މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފިއްލޯ މަންޖެއާއި، ތަކަހަސަނުގެ ވާހަކަ - 02 |
|
|
| ދިވެހި - ވާހަކަ | |||
| 15 ޖުލައި 2009، 00:04 ބުދަ | |||
|
10 ޖުލައި (ހުކުރު) އާއި ގުޅޭ... މުޚްތާރު ޢަބްދުއްރަޙުމާނު/ ނޫރާނީގެ ށ. މިލަންދޫ ދެން އޮޑީ ޛިކުރަށް ކެއްކުމުގެ ކަންތަކުގައި ރަށުގެ ގިނަބަޔަކު މަޝްޣޫލުވެގެން އުޅެމުން ދެއެވެ. އެރޭ އިޝާނަމާދުން އައިސް ރަށުގެ ކުދިބޮޑު އެންމެތަކުން ޛިކުރު ކޭންކައި އޮޑީގައި ޛިކުރު ކިޔަން ފަށައިފި އެވެ. ފަތިސްނަމާދަށް ދިއުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޛިކުރު ކިޔައި ނިންމައިފިއެވެ. ދޮންކާސިމްބެއްޔާ ފަތިސްނަމާދުން ދުރުވެ އޮޑީ ޞަލަވާތް ކިޔަވާން އޮޑިއަށް އަރުއްވަވައިފި އެވެ. އޮޑީގައި ޞަލަވާތް ފާތިހާ ކިޔަވައި ކަނޑުމަތީ ފާތިހާ ކިޔަވައި އޭގެފަހުގައި ޝާޛުލީ ބަހުރު ކިޔަވަން ފަށައިފި އެވެ. ދެން އިރުވަރު ގާތްވުމުން ކާސިމްބެއްޔާ އޮޑިން ފައިބައި އޮޑިވަށައި ދުންބުރުވައި އެގާރަ ފިޔަވަޅު ބައިގައި އާއޮޑި މޫދުފެނުއަޅުވައިފި އެވެ. ދެން އޮޑިބައިލަން އައިމީހުން އޮޑީގެ ފަރިބަލަމުން ފާޑުކިޔަމުން ދެއެވެ. ބައެއް މީހުން ބުނަނީ އޮޑީގެ ދިރުނބާކޮޅު މާ ހިމަބޮޑުކަމުގައެވެ. ކަނޑުގަދަވެއްޖެނަމަ ކަނޑަށް ދެރަވާނެ ކަމަށެވެ. އަނެއްބަޔަކު ބުނަނީ އެގޮތަށް ހުރީމައި އައިނުގައި ދާއިރު އެނަކުރި ހިފާނެކަމުގަ އެވެ. ފަހަތުން އަންނަ އޮޑިއަކަށް އަރައި ހަމަ ކުރުމަކީ އުނދަގޫކަމަކަށް ވާނެކަމުގައެވެ. އަނެއްބަޔަކު ބުނަނީ ކުނބު ވަނޮޅުން ކުރިއަށް ޖެހިފައި އޮތީމައި އެނަކުރި ހިފިކަމުގައިވިޔަސް ކޮޅުގަންބާނެކަމުގަ އެވެ. މިކަހަލަ ވާހަކަތަކެއް ދައްކަމުން ބައެއްމީހުން ގެއަށް ހިނގައްޖެއެވެ. ދެން އާއޮޑިއަށް ކުރުނބާ އިހާތަކާއި ފަރިވަޅުތަށް އަރުވައި ކުޑަކުދިންތައް އޮޑިއަށް އަރުވައިފި އެވެ. އާއޮޑި ޖަހާދުވަހު އެއޮޑިއަކަށް ކުޑަކުދިން އެރުވިވަރަކަށް ގޮދައި އަރުވަން ލިބޭނެކަމަށް ބުނަމުންނެވެ. ދެން އާއޮޑި ޖަހާކުދިން ފަލީގައި ހިފައިލައި ''އާއޮޑިޖަހާ ޅަކުދިންނަށް ބައިކަނޑި ހަނޑުލު ފެންބަތޯ'' މިއަންބާގައި އާއޮޑިޖެހުމުގެ އާދަކާދަ ނިމި އޮޑިބޭރުގައި (އޮޑިފަހަރު އަޅާ ހިސާބު) އޮޑިއަޅައިފި އެވެ. ދެންމިރޭގައި އާއޮޑީގައި މަހަށްދާ ފަޅުވެރިން ނުނިދައި ކުރަންހުރި ހުރިހާ ކަމެއް ނިންމުމުގައި ހޭލަމޭލަވެ އުޅެމުން ދިޔައެވެ. ފަތިހު ފަތިހާ އެންބޭރަށް ގޮސް އޮޑި އެންގަލަށް ފަހިވާގޮތަށް ގަލު އޮއިމަތީގައި ބަނދެފި އެވެ. މިއަދު ކާސިމްބެއްޔާ މަހަށްދުރުވީ އާ އޮޑި ކަނޑުފެނު އަޅުވާށެވެ. އޮޑިވެރި ހަސަންކެޔޮޅު އަރާމަތިދަނޑީގައި އެއްކަން އައްސައި ހަތަރު ކަނުގައި ހަތަރު ދަނޑި އައްސައި އޮއިމަށްޗަށް އޮޑިދައްވާގޮތަށް، އޮޑިދަށު ދެމާރަށް ދަމައި ދާފުންކޮށް އޮޑިދަށު ދެމާރަށް ތަންކޮޅެއް ދުލެއްދިނުމުން ދަލުކުރެވި ރޫފިލުމުން އެންކެޔޮޅު ފިލިމަސް ގުޅައެއް ގިރުވައިލުމުން ކުދި ބުރެކި ލޯއަޅަމުން އޮޑިދަށަށް އެންގަނޑު ރޫބަނދެލުމުން ހަތަރު ދަނޑިއަށް ދަމައި ދަލުގެ ހަތަރު ކުރެވި ފެނުން ހިއްކައިލުމުން ދަލުތެރެއިން ރާ ރާ ލާންފަށައިފި އެވެ. ދެން ވަތަކުން ދެ އުނގުރި ހޭވަތުން ހަތަރު އުނގުރި ނަގައި އޮޑީގައި ދިޔަހައްދައި އެންދާ އޮޑިއާއި ކައިރިކޮށް ދެވަށިން ކަވައި ކުޑަކޮށްފައި މަތިކަނު ދާރާގައި އަޅުވާފައި އެންދާ ހޭވަތަށް ފުރޮޅާލައިފި އެވެ. ތިންފަހަރު ދާ ލީއިރު އިހިދަށުން މުޅަހެދޭވަރު ވެއްޖެއެވެ. ދެން ދަނޑިތަށް މޮހައި ދާ ކުނބުފުލަށް ޖަހައި ފުލުފަނައި ނަގައި ގެނބުރުފަނައަށް ދަމައި ހަންޖާ މުގުލަށް މަތިގޮށް އަޅައި ހޮޅިރިޔަލު ވައިގައި ކަނޑޯޅިއަށް މިސްރާބު ޖަހައިފި އެވެ. ދެން ގޮނުހަލައި ކަނޑަށް ނުކުތުމުގެ ކުރީގައި ކައިބޮއި ދުފައި ހަދައިފިއެވެ. ދެން ކާސިމްބެއްޔާ ފިލާގަނޑުމަތީ އިނދެ ޞަލަވާތް ފާތިހާ ކިޔަވައި ކަނޑު ކައިރިވުމުން އޮޑި މަޑުކުރުވައި އޮޑިވަށައިގެން ފެންއަޅައި ''މާކަނޑު މާސަމަންދަރޯ''އިން އޮޑި ކަނޑު ފެނުއަޅުވައިފިއެވެ. ވަރަށް ފަރުވާވެ ކަނޑުމަތި ބަލަބަލައި ތިއްބައި ބޭރުން އަންނަ ކުރަނގި ދޫނީގެ ފިޔަ އެގޭހިސާބަށް ދެތިން ހަތަރު ދޯންޏެއް ގޮސްބަލައިފައި އަނބުރައިލައިފިއެވެ. އެދޫނިތައް ހަދާގޮތަކީ ގޮއްޓެއްހެން މަތީގައި އެނބުރި އެނބުރިފައި ހާވިޔާވެގެން ދަނީއެވެ. ކެޔޮޅު ޙަސަނު ބުނެފިއެވެ. އެ ވާނީ ކަނޑުބިޔައެއްގެމަތީ އެނބުރޭ ދޫނިތަކަކަށެވެ. އެ އެތި ތިލަވުމުން ދޫނިތައް ގޮށިވެގަންނަނީއެވެ. އެއަޑިއަށް ދިއުމުން ދޫނިތައް ވައިވަނީއެވެ. ދެން އުތުރަށް އަނބުރާލިތަނައި އިރުން ކަނޑަށް އެޅިފައިވާ ދަޅައިގެ ދެކުނުން ދެމާރަނގަ ދޫނި ބޮންޑަ ވައްޓަ ވައްޓައިފައި އަރާތަން ފެނުމުން އެދިމާއަށް ދީލާލިތަނައި މަތިއޮޑިން އޮޑިދަށުން ލޮންސިއެއް ދިޔަހެން މަހެއް ފުންމާލުމުން އެން އުކައިފައި ދަންމާނުގައި ހުރިތަންކޮޅު އޮޑިވަޔަށް ކައިރިކޮށްލިއިރު އެއްލި އެމުގައި ހިފައި ފިލާގަނޑު ކަނަށް މަސްއަރައިފި އެވެ. ކެޔޮޅުހަސަނުމެންދޮށީގައި ހިފައިގެން އަރައި ދައްފިލާގަނޑުމަތީގައި ފައި ހަރުކޮށްލައިފައި ޖެހިދޮދީގައި ފަލަ ރާމަހެއް ނަގައި މަސްކަނދުގަނޑުމަތީގައި ޖައްސައިފިއެވެ. ދެން ހަތަރުދޮށިން ބާނަމުން ދަނިކޮށް ދެވަތް ނުފުރެނީސް އައިންދެރަވެ ދިގުދޮށީގައި ވިދެ ކޫރުވަނިކޮށް ވައިމަތިން އައި ދެގަނޑެތި އިދިކޮޅަށް އެންއަޅައިލުމުން ކައިބަލިވެފައިވާ މަސްކޯޅި އެދެއޮޑިއާއެކު ހިނގައްޖެ އެވެ. ދެން އަނބުރައިލައިފައި މިއަދަށުއަތަށް ދުއްވަމުން ވެލިފަށަށް އާދެވުނުއިރު އޮޑިފަހަރު ދެރަމަހުގައި ދެއަތަށް އަނބުރައަނބުރައި އުޅެއެވެ. ދެންހުރި އެންކޮޅު އެތަނަށް ކައްވައިލައިގެން މަސްކޮޅެއް ބޭނިއްޖެއެވެ. ދެންރަށަށް ވަންނަމުން ހުރި މުޅަކޮޅުގައި ކަންމުލިކައްވައިލައިގެން ރަށަށް އައީއެވެ. ދެން ލޭދިޔަގަނޑު ހިއްކައިލައިފައި މަސް ގުނިއިރު ތިންހިޔަ ފާހެތި މަސްބެވިފައި ހުއްޓެވެ. {ހިޔައަކީ 96ކެވެ. ފާހެތި އެއީ 12×6 ކެވެ.} ދެން މި މާވަހަރުދޯނިވީ މަހަށްތޫނު އެންމެ ގިނައިން މަސްވެރިކަންކުރާ ދޯނިކަމުގައެވެ. އެއްދުވަހަކު ދޮންދަލޭކަ މަސްކެއްކި ލޯގަނޑުދޮންނަން އަތިރިމައްޗަށް ގޮސްއުޅެނިކޮން ކަޅުކުލައިގެ ގުޅައެއްފެނިގެން ނަގައި ރަނގަޅަށް ބެލިއިރު އޭގެވައްތަރަކީ ކުކުޅުބިހުބުރެވެ. ދެން ލިބާސްދަށުން އަންބޮނޑިއަށްލައި ފޮރުވައިގެން އައިސް އެތެރެގޭތެރޭގައި ހުރެ ރަނގަޅަށް ބަލައިފައި ފޮރުވައިފި އެވެ. ދެން ޙަސަނު މަހުން އައީމައި ވަރަށް ސިއްރުގޮތެއްގައި ދައްކައިފިއެވެ. އޭގައި ވަސްގަނެ ހަދާފައި ނިންމީ އެއީ ކަޅުމާވަހަރެއް ކަމަށެވެ. ދޮންދަލޭކަ ބުނެފިއެވެ. ކަޅުމާވަރެއް މީހަކަށް ނޭނގި ފޮރުވައިފައި އޮވެއްޖެނަމަ އެގެއެއްގެ މީހުން މުއްސަނދި މަހުޖަނުންނަށް ވާނެކަށް ބުނާއަޑު އަހަމެވެ. ޙަސަނުވެސް ބުނީ ތިޔަ ހެންބުނާއަޑު މަ ވެސް އަހަމެވެ. ދެން ބޮޑުފޮށީ އަޑީގައި ރައްކާކޮށް ދެމީހުންވެސް މިކަން ވަންހަނާ ކޮށްފި އެވެ. މީގެފަހުގައި މިމީހުންގެ ތަނަވަސްކަން އިތުރުވަމުން އައީ މީހުން ޙައިރާން ވާހައިވެސް އަވަހަށެވެ. ނުވަތަ ކަލާނގެ ގުދުރަތުގެ ފަރުދާގެ އެފަރާތުން ކުރަށްވާ އިމްތިޙާނެއްފަދަ ގޮތަކަށެވެ. ހަތަރު އަހަރަށް އެޅުނުއިރު މަސްދޯނި ތިންދޯންޏާއި ނާލުބައްތެއްޔެއް ހުއްޓެވެ. ވަރުވާއަށް ލިއުއްވައިގެން އުޅޭ ފަޅުރަށަކާއި ކުދި ދޯނިފަހަރު ވެސް އޮތެވެ. މިހިސާބަށް ދިޔައިރު ކެޔޮޅުޙަސަނުގެ ނަން މުއްސަނދި ޙަސަނަށް ބަދަލުވެއްޖެވެ. މުއްސަނދި ޙަސަނާއި ދޮންދަލޭކައިގެ ތަނަވަސްކަން ބޮޑުވެ ފުޅައު ވުމުން ދެފަރާތުގެ ގާތްތިމާގެމީހުން ވަރަށް ގިނަވިއެވެ. އެންމެކުޑަވެގެން އާދަމްގެފާނާއި ހަމައިން އެއްކާފާނުވާ މީހަކު ހުރިކަމަކަށް ނުވިއެވެ. ދީގެން ބަހައިފިއްޔާ އެއްމުދަލުން ބައިނޭޅޭ މީހަކު ނޫޅެއެވެ. ގެއާއި ބަދިގެތެރޭގައި [ގަދަކެޔޮޅު] ހެދިފައި އުޅެނީ މިމީހުންނެވެ. ކަންތައް މިހައިހިސާބަށް (ބޯއޮތް ހިސާބަށް ނަގޫދެމިލުމުން ) މިހާރު ދޮންކާސިންބެއްޔާގެ ގޭމީހަކަށް މާވަހަރުގޭ ގޯތިތެރެއަށް ފިޔަވަޅެއްވެސްނޭޅޭހިސާބަށް ކަންތައް ހިނގައްޖެއެވެ. ކަމުގެ ފެށުމަކީ ކުޑަކުދިން ކުޑަކުދިންނާއި ކުޅޭއިރު ތޮޅޭތޮޅުމުން ކުދިކިޔަމުން އައިސް ހޫނު އަރާރުމަކަށް ވީއެވެ. އެއްދުވަހަކު ކާސިމްބެއްޔާގެ ކުއްޖަކު ދޮންދަލޭކަގެ ކުއްޖާ ކޮއްފާލުމުން ވެއްޓި މޫނުމަތިން ތަނެއްފެޅި ލޭއައިސް މޫނުމައްޗަށް ލޭފައިބައި ފެވިގެންދިޔައީ ރުއިކަރުނައާއި އެކުގައިކަމުގައިވާތީ ފެންނަފެނުމަށް ހުރީ ވަރަށް ބޮޑުކޮށެވެ. އެހެންވީމައި ދޮންދަލޭކައިގެ ފަރާތުން ޔާލާވެރިން ވާހަކަ ފަތުރައިލީ ހަތަރު އުދަރެސް ބައްދާވަރަށެވެ. ދޮންދަލޭކައިގެ ރާރާގުޑި ރަށުނިވައިން ކެނޑި ޖައްވުގެ ހަމަވައިގައި ޖެހުނުއަޑަށް އެދިމާއަށް މީސްތަކުންދުވެ ޖަމާވެއްޖެ އެވެ. ދޮންދަލޭކައިގެ ރާރާގުޑިން އިވެނީ މިއަޑެވެ. [އެތިބަ ނުލަފާ މީހުން މަގޭ ކުދިންކޮޅު ތަޅައި މަރަނީއޭ! އެމީހުންގެ ފެންވަރު އޮޅުނީއޭ! އެމީހުންނަކީ އަހަރުމެން ދިނީމައި ކައިގެންތިބޭބައެކޭ! އެވަރުވެސް ހަނދާނެއް ނެތޭ! ދެން ތުންބުރި ކާޅަށް ގޮވައި ކާންދިނަސް މިގޭ ބަދިގޭގައި ކެއްކި ކާއެއްޗެއް އެއިން އެއްޗަކަށް ނުދޭނަމެވެ. މީގެފަހުގައި މާވަހަރުގޭ ކުދިން ކާސިންބެއްޔާމެންގޭ ކުދިންނަށް ދައްކަމުން މީރު ކާބޯތަކެތި ކައިބޮއިހަދައެވެ. އަދިބައެއްފަހަރު ދައްކާފައި ކާހިއްވޭތަ ؟ މީރުތަ؟ އަނގައިގައި ރަހަލައިތަ ؟ މިހެންކިޔަމުން އެއްބައި ކައިފައި އަނެއްބަޔަށް ކުޅުޖަހައިފައި އެއްލާލައި ހަދައެވެ. މީރުބުއިން ބޯއިރު އެއްބައި ބޮއިފައި އަން އަން ކިޔާފައި އެކުދިންނާއި ދިމާޔަށް އުކާލައެވެ. މިހާރު މާވަހަރުގޭ އޮޑިދޯނިފަހަރު ބޭލުން ހަވާލުކޮއްފައި އޮނަނީވެސް މުދިން ތައްޚާނާއެވެ. މިއިންކަމަކާއި މީހަކު އެއްޗެއް ބުނެފިނަމަ ދޮންދަލޭކަ އާއި ހަސަނުގެ ވާހަކައަކީ އަހަރުމެން މުއްސަނދިވެފައި މި ތިބީ އެކާސިންބެއްޔާ ކޮއްދިން ކަމަކުން ނޫނެވެ. އެބެއްޔާއަކީ ތިޔަވަރުމީހެއްނަމަ މުއްސަނދިވީހީ އެމީހުންނެވެ. އެމީހުން ކޮންމެހެން އެހެންމީހުން މުއްސަނދިކުރުމުގެ ބޭނުމެއް ނެތެވެ. އެ މީހުން މުއްސަނދިވެގެން 'ދަނގަނޑު ވަހުތާން' ނަގައިގެން ތިބެންވީއެވެ. އަހަރުމެން މުއްސަނިވީގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ. އހަރުމެން ކައިރީ ވާހަކަދައްކައިފިއެވެ. ތިޔަބުނާ ބެއްޔާއަކު އަހަރުމެން ނެތިކޮށްލަންވެގެން ޚައިބަރުގާނާ ކިޔަވާވާހަކަ އާއި ނަޚާސީކީ ރާއްޖެ ބަންޑުންޖެއްސެވި ގޮތަށް އަހަރުމެންގެ އޮޑިދޯނިފަހަރު ކަނޑުލާން އުޅޭވާހަކަ އަހަމެވެ. ހީކުރާގޮތް ދޮތަ؟ އެއްކަމެއްވެސް ނުކުރެވޭނެއެވެ. މިހާރަކަށް އައިސް މާވަހރުގޭ ދޮންދަލޭކަ ހުންނަނީ ބާވަތެއްގެ ސިނގު ރުޅިގަނޑެއް އަވަލައިފައެވެ. ބަދިގެދޮށަށް އައިސް ސަލާމްދޭ މީހައަށް ބުނެފަތެވެ. ކަލޭމެން އަތަކުން ފަޔަކުން ކަމެއްނުކޮށް ތިބެގެން ކާން ދަސްކޮށްގެން ތިޔައުޅެނީ މާކަންފަސޭހަ ގޮތަކަށެވެ. މީހުން ބުރަ މަސައްކަތް ކޮށްގެން އެއްޗެއް ހޯދައި ހިހުލުއަޅާއިރަށް ބަދިގެދޮށަށް އައިސް ތަށިގަނޑެއް ނާށިގަނޑެއް ދިއްކޮށްލީމައި އެވީ އޭތިކޮޅު ދޭން! ދެން އަނެއްފަހަރު ކައްކައި ހިހުލުއަޅައިތޯ ތިބޭނީ ބަލަބައެވެ.ތިއޮތީވާ ކަލޭމެންނަށް ރަނގަޅު އުޅުމެއް ދަސްވެފައިތާއެވެ. ދެން އެއްދުވަހަކު ދޮންދަލޭކަ ކޮންމެވެސް ބޭނުމެއް ޖެހިގެން އެމީހުންގެ މުއްސަދިކަން ފޮރުވައި ރައްކާކޮއްފި އޮތް ބޮޑުފޮށި ހުޅުވައިލިއެވެ. އެފޮޑިތެރޭގައި ކުދި ނަގުލަންދާށި އުޅޭތަން ފެނިގެން ފޮށީގައި ހުރިތަކެތި ނެގިއިރު މުއްސަނދިވާނެކަމުގެ ނިޔަތާއިއެކު ފޮރޮވި މާވަހަރުއޮތީ ފީ ކުނޑިތަކެއްހެންވެފަ އެވެ. ދެން ޙަސަނަށް ދެއްކުމުން އަލިފާންކޮޅެއް ގެނެސް އެއިން އެތިކޮޅެއްލީމައި ވިރިކެކޭގޮތެއް ނުވިއެވެ. ނުބައި ވަހެއްހުރި ދުމެއް އެރިއެވެ. ދެންޙަސަނު ބުނެފި އެވެ. [އާނ އެނގިއްޖެ! މިއީ މީހަކު ބިންބި މާފުއްކައިގެން . . . . . . އެ ކަހަލަ މާވަހަރެކެވެ.] ދޮންދަލޭކަ ފާޑަކަށް އަނގަ ހާވެފައި [ޙަސަނާ އަހަރުމެންގެ މުއްސަނދިކަން ދިޔައީއެވެ. ] ޙަސަނު ބުންޏެވެ. ދުލުވިންދު ހުއްޓައި ތިޔަހެން ބުނާކަށް ނުވާނެ އެވެ. ދެން ދޮންދަލޭކަ މިކަމުގެ ހައިޖާނީ ފިކުރު ގަނޑެއްގައި ހުރެގެން ބަދިގެދޮށަށް ދިޔަތަނައި ޅަވަރެއްގެ ކުއްޖަކު ސަލާމް ޖަހައިފިއެވެ. ދެން ދޮންދަލޭކަ އިލޮށިފަތި ހިފައިގެން އެކުއްޖާ ފަހައިގެންފައި ބުނެފިއެވެ. [ މިއާލެއްގަނޑަކާއިހެދި އަހަރުމެން ހަލާކުވެއްޖެއެވެ.] މީގެފަހަކަށް ސަލާމްދޭ މީހަކު އެގޭދަށަކަށް ނާދެއެވެ. ދެންފަހެ އިންސާނާ މާތްވަނީއަކީ މުއްސަނދިކަމާއި ނުފޫޛު ގަދަ މަޤާމެއް މިލްކުވުމަކުން ނޫނެވެ. ޢިލްމް އާއި އަދަބު ވެރިކަމުގެތެރެއިން އެމީހެއްގެ ނަފުސު ޒީނަތްކުރި އެއްޗެއްގެ މިންވަރަކުންނެވެ. ނާށިގަނޑު ގެންއެހިފާ އޭރުސަލާމް ޖެހިމީހާ ކާށިގަނޑަކާއި ގަނޑެއްމަސް އެކަމުން ދުވިމީހާ ދާށި ދުނިޔޭގެ ބުރެއްގާ އެގަދަރު ލިބިމީހާ ދާށި އެދުވަސް އެހަނދާނާއި މުޅިން ނެތި މީހާ ކައިއުޅުނު މާގިފިލި ހައިވެބަނޑު ބުއި ކުޑަގިފިލި ބައިގާ ވިދުހު ނިޔަރުމިލި ލައިފި އެދުވަސް ހިތުން ފިލި ހައިބަފެނި ބޮޑުހިޔަނި ވާތީ ލައިހިތުތެރޭ ނުނިޔަތްތީ (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ ގ , 2009-07-15 16:07:56
ކުރިޔަށް އޮތްބައި ވަރަށް ފޯރި ގަދަވާނެކަމަށް ލަފާކުރެވޭ ތަންކޮލެއް އަވަހައް ޖައްސަވައިދެއްވައްޗޭ!!!!!!!!!!!!!!!!
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2009-07-16 05:13:15 މިއީ ވަރަށް ކަމުދިޔަ ވާހަކައެއް. އެންމެ ކަމުދިޔަ އެއްކަމަކީ، ހުރިހާ ހާލަތެއްގައި ވެސް އެހާލަތާގުޅޭ މުނާސަބު ބަސް ބޭނުން ކުރައްވައިފައިވުން. ރީތި ސާދަ ދިވެހި ބަސްތެރިކަން ފެނިގެން ދިޔުން. އަނެއް ސަބަބަކީ، ދިވެހިންގެ އިހު ދިރިއުޅުމުގެ ވަރަށް ރީތި ގަލަމީ ތަސްވީރަކަށް މިވާހަކަ ފުދިގެންވުން.
...
ލިޔުނީ އަރުޒަމް, 2009-07-16 19:37:04
އެނގިފައިވާ ގޮތުގައި ހިޔަ އަކީ ސަތޭކަ އެވެ. މުހައްމަދު ޖަމީލުވެސް މިމަގަށް ލިޔުއްވާފައިވާތީދުށީމެވެ. މިބަހުގެ އަސްލަކީ ޖަޕަނީސް އެވެ. ޖަޕަނީސްބަހުން ސަތޭކަ އަށް ކިޔަނީ "ހިޔަކު" އެވެ. އެބަސް ތަރައްގީވެގެން ބާލިޣުވެގެން ދިވެހި ބަހަށް ވަނީ ހިޔަ މި ބަހުގެ ގޮތުގައެވެ. އެހެންވީމާ ހިޔަ ނުވަދިހަ ހަޔެއްގެ ގޮތުގައި ގެނެވިފައިވަނީ އެވަނީ ކޮންގޮތަކުންތޯއެވެ؟
ރަދީފުގައިވެސް އިނީ 96 އެކެވެ. އެހެންވީމާ ސަތޭކަ އަށްމި ނިސްބަތް އެކުރެވެނީ ރައުންޑު އޮފް ކޮއްގެންތޯއެވެ؟
...
ލިޔުނީ ސަމީޢު, 2009-07-16 23:44:56
އާދަމް ނަޞީރު ތިވިދާޅުވީ އަޑުގަނޑަށްވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމެކެވެ. އަދި ދަންނަވަމެވެެ. މިހާރުގެ ވަރަށް ގިނަކުދިންނަށް ސާފު ރީތި ދިވެހިބަހުން ވާހަކަދެއްކުމަކީ އުނދަގޫ ކަމަކަށް ވީނަމަވެސް އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދިވެހި ބަހާއި ދިވެހި ޤަޢުމު ދޫކުރެއްވީ ނުހަނު އަމާނާތްތެރި ކަމާއި ޒިންމާދާރު ގޮތެއްގައި ކަން މިފަދަ ވާހަކަ ތަކުންވެސް ހެކިލިބެއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|