މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ރަސްގެފާނުގެ އިނގިލިފުޅު |
|
|
| ދިވެހި - ވާހަކަ | |||
| 01 ޖުލައި 2009، 00:28 ބުދަ | |||
|
މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ ޒުވާން ރަސްކަލަކު އެރަސްގެފާނުގެ އަމީރުންނާއި ވަޒީރުންނާއި އެކު ވަރަށް މަޖާކަންތައް ކުރައްވަ އެވެ. އެއްދުވަހަކު ރަސްގެފާނު ވިދާޅުވެއްޖެއެވެ. ކޮންމެމީހަކުވެސް ތޫނު ފިޔޮއްސެއްގައި ހިފާށެވެ. ކޮންމެމީހަކު ވެސް އެމީހަކު އަތުން އަނބު މަށައިގެން ކާންވީއެވެ. ވަގުތު ހަމަވާއިރު އެންމެގިނައިން އަނބު މަށައިގެން ކެވުނުމީހަކަށް އިނާމެއް ލިބޭނެއެވެ. މި ވަގުތު މިތާގައި ނެތީ ހަމައެކަނި ބޮޑުވަޒީރެވެ. އެއީ ތަންކޮޅެއް މުސްކުޅި ބޭކަލެކެވެ. އެންމެން އަނބު މަށާ ކެއުމުގެކަންތަކުގައި މަޝްޣޫލު ވެއްޖެއެވެ. ވަރަށް ފޯރިގަދައެވެ. އެއްފަހަރަކު ރަސްގެފާނު ފިޔޮހިފުޅުން އަނބުގައިއަޅައި ބާރަށް ދަމައިގެންފި އެވެ. އޮ ހޯ މިފަހަރު ފިޔޮހިފުޅު އެޅުނީ އަނބެއްގައެއް ނޫނެވެ. ބޮޑުވައިއިނގިފުޅުގައެވެ. އިނގިލިފުޅު އޮތީ އެލިފައެވެ. ނުކެނޑި އޮތީ ހަންފަށެކެވެ. މި ދަނޑިވަޅުގައި ރަސްގެފާނަށް ހެޔޮއެދޭ މީހުންނަށް ވުމަށްޓަކައި ސަހަރޯވެރިވެގެން އުޅޭންފަށައިފިއެވެ. ރޯމީހުން ރޮނީއެވެ. ލޮލަށް ފިޔާދިޔަ އަރުވައިގެންނަމަ ވެސް ލޮލުން ކަރުނައެއް ވައްޓައިލެވޭތޯ އުޅޭމީހުން އެކަމައިގެން އެބައުޅެއެވެ. ކުޑަކުދިން ކިޔާވާހަކައިގައި ބުނާހެން ރެހި ރުކުން ވެއްޓުނު ދުވަހު ބޯދި ބޯދިނީއެވެ. ހޮނޑަލި ހޮޑުލީއެވެ. މުގުރާން ބޭސްމުގުރީއެވެ. ރެހި ރުކުން ވެއްޓުނު ދުވަހު މިހައިވަރިއްޔާއި ރަސްގެފާނު އިނގިލިފުޅު ބުރިވާދުވަހު ކަންތަށްވާނެގޮތް ކުޑަކުދިން މާރަނގަޅަށް ބަލާނެތީވެ އެވާހަކަ ނުލިޔެ ދޫކޮއްލީއެވެ. މިކަންތައްގަނޑު ހިނގައިގެން އުޅެނިކޮށް ބޮޑުވަޒީރު ގަނޑުވަރަށް ދުރުވެއްޖެއެވެ. ކުއްލިއަކަށް ރަސްގެފާނަށް ހެޔޮއެދޭ މީހުންތައް ބޮޑުވަޒީރު ވަށައިލައިފި އެވެ. ދެލޯފުހެފުހެފައި ސަހަރޯވެރިކަމުގެ ބަސްތައް ކިޔަން ފެށި އެވެ. އެކަކަށްވުރެ އަވަހަށް އަނެކާ ބުނަންވެގެން އުޅެގަތުމުން އެމީހުން އެކިޔާއެއްޗެއް ވަޒީރަކަށް މާ ރަނގަޅަށް އޮޅުމެއް ނުފިލި ނަމަވެސް ރަސްގެފާނުގެ އިނގިލިފުޅު ބުރިވެގެން އުޅޭކަން އެނގިއްޖެއެވެ. ބޮޑުވަޒީރު އަވަސް އަވަހަށް ގަނޑުވަރުތެރެއަށް ވަންނަވާ ރަސްގެފާނު ފައިންޕުޅު ފެންނަ ހިސާބަށް ދުރުވެއްޖެއެވެ. މިތާ ތިބި މީހުންވެސް ކިޔާއެއްޗަކީ ކުރީ ކިއިމީހުން ކިއިތަކެއްޗެވެ. ބޮޑުވަޒީރު ދެންނެވިއެވެ. ތިޔަކަމާއި ރޮއި ހިތާމަ ނުކުރާށެވެ. އަހަރުމެންނަށް އެނގޭނީ ކަމެއް ވީމައި ވީކަމެވެ. ކޮންމެކަމެއްވެސް ވާނީ އެކަލާނގެ އަޒަލިއްޔަ ދެނެވެވޮޑިގަތުމާއި އެއްގޮތަށެވެ. އެއްވެސް މީހަކާމެދު މާތްﷲ އިހާނާތްތެރި ގޮތަކަށް ކަންތަކެއް ނުކުރައްވާނެއެވެ. އެކަލާނގެ އެކަލާނގެ އަޅުތަކުންނާ މެދު ކަންތައް ތައް ކުރައްވަވާނީ ރަޙުމަތަކަށްޓަކައެވެ. އެކަން އަހަރުމެންނަށް ނޭގެނީއެވެ. ބޮޑުވަޒީރުގެ މިވާކަފުޅު މިތާތިބި ގިނަ މީހުންނަށް މާކަމުދާ ވާހަކަ އަކަށް ނުވިއެވެ. އެމީހުން ދުށްގޮތުގައި އެއީއަކީ ރަސްގެފާނުދެކެ ލޯބިވާ މީހަކު ދައްކާނެ ވާހަކައެއް ނޫނެވެ. ބައެއް މީހުން މާނަކުރީ ބޮޑުވަޒީރު އެދެއްކި ވާހަކައަކީ ރަސްގެފާނުމައްޗަށް ހިތްނިޔަތް ނުބައިކަމުން ދެއްކި ވާހަކައެކެވެ. އަދި ރަސްގެފާނުވެސް އެވާހަކައާއި ރުހިވަޑައިނުގެންނެވިވަރުން ބޮޑުވަޒީރު ޤަތުލު ކުރުމަށް ފެންނަކަމަށް ވެސް ވިދާޅުވެވުނެވެ. ރަސްގެފާނު މިބަސްފުޅަށް ގިނަމީހުން ތާއީދުކުރިއެވެ. ނަމަވެސް މިތާއިންނެވެވި އެހެން ވަޒީރެއް ދެންނެވިއެވެ. މަސާހިބު ރަސްގެފާނެވެ. ބޮޑުވަޒީރަކީ އަޅުގަނޑުމެން ތެރޭގައި އެފަދަ އަނެކަކު ނުވާފަދަ ޢިލްމާއި ތަޖުރިބާގެ ޚަޒާނާއެކެވެ. އޭނާ ޤަތުލު ކޮށްފިނަމަ އޭނާއަށް ކިތަންމެ ބޭނުން ދުވަހެއް އައިނަމަވެސް އަޅުގަނޑުމެންނަށް އޭނާއެއް ނުވެސް ދިރުވޭނެއެވެ. އޭރުން އެކަމާއި ހިތާމަކުރުން ނޫން ގޮތެއް ނޯންނާނެ އެވެ. އޭރުން ބުނެވޭނީ އޭނާ ޤަތުލުނުކުރެވުނު ނަމައެވެ. [ނަމައެއްގައި ރިހައެއް ނުކެކޭނެ ]އެވެ. އޭނާ ދުނިޔޭގައި ހުރީވިއްޔާ ކޮންމެވަގުތެއްގައިވެސް ޤަތުލު ކުރެވިދާނެ އެވެ. މިވެސް ރަނގަޅު ގޮތެއްކަމަށް އެއްބަޔަކަށް ފެނިއްޖެ އެވެ. ދެން ބޮޑުވަޒީރުކަން ނަންގަވައިފައި ގެއަށް ފޮނުވާލައިފި އެވެ. ދެތިން ދުވަސް ފަހުން ރަސްގެފާނު ޝިކާރަށް ވަޑައިގަންނަވާން ވާހަކަފުޅުދެއްކެވުމުން އެންމެން ވެސް ޝިކާރައަށް ދާން ތައްޔާރުވެއްޖެވެ. ޖަންގަލީތެރޭގައި ޝިކާރަކުރައްވަމުންގޮސް ފުއްލާއެއް ފެނިއްޖެއެވެ. އެފުއްލާއަކީ ވަރަށް ހުޝިޔާރު ފުއްލާއެކެވެ. އެފުއްލާ ވަށައިލައިގެންތިބެ ގޮނި ތިލަކުރަމުން ގެންދާން ފެށުމުން އެފުއްލާ އެއްފަރާތަކަށް ޙަރަކާތް ކުރުމުން ގިނަބަޔަކު އެދިމާއަށް ޙަރަކާތް ކޮއްލި ވަގުތު ހުސްތަން އޮތްދިމާއިން ފުއްލާ ރައްކާވެއްޖެވެ. ދެން އެންމެން ފުއްލާ އަތުލަންވެގެން ދުއްވައިގެންފި އެވެ. އެމީހުން ހަޅޭލަމުން ޖަންގަލީތެރޭގައި ދުއްވައިގަތުމުން މިމީހުންގެ އަޑުއިވޭ ކޮންމެޖަނަވާރެއް ވެސް ދުއްވައިގަތުމުން ކޮންމެ މީހަކަށްވެސް އެއީ އެފުއްލާކަމަށް ހީވެ އެދިމާއަށް ދުއްވައިގަނެއެވެ. މިހާރު ޝިކާރަ ޕާޓީ މުޅިޖަންގަލީތެރެއަށް ވިއްސިވިހާލުވީއެވެ. އެކަކުވީތަނެއް އަނެކަކަށް ނޭގެއެވެ. ރަސްގެފާނުވެސް ވަރުބަލިފުޅުވެގެން ދުވެވަޑައިގަތުން ހުއްޓަވާލެއްވީ އެވެ. ވަރުބަލިފުޅު ފިލުއްވައި ލައްވައިގެން އެހެންމީހަކު ފެނޭތޯ ދާނީއޭ ހިތްޕުޅަށް އަރައިގެން އިށީނދެވަޑައިގެންފި އެވެ. ކުޑައިރުކޮޅަކަށްފަހު ވަލުތެރޭން ފަތްކުނޑި ހޭވޭއަޑާއި ގަސްތަކުގެ ޙަރަކާތުން ރަސްގެފާނު އިންނެވި ދިމާއަށް ބިޔަ ޖަނަވާރެއް އަންނަކަން އެނގިވަޑައިގެންފި އެވެ. ރަނގަޅަށް ބައްލަވައިލެވިއިރު މިނިކާވަގެއް އަންނަނީ އެވެ. ހެއްދެވޭނެ މާގިނަ ގޮތެއް ނެތެވެ. އެނގިވަޑައިގެންފައިވާގޮތުގައި މިނިކާވަގު މަރުވެފައިއޮތް މުޅައެއްޗެއް ނުކާނެއެވެ. ދެން ﷲ އަށް ވަކީލުކޮށްލައިގެން މަރުވެފައި އޮތް މީހަކުހެން ހީވާކަހަލަގޮތަކަށް އޮންނެވީއެވެ. މިނިކާވަގު އައިސް ވަސްގަތީ ކުނިވެފިއޮތް އިނގިލިފުޅުގައެވެ. މިނިކާވަގަށް ދުވިކުނިވަހުން މިނިކާވަގު ދިޔަކޮޅަށް ހިނގައްޖެއެވެ. ދެން އެކަމުގެ ބިރުފިލީމައި ތެދުވެވަޑައިގެންފިއެވެ. ޖެހިގެންއައިދުވަހު ދަރުބާރުގެ ވަގުތުގައި ރަސްގެފާނަށް ޝިކާރައިން ލިބިވަޑައިގެންނެވި ޢިބުރަތެރި ފިލާވަޅު ވިދާޅުވެދެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިމަންގެ ފުރާނަ ސަލާމަތްކުރެއްވުމަށް ﷲ މެދުވެރިކުރެއްވީ މި އިނގިއްޔެވެ. ކަލޭމެން އެންމެން ތިމަން ދޫކޮށްލާފައި ދިޔައިރު އަހަރެންގެ ދިފާޢުގައި ރައްކާތެރިކަމުގެ ކިއްލާއަކަށްވީ މިކުނި އިނގިލިބުރިއެވެ. އެދުވަހު ބޮޑުވަޒީރު އެ ބުނީ ތެދެކެވެ. ތެދު ރަނގަޅު ބަހެއްބުނަން އެނގޭނީވެސް ތަޖުރިބާހުރި ތަންދޮރު ދަންނަ ޢިލްމުގެ އަހުލުވެރިއަކަށެވެ. ބޮޑުވަޒީރު ނޫނީ މިތާތިބި ގިނަ މީހުންނަކީ އެއްވެސް އޮއްޓަރެއް ހުރި މީހުންނެއް ނޫނެވެ. ކަންފަސޭހައަށް މަގޭކައިރީގައި އުޅޭމީހުންނެވެ. ދެން ބޮޑުވަޒީރު ގެންނަވައި އިހު ހުންނެވި މަޤާމު ދެއްވައި އިހުނަށްވުރެން ބޮޑަށް ކަމޭހިތްތަވައި ޢިތުބާރު ދެއްވިއެވެ. ތެދެކެވެ. އިންސާނާ ވިސްނުންތެރި ހަރުދަނާ މީހަކަށްވަނީ ބޮނޑި ބުއިމުގެ ފަހުގައެވެ. ހީނާފަތަށް ކުލަ އަންނަނީ ދެހިލަގަނޑު ދޭތެރޭ ފިސްކޮށްލީމައެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|