މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފިއްލޯމަންޖެއާއި، ތަކަހަސަނުގެ ވާހަކަ -03 |
|
|
| ދިވެހި - ވާހަކަ | |||
| 20 ޖުލައި 2009، 23:51 ހޯމަ | |||
|
މުޚްތާރު ޢަބްދުއްރަޙްމާނު - ނޫރާނީގެ ށ. މިލަންދޫ މިދުވަސްވަރަކީ މަސްވެރިކަން މާރަނގަޅު ދުވަސްވަރަކަށް ނުވުވުމާއިއެކު މާވަހަރުގޭ މާވަހަރު ދޯނި ބާވިނަމަވެސް އެދޯނި މަހަށް ތޫނުކަމުން ރުއްވަލުތެރެއަށް ދިރުނބާކޮޅު އެއްގަމަށް އެހެލަން ނުކެރިގެން އެދޯނި މަރާމާތު ކޮށްލައިގެން އޮޑި ހަރުގެއަށް ލައިގެން އޮޑިހެދުމުގެ މަސައްކަތް ހިނގަމުންދާ ދުވަސްވަރެކެވެ. މުއްސަނދި ހަސަނު މިހާރު އެއް ވެސް މަސައްކަތެއް ނުކުރައްވައެވެ. އޭނާ ދެކިލައްވާގޮތުގައި މުއްސަނދިވީމައިވާނީ މުއްސަނދިކަމުގެ މީރުކަމާއި އަރާމު ލިބިގަންނާށެވެ. ދެން މީރުކޮށް ކައިގެން އުޅެނީ ރޯހަމެއް ނުފެޅޭނޭ ބުނާބަހުގައި ރަނގަޅަށް ހިފައިގެން ނެވެ. މިހާރު ހަސަނުގެ ބޯކުޑަވެ ކަނދުރާ، ވެލައިކަނދުރާހެން ކުރުގެޅިއްޖެ އެވެ. ރަނގަޅަށް މިންއަޅައި ބަލައިފިއްޔާ ހަސަނުގެ ހަތަރުބިތަށް އެއްވަރުވާނެހެންނެއް ހިއެއް ނުވެއެވެ. އެއްދުހަކު ޙަސަންބެގާތު މީހަކު ބުނެފިއެވެ. މުއްސަނދިވެ ތަނަވަސްވީމައި ފަހު ލާބައަށްޓަކައި ހެޔޮ ކަންތައްކޮށް ނަމާދު ކޮށްލައި އުޅުމަކީ ހާދަރަނގަޅު ކަމެކެވެ. ޙަސަންބެ ޗަހެއްޖަހައިލައިފައި [ ތިޔައީ މާނިކަމެތި ފަކީރުން ކުރާކަހަލަ ކަންތައްތައް! އަހަރުމެންނަކު ކުނާ ފޫދުއްވަން ނިއްތަޅަތަޅައެއް ނޫޅޭނަން! ކަނޑުއޮޅިތަޅާ ކުދި ލައްޓިއެއް ނުބާނާނަމޭ! އަހަރުމެން ބާނާނީ ބޮޑު އެއްގޮލައި ! މަރުވާން ކައިރިވީމައި ޙައްޖަކަށް ގޮސްލީމައި މައިބަނޑުން ވިހޭދުވަހެކޭ އެއްފަދައޭ ރޭޑިއޯތަކުން ގޮވާއަޑެއް ނާހަމުދޯއެވެ؟ މުއްސަނދި ޙަސަނު އެއްދުވަހަކު ދަމަކަށްވުރެ މައްޗަށް އިރުއެރިތަނާ ހެނދުނުގެ ފަޠޫރު ކޭންބައްލަވައިގެން އާދައިގެމަތިން މާވަހަރު ދޯނި މަރާމާތުކުރާ އޮޑިހަރުގެއަށް ދުރުވެ އޭނާއަށް ނުހަނު އަރާމުގައި އިނދެވޭގޮތަށް ހަދާފައިވާ ތާނގައި އިށީންނަވައިފި އެވެ. އިށީންނެމުން މީހަކު ހަސަންބެކުރެން އަހައިފި އެވެ. [ތިޔަގޭ ބައްތެލި މާލެދާން ފުރަނީ ކޮންއިރަކުން ތޯއެވެ. ބައްތެލިވެސް އެއޮތީ ބަރުކޮށްފައި ވިއްޔާއެވެ. ހަސަންބެ ބުނުއްވިއެވެ. [ ބައްތެލިދުއްވަނީ މަގޭ ޙާމިދެވެ. ފުރާނެ އިރެއް އެނގޭނީ އޭނާއަށެވެ. ހީވަނީ ނުފުރައި އެތިބެނީ ދޮންދަލޭކަ މަންމަގެ ފާތިޙާ ތައްޔާރުވާތީ ހެންނެވެ. ހީވާގޮތުން ދެންފުރާނީ އެކަމ....ޗޮ.. ޗޮ.... ] ޙަސަންބެ ވާހަކަ ދައްކަ ދައްކައި އިންދައި އަނގަ އެއްފަރާތަކަށް އޮރިދަމައިގެން ރޫރޫއަޅަމުން ވެއްޓެން ފެށުމުން އެތާ ތިބި މީހުން އަހާނ އަހާނ މަގޭ ހަސަންބެއޭ ކިޔައި އަތްދަނޑި މަތީގައި ތިރިކޮށްފި އެވެ. ތިރިކުރިއިރު އެއްފަޅި ވާތްގެއް ނެތެވެ. ވާހަކައެއް ނުދެއްކެއެވެ. އަނގަތެޅުވުމުން ފިސްއަޑެއް ނިކުމެއެވެ. ދެން ޙަސަންބެ އަތްދަނޑި މައްޗައް ނަގައިގެން ގެއަށް ގެންގޮސްފިއެވެ. ބަޑިއެއް ފަޅައިގެން ދިޔަހެން ރަށުތެރެއަށް އަޑުއަރައިގެން ދިއުމާއެކު އެތަން މިތަނުން މީހުންގަނޑު ނުކުތްއިރު ހީވަނީ ކަށިދަރުގަނޑެއްގައި ހިނި އެތުރޭހެންނެވެ. ތަންކޮޅެއް ފަހުން އާދެވުނު މީހުންނަކަށް ގޭ ގޯތިތެރެއަކަށް ނުވަދެވުނެވެ. ދެން އެހިސާބުގަނޑުގެ ހިޔާފެތުރިފައިވާ ކޮންމެ ގަހެއް ރުކެއްދަށުގައި ބައިބަޔަށް ކޯޅިކޯޅިއަށް ގޯޅީގޯޅި ކަންމަތީ ތިބެގެން އެކިޔާއެއްޗެއް ނޭނގުނަސް އެކިޔަނީ އިސްތިޣުފާރެއް ނުވަތަ ތަސްބީހައެއް ނޫނެވެ. އާނއެކެވެ. ކިޔޭނީ ބޮޑަށް ހިތަށް އަރާއެއްޗެއްތާއެވެ. ދެން ކަންވެރިކަމާއި ބޭސްފަންޑިތައަށް މޮޅު މުޖައްރިބު ކިޔާލަވައަކާއި ފައިމަކުރާ ނެށުމާއި މިއުޒިކާއި ލަވައިގެ ހަމަތަކަށް ބަލައިލަމާތޯއެވެ. ފާލުބަލާމީހުންނާއި ރަމަލު ޖަހާމީހުން އެކަމަށް ބޭނުންވާ ނަންތައް އަބްޖަދު ހިސާބުން ޖުމްލަ އަކުރު ހަދައި ގެއްލައި ނުކުތް ބާކީގެ ނަތީޖާއަށް ބަލައި މުޖައްރިބު ބަސް އިއްވަމުން ދެއެވެ. ދެން ރާހި ބަލާމީހުންނާއި ކުރައި އަނބުރާމީހުންނާއި ކުޑަރުމާޖަހާމީހުން ދެމީހެއްގެ ބަސް ދިމާނުވިކަމަކު ކޮންމެމީހަކުވެސް އެ ބުނަނީ އެމީހަކަށް އެނގޭ މުޖައްރިބު ބަހެވެ. މިހެންވީމައި ކޮންމެ މީހަކުވެސް ކޮންމެމީހަކުވެސް އެމީހަކު އިތުބާރުކުރާ މީހެއްގެބަސް ގަދަކުރަން ވާހަކަދެއްކިވަރަކަށް ޚިލާފުތައް ގިނަވެ ބައިބައިވުން އިތުރުވުން ނޫން ކަމެއް ވާކަމަކަށް ނުވެއެވެ. ގަދަބަސްބުނާ ފަންޑިތަވެރިން ކުޅޭ ކުޅިގަނޑެއް ވެސް ވާނީ ބަލައިލަންތާއެވެ. ސިހުރަށް ކާށިޖަހާމީހުން ބޮޑެތި ކަޅުހިލަދާ ގޭމެދުގޭގައި ބަހައްޓައިގެން ބޮޑެތި ކާށީގެ ނަރުމަށައި އޮމާންކޮށް ޤަހުރުލް އަޢުދާއު ލިޔާމީހުން އެކަމާއިގެން މަޝްޣޫލު ވެގެން އުޅޭއިރު ނުލުރުކު ކިހާކުގައި އަރިދުޢާ ލިޔާމީހުންވެސް ހިމޭނަކުން ތިބީއަކީ ނޫނެވެ. ޙިޒުބިއްނަޞްރު ކިޔަވާމީހުން ބޮޑެތިރަތްމުށި ފުފޭގެތެރެއަށް ހަތްފޮފަޅައިން ފެން އަޅައިގެން ހުނގު ހުވަގޮށް ކަޑިވެސްނޫ ނޫނަސް ގިރުވާނެ އެއްޗެހި ހުންނާނެ ތާއެވެ. ކާޅު ހާލިން ބިސް ނަގާ މީހުން، ކާޅު ހާއްޔެއް ނެތް ކިތަންމެ ރުކަކަށް އަރައި ފައިބަމުން ދެއެވެ. އިސްރުލުގެ ކަންވެރިކަމުގެ ބާޒާރުވަނީ އަގު ހެޔޮވެފައެވެ. ފޮށިއަޑީގައި ބޮކުސާއަކަށް ލައި ރައްކާކޮށްފައި ހުރި ފޮތްތައް ކަމުގެ ވަގުތު ޖެހުމުން ފޮށިތައް ހުޅުވި ބޮނޑިތައް މޮހެވިއްޖެ އެވެ. ސުލޭމާނު ޖަހުރު ކިޔަވާ މީހުންނަށް ހަތް ފަޖުރުގެ ފެން ހަމަނުވަނީސް ރަސްޖަހު ކިޔަވަން ދުންއަޅާތަންވެސް ފެނެއެވެ. ދެންފަހެ ކަންވެރިކަމާއި ބޭސްފަންޑިތައަށް މޮޅުބުނާ މީހުން ބުނާ ދޮޅުލާހި ހުންނަވަރުގެ ބަސްބަހުން އެމީހުންގެ އިތުބާރާއި ޤަދަރު ދޮވެވެމުން ފުހެވެމުންދަނީ ކިހައި މިންވަރަކަށް ކަމެއް ޚުދު އެމީހުންނަކަށް ވެސް ނޭގެއެވެ. އެ ދުވަސްވަރު ރަށުތެރޭގައި ހިނގާ މުހިންމު ކަންތައްތައް ކުޑަކުދިން ކުޅޭ ކުޅިވަރުގެ ތެރެއަށް ވަދެ އެއިން ކުޅިވަރު ކުޅެ އުޅޭކަން މާއިހުގެ ވާހަކަ ތަކުގައި ވެސް ހުރެއެވެ. މިހެންވީމައި މިދުވަސްވަރު ކުޑަކުދިން ނާށި އެއްކޮއްގެން ކުޅޭކުޅިވަރެއް ލިޔެލަމެވެ. އެއް ކުއްޖަކު ދެފައި ވަށްކޮށްލައިގެން ބޮލުގައި ފަތް ކޯޅިއެއް އަޅުވައިފައި ބައިންދަނީ އެވެ. ފަތުން ހަދާފައިވާ ބޮޑު ފޮތެއް ކުރިމަތީގައި ބާއްވައިގެން އިސްކޮޅު ތެދުކޮށްލައިގެން އެބައިނދެއެވެ. ދެން ކުއްޖަކު އައިސް ކުރިމައްޗަށް ހުއްޓިފައި [ދަންނަކަލޭފާނު އަޅުގަނޑުމެން ގޭގައި މީހަކު މާބޮޑަށް ބޮލުގައި ރިހޭތީ އެކަމަށް ބޭހެއް ފަންޑިތައެއް ވާނަމަ ބުނުއްވާށެވެ. ] ދެން ދަންނަ ކަލޭފާނު : ބޮޑުފޮތްބަލައި ގަނޑުތައް އުކަމުން [އެ ބޭސް މިބޭސް ބޮލު ރިހުމަށް މުޖައްރިބު ބޭސް ތިން ސަމުސާ ހުވަފެނުގައި ވޮށު އަނދިރި ގާނައި ބޮޑުއަށީ އޮޅީގައި ވަށައި ކަނދޮޅު ދުލި ހިއްޕައި ދޮރުކަނި ހޫނުކުރަނި މުޖައްރިބް] ދެން އަންހެން ކުއްޖަކު އައިސް [ދަންނަ ކަލޭފާނު އަޅުގަނޑުގެ ފިރިމީހާ ބަނޑަކުރިހޭތީ މަހަށް ފަރަށް ނުދެވޭތާ ހަފުތާއެއް ވެއްޖެ އެކަމަށް ބޭހެއް އޮތްތޯ ބައްލަވައިދެއްވާށެވެ.] ދެން ދަންނަ ކަލޭފާނު ކުއްޖާ : ފޮތް ހާވައިލާފައި [އެ ބޭސް މިބޭސް ބަނޑުރިހުމަށް މުޖައްރިބު ބޭސް ތިން ކަނޑުއޮޅިން ތިންތޯލާ ވަވޮއި ނަގައި އޮޑިހަނަކަށް އަޅައި މައްޔާ ފިނދު ގާނައި ދަށްފައިން ތިރީގައި ވަށައި މުޖައްރިބު އެވެ.] ދެން ކުޑަކުދިންނާއި ހާލިމަތީ ފީކުކުޅާއި ކާޅު ކޮވެލީގެ އަޑުތަކުން މަލާމަތް ލިބުމުން އެމީހުންގެ އަނގަތައް ވެސް ތިންފެނުލައި ކައްކައިގެން ނަމަވެސް މަޑުވެއްޖެއެވެ. މާވަހަރުގޭ ތެރޭގެ ހޭލަމޭލަވެ އުޅުން ހިނގިނަމަ ވެސް ހަސަންބެގެ ހާލުއޮތީ ގަތްވަޅުގަ އެވެ. މީހަކު ކުރި އެއްވެސް ކަމަކުން ލުޔެއް ނުލިބެއެވެ. މާވަހަރުގޭތެރޭގައި އެއްދުވަހަކު ދެކެވުނު ވާހަކައެއްގައި މީހަކު ބުނެފިއެވެ. މިވެނިރަށެއްގައި ހުންނަ ކުޑަހުއްތު ބެއްޔާއަކީ މިކަހަލަ ކަންތަކަށް ވަރަށް މޮޅު މީހެކެވެ. ދެން އެ ބުނާ ކުޑަހުއްތު ބެއްޔާ އާދޭތޯ އެގޭ ޙާމިދު އެބުނާ ރަށަކަށް ހިނގައްޖެ އެވެ. އެއްރޭވެފައި އަނެއްދުވަހު އެބުނާ ކުޑަހުއްތު ބެއްޔާ ގޮވައިގެން ޙާމިދު އަތުވެއްޖެ އެވެ. އެ ބެއްޔާ ފުށުފޭލި ކުނަލާއި ލިޔާ ޤަލަމްދާން ހިފައިގެން ހާމިދާއި އެކު މާވަރުގެއަށް ދުރުވެއްޖެ އެވެ. ދެން އާދައިގެމަތިން ދަތުރުގެ ކަންތައް ހަމަޖައްސާލުމަށްފަހު ޙަސަންބެގެ ޙާލު އަޙްވާލު ހުރިގޮތް ބައްލަވައިފި އެވެ. ދެން ހޯދަންވީ ކޮންއެއްޗެއްތޯ ނަންގަތުމުން ބުނުއްވީ ރަނގަޅަށް ސާފުކޮށްފައި ހުރި ބޮޑު ލޯދޮނލަގެއް ގެންނާށެވެ. އެ ބުނުއްވި ކަހަލަ ކިތަންމެ ދޮލަނގެއް ބޮޑު ފާތިހާ އަށް ސާފުކޮށް ތާހިރުކޮށްފައިވާތީ ހަމަ ވަގުތުން ގެނެސް ދީފި އެވެ. ދެން ލިޔާ ގަލަމްދާނުން ދަވާދެއް ނަގައިގެން އެ ދޮނލަގުގައި ޖަދުވަލް އަކައެއް ކުރަހައި ކޮންމެ ގޮޅިއެއްގައި އަލިފުބާގެ އަކުރެއް ޖަހައިފި އެވެ. އަކަމެދު ތެރޭގައި ހުސް ގޮޅިތަކެއް ހުއްޓެވެ. ދެން އަކައިގެ ވަށައިގެން ލިޔެފިއެވެ. ދެން ދޮންދަލޭކައަށް ބުނުއްވިއެވެ. އަހަރެން ކިޔަވާއިފައި ދޮލަނގު އަނބުރައިލުމުން ކަލޭ ބޭނުން އަކުރެއްގައި ޝަހާދަތް އިނގިލީގެ ކޮޅު ޖައްސާށެވެ. ދެން ތިންފަހަރު ދޮލަނގު އެނބުރީމައި އިނގިލި ޖެއްސި ތިން އަކުރަކީ ه- ل- ك މިއެވެ. ހަތަރުވަނަފަހަރު ދިމާވީ ހުސްގޮޅިއެކެވެ. ދެން އެތިން އަކުރާއި އެ އަކުރުތަކާއި ކައިރީގައިވާ ހުސްގޮޅިތަކާއި ގާތްކުރާ އަކުރުތަކުން ލަފްޡުތަކެއް ހެދީމައި ނުކުންނަ عاقبة އަކީ ދުލުންބުނެ ފާޅުކުރާން ކެރޭވަރަށްވުރެ ނުބައިކަން ބޮޑު ނިމުމެއްގެ ފެށުމެއްކަމަށް ފެންނާތީ ބުއްދި ބޭނުންކޮށްގެން ވާހަކަ ޖެހުނީ މިސްރާބު ބަދަލު ކޮށްލާށެވެ. ނަތީޖާއަކަށް އިންތިޒާރު ކުރާމީހުން އެއްފަހަރު އެ ބެއްޔާގެ މޫނަށް އަނެއްފަހަރު އެތާތިބި މިހުންގެ މޫނަށް ބަލަބަލައި ތިއްބެވެ. ކުޑަހުއްތުބެއްޔާ ބުނުއްވި އެވެ. އުންމީދު ކަނޑައިނުލާށެވެ. ވެއްޖެ ބައްޔަކާއި މަރަކާއި އެއީ ދެކަމެކެވެ. ވީމައި ވަގުތު ނަގައިނުލައި އަވަހަށް މާލެ ގެންދިއުން ރަނގަޅުކަމަށް ފެނެއެވެ. ހަމަ އެދުވަހު ޙާމިދު ބައްޕަ ގޮވައިގެން މާލެދާން ފުރައިފިއެވެ. (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ފާއިޒު, 2009-07-22 05:03:22
ހޫނ ހޫނ... ކުރިޔަށް ގެންދަވާ! ކޮބާ ކާސިމްބެ އާއި ކަތީބުބެގެ ވާހަކައަކީ......
...
ލިޔުނީ shifooo, 2009-07-23 03:57:56
mivaahakaige aneh bayah inthizaaru koh koh mihaaru varubali vehjje muhuthaaru vaahaka nimuneetho alhugandah heevany adhi nunimeyhen alhu heekurin miadhu mivaahakaige aneh bai onne kamah ekamaku nethumun varah dheravehjje adhi bunan rahfushudhiriulhun mihaaru nuliywny keehvetho fanvatha suvaaluko[hlah beynun javaabeh ge inthizaruga
...
ލިޔުނީ ފަންވަތް , 2009-07-23 13:03:01 ޝުކުރިއްޔާ! ''ރަށްފުށުގެ ދިރިއުޅުން'' މި ވާހަކަ މިހާރު ވަނީ އެކީގައި ޝާއިޢުކޮށް ނިމިފައި.
... ލިޔުނީ މުޚްތާރު ޢަބްދުއްރަޙްމާނު+, 2009-07-23 16:57:55
މިވާހަކައަކީ ޚިޔާލީ ވާހަކައެއް ނޫނެވެ. މިއީ ޙަޤީޤީ ވާހަކައެކެވެ. މިވާހަކައިގައި މަސްލަހަތަށްޓަކައި ނަންތަށް އެވަނީ ބަދަލު ކުރެވިފައެވެ. އޭގެ އިތުރުން ގަލަމު ތުނޑަށް ހެޔޮވަރުކޮއްލުން ފިޔަވައި އެއްވެސް ބަދަލެއް ގެނެވިފައެއް ނުވާނެއެވެ.
އަދި އެއާއި އެކުގައި ފަންވަތުގެ މުރާލި ހިންގުންތެރިންަްް އަޅުގަނޑަށް ތިދެއްވި ފުރުސަތަށްޓަކައި ނިހާޔަތަށް ޝުކުރުވެރިވަމެވެ. އެއާއެކު ފަންވަތުގެ ކިއުންތެރިންވެސް ހަނދާން ނައްތާނުލަމެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|