|
 ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1. ތަށްޓާ ޝަރާބު ސާޤީ، ނޫރުން އަޅައި ފުރައިދީ! ހުއްޓާ ނުލާ ތި ބުލްބުލް ލަވަތައް މަށަށް ކިޔައިދީ!
ސާޤީ: ރާ ތަށިތައް ގެނެސްދޭ މީހާ. މި ބައިތުގައި ސާޤީގެ ގާތުން ޙާފިޡު މިއެދިވަޑައިގަންނަވަނީ، ތަށީގެ ތެރެއަށް ތަށި ފުރެންދެން ޝަރާބެއް ކަމުގައި ނޫރު އަޅައި ދިނުމަށެވެ. ކޮން ނޫރެއްތޯއެވެ؟ އިސްލާމީ ހިދާޔަތުގެ މަތިވެރި ނޫރެވެ! ލަވަތައް: ކީރިތި ޤުރުއާނާއި ޙަދީޘް ނުވަތަ ތަސްބީޙާއި ދުޢާ.
2. އަހަރެން އެދޭ މުރާދަށް މިދުނިޔެ ހިނގައި ބަދަލުވީ، މަސްތުވެ ނަށައި ތި ޤުމްރީ، މިގޮތަށް ލަވައިން ކިޔައިދީ!
މަސްތުވުން: އަޅުކަން ކުރުމުގައި މަޝްޣޫލުވުން. ނެށުން: ނަމާދުކުރުން.
3. ލޯބީގެ ޗާލު މުނިޔާ، ޝަރުބަތު ތަށީގެ މޭވާ، އެދިގެން އެއަށް މަ ވާތީ، ޖާމުގެ ކުރައިން އަޅައިދީ!
ލޯބި: މާތްﷲ ދެކެ ވާ ލޯބި. ޝަރުބަތު: އިސްލާމީ ހިދާޔަތު. މިތަނުގައި ޙާފިޡު މިވިދާޅުވަނީ، އިސްލާމީ ހިދާޔަތުގެ މޭވާއަކީ، ލޯބީގެ އެންމެ ރީތި މުނިޔާކަމަށެވެ. އަދި އެއީ މާތްﷲ ދެކެ ވާ ލޯބިކަމަށެވެ. ޖާމު: ޞޫފީންގެ އިމާމެއް. ޖާމުގެ ކުރައިން އަޅައި ދިނުމަށް އެދިވަޑައިގެންފައިވަނީ ކީއްވެގެންތޯއެވެ؟ މިސުއާލުގެ ޖަވާބަކީ، ޖާމު ޝައިޚުގެ އަރިހުން އީމާންކަމުގެ ދަރުސްތައް ލިބިގެންފި މީހަކަށް ވާނީ މާތްﷲ ދެކެ ލޯބިވާންވީ ގޮތް ވަރަށް ރަނގަޅަށް ދަސްވެފައެވެ.
4. އަބަދިއްޔަ ޢިޝްޤު ހިތުގައި ހިނގުމުން މަރެއް ނުވާތީ، ފޮތްފޮތު ތެރޭ އުޅެން ދެން ފޭލިގެ މަގޭ ޖަހައިދީ!
އަބަދިއްޔަ އިޝްޤު: ދާއިމީ ޢިޝްޤު. އެއީ މާތްﷲ ދެކެ ލޯބިވުން. މާތްﷲ ދެކެ ލޯބިވެއްޖެ މީހާ، ހުރިހައި ހެޔޮ ކަންކަމެއް ދެކެ ލޯބިވާނެއެވެ. ހުރިހައި ހެޔޮ ކަންކަމެއް ދެކެ ލޯބިވެއްޖެ މީހާ ކުރާ ހެޔޮކަންކަމުގެ ހަނދާންތައް ފޮތްފޮތުގައި ލިޔެވި، ޒަމާންތަކަށް ދެމިހުންނާނެއެވެ.
5. ޝަރުޤުން ޖެހޭ ވަޔާއޭ! ދާނަމަ ހިނގައި ސަމާގައި، އަހަރެން މިދޭ ސިޓީ ގޮސް އަޙުބާބުނަށް ބަހައިދީ!
ޝަރުޤުން ޖެހޭ ވައި: އިސްލާމީ ރިސާލަތު. ސަމާ: އުޑު. އަޙުބާބުން: ލޯބިވެރިން، މިތުރުން، އެކުވެރިން، ނުވަތަ އަޞްޙާބުބޭކަލުން.
6. "ޛިކުރާ ތެރޭން މަގޭ ނަން، ފޮހެލަން ހިތީ ތި ގަސްތުން، ފަހެ، ކީއްވެހޭ ތުރާލުން؟" މި ސުއާލުކޮށް ހަދައިދީ!
7. ފޮހެވޭ ދުވަސް ހަނދާނުން އަންނާނެތީ ޒަމާނުން، ކެތްތެރިވުމަށް ހިތާ، މޭ، ތަޝްރީޙުކޮށް ހަދައިދީ!
ތަޝްރީޙުކުރުން: އޮޕަރޭޝަންކުރުން. މިތަނުގައި ޙާފިޡު އިޝާރާތްކުރައްވާފައި މިވަނީ، ކީރިތި ރަސޫލާގެ މޭފުޅު މަލާއިކަތުން ތަޝްރީޙުކުރެއްވި ހާދިސާއަށެވެ.
8. ލާނެތްކަމާ، ޝަރާބާ، ނުވިޔަސް ޙަލާލު ދީނުން، ދެލޮލުގެ ތެރޭން ޙަބީބުގެ، މި ހިތަށް އަޅައި ފުރައިދީ!
ލާނެތްކަން: އަޅުކަން ކުރުމުގައި ކުރިއަރައި ދިއުން. ޝަރާބު: އިސްލާމީ ހިދާޔަތު. ދީނުން: ދީނަށް ނޫޅޭ މީހުންގެ ދީނުން. ޙަބީބު: ލޯބިވެރިޔާ، އެއީ މާތްﷲ. ދެލޮލުގެ ތެރޭން ޙަބީބުގެ: މާތްﷲ ބައްލަވައިވޮޑިގެންވާ ޙާލު. މާނައަކީ، އެކަން ކުރާއިރު މާތްﷲ ބައްލަވައިވޮޑިގެން ވާނެއެވެ.
9. ބިރުވެތިވަމޭ ނެތީތީ، މިލަވައިން އިވޭ ޞަދާ ވެސް، މީޒާނުގައި ކިރޭއިރު، ތަރުޖީޙުވާން ތަނެއްދީ!
މީޒާން: ތިލަފަތް. މިތަނުގައި މީޒާން ނުވަތަ ތިލަފަތުގެ ދެމާނަ އެބައޮތެވެ. ދުނިޔެވީ މާނައަކާއި އުޚުރަވީ މާނައެކެވެ. ދުނިޔެވީ މާނައިން މާނަކުރާއިރު، އެއީ، ޙާފިޡުގެ ޣަޒަލުތަކުގެ މާނަތައް ނުދަންނަ މީހުންގެ ތިލަފަތެވެ. އުޚުރަވީ މާނައިން މާނަކުރާއިރު، އެއީ، ޙިސާބު ބައްލަވާއިރު ކިރުއްވާ މީޒާނެވެ. އަދި އެމީޒާނުގައި ކިރުއްވޭއިރު ބުރަދަނެއް ލިބޭވަރަށް އަޅުކަން ކުރެއްވިއްޖެ ކަމުގައި ޙާފިޡު ޤަބޫލު ނުކުރައްވާ ވާހަކައެވެ. ތަރުޖީޙުވުން: ރަނގަޅުވުން ނުވަތަ ތިލަފަތް ބަރުވުން، ތަރުޖީޙު ގޮތް: ރަނގަޅު ގޮތް.
10. ދެލޮލުން ތިބާގެ ޙާފިޡު، ދޭށޭ! މުތީގެ ތިއްކެއް، ލޯބީގެ ދޫނި ޖެހުމަށް ދާގަނޑުތެރޭން ތަނެއްދީ!
މުތީގެ ތިކި: އަޅުކަން ކުރަން ޚަލްވަތުގައި އިންނައިރު، މާތްﷲ ހަނދުމަކޮށް، އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމުގެ ޝައުޤުވެރިކަމުގައި ލޮލުން އޮހޭ ކަރުނަ. މާނަ: މާތްﷲ ދެކެ ވާ ލޯބީގައި ލޮލުން ކަރުނަ ނު އޮހޮރޭ މީހަކު، އެކަލާނގެ ދެކެ ލޯބިވާ މީހުން ޖެހޭ ދާގަނޑުގައި ނުޖެހޭނެއެވެ. އެ ދާގަނޑުގައި އެމީހުން އުދުހިފައި ގޮސް ޖެހޭނީ ދޫނިތަކެއް ފަދައިންނެވެ. އެއީ ކޮން ދާގަނޑެއްތޯއެވެ؟ މި ސުއާލުގެ ޖަވާބަކީ، އެއީ ސުވަރުގެއެވެ!!!
|
ޚަލްވަތުގައި އިނުމަކީ، ދުންޔަވީ ޚިޔާލާއި ފިކުރުތައް ދޫކޮށްލާފައި، މާތްﷲގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި، އެހެން މީހުންނާ އެކަހެރިވެގެން ވަކި ގޮތަކަށް އިންނަ އިނުމެކެވެ. މިއީ ޞޫފީން ކުރާ ކަމެކެވެ. ސުންނީ މުސްލިމުން، އެކަމާ ދެކޮޅުހަދައެވެ. ސުންނީން ދެކޭގޮތުގައި، އެކަމަކީ، ޞޫފީން އުފައްދައިގެން އުޅޭ ބިދުޢައެކެވެ. ނަމަވެސް، ޞޫފީން ބުނަނީ، އެބައިމީހުން ޚަލްޥަތުގައި ތިބޭ ތިބުމުގެ އަޞްލު، ކީރިތި މާތް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހުން ސާބިތުވެފައިވާ ކަމަށެވެ. އެހެނީ، އިތުރު އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙިރާ ފަރުބަދައިގެ ހޮހަޅައިގައި އަޅުކަން ކުރައްވަން، އެހެން މީހުންނާ ދުރުހެލިވެވަޑައިގެން އިންނެވިއެވެ. އަދި އަލްޢަންކަބޫތު ސޫރަތުގެ 26 ވަނަ އާޔަތުން ވެސް، ޞޫފީން އެކަމަށް ދަލީލު ދައްކައެވެ.
ޞޫފީން ޚަލްޥަތުގައި ތިބޭ ތިބުމާ ބައްދަލުވާ ކަމެއް ސުންނީން ކުރެއެވެ. އެއީ އިޢުތިކާފަށް ތިބުމެވެ. ނަމަވެސް، ޚަލްޥަތާ، އިޢުތިކާފާ ތަފާތުވާ ކިތަންމެ ކަމެއް ވެއެވެ. މިސާލެއްގެ ގޮތުން ޛިކުރުކުރުން ނެގިދާނެއެވެ.
އިޢުތިކާފަށް ތިބޭއިރު، ސުންނީ މުސްލިމުން ޛިކުރުކުރާ ގޮތާ، ޚަލްޥަތުގައި ތިބޭއިރު، ޞޫފީން ޛިކުރުކުރާ ގޮތް ތަފާތެވެ. ކުރުކޮށް ބުނާނަމަ، ޞޫފީންގެ ގާތުގައި ތިންވައްތަރެއްގެ ޛިކުރު ވެއެވެ. އެއީ، ޢާއްމުންގެ ޛިކުރާއި، ޚާއްޞުންގެ ޛިކުރާއި ޚާއްޞުންގެ ޚާއްޞުންގެ ޛިކުރެވެ. ޢާއްމުންގެ ޛިކުރަކީ، لا إله إلا الله އެވެ. ޚާއްޞުންގެ ޛިކުރަކީ، الله الله އެވެ. ޚާއްޞުންގެ ޚާއްޞުންގެ ޛިކުރަކީ هو هو އެވެ. މި ދަރަޖަތަކަކީ، ސުންނީން ޤަބޫލުކުރާ އެއްޗެއް ނޫނެވެ.