ފަންވަތް ދިވެހި ވާހަކަ ފަޅުރަށަކުން ދިމާވި ބިރެއް
ބެލި ޢަދަދު: 2000
ފަޅުރަށަކުން ދިމާވި ބިރެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
30 ޖޫން 2009، 12:06 އަންގާރަ


ޢަބްދުﷲ ޞާދިޤު (2006)

މަޖީދިއްޔާއިން ޗުއްޓީ ލިބުމާއެކު އަހަރެން ހުރީ ޗުއްޓީގައި އަހަރެންގެ ރަށަށް ގޮހެވެ. ކިޔެވުން ފެށެންދެން ރަށުގައި ހުރެވޭނެއެވެ. މިހުރި ހުރުމުގައި ނާލާފުށީ ކަތީބު ޢަލީ އިބްރާހިމް އަހަންނަށް ދަޢުވަތެއް ދެއްވައިފިއެވެ. އޭނާ ދަޢުވަތުދެއްވިއިރު ތަފުޞީލުކޮށް ބުނުއްވާފައިވެއެވެ. ހުންނާނީ ކުކުޅުކަން، ހަނދާންބަހައްޓާށެވެ.



ނާލާފުށްޓަކީ، މުއްޔާއި އެއްފަޅު ތެރޭގައި ވަރަށްގާތުގައި އޮންނަ ރަށެކެވެ. މުއްޔާ ނާލާފުށްޓާ ދެމެދުގައި މާޅޫވެއްޔޭ، ކިޔާ ކުޑަ ކުޑަ ފަޅު ރަށެއް އޮވެއެވެ. މުލިން ފެށިގެން ދެކުނަށް ދަމާލެވިފައި އޮންނަ ދިގު ފަޅަކީ، ވަރަށް ހިތްގައިމު ފަޅެކެވެ. އެފަޅު އެ ދިޔަގޮތަށް ގޮސް ކޮޅު ފުށި ވާރެޔާފުށްޓާއި ހަމަޔަށްވެސް ދަމާލެވިފައިވެ އެވެ.  އެއީ ގާތްގަނޑަކަށް ދިހަބާރަ މޭލަށްވުރެ ވެސް ދިގު ފަޅެކެވެ.

ދިޔަވަރު ހިކިފައި އޮންނައިރު، އިރުމަތީ ފަރާތުން ހިނގާލާފައި މުލީން، ނާލާފުށްޓަށް ދެވޭން އޮވެއެވެ. އަދި އެއަށްވުރެ ދުރަށްވެސް ދެވޭން އޮވެއެވެ. ދިޔަވަރު ހިކިފައި އޮންނަ އިރު ކުރީން މިދެންނެވި ރީތިފަޅުގެ ތިލަ ހިސާބު ފެންނާނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. އަތޮޅުގައި ވާހަކަދައްކާ ޢިބާރާތުންނަމަ އޮންނާނީ، މުޅިން ދިޔަވަރު ހިކި ބިންނެގިފައެވެ. ދުރު ދުރަށް ދަންދެން ފެންނާނީ، ހިކިފައި އޮންނަ ދޮންވެލިގަނޑެވެ. ދޭތެރެ ދޭތެރެއިން ހަމަ ބިމަށްވުރެ ބޮޑަށް އުފުލިފައި އޮންނާތޯ ފެންނާނީ، ކުދި ބޮޑު ފިނޮޅުތަކެވެ. ދެފިނޮޅު ދޭތެރެއަށް އަޑިވެފައި އޮންނަ ދިމަދިމާގައި ހިސާބަކަށް ފެންކޮޅުކޮޅު ހުރެއެވެ. އެތަންތާގައި ކުލަކުލައިގެ މަސްތައްއުޅެއެވެ. މި ހިކިފައި އޮންނަ ހިސާބު ގޮސް ގުޅިފައި އޮންނާނީ، ރީތި ފުންވިލަކާއެވެ.

ކޮންމެއަކަސް ޢަލީ އިބްރާހީމް ކަތީބު ދެއްވި ދަޢުވަތަކަށް އަހަރެމެން ދާން ގަސްތުކުރީ ހުޅަނގު ފަރާތުންނެވެ. އިރުމަތީ ފަރާތު ތިލަފަޅުމަތިން ކަނދުފަތީގައެވެ. އޭރުން މާ މަޖާވާނެތީއެވެ. އަހަރެންނާއެކު އަހަރެންގެ ކޮއްކޮ ޢަބްދުލްޢަޒީޒު ވެސް ދިޔައެވެ.

އަހަރެމެން ނާލާފުށްޓަށްގޮސް ވަރަށް މަޖާކޮށް ކައިހަދައިފީމެވެ. ދެން ރަށުތެރެ ބަލައިލަން ހިނގާލައި ހަދައިލުމަށްފަހު ސައިބޮއިގެން ފުރަން އުޅެގެންފީމެވެ. އެވަގުތު ކަތީބު ބުނުއްވި އެވެ. އެހާ އަވަހަކަށް ނުދެވޭނެއެވެ. ދެވޭނީ އިރުއޮއްސުނީމައެވެ. ދެން އަހަރެމެން ޖެހުނީ މަޑުކޮށްލައިގެން ތިބޭށެވެ.

ދެން އެރޭ ބަތްކައިހަދައިގެން އިޝާނަމާދުން ދަންވިފަހުން އެރަށުން ފުރުމުގެ ކަންތައް ހަމަޖެހިއްޖެއެވެ. މި ފަހަރުވެސް ދާން ގަސްތުކުރީ ކަނދުފަތީގައެވެ. ދެވޭންއޮތީ ބައިބަޔަށެވެ. ފުރަތަމަ ބުރުގައި އަޅުގަނޑާއި ޢަބްދުލްޢަޒީޒު ކޮއްކޮ ބައިވެރިވީމެވެ.

މިލަ ހަނދުވަރެއްދޭ ރެއެކެވެ. ކަނދުފަތި ކަނބާ ދެމީހުން އަހަރެމެން ގޮވައިގެން ފުރައިފިއެވެ. އެމީހުން ކަނބަމުން ގެންދަނީ، ރީތި ރައިވަރުތައް ކިޔަމުންނެވެ. ތަންކޮޅަކާއި ހަމަޔަށް ދެވުނިއިރު މާޅުވެއްޔާއި އަރާ ހަމަވެއްޖެއެވެ. ދެން އެމީހުން ބުނެފިއެވެ. "މާބުއްދި ވެރި ގޮތެއް އެބައޮތެވެ. ފުރަތަމަ ކަލޭމެން ދެބެން މާޅޫވެއްޔަށް ފައިބާށެވެ. ދެން އަނެއް ދެމީހުން މުއްޔަށް ލާފައި އަހަރެމެން ކަލޭމެން ދެމީހުން ބަލައި އަންނާނަމެވެ." މިހެން ބުނެފައި ކަނދުފަތި މާޅުވެއްޔާއި ކައިރިކޮށްލުމުން އަހަރެމެން ދެބެއިން އެރަށަށް ފުންމާލައިފީމެވެ.

ރަށަކީ، ވަރަށް ހަނިހަނި ކުޑަކުޑަ ރަށެކެވެ. ނަމަވެސް ރީތި ގޮނޑުދޮށެކެވެ. ރީތި ފަޅެކެވެ. އަހަރެމެން އެ ރަށަށް ފައިބައިގެން ގޮނޑުދޮށުން ހިނގަމުން ދިޔައީމެވެ. ގޮސް އުތުރަށް އޮންނަ ރީތި ތުނޑީގައި މަޑުކޮށްލައިފީމެވެ. ދިޔަވަރު އޮތީ ފޫދެން ޖަހާފައެވެ. އެއް އިރުކޮޅުން އަނެއް އިރުކޮޅަށް ގޮނޑުދޮށަށް ޖަހާ ރާޅުގެ އަޑު ގަދަވަމުން ދެއެވެ. ވައިވެސް ހެޔޮވަރަކަށް ޖެހެއެވެ.

އަހަރެންވސް ދަންނަހާވެސް ވަރަކީ މިއީ ކުޑަކުޑަ ރީތި ފަޅުރަށެއް ކަމެވެ. ތެދެއްމެއެވެ. ރަށުތެރޭގައި ހެދިފައި ހުރި ބޯކެޔޮ ގަސްތަކުގެ ތެރެއިންނާއި އަދި އެނޫންވެސް ފަތްބޯ ގަސްތަކުގެ ތެރެއިން ފަޅުކަން އޭގެ އިންތިހާއަށް ދައްކައެވެ. އަދި ދޭތެރެ ދޭތެރެއިން އުނި ގަސްގަހާއި އަރާހަމަވެވުމުން އެދުވައިގަންނަ މީރުވަހުގައިވެސް ހުންނަނީ، ވަރަށް އެހެން ކަހަލަ އަސަރެކެވެ.

ޖެހޭ ރީތިވައިގާ އަހަރެމެން ދެބޭން ފިނިކޮށްލަން ތުނޑީމަތީގައި އިށީންދެލައިގެން ތިބީމުއެވެ. އަހަރެމެން ތިބީ އިރުމަތީ ފަރާތުގެ (ފުއްޓަރު ފަރާތުގެ) ފަޅުތެރެއަށް ބަލަހައްޓައިގެންނެވެ. ގޮނޑުދޮށާއި ދިމާއަށް ލެނބިލާފައި އޮތް ރުކެއްގެ ހިޔަނި އެފަނޑު ހަނދުވަރުގެ ތެރެއިން މޫދުން ފެންނާން އޮތެވެ.

ކުއްލިއަކަށް އެދިމާ ފަޅުތެރެއިން އެއްޗެއް އުފުލިލައިފިއެވެ. މޫދުގެ ލެވެލަށްވުރެ ކުރުމުށެއްހާތަން މައްޗަށް ހުއްޓެވެ. މިހެން ހުރެގެން ގޮނޑުދޮށާއި ދިމާއަށް އެބަހަރަ އާދެއެވެ. މި އެއްޗެއް ފެނުނު ކުއްލިގޮތުން އަހަރެމެންވެސް ކުއްލިއަކަށް ސިހުނެވެ. އެކަކު އަނެކަކަށް ބަލައިލެވުނެވެ. ނަމަވެސް އަނގަޔަކުން ނުބުނެވުނެވެ. އަހަންނަށް ޚިޔާލުކުރެވުނީ މިޔަރެއްގެ އުރަހަ ކަމަށެވެ. ނަމަވެސް މިޔަރެއްގެ އުރަހަ އެހާ ދިގު ވާނެބާއެވެ! ދެންހަމަ ކުއްލިއަކަށް އެއްޗެއް އެފެނުނު ދިމާއިން ލޮނުގަނޑު ތެރެއަށް އަޑިއަށް ހިނގައްޖެއެވެ. ހީވީ ކުއްލިއަކަށް އެދިމާއަށް ކުރުވެގެން ދިޔަހެންނެވެ. އެންމެ ހައިރާންވީކަމަކީ މޫދުތެރެއަށް ދިޔުމާއި ގުޅޭގޮތުން ލޮނުގަނޑުގައި އެއްވެސް ކަހަލަ ބާންޏެއް ހެލުމެއް އަދި އަޑެއްވިޔަސް ނެތްކަމެވެ. އެއާއެކު އަހަރެންގެ ހިތްހީވީ ކުރުގެޅިގެން ދިޔަހެންނެވެ. ހަށިގަނޑުގެ ހުރިހައި ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ވީގޮތެއްވެސް ނޭންގުނެވެ. މުޅި ބޯހީވީ އައްސިވީހެންނެވެ. މިހެނީ އެއީ ހިތަށްވެސް ނުވެއްދޭ ބާވަތުގެ ސޫރައެކެވެ. ދެ ބޭންމެ، ބަސްހުއްޓިފައި ތިއްބާ އަނެއްކާވެސް ހަމއެދިމާއިން އެއްޗެއް އެބަދައްކާލިއެވެ. މިފަހަރު ފެނުން މައްޗަށް ދެތިން ހަތަރުފޫޓު ހިއްކައިލައިފިއެވެ. މަޑުމަޑުން އެއްގަމާއި ދިމާއަށްވެސް އަންނަން ފަށައިފިއެވެ. އަޅުގަނޑުގެ ހިތަށް ބާވަތް ބާވަތުގެ ޚިޔާލުތައް ވަންނަން ފަށައިފިއެވެ. ކުޑައިރު އިވިފައި ހުރި ފުރޭތައިގެ ވާހަކަތައް ހަނދާންވީ ހިނދު ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. މިތިބީ އަހަރެމެން ދެބޭން އެކަންޏެވެ. އެއަންނަ ގޮތަށް އައިސް ކައިވެސް ފާނެއެވެ.... އެހެންނެއް ނުވެވޭނެއެވެ. އެތިގަނޑަކުން ޖަހާނިއެވެ. ދެބޭންވެގެން ހަމަލާދޭނީއެވެ. ހަމަ އެހެން އައިސް އަހަރެމެން ކަންތައް ނިންމާލިއަކަނުދޭނަމެވެ. އެކަމަކު ޖަހާނީވެސް ކޮންއެއްޗަކުން ހެއްޔެވެ. އެހިސާބުގަނޑުގައި ފަންތޮށިގަނޑެއްހާ ހިސާބުވެސް ނެތެވެ. އަތްމައްޗަށް ހެޔޮވަރު ގާގަނޑެއްހާ ހިސާބުވެސް ނެތެވެ. ބޮޑުވަރަކަށް އޮތީ އަކިރިކޮޅެކެވެ. ޢަބްދުލްޢަޒީޒު ކޮއްކޮވެސް އިނީ ދެލޯބޮޑުވެފައެވެ. އެއްގަމާ ދިމާއަށް އަންނަ އިރު ބަކަތެޅުމެއް ނެތެވެ. މޫދުގައި ކުދިކުދި ބާނި ހެދޭގޮތެއްވެސް ނެތެވެ. ދެންވާނީ ކިހިނެއްބާއެވެ؟

އަޖާއިބެކެވެ. އެކަކަށްވެސް އަނގަޔަކުން ނުބުނެވުނެވެ. އެދިމާއަށް ބަލަހައްޓައިގެން ތިބީއެވެ. އިރުކޮޅަކުން އެބަ ތިރިވެއެވެ. އަޑިޔަށް ދެއެވެ. ހަމަ އަޑިޔަށް ދިޔަގޮތަށް ގެއްލިއްޖެއެވެ. އޭރު ގޮނޑު ދޮށާއި ވަރަށް ކައިރިވީހެންހީވެއެވެ. އެހިސާބުން ގެއްލުނީމާ އަދި ގަތްބިރު މާބޮޑެވެ. ދެން އަންނާނެ ދިމާއެއް ހުންނާނެ ސިފައެއް ނޭނގެއެވެ. ވަށައިގެން ހޯދަ ހޯދާފައި ދެބޭން މޫދާ ދިމާއަށް ހިނގައިގަތީމެވެ. އެހިސާބުން އޭގެ އަސަރެއް ފެނޭތޯއެވެ. ފިސާރިތެދެކެވެ. ހިލަމެއް ބިލަމެއްވެސް ނުވެއެވެ. ފެނުގެ ތެރޭގައި ވައްތަރެއްގެ ސޫރައެއްގެ އެއްޗެއްވސް ފެންނާކަށް ނެތެވެ.

ވީ ހައިރާނެއްގެ ބޮޑުކަމަކުން އަނގަ ހުޅުވިފައި ތިއްބާ ކަނދުފަތި އަންނަ އަޑު އިވިއްޖެއެވެ. އޭނާ ކަނބަމުން ރައިވަރު ކިޔަމުން އެބައާދެއެވެ. އޭނާ ގަންނަންވީ ކޮންބިރެއްހެއްޔެވެ؟ ބިރަކާ ދިމާވީ އަހަރެމެންގެ ދެބޭންނާ ވިއްޔާއެވެ. އޭރު ކަނދުފަތި ގޮނޑުދޮށަށް ބީއްސައިލައިފާ އަރާން ބުނެފިއެވެ. އަހަރެމެން އަރައިފީމެވެ. ކަނބަން ފަށައިފައި އޭނާ އަހައިލިއެވެ. ތިޔަތިބީ ކީއްވެފާ ހެއްޔެވެ؟ ވާހަކަނުދައްކަނީ ކީއްވެ ހެއްޔެވެ؟

ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް އަހަރެމެން ކުރެ އެކަކުވެސް ޖަވާބެއް ނުދެމެވެ. ފަނޑު ހަނދުވަރުގެ ތެރޭން އޭނާއަށް އަހަރެމެންގެ ދެބޭންގެ މޫނަށް އައިސްފައިވާ ބަދަލެއް ނޭނގޭނެއެވެ.

ކަނބަމުން ކަނބަމުން ގެންދެއެވެ. އެއްކަލަ އެއްޗެއް މިތާކު ނެތްބާވައޭ، ހީކޮށް ބެލެނީ މޫދުތެރެއަށެވެ. އެކަމަކު ހަމަ އެކައްޗެއްވެސް ނުފެނެއެވެ. އަހަރުމެން ވާހަކަނުދައްކާތީ އޭނާވެސް ވާހަކަދެއްކުން ހުއްޓާލިއެވެ. އޭނާގެ ހިތަށްވެސް ކޮންމެވެސް ކަހަލަ ބިރެއް އިޙުސާސްވީ ތޯއްޗެކެވެ.

ކަނދުފަތިގޮސް މުލީ ގޮނޑުދޮށަށް ބީއްސާލުމާއެކު އަހަރެމެންނަށް އަވަހަށް ފުންމާލެވިއްޖެއެވެ. އޭރު އެތާނގައި އެހެންމީހުންވެސް އަހަރެމެންގެ އިންތިޒާރުގައި ތިއްބެވެ. އަވަހަށް އެމީހުންނާއެކު އެއްގަމަށް ދާން ހިނގައިގެންފީމެވެ. މުލީގެ ދެކުނުކޮޅު ތުނޑީ މީހުން އުޅޭ ހިސާބަށް ދެވެންދެން އޮންނާނީ ވަރަށް އަނދިރިކޮށް ވާބޯކޮށެވެ. އެހެންކަމުން އޭރުވެސް އަޅުގަނޑުމެން ތިބީ އަނގައިން ނުބުނެއެވެ. އަޅުގަނޑުމެން ދެބެއިން ހަމަހިމޭނުން މިތިބީ ވާ ފަޅާލާފައި މިތަނަށް އަނެއްކާ އެއްޗެއް ނުނިކުންނާނެ ބާވައޭ ހިތަށް އަރާފައެވެ. އެމީހުން ވާހަކަދައްކާ ދައްކާ އަހަރެމެން އެކަމާ އަޅާނުލީމާ އެމީހުންވެސް ވާހަކަދެއްކުން ހުއްޓާލައިފިއެވެ. ފަހަނައަޅައި ރަށްދެބައިމަގޭ ކިޔާ ހިސާބަށް ދެވުމާއެކު އަހަރެމެންދެބޭންގެ "އަނގަފަޅައިފި"އެވެ. ދެން ވާހަކަދައްކާން ފަށައިފީމެވެ. އެއްކަލަ ވާހަކަތައް ކިޔައިދީފީމެވެ. އެމީހުން ބުންޏެވެ. ތިޔައީ ވަރަށް ނާމާން ރަށެކެވެ. ދަތުރުމަތީ މަރުވާ ބައެއްމީހުން ވަޅުލަނީވެސް އެރަށުގައެވެ. އަދި އެރަށުން ގިރަމުންދާ ބައެއް ހިސާބުން މީސްމީހުންގެ ބޮލުގެ ނާށިގަނޑާ ކަށިތައްވެސް ފެންނާން ހުންނާނެވެ. ކަލޭމެން މާބޮޑަށް ބިރުގެންފާނެތީ އެވާހަކަ ބުނަން ނުކެރުނީއެވެ.

ގެއަށް އައިސް ހަމަޖެހިލައިގެން އިނދެ އަހަރެމެން ވިސްނާލީމެވެ. ފަހެ އެއީ މިއަރު އުރަހައެއް ބާވައެވެ. ހަމަގައިމުވެސް އުރަހައެއް އެހައިނުވާނެއެވެ. ފެނު މައްޗަށް އެހާތަނެއް ހިކިފަޔެއް ނުހުންނާނެއެވެ. އޮޔާދިޔަ އެއްޗެއް ބާވައެވެ. އެހެންވިއްޔާ އެޔާ، އެހައި ކައިރިއަށް ގޮސްބެލިއިރު ފެންނަން އޮންނާނެތާއެވެ. އަދިވެސް ހިތަށް އަރައެވެ. ފަހެ އެއީ ސީލެއް ބާވައެވެ. އެހެންކަމަށް ވަނީވިއްޔާ އޭތި ފެންގަނޑުގައި ކުރާ ހަރަކާތުން ފެންގަނޑަށް ބަކަތެޅުމެއް ހަރަކާތެއް އަންނަންވާނެތާއެވެ. ކޮންމެއަކަސް އެފެނުނު އެއްޗަކީ ކޮންއެއްޗެއްކަން މިއަދާ ހަމައަށްވެސް އިތީ ނޭނގިފައެވެ.

ނިމުނީ


ޢަބްދުﷲ ޞާދިޤު (2006).ފަތްތޫރަ (322).ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ axeema, 2009-09-05 10:19:24
very nice story

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 66 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 74
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 40
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 21
މުޙަންމަދު ޝާހިދު ޙަލީމް: 20
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1416823
free counters
ބެލި ޢަދަދު: 2000