މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފިނދަނަކަލޯ އާހުގައި އަޅައިދިން ގަނޑުވަރު |
|
|
| ދިވެހި - ވާހަކަ | |||
| 17 ޖޫން 2009، 00:24 ބުދަ | |||
|
މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ ތަންކޮޅެއް ކުރީޒަމާނެއްގައި ބަރުޒަމާން ރާޖާއޭ ކިޔުނު ރާޖާއަކު އުޅުއްވިއެވެ. އެއީ ޝާނާ ޝަޥްކަތުހުރި ޢިއްޒައްތެރި ރާޖާއެކެވެ. އެރާޖާގެ ދަރުބާރުގައި ވަރަށްގިނަ ބާވަތްބާވަތުގެ ޙަކީމުންނާއި ޢިލްމުވެރިން ތިއްބަވައެވެ. އެކިފަންނުތަކަށް ހިނގާ މާހިރުންނާއި ފާޚިރުންނެވެ. މަޞްނޫޢީ ފަންނުތަކުގައި ފަހަތަށް ޖައްސައި ނުލެވޭފަދަ ހުޝިޔާރު ފަންނާނުންނެވެ. މަތިވެރި ޢިލްމުތަކުގެ އުސްތާޛުންނެވެ. މިހެންގޮސް ކޮންމެކަމަކަށް އެކަމަކާއި އެންމެ އެކަށޭނަ ޙަކީމުންނާއި މުރައްބީންނެވެ. މިހެންވުމުން އެރަސްގެފާނު އެދިވަޑައިގަންނަވާ ގިނަކަންތައްތަށް ދަނީ ފުރިހަމަވަމުން ނެވެ. އެއްދުވަކު އެރަސްގެފާނު ތަޚްތުގައި އިންނަވާފައި ވިދާޅުވެއްޖެ އެވެ. ''ތިމަން މަނިކުފާނަށް މިގަނޑުވަރާ އެއްފަދަ ގަނޑުވަރެއް އާހުގައި އަޅައިދޭނީ ކާކުބާވައެވެ؟'' މިބަސްފުޅަށް އެއްވެސް ފަރާތަކުން ޖަވާބެއް ނުލިބުނެވެ. މިގޮތުގައި ދަރުބާރުގެ ވަޤުތު ހަމަވެނިމިއްޖެއެވެ. ރާޖާގެހިތްޕުޅުވަނީ ނުތަނަވަސްވެފައެވެ. ފިކުރުފުޅު ބޮޑުވެފައިވާވަރުން ގަނޑުވަރުގެ ބަގީޗާތެރޭގައި ހިންގަވަމުން ހިތްޕުޅުގައި ޖެހުނެވެ. މި ތިބަ ދޫނިސޫފާސޫފިތަކާއި މި ސުވާލުކޮށްފިނަމަ ވާނީކިހެނެއްބާވައެވެ؟ ނޫނެކެވެ. އެ ތިބަ މޮޅުހަކީމުންތަކާއި ފަންނާނީ މާހިރުންނަށް ނުދެވުނުޖަވާބެއް އެތަކެތިންނަކަށް ނުދެވޭނެއެވެ. ނޫނެކެވެ. އެނގޭނީ އަހައިލީމަތާއެވެ. މިހެން ހިތްޕުޅަށް އަރައިގެން ދޫނިތަކާއި އެ ސުވާލު ކުރައްވަންފައްޓަވައިފި އެވެ. މިހެންގޮސް ފިނދަނަކަލޯއަށް މިސުވާލު ހުށައެޅުމުން ފިނދަނަކަލޯ ދެންނެވިއެވެ. އަޅުގަނޑު މާދަމާ ދަރުބާރަށް ޙާޞިރުކޮށްފާ ތިޔަ ސުވާލު ކުރައްވާށެވެ. އިރާދަކުރެއވިއްޔާ ތިޔަ އެދުންފުޅު ފުދޭނެއެވެ. ރާޖާ އުފާފުޅުން ގަނޑުވަރަށް ވަޑައިގެންފި އެވެ. ޖެހިގެންއައި ދުވަހު ފިނދަނަކަލޯ ދަރުބާރަށް ގެންނަވައި އެ ސުވާލު ވިދާޅުވެއްޖެއެވެ. ފިނދަނަކަލޯ ދެންނެވިއެވެ. ''އިރާދަކުރެއްވިއްޔާ ތިޔަކަން ކޮށްދޭނަމެވެ. އަޅުގަނޑަށް އެކަން ކުރެވިއްޖެނަމަ އަޅުގަނޑަށްވެސް ދަރުބާރުން މަގާމެއް ލިބެންޖެހޭނެއެވެ. ރާޖާ ވިދާޅުވިއެވެ. ''ފިނދަނަކަލޯއަށް ތިކަން ކުރެވިއްޖެނަމަ ފިނދަނަކަލޯއެދުން ކަންތަށްވެސް ވާނެއެވެ. އެކަމަށް ބޭނުން ވާނީ ކޮންކަމެއްތޯއެވެ؟ '' ފިނދަނަކަލޯދެންނެވި އެވެ. ''އެކަމަށް ބޭނުން ވާނީ އެކަމަށް އެކަށޭނަ މުއްދަތެކެވެ. އަދިދަންނަވަންތޯއެވެ. އަޅުގަނޑު އާހުގައި އަޅާގަނޑުވަރު ބަފައި ނުކަށަވަރު ދަރިއަކަށް ނުފެންނާނެ އެވެ. ރާޖާ ވިދާޅުވިއެވެ. ''ތިޔަގޮތް ގަބޫލުކޮށްފީމެވެ. އެކަމަކު ފިނދަނަކަލޯއަށް އެ ކަންނުކުރެވުނު ނަމަ ފިނދަނަކަލޯ ގަތުލުކުރެވޭނެއެވެ. '' ކުޑަދުވަސްކޮޅެއް ފަހުން ފިނދަނަކަލޯ ދަރުބާރަށް ޙާޟިރުވެ އަދަބު އަދާކޮށް ދެންނެވިއެވެ. ''ގަނޑުވަރު ތައްޔާރުކޮށް ނިމިއްޖެއެވެ. ބައްލަވާލައްވަން ވަޑައިގަންނަވާށެވެ. '' ރަސްގެފާނު އުފާފުޅުން ދަރުބާރުގެ ބޮޑުންނާއިގެން ފިނދަނަކަލޯޔާއެކު ހުސްބިމަކަށް ވަޑައިގަތުމުން ފިނދަނަކަލޯ ދެންނެވިއެވެ. ގަނޑުވަރު އެހުރީއެވެ. ބައްލަވާށެވެ. ރާޖާގެ ގަނޑުވަރާ ކުޑަވެސް ތަފާތެއް ހުރިތޯއެވެ. އެހެރަދޮރުން ނުކުމެވޭނީ ދިގުކޮން އެ އޮތް ފެންޑައަށެވެ. އެފެންޑާއިން ވަދެވޭނީ އިރުމަތިން އެހެރަ ފެންކޮޓަރިކޮޅަށެވެ. އެކޮޓަރިކޮޅުން ދެކުނަށް ގޮސް ވަދެވޭނީ ރާޖާގެ ޚާއްޞަ ދަރުބާރު ކޮޓަރިކޮޅަށެވެ. ފިނދަނަކަލޯ މިހެން ކިޔަމުންގޮސް ގަނޑުވަރު ދައްކާނިންމާފައި ދެންނެވިއެވެ.'' ތަފާތެއް އެބަހުރިތޯއެވެ؟ '' ރާޖާ ހިތްޕުޅަށް އެރި އެވެ. މަށަކަށް ފިނދަނަކަލޯ އެދައްކާ ގަނޑުވަރެއް ނުފެނެއެވެ. އެކަމަކު ނުފެނެއޭ ބުނެފިނަމަ މަ ވާނީ ބަފައި ނުކަށަވަރު ދަރިއަކަށެވެ. އަދި މުޅިސަހަރަށް އެ އަޑު އަރައިގެންދާނެއެވެ. އޭރުން ވާންޖެހޭނީ ލަދުވެތިކަންބޮޑު ބޭޒާރެކެވެ. ދެން ހިތްޕުޅު ކުޑައި ކުރައްވާ ހިތްޕުޅަށް އެރިޔޭ މިވާނީ މަގޭ މަންމަގެ ފާޙިޝް ޢަމަލަކަށެވެ. ދެން ރަސްގެފާނު ވިދާޅުވި އެވެ. '' ފިނދަނަކަލޯއެވެ. ފިނދަނަކަލޯ އެޅިގަނޑުވަރާ އަޅުގަނޑުގެ ގަނޑުވަރާ އެއްވެސް ތަފާތެއް ނެތެވެ.'' އަދިވިދާޅުވިއެވެ. ''އޭ ވަޒީރާއެވެ. ވަޒީރުގެ ބަހަކީ ކޮބައިތޯއެވެ؟ '' ވަޒީރު ހިތަށްއެރިއެވެ. މަށަކަށް ރަސްގެފާނު އެވިދާޅުވާ ގަނޑުވަރެއް ނުފެނެއެވެ. އެކަމަކު ނުފެނެއޭ ބުނެފިނަމަ މަބޭރުވާނެއެވެ. މަގޭމަންމަ ބަދުނާމުވާނެއެވެ. މިހެންހިތަށްއަރައި ވަޒީރު ދެންނެވިއެވެ. '' އާދެ މަސާހިބް ! މަނިކުފާނުގެ ގަނޑުވަރާ ކުޑަވެސް ތަފާތެއްނެތެވެ. ގަނޑުވަރުގެ ބޭރު(ބެރެންޑާ)ގައި އެހުރި ކުރެހުންތަށްވެސް ހަމައެއްގޮތެވެ. އެ ކުރެހުމުގެތެރޭން ފެންނަ ގަހެއްގެ އެއްފަތް ގުރުޑުވެފައިވާ މަންޡަރުވެސް ހަމަތަފާތެއް ނެތެވެ. ވަޒީރު މި ދެންނެވި ބަސްތައް އިވިވަޑައިގަތުމުން ރާޖާގެ މަންމަގެމައްޗަށް ކުރެވުނު ޚިޔާލުފުޅުތަކުގެ ސިލްސިލާއަށް ޔަޤީންކަމުގެ އާ ބޮޅުތަކެއް އިތުރުވެއްޖެއެވެ. ކޮންމެއަކަސް ފިނދަނަކަލޯގެ ގަނޑުވަރު އާހުގައި ރާޖާއާއި ރާޖާގެ ދަރުބާރުގެ ޢިއްޒަތްތެރިންނަށް ފެނުނީ ހަމަ އެއްގޮތަކަށެވެ. ކޮންމެ މީހެއްގެ ހިތުގައިވެސް ބުނަންނުކެރޭ ސިއްރެއް ހިތުގައި ފޮރުވައިފައި ވެއެވެ. ދެންކުރިން ހަމަޖެހިފައިވާ ގޮތުން ފިނދަނަކަލޯއަށްވެސް ބަރުޒަމާން ރާޖާގެ ދަރުބާރުން ވަޒީރުންފެންވަރުގެ ގޮނޑިއެއް ލިބިއްޖެއެވެ. ކޮންމެ މަޖިލީހަކަށްވެސް ފިނދަނަ ވަޒީރުވެސް ޙާޟިރުވެ އެވެ. ފިނދަނަ ވަޒީރާ މުޚާތަބް ކުރެވޭ ކޮންމެފަހަރަކުވެސް އޭގެ ޠަބީއަތުގައި ވާފަދައިން ބޯހަލުވައިލައި ، ފިނދުހަލުވައިލައި ، ފީފީ ގޮވައިލައްވައި ގޮނޑިއަށް ގުއިތިއްކެއް ޖަހައެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ reader, 2009-06-20 17:19:30
ވަރަށް ޢިބްރަތްތެރި އުފެއްދުންތެރި ވާހަކައެއް. ދިވެހި ގޮތް ވެސް އެބަހުރި. އެކަމަކު އަޅައިގަންނަ ކަމެއް އެބަ އޮތް. އެއީ ބަގީޗާއަކުން ފިނދަނައަކާ ދިމާވީމާ. ފިނދަނައިގެ އަސްލު މާހައުލަކީ، އަތިރިމަތި. އެއީ ގަމުތެރޭ ދޫންޏެއް ނޫން.. އަތިރިމަތީ ހޮވައިކާން އުޅޭ އެއްޗެއް. އެހެންވީމާ ހިތަށް އެރި ހޭޅިފަށުން ފިނދަނަޔާ ދިމާވި ނަމަ، މިވާހަކަ މާ ފުރިހަމަ ވީސްތާއޭ...
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|