|
 ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ޢުމަރު ޚައްޔާމަކީ ދުނިޔޭގައި އުޅުއްވި އިރު، ޅެންވެރިއެއް ކަމެއް ނޭގެއެވެ. އޭނާ މަޝްހޫރުވެފައިވަނީ، އެޒަމާނުގައި ހުންނެވި އެންމެ މޮޅު ހިސާބުޢިލްމުވެރިޔާގެ ގޮތުގައެވެ. ހިސާބު ޢިލްމަށް އޭނާ ކޮށްދެއްވި އަގުބޮޑު ޚިދުމަތްތަކުގެ ތެރޭގައި، ތިންވަނަ ދަރަޖައާއި އެއަށްވުރެ މަތީގެ މާދަލާތަކަށް ޙައްލު ހޯއްދެވުން ހިމެނެއެވެ.
އޭނާއަކީ، ފިލޯސަފަރެކެވެ. ފިޤުހުވެރިޔެކެވެ. ފަލަކީ ޢިލްމުވެރިޔެކެވެ. ޙުއްޖަތުލްއިސްލާމްގެ ލަޤަބު އޭނާއަށް ދެވިފައިވެއެވެ...
ނަމަވެސް، މިޒަމާނުގައި އޭނާ މަޝްހޫރުވެފައިވަނީ، ރުބާޢިއްޔާތު ހެއްދެވި މޮޅު ޅެންވެރިޔާގެ ގޮތުގައެވެ.
ރުބާޢިއްޔާތުގެ އަޞްލު ކޮޕީއެއް އަޅުގަނޑަށް ފެނުމުގެ ކުރިން، ލިބިފައިވަނީ، ވަކިވަކި ރުބާޢިއްޔާތެވެ. އެއަށް ފާޑުކިޔާފައިވާ ލިއުންތެރިންގެ ލިއުންތަކުންނެވެ. ތިރީގައި މިވަނީ، އެފަދަ ލިއުންތެރިންގެ ލިއުންތަކުން ފެނުނު ބައެއް ރުބާޢިއްޔާތުގެ ތަރުޖަމާއެކެވެ. މި ތަރުޖަމާއަށްފަހު، އަޞްލު ރުބާޢިއްޔާތު ވެސް ތަރުޖަމާކުރީމެވެ. އެ ހުށަހަޅާނީ އެހެން ފަހަރަކުންނެވެ. ބުނެވޭގޮތުގައި، އިނގިރޭސި ބަހަށް ތަރުޖަމާކުރެވުނު އެންމެ މޮޅު ތިން ފޮތް އިޚުތިޔާރުކުރިޔަސް އޭގެތެރޭގައި ރުބާޢިއްޔާތު ހިމެނެއެވެ. ފަހެ، މިރުބާޢިއްޔާތުގައިވަނީ، ކީކޭތޯއެވެ؟؟؟
1. " ހޭލާ ބަލާށޭ ސާހިބާ ޣާފިލު ކަމުން! ފަހު އަލްވަދާޢުގެ ވަގުތު އައިސް ޖެހުމުގެ ކުރިން ހޯދަން އުފާ މަސްތީ މުދާމުގެ ލައްޒަތުން." ފަޖުރުގެ ކުރިން މިނިދާ އިވިއްޖޭ ޙާނަތުން.
2. މުލުހާ ފަތިސް އިޢުލާންކުރަން އަންގައިފިޔޭ: "ޢުމުރުން ރެއެއް މާޒީގެ ތެރެއަށް ގެއްލިއްޖެޔޭ، މިދުނިޔެމަތީ އަބަދުގަ އުޅެން ޗާންސެއްނެތޭ، އާދުވަހަކަށް އާއަލިކަމެއް އަތުވެއްޖެޔޭ."
3. ނައިރޯޒު ޢީދޭ މީ ނަސީބުގެ ދަނޑިވަޅޭ، ވައިރޯޅިތައް ހިތް ފިނިވެދާ ޖެހިލައިފިޔޭ! ޝަބުނަމް ތިކިން މާތައް މިއަދު ފެންބޮއިފިޔޭ، ހޭލާށެ! އަދު މާ ގަސްގަހުން ފޮޅިލައިފިޔޭ!
4. މޫސާގެ މާތްއަތްތިލަފުޅުން ބަބުޅާލުމެއް، ހޭލާށެ! އަދު ބުސްތާން ތެރޭން ފެނިލައިފިޔޭ. ޢީސާގެ މާތް ނޭވާފުޅެއް ގަސްތަކު ތެރަށް، ހޭލާށެ! އަދު މާތާޒަގީ ޖެހިލައިފިޔޭ.
5. ހޭލާބަލާށޭ! ގަސްތަކާ އަދި ގޮފިތަކަށް، އޭގައިއެވާ ބުލްބުލްތަކާ އަދި މާތަކަށް، ގޮތްޕެއް މަތީ އިނދެ ބުލްބުލެއް ލަވަ އެކިޔަނީ، ލޯތްބާއެކީ އޭގައި އެވާ ފިނިފެން މަލަށް.
6. ފިނިފެންމަލުގެ ޢާޝިޤު ހެނދުނު އަތުވެއްޖެޔޭ، ގުލްޝަންތެރަށް ވަސްމީރުކަން ފަތުރާލަމުން، ނަރުގިސްމަލާއި އޯކިޑްމަލަށް ބޮސްދީ ހަދައި، ވަސްމީރުހައި މާތަކުގަ އަދި ފިރުމާލަމުން.
7. ސާދާކަމާއެކުގައި ފަތިސްއައުމުން މިއަދު، ހެދުނުގެ ނަޔާ ޖައްވުގެ ތެރަށް ގޮސްލަން ބަހީނ. ދޫކޮށް ކުރާ ހުރިހައި މަސައްކަތްތައް މުޅިން، ރާތަށިތަކާއި ރާގުން އުފާ ހޯދަން ބަހީނ.
8. ވަސްމީރުވީ މޫސުމް ބަހާރުގެ މީރުކަން، އަސްތާ! ވަނީ ތުނި ތަށިތަކުންނޭ ހިތްތަކަށް. އަހުރެންގެ ހިތް ކުޅަޔޭ ހިތާމަ ބަހާރަކަށް، ތައުބާވެ ހުރެ ދުރުހެލިވެވުނު ރާތަށިތަކަށް.
9. ޅަޢުމުރު އެއީ ޢުމުރުގެ ބަހާރޭ، ޢާޝިޤާ، މާޒީވިހައި ދުވަހެއްވިޔޭ މިނަބީޒުހެން، މީގައި މިވާހައި ހިތިކަމާއި ފިނިކަންވެޔޭ، ހިތިކަން ހިތަށްދީ ހިތް އުފާކުރި އިޝްޤުހެން.
10. ޢިޝްޤުންނެ އާރޯކަން ހިތަށް ލިއްބައިދެނީ، ރުކުނެތްކަމަށް ވާތީ އެއީ ޢުމްރުގެ ޒުވާން! ޣާފިލުވެފައި ވީނަމަ ތިބާ ޢިޝްޤާމެދަށް، އަންނާށެ އަދު ހިތަކާ ހިތުން ގުޅި ލޯބިވާން. 11. ދޫކޮށްލަމާހޭ ލޯބިވުން ނެތްހާ ހިތެއް، މިސްކިތްތަކާއި އަދި ފައްޅިތައް ވަކިކޮށްނުލައި، ޢިޝްޤުގެ ފޮތަށް ނަންއެރި ކަތަކު މިޙިމާޔަތުގައި، ނުބަލާނެ ހޫނާއި ފިންޏަކަށް ހަމަގައިމުވެސް.
12. ރާތައްޓަކާ، ރޮށިފަޅިޔަކާ، އިހު ޅެންފޮތެއް، އަދި ލޯބިވާޔާ އެކު ވަމޭ ލަވަތައް ކިޔަން، ގޮތްޕެއްގެ ދަށު ފަޅު ވާދީޔެއްގެ ތެރޭގަވާ، ދެކެމޭ އެތަން އާރާސްތުވީ ސުވަރުގެ ފަދައިން!
13. ރަޙުމާއެކީ ދޭށޭ ޒުވާބެއް ދެންމަށަށް، އަހަރެންމިވާ އެކަހެރިކަމާ ދުރުހެލިކަމަށް، ޒުލްމެއްނުވާ ފަޅުތަންދެކެމެ ހެޔޮތަން ކަމަށް، ގަނޑުވަރުތަކަށްވުރެ ހިތްފަސޭހަ ތަނެއް ކަމަށް.
14. އެދެމޭ ކަތުން ކިބައިން މަށަށްް އޯގާވުމަށް، ހިތްހެޔޮކަމެއް ވަގުތާ ޒަމާނުގަ ނެތްކަމުން، ވަގުތުގެވި ބަނިޔާދަންކަމީ އަނިޔާކަމުން، އޭގައިއެލާހައި ނިކަމެތިން އިނދަޖައްސަމުން.
15. އައުދާނަ ކައިކޯބާޑުވީ ކޮންތާކުހޭ؟ ޖަމްޝީދުއާ އަދި ޒާލުވެސް އަދު ނެތްމެޔޭ، ވަސްމީރުހައި މާތައް އިހަށް، މިއަދަކުނެތޭ، ވަގުތާއެކީ އެންމެން ފަނާވެ ހިގައްޖެޔޭ.
16. ފިނިފެންމަލެއް ބުންޏޭ ނެތޭ ކޯތާފަތެއް، އަހަރެންގެ ވާފަދައިން ފޮޅޭ ހިނިތުންވަމުން، ހެޔޮވާނެހޭ؟ ބަރުބާދުކޮށްލަން ވާމަގޭ، ތުނިފިޔަތަކާ އަދި ކަރުގަނޑާ ޒުލްމުގެ އަތުން.
17. ގޮފިގަނޑު މަތީގައި ލަވަކިޔަން އިނދެފައި އެހިނދު، އަޑު ރީތި ނަލަ ބުލުބުލް ޒުވާބެއް އިއްވިޔޭ: "ދުވަހެއް އުފާވެރިކަންމަތީ ވީނަމަ ތިބާ، އަހަރެން ހިތާމަކުރަންޖެހޭ އަންނާނެޔޭ."
18. ވާއިރު ކުރާގައި އަދު ފޮޅޭ ފިނިފެންމަލެއް، ކޯތާފަތެއް ފަދައިން ނިވާވެވިފައި ލަދުން، އުތުރުން ޖެހޭ ވައިރޯޅި ލޮބިން ބޮސްދެނީ، ތާޒާކަމާއި ޢިއްފަތް މަލުގެ ނިގުލާލަމުން. 19. ހިތުގައި މިވާ ހުރިހައި ރިހުން ފިލުވާލަދޭ، އިތުބާރުހުރި ޝަރުބަތް މިއަދު ދޭށޭ މަށަށް، މިތުރާ ކުރާ އުންމީދަކަށް ނެތްް ކެތްވެވެން، ނޭނގޭކަމުން މާދަން ވެދާނެ ގޮތެއް މަށަށް.
20. ގޭތަައްމަމެންވާ އެޅިފަވީ ހުސްބިންމަތީ، ހިގަމުން މިދާހައި ރޭދުވާ ދާމަގުމަތީ، ގޮސްއަންނަހާ ބަޔަކަށް މިވާ މައިދާންމަތީ، އާސާރުތައް ފުނިޖެހިފަވާ މަސްރަޙުމަތީ.
21. ޖަމްޝީދު އެޅި ބަބުޅާ ވިދާ ގަނޑުވަރުތަކަށްް، ސިންގާތަކާއި ކުދިސޫފިތައް ވެރިއްޖެޔޭ! ބެހެރާމުފަދަ އެތަކެއް ޝިކާރަވެރިންތަކެއް، ތަޚުތާއެކިގަ ޝިކާރަޔަށްވެ ނިމިއްޖެޔޭ!
22. ކުރިބޯށިތައް އުޑުގައިޖެހުނު ކިއްލާތަކަށް، ރަސްރަސްކަލުން އެޅިހައި އެ އުސް ގަނޑުވަރުތަކަށް، ނިކަމެތި ކަމާއި ފަޅުކަން އައިސް ވެރިވެއްޖެޔޭ، ދުވަހަކު އަލުން ދިރުމާއި ޙަޔާތް ނުލިބޭ މަގަށް!
23. ކިތަކެއް ޖަލީސުންހޭ؟ މަމެންނާ އެކު ތިބީ، އިހުގައި އުފާ ލިބިލިބި ނަބީޛުގެ ތަށިތަކުން، މިއަދަކު ނެތޭ ފެންނާކަށެއް ހަމަ އެކަކުވެސް، ކަށްވަޅުތަކަށް އެންމެން ހިނގައްޖެޔެ މަޑުމަޑުން.
24. ދޭށޭ މަށަށް ރޫޙީ ޝަރާބުގެ ކޫޒަކުން، ފެންނަން މަވެސް ނުމެވާނެތީ ކަފުނަށް ފަހުން، ވީމާ، ހިގާށޭ ހޭދަކޮށްލަން ވަގުތުތައް، އުފަލާއި އަރާމް ކުރުމުގެ ތެރޭގައި ޢާލަމުން. 25. މަރުގަންނަވަން އެދިގެން މަލާކު ވަޑައިގަތަސް، ދޫކޮށްނުލާ ބޯށޭ ޝަރާބުގެ ފަހު ތަށިން، އޭނާޔަކީ ސާޤީއެކޭ ފަހު ކޫޒުދޭ، ނުލިބޭނެޔޭ ޝަރުބަތް އެޔަށްފަހުގައި ތަށިން.
26. ޝަރުބަތް ތަށިން ކަށްވަޅު ފެނިއްޖޭ ސާފުކޮށް، މާލޯބިވެތިވީ ރާގަކަށް ބުންޏޭ މަށަށް: "އެއްވެސް ބިރެއް މިއަދަކު ނެތޭ ތަށިބޯލުމަށް" ހޭހުންނައިރު އިވިދާނެބާ މި ނިދާ ހިތަށް!
27. ހެދުނުގެ ލަޠީފީ ޖައްވުގައި ތައުބާވިޔަސް، ތަށިތައްބަހާ ސާޤީއަކީ ރޭގަނޑު ނަދީމް، އޮއްސާލެވޭ ރާތަށި ތަކަށް ގޮސް ގެއްލިފައި، ރޭގަނޑު ވަމޭ މަސްތުގެ ތެރޭ ބޮއިގެން މުދާމް.
28. ސާޤީ ނުވާނަމައީ ވުޖޫދުގެ ރީތިކަން، ފުރިހަމަ ވެދާނެ ގޮތެއްނެތޭ ހަމަކަށަވަރުން، މިޙަޔާތުގައި އުފަލެއް ލިބޭނެ މަގެއްނެތޭ، ޝަރުބަތުގެ މަޖްލިސްނޫން ތަންތަނުން.
29. އުރެދެން މަވީ ކާކަށްހޭ؟ ނޫނި ބޯލަނބަން، ފުރެދެން މަވީ ކޮންއެދުމަކަށްހޭ؟ ހިތްއެދޭ، ޙައިރާން މަވެއްޖޭ ބުއްދިކޮށްކޮށް މިކަމުގައި، ރަޙުމަތްފުޅަށް އެދުމަށް މިޙާލަތް ހިތްއެދޭ.
30. އަހަރެންނަކީ މަސްތުގެ ތެރޭ ވާ މީހެކޭ، ﷲ ދެނެވޮޑިގެންވެޔޭ ރަނގަޅަށް މިކަން، އަދި ޢާބިދުންގެ ތެރޭން ވެޔޭ އެތަކެއް ބަޔަކު، ޝަރުބަތުގެ ގަދަ މަސްތުގެ ތެރޭ އަޅުކަންކުރަން.
31. ޔާރައްބި! އަޅު އެދި ދަންނަވަން ރަޙްމަތްފުޅަށް، އެއްވެސް ކަމެއް ސިއްރެއް ނުވާތީ ޙަޟްރަތަށް، މިއަޅާގެ ތަށި ފުރިފައިވަނީ ޝަރުބަތްތަކުން، އަބަދާ އަބަދު ހައިކޮށްނުލައި އެދެމޭ އެޔަށް.
32. "ބުއިމެއްކަމަށް ލައްވާށިޔޭ ކައުޘަރު އަޅަށް، ނޫނީ ވިރުއްވާނދޭވެ އަޅު ނަރަކައިތެރޭ، ހަމަކަށަވަރުން އިނބަނޫން އިލާހެއްނެތްމެޔޭ." ސިއްރުން މުނާޖާ ދަންނަވަން ޚަލްވަތުތެރޭ.
33. ޔާރައްބި! ދެނެވޮޑިގެންނެވިން ނޫންތޯ؟ ކުރިން، މިއަޅާގެ ހުރިހައި ޢަމަލުތައް ޙާލާ އެކީ، ކުރިހައި ކަމެއް މިންވަރުވެފައި ވީތީ ކުރީ، ކައްޓާއި މަހާއި ރޫޙާ ވަނީ ޤަދަރާ އެކީ.
34. ފަހެ ކީއްވެބާ؟ އާޚިރަތުގައި ކިރިބެލެވެނީ، ކުރިހައި ކަމެއްގެ ހިސާބުތައް މީޒާނުގައި، އަދި ކީއްވެބާ؟ ގަދަފަދަ ޢަޛާބު ލިބުމަށްވަނީ، ކެތްނުކުރެވޭހައި ވޭންތެރޭ އަލިފާނުގައި.
35. މިޙަޔާތުގައި އަހަރެންގެ ޙާލަތު ވާމަގީ، ކޯރުގެތެރޭ ދެމެމުންއެދާ ފެންގަނޑުފަދައިން، ނޫންނަމަޖެހޭ ވައިރޯޅިހެން ޖައްވުގެތެރޭ، ހެނދުނާ، ހަވީރާ އަދި އިޢާދަވެދާ ފަދައިން.
36. ފާއިތުވެ ދިޔަދުވަހާ މެދަށް ބެލުމެއްނެތޭ، އަދި އަތުވެދާނޭ ދުވަހަކަށް ނުމެ ވިސްނަމޭ، ނިކަމެތިވެފައި ހަށިގަނޑުމަގޭ ވަރުދެރަކަމުން، މިއަދާމެދަށް ނޫނީ ބަލައި ނުމެ ވިސްނަމޭ.
37. މިންވަރުވެފައި ވީހައި ކަމެއް ވާނޭ ކަމުން، ވިސްނާ ބަލާށޭ ދުވަހަކީ މިދުވަސްކަމަށް، މާޒީ ތެރަށް ވީ އިއްޔެގޮސް މާޒީވެފައި، އަދި ނޭގެޔޭ ފެންނާނެކަން މާދަން ލޮލަށް.
38. ގުޅުމެއްނެތޭ ވާ ތަރިތަކާ އަދި ރާއްސަކާ، ކުރިއެރި ގޮތާ ވެއްޓުނު ގޮތާ އުއްމަތް އިރަމް. ހުރިހައި ކަމެއް ހިގަމުން ދަނީ ޤަދަރާ ޤަޟާ، ގައިވާ ފަދައިން ލިޔެ ނިންމިހެން ލައުޙާއި ޤަލަމް.
ދެންއޮތް ބައި ލިޔާނީ، ކޮންމެވެސް ބޭފުޅަކު ޚިޔާލެއް ދެއްވީމަ.
|