއަށް ދިން ބައިވަރު އަޅުގަނޑަށް ދެއްވާށޭ. ޢީސާގެފާނު؛ ކަލޭގެ ދިން އެއްޗެއްވާނަމަ، އަތުލައިފީމޭ ބުނަނިކޮށް ލިބިދާނެޔޭ. އެ ކަލޭގެ؛ އަތުލައިފީމޭ. މަގޭ އުމުރުން ދިންބައިވަރު އަތުލައިފީމޭ ގޮވައިލުމުން، އެ ކަމަނާ މަރުވެ ކުނިވެގެން ވެއްޓިއްޖެޔޭ. ޢީސާގެފާނު؛ އާ. އާ. ފަސްމުށް ނެންގެވި ތަނަށް އައީތާޔޭ ވިދާޅުވެފައި ވަޑައިގެންފި އެވެ. އަދި ވިދާޅުވި ޔޯލަޔޭ. ނަރަކައިގައި ހުރި މީހަކު ސުވަރުގެއަށް، ސުވަރުގޭގައި ހުރި މީހަކު ނަރަކަޔަށް ދިޔައީތާ އެވެ. މިހެން ވިދާޅުވީ އެ މަނިކުފާނުން އެކަލޭގެފާނުންގެ މުޢުޖިޒާތް ދެކެވަޑައިގެން އީމާންވީމަ އެވެ.
|
| ހަމަ މި ގަލަމުން |
|---|