|
ދިވެހި -
ވަޒަންބަހުރުވަ
|
|
29 ނޮވެމްބަރ 2008، 23:39 ހޮނިހިރު |
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (ޝާޢިރުލްމަޤުތޫލު) ހެޔޮ ވިސްނުމާ ހެޔޮ ކަންކަމުގެ އަގަކީ ކޮބައިހޭ ދުނިޔެއާ؟ ކެޔޮކާ އަޅުން، ދުޅަހެޔޮ ނުވާ ރޮނގަކީ ކޮބައިހޭ ދުނިޔެއާ؟
ތެދުވެރިކަމާ ހިތްހެޔޮކަމާ ހިތްތިރިކަމުގެ މާތް ސިފަތަކުން، ބަދުނާމު ނޫން ބަދަލެއް ލިބުނު ހިތަކީ ކޮބައިހޭ ދުނިޔެއާ؟
ދީލަތިވުމާ، މަދަދާ އެހީތެރިކަމުގެ ހެޔޮ ބަރަކާތްތަކުން، ކީރިތިވެ ތަނަވަސްކަން ލިބުނު އަތަކީ ކޮބައިހޭ ދުނިޔެއާ؟ ބިރުވެތިވުމާ މަޑުމޮޅިވުމާ ޛިކުރާ ޚުޝޫޢުގެ ކަރުނައިން، ފުރިހަމަ ނަސީބުގެ ބައްތި ދުށް ލޮލަކީ ކޮބައިހޭ ދުނިޔެއާ؟
ޤައުމާއި ދީނީ ޙުރުމަތުގެ ކަންވާރަކާ އެއްފަދަވިޔަސް، ޤައުމުގެ ދަރީން ޤަދަރެއް ކުރާ، މެޔަކީ ކޮބައިހޭ ދުނިޔެއާ؟
މުޅިޢުމުރު މަޞްލަޙަތަށްޓަކާ ވަޢުޡާ ނަސޭހަތް ވެއްސުމުން، ރުޅިޔާ ޙަސަދަ ރައްދުވެނުދާ، ދުލަކީ ކޮބައިހޭ ދުނިޔެއާ؟
ޞާލިޙުއަޅުން ނިކަމެތިކުރާ، މުޖުރިމުތަކުން މަތިވެރިކުރާ، ޙާލަތު މި އޮތް ހުރަގޭން ރަނގަޅު މަގަކީ ކޮބައިހޭ ދުނިޔެއާ؟ ------------------------------ 28 މޭ 2008
|