ފަންވަތް ދިވެހި ވާހަކަ ބުނަން ނުކެރިފައި..
ބެލި ޢަދަދު: 3226
ބުނަން ނުކެރިފައި.. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
11 ޖުލައި 2009، 00:16 ހޮނިހިރު

ބިންމާ އިބްރާހީމް ވަޙީދު

   
ސްކޫލް ބަދަލުވުމަކީ، ނުވަތަނަވަސްކަން ހިތަށް ވެރިވާ ކަމެކެވެ. އެކަން އެނގޭނީ އަހަންނަށް އެކަންޏެވެ. ސީއެޗްއެސްއީ އަށް ވަންނަން ފުރުސަތު ލިބުމުން، ގޭގެ އެންމެން އުފާކުރި އެވެ. އަހަރެން ވެސް އުފާވި އެވެ. އެކަމަކު ހިތަށްއެރި އެވެ. އަހަންނަށް ރައްޓެއްސެއް ލިބޭނީ ކިތައް ދުވަހުންބާ އެވެ؟ ފުރަތަމަ ދުވަހު އަހަރެން ކުރާނީ ކީއްބާއެވެ؟

   
ފުރަތަމަ ސްކޫލަށް ދިޔަ ދުވަހު، ރައްޓެހި އެންމެ މޫނެއް ވެސް އަހަންނަކަށް ނުފެނުނެވެ. ރައްޓެއްސަކަށް ކަމުދާ ކުއްޖެއް ވެސް ނުފެނުނެވެ. އެހެންނަމަވެސް، ޖޯގްރަފީ ކްލާހުން ފެނުނު، އިސްކޮޅުން ދިގު، މަޑުމަޑުން ހުރި ފިރިހެންކުއްޖާ، އަހަރެންގެ ސަމާލުކަން އަތުލި އެވެ. އެހެން ހުރިހާ ކުދިންނާ އޭނަ ތަފާތެވެ.  އޭނަގެ ނަމަކީ ޒައިން އެވެ.
   
ހަފުތާއެއް ވީއިރު، އަހަރެންގެ ދެތިން ރައްޓެހިން ތިބެއެވެ. އެކަމަކު، ޒައިންއާ ވާހަކަދައްކާނެ ފުރުސަތެއް ނުލިބުނެވެ. އެއް ދުވަހު ކްލާސް ނިމުނީ ވަރަށް ބޯކޮށް ވާރޭ ވެހެނިކޮށެވެ. ޓެކްސީއެއް ނުލިބުނެވެ. ވެހުނުލެއް ބޯކަމުން، ބޭބެއަކަށް ބަލައެއް ނާދެވުނެވެ. ކުރާނެކަމެއް ނުވަތަ ދާނެ ތަނެއް ނޭނގިގެން، އެކި ކުދިން އެކި ދިމާޔަށް ވިއްސިވިހާލިވި އެވެ. އަހަރެން ބަލައިލިއިރު، ޒައިން އިނީ އެކަނިމާއެކަނި، ވާރޭ ވެހޭތަނަށް ބަލަހައްޓައިގެންނެވެ. އޭނަ ވިސްނަމުންދިޔައީ ކޯޗެއްކަމެއް އަހަންނަކަށް ނޭނގެ އެވެ. އަހަރެން ގޮސް ކައިރި އަށް ހުއްޓިލަން ބޭނުންވި އެވެ. ހިތަށްއެރި އެވެ. އޭރުން ޒައިން ހިތަށްއަރާނީ ކީކޭބާއެވެ؟ ދެން ހިތަށްއެރި އެވެ. އެ ގަޑި އަށް ވާރޭ ވެހުމާއި، ޒައިން އެ ތަނުގައި ހުރުމާއި، ބޭބެ އަށް ބަލައިނާދެވުން އެއީ އިއްތިފާގެއް ނޫނެވެ. ކޮންމެ ކަމެއް ވެސް ވާނީ ކޮންމެވެސް ސަބަބަކަށްޓަކަ އެވެ. އެހެންކަމުން، ހިތްވަރުކޮށްފައި ގޮސް އޭނަ ކައިރި އަށް ހުއްޓުނީމެވެ. ދައްކާނެ ވާހަކައެއް، ފައްޓާނެ ވާހަކައެއް ވެސް އަހަންނަކަށް ނޭނގުނެވެ.
   
    "އަހަރެން ހާދަވެއޭ ވާރެއާ ތެމޭހިތް!" ޒައިން ނުވެސް ބަލާ ހުރެ ބުނެލި އެވެ.

    އަހަރެން ހައިރާންވެގެން ވަށައިގެން ހޯދީމެވެ. އެ ހިސާބުގައި ވެސް އެހެން ކުއްޖަކު ނެތެވެ. އެކަމަކު، ޒައިން އަކީ، އަހަރެންގެ ރައްޓެއްސެއް ނޫނެވެ. އަހަންނާ ވާހަކަދެއްކީ ކީއްވެގެން ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން ހުއްޓައި، ޒައިން ބަލައިލި އެވެ.

    "އޯ! ސޮރީ! އައި ތޯޓް..! އައިމީން އަހަރެން ހީކުރީ.."

    "އެހެން ކުއްޖެއްކަމަށް؟" އަހަރެން ބުނީމެވެ. "ވަކި ކުއްޖަކާތަ ވާހަކަދައްކަންޖެހެނީ؟"

    އެއީ އަހަރުމެން އެންމެ ފުރަތަމަ ވާހަކަދެއްކި ދުވަހެވެ. އެ ދުވަހަށްފަހު، އަހަރުމެން ދެ މީހުންނަކީ ދެ އެކުވެރިންނެވެ. އަހަރެން ބޭނުންވި އެއްޗަކީ ވެސް އޭނަގެ އެކުވެރިކަމެވެ. އަހަރެންގެ ލޯބިވެރިއެއް ހުރެއެވެ. ޒައިންގެ ލޯބިވެރިއެއް ވެސް ހުރެއެވެ. އެ ދުވަސްވަރު ދިރާގުން "ހިލޭ ގުޅޭ ނަންބަރު" ތައާރަފްކުރި އެވެ. އަހަރެން ނަގަން ބޭނުންވި ޕެކޭޖަށް ދެ ނަންބަރު ލެވެއެވެ. ޒައިން ވެސް ބޭނުންވީ އެ ޕެކޭޖް އެވެ. އެކަމަކު، އަހަރުމެން ދެ މީހުން ވެސް ގިނައިރު ގުޅަން ބޭނުންވަނީ އެންމެ ނަންބަރަކަށެވެ. އެއީ، ދެ މީހުންގެ ލޯބިވެރިންނެވެ.

    "ދެން ހިނގާ އަހަރުމެން ދެ މީހުންގެ ނަންބަރު ލަމާ؟" އަހަރެން ބުނީމެވެ.

    "ތީ ވަރަށް ސަޅިގޮތެއް!" ޒައިން ބުންޏެވެ.

    އެ ޕެކޭޖް ނަގާފައި، ވަރަށް ގިނައިން އަހަރުމެން، އެކަކުއަނެކަކަށް ގުޅީމެވެ. ދެ މީހުންގެ ލޯބިވެރިން ތިއްބަސް، ފޯނުން ގުޅައިގެން ވާހަކަދެއްކުން އެއީ މައްސަލައެއް ކަމަކަށް އަހަރުމެން ނުބަލަމެވެ. ޚިޔާލެއް ބޭނުންވާއިރަށް ނުވަތަ ފޫހިވާއިރަށް އޭނަ ގުޅައެވެ. ވަރަށް ނުތަންވަޅު ވަގުތުތަކުގައި އަހަރެން ވެސް ގުޅީމެވެ. އެކަކު ވެސް ގުޅާފައި "ބިޒީތޯއެއް" ނުބަލަމެވެ. ޒައިންގެ އެކުވެރިންނާއެކުގައި ވިލިނގިލީގައި ހުއްޓަސް، އާއިލާއާ އެކުގައި ތަނަކަށް ގޮސްގެން އުޅުނަސް، ގޭގައި ޓީވީ ބަލަން ތިއްބަސް އަހަރުމެން ގުޅާލައިގެން ވާހަކަދެއްކީމެވެ. އަހަރެންގެ ލޯބިވެރިޔާ ގާތުގައި ހުއްޓައި ޒައިން ގުޅައިފިއްޔާ ލޯބިވެރިޔާ އަތަށް ފޯނު ދެމެވެ. ޒައިން ވެސް އެހެން ހެދި އެވެ. 

    ދެތިން މަސް ވީއިރު، ޒައިން އަކީ އަހަރެންގެ ބެސްޓްފްރެންޑް އެވެ. އަހަންނަށް ދިމާވާ މައްސަލަތައް އޭނަ އަށް ކިޔާދީ، ފޯނުން ރޮއި ވެސް ހެދީމެވެ. އުފާވާކަމެއް ދިމާވާއިރަށް އެ ވާހަކަ ވެސް އޭނަ އަށް ކިޔައިދީ ހެދީމެވެ. އެހެން އުޅެނިކޮށް، އަހަރެންގެ ލޯބިވެރިޔާ އެހެން ކުއްޖަކާ ރައްޓެހިވި އެވެ. އެ ދުވަހު، ޒައިން ގާތަށް ގޮސް ހުރެގެން އަހަރެން ރުއީމެވެ. ކެންޓީންގައި އިނދެގެން އަހަރެން ރޮއިހެދިއިރު، އެހެން ކުއްޖަކަށް އެ ކަމެއް ނޭނގޭނެ އެވެ. ޒައިން ކިތަންމެއިރެއް ވަންދެން އަހަންނަށް ހިތްވަރުދިނެވެ. ވިސްނައިދިނެވެ.

   
ލޯބިވެރިޔާ ވަކިވިފަހުން، އަހަރެން ދެރަވެފައި ހުންނާނެތީވެ އެހެންކަމެއް ޒައިން ކުރަންފެށި އެވެ. އެއީ، މެސެޖުލިޔެފައި، އެންމެ ތިރީގައި ޖަހާލާ “LY” އެވެ. އެއީ I Love You ގެ ކުރުގޮތެވެ. އެންމެ ފުރަތަމަ އެހެން ޖެހި ދުވަހު އަހަރެންނަށް ވިސްނަން ހުރެވުނެވެ. ފަހުން އާދަވި އެވެ. ހިތަށްއެރި އެވެ. އެއީ، އެހެން މާނައެއްގައި ޒައިން ޖެހި އެއްޗެކެވެ. ޒައިންގެ ނުލާހިކު "ސީރިޔަސް" ލޯބިވެރިއެއްހުރެ އެވެ. އެހެންވިޔަސް، އެހެން ޖަހާތީ އަހަރެން ވަރަށް އުފާވި އެވެ. ހަނދާންނެތިގެން އެހެން ނުޖެހުނަސް ދެރަވެއެވެ. އެކަމަކު، އަހަރެން އެހެނެއް ނުޖަހަމެވެ. 

   
ޒައިން އަކީ އަހަރެންނަށް ލަފާދޭ މީހާ އެވެ. ބޭބެއެކެވެ. ބެސްޓްފްރެންޑެކެވެ. އެއީ، މީހުންނަށް އެނގޭ ނަންތަކެވެ. އަހަރެންގެ ހިތުގައި ޒައިން އަށް އޮތް ޖާގަ ބަދަލުވިތާ ކިތަންމެ ދުވަހެކެވެ. އެކަމަކު، ދުވަހަކު ވެސް އެހެން ނުބުނާނަމޭ ހިތަށްއެރި އެވެ. އެހެން ބުނެގެން ޒައިންގެ އެކުވެރިކަން ގެއްލިއްޖެއްޔާ އަހަރެން މާ ދެރަވާނެތީ އެވެ.

    "ދެން ކޮންއިރަކުން ބިޓެއް ނަގާނީ؟" އެއް ދުވަހަކު ޒައިން އެހި އެވެ.

    "އެއީ އަހަރެން ބޭނުންވާ އިރަށް ޓަސްލާފަ ވާކަމެއް ނޫނޭ.." އަހަރެން ބުނީމެވެ.

    އަހަރެންގެ ލޯބިވެރިޔާގެ ހުންނަންޖެހޭނެ ސިފަތައް އަހަރެން ކިއީމެވެ. އެ ހުރިހާ ސިފައެއް ޒައިންގެ ހުންނާނެ އެވެ. އެހެންކަމުން، އޭނަ އަށް ޝައްކުވެދާނެތީވެ، އޭނަގެ ނުހުންނަ ސިފަތައް ވެސް އަހަރެންނަށް ކަމުދާކަމަށް ހަދައިގެން ކިއީމެވެ. 

    "މިހާރު މިސާލަކަށް، ތީގެން ބައިވަރު ސިފަ އަހަރެންގެ ނެތް.. އެކަމަކު އަހަރެން ރައްޓެހިވާން އަހައިފިއްޔާޔޯ؟" ޒައިން އެހި އެވެ. 

    "ނޯންނާނެ ޗާންސެއް!" އެއީ އަހަރެން ކިހާ ހިތްވަރެއްކޮށްގެން ހެދި ދޮގެއްކަން އެނގޭނީ އަހަންނަށް އެކަންޏެވެ.

    މެދު ޗުއްޓީ އަށް ސްކޫލް ބަންދުވިއިރު، ޒައިން އާއި އަހަރެންގެ ހަޔާތަށް ވެސް އިތުރު ލޯބިވެރިން އައިސް ގޮސް ވިއެވެ. ޗުއްޓީތެރޭގައި އަހަންނާއި ޒައިން ބައްދަލުކޮށެއް ނުހެދުނެވެ. ފޯނަކުން ވެސް ނުގުޅުނެވެ. ޒައިން ދިޔައީ މައިންބަފައިންނާއިއެކުގައި މެލޭޝިޔާއަށެވެ. އެހެންކަމުން، ސްކޫލް ހުޅުވުނުއިރު، ޔަގީނުން ވެސް އަހަރެން ހުރީ ޒައިން ދެކިލާހިތުން ކެތްމަދުވެފަ އެވެ. ޒައިން ވަރަށް ބައިވަރު ކުދިކުދި ހަދިޔާ އަހަންނަށް ގެނެސްދިނެވެ. މެލޭޝިޔާގައި އޭނަ ދިޔަ ކޮންމެ ހިސާބަކުން އަހަންނަށް ހަދިޔާއެއް ގެނައެވެ. ދުރުގައި ހުއްޓަސް، އަހަރެންމަތިން ޒައިން ހަނދާނެއްނުނެތެ އެވެ.

    "މަންމަ އަބަދު ދިމާކުރަނީ ހާދަ ބައިވަރު ހަދިޔާއެކޯ ތި ގެންދަނީ ކިޔާފަ.." ޒައިން ބުންޏެވެ.
    "ދެން ކީކޭ ޒައިން ބުނީ؟" އަހަރެން އެހީމެވެ.

    "އަހަރެން ބުނި ތީ އަހަރެންގެ ބެސްޓް ފްރެންޑޭ!" ޒައިން ބުންޏެވެ.

    އެ ވާހަކަ އަޑުއަހާފަ އަހަރެން އެއްވެސް އުފަލެއްނުވި އެވެ. އަހަރެން ބޭނުންވަނީ ޒައިންގެ އެކުވެރިކަމެއް ނޫނެވެ. އެކަމަކު، ލޯބި ބޭނުންވާ ވާހަކައެއް އަހަރެން ނުބުނަމެވެ. އަހަރެން އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެންނެވެ. މާނަ އަކީ، ޒައިންދެކެ ލޯބިވާކަމުގެ އެއްވެސް ނިޝާނެއް، އަހަރެންގެ ފަރާތަކުން ނުފެންނާނެ އެވެ. އެހެންކަމަށްވާއިރު، އަހަރެންނަށް ޒައިން ލޯބި ހުށައަޅާނެ ހެއްޔެވެ؟ އަހަރެން އެކަމާމެދު ވަރަށް ބޮޑަށް ވިސްނީމެވެ. އަހަރެންގެދެކެ ޒައިން ލޯބިވާނީ ކިހިނެތްހޭ، އޭނަގެ ލޯބިވެރިއެއް ހުރެއޭ އަހަރެންގެ ހިތަށްއަރާއިރު، އަހަރެންގެ ލޯބިވެރިއެއް ވެސް ހުރެއެވެ. އެކަމަކު، އަހަރެންގެ ހިތް ދެވިފައިވަނީ ޒައިންއަށެވެ. ހަމަ އެ ގޮތަށް ޒައިންގެ ހިތުގައި، އަހަންނަށް ވެސް ލޯބި ފޮރުވާފައި އޮވެދާނެ އެވެ. ސަމާސައަކަށް ނަމަވެސް، އެހެން އެހި ދުވަހު އަހަރެން ނޫނެކޭ ބުނުމުން ދެން އަހަން ޒައިން އަށް ނުކެރުނީ ކަމަށް ވެސް ވެދާނެ އެވެ.

    އަހަރެން ދެކެ ޒައިން ލޯބިވޭ ހެއްޔެވެ؟ އެ ސުވާލު ހިތުގައި އުފެދެން ފެށުމުން، ޒައިންގެ އެކުވެރިކަމާ ދުރަށް އަހަންނަށް ދެވެންފެށި އެވެ. ކުރިން ކުރި ކޯލްތައް މެދުކެނޑުނެވެ. ޒައިންއާ ވާހަކަދައްކަން ތަންކޮޅެއް އުނދަގޫވި އެވެ. އެހެން އުޅެނިކޮށް ސްކޫލް ނިމިއްޖެ އެވެ. އެކަމަކު، މަދުމަދުން ޒައިން ގެ އަށް އާދެ އެވެ. ގޭގެ އެހެން ކުދިންނާ ވެސް ޒައިން އެކުވެރިކަން އުފެއްދި އެވެ. އަހަރެން ހައްތަހާ ދިޔައީ ދުރަށެވެ. އެ ވާހަކަ ފޯނުން ދައްކަން ޒައިން ވަރަށް މަސައްކަތްކުރި އެވެ. އަހަރެން އެ ވާހަކަ އޮއްބާލީ އެވެ.

    "ކޮބައިތަ މައްސަލަ އަކީ؟" ހަތަރުކަޅި ހަމަކޮށްފައި ޒައިން އެހި އެވެ.

    އެ ދުވަހު އަހަރުމެން އެންމެން ތިބީ ތާސްކުޅޭށެވެ. އެކަމަކު، ކުއްލިއަކަށް މަގުމަތީގައި އަޑުގަދަވެގެން، އެހެން މީހުން އެ ތަން ބަލަން ދިޔަ ވަގުތު، ވަރަށް ސީރިޔަސްކޮށް ޒައިން އެ މައްސަލަ ނެގި އެވެ.

    "އައި ލައިކް ޔޫ!" ފެންކަޅިވެފައި އަހަރެން ބުނެލީމެވެ.

    އެ ހިސާބުން އެކަން ނިމުނީކީ ނޫނެވެ. އަތްބައި އެ ތަނަށް އުކާލާފައި އަހަރެން ގޮސް ކޮޓަރި އަށް ވަދެފައި ތަންޑުއެޅީ އެވެ. ޒައިން އެއްޗެއް ނުބުނުމުން އަހަރެން ނިންމީ، އަހަރުމެންގެ އެކުވެރިކަން އެ ހިސާބުން ނިމުނީކަމަށެވެ. އެހެންވިޔަސް، ލޯބި ހިތުގައި ފޮރުވައިގެން މާ ގިނަ ދުވަހު އަހަންނަށް އުޅެވިއްޖެ އެވެ.
    ހެނދުނު ހޭލިއިރު އަހަންނަށް އައިސްފައި އޮތީ މެސެޖެކެވެ.

    "އައި ލައިކްޔޫ ޓޫ!" އޭގައި އޮތެވެ.

    އުފަލުން ގޮސް އަހަންނަށް ރޮވުނެވެ. އެކަމަކު، ދެން ކަންތައް ކުރާނެ ގޮތެއް ނޭނގުނެވެ. އަހަންނާ ގުޅާކަށް ޒައިންއަކަށް ނުކެރުނެވެ. ޒައިންއާ ގުޅާކަށް އަހަންނަކަށް ވެސް ނުކެރުނެވެ. އަދި އަހަރެންގެ ގެ އަށް އަންނާކަށް ވެސް ޒައިންއަކަށް ނުކެރުނެވެ. އިންތިޒާރުގައި ތިއްބައި ކޮންމެ ދުވަހެއް ވެސް ނިމިގެން ދިޔައީ އެވެ. އޭރު، ހަމަޖެހިފައިއޮތީ، ކިޔަވަން ޒައިން ބޭރަށް ދާގޮތަށެވެ. ދެން ހަދާނެގޮތެއް ނޭނގިފައި އަހަރެން ހުއްޓައި، ޒައިން ކިޔަވަން ފުރީ އެވެ. އޭރު އަހަރެންގެ ލޯބިވެރިއަކީ، ބައްޕަގެ ބެސްޓް ފްރެންޑްގެ ދަރިފުޅު އަފީފް އެވެ. ކުއްލިއަކަށް ކައިވެނީގެ ވާހަކަދެކެވި، އަހަރެންނާ ހަމައަށް އެ ވާހަކަ އައިއިރު، ދުވަސް ވެސް ކަނޑައެޅި ނިމިއްޖެ އެވެ. ބައްޕަ ހިތުގައި ޖައްސާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން ކައިވެނި ކުރީ އަފީފާ އެވެ. މިހާރު އަހަންނަށް ދެ ކުދިން ލިބިއްޖެ އެވެ. އަދި ވެސް އަހަރެން ލޯބިވަނީ ޒައިންދެކެ އެވެ. އެކަން އިނގޭނެ ދެވަނަ މީހަކީ ވެސް ޒައިން އެވެ. ލޯބިވާކަން ބުނަން ނުކެރިފައި ހުރުމަކީ ކިހާ ހިތްދަތިކަމެއްކަން މިހާރު އަހަންނަށް އެނގެ އެވެ.

(ނިމުނީ)
                                          
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)Add Comment
...
ލިޔުނީ މަޤުތޫލު , 2009-07-11 12:31:01
މި ވާހަކައިން ދިރިއުޅުމުގެ މުހިންމު ފިލާވަޅުތަކެއް އެބަ ލިބެ އެވެ. އިސްލާމީ މުޖުތަމަޢެއްގައި އިސްލާމުންގެ ވިސްނުން އޮތްނެތް ގޮތް އެބަ އެނގެ އެވެ. ދުނިޔެއާ މެދުގަ އެވެ. ކާވަންޏާމެދު ގައެވެ. އިންސާނީ ކަރާމާތާ މެދުގައެވެ. މި ގޮތުން އަޅުގަނޑަށް ފާހަގަ ކޮށްލެވުނު ކަންކަން ނޯޓު ކޮށްލާނަމެވެ.

1- މި ޒަމާނު ކުދިންނަށް ޢިއްފަތްތެރިކަމަކީ އެއްވެސް އަގެއް ހުރި އެއްޗެއް ކަމަކަށް ނުވިސްނެ އެވެ.
2- ކުދީން ފުރާވަރަށް އަރައިގެން އަންނަ އިރު، އިންސާނީ ކަރާމާތާއި ދީނުގެ ޙުދޫދުތައް ބުނެދެވިފައެއް ނުހުރެ އެވެ.
3- ކާވަންޏަކީ ކިހާ މަތިވެރި މުހިންމު ގުޅުމެއްކަމާއި، އެ ގުޅުމަށްޓަކައި ދަރީން ތަރުބިއްޔަތު ކޮށް ހޭލުންތެރި ކުރެވިފައެއް ނުހުރެ އެވެ.

ނަތީޖާ؛

އެހެންކަމުން ފުރާވަރަކީ ބަދުއަޚުލާޤާ މާނައެއް ނެތް ގުޅުންތަކުގެ މޫސުމަކަށް ހަދައިލަ އެވެ. އެތޯ ހެވީ މިތޯ ހެވީ ބަލުމަށްޓަކައި ވިޔަޔާ ނުދާ އުފާތަކުގައި އެންމެ ޅައުމުރުއްސުރެ ކުދިންތައް ހަލާކުވަމުން ދެ އެވެ. އެ ކުދިންނަށް މަގުދައްކައިދީ އެކުދިންގެ ލަދު ޢިއްފަތާއި، އިންސާނީ ކަރާމާތާއި އަބުރު ޙިމާޔަތްކޮށްދޭނެ ޣީރަތްތެރި މައިންބަފައިން މަދުވުމުގެ ސަބަބުންނެވެ.

އެހެންކަމުން ކާވަނީގެ ހަޔާތްވަނީ ފޫހިކަމާއި، ނުތަނަވަސްކަމުގެ އާފާތަކަތެވެ. ފިރިޔަކު، ނުވަތަ އަނތްބަކު ހުރެދާނެ އެވެ. އެކަމަކު ހިތް އޮންނަނީ އެހެން މީހެއްގެ މުށުތެރޭގަ އެވެ. ނަތީޖާއަކީ ހަލަބޮލި ހަޔާތެއްގައި ދިރިއުޅުން ވޭތި ކުރަން ޖެހުމެވެ. މި ހާސްކަން އިތުރުވަމުން ގޮސް ކޮންމެ ވެސް ވަގުތަކުން ގޯޅި އަޅައި، ބޮޑެތި ފާފަތަކަށް އަރައިގަތުމެވެ. ސިއްރު ގުޅުންތައް ގިނަވުމެވެ. ކާވަނީގެ ބަރަކާތް ކެނޑުމެވެ.

ޙައްލު:

މި ސަބަބަށްޓަކައި، ކުދިންނަށް އެންމެ ކުޑަ އިރުއްސުރެ އިންސާނީ ކަރާމާތާއި އިއްފަތްތެރިކަމުގެ އަގު ދަސްކޮށްދޭން ޖެހެ އެވެ. ރައްޓެހިވުމުގެ މަޤުޞަދާއި މާނަ ބުނެދޭން ޖެހެ އެވެ. އެކަމުގައި އެންމެ ގާތުން މައިންބަފައިން ހެޔޮ ވިސްނުން ގެންގުޅެން ޖެހެ އެވެ. މިނިވަންކަމުގެ މާނައިގައި ފުރާވަރަށް އަރައިގެން އަންނަ ދަރިފުޅު މިނިކާވަގަކަށް ދޫކޮށްލުމަކީ އެ ކުދިންނަށް ހެޔޮ އެދުމެއް ނޫނެވެ.
...
ލިޔުނީ ތުއްފާށަނާ, 2009-07-11 13:41:09
ލިޔުންތެރިޔާގެ އެހެން ވާހަކަތަކާއި އަޅާބަލާއިރު މިވާހަކައިގެ ފެންވަރު އެހާ ރަނގަޅު ނޫންކަމެވެ. ފުރުތަމަ ކަމަކީ ސަސްޕެންސްގެބައި ކުޑަކަމެވެ. ވާހަކައިގެ ނަމާއި ވާހަކައިން ތަންކޮޅެއް ކިޔާލާއިރަށް ވާހަކައިގައި ދެންވާނޭ ގޮތް އެނގިގެން ހިނގައްޖެއެވެ. މާވަރުގަދަ ކުންނެއްވެސް ނެތެވެ.

މުޙްތަރަމް މަޤްތޫލްގެ ޚިޔާލަށް އަޅުގަނޑު ތާއިދުކުރަން... އަދި އިތުރުކޮށްލަން ބޭނުންވޭ...

މިހާރުގެ ކުދިންނަށް ރިވެތި އަޚްލާޤާ ގުޅުން ހުރި ވާހަކަތަކަކީ ޙަޤީޤަތްތަކެއް... ފެކްޓްތަކެއް... އިޖްތިމާޢީ އަގުތަކެއް(ވެލިއުސް، މޯރަލްސް)ގެ ގޮތުގައި ރިވެތި އަޚްލާޤް އެކުދިންގެ ކިބައިގައި އަށަގަނެފައެއް އަދި އަށަގަންނަވާފައެއްވެސް ނުހުރޭ...



...
ލިޔުނީ ސަމީޢު, 2009-07-11 15:57:47
ވާހަކަ ވަރަށް ރީތި އެއާއިއެކު މަޤުތޫލުގެ ކޮމެންޓް ވަރަށް ފާގަކޮއްލެވޭ !
...
ލިޔުނީ adh'u, 2009-07-13 02:20:20
rajjey ga firihenun kaireega rahtrhi vaan aehumakeee bodu kushe tha? aehn vegen tha anhenun rahtehi vaan naahaneee. rajjey firihenu anhenun a gothah hahdhaa hadhaa rajjey anehenun gabooolu kuran eee rahtehi vaan ahnaa jehenee firihenuney.
...
ލިޔުނީ Cardinal, 2009-07-14 18:10:30
މަޤްތޫލުގެ އެދުރުވެރި ޚިޔާލު ރަނގަޅެވެ. ތުއްފާށަނާގެ ޚިޔާލު ޢިލްމީއެވެ. އެކަމު ތަންކޮޅެއް ތުއްތުކަމުގައިވުންވެސް އެކަށީގެންވެއެވެ. ހެހެހެ....... އަޅުގަނޑަށް މިވާހަކަ ވ ރީއްޗެވެ. ލިޔުންތެރިޔާގެ އެހެން ވާހަކަ ތަކުގައި ހުންނަ އަސަރާއެކު ތަންކޮޅެއް ތަފާތު ޚާއްސަކަމެއް މިވާހަކައިން އަޅުގަނޑަށް ފެނުނެވެ. އެއީ އެހެންވާހަކަ ތަކަށްވުރެ މިވާހަކަ ރީތިވުމެވެ.
...
ލިޔުނީ maaisa, 2009-09-10 03:36:29
mi vahaka varan furihama ferihen kunjaa ah loabi husa elinama ena loabi vaakan ves egunis den loabi nuvaa mihaka kaivani kurumuge bada luga loabi vaa mehege enthi zaru kurumun faharen ga eneyan loabi vaa meha libunis kan naange
...
ލިޔުނީ air, 2010-02-16 02:31:35
ވަރަށް ރީތި ވާހައެއް! މަޤުލޫތުގެ ޚިޔާލު ވަރަށް ރަގަޅު ކަމަށް ފެނޭ
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް‰‰, 2010-02-23 01:53:44
އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ލިޔުމަކީވެސް މިއަދުގެ ދިވެހި ޢިޖްތިމާޢީ ވެއްޓާއި ސުލޫކިއްޔަތު ގޮސްފައިވާ ހިސާބަށް ބަލާއިރު މުޅީ ހުއްޓާލަންޖެހިފައިވާ ކަމެއް. އޭގެ ބަދަލުގައި އިސްލާމީ ރިވެތި އުޞޫލުތައް ތަންދޭނޭ ގޮތުން މިއަދު ދިވެހީން ޢިޖްތިމާޢީ ޚިޔާލާތު އިސްލާމީ ވެއްޓެއްގައި ހުންނާޖެހޭ ސިފަތަކަށް ގެނައުމަށްޓަކައި މިފަދަ ވާހަކަތަކުގެ ރާގު އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ފުރޮޅާލުން މުހިންމު. އަދި ޚާއްޞަކޮށް ފަންވަތް ކަހަލަ މިޒާމާނުގެ ވަޞީލަތްތަކުގެ އަލީގައި ޤާއިމުކުރުވެފިވައިވާ ވެށިތަކަކީ މިކަހަލަ ކަމެއް ހޭލުންތެރިކަން އަށަގެންނެވުމުގައި އެންމެ އެކަށޭނެ ދައުރު އަދާ ކުރެވޭނެ ފަރާތްކަމުގައި އަޅުގަނޑު ޔަޤީންކުރަން. ހުޅަނގުގެ މަޖާލާއި އުފަލުގެ މައްޗަށް އެކުލެވިފައިވާ ވަޞަނިއްޔަތުގެ ޘަޤާފަތް ދުނިޔޭ ހަތަރު ބިތުގައި ވަކި ހިތްޕަމުން ދާއިރު އަޅުގަނޑުމެންގެ މިކުޑަ ކުޑަ ޖަވާހިރެއް ފަދަ އިސްލާމީ ދިވެހި އުއްމަތް ރައްކައުތެރި ކުރެވޭނީ ފަންވަތް ފަދަ ޖަމާޢަތްތަކުގެ ޛިންމާ ހަރުދަނާ ގޮތެއްގައި އަދާކުރެވިގެން ކަމަށް ފެނޭ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3226
extra avandia and congestive heart failure