މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދޮންކުކުޅުފުޅު |
|
|
| ދިވެހި - ވާހަކަ | |||
| 25 ޖޫން 2009، 00:25 ބުރާސްފަތި | |||
|
މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ ރަސްގެފާނުގެ ދޮންކުކޮޅުފުޅު ވިހޭ ވާހަކަ ކޮޓަރިކޮޅު ބަލަހައްޓާ ޚާދިމް ރަސްގެފާނު އަރިހުގައި ދަންނަވައިގެން ރަސްގެފާނު ވަޑައިގެން ވަރަށް ރަނގަޅަށް ބައްލަވައިފި އެވެ. ދެން ހެނދުނު ދަރުބާރުގެ ވަޤުތުގައި އެރަސްގެފާނު އެރަސްގެފާނުގެ ވަޒީރުންނަށް މި ޚަބަރު ދެއްވިއެވެ. އަދި ދޮންކުކުޅުފުޅު ވިހޭތޯ ބެއްލެވުމަށް އެއްވަޒީރަށް ފަހު އަނެއްވަޒީރު ފޮނުއްވެވިއެވެ. އެންމެފަހުން ފޮނުއްވެވީ ބީރުބޮލު ވަޒީރެވެ. ހުރިހާ ވަޒީރުން ދޮންކުކުޅުފުޅު ބައްލަވާފައި ދުރުވުމުން ރަސްގެފާނު ވަޒީރުންނާއި ސުވާލުކުރައްވަން ފެށްޓެވިއެވެ. '' މަގޭ ދޮންކުކުޅުފުޅު ވެހެއީ ކިތައް ފިޔޮއް ތޯއެވެ؟ ކޮން ކުލަކުލައެއްގެ ފިޔޮކެއްތޯއެވެ؟ '' ޖަވާބުގައި ކޮންމެވަޒީރަކުވެސް ދެންނެވީ އަޅުގަނޑުމެން ދިޔައީ ދޮންކުކުޅުފުޅު ވިހޭތޯބަލާށެވެ. އަޅުގަނޑުމެން ވިހެއީ ކިތައް ފިޔޮއްތޯއެއް ކޮން ކުލަކުލައެއްތޯއެއް ނުބަލަމެވެ. ދެން ބީރުބޮލުވަޒީރާ އެ ސުވާލު ކުރުމުން ދެންނެވިއެވެ. ރަސްގެފާނުގެ ދޮންކުކުޅުފުޅު ވިހެއީ ދޮން ހަތަރު ފިޔޮކާއި ، ހުދުކުލައިގެ ބޯކަޅު ދެފިޔޮކާއި ، ބޮލުގެ މަތީގައި މުށިކުލައިގެ ރޮނގެއް ދެމިފައިވާ ތިންފިޔޮކެވެ. ރަސްގެފާނު ވިދާޅުވިއެވެ. މީހަކުކަމެއް ބަލައިލަން ފޮނުވީމާ ލޮލުގެ ކުޑަކޮޅުން އެ ކަމެއް ބަލައިލިޔަސް އެކަމެއް އެ ބެލުނީއަކީނޫނެވެ. އެއީ ކަމެއް ލޮލަށް ފެނުނީއެވެ. މި ކަމުގައި އަހަރެން އަހަރެންގެ ހުރިހާ ވަޒީރުން އިމްތިޙާނު ކޮށްލީއެވެ. އެއީ ތިޔަބައިމީހުންނަކީ އަހަރެންގެ ފަރާތުން ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި އަނިޔާވެރިކަމާއި ފަސާދަތައް ނައްތައިލައި ޞުލްޙަ މަޞަލަސްކަން ކުރިއަށް ނެރެ ޢަދުލު އިންޞާފު ޤާއިމުކޮށް މުންކަރާތްތައް ނަހީކޮށް އަމަން އަމާންކަމުގެ ހިޔާވަހިކަމުން އެންމެހައި ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދިނުމުގެ ޥަލީއަމްރު ޙަވާލުކުރެވިފައިވާ ރައްޔިތުނަށް ތެދުވެރި ވަފާތެރިވުން ބޮލަރުވައިގެންތިބި ޚާދިމުންނެވެ. އެރައްޔިތުންގެ ކަންތައް ދޮންކުކުޅުފުޅުގެ ފިޔޮއްތައް ބެލިގޮތަށް ދޮނެއްކަޅެއް ގިނަ، މަދުކަމުގެ ތަފާތެއް ނޭނގިއްޖެނަމަ އެރައްޔިތުން ކަންތައް ހުންނާނީ މީހުން ބުނާހެން ''އައްޔަބޭ ހާ ކާށިކާން ދިޔަދިމާ ގައެވެ. ތިއީ ކަންކަމާއި ހަވާލުވެގެން ތިބޭކަންފޮޅި ނުފޮޅި ނުފިހޭފޮޅި ކަންފަސޭހަމީހުންނެވެ. ކަލޭމެން ކަހަލަ މީހުންނަށް މަހުންމަހަށް ބަނޑުމުސާރަ ލިބެންޏާ އެވީއެވެ. ބީރުބޮލުވަޒީރުގެ ކަންތައް އެހުރިގޮތަށް ރައްޔިތުންގެ ކަންކަމާއި ހަވާލުވެތިބޭ އެންމެންގެ ކަންތައް ހުންނާނޭނަމަ އެރައްޔިތަކު ތިބޭނީ ހައުދަހައިވާ ނަޞީބުވެރި ބައެއްގެ ގޮތުގައެވެެ. ޙަސަދައާއި ކުޓުވުން ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި ބީރުބޮލުވަޒީރުނޫނީ ރަނގަޅަށް ކަމެއްކުރެވޭ މީހަކު ނެތްކަމަށް ވިދާޅުވުމުން ޣީރަތްތެރިކަން ނިޔާކުރާގޮތުން ހިތުގައި ޙަސަދަވެރިކަމުގެ ވިންދުތަކެއް ނުޖެހުމަކީ ނުވެނުދާނެކަމެކެވެ. ކިތަންމެނަމެއް ކުރިޔަސް ބީރުބޮލުވަޒީރަކީ އެންމެފަރުދެކެވެ. ދެންތިބި އެންމެން އެއްބައިވެލީމައި ބީރުބޮލުވަޒީރު ވައްޓާލެވިދާނެއެވެ. ދެންބީރުބޮލުވަޒީރު ވައިކޮށްލާނެ ގޮތަކާމެދު ގޮތްގޮތަށް ރާވަމުން ގެންދަންފަށައިފިއެވެ. މިގޮތުން ބައެއް މީހުންނަށް ފެނުނު ގޮތަކީ ކޮންމެވެސް ބަޔަކަށް ރިޝްވަތު ދީގެން ބީރުބޮލުވަޒީރު ނެތިކޮށްލުމެވެ. ނަމަވެސް ދެންތިބި މީހުން ބުނީ އެގޮތަށް ކަންތައް ކޮށްފިނަމަ އެ ބަޔަކު ބީރުބޮލުވަޒީރުގެ މަކަރުގެ ދަށުގައިވެ ކަމުގެސިއްރު ފައުޅުވެ އަހަރުމެން ބީރުބޮލުވަޒީރު މަރައިލަން އުޅުނު ކަމުގެ ކުށުގައި އަހަރުމެންނަށް އެ ބޮނޑި ލިބިދާނެ ކަމުގެ ބިރު އެބައޮތްކަމުގަ އެވެ. އެހެންވީމާ ރަނގަޅު ގޮތަކަށްވާނީ ބީރުބޮލުވަޒީރުގެ މައްޗަށް ރަސްގެފާނުގެ ހިތްޕުޅު ނުބައިވާނޭ ފާޑުފާޑު ވާހަކަދައްކައިގެން ރަސްގެފާނުލައްވާ ބީރުބޮލުވަޒީރު ޤަތުލުކުރުމެވެ. ދެންމިވެރިން ކަންތައް ކުރިގޮތަކީ ރަސްގެފާނު އަރިހުގައި ތިއްބަވައިގެން އެކަކު އަނެކަކަށް ''ބަލަމިހާރަކަށް އައިސް ބީރުބޮލުވަޒީރު އާ ގޮތަކަށް އެބައުޅެއެވެ. ކަލޭމެންނަށް އެބަ އެނގޭތަ ؟ އަނެކާ ''އާނ މަށަށްވެސް ތިޔަހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.'' އަނެއް މީހާ '' ކަލޭމެންނަށް މަހެއްކަމެއް ކާށްޓެއްކަމެއް އެބަ އެނގޭތަ ބީރުބޮލުވަޒީރު މިހާރު އ ެއުޅެނީ ރަސްގެފާނު ޤަތުލުކޮށްފައި ރަސްކަން އަމިއްލަކުރާށޯ! އަނެކަކު ''އާނ އެހެންވެސް ވެދާނެ ރަސްގެފާނު ބީރުބޮލުވަޒީރަށް އެކުރަނީ މާބޮޑު އިތުބާރެއްވިޔަ ! އެހެންވީމާ ހެޔޮކަމެއް ކޮށްދިން މީހަކަށް ތެޔޮހަމެއް ދޮގެއްތޯ '' މިކަހަލަ ފާޑުފާޑު އަޑުތައް ރަސްގެފާނުގެ ކަންފަތްޕުޅަށް އަރުވަނީއެވެ. ރަސްގެފާނުގެ ކަންފަތްޕުޅަށް ނުސީދާ ގޮތެއްގައި މި އިވޭ އަޑުތަކުގެ ތެރެއަށް ވެދެވަޑައި ގަތުމަށް ރަސްގެފާނަށް މަޖުބޫރު ކުރުވައިފިއެވެ. ދެންރަސްގެފާނާ ވަޒީރުންގެ ރޭވުމަކަށްވީ ބީރުބޮލުވަޒީރު ޤަތުލުކުރާނޭ ކުށެއްމަތިކުރާނޭގޮތެކެވެ. އެންމެފަހުން ނިމުނީ ބީރުބޮލުވަޒީރު ލައްވާ ތިންދޮގު ހެއްދުމަށެވެ. ތިން ދޮގު ނުހެދިއްޖެނަމަ ބީރުބޮލުވަޒީރު ޤަތުލުކުރުމަށެވެ. ދެންރަސްގެފާނު ބީރުބޮލުވަޒީރަށް ތިންދޮގު ހެދުމަށް އަންގަވައި ތިންދިގު ނުހެދިއްޖެނަމަ ޤަތުލު ކުރެވޭނެކަން އަންގަވައިފި އެވެ. އަދި ތިންދޮގު ހަދަންވާނީ ތިން ދުވަހު ދަރުބާރުގެ ވަޤުތުގައި އެންމެންގެ ކުރިމަތީގައި ކަމުގައިވެސް އަންގަވައިފި އެވެ. ބީރުބޮލުވަޒީރުގެ ތިންދޮގު ރަސްގެފާނު ބީރުބޮލުވަޒީރަށް ތިންދޮގު ހެދުމަށް އެންގެވުމުން އަނެއްދުވަހު ބީރުބޮލުވަޒީރު ދަރުބާރަށް ވަޑައިގަތުން ތަންކޮޅެއް ލަސްވެއްޖެއެވެ. ދެން އެންމެން އެންމެންނަށް މި އަދު ބީރުބޮލުވަޒީރު އެހާލަސް އެވަނީ ބީރުބޮލުވަޒީރަށް ހަދާނޭ ދޮގެއް ނޭނގިގެން ކަމަށް ވާހަކަދެކެވެން ފަށައިފިއެވެ. މިވާހަކަ މިހެންދެކެވެނިކޮށް ބީރުބޮލުވަޒީރު ވަޑައިގެންފި އެވެ. ރަސްގެފާނު ވިދާޅުބަސްފުޅު އިއްވިއެވެ. ބީރުބޮލުވަޒީރުގެ ފުރަތަމަ ދޮގުހަދާށެވެ. ބީރުބޮލުވަޒީރު ދެންނެވިއެވެ. ދޮގަކަށް ވާނޭކަމެއް ނޭނގެއެވެ. މި ދަންނަވަނީ ރޭފަތިހު އަޅުގަނޑު ލޮލުންދެކި އަތުންހިފި ކަމެއްގެވާހަކަ އެވެ. އަޅުގަނޑު ކޮންމެ ރެއަކު ފަތިހު ވެސް ރަސްގެފާނަށް ފަތިސްނަމާދުފުޅަށް ދަންނަވާން އަންނަކަން ރަސްގެފާނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. ރޭގައި އަޅުގަނޑު ފަތިސްނަމާދުފުޅަށް ދަންނަވާން އައި އިރު ދޮރާށީ ދާލާގައި ރަޖާގަނޑެއް ލައިގެން ކުކުރަ ކުކުރާ ގޮލަޔަކު އޮތީމާ ބުނެފީމެވެ. މިއޮތީ ކޮންގޮލައެއްހޭ؟ މިހެންކިޔާ ކޮއްޓައިލިއިރު ދާލާގައި ރަޖާގަނޑެއް ލައިގެން ކުކުރަކުކުރާ މިއޮތީ އުޑުގައި އޮންނަ ބޮޑުގުގުރިއެވެ. އަދި ބޮޑުގުގުރި ބުނެފި އެވެ. ބީރުބޮލާއެވެ. މަށަށް އުނދަގޫ ނުކުރާށެވެ. މަމިއޮތީ އުޑުގައި ފިނިބާރުކަމުން ހީކަރުވާތީ ނިދައިލަން ވެގެންނެވެ. ''މިބީރުބޮލާއިހެދި މިތާކުވެސް ނޯވެވޭނޭ ''ބުނެފާ ޕަޓަ ޕަޓަ އަޅާފަި މައްޗަށް އަރައިގެން ހިނގައްޖެއެވެ. ރަސްގެފާނާ ދަރުބާރުގައި އެ ވަގުތު ތިބިހައި ބަޔަކު ބުނެފޫ އެވެ. ބީރުބޮލާއެވެ. ތިޔައީ ހަމަބުހުތާން ދޮގެކެވެ. ބީރުބޯ ދެންނެވިއެވެ. ތިޔަހެންވިއްޔާ އެއްދޮގު ހެދުނީ އެވެ. ދެން ދެދޮގު ހެދީމައި ތިންދޮގު ހަމަވާނެ އެވެ. ދެން ޖެހިގެންއައިދުވަހު ދެވަނަ ދޮގުހެދުމަށް ބީރުބޮލުވަޒީރަށް އެންގެވުމުން ދެންނެވިއެވެ. ދޮގަކަށް ވާނެކަމެއް ނޭގެއެވެ. މިއީހަމަ ރޭގައި އަޅުގަނޑާއި ދިމާވި ކަމެއްގެ ވާހަކައެވެ. އަޅުގަނޑު ރޭ ފަތިސް ނަމާދަށް ދާން ތެދުވިތަނާ ބަނޑުކައްކައިގެންފައި ވަރަށް ބޮޑަށް އަތިރިއަކަށް ދާންޖެހިއްޖެއެވެ. އަޅުގަނޑުމެން ގޭދޮށުން ގޮނޑުދޮށަށް ދެވޭން އޮންނަ އެންމެ ގާތްގޮތަކީ ބޯޅަދަނޑު މެދުން ދިޔުމެވެ. ބޯޅަދަނޑާހަމައަށް ދެވުނުއިރު އެތާގައި އުޑުގައި އުޅޭމީހުންގެތެރެއިން ބަޔަކު އެބަތިއްބެވެ. އަޅުގަނޑަށް އެތަނަށް ދެވުމުން އަޅުގަނޑު ގައިގައި އޮޅުލައިގެންފައި ބުނެފިއެވެ. އުޑުފަޅައިގެންގޮސް އަހަރުމެން މިތަނަށް ވެރުނީއެވެ. އަހަރުމެން އަވަހަށް އުޑަށް އަރުވައިދޭށެވެ. އެކަން ކުރެވޭނީވެސް ބީރުބޮލަށެވެ. ދެން އެކެއް ދޭއް ކިޔަމުން އެ އެންމެން އުޑަށް އަޅާލާފައި އުޑުފަހާނެ އެއްޗެއް ހޯދައިލިއިރު ފުނޑާދައެއްގެ ފޯލެއް ފެނިއްޖެއެވެ. ދެން އެފޯލަށް އިނގިލި ކޮއްޕާލާފައި ރޮދިލައްވާނެ ފަގައެއް ހަދައިލައި ، ބޮލުން އިސްތައްޓެއް ލައްވާ އުޑުން ފެޅުނުތަން ފަހައިލައިފައި މިސްކިތް ދޮށަށް ދެވުނުއިރު މީހުން ފަތިސްނަމާދުކޮށްގެން ފައިބަނީއެވެ. ބީރުބޮލުގެ އެވާހަކަ ހުއްޓުމުން ރަސްގެފާނާ އެވަގުތު ދަރުބާރުގައި ތިބި އެންމެން ބުނެފިއެވެ. ތިޔައީ މަރު ދޮގެކެވެ. ތިޔަހަރީއަކީ ވާނެ ކަންތައްތަކެއް ނޫނެވެ. ބީރުބޯ ދެންނެވިއެވެ. ތިޔަހެންވިއްޔާ އަޅުގަނޑަށް ދެދޮގު ހެދުނީއެވެ. ދެން އެއްދޮގު ހެދުމުން ތިންދޮގު ހަމަވާނެއެވެ. ދެން ރަސްގެފާނު މިއަދުގެ ބާކީ އޮތްބައި ބީރުބޮލުވަޒީރަށް ޗުއްޓީ ދެއްވާ ގެއަށް ފޮނުވައިލައްވައިފިއެވެ. އެއަށްފަހު މިއަދުގެ ޖަލްސާގައި ދެންއޮތީ ބީރުބޮލަށް ތިން ދޮގު ހަމަނުވާނެ ގޮތަކާއިމެދު ގޮތްކިޔުމެވެ. ގިނަ މީހުންނަށް ފެނުނީ ބީރުބޮލު ކޮންމެވާހަކައެއް ބުނިނަމަވެސް ރަސްގެފާނު ތިޔައީ ތެދެކޭ ވިދާޅުވުމެވެ. އޭރުން ބީރުބޮލު ޤަތުލުކުރުމުގެ އުޒުރު ފުރިހަމަވީއެވެ. ރަސްގެފާނު ވިދާޅުވި އެވެ. ތިޔަހެން ބުނެގެން އަހަރެމެން އެންމެން ހަލާކުވާކަހަލަ މަކަރުވެރި ރޭވުމެއް ބީރުބޮލުގެ ސިކުނޑިން ރާވާލައިފާނެއެވެ. ރަސްގެފާނު މިހެން ވިދާޅުވުމުން އެ މަޖިލިސްގައި ތިއްބެވި ބުއްދިވެރިން ދެންނެވިއެވެ. އޭނާކޮންމެއެއްޗެއް ދެންނެވިނަމަވެސް ރަސްގެފާނު ތިޔައީ ތެދެކޭ ވިދާޅުވުމުން އަހަރުމެން އެންމެން އެބަސްފުޅަށް ތާއީދު ކުރާނަމެވެ. އޭރުން އޭނާގެ ސިކުނޑި ބޮޑުކަމަކުން ވާނޭކަމެއް ނޯންނާނެއެވެ. ދެން އޭނާ ޤަތުލުކުރެއްވުމުން އެކަން އެ ނިމުނީ އެވެ. ރަސްގެފާނު ވިދާޅުވިއެވެ. "އެނގިދާނެތާއެވެ. ތިޔަހެންވާނެއޭ ހާދަހީނުވެއެވެ. '' އަނެއްދުވަހު ބީރުބޮލުވަޒީރު ދަރުބާރަށް ވަޑައިގަތުމުން ''ކޮބާ ކޮބާ މިއަދު ބީރުބޮލު ހަދަން އޮތްދޮގަކީ ކޮބައި؟ މިއަދު ހާދަހީނުވެއޭ.... ރަސްގެފާނު ވިދާޅުވިއެވެ. ބީރުބޮލު މި އަދަށް ހެދިދޮގު ބުނާށެވެ. ބީރުބޮލުވަޒީރު ދެންނެވިއެވެ. ތިޔައެންމެބޭޅުން ޤަބޫލުފުޅު ނުކުރެއްވިޔަސް އަޅުގަނޑު މިދަންނަވަނީ މީހަކުބުނި ޔޯލަވާހަކައެއް ނޫނެވެ. ހަމަ އަޅުގަނޑުގެ ލޮލުން ދެކެ އަތުން ހިފައިފައިވާ ކަމެކެވެ. އަޅުގަނޑުގެ ޢުމުރުން ފަސް އަހަރު ވީތަނާ އަޅުގަނޑުގެ މަންމަ ނިޔާވެއްޖެއެވެ. އެކަމަކު އަޅުގަނޑުގެ ހިތުގައި މަންމަގެ ސޫރަ އާއި އެންމެހައި ވައްޓަފާޅި ހަނދާން ހުރެއެވެ. އިއްޔެ މަނިކުފާނުން އަޅުގަނޑަށް ޗުއްޓިއެއް ދެއްވީމައި ގެއަށް ދިޔައިރު އަޅުގަނޑުގެ މަންމަ ބަދިގޭގައި ކޮންމެވެސްް އެއްޗެއް ކައްކާން އުޅުއްވައެެވެ. އަޅުގަނޑު މަންމައަށް ނަންގެންފީމެވެ. މަންމަ ކޮންއެއްޗެއް ކައްކަވަނީތޯއެވެ؟ މަންމަ ބުނުއްވިއެވެ. ދަރިފުޅު ރަސްގެފާނު އަރިހުން އަންނަންވާއިރަށް ރަނގަޅު އެއްޗެއް ކެއްކޭތޯ އުޅެނީއެވެ. އެކަމަކު މިއަދަކު މަސްކޮޅެއް ނެތެވެ. އަޅުގަނޑު މަންމަގާތު ނަންގެންފީމެވެ. އަޅުގަނޑުގެ ބައްޕަ ކެޔޮޅުކަން ކުރައްވާ ވާހަކަ މަންމަ ބުނުއްވަމު ނޫންތޯއެވެ. ބައްޕަ ކެޔޮޅުކަން ކުރައްވަން ގެންގުޅުއްވި ސާމާނު ކޮބައިތޯއެވެ. މަންމަ ބުނުއްވިއެވެ. ގޭފިލާމަތީ ވަށްކާވައްޓަކަށް އަޅައި ބަދެފައި ހުންނާނެއެވެ. ދަރިފުޅަށް އެނގެންޏާ މަހެއް ބާނަން ދާށެވެ. ދެން އަޅުގަނޑު ގޭ ފިލާމައްޗަށް އަރައި އެވަށްކާވަށި މޮހައިލިއިރު އެވަށިގަނޑު ތެރޭގައި ދެކޮޅަށް ލާއަޅައި ބަންދުކޮއްފައިވާ އޮނުބަދައެއް އޮތެވެ. ހިތަށް އެރިއެވެ. މިއީ ކޮންމެވެސް އަގުހުރި އެއްޗަކަށް ވާނެއެވެ. ދެން އޮނުބަދައިގެ ކޮޅުގައި އަޅާފައިވާ ލާ ކަނޑައި ބެލިއިރު އެއޮނު ބަދައިގެ ތެރޭގައި އޮޅާލެވިފައިވާ ކަރުދާހެއް އޮތެވެ. އެކަރުދާހަކީ ރަސްގެފާނުންގެ ބައްޕާފުޅު އަޅުގަނޑުގެ ބައްޕައަށް ލިޔެދެއްވާފައިވާ ފަތެކެވެ. އެފަތުގައި ލިޔެފައިވެއެވެ. ކަލޭގެ ދަރިފުޅު ބީރުބޮލު ބޮޑުވާއިރު މިރަސްކަމުގެ ތަޚުތުގައި އިންނަވާނީ އަޅުގަނޑުގެ ދަރިފުޅެވެ. ބީރުބޮލު ބޮޑުވުމަށްފަހު މިރަސްކަމަކީ ބީރުބޮލުގެ ރަސްކަމެކެވެ. އޭރު ރަސްކަމުގައި އިންނަވާ އަޅުގަނޑުގެ ދަރިފުޅާ އެދަރިފުޅުގެ އަނބިދަރިންނަކީ ބީރުބޮލުގެ އަޅުންނެވެ. މިހާހިސާބަށް ދިޔުމުން ރަސްގެފާނު ހަޅޭފުޅުލައްވާފައި ވިދާޅުިއެވެ. ބީރުބޮލު އެހަދަނީ ހައްތާވެސް ދޮގެވެ. ބީރުބޮލު ދެންނެވިއެވެ. ތިހެންވީމައި އަޅުގަނޑަށް ތިންދޮގު ހެދުނީ ދޮގެއްތޯއެވެ. ރަސްގެފާނު ވިދާޅުވި އެވެ. ބީރުބޮލު ުނޫނީ މިތިބަ ހުރިހާ ވަޒީރުން ވަޒީރުކަމުން ވަކިކޮށްފީމެވެ. މިމީހުގެ ބަހަށް މަ މިއަދު ތިޔައީ ތެދެކޭބުނި ނަމަ ބީރުބޮލަށް ރަސްކަންލިބިފައި މަށާމަގޭ އަނބިދަރީން ބީރުބޮލުގެ އަޅުންނަށްވީހެވެ. މިމީހުންގައި މިހުންނަނީ ކާށީގެ ނާށިގަނޑުގައި ހުންނަކަހަލަ ލޮލަކާއި އަފުނޯސްކަށީގައި ހުންނަކަހަލަ ބޮލެކެވެ. ދެން ވަޒީރުން ހޮވައި އިންތިހާބުކުރާނީ ބީރުބޮލު ވަޒީރެވެ. ''ފޭހިލި ތިމާ އިލޮށިގަނޑު ޔޭގެދުނި ބިތު ހަތަރު ތެޅިތި މާގެ ލޮލާށޭ ހެރުނީ ތި'' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)
![]()
...
ލިޔުނީ މ, 2009-06-25 04:45:04
ފުނޑާދައެއްގެ ފޯލެއް ... ފޯލަށް ... މިއީ ކޮން ސަރަހައްދެއްގެ ބަހުރުވައެއްތޯ؟ އާންމު ބަހުރުވައިގައި ކިޔަނީ ފޮއި، ފޮއެއް، ފޮއަށް.
...
ލިޔުނީ އަބްދުލްމަޖީދު, 2009-06-25 08:55:23
ވަރަށް ކިޔާ ހިއްވާކަހަލަގޮތަކަށް އޮތް ލިޔުމެކެވެ. އެހެން ބޭފުޅަކު އެ ވިދާޅުވި ފަދައިން ފޯލެއްގެ ތަންކޮޅުގައި އަޅުގަނޑުވެސް އަޅައިގަތެވެ. ދުވަހަކުވެސް އަދި އަޑު އިވިފައި ނުވާ ބަހެއްވެސް ދިމާވިއެވެ. އެއީ ވަށްކަވާށި އެވެ. އާނއެކެވެ. އެނގޭ އެއްޗިއްސައްވުރެ ނޭނގޭ އެއްވެތި ގިނައެވެ.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމު , 2009-06-25 11:40:21
ފޯލާބެހޭ ގޮތުން މުޚްތާރު ޢަބްދުއްރަޙްމާނުގެ ބަހެއް ލިބޭތޯ އެބަ މަސައްކަތް ކުރަމެވެ. އެ ވަގުތަކުން ވަށްކާވަށީގެ މައްސަލަ ވެސް ހައްލު ވެގެންދާނެ ކަމަށް ވަރަށް އުންމީދު ކުރަމެވެ.
ފޯލާ ބެހޭގޮތުން އަޅުގަނޑު ވެސް އެއްޗެއް ދަންނަވާލާ ހިތް ވެއްޖެ އެވެ. ޚާއްޞަކޮށް ''މ'' ކުރައްވާފައި އޮތް ސުވާލާ ގުޅިގެންނެވެ. އަދި ޢަބުދުލް މަޖީދުގެ ފައިންޕުޅު ވެސް އެ ''ފޯލުން'' ސަލާމަތް ނުވި ކަމަށް ވިދާޅު ވެފައިވާތީއާއި، ހަމަ އެފަދައިން ފަންވަތުގައި މި ލިޔުން ޝާއިޢު ކުރުމަށްޓަކައި ލިޔުން ކިޔަމުން ދިޔަ އިރު، އަޅުގަނޑުގެ ލޮލަށް ވެސް، މި ''ފޯ'' ތަންކޮޅެއް ފަލަކޮށް ފެނިފައިވާތީ އެވެ. ކަން މިހެން އޮތަސް އަޅުގަނޑާއި، އަނެއް ދެބޭފުޅުންގެ ސަމާލުކަން ''ފޯލާ ދިމާޔަށް'' ހުއްޓުނު ގޮތުގައި ތަފާތެއް އެބަ ހުއްޓެވެ. މި ބަސް ފެނުމުން އަޅުގަނޑު ހިތަށް އެރި އެވެ. މިއީ އަޅުގަނޑުގެ އުފަން ރަށް ''ތޮއްޑޫ'' މީހުން މި ބަސް ބޭނުން ކުރާ ގޮތާ ހާދަ ގާތްކުރާ ގޮތެކެވެ. ތޮއްޑޫ މީހުންގެ ބަސްމަގުގައި ފުނޑާ ދައިގެ ފޮޔަށް ''ފޮއި'' މި ހެން ކިޔައެއް ނޫޅެ އެވެ. އޭގެ ބަދަލުގައި ކިޔައި އުޅެނީ ''ފޯ'' މި ހެންނެވެ. މި ތަނުގައި އަދި އެހެން ނުކުތާ އެއް ވެސް ދަންނަވައިލާނަ އެވެ. ތޮއްޑޫ މީހުންގެ ފައިމައްޗަށް ފުނޑާ ދައިގެ ފޮޔެއް ނުވެއްޓެ އެވެ. ވެއްޓެނީ ފުނޑާދާގެ ނުވަތަ ފުނޑާދަލުގެ ފޯލެވެ. ރަށުމީހުން ބޭނުންކުރާ ގޮތާ ގާތްކުރާ ގޮތެކޭ ހިތަށް ވަނީ ބަލިހަނދާނެއްގެ ތެރޭން ކަމަށްވި އެވެ. ކުށް ހަނދާން ބުނާ ގޮތުން ރަށުމީހުން ކިޔަނީ ފޯއެކެވެ. ފޯލެކޭ ނޫނެވެ. ނަމަ ވެސް ރަށުގެ އިސް ރަށްވެއްސަކަށް ގުޅާލުމުން އޭނާ ކަށަވަރުކޮށްދިން ގޮތަކީ މުޚުތާރު ލިޔުއްވާފައި އެވާގޮތެވެ. ތޮއްޑޫމީހުން ވެސް ކިޔަނީ ހަމަ އެގޮތަށްކަމަށްވި އެވެ. ތޮއްޑުވާ ގުޅުވައިގެން ފޯގެ އެހެން ނުކުތާ އެއްވެސް ފާހަގަ ކޮށްލާނަމެވެ. ހަނދުމަހުގެ ދުވަސްތައް ކިޔުމުގައި ''ފޮއި ދުވަސް'' މިހެން ކިޔައި އުޅޭ އެހެން ނޫންތޯ އެވެ. މި ސާލަކަށް އޭރު އެ ދަރިފުޅުގެ ޢުމުރުން ދެ މަހާއި ފޮއި ދުވަހޭ ބުނޭ ނޫންތޯ އެވެ. ފޮއިމައްޗަކީ، ހަނދު މަހުގެ 13، 14، 15 މި ދުވަސްވަރު ނޫންތޯ އެވެ. ތޮއްޑޫ މީހުންގެ ބަސްމަގުގައި ވެސް ފޮއި ދުވަސް ކިޔައެވެ. ފޯ ދުވަހެއް ނުކިޔަ އެވެ. ނަމަވެސް، ހަނދުމަހުގެ އިސްވެ ދެންނެވުނު ދެތިން ދުވަހަށް ފޮއިމަތި ކިޔުމުގެ ބަދަލުގައި ކިޔަނީ ފޯމައްޗެވެ. އަޅުގަނޑުމެން (ތޮއްޑޫ މީހުންގެ) ބަސްމަގުގައި ފޯގެ ދެން އޮތް މާނަ ގުޅެނީ މީރު ކާއެއްޗަކާ އެވެ. އެއީ ދޮންކަށިކޭލުން ހިލާ އެއްޗެކެވެ. އެ ތައްޔާރު ކުރުމަށް ކިޔަނީ ފޯ ހިލުމެވެ. މި ނަން ވެސް އެކަހެރި ކުރާއިރު ފޯލޭ ކިޔަ އެވެ. އެ ކަމަކު އާންމު ކޮށް ބުނެ އުޅޭނީ ފޯކޮޅެއް ކާލަން އަންނާށޭ މިހެންނެވެ. މިއީ އަޅުގަނޑަށް ވަރަށް މީރު އެއްޗެކެވެ. ދެން އިތުރަށް ތަފުޞީލު ލިޔެވޭނީ ފޯކޮޅެއް ކާން ލިބުނު ދުވަހަކުންނެވެ.
...
ލިޔުނީ ސަމީޢު, 2009-06-25 16:49:41
މިވާހަކަ ވިދާޅުވެލެއްވި ކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ. މ ގެނަމުގައި ސުވާލު ކުރެއްވި ބޭފުޅާއަށް ދަންނަވައިލަމެވެ. އަޅުގަނޑުމެން ރަށުގައި ފުނޑާދައިގެ ފޮއި އަށް ކިޔަނީ ފުނޑާދަލުގެ ފޯލެވެ. އަދި ދަންނަވަމެވެ. އަޅުގަނޑު އާދަމް ނަޞީރުގެ ކޮމެންޓް ކިޔާލުމަށްފަހު އިތުރު ހައިރާންކަމެއް ލިބުނެވެ. އަޅުގަނޑުމެން ރަށުގައިވެސް ފޮއިމަތި ކިޔުމުގެ ބަދަލުގައި ކިޔަނީ ފޯމައްޗެވެ.
އަބްދުލްމަޖީދުގެ ނަމުގައި ސުވާލުކުރެއްވި ބޭފުޅާ ތިކުރެއްވި ސުވާލު އަޅުގަނޑުވެސް މިވާހަކަ ޓައިޕް ކުރަމުން ދިޔައިރު އުފެދުނެވެ. އެހެންވީމާ ބައްޕައަށް ގުޅައިގެން އެކަން ސާފުކުރީމެވެ. ބައްޕަ ބުނުއްވީ އެއީ ކަނދިވަށި ހުންނަގޮތަށް ފަނުން ވިޔެފައި ހުންނަ އެއްޗެއްކަމަށެވެ. ނަމަވެސް ވަށްކާވަށި ވިޔާނީ ވަށްކޮން ކަމަށެވެ. ވަށްކާވަށީގައިވެސް ކަނދިވަށި ފަދައިން މަތިކިބަޔަކާއި ވަތުކިބައެއް އޮންނާނެއެވެ. ވަތުކިބަޔަކީ އެއްޗެހި އެޅުމަށް ބޭނުންކުރާބައެވެ. ބައްޕަ ބުނުއްވާގޮތުގައި ކުރީޒަމާނުގައި ވަށްކާވަށްޓަކީ އެންމެން ދަންނަ އެއްޗެކެވެ. މިހާރު އެބޭނުން ނުކުރާތީ ނުވަތަ ކުރަން ނުޖެހޭތީ ނޭގެނީ ކަމަށެވެ. އަދި ދަންނަވައިލަމެވެ. އަޅުގަޑުމެން ރަށަކީ ށ. މިލަންދު އެވެ .މިލަންދުއަކީ މީގެ 15 ވަރަކަށް އަހަރުކުރިން ފަޅުރަށެކެވެ. މިރަށުގައި މިހާރު ދިރުއުޅެމުންދާ މީހުންނަކީ ކުރީގައި ށ.މާކަނޑޫދޫގައި އުޅުނު މީހުންނެވެ. މިލަންދުވަށް ބަދަލުވާން ފެށީ މީގެ 10ވަރަކަށް އަހަރު ކުރިންނެވެ. ބަދަލުވުވުމަށް 5 ވަރަކަށް އަހަރު ހޭދަވެގެން ދިޔައެވެ. އާބާދީއަކީ ގާތްގަނޑަކަށް +2000މީހުންނެވެ
...
ލިޔުނީ ނަސީމް, 2009-06-30 06:33:15
އަޅުގަނޑުމެން އައްޑު އަތޮޅުގައި ވެސް ކިޔަނީ "ފޯލާ" މިހެންނެވެ. އެހެން ކަމުން ފޯލި ކިޔާ އެހެން ބަހުރުވާތައް ވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ދިވެހިބަހުގެ ލިޔާ ބަހުރުވައިގައި ބޭނުންނުކުރާ ގޮތަށް އެބަސް ބޭނުންކުރުމުން ބަހުގެ ގަވައިދުތަކާ ފުށުއަރައި ކިޔަންވާ ގޮތް މީހުންނަށް ނޭނގޭ ހިސާބަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ ބަހެއްގައި ވެސް ލިޔާ ބަހުރުވައެއް އޮންނައިރު ލިޔެކިޔުންތައް ހުންނަން ޖެހޭނީ އެބަހުރުވައިންނެވެ. ދެން އަޅުގަނޑަށް ފާހަގަ ކުރެވުނީ ތޮއްޑޫ އާއި އައްޑޫގައި ބައެއް ބަސް ބޭނުން ކުރާ ގޮތް އެއްގޮތް ކަމެވެ. މި ގޮތުން އެހެން ހިސާބުތަކުގެ މީހުން ކުރުމަސް ކިޔާ މަހަށް އައްޑޫ ގައި ވެސް ތޮއްޑޫގައި ވެސް ކިޔަނީ ދިގުމަހެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|