މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ''ކަލާޔާ ނުލާ'' |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 13 އޮކްޓޫބަރ 2009، 21:29 އަންގާރަ | |||
ކެތްކުރާނަން ނިޢުމާ: ތިޔަ އުފާ ދުނިޔޭގެ ހުރިހާ އުފަލަކަށްވުރެ އިސްކުރާނަން ތިޔަ ވަފާތެރި ލޯބިވެރިޔާއަށްޓަކައި ހިތް ހުސްކުރާނަން ތިޔަ ހިމޭން ފިނި ހިޔަލުގައި އުފަލާއެކީ ޚިދުމަތްކުރާނަން މި އަދުވެސް އަދި މާދަމާވެސް މުޅި ޢުމުރުވެސް ކެތްކުރާނަން ޔޫއްޕެ: ތިޔަ ނަޒަރު ސީދާ ވުމުންނޭ ވިންދު މޭގާ އުފެދެނީ ވެސް ތިޔަ މިތުރު ހިނިތުން ވުމުންނޭ ހިތްމަގޭ ހިނގަމުންދަނީ ވެސް ތިޔަ އަސަރު ހަދިޔާ ވުމުންނޭ ރޫޙު ހަށިގަނޑުގައިވަނީ ވެސް މި އަދުވެސް އަދި މާދަމާވެސް މުޅި ޢުމުރުވެސް ކެތްކުރާނަން ހަތުރުނާ އަދި ދުޝްމަނުން ނަފުރަތުގެ ކަނޑިތައް އުފުލިޔަސް ވެސް، މިތުރުނާ ރަޙްމަތްތެރިން ނުރުހުންވެ ޢުމުރަށް ވަކި ވިޔަސް ވެސް، ހަތަރު އުދަރެސް ގާތްވަމުން އައިސް، ޖާނު އެކު، ފިއްްތާލިޔަސް ވެސް، މި އަދުވެސް އަދި މާދަމާވެސް މުޅި ޢުމުރުވެސް ކެތްކުރާނަން ނިޢުމާ: ރާޅުތައް އައްސޭރިތަކުގައި މެދު ނުކެނޑި ބޮސްދޭ ފަދައިން ވާރެޔާ ވާރޭވިލާ ތައް، އެކު އެކީ އުދެހޭ ފަދައިން ޔާރު މިހިތާ ރޫޙުގައިވީ ގުޅިފައޭ ނޭވާ ފަދައިން މި އަދުވެސް އަދި މާދަމާވެސް މުޅި ޢުމުރުވެސް ކެތްކުރާނަން ހިތް މި ހެން އެދުނަސް، ބަދަލުވާ ޤުދުރަތީ ޤާނޫނުގާ ދެން ނެތޭ ގުޅިގެން އެކީ އުޅުމަށް ތަނެއް މި ޙަޔާތުގާ ބިން، އުޑާ އޮތް ދުރުމިނަށް، މި ދަނީ ދުރަށް މަޖުބޫރުގާ މި އަދުވެސް އަދި މާދަމާވެސް މުޅި ޢުމުރުވެސް ކެތްކުރާނަން ޔޫއްޕެ: ލޯބިވާ ނެތި ކިހިނަކުންތޯ ނޭވައެއްލާނީ އަލުން ލޯބިވާ ވަކިވުން އެއީ ޖަޒުބާތުތަކުގާ ޒަހަރުލުން ލޯބިވާ ދިޔުމީ އެއީ ނަފުސާ ފުރާނަ ހަށިންް ދިޔުން ލޯބިވާގެ ހިޔަނި ފެނޭތޯ ވެސް، އެހެންނަމަވެސް ލޮލުން މި އަދުވެސް އަދި މާދަމާވެސް މުޅި ޢުމުރުވެސް ކެތްކުރާނަން --------------------------------- 12އޯގަސްޓު2005 ނިމުނީ ނޯޓު: މިއީ ފިލްމު ޑައިރެކްޓަރ އަލްފާޟިލާ ފާޠިމަތު ނަޙުލާގެ އެދިލެއްވުމަކަށް، ހެދިފައިވާ ބައިތުތަކެކެވެ. މި ބައިތުތައް އެކުލަވައިލެވިފައިވަނީ، އޭނާ ތައްޔާރު ކުރެއްވި ފިލްމު، ''ކަލާޔާ ނުލާ''ގެ އިފްތިތާޙީ ހަފުލާގައި އެ ފިލްމުގެ ބަޠަލާ (ނިޢުމާ މުޙަންމަދު)އާއި ބަޠަލު (ޔޫސުފު ރަފީޢު) އިސްޓޭޖުމަތީ ހުށަހެޅުމަށް ހަމަޖެހިފައިވާ ޙަރަކާތެއްގައި ކިޔުމަށެވެ. އެހެންކަމުން މިއީ ވަކި މައުޟޫޢަކަށް އެކުލަވައި ލެވިފައިވާ އެއް މިސްރާބެއްގައި އޮތް އެކުލެވޭ ޅެމެއް ނޫނެވެ. ބައިތުތަކުގެ ވަޒަންވެސް ތަފާތުވާނެ އެވެ. ޝަޠުރުތަކުގެ ޢަދަދުވެސް ތަފާތުވާނެ އެވެ. ދެ ސަބަބެއް އޮތުމާ އެކީގަ އެވެ. ފުރަތަމަ ސަބަބަކީ މި ކަމަށް ލިބުނު ވަގުތެވެ. ބައިތުތައް އެކުލަވައިލަން ލިބުނީ ގާތްގަނޑަކަށް ވިއްސަކަށް މިނިޓެވެ. ދެވަނަ ސަބަބަކީ، ހުށަހެޅުން ރޭވިފައިވާ ގޮތެވެ. ދެމީހަކު ދައްކާ ވާހަކައެއްގެ ގޮތަށް ޅެމުގެ ބައިތުތައް ބައްޓަން ކުރަންޖެހުމުން ބޮޑަށް އިސްކަންދިނީ ހާދިސާގެ އިޙްސާސް އުފެއްދުމަށެވެ. - އާދަމް ނަޞީރު އިބްރާހީމް - މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ އަމް, 2009-10-15 04:16:00
ހަމަ ތިފިލްމުގެ "ކިހިނަކުން ދިރިއުޅޭނީ ކަލާޔާ ނުލާ، މިހިތުގައި ވިންދު އުފެދޭ ނިޝާނާ ނުލާ" މިޅެން އެއްކޮށް ގެނެސްދެއްވުން ވަރަށް ބޮޑަށް އެދެން.
...
ލިޔުނީ އަޒިޔަދު (ޒިޔާ), 2009-10-20 13:37:42
މި ނޫނަސް ނަޞީރުގެ ވަރަށް ގިނަ ޅެންތައް ކިޔާލުމުގެ ފުރުސަތުލިބިފައި ވާކަމުން، ބުނެލާ ހިތް އޮތީ ނޯޓް ގައިލިޔެފައި ވީ ފަދައިން ވަޒަން ބަހުރުވާގައި ވިޔަސް ނުވަތަ މަޒްމޫނެއް ގައި ވިޔަސް އެހުންތެރިންނަށް ، ކިޔުން ތެރިންނަށް ،އަދި ބެލުންތެރިންނަށް ކޮންމެ ދިމާލަކުން ބެލި ކަމުގައި ވިޔަސް ޖުމްލަކޮށް ބުނާ އެއްޗެއް އޭގެ އަސަރާއެކު ބުނެދެވޭކަން ފާހަގަކުރެވެ.
މިސާލަކަށް ސިފައިން ތަމްސީލު ކުރި "ދޮންބަންޑާރައިންގެ ޤައުމީ ޖިހާދު" މީވެސް ފުރިހަމަ އަސަރު އެކުލެވިގެން ވާ މޮޅު ޅެމެއްކަން ފާހަގަ ކުރަން. އަދި މި ސައިޓް މެދުވެރި ކޮށް އާދަމް ނަޞީރު އިބްރާހީމް ގެ ގިނަ ލިޔުން ތައް އަޅުގަނޑުމެން ނަށް ފޯރުކޮށް ދެއްވާކަމަށްޓަކައި ޝުކުރު އަދާ ކުރަމެވެ.
...
ލިޔުނީ rau, 2009-10-21 07:19:00
haada molhey.dhere ulhumuga thekura hiyvara saabas dhen.wish u a happylife.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|